ޝުކުރިއްޔާ ***** (1)
އޭނާ އަހަންނަށް ބަލާލިއެވެ. ހިނިތުންވެލިއެވެ. އެ މޫނު މަތީގައި އުފާވެރިކަމެއްނެތެވެ. ދިރުމެއް ނެތެވެ. ހިތަށް އެރިއެވެ. ކީއްވެގެން ހެއްޔެވެ؟ އެހެންވެދާނެ ހެއްޔެވެ؟ ފެންނަ ފެނުމަށް އެއީ ވަރަށް ރީތި އަންހެން ކުއްޖެކެވެ. ނަމެއް އަހަންނަކަށް ނޭނގެއެވެ. ހިތުގައި ސުވާލު މާރކެއްޖެހުނީ އަހަންނަށް ބަލާފައި ހިނިތުން ވެލިގޮތުންނެވެ. އަހަންނަށް ދެން ބަލާލެވުނީ ގަޑިއަށެވެ. އޭރު ރޭގަނޑު ދެގަޑި ބައިވަނީއެވެ. އަހަރެން ހުރީ އާރޓިފިޝަލް ބީޗްގެ ގޮނޑިއެއްގައި އިށީނދެގެންނެވެ. އޭނާ އިނީ އަހަރެން އިށީނދެގެން އިން ގޮޑިއާއި މާ ދުރުނޫން ގޮނޑިއެއްގައެވެ. އަހަރެން ދެވަނަ ފަހަރަށް އޭނާއާއި ދިމާލަށް ބަލާލީމެވެ. އޭނާ ދެންވެސް ހިނިތުންވެލިއެވެ. ހިތުގައި އުފެދުނީ ދެންވެސް ސުވާލެކެވެ. އަހަރެން ބަލާފައި އޭނާ ހިނިތުންވާންޖެހޭ ބާވައެވެ؟ އަހަރެން މީ ކާކު ހެއްޔެވެ؟ އޭނާ އެއީ ކާކު ހެއްޔެވެ؟ މިހާ ދަންވަރު އެކަނި މާއެކަނި އޭނާ މިތާ އިންނަންޖެހުނީ ކީއްވެގެން ބާވައެވެ؟
މަޑުމަޑުން އަހަރެން ގޮނޑިން ތެދުވީމެވެ. އޭނާއާއި ދިމާލަށް ހިނގައިގަތީމެވެ. އަހަރެން ގޮސް އޭނާ އިށީނދެގެން އިން ގޮނޑީގެ ކުރިމައްޗަށް ހުއްޓިލީމެވެ. އޭނާ އަހަންނަށް ބަލާލިއެވެ. ލުއި ގޮތަކަށް މިފަހަރުވެސް ހީލިއެވެ. އެއީ ތިންވަނަ ފަހަރެވެ. ހިތަށް އެރިއެވެ. އެވަރަށް އަހަންނަށް ބަލާފައި އޭނާ ހިނިތުންވަނީ ކީއްވެގެން ހެއްޔެވެ؟
” އައްސަލާމް ޢަލައިކުމް.” އަހަރެން ފުރަތަމަވެސް އިސްލާމީ ފުރިހަމަ ސަލާމުން އޭނާއާއި ވާހަކަ ދައްކަން ފެށީމެވެ.
” ވަޢަލައިކުމުއް ސަލާމް.” އަހަންނަށް އޭނާވެސް ޖަވާބުދާރީވީ ވަރަށް ފުރިހަމައަށެވެ.
” މައްސަލައެއް ނެތްތަ އަހަރެން ސުވާލެއް ކޮށްލިޔަސް؟” ސުވާލު ކުރުމުގެ ކުރިން އިޒުނަ ހޯދުމަކީ ރީތި ސިފައެއްކަން އަހަންނަށް އިނގެއެވެ.
” މައްސަލައެއްނެތް.” އަހަންނާއި ހަތަރުކަޅި ހަމަ ނުކޮށް، މަޑުމަޑުން އޭނާ ބުނެލިއެވެ.
މިހާ ދަންވަރު ކީއްތަ ތިކުރަނީ މިތާނގަ؟” އޭނާގެ ކުރި މައްޗަށް ހުއްޓުމަށްފަހު އަހަރެން ސުވާލުކޮށްލީމެވެ.
” ކަމެއް ނުކުރަން.” އޭނާ ދިނީ ކުރު ޖަވާބެކެވެ.
” އޯ. މަޢާފްކުރޭ. އަހަންނަށް ކިޔަނީ އަޙްޞަން. ކޮންނަމެއްތަ ކިޔަނީ؟” ނަމުން މުޚާތަބު ކުރުމަކީ މީހުން ލޯބިކުރާ ކަމެކެވެ.
” އަހަރެންގެ ނަމަކީ ނީނާ.” އޭނާ މަޑުމަޑުން ނަން ބުނެލިއެވެ.
” އަހަރެންގެ ހިތަށް އަރަނީ ނީނާ މިހާ ދަންވަރު މިތާގަ ތި އިންނަނީ ކީއްވެގެން ބާވައޭ؟ ދެން ހިތަށް އަރާ ނީނާ އަހަންނަށް ބަލާފައި ތިހިނިތުންވަނީ ކީއްވެގެންބާވައޭވެސް.” ނުސީދާކޮށް އަހަރެން ނީނާއާއި ސުވާލުކޮށްލީމެވެ.
” އަހަންނަށް އިނގޭ އަޙްޞަން ތިސުވާލު ކުރާނެ ކަންވެސް. ކޮންމެ މީހަކު ނަމަވެސް ހަމަ ކުރާނީ ތިސުވާލު. ހިތަށް އަރާނެ އެކަނި މާއެކަނި، އަންހެން ކުއްޖަކު މިތާގައި މިހާ ދަންވަރު މިކުރަނީ ކީއްބާވައޭ؟ ގިނަ މީހުން ދެކޭނީވެސް ވަރަށް އެހެން ގޮތަކަށްދޯ.” ނީނާ ބުނީ ހަމަ ތެދެކެވެ.
” އަހަންނަކީ މީހުންނަށް ހިތްނިޔަތް ނުބައި މީހެއްނޫން. އެހެންވެގެން މިހެން ސުވާލު މިކުރަނީވެސް. ނީނާ ދެން ގެއަށްދޭ. މިހާ ދަންވަރު އަންހެން ކުދިން ބޭރުތެރޭ އުޅުން ބުއްދިވެރިއެއްނޫން. މީ މިހާރު ނާމަންރަށެއްނުދޯ.” މާލެތެރޭގެ ޙާލަތަށް ބަލާފައި އަހަރެން ބުނީމެވެ.
” ތިބުނީވެސް ތެދެއް. ގެއަށްވެސް ދާންވީ. ނިދަންވެސްވީ. އެކަމަކު…” އެހިސާބަށް ބުނެފައި ނީނާގެ ވާހަކަ ހުއްޓާލިއެވެ.
” ކީއްވެގެން އެހިސާބަށް ބުނެފަ ވާހަކަ ހުއްޓާތިލީ؟” އަހަރެން ބޭނުމީ އޮޅުން ފިލުވާލާށެވެ.
” އަޙްޞަން ކީއްކުރަންތަ ތިހުރިހާ ސުވާލެއް ތިކުރަނީ؟ ކޮބާ އަޙްޞަންގެ ބޭނުމަކީ؟” ނީނާ ގަޔާނުވާ ރާގަށް އަނހާލިއެވެ.
” އަހަރެމެންނަކީ އިސްލާމްދީނަށް ތަބާވާ މީހުން. އިސްލާމްދީނުގައި ހުރިހާ މީހުންނަކީވެސް އަޚުން އުޚުތުން. އެހެންވެގެން މިއަނހާލެވުނީ. އަހަރެން ނީނާގެ ފަރާތުން ކަމެއް ބޭނުމެއްނޫން.. އެކަމަކު އެހީތެރިކަމެއްވެދެވެން އޮތިއްޔާ އެކަން ކޮށްދެވޭތޯ ބަލާނަން.” އަހަރެން ވަރަށް ރީތި ކޮށް ބުނީމެވެ.
” އަހަންނަށް އެހީވާން ތީ ކާކު؟” ތަންކޮޅެއް ބާރަށް ނީނާ ސުވާލުކޮށްލިއެވެ.
” އަހަންނަކީ އެއްވެސް މީހެއްނޫން. އެކަމަކު ބޭނުމެއްޖެހިފައިވާ އަހަރެންގެ އުޚުތަކަށް އެހީތެރިވެދިނުމަކީ އަހަރެންގެ ވާޖިބެއްކަން އަހަންނަށް އިނގެނީ. މިހާރު އެއޮތް ތިނެންޖަހަނީ. ދެން ގެއަށްދާން އުޅޭ.” އަހަރެން ބުނެލީމެވެ.
” އަޙްޞަން ދާނަންތަ އެތަނަކުން ޙިމާޔަތެއް ނުލިބޭ ތަނަކަށް؟” ނީނާ ސުވާލުކޮށްލިއެވެ.
” ނުދާނަން.” އަވަސް އަވަހަށް އަހަރެން ބުނީމެވެ.
” އެހެންވީއިރު، އަހަރެން ގެއަށް ފޮނުވަން މަސައްކަތްނުކުރޭ.” ނީނާ ބުނެލިއެވެ.
” އެކަމަކު މިހާ ދަންވަންދެން ތިހެން އެކަނި އިނުމަކީ ރަނގަޅުކަމެއްނޫން. ނީނާ ދެން ގެއަށްދޭ. ނޫނީ ހިނގާ އަހަންނާއިއެކު ގެއަށްދާން. އަހަރެން ގެންގޮސްދީފާނަން.” އަހަރެން ބޭނުންވީ ނީނާ ގެއަށް ގެންދާށެވެ.
” އަހަންނަށްވެސް ހިނގާފައި ދެވިދާނެ. އަޙްޞަން އަހަންނަށް އެހީވާނެކަމެއްނެތް. ވަގުތު ބޭކާރު ނުކޮށް ދެން ގެއަށްދޭ.” ނިނާ ހުރީ ކުޑަކޮށް ހިތްހަމަނުޖެހިފައެވެ.
އަހަރެން އިތުރަށް ވާހަކައެއް ނުދައްކަމެވެ. މަޑުމަޑުން އެތަނުން ހިނގައިގަތީމެވެ. އަހަރެންގެ ހިތަށް އެރިއެވެ. ނީނާ އެހެން ބުނީ ކީއްވެގެން ބާވައެވެ؟ ނީނާގެ ދިރިއުޅުމަކީ ކޮންކަހަލަ ދިރިއުޅުމެއް ބާވައެވެ؟ މީހާ ދަންވަރު އެކަނި މާއެކަނި އެފަދަ ތަނެއްގައި ނީނާ އިންނާނީ މަޖުބޫރުވެގެންކަން ނޭނގެއެވެ. ނޫނީ ނީނާއަށް ދިމާވެގެން އުޅެނީ ކޮންކަމެއް ބާވައެވެ؟
އަހަރެންގެ ހިތަށް އެރިއެވެ. ދިރިއުޅުމުގައި މައްސަލަޖެހެނީ ހަމަ އެކަނި އަހަރެންގެ ދިރިއުޅުމުގައެއް ނޫނެވެ. އެހެން މީހުންގެ ދިރިއުޅުމުގައިވެސް މައްސަލަޖެހޭ ނޫން ހެއްޔެވެ؟ އެޚިޔާލު ތަކުގެ ތެރޭގައި އަހަރެން އާރޓިފިޝަލް ބީޗުން ނިކުތީމެވެ. ދެން ގޮސް ސައިކަލަށް އަރާ ސްޓާޓްކޮށްލީމެވެ. ދެން އަނެއްކާވެސް ހިތްހަމައެއް ނުޖެހުނެވެ. ހިތަށް އެރިއެވެ. މީ މާލެއެވެ. ކޮންމެ ފަދަ ކަމެއްވެސް ހިނގައިދާނެއެވެ. ނީނާ އެކަނި ދޫކޮށްލާފައި ދިއުމަކީ ބުއްދިވެރި ކަމެއްނޫނެވެ. މާދަމާ އިރުއޮއްސޭއިރު ހަވީރު ނޫހުގައި ނީނާ ކުއްލިއަކަށް މަރުވި ވާހަކަވެސް އޮވެދާނެއެވެ. އޭރުން އަހަރެންގެ އިޙްމާލުވެސް ހިމެނޭނެކަން ނޭނގެއެވެ. އެހެންވާކަށް އަހަރެން ބޭނުމެއް ނުވިއެވެ.
ސައިކަލު ނިއްވާލީމެވެ. ދެން ސައިކަލުން ފައިބައިގެން އަހަރެން ހިނގައިގަތީ ނީނާ އިން ގޮނޑިއާއި ދިމާލަށެވެ. ނީނާ އެއް ނެތެވެ. އަހަރެން ހާސްވިއެވެ. ދެކޮޅު ހޯދާ ބަލަން ފެށީމެވެ. ނީނާއެއް ނުފެނުނެވެ. ދެން މުޅި ސަރަހައްދު ބަލަންފެށީމެވެ. އަހަންނަށް ނީނާއެއް ނުފެނުނެވެ. ނީނާ އަމިއްލައަށް މަރުވަން މޫދަށް ފުންމާލީ ނޫންބާވައެވެ؟ ނޫނީ ނީނާ އެދިޔައީ ކޮން ތާކަށް ހެއްޔެވެ؟ އަހަރެން ހިތާއިހިތުން ކިޔާލިއެވެ. އަހަރެން ނީނާ ދޫކޮށް ދިޔައީ ކީއްވެގެން ހެއްޔެވެ؟ މާޔޫސްކަމުގެ ވަގުތުގައި ހިތްވަރުގެ އަތެއް ދިއްކޮށްލުމަކީ އަހަރެންގެ ވާޖިބެކެވެ. އެކަން އަހަރެން ނުކުރީ ކީއްވެގެން ބާވައެވެ؟ އަހަންނަކީ ކުށްވެރިއެއް ނޫން ބާވައެވެ؟
މާޔޫސްކަންމަތީގައި އަހަރެން ހިނގައިގަތީމެވެ. ދެވަނަ ފިޔަވަޅު މައްޗަށް އަހަރެން ހުއްޓުނީމެވެ.
” އަޙްސަން. އަޙްސަން. މަޑުކޮށްބަލަ!” އެއީ ނީނާގެ އަޑުކަން ޔަޤީނެވެ.
އަހަރެން ފަސް އެނބުރި ބަލާލީމެވެ. ނީނާ އިނީ ހަމަ ކުރީގައި އިން ގޮޑީގައެވެ. އަހަރެން މަޑުމަޑުން ނީނާއާއި ދިމާލަށް ހިނގައިގަތީމެވެ.
” ވަރަށް ހޯދައިފިންދޯ؟” އަހަރެން ދިއުމާއިއެކު ނީނާ ފުރަތަމަވެސް ބުނީ އެހެންނެވެ.
” އާނ. އެކަމަކު ފިލާ އިންނަ މީހަކު ނުފެންނާނެއްނު. ކީއްވެތަ ތިހެން ތިހެދީ؟” މަޑުމަޑުން އަހަރެން އަނހާލީމެވެ.
” މީ އަހަންނަށް އޮތްގޮތް. އަހަރެންގެ ދިރިއުޅުމުގައި އޮތީ ހުސް ހިތާމަ. ހިތްދަތިކަން. އަހަރެން މިހާރު ބޭނުންވަނީ ދުނިޔެއަށްވެސް ފިލަން.” މަޑުމޮޅި ރާގެއްގައި ނީނާ ބުނެލިއެވެ.
” މައްސަލައެއްނެތްތަ މިގޮޑީގައި އަހަރެން އިށީނަސް.” އިށީނުމުގެ ކުރިން ނީނާގެ އިޒުނަ ހޯދަންޖެހޭނެއެވެ.
” އާނ.” މަޑުމަޑުން ނީނާ ބުނެލިއެވެ.
” ހިތަށް އަރާ ކީއްވެގެން ބާވައޭ ނީނާ ތިހެން ވާހަކަ ތިދައްކަނީ؟” އަހަރެންގެ މަޤްޞަދަކީ ނީނާގެ ޙާލަތު އޮޅުން ފިލުވުމެވެ.
” ހުރިހާ ވާހަކައެއް އެއްވެސް މީހަކަށް ކިޔައެއް ނުދެވޭނެ. އަނެއްކާ މިރޭ ހަމައެކަނި މިދިމާވީ. ތިހެން ކުއްލިއަކަށް ދިމާވާ މީހެއްގެ ގާތުގައި ޙަޔާތުގެ ހުރިހާ ޞަފްޙާތަކެއް ހުޅުވާލުމަކީ މާ ބުއްދިވެރިކަމެއްވެސްނޫން. ހުރިހާ މީހުންވެސް ވާނީ ހަމަ އެއްގޮތް.” ނީނާގެ ދެލޮލުން ފާއްދާލި ކަރުނަތިރި އޭނާގެ ކޯތާފަތްމަތިން ފައިބަމުންދިޔަ މަންޒަރު އަހަންނަށް ފެނުނެވެ.
” އެކަމަކުވެސް އަހަންނަށް ވަރަށް ރަނގަޅު ނީނާ ބުނެދީފިއްޔާ. އަހަންނަށް ވީ ވަރަކުން އެހީތެރިކަން ފޯރުކޮށްދޭނަން.” އަހަންނަށް އެހެން ބުނެވުނީ ކުއްލިއަކަށެވެ.
” އަޙްޞަން ތިކުރަން އުޅެނީ ބޭކާރު ކަމެއް. އަހަންނާއި ހުރެ އަޙްޞަންގެ އަގުވެއްޓޭކަށް އަހަރެން ބޭނުމެއްނޫން.” ނީނާ އަހަންނަށް ބަލަމުން ބުނެލިއެވެ.
” މީހަކަށް އެހީވެގެން އަހަރެންގެ އަގެއް ނުވެއްޓޭނެހެން އަހަންނަށް ހީވަނީ. ނޫނަސް މީހަކަށް ހެޔޮ ނިޔަތުގައި އެހީވުމުން އެކަމުގެ ބަރަކާތް އަހަރެންގެ ޙަޔާތުގައިވެސް ލައްވާނެ.” އަހަރެން މަޑުމަޑުން ބުނީމެވެ.
” ތީ ހަމަ ތެދެއް. އެކަމަކު އަހަންނަށް ކިހިނެއްތަ އިނގެނީ އަޙްޞަންގެ ނިޔަތް.” ނީނާ އެބުނީވެސް ދޮގެއް ނޫނެވެ.
” އެއްވެސް މީހެއްގެ މޫނުމަތީގައި އެމީހާގެ ނިޔަތް ލިޔެވިފައެއް ނޯންނާނެ. މީހަގެ ނިޔަތް އިނގޭނީ އެމީހެއްގެ ޢަމަލްތަކުން. އިރާދަކުރެއްވިއްޔާ އަހަންނަކީ ނިޔަތް ރަނގަޅު މީހެއްކަން ކޮންމެވެސް އެއް ދުވަހަކުން ނީނާއަށް އިނގޭނެ.” ގަޑިއަށް ބަލާމުން އަހަރެން ބުނީމެވެ.
” މިހާރު ފަތިސްވަން ކައިރިވަނީދޯ. އަޙްޞަން ދެން ގެއަށްދޭ. އަހަރެން ކޮންމެވެސް އިރަކުން ގެއަށްދާނަން.” ނީނާ ލުއި ހިނިތުންވުމަކާއިއިއެކު ބުނެލިއެވެ.
” ހިތަށް އަރާ ބައެއް އަންހެން ކުދިން ހަމަ އޭހާ ބޯހަރީ ކީއްވެގެންބާވައޭ؟” އަހަރެން ނީނާއަށް ބަލާލަމުން ބުނީމެވެ.
” ދެންވެސް އިތުރު ވާހަކަ ނުދައްކާ ގެއަށްދޭ އަޙްޞަން. އިރުކޮޅަކުން ފަތިސް ނަމާދަށް ގޮވާނެ. އަހަންނަށް ރަނގަޅީ ބަންގި ގޮވުމުން ނަމާދުކޮށްގެން ގެއަށް ދިޔައިއްޔާ.” ނީނާ އެދިނީ ވަރަށް ރަނގަޅު ނަޞޭޙަތެކެވެ.
” ނީނާ އެހެން މީހުންނަށް ނަޞޭހަތްދޭއިރު، ނީނާ ކީއްވެތަ އެހެންމީހުންދޭ ނަޞޭހަތުގެ އަޑޫ ނާހަނީ؟” އޮޅުން ފިލުވުމަކީ އަހަރެންގެ ޝައުޤްވެރިކަމެކެވެ.
” ދެން އަޙްޞަންދޭ. އަހްޞަންގެ ފަހަރުން އަހަރެންވެސް ދާނަން. އަހަރެން ގެއިން ނިކުތީ މަޖުބޫރުވެގެން. އެއީ ދިރިއުޅުމުގެ ބޮޑު ވާހަކައެއް. ފަހުން ކިޔައިދޭނަން. މާދަމާރޭ ހަމަ މިގަޑީގައި. ހަމަ މިތަނުގަ. އަންނާނެ ކަމަށް ހީކުރަން. ދެން ދަނީ؟” އަހަންނަށް އެއްވެސް އެއްޗެއް ބުނުމުގެ ފުރުޞަތު ނުދީ ނީނާ، ގޮނޑިގެން ތެދުވެގެން ހިނގައިގަތެވެ.
އަހަރެން ނީނާގެ ފަހަތުން ހިނގަމުން މަޑުމަޑުން ސައިކަލު ދުއްވަމުން އައީމެވެ. އަހަރެންގެ ހިތުގައި އޮތީ ނީނާ ދިރިއުޅޭގެ ހޯދުމެވެ. އޭރުން އެގޭގައި ދިރިއުޅޭ މީހުންނާއި ވާހަކަ ދައްކައިގެން ނީނާގެ ޙަޤީޤަތް ހޯދުމެވެ. ނީނާއަށް ދިމާވެގެން އުޅޭ މައްސަލަ ބަލާ ހޯދުމަށެވެ. އެހީތެރިކަމުގެ ގޮތުން އަތެއް ދިއްނުކުރެވުނަސް، ކޮންމެވެސް ކަމެއް ކޮށްދެވިދާނެކަމުގެ އުންމީދުގައެވެ.
އަހަރެންގެ ދިރިއުޅުމުގައި އެންމެ ޝައުޤްވެރިކަން ހުންނަކަމަކީ އެއީއެވެ. އެހެން މީހުންގެ ދިރިއުޅުމާއި ބެހޭގޮތުން މަޢުލޫމާތު ހޯދުމެވެ. ވަކިން ޚާއްޞަކޮށް، މައްސަލަތަކެއްގެ ތެރޭގައިވާ މީހުންގެ ދިރިއުޅުމުގެ މާޒީގެ ޞަފްޙާތަކަކީ އަހަރެން އެންމެ ބަލާހިތްވާ ބަޔެވެ. އެފަދަ ޞަފްހާތަކެއްގެ ފުރަގަހުގައި ވަރަށް ތަފާތު ކަންތައްތައްވާނެއެވެ. ފަރުދާކަހާލެވުމުން، ފަރުދާގެ ފުރަގަސް ފެންނަހެން، އިންޞާނެއްގެ ޙަޤީޤަތް އިނގޭނީ އެމީހެއްގެ މާޒީގެ ޞަފްޙާތައް އުކާލުމުންނެވެ. އެކަމަކު، މިއީ އެހާ ފަސޭހަކަމެއް ނޫންކަން އަހަންނަށް އިނގެއެވެ. ވިސްނެއެވެ.
ބައެއް ފަހަރު ހިތަށް އަރައެވެ. ނީނާ އެއީ ކާކުހެއްޔެވެ؟ ނީނާއަށް ކޮންމެ ގޮތެއް ވިޔަސް، އަހަންނަށް ކީއްހެއްޔެވެ؟ އަމިއްލަ ގެއިން ނިކުމުގެން ރޭގަނޑު ދަންވަރު އަންނާނީ ރަނގަޅު ކުއްޖެއްނޫނެވެ. އެވާނީ މައިންބަފައިންގެ ބަސް ޤަބޫލުނުކުރާ އަންހެން ކުއްޖަކަށެވެ. ނޫންނަމަ، ދަންވަރު އެގަޑީގައި އެކަނިމާއެކަނި ވަގުތުތައް ގުނާކަށް ނުޖެހުނީއެވެ. ދެން ހިތަށް އެރިއެވެ. ނީނާގެ މޫނުމަތިން ފާޅުވި ހިތާމަވެރިކަމުގެ ހަޤީޤަތަކީ ކޮބައިބާވައެވެ؟ އަހަރެން އެންމެ ޖަވާބު ހޯދަން ބޭނުންވާ ސުވާލަކީއެއީއެވެ. އެކަން ކޮށްފައި ނޫނީ އަހަރެންގެ ދަތުރު ނިމޭނެހެނެއް ހީއެއް ނުވެއެވެ.
ނީނާގެ ފަހަރުން ވަކި ހިސާބަކަށް އާދެވުނު ތަނާ ފަތިސް ނަމާދުގެ ބަރަކާތްތެރި އަޑުން މުޅި ޖައްވު ގުގުމާލިއެވެ. އެހެންވެ، އަހަރެން ދެން އެންމެ އަވަސް ވެގަތީ އަހަރެންގެ ވާޖިބު އަދާކުރުމަށެވެ. ނީނާ، އެހުރި ހިސާބަށް ދޫކޮށްލުމަށް ފަހު، އަހަރެންގެ ސައިކަލްގެ މިސްރާބު އިސްލާމީ އިބްރާހީމީ މިސްކިތާއި ދިމާލަށް އަނބުރާލީމެވެ. އަހަރެންނަށް ނީނާ ގެއްލުނީ އެހިސާބުންނެވެ. މައްސަލައެއް ނެތެވެ. ނީނާ ބުނިހެން، މާދަމާރޭ ދިމާވާނެ ނޫންހެއްޔެވެ؟ ކަންތައްތަކާއި އެހާ ތެޅެން ހަދައިފިއްޔާ މީހާ ހަލާކުވެދާނެ ތޯއްޗެކެވެ. ދިރިއުޅުމުގައި ކެތްތެރިކަން ވަރަށް މުހިއްމުވާނެއެވެ. އެކަން އަހަންނަށްވުރެ ރަނގަޅަށް އިނގޭނެ އެހެން މީހަކުވެސް ނުވާނެއެވެ. ވީއިރު، ފެނުނުތާ ހަތް ގަޑިއިރުނުވާ، އަންހެން ކުއްޖަކާއި ހުރެ، ބޭކާރު ވިސްނުންތަކެއް ވިސްނުމަކީ މޮޔަކަމެކެވެ.
ފަތިސް ނަމާދުން ފައިބައިގެން އަހަރެން ދިޔައީ ގެއަށެވެ. އޭރު މަންމަ އުޅެނީ ހޭލައެވެ. ކޮއްކޮމެން ސްކޫލަށްދާން ތައްޔާރުވަނީއެވެ. އަހަރެން ގޮސް ސިޓިންގ ރޫމްގައި އިށީނީމެވެ.
” ބޭބެ. ކޮއްކޮ ސްކޫލަށްލާން ދާނަންދޯ.” އަދުހަމް އައިސް އަހަރެންގެ ގާތުގައި އިށީންނަމުން ބުނެލިއެވެ. އެއީ އަހަރެންގެ ހުރި ހަމައެކަނި ފިރިހެން ކޮއްކޮއެވެ.
” މައްސަލައެއް ނޯންނާނެ. އެކަމަކު މޮޅަށް ކިޔަވާމަތިން.” އަހަރެން ބުނީމެވެ.
” މޮޅަށް ކިޔަވާތީއެއްނު މިދިޔަ ފަހަރުވެސް ކޮއްކޮއަށް އެއްވަނަ ލިބުނީ. ބޭބެ ތިހުރީ އަޅުގަނޑަށް ދަރާފަ. އަދިވެސް އެ ޕިއްޒާ ނުދީ ތިއުޅެނީ. ބޭބެއަށް އިނގޭތަ. އަޅުގަނޑުމެންގެ ޓީޗަރ ބުނި ކުޑަކުދިން ހިތްރުއްސަން ނަމަވެސް، ކުޑަކުދިންނަށްވެސް ދޮގު ނުހަދާށޭ. އޭރުން އެކުދިންނަށް ދޮގު ހަދަން ދަސްވާނެޔޭ.” އަދުހަމް އެބުނީ ވަރަށް ރަނގަޅު ވާހަކައެވެ.
” ދަރިފުޅާ އަދުހަމް. ދެން އަވަހަށް އާދެ ސައިބޯން. ނޫނީ ގަޑިޖެހެން ކައިރިވެދާނެ.” މަންމަ އަދު ހަމަށް ގޮވީ އެހިސާބުންނެވެ.
އަދުހަމް މަޑުމަޑުން ހިނގާލާފައި ދިޔައީ ސައިބޯށެވެ. އަހަރެން މަޑުމަޑުން ސޯފާ ސެޓުން ތެދުވެގެން، އަހަރެންގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތީމެވެ.
” ދަރިފުޅާ އަޙްޞަން. އާދެ ސައިބޯން.” އަހަރެން ކޮޓަރިއަށް ވަންނަން ދިއުމުން މަންމަ ގޮވާލިއެވެ.
” އަޅުގަނޑު ސައިބޯނީ ތަންކޮޅެއް ފަހުން. ” އަހަރެން މަޑުމަޑުން ބުނީމެވެ.
” ބޭބެ. އަޅުގަނޑު ސްކޫލަށް ގެންދަން. ހަނދާން އެބަހުރިދޯ.” އަދުހަމް ބުނާއެއްޗެއް ތަކުރާރުކޮށްލުމަކީ އޭނަގެ އާދައެކެވެ.
” ބޭބެ މިނިކުންނަނީ ފެންވަރާ ލައިގެން.” އެހެން ބުނުމަށްފަހު އަހަރެން ކޮޓަރިއަށް ވަނީމެވެ.
ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލުކޮށްލުމަށްފަހު އަހަރެން ވަނީ ފާޚާނާއަށެވެ. ފާޚާނާއަށް ވަންނަމުން ކިޔާ ދުޢާ އަހަރެން ކިއީމެވެ. އަދުހަމު ފަދަ ދެވަނަ ކޮއްކޮއެއް ނުލިބޭނެއެވެ. ކުރީ ދުވަހު ފާޚާނާއަށް ވަންނަމުން ކިޔާ ދުޢާގެ ތަންކޮޅެއް ހަނދާން ނެތުމުން، މިހާރު މުޅި ދުޢާ އެއިނީ ފާޚާނާގެ ދޮރުގައި ތަތްކޮށްފައެވެ. އެހާވެސް އަދުހަމު ރަނގަޅުވާނެއެވެ. އަހަރެމެންގެ މައިންބަފައިންގެ ވިންދަކީ އެއީއެވެ. ބައެއް ފަހަރު، ކުޑަކޮށް ދެރަވެސް ވެއެވެ. އަހަރެން ބޮޑުވެގެން އައިއިރު، އެވަރަށް ލޯބި ނުދިނީ ކީއްވެގެން ހެއްޔެވެ؟ އަހަންނަކީ މަންމަމެންގެ ދަރިއެއް ނޫން ބާވައެވެ؟ އަދުހަމަށް އެހާ ތަފާތުކުރަނީ ކީއްވެގެން ބާވައެވެ؟
ބައެއް ފަހަރު ހިނިވެސް އާދެއެވެ. އަދުހަމަކީ އަހަރެންގެ ހުރި ހަމައެކަނި ފިރިހެން ކޮއްކޮއެވެ. މަޖީދިއްޔާގެ ނުވައެއްގައި ތަޢުލީމް ޙާޞިލްކުރަމުން، ކޮންމެ އަހަރަކު ކުލާހުން އެއް ވަނަ ގެންނާނެއެވެ. ވީއިރު، އާއިލާގެ ރޫޙަކަށް އަދުހަމް ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. އަހަންނަށް ކިޔެވުމުގެ މައިދާނުގައި އެވަރަށް ތަމްޞީލެއް ނުކުރެވުނެވެ. ސަބަބުތައްވެސް ބައިވަރެވެ. ދެން އެކަމާ އަޅާނުލާށެވެ. އަހަރެންގެ ހިތަށް އެރިއެވެ. އަހަރެންގެ ހިތް އަހަރެންގެ ޢާއިލާއަށް ވަރަށް ސާފްވާން ޖެހޭނެއެވެ. އަނެއްކޮޅުން، އަހަރެން އަދުހަމަށް ހެޔޮނޭދޭނަމަ، ދެން ހެޔޮއެދޭނީ ކާކު ހެއްޔެވެ؟ އެހެން ހިތަށް އަރާ ކޮންމެ ފަހަރަކު އަހަރެންގެ ގާތަށް އަންނަނީ ލާނެތް ހިތްޏެކެވެ. ނަމަވެސް، ދުވަހަކުވެސް، ގޭތެރޭގައި އަދުހަމްއާއި އަހަންނާއި ތަފާތުކުރި ކަމުގެ އެއްވެސް ޝަކުވާއެއް އަހަރެން ނުކުރަމެވެ.
” ބޭބެ. އަވަސްކުރޭ! ގަޑި ޖެހެނީ.” އަހަރެން ފާޚާނާއިން ނިކުތް އިރު، އަދުހަމް އިނީ އަހަރެންގެ ކޮޓަރީގައެވެ.
” ކޮއްކޮ ދޭ ސިޓިންގ ރޫމަށް. ބޭބެ މިދަނީ ތައްޔާރު ވެލައިގެން.” އަހަރެން އެހެން ބުނުމުން އަދުހަމަ ކޮޓަރިން ނިކުތެވެ.
އަދުހަމް ކޮޓަރިން ނިކުތުމުން، އަހަރެން ރީތިވާން ފެށީމެވެ. އަވަސް އަވަހަށް ބޯ އޮމާންކޮށްލައިގެން، ބޮޑީ ސްޕްރޭ ޖަހައިގެން ނިކުތީމެވެ. މީހުންގެ ތެރެއަށް ނިކުންނައިރު، ގައިން ކޮންމެވެސް މީރުވަހެއް ދުވުމަކީ، މީހުން ލޯބިވާނެ ކަމެކެވެ.
” ހިނގާދާން.” ކޮޓަރިން ނިކުމެގެން ސިޓިންގ ރޫމާއި ހަމަޔަށް ނާރަނީސް އަދުހަމް ބުނެލިއެވެ.
” އާނ. ހިނގާދާން.” އަހަންނާއި އަދުހަމް ގެއިން ނިކުތީ އެކުއެކީގައެވެ. ވަރަށް މަޑުމަޑުން ގެއިން ނިކުންނަމުން ކިޔާ ދުޢާ އަދުހަމް ކީ އަޑު އަހަރެން އެހީމެވެ. އެއާއިއެކު، އަހަރެންވެސް އެދުޢާ ކިޔާލީމެވެ. ހިތަށް އެރިއެވެ. އަހަރެންގެ ކޮއްކޮ ހާދަހާވާ ތަރުތީބެވެ. އަހަންނަށްވުރެވެސް ކަންތައްތަކަށް ހަނދާން ގަދައެވެ.
” ކޮއްކޮ ވަރަށް ބޮޑަށް ސޮރީ އިނގޭ. ޕިއްޒާ ދޭނަން ވަރަށް އަވަހަށް އިނގޭ. ބޭބެއަށްވެސް އިނގޭ ދޮގުހަދާކަށް ނުވާނެކަން.” ސައިކަލަށް އަރާ ސްޓާޓްކޮށްލަމުން އަހަރެން ބުނީމެވެ.
” ބޭބެ. އެހަލަ ވާހަކަތައް އެހާ ސީރިއަސްކޮށް ނަގާކަށް ނުވާނެ. އަޅުގަނޑަށްވެސް އިނގޭ ބޭބެ އަޅުގަނޑަށް ދެރަވާގޮތަށް ނަހަދާނެކަން. ބޭބެ ބިޒީކަމުން ޕިއްޒާ ނުދެވިގެންކަން ތިއުޅެނީ.” އަދުހަމަކީ ވިސްނޭ ކުއްޖެކެވެ.
” ހާދަވިސްނޭދޯ.” ކުޑަކޮށް ހީނލަމުން އަހަރެން ބުނީމެވެ.
މަޑުމަޑު ދުވެލީގައި އަހަރެން ސައިކަލު ދުއްވަމުން ދިޔައީމެވެ. އަދުހަމް ފަހަތުގައި އިނެވެ. އަހަރެމެންގެ މަންޒިލަކީ މަޖީދިއްޔާ ސްކޫލެވެ. އަހަރެމެންގެ ގެއިން ދުއްވާފައި މަޖީދިއްޔާ ސްކޫލަށް ތިން މިނިޓުން ދެވޭނެއެވެ. ގެއިން، ތަންކޮޅެއް ކުރިން ނިކުމެވުމުން، އަހަރެން ދުއްވަމުން ގެންދިޔައީ ސީދާ މަޖީދީމަގުން އިރަށެވެ. އަގޯރާ ފިހާރައާއި ހިސާބަށް އެރިތަނާ އަހަރެންގެ ނަޒަރުގޮސް ހުއްޓުނީ ނީނާއަށެވެ. އޭރު އަގޯރާ ކައިރިން ހުޅަނގަށް ހިނގާލާފައި ނީނާ އަންނަނީއެވެ. އަހަންނަށް ވަރަށް ފުރިހަމަޔަށް ނީނާ ފެނުނެވެ. ނީނާއަށްވެސް އަހަރެން ފެނުނީ ކުއްލިއަކަށް ބަލާލުމުންނެވެ. އަހަރެން ފެނުމާއިއެކު، ނީނާ ކުޑަކޮށް ހީނލިއެވެ. އަހަރެންވެސް ހިނިތުންވެލީމެވެ.
އަހަރެންގެ ހިތަށް އެރިއެވެ. ނީނާއާއި ކައިރިކޮށްލަންވީއެވެ. ވާހަކަ ދައްކާލުމަށެވެ. ދެން ހިތަށްއެރިއެވެ. އޭރުން މުޅިން ގޯސް ވާނެއެވެ. އަހަރެންގެ ފަހަތުގައި އަދުހަމް އެބައިނެވެ. އެއީ އަހަރެންގެ ކޮއްކޮ އެވެ. އަހަންނަށްވުރެ ދިހަ އަހަރު ހަގަސް، އަދުހަމްގެ ބޯ ވަރަށް ބޮޑުވާނެއެވެ. ވިސްނުން ވަރަށް ތޫނުވާނެއެވެ. ސުކޫލު ނިންމާފައިގޮސް، މަންމަގެ ގާތުގައި ސަމާސާއަކަށް ކޮންމެ ވާހަކައެއްވެސް ދައްކަފާނެއެވެ. އަނެއްކޮޅުން، އަހަރެން ވާންޖެހޭނީ އަރެންގެ ކޮއްކޮއަށް ރަނގަޅު ނަމޫނާއަކަށް ނޫން ހެއްޔެވެ؟ އަދުހަމް ސުކޫލު ޔުނީފޯރމްގައެވެ. އަހަރެން އާދައިގެ ހެދުމެއްގައެވެ. އެކަމަކުވެސް، ކަމާ ކަންފަށާފައި އަހަރެންގޮސް ނީނާއާއި ވާހަކަ ދެއްކުން މާ ރަނގަޅެއް ނުވާނެއެވެ. މައްސަލައަކީ މީހުން ދެކޭނެ ގޮތެއް ނޫނެވެ. ކިޔަވާ ކުއްޖެއް އަހަރެންގެ ފަހަތުގައި އިނުމުންނެވެ. އެވެސް އަހަރެންގެ ކޮއްކޮއެވެ. އެހެން ކަމުން، ނީނާގެ ކައިރިއަށް މަޑުނުކޮށް އަހަރެން ދިޔައީ އަދުހަމް ސްކޫލަށް ލުމަށެވެ.
އަދުހަމް ސުކޫލަށް ލާފައި އަހަރެން ވަރަށް ބާރަށް ދުއްވަން ފެށީމެވެ. ސައިކަލްގައި އައިސް އަގޯރާ ފިހާރައިގެ ކުރިމައްޗަށް މަޑުކޮށްލީމެވެ. އަހަރެންގެ ބޭނުމަކީ ނީނާ ފެނޭތޯ ބެލުމެވެ. އެކަމަކު ނީނާ ފެންނާކަށް ނެތެވެ. ދެން ޖެހިގެން ހުޅަނގަށް އޮތް ގޯޅިން އަހަރެން އެޅީމެވެ. އޭރު ތަންކޮޅެއް ދުރުގައި ހުރި ގެއަކަށް ނީނާ ވަންނަނީއެވެ. އަހަރެން ތަންކޮޅެއް ބާރަށް ސައިކަލް ދުއްވާލީމެވެ. ދެން ނީނާގެ ވަން ގޭގެ ދޮރުކައިރީގައި ސައިކަލް ޕާރކްކޮށްލީމެވެ.
އަހަރެން އެގޭގެ ކައިރީގައި ދެގަޑިއިރު މަޑުކުރީމެވެ. ނީނާ ނިކުމޭތޯއެވެ. ނީނާގެ ޚަބަރެއްވެސް ނުވިއެވެ. އެންމެ ފަހުން، އެގެއަށް ވަނުމަށް އަހަރެން ނިންމީމެވެ.
” ޢައްސަލާމް ޢަލައިކުމް.” އެގޭ ތެރެއަށް ވަންނަމުން ތަންކޮޅެއް ބާރަށް އަހަރެން ބުނީމެވެ.
” ވަޢަލައިކުމުއް ސަލާމް.” ގޭ ތެރެއިން ސަލާމް ބަލައިގަތީ ނީނާއެވެ. އޭރު ނީނާ އަދި އަހަރެން ފެންނަ ހިސާބަކަށް ނާދެއެވެ.
” މިގޭގަތަ ނީނާ އުޅެނީ؟” ނީނާ އައިސް އަހަރެންނާއި ތަންކޮޅެއް ކައިރިވުމުން އަނހާލީމެވެ.
” އިތުރަށް އެންމެ ބަހެއްވެސް ބުނެގެން ނުވާނެ. ހަމަ މިހާރު، މިގެއިން ނިކުމޭ.” އަހަރެންނާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން ހަރުކަށި ރާގަކަށް ނީނާ ބުނެލިއެވެ.
” އެކަމަކު..” އަހަންނަށް އެހެން ނުބުނެވެނީސް ނީނާ ވާހަކަ ދައްކަން ފެށިއެވެ.
” އެއްވެސް އެކަމަކު އެއް ނޯންނާނެ. ބުނީމަ ބުނާގޮތް ހެދީމަ ދެންވެސް އެންމެ ރަނގަޅުވާނީ. ހަމަ މިހާރު މިގެއިން ނިކުމޭ. އިތުރު ސުވާލުކުރަން ނަހަދާތި. އަހަރެން މިއިނީ ޖަވާބުދެވޭފަދަ ޙާލަތެއްގައެއްނޫން.” ނީނާގެ ރާގުގައިވާ ހަރުކަށިކަން އިތުރުވަމުންދާކަން އަހަންނަށް ފާހަގަކުރެވުނެވެ.
އިތުރު އެއްވެސް ވާހަކަ އެއް އަހަރެން ނުދައްކަމެވެ. އަވަހަށް ނީނާ ބުނިގޮތަށް ހެދީއެވެ. ނީނާ އިން ގެއިން އަހަރެން އަވަސް އަވަހަށް ނިކުތީމެވެ. ނިކުތްއިރުވެސް، އަހަރެންގެ ހިތުގައި ދައުރުވަނީ ހުސް ސުވާލުތަކެވެ. ނީނާ އެހާ ހަރުކަށިކޮށް އަހަންނާއި މުޚާތަބު ކުރަންޖެހުނީ ކީއްވެގެން ބާވައެވެ؟ ރޭ އެހާ ރީތިކޮށް ވާހަކަ ދައްކާފައި ކުއްލިއަކަށް ބަދަލު މިވީ ކީއްވެގެން ހެއްޔެވެ؟ ނީނާއަށް ކުއްލި ބަދަލެއް އަންނަންޖެހޭ ސަބަބެއް ވާނެކަން ޔަޤީނެވެ. އެސަބަބު އަހަރެން ހޯދާނަމެވެ. އަހަންނަކީ އެހާ އަވަހަށް ހިތްވަރު އެލުވާލާ މީހެއް ނޫނެވެ. އަހަރެން ކުރަން ބޭނުން ކޮންމެ ކަމެއް މިހާތަނަށް އޮންނާނީ ކޮށްފައެވެ. ސާފްކުރަން ބޭނުންވި ކޮންމެ ކަމެއް އޮންނާނީ ސާފްކޮށްފައެވެ. ފަހަތަށް ފިޔަވަޅު އެޅުމަކީ އަހަރެންގެ ދިރިއުޅުމުގެ ފަލްސަފާއެއް ނޫނެވެ. އެހެން އެކަން ބާއްވާކަށްވެސް ބޭނުމެއް ނޫނެވެ. މިއަދު ނީނާ އަހަންނާއި އެގޮތަށް މުޚާތަބު އެކުރީ މަޖުބޫރުކަން ޔަޤީނެވެ. އަންހެނުންނަކީ އެހާ ހިތް ހަރު ބަޔެއް ނޫނެވެ. ދިމާވާ ބައެއް ހާދިޘާތަކާއި ގުޅިގެން، ބައެއް ޙާލަތްތަކުގައި އިންސާނާގެ ހިތްހަރުވުމަކީ އަދި އެހެން ކަމެކެވެ.
” އަޙްޞަން. މިހިސާބުގަ ކީއްތަ ތިކުރަނީ މާ ހެނދުނަކާ؟” ސައިކަލަށް އަރާ ސްޓާޓްކޮށް ނުލެވިގެން އުޅެނިކޮށް އެތަނަށް އައީ އަހަރެންގެ އެކުވެރި ޒަޢިދެވެ.
” ދެން ހަމަ ސައިކަލް ދުއްވާލަމުން އައިސް މިހިސާބުގައި މަޑުކޮށްލީ.” އަހަންނަކީ ހުރިހާ ވާހަކަތަކެއް ހުރިހާ މީހުންނާ ހިއްސާކުރާ މީހެއްނޫނެވެ.
” އެކަމަކު، ހާދާ އެހެން ހީނުވޭ. އަހަރެން އުޅެނީ މިހިސާބުގަ. ކޮންމެ ދުވަހަކު މިގަޑީގަ އަހަރެން މިމަގުމައްޗަށް ނިކުންނަން. މިނޫން ދުވަހަކު އަހަންނަށް އަޙްޞަން ފެނިފައެއްނެތް. މާނައަކީ ކަމެއް ސިއްރުކުރަންދޯ ތިއުޅެނީ.” ޒަޢިދުގެ ބޭނުން އަހަންނަށް އިނގެއެވެ.
” ނޫނެކޭ އެހެނެއްނޫން. އަނެއްކޮޅުން މިކުޑަކުޑަ މުޖުތަމަޢުގައި މީހަކަށް ސިއްރުން އަހަރެން ވަކި ކޮން ކަމެއްތަ ކުރާނީ؟” އަހަރެން ބޭނުންވީ ހަޤީޤީ މަޢުޟޫއާއި ދުރަށް ދާށެވެ.
” އެހެންދޯ. އަހަރެންދެން ދަނީ. ފަހުން ވާނެދޯ ދިމާކޮށްލަން.” ޒައިދު އެތަނުން ހިނގައިގަތީ ދެނެވެ.
އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލުމަށްފަހު، ސައިކަލު ދުއްވާލީމެވެ. މަޑުމަޑުން ސައިކަލު ދުއްވަމުން އަހަރެން ދިޔައީމެވެ. ހިތުގައި އޭރުވެސް ވަނީ ނީނާ އަހަންނާއި މެދު ޢަމަލު ކުރި ގޮތެވެ. އެކަމުގެ ސަބަބެވެ. ހިތުގައި ނޭނގޭ ސުވާލުތަކެއް ދައުރުވަމުން ދަނީއެވެ. ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ބޮލަށް އެންމެ އުދަނގޫވާކަމަކީ އެއީއެވެ. ޖަވާބު ނޭނގޭ އެތައް ސުވާލުތަކެއް ހިތުތެރެއަށް ފުނިޖެހުމެވެ. ކޮންމެވެސް ގޮތަކުން ނަމަވެސް، އެސުވާލު ތަކުގެ ޖަވާބު ވީ އެންމެ އަވަހަށް ހޯދައިގެން މެނުނީ އަހަންނަށް ހަމަ ނޭވާއެއްވެސް ނުލެވޭނެއެވެ. އެކަމަކު، އަހަރެން ބޭނުންވާހާ އަވަހަށް ހުރިހާ ކަމެއް ނުވާނެކަންވެސް އަހަންނަށް އިނގެއެވެ. މަޑުމަޑުން އައިސް ގެއަށްވަނީވެސް އެޚިޔާލު ތެރޭގައެވެ.
” ދަރިފުޅާ އާދެ. ސައިބޯން.” އަހަރެން ގެއަށް ވަން ތަނުން މަންމަ ބުނީ އެހެންނެވެ.
” ކޮޓަރިއަށްވަދެލާފަ އެބަ އަންނަން.” އެހެން ބުނުމަށްފަހު، އަހަރެން ވަނީ ކޮޓަރިއަށެވެ.
ކޮޓަރިއަށްވަދެ، އެނދުގައި ޖައްސާލެވުނީ ކުއްލިއަކަށެވެ. އޭރު އަހަރެން ހުރީ ވަރަށް ބޮޑަށް ވަރު ބަލިވެފައެވެ. ރޭގެ ދަންވަރުން ފެށިގެން ލޮލު ފިޔައެއް ނުޖާހާތީ، އެކަން އަހަރެންގެ ސިކުނޑިން އަހަންނަށް އަންގަމުން ދިޔައެވެ. މަޑުމަޑުން ދެލޯޖައްސަމުންގޮސް، އެންމެ ފަހުން ނިދުން ނޫން އެހެން އެއްވެސް ޙައްލެއް ނެތްކަން އަހަންނަށް އިނގުނެވެ. ނިދަން އެނދުގައި ޖައްސާލީ އެހިސާބުންނެވެ. ނިދަން މަޖުބޫރުވީމައެވެ. ނީނާއަށްވުރެ އަހަރެންގެ ނިދި އަހަންނަށް މުހިއްމުވާނެކަން އަހަންނަށް އިނގެންޖެހޭނެއެވެ. ފުރިހަމަ ނިދި ލިބިގެން މެނުވީ އެއްވެސް ކަމެއް ރަނގަޅަކަށް ނުކުރެވޭނެއެވެ. މީހަކަށް އެހީތެރިކަމެއް ދެވޭނީ ތިމާ މީހާ ސަލާމަތުން ހުރެގެން ނޫން ހެއްޔެވެ؟ އެހެންވެ، ފުރަތަމަ އަންނާނީ ތިމާ މީހާ ނޫންހެއްޔެވެ؟ އެއަށްފަހު، އެހެން މީހުންނެވެ.
އަހަންނަށް ހޭލެވުނީ ފޯން އެލާމްވާން ފެށުމުންނެވެ. އޭރު ގަނޑިން އެގާރަ ގަޑި ސާޅީން ފަހެއް ވަނީއެވެ. އަވަސް އަވަހަށް ފާޚާނާއަށްވަދެ ފެންވަރާ ސާފްތާހިރުވެލީމެވެ. ފެން ވަރައިގެން ނިކުމެ މަޑުމަޑުން ރީތި ވެލީމެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓި މޫނު ބަލާލީމެވެ. މަޑުމަޑުން ތުނބުޅި ފަޅަމުންދާކަން އަހަންނަށް ފާހަގަ ކުރެވުނެވެ. އަހަރެން ވަރަށް އުފާކުރީމެވެ. އަހަންނަކީ ކިތަންމެ އާދައިގެ ޢާއިލާއަކަށް ނިސްބަތްވެގެންވި މީހަކަށްވިޔަސް، އިސްލާމީ އުޞޫލުތަކަށް އަހަރެން ވަރަށް ފުރިހަމަޔަށް ސަމާލުކަން ދެމެވެ. އަހަރެންގެ އުޅުންތަކާއި ގުޅުންތައް ހުންނާނީ އިސްލާމީ ރިވެތި އަޚްލާޤީ އިމުގެ ތެރޭގައެވެ. އެއްވެސް މީހަކަށް އަހަންނަކީ ނުބައިނުލަފާ ގޯސް މީހެކޭ ކިޔާފައި އަތްދިއްކުރެވޭކަށްނޯންނާނެއެވެ. ދުވަހަކު ކޮޅުންވެސް، އެ ފުރުޞަތެއް އަހަރެން ނުދޭނަމެވެ. އަހަރެން ގޮތަކަށް އުޅުނޭ ކިޔައިގެންވެސް ކިޔޭނީ އެންމެ އެއްޗެއްތާއެވެ. އެހެން ކިޔުމުން އަހަރެން ވާނީ އުފަލެވެ. ދީނަށް އުޅެގެން މީހެެއްގެ ފުރައްސާރައާއި މަލާމާތަކަށް އަހަރެންގެ އެއްވެސް ފަރުވާލެއް ނެތެވެ. އަހަރެން މިއުޅެނީ ރަނގަޅަށްކަން އަހަންނަށް ހަމަ ޔަޤީނެވެ. އަހަންނަށް ސާފްނުވާ އެއްވެސް ކަމެއް އޮތިއްޔާ އަހަރެން އިސްވެގަންނާނީ ޢިލްމުވެރިންގެ ކިބައިން އެކަންތައްތައް އޮޅުން ފިލުވާށެވެ.
” ދަރިފުޅާ މެންދުރު ނަމާދު ބަންގި ގޮވަނި. ދެން ދޭ ނަމާދަށް. ނަމާދުކޮށް ނިންމައިގެ އަންނަމުން ކޮއްކޮ ސުކޫލުން ގެންނާތި.” އަހަރެންގެ މައިންބަފައިން އަހަންނަށް މަގުދައްކާފައިވަނީ އެންމެ ރަނގަޅަށެވެ.
” ލައްބަ މަންމާ” ކޮޓަރިން ނިކުންނަމުން އަހަރެން ބުނީމެވެ.
ގެއިން ނިކުމެގެން އަހަރެން ދިޔައީ މިސްކިތަށެވެ. މެންދުރު ނަމާދު ޖަމާޢަތުގައި އަހަންނަށް ކުރެވުނީތީ އަހަރެން ހުރީ ވަރަށް އުފަލުންނެވެ. ނަމާދުގެ އަޅުކަން އިޙްލާޞްތެރިކަމާއި ތަވާޟުޢުވެރިމަމާއިއެކު ފުރިހަމަކޮށް ނިންމާލުމުން، އެލިބޭ ރޫހާނީ އުފާވެރިކަމާއި ހިތްހަމަޖެހުން އެއްވެސް ތަނަކުން ނުލިބޭނެއެވެ. އިންސާނާގެ ދިރިއުޅުުމުގެ ކާނާއަކީ، ޖިސްމާނީ ހިތްހަމަޖެހުމާއި އެއްވަރަށް ރޫޙާނީ ހިތްހަމަޖެހުމެވެ. އެކަން ހޯދުމަށް ހުރިހާ މީހުން ގަދަ އަޅާ މަސައްކަތް ކުރާނަމަ، އަހަރެމެންގެ މުޖުތަމަޢު ހާދަހާވާ ފުރިހަމަވީހެ އަހަރެންގެ ހިތަށް އެރިއެވެ.
” ކޮއްކޯ. ކޮންތާކަށް ތިދަނީ؟” މިސްކިތުން ނިކުންނަނިކޮށް މުސްކުޅި ފުރައިގެ މީހަކު އަހަރެންގެ ކޮނޑުގައި އަތްޖައްސާލަމުން ބުނެލިއެވެ. އަހަރެން އެނބުރި އެމީހާއަށް ބަލާލިއިރު، އޭނާ ހުރީ އަހަންނަށް ސަލާމަށް އަތްދިއްކޮށްގެނެވެ.
” ކީއްތޯވީ ބޭބެ؟” ސަލާމްކޮށްލަމުން އަނހަރެން އަނހާލީމެވެ.
” ކޮއްކޮ ދަންނަންދޯ ނީނާ؟” އެމީހާ އެހެން އަނހާލުމުން އަހަންނަށް ކުޑަކޮށް ސިހުންވިއެވެ.
” އާނ. އަހަރެން ދަންނަން ނީނާ ކިޔާ ކުއްޖެއް. އެކަމަކު ފަހަރުގަވެދާނެ ތިއީ ތިބުނާ ނީނާ ނޫންކަމަށްވެސް.” މީހުން ނެތްތަނުގައި އެމީހުންގެ ވާހަކަ ދެއްކުން މާރަނގަޅެއް ނުވާނެއެވެ.
” ތިބުނީ ގޯސް ވާހަކައެއްނޫން. އެކަމަކު، ބޭބެއަށް ހީވަނީ ބޭބެ މިދައްކަނީ ހަމަ ތި ނީނާގެ ވާހަކަހެން.” އެމީހާ ހިނިތުންވެލަން މަސައްކަތްކުރަމުން ބުނެލިއެވެ.
” ދެން ކޮބާތޯ މައްސަލައަކީ؟” މިސްކިތުން ބޭރަށް ނިކުމެ، ފައިރުކައިރީގައި މަޑުކޮށްލަމުން، ގަޑިއަށް ބަލާލަމުން އަހަރެން ބުނީމެވެ.
” އަނެއްހެން މައްސަލައެއްނެތް. އެކަމަކު، ތިއީ ވަރަށް ރަނގަޅު ކުއްޖެއްހެން ހީވަނީ. އެހެންވީމާ، ދެރައެއް ލިބެން ނޭދޭތީ އެވާހަކަ ބުނެލަން މިއުޅެނީ.” އެމީހާ ބުނެލިއެވެ.
” މީހުންނަށް ހެޔޮއެދޭ މީހުން މަދު ޒަމާނެއްގައި ނަމަވެސް، ބޭބެ ތިބުނީ ވަރަށް ރަނގަޅު އެއްޗެއް. ކޮންނަމެއްތޯ ބޭބެއަށް ކިޔަނީ؟” އެންމެ ކުރިން ކުރަންޖެހޭ ސުވާލު އަހަންނަށް ކުރެވުނީ ތަންކޮޅެއް ފަހުންނެވެ.
” ބޭބެގެ ނަމަކީ އިލްހާމް. ދެން ބުނަން މިއުޅޭ ވާހަކައަކީ ނީނާގެ ވާހަކަ.” އިލްހާމް ބުނެލިއެވެ.
” އިލްހާމް. ދެން މިހާރު ނެތް ހުރެވޭކަށް. އެއޮތް އެކެން ޖަހަނީ. އަހަރެން އެބަޖެހޭ ކޮއްކޮ ބަލާ ސްކޫލްދޮށަށްދާން. އަހަރެން ލަހުން ގޮސްފިއްޔާ ކޮއްކޮ ވަރަށް ދެރަވާނެ. ދެން ދަނީ. ފަހުން ދިމާވެއްޖެއްޔާ އިލްހާމް ދައްކާ ވާހަކައެއް އަޑުއަނހާލެވިދާނެ. ވަރަށް ބޮޑަ މާފްކުރާތި.” އެހެން ބުނުމަށްފަހު، އަހަރެން ހިނގައިގަތީ ސައިކަލަށް އެރުމަށެވެ.
ސައިކަލަށް އަރައިގެން ސްކޫލު ދޮށަށް ދިޔައިރު، އަދުހަމް އިނީ އަހަރެންގެ އިންތިޒާރުގައެވެ. ފޮތް ދަބަސް ކޮނޑުގައި އަޅުވާލައިގެންހުރެ، މަޑުމަޑުން އަހަންނާއި ދިމާލަށް އައިރު، އެމޫނުމަތީގައިވާ ލުއި ހިނިތުންވުން އަހަންނަށް ފާހަގަ ކުރެވުނެވެ.
” ހާދަ ހެވިފަ ހުރި ދުވަހެއް؟” އަހަންނަށް ފުރަތަމަވެސް ކޮށްލެވުނީ ސުވާލެކެވެ.
” މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. ހައުސްގެ ސެކެރެޓަރީ ކަން އަހަންނަށް ލިބިއްޖެ. ބޭބެ އުފަލެއް ނުވޭތަ؟” އަދުހަމުގެ ރާގުގައިވަނީ ހިތްހަމަ ޖެހުމެވެ.
” ކޮއްކޮއަށް ކަމެއް ޙާޞިލުވުމުން ބޭބެއަށްވުރެ ބޮޑަށް އުފާވާނެ އެހެން މީހަކު މިދުނިޔޭގަ ނުހުންނާނެ. އެކަން ކޮއްކޮވެސްޖެހޭނެ ހެޔޮ ހިތުން ޤަބޫލުކުރަން.” ސައިކަލް ސްޓާޓްކޮށް، ނައްޓާލަމުން އަހަރެން ބުނީމެވެ.
އަހަރެމެން ގެއަށް އައިރު، މަންމަ އިނީ ސިޓިންގ ރޫމްގައެވެ. މަންމަ ސިޓިންގ ރޫމުގައި ޤުރުއާން ކިޔަވަން އިނުމުން އަހަންނާއި އަދުހަމް ގެއަށްވަނީ ވަރަށް މަޑުމަޑުންނެވެ. އަހަރެމެންގެ މަންމަގެ އެއާދަ އަބަދުވެސް އަހަރެމެން ހަނދާން ހުރެއެވެ. އެހެންވެ، އެއްވެސް ދުވަހެއްގެ އެއްވެސް ގަޑިއެއްގައި ކުއްލިއަކަށް އައިސް ގެއަށްވަނުމަކީ އަހަރެމެންގެ ގޭގައި އޮންނަ ކަމެއް ނޫނެވެ. ދިރިއުޅުމުގައި މައިން ބަފައިން އަހަރެމެންނަށް ދީނީ ގޮތުން ދައްކަމުންދާ ނަމޫނާ އަދި އަދާއިޖެހެންދެންވެސް ހިފަހައްޓާކަން އެއީ ނަޞީބެކޭވެސް ހިތަށް އަރައެވެ. ބައެއް ޙާލަތްތަކުގައި ދަރިން ތަފާތު ކުރެވުމަކީ އިންސާނީ ޠަބީޢަތެވެ. އެކަމުގައި ހިފައިގެން ދުނިޔެ ޢުމުރު އުޅުމަކީ އަހަރެންގެ ގޮތެއް ނޫނެވެ.
” ދަރިފުޅާ އާދެ ކާން. އަދުހަމްވެސް އެބައުޅޭ ކައި.” އަހަރެންގެ ދޮރުގައި ޓަކި ޖަހާލަމުން މަންމަ ބުނެލިއެވެ.
” ލައްބަ މަންމާ. މިދަނީ.” އެހެން ބުނުމަށްފަހު، ކުޑަ އިރުކޮޅެއް ފަހުން އަހަރެން ކޮޓަރިން ނިކުމެގެން ދިޔައީ ކާގެއަށެވެ. އޭރު އަދުހަމް އިނީ ބަތްކާށެވެ.
” ހާދާ ވަރަކަށް ތިކަނީ. ތިވަރަށްކަންޏާ ވަރަށް އަވަހަށް ފަލަވާނެ.” ގޮޑީގައި އިށީންނަމުން އަހަރެން ބުނީމެވެ.
” ފަލައެއްނުވާނެ. އެއީ ހުސްދޮގު. ރަނގަޅަށް ކައިގެން ނޫނީ ރަނގަޅަކަށް ނުކިޔެވޭނެ. މިޢުމުރުގައި އަހަރެމެންޖެހޭނެ ރަނގަޅަށްކާން.” އަދުހަމަކީ އާދައިގެ ކުއްޖެއްނޫނެވެ.
” އެކަމަކު، ބޭބެއަކަށް ތިވަރަކަށް ނުކެވޭނެ.” އަހަރެން ބުނީމެވެ.
” ބޭބެ. ކުޑަ ވާހަކައެއް އަނހާލަންތަ؟” އަދުހަމް އަނހާނީ ކޮން އެއްޗެއް ހެއްޔެވެ؟
” ރޭގަ ކީއްވެ ނިދަން ނައީ؟” އަދުހަމް އެހެން ބުނުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ.
” އެއީ ކުޑަ ކަމެއް ދިމާވެގެން.” އަހަރެން ބުނީމެވެ.
” ގެއަށް ނިދަން ނާންނަވަރުގެ ކުޑަ ކަންތައްތައް ދަންވަރު ގަޑީގަ ދިމާވޭތަ؟ އެއީ އަނެއްކާ ކޮން ކަމެއްބާ؟” އަދުހަމަކީ ބޯހަރު ކުއްޖެކެވެ.
” ދެން ކޮއްކޮ އެކަމާއި އަޅާނުލާ. ހަނދާންކޮށް މަންމައަށް އެކަން ނާންގައްޗޭ.” މަންމައަށް އެކަން އެނގިއްޖެއްޔާ ވަރަށް ހިތްހަމަ ނުޖެހޭނެއެވެ.
” މައްސަލައެއް ނޯންނާނެ. އެކަމަކު، އޭރުން ޑަބަލް ޕިއްޒާ. އޯކޭތަ؟” އަދުހަމް ލާނެތް ރާގަކަށް ބުނެލިއެވެ.
” މައްސަލައެއްނެތް.” ޕިއްޒާ ދީގެން ނަމަވެސް، މަންމައާއި ހަމައަށް އެކަން ދިއުމަށް އަހަރެން ބޭނުމެއްނޫނެވެ.
=ނުނިމޭ=
4 Comments!
Comments are closed.
Hope diz one will b really interestin…waiting for next part….?
Can u plx update shudhoo?? Mi story thah up kuumuge badhal gaa shudhoo up khdhee heyo nuvaane!!!
eh vaahaka nunimma aneh vaahaka…..plx…shudhoo up koh dheeba….mi vaahaka vx salhi..
yess………… shudhoo vaahaka up kohdhyba