
ރޯޒީ ***** (3)
” ފޮގެޓްއިޓް. ގެއަކަށް ނުދެވޭނެ. ތީ މިހާރު ތުއްތު ކުއްޖެއްނޫން ތިބުނާހާ އަވަހަށް ގެއަށް ފޮނުވަން. މިއަދު ގެއަށް ދެވޭނީ އަހަރެން ފޮނުވީމަ. އޯ.ކޭ. އަނެއްކޮޅުން ޒަޔާން ލަސްވެގެން މަންމަދޯ ގުޅާނީ. ގުޅީމަ މަށާ ހަވާލުކުރޭ. އޭރަށް ހުރިހާ ކަމެއް އޯކޭވާނެ. ހާސްކަނޑާލާ. ހެހެހެހެ.” ހެމުން ހެމުން ރޯޒީ ބުނެލިއެވެ.
” ދެން. ރޯޒީ ބޭނުންވާ ގޮތަކަށް ގެންދޭ. ތީ ދެމީހުން. މީ އެކަކު. ތަޅައިގަންނަން ޖެހުނަސް ތި ދެމީހުން ގަދަވާނީ.” އަހަރެން ހެމުން ބުނެލީމެވެ.
” ތިކަން އެންމެ ރަނގަޅަށް އިނގޭނީ ޒަޔާނަށް. ހަނދާންވޭތަ ކުލާހުގަ ދެމީހުން ތަޅައިގަތް ދުވަސް. އެއީވާ މަޖާ ދުވަހެއްދޯ.” ރޯޒީ ހެމުން ބުނެލިއެވެ.
” ހަނދާން ހުންނާނެދޯ. އަދިވެސް އަތުގަ އެބައިން އެއް ލަކުނު. ނޫނޭ ރޯޒީ ތީ ރުޅިއައިސް ސިއްޔާ ފިރިހެން ކުއްޖަކަށްވެސް ދޫނުކުރާނެދޯ.” އަހަރެން ބުނީމެވެ.
” ޒަޔާން ތިބުނީ ތެދެއް. ދެން އެވާހަކަ ނުދައްކާ. އެއީ މަޖާދޯ.” ނަހުމާ ބުނެލިއެވެ.
ކުޑަ އިރުކޮޅެއްގެ ތެރޭގައި ކާރު އައިސް ހުއްޓާލީ ޓްރޭޑާރސް ހޮޓެލް ކުރިމައްޗަށެވެ. އަހަރެމެން މަޑުމަޑުން ކާރުން ނުކުތީމެވެ. ދެން ޓްރޭޑާރސް ހޮޓަލުގެ ތެރެއަށް ވަދެގެން ދިޔައީމެވެ. އަހަރެން ދިޔައީ ރޯޒީގެ ފަހަތުން މަޑުމަޑުންނެވެ. ރޯޒީއާއިއެކު އަހަރެން ގޮސް އެރީ ލިފްޓަށެވެ. ނަހުމާވެސް އަހަރެމެންނާއިއެކު ލިފްޓަށް އެރިއެވެ. އަހަރެން ހިތަށް އެރިއެވެ. ރޯޒީ ޓްރޭޑާރސް އަށް މިއައީ ކީއްކުރަން ހެއްޔެވެ؟ އަހަރެން އަސްލު ހީކުރީ ޓްރޭޑާރސް އޭ ކިޔާ ރޯޒީ ސަމާސާ ކުރަނީ ކަމަށެވެ. ބައެއް ކަންތައްތަކުގައި ސަމާސާ ކުރުމުގައި ރޯޒީ ހައްދެއް ނޯންނާނެއެވެ. އަހަރެން ހީވެސް ނުކުރާ ކަހަލަ ކަންތައްތަކުގައި ސަމާސާކޮށްފައި އެބަހުއްޓެވެ. އެއްދުވަހެއްގެ އާރޓްގަޑީގައި ތުންފަތުގައި ރަތްކުލަ ޖައްސާފައި އަހަރެންގެ ކޮލަށް ދޮނެއްދީ ނުވިތާކަށް ޔުނީފޯމްގެ ދެތަނަކަށްވެސް ރޯޒީގެ ތުންފަތުގެ މާރކްވަނީ އަރުވާލާފައެވެ. އެދުވަހު ގެއަށް ދިއުމުން އަހަރެން ބިޓެއްނެގިއްޔޯ ކިޔާފައި މަންމައާއި ގޭގަ ތިބި އަންހެން ދައްތަމެން ދިމާކުރި ވަރުން ބޯ ސަކަރާތްނުވީ ކިރިޔާއެވެ. އޭރު އުޅުނީ ގްރޭޑް ފަހެއްގައެވެ. މިހާރު އަނެއްކާ ރޯޒީ މިކުރަން އުޅެނީ ކީއްހެއްޔެވެ؟
ލިފްޓް ހުއްޓާލީ ޓްރޭޑާރސްގެ އެންމެ މަތީ ބުރިއަށެވެ. އެއީ އެތާގެ ރޫފްޓޮޕް ރެސްޓޯރަންޓް ހުންނަ ބަޔެވެ. ލިފްޓް ހުޅުވާލުމާއިއެކު ރޯޒީއާއި ނަހުމާ ލިފްޓުން ނުކުތެވެ. އަހަރެން މަޑުމަޑުން އެމީހުން ފަހަތުން ނުކުތީމެވެ. ރޯޒީއާއި ނަހުމާ ގޮސް އިށީނީ އޯޕަން އޭރިޔާގެ ކަނުގައި ހުރި ވަށް މޭޒުގައެވެ. ދެއަހަރެން އެމީހުން ފަހަތުން ގޮސް އިށީނީމެވެ. އޭރު ހަވީރު ހައެއް ޖަހަން ކައިރިވަނީއެވެ. ދެ މޭޒުގައި ފަތުރުވެރިން ތިބި އިރު، ދެން ތިބި މޭޒުގައި ތިބީ ވަޠަނީ މީހުންނެވެ. ސްވިޕިންގ ޕޯލް އޮތީ ހުހަށެވެ. ފަތުރުވެރިންގެ ތެރެއިން އެންމެ މީހަކު ކުރިމަތީގައި ސިނގިރޭޓް ބޮމުން ދިޔައިރު، ތަންކޮޅެއް ދުރުގައި ހުރި މޭޒުގައި ތިބި ވަޠަނީ ޒުވާނުންގެ ކަމަކީ ޝީޝާ ބޮމުން ހެމުން މަޖާކުރުމެވެ. އަހަރެންގެ ހިތަށް އެރިއެވެ. އެކި މީހުން އުފާކޮށް މަޖާކުރާގޮތް ތަފާތުވާނެދޯއެވެ.
” މިތަނުން ވިއު ވަރަށް ސަޅިދޯ.” ރޯޒީ ބުނެލިއެވެ.
” އިޓްސް އޯވްސަމް.” ނަހުމާ ބުނެލިއެވެ.
” ވަރަށް ރީތި. ކިހާ ރީތިކޮށް މުޅި ހިސާބު ފެނޭދޯ. އަދި ކިހާ ރީތި ވާނެ ބުރުޖު ޚަލީފާ ހުރެ ދުބާއި ބަލާލާއިރު. އަހަރުން މޮޔަވާނެދޯ.” އަހަރެން ބުނީމެވެ.
” ތިބުނީ ތެދެއް. އެއީ ސަޅިތަނެއް އިނގޭ. މިދިޔަ އަހަރު ޗުއްޓީގަ އެތަން ބަލާލަން ދެވުނު. ހާސްނުވޭ. އެތަނަށް ޒަޔާން ގެންގޮއްސަ އަދި ހުއްޓާލާނީ.” ރޯޒީ ބުނެލިއެވެ.
” އެހެންތަ ހަމަ؟ ދެން މަކޮބާ؟” ނަހުމާ ހެމުން ބުނެލިއެވެ.
” މަގެންދާނަން ނަހުމާ. އޯކޭތަ؟” އަހަރެން ސަމާސަކޮށްލީމެވެ
ވޭޓަރ އައިސް މެނޫ ދިއްކޮށްލީ އެހިސާބުންނެވެ. އަހަރެމެން ތިން މީހުން މަޑުމަޑުން މެނޫ ބަލަމުން ގެންދިޔައީމެވެ. އަގު ބޮޑެވެ. އާއްމުކޮށް އެއްޗެހި ވިއްކާ ރެސްޓޯރެންޓްތަކަށްވުރެ އަބޮޑުކަން އަހަންނަށް ފާހަގަ ވިއެވެ. އެހެންވެ އަހަރެން ހިތަށް އެރިއެވެ. އަހަރެން ކުޑަ ގޮތެއް ހަދާލާނީއެވެ. ކާމީހާ ކާންޖެހޭނީ ވިސްނައިގެންނެވެ. ދޭމީހާ ހަބޭހަށް ހިތުން ރުހުމުން ދޭން ތައްޔާރަށް ހުއްޓަސް އެކަމަށް އިޖާބަދޭކަށް ނުވާނެއެވެ. އެއީ އޭރުން ފަހުން ބޭނުންވާ ގަޑީގައި ނުލިބިދާނެއެވެ.
” އަގުބޮޑޭ ކިޔާފަ ރަނގަޅަށް ނުކައި ނުހުންނާތި؟” އަހަރެން ވިސްނާކަން އެނގުމުން ކޮނޑުގައި ޖަހާލަމުން ރޯޒީ ބުނެލިއެވެ.
” ތެދެއް އެބުނީ. ޒަޔާން ޖެހޭނެ ވަރަށް ރަނގަޅަށްކާން؟” ނަހުމާ އެއްބައި ވެލިއެވެ.
” އޯކޭ. އަހަރެން ކާނަމޭ. މިހެން ލިބޭ ކެއުމެއް ކާކުތަ ދޫކޮށްލާނީ؟ އެވެސް އަދި ޓްރޭޑާސް އިން. ރޯޒީ ހާދަ ރަނގަޅޭ.” އަހަރެން ބުނީމެވެ.
” ރޯޒީ މީ ރަނގަޅު ކުއްޖެކޭ. އަދި ކިރިޔާތަ ޒަޔާނަށް ތިއެނގުނީ؟” ރޯޒީ ބުނެލިއެވެ.
” މާކުރިންވެސް އެކަން އެނގޭދޯ އަހަރުންނަށް. ދޯ ޒަޔާން.” ނަހުމާ ބުނީ ދޮގެއް ނޫނެވެ.
” ތީ އަހަރެންގެ ރޯޒީއެއްނު. އަހަންނަށް ރަނގަޅު ނުވެ ދެން ކާކަށްތަ ރޯޒީ ރަނގަޅުވާނީ. ދޯ ރޯޒީ.” އަހަރެން ރޯޒީގެ ކޮލުގައި ހިފާލަމުން ބުނީމެވެ.
” އޭ ކޮލުގަ ނުހިފާ.. ރޯޒީ ރުޅިއަންނާނެ.” ރޯޒީ ބުނެލިއެވެ.
” ސޮރީ.” އަހަރެން ބުނީމެވެ.
” މިތާ މީހުން ތިބީމަ ދޯ ރޯޒީ ތިހެން ތިބުނީ؟” ނަހުމާ ދިމާކޮށްލިއެވެ.
” ދެން އެވާހަކަ ނުދައްކާ. ވެއިޓަރ…” ރޯޒީ ވެއިޓަރަށް ގޮވާލިއެވެ.
ވެއިޓަރު އައުމުން އަހަރެމެން އޯޑަރު ދިނީމެވެ. ދެން ހުރިހާ މީހުންވެގެން ފޯން ނަގާ އޮންލައިންވާން ފެށިއެވެ. އަހަރެންވެސް ވައިބަރ ޗެކްކޮށްލަން ފެށީމެވެ. އޮންލައިންވީމަ އަހަރެންގެ ބޮލަށް ތަންކޮޅެއް ފަސޭހަވިކަހަލަ އެވެ. ގައިމުވެސް ބޭކާރު ވާހަކަތަކެއް އެއްވެސް މީހަކު ނުދައްކާނެތާއެވެ. އަހަރެން މަޑުމަޑުން ވައިބަރއިން ރައްޓެހިންނާއި ޗެޓްކުރަމުން ގެންދިޔައީމެވެ. ރޯޒީއާއި ނަހުމާ ދިޔައީ ފޭސްބުކް ހާވަމުންނެވެ. ހިތަށް އެރިއެވެ. ސޯސަލް ނެޓްވާކްތަކަކީ ބައެއް ފަހަރު ނަޞީބެކެވެ. ކޮފީގައި މީހަކާއި އަނގައިން ނުބުނެ އިންނަންވިއްޔާ ކުރަންވީ ކަމަކީ އެއީއެވެ.
އަހަރެން ކުއްލިއަކަށް ސިއްސައިގެން ދިޔައީ ވައިބަރއިން އައި މެސެޖަކުންނެވެ.
” އައިލަވްޔޫ” ނަހުމާ އަހަންނަށް އެސް.އެމް.އެސް ކޮށްލުމަށްފަހު ވައްކަޅިން ބަލާލިއެވެ. އަހަރެން ރިޕްލައެއް ނުކުރަމެވެ. އަހަންނަށް ދެން ބަލާލެވުނީ ރޯޒީގެ މޫނަށެވެ. ރޯޒީ ސީރިއަސްކޮށް ޗެޓްކުރަމުން ގެންދަނީއެވެ. އިރުއިރުކޮޅާ ނަހުމާ އަހަންނަށް ބަލަމުން ހިނިތުންވަމުން ދިޔައެވެ. އަހަރެން އެހާ ބޮޑަކަށް އަޅައެއް ނުލަމެވެ.
ކުޑަ އިރުކޮޅެއްގެ ތެރޭގައި އަހަރެމެންގެ ކާއެއްޗެހި ހިފައިގެން ވޭޓަރއައެވެ. އެންމެން ކެއުން ކުރިއަށް ގެންދިޔައެވެ. އަހަރެން ގެނައި ޗޮކްލެޓް މިލްކް ޝޭކެކެވެ. ކާއެއްޗެއް ގެންނަ ހިތް ނުވީއެވެ.
” މިބައި ކާން ޖެހޭނީ ޒަޔާން.” ރޯޒީގެ ޕިއްޒާގެ ބާކީ ހަތަރު ފޮތި އިން ތަށި އަހަންނާއި ކައިރިކޮށްލަމުން ބުނެލިއެވެ.
” ނެތް ކާހިތެއް؟” އަހަރެން ކުރުކޮށް ބުނެލީމެވެ.
” އަނގަ ހުޅުވާ. އެހެން ނޫނީ ޖީބަށް އަޅާލާނީ..” އަހަރެންގެ އަނގަޔާއި ޕިއްޒާފޮތި ކައިރކޮށްލަމުން އަހަރެން ބުނީމެވެ. އަހަރެން ރޯޒީގެ އަތުން ޕިއްޒާ ފޮތި ކާލީމެވެ. އެވަގުތު އަހަރެން ނަހުމާއަށް ބަލާލީމެވެ. ނަހުމާ އިނީ ފާޑަކަށް ބަލަހައްޓައިގެންނެވެ.
” ރޯޒީ އަތުން ނޫނީ ނުކެވެނީތަ ޒަޔާނަށް.. ކިހިނެއްބާ މިވަނީ އަނެއްކާ؟” ނަހުމާ ދިމާކޮށްލިއެވެ.
” ވީ އާ ވެރީ ކްލޯސް ފްރެންޑްސް. ދޯ ޒަޔާން.” ރޯޒީ ބުނެލިއެވެ.
” އަނެއްކާ ކްލޯސް ފްރެންޑްސް ވިތް ބެނިފިޓްސް ނަހަދައްޗޭ.” ނަހުމާ ބުނި އެތީގެ މާނާ އަހަންނަށް ވަރަށް ރަނގަޅަށް އެނގެއެވެ.
” އަދި ނުވޭދޯ ތިހިސާބަށް ދާކަށް. ނަހުމާ ދެރަވަނިއްޔާ ދެން މަށަށް ފެން ފޮދެއްބޯންދޭންވީނު ނަހުމާގެ އަތުން. އޭރަން ހަމަހަމަވީދޯ.” އަހަރެން ބުނީމެވެ.
އަހަރެން އެހެން ބުނުމާއިއެކު އަހަރެންގެ ތައްޓަށް ނަހުމާ ފެން ފޮދެއް އަޅާލިއެވެ. ދެން ނަހުމާ މަޑުމަޑުން އަހަންނަށް ފެންފުދެއް ބޯންދިނެވެ. އަހަންނަށް ނަހުމާ ފެންބޯންދޭން ފެށުމުން ކުއްލިއަކަށް ނަހުމާ އަތުގައި ރޯޒީޖަހާލިއެވެ. ޖަހާލުމާއިއެކު ނަހުމާގެ އަތުން ފެންތަށި ބަންޑުންވެ އެޅުނީ އަހަރެންގެ ގަޔަށެވެ. ފެން ތަށި އެޅުމާއިއެކު އަހަރެން ކުއްލިއަކަށް ތެދުވީމެވެ. އަހަރެންގެ ގަމީހުން ފެށިގެން ޖިންސްގައިވެސް އޮތީ ހުސް ފެނެވެ. އަހަރެންގެ ގާތަށް ކުޑަކޮށް ރުޅިވެސް އައެވެ.
” އޯ ނަހުމާ. ކީއްތިކުރީ؟” ރޯޒީ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.
” މަށެއްނޫން. މިރޯޒީ ކުރި ކަމެއްތީ؟” ނަހުމާ ރޯޒީ ކުށްވެރިކޮށްލިއެވެ.
” ދެންހެވޭ. އަހަރެން މިދަނީ ގެއަށްދާން. އަދިވެސް ސްކޫލުގައި އުޅުނު ގޮތަށް ރޯޒީމެން ތިއުޅެނީ. ކޮން ދުވަހަކުންތަ ބޮޑުވާނީ ތިމީހުން.” އަހަރެން ރުޅި އައިސްގެން ބުނީމެވެ.
” ތިގޮތަށް ހުރެ މިތަނުން ދާން ހެދިމާ މީހުން ބުނާނެ ޒަޔާން ގަޔަށް ހީސްލެވިގެނޭ ތިދަނީ. އޭރަށް އަހަރުމެން ކިހާ ލަދުގަންނާނެ. ދެންވެސް ދައްކަބަލަ ތިފޮހެލަން.” ޓިޝޫ ބޮނޑިއެއް ނަގަމުން ރޯޒީ ބުނެލިއެވެ.
” ދެން ހެޔޮ. އަހަރެން މިދަނީ ގެއަށް. ” އެހެން ބުނެފައި އަހަރެން ގޮނޑިން ތެދުވެގެން ހިނގައިގަތީމެވެ.
” ވަރަށް ބޮޑަށް ސޮރީ. އަދި ގެއަށް ނުދޭ. މިރޭ އަދި އެބައޮތް ކުރަންޖެހޭ ވަރަށް މުހިންމު އެހެން ކަމެއްވެސް. ޕްލީޒް. އެކަން ނިންމާފަ ދާން މަޑުކުރޭ. ޕްލީޒް. ފޮ ރޯޒީ. ޕްލީޒް.” ރޯޒީ އައިސް އަހަރެންގެ އަތުގައި ހިފުމުން އަހަރެން ހުއްޓުނުއިރު އަހަރެން ހުރީ ލިފްޓްގެ ކުރިމަތީގައެވެ.
ނުނިމޭ
10 Comments!
Comments are closed.
Mee dn konkamei…haadha kanthah bodu baekey…thi kuran ulhey kamei avahah nimabala…story reethi.
Nice…
mi alburns liyan feshu vaahakaehnu.. kihineh tha mi v?
Wot… who alburns.. there was no one named alburns… pk..
Ehen viyya Abaan
hehe
Y laughing
good
v salhi dhnn..
Reehcheh noon