ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 31
ގެއަށް ދިޔައިރު ނީކިޔާ އާއި ޔޫޝައު ވާހަކަ ދައްކަން ތިއްބެވެ. ލަމާން ފެނުމުން ނީކިޔާ ދުރުބަލަންފެށި ގޮތުން ލަމާން ހިތުގައި ސުވާލު އުފެދުނެވެ.”މިގެއިން ސައި ބޮއިގެން ދާންވާނީ..އާދޭ އެތެރެއަށް..” ނުކްޝާން އެހެން ބުނެ އެތެރެއަށް ވަނުމުން ނަވްޔާ އާއި ޔަމްހާ އަދި ޔޫޝައު ވެސް އެތެރެއަށް ވަނެވެ. ނީކިޔާ ވަންނަން ދިއުމުން ލަމާން އަތުގައި ހިފާ ހުއްޓުވިއެވެ.”ހާދަ އަވަހަކަށް ދާން ތި އުޅެނީ..” ލަމާން ހިނިތުންވިއެވެ. ހިނދުކޮޅަކަށް ނަމަވެސް ނީކިޔާގެ އިޙްސާސްތައް ކޮންޓްރޯލް ކުރަން ދަތިވެ އެ ރީތި ޖާދޫވީ ހިނިތުންވުމުގައި ޖެހުނެވެ. ލަމާން ނީކީޔާގެ މޫނުގައި އަތްލާން އުޅުމުން ހަމަހެއަށް އާދެވުނު މީހެއް ފަދައިން ދެފަހަރަކު ލޯ މަރާލާފައި ހުޅުވާލިއެވެ. ލަމާން ވެސް ނީކިޔާގެ އަތުން ދޫކޮށްލަމުން ޖީބުން ކަރުދާސް ކޮޅެއް ނަގާ ނީކީޔާގެ އަތަށް ދިނެވެ. ހައިރާންވެފައި ހުރެ ނީކިޔާ އެ ބަލާލިއެވެ. އޭގައި ވަނީ ރެސްޓޯރަންޓަކަށް ދިއުމަށެވެ. އެތަނުގެ ނަމާއި ދާންވީ ގަޑި އެ ގަނޑުކޮޅުގައި ލިއެފައި ވިއެވެ. އިތުރު އެއްޗެއް ނުބުނެ ފާޑަކަށް ރަކި ވުމުން ލަމާން އެތެރެއަށް ވަނެވެ. ނީކިޔާ އެ ރެސްޓޯރަންޓް އަށް ދާން ނިންމިއެވެ. އިތުރަށް އެކުވެރިކަން ބޭނުން ނުވާ ވާހަކަ ބުނުމަށެވެ.
**31 ވަނަ ޕާޓު**
އަށްގަޑި ފަނަރަ ވީއިރު ނީކިޔާ ހުރީ ތައްޔާރު ވެގެންނެވެ. ނުކްޝާން ކައިރީގައި ތަނަކަށް ދަނީއޭ ބުނެފައި ނީކިޔާ ނިކުމެ ލަމާން ބުނި ރެސްޓޯރެންޓަށް ދާން ހިނގައިގަތީ ހިތްވަރު އާ ކުރަމުންނެވެ. ނަމަވެސް އެ ރެސްޓޯރަންޓް އާއި ހިސާބަށް ދިޔައިރު ނީކީޔާގެ ހިތް އަވަސްވެ ދާހިތްލާ ގޮތްވިއެވެ. ލަމާން އޭރު ދޮރު ކުރިމަތީގައި ހުއްޓެވެ. ލަމާން ލައިގެން ހުރީ ކަޅުކުލައިގެ ޓީޝާޓާއި ޖީންސް އެކެވެ. އެތަނަށް އައި މަޤްސަދު ނީކިޔާއަށް އޮޅެން އުޅުނެވެ.”އާދޭ..” މަޑުމައިތިރި ކަމާއެކު ލަމާން އެހެން ބުނަމުން ނީކިޔާ ގޮވައިގެން މީހުންތިބި މޭޒު ކައިރިން ލާފައި ހަތަރު ވަރަކަށް މޭޒު ދޫކޮށްފައި ގޮސް އިށީނެވެ. އެވަގުތު ވެއިޓަރ އައިސް ކާންވީ އެއްޗެހި އޮޅުންފިލުވައިގެން ދިޔައެވެ. އިރުކޮޅެއް ނުވެ ކާއެއްޗެހި ގެނައުމުން ލަމާންއާއި ނީކިޔާ ކާންފެށިއެވެ.”އަސްލު އިނގޭތަ ޑިނާރ އަށް މި އިންވައިޓް ކުރީ ކީއްވެކަން؟؟” ލަމާން ފެންފޮދެއް ބޯލިއެވެ.”ނޫން.. އެކަމް..އަ..” ނީކިޔާ ބުނަން އުޅުން ވާހަކަ ދުލާއި ހަމައަކަށް ނައެވެ.
“ހްމްމް؟؟..” ކެތްތެރިކަމާއި އެކީ ލަމާން ނީކިޔާއަށް ބަލާލިއެވެ.”އެއީ.. އަޅާ ނުލާ..” ލަމާންގެ ނަޒަރު ހުއްޓިފައި ވުމުން ނީކިޔާގެ ހިތްވަރު އެކަށް އެލުނެވެ.”އޯކޭ އޯކޭ.. ތިހެންވީއިރު އަހަރެން ވަރަށް މުހިންމު ވާހަކަ އެއް ބުނަން ބޭނުން..” ލަމާން ހިނިތުންވުމާއި އެކީ ޖީބަށް އަތް ޖަހާލައިގެން ކޮޅަށް ތެދުވިއެވެ. ދެތިން މީހެއްގެ ނަޒަރު އެދިމާއަށް ހުއްޓުނު ނަމަވެސް އެމީހުން އަޅާ ނުލިއެވެ. ކައި ނިމިގެން ދާން ތެދުވީ ކަމަށް ހީކުރީ ކަންނޭނގެއެވެ. ނީކިޔާ ކައިރިއަށް އައިސް ލަމާން އެއްފައި މައްޗަށް ތިރިވިއިރު ނީކިޔާގެ ހިތުގެ ތެޅުން ދިޔައީ ފަހަރަކަށްވުރެ ފަހަރެއް ބާރުވަމުންނެވެ.”ނީކް ވިލް ޔޫ މެރީ މީ..” ލަމާން ޖީބުން އަނގޮޓި ނެގިއެވެ. ބަސްހުއްޓިފައި އިން ނީކިޔާގެ ހިތް އުފަލުން ވަރެއް ނެތެވެ. ނަމަވެސް އަނެއްކާ ވެސް ލަމާންގެ ނުލަފާ ކަން ހިތަށް އައުމުން އެ އުފާވެރިކަން އެއްފަހަރާ ނެތި ދިޔައެވެ. ނީކީޔާގެ ޖަވާބެއްގެ އިންތިޒާރުގައި އިން ލަމާން ކެތްތެރިކަން ދިޔައީ ކޮޅުންލަމުންނެވެ.”އެންމެ ރަނގަޅު ފަހުން ޖަވާބެއް ދިނަސް.. ނީކް ބޭ..”
“މިގަޑީގައި ޖަވާބެއް ދެވިދާނެ.” ލަމާން ވާހަކަ ދައްކަ ދައްކާ ހުއްޓާ ނީކިޔާ ބުންޏެވެ. ނީކީޔާގެ ޖަވާބަކަށް ވާނީ އާނއެކޭ ކަމަށް އުންމީދުކޮށް ލަމާން ހިނިތުންވިއެވެ. ނަމަވެސް ލަމާންގެ އަތުގައި އޮތް އަނގޮޓި އާއި މާބޮނޑި ލަމާންގެ މޫނުމައްޗަށް ނީކިޔާ އެއްލާލިއެވެ. “މައި އާންސާރ އިޒް ނޯ.. އަހަރެން ހަމަހޭގައި ހުރެގެން ދުވަހަކު ވެސް ލަމާންއާ މެރީއެއް ނުކުރާނަން.. އެކުވެރިކަމެއް ވެސް ބޭނުމެއް ނޫން.. ތި ލޯބީގެ ޑްރާމާ ކުޅެން މަގޭ ކައިރިއަށް ނައިސް އެހެން އަންހެން ކުއްޖެއް ކައިރިއަށް ދޭ. މަށެއް ނުހެއްލޭނަން ތި އަކަށް. އަންހެން ކުދިން އުޑުން އޮހޭނުން ލަމާންއަށް.. ތިކަހަލަ ކިތަންމެ އަނގޮޓިއަކާ ކިތަންމެ މާ ތަކެއް ވެސް ގަނެވިދާނެ.. އެކަމް ދުވަހަކު ވެސް ނީކިޔާއެއް ނުގަނެވޭނެ.. ވަރަށް ސަލާމް.” ނީކިޔާ ހިތާއި ދެކޮޅަށް އެއްޗެހި ގޮވައި އެންމެ ސިކުންތެއްވެސް މަޑުނުކޮށް އެތަނުން ނިކުތެވެ. ލަމާން އަށް ލިބުނު ޝޮކްގައި ކޮޅަށް ތެދުވަން ވެސް ހަނދާން ނެތުނެވެ. މީގެ އިރުތަކެއް ކުރިން އޭނަ ބިނާ ކުރަން ފެށި ޚިޔާލީ ލޯބީގެ ގަނޑުވަރު ބިމާއި ހަމަވީ ނުވެސް ވިސްނާ ހުއްޓައެވެ. އެންމެ ފަހަރަކު ހިތް އެދޭ ގޮތަށް ކަންތައް ކުރުމުން މިހެން ވީ ކީއްވެ ހެއްޔެވެ؟ އެތަށް މާނަފުން ބަސްތަކެއް ނީކިޔާއަށް އިއްވިއިރު ކުޑަކޮށް ވެސް ނަގައި ނުގަނެވުނީ ކީއްވެ ހެއްޔެވެ؟ ނީކިޔާ އޭނާއަށް ނަފްރަތު ކުރޭ ހެއްޔެވެ؟ ލަމާންގެ ހިތުގެ ހާލު ނީކިޔާއަށް ބަޔާން ކޮށްދިން އިރު ނީކިޔާ އެ ނެގީ ސަމާސާއެއް ގޮތަށް ހެއްޔެވެ؟ ލަމާން އަކީ ވެސް ދުނިޔޭގެ ނާކާމިޔާބީ ލިސްޓްގެ ތެރެއަށް އަލަށް އިތުރުވި މީހެއް ބާއެވެ؟
މާޔޫސް ކަމާއި އެކު ލަމާން ކޮޅަށް ތެދުވި އިރު ނުރޮވި ހުރީ ކިރިޔާއެވެ. ހިތް ކުދިކުދި ވެފައި ނީކިޔާ އޭނައާއި ދިމާއަށް އެއްލާލި އަނގޮޓިނަގައި އޭގައި ތުންފަތް ޖައްސާލިއެވެ. އުންމީދެއް ނެތް ގޮތަކަށް މާބޮނޑި ހިފައިގެން ލަމާން ރެސްޓޯރެންޓް އިން ނިކުތް އިރު އެ ދެލޯ ފުރިފައިވަނީ ވޭނީ ކަރުނައިންނެވެ. ބިއްލޫރި ކޮޅެއްހެން ނީކިޔާ ލަމާންގެ ހިތް ތަޅާލި އިރު އެއްކަމެއް ވެސް ނުކުރެވުމުން ލަމާންއަށް ކުށްވެރި ކުރެވުނީ އަމިއްލަ ނަފްސެވެ. ލަމާންއަށް އިނގެއެވެ. ނީކިޔާ ނޫން އެހެން އަންހެން ކުއްޖަކާ ރައްޓެހި ވެ ޓޭޕް އަޅައިގެން ވިޔަސް އެ ހަލާކުވެފައިވާ ހިތް އަލުން އަނބުރާ ގެނައުމަކީ ވާނޭ ކަމެއް ނޫނެވެ. ކުޑަމިނުން ހިތް އުފާކޮށްލަން އެކަހަލަ ސަމާސާއެއް ވެސް ދެން ނުކުރެވޭނެއެވެ. މޯޅިވެފައިވާ މޫނަކާއި އެކީ ލަމާން ގެއަށް ވަތް ގޮތަށް ހުޝާން ގޮވަގޮވާ އޮއްވާ ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. ކަމެއް ގޯސްވެއްޖެކަމުގެ ރަތް ސިގްނަލް ހުޝާންއަށް އައީ ލަމާންގެ ކޮޓަރިން އެއްޗެހިތައް ތަޅައިގެން ތިޔަ އަޑު އިވުމުންނެވެ. އެއީ ދުވަހަކު ވެސް ލަމާން އުޅުން ގޮތެއް ނޫނެވެ. ކަމެއް ގޯސްވާއިރަށް ނުވަތަ ހިތާމަވެރިކަމެއް ދިމާވާއިރަށް އެންމެ ގާތުގައި ހިތްވަރު ދޭން ހުންނާނީ ލަމާން އެވެ. އެމީހުންގެ ބައްޕަ މަރުވީ ދުވަހުވެސް ހިތަށް ކޮށްފައިވާ އަސަރާއި އެކީ ހުޝާން އަށާއި އެމީހުންގެ މަންމައަށް ހިތްވަރު ދިނީ ހަމަ ލަމާން އެވެ.
“ލައްމު.. މި ދޮރު ހުޅުވާ ބަލަ..ކަމެއް ގޯސްވީތަ؟؟ ލައްމު… ލައްމޫ..” ހުޝާން ހާސްވެފައި ދޮރުގައި ޓަކިދޭން ފެށިއެވެ. އޭރު ހުޝާންގެ އަންހެނުން ލަހުޝާ ވެސް ވީގޮތެއް ނޭނގިގެން އިނެވެ. އެތެރެއިން ޖަވާބެއް ނުލިބުމުން ހުޝާން ދޮރުގައި ބާރަށް ޖަހަން ފެށިއެވެ. ދެންވެސް ޖަވާބެއް ނުލިބުނެވެ. އިތުރަށް ޓަކިދޭން ނުހަދާ ހުޝާން ޑަބަލް ކީ ހިފައިގެން އައިސް އެ ދޮރު ހުޅުވިއެވެ. އޭރު އެ ކޮޓަރި ވަނީ އެފުށްމިފުށަށް ޖަހާފައެވެ. އެނދުގެ ބާލީސްތައް އެކި ދިމަދިމާގައި ހުރިއިރު ސެންޓް ފުޅިއާއި ލޯޝަނާއި އެހެނިހެން އެއްޗެހިތައް ވެސް ވަނީ ޓައިލްސްތައް މަތީގައެވެ. ދެތިން ސެންޓް ފުޅި ތެޅިފައި އޮތެވެ. އެނދުގެ ބެޑްޝީޓް ވެސް ހަތަރުކަން ނައްޓާފައި އޮތް އިރު ފޮތްތައް ވެސް އެގޮތް މިގޮތަށް ބިންމަތީގައި އޮތެވެ. ގަނޑުތައް ވަކިނުވާ ފޮތެއް ނެތެވެ. ލަމާން ކޮޓަރީގެ ކަނެއްގައި ދެފައި މޭގައި ޖައްސާ ބޯ ކަކުލުގައި އަޅައިގެން އިނެވެ. ފައި ކައިރިން ލެއާއި ބިއްލޫރި ކޮޅުތައް ފެންނަން ހުރުމުން ފައި ކެފުނީކަށް އިނގުނެވެ. ހުޝާންގެ ދެލޯ ބޮޑުވެ އަނގަ ވެސް ހުޅުވުނެވެ.”ލައްމު.. ކިހިނެއްވީ..” އެއްބަނޑު އެއްބަފާ ބޭބެ އިން ޙާލު ފެނިފައި ހުޝާން ދެރަވާގޮތްވިއެވެ. މަޑުމަޑުން ލަމާން ބޯ ހިއްލާލިއެވެ. އޭރު އެދެލޯހުރީ ރަތްވެ ދުޅަވެފައެވެ.
“ކަމެއް ނުވޭ ކީއްކުރަން ތި ވަނީ ހުއްދައާ ނުލާ..” ހުޝާން ގައިގައި ބައްދާލައި ރޮވެން އުޅުނު ނަމަވެސް ލަމާން އަކީ ދުވަހަކު ވެސް އިޙްސާސްތައް ބަންޑުންކުރި މީހަކަށް ނުވާތީ މިފަހަރު ވެސް ޖަވާބު ދިނީ އާދައިގެ ގޮތަކަށެވެ.”ނޯ.. ތީ ދެން ކޮންކަހަލަ ދޮގެއް.. ލައްމު ތީ ދުވަހަކު ވެސް ކަމަކާ އަޕްސެޓް ވެގެން ކޮޓަރިއަށް ވަރުބާލާ މީހެއް ނޫން.. ކިރިޔާ ކަމެއް ވާއިރަކަށް ނުރޯނެ.. އަމިއްލަ ނަފްސަށް ގެއްލުން ދިނުމަކީ ލައްމު ކުރާ ހިތްވާ ކަމެއް ނޫނޭ އެކަމް ބަލަބަލަ ތި ފައި.. ފޮރުވަން ނޫޅެބަލަ.. ކުރިން ކަމެއް ނުވެއޭ ބުނާއިރަށް މަ ޤަބޫލު ކުރަމެއްނު؟ އެކަމް މިހާ ބޮޑުވަރު ވީތަން އަދި ކިރިޔާ މި ދެކުނީ.. މަށަށް އިނގޭ ލައްމުގެ ކެތްތެރިކަން ކޮޅުންލާނީ ވަރަށް ވަރުވީމަކަށް..” ލަމާންގެ ކަކުލުގައި ހުޝާން އަތް ބާއްވާލިއެވެ.”ބުނެބަލަ.. އެކުއްޖާ ނޫނެކޭ ބުނީތަ؟” ލަމާން ފެންކަޅިވެފައި ހުޝާންއަށް ބަލަން އިނުމުން ހުޝާންގެ ހިތަށްވެސް އަސަރު ކުރިއެވެ. ލަމާން ޖަވާބު ނުދިނުމުން ހުޝާން ދެރަވެފައި އަވަސްވީ ލަމާން ފައިގައި ބޭސް އަޅަންށެވެ.
“ހުޝާން..” ބޭސް އަޅާފައި ކޮޓަރިން ނިކުންނަން ހުޝާން ދަނިކޮށް ލަމާން ގޮވާލިއެވެ.”ނުކްޝާން ކައިރީގަ މިވާހަކަ ނުބުނާތި އިނގޭ. އަސްލު.. އަހަރެންނަށްވެސް ނޭނގިގެން މިގޮތަށް ކަންތައް ކުރެވުނީ. ކޮންޓްރޯލެއް ނުކުރެވުނު މީ ފުރަތަމަ ފަހަރު ވީމަ.. ސޮރީ..” ލަމާން މަޢާފަށް އެދުނެވެ.”އިޓްސް އޯކޭ..ވެދާނެ މިހުރިހާ ދުވަހު ހިތުގަ ފޮރުވައިގެން އުޅުނު ފީލިންގްސްތައް މިއަދު ބޭރުވީކަމަށް.. ދެން ނިދާލާ.” ހުޝާން އެހެން ބުނެފައި ކޮޓަރިން ނިކުތެވެ. އޭރު ލަހުޝާ ލަމާންގެ ކޮޓަރި ކުރިން ހުރިގޮތަށް ހަދައިފިއެވެ. ލަމާން ނީކިޔާއަށް ދޭން ގެނައި އަނގޮޓި ގެނައިއިރު އިން ގޮތަށް ހަދާފައި މާ ބޮނޑިއާއި އެކީ އަލާމާރީގެ މައްޗަށް ލިއެވެ. ނީކީޔާގެ ޚިޔާލުތަކުން ފުރިފައިވި ލަމާންގެ ސިކުނޑި އިތުރަށް ބާރުބޮޑުވީ މިރޭ ކުރި ކަންތަކާ މެދު އަމިއްލަ ނަފްސުދެކެ ހިތްހަމަ ނުޖެހުމުންނެވެ.
ބީޗްގައި އިން ނީކިޔާ ވަނީ ރޮއި ރޮއި ހަލާކު ވެފައެވެ. ރެސްޓޯރެންޓް އިން ނިކުމެ ދިޔަ ގޮތަށް ނީކިޔާ ދިޔައީ ބީޗަށެވެ. ވަރަށް އަވަހަށް އަންނާނެކަމަށް ބުނެ ނީކިޔާ ދިއުމަށް ފަހު ދެގަޑިއިރެއް ވީއިރު ވެސް ނައުމުން ނުކްޝާން އާއި ނަވްޔާ އަދި ޔަމްހާގެ ފޯނުކޯލުތައް އެތަށް ފަހަރަކު އައިސްފިއެވެ. ނަވްޔާ އާއި ޒާއިފްގެ މެދުގައި މަައްސަލައެއް ޖެހިގެން އުޅޭއިރު އަނެއްކާ ނަވްޔާ ހާސްކުރުވަން ބޭނުން ނުވާތީ ނީކިޔާ ކުޑަ ކުޑަ މެސެޖެއް ލިޔެފައި ފޮނުވިއެވެ. ވަރަށް ކުޑަ އިރުކޮޅަކުން ގެއަށް ދާނެ ކަމަށެވެ. ނުކައި ހުރެ ގިނައިން ރުއިމުގެ ސަބަބުން ނީކިޔާގެ ހަށިގަނޑުގައި ވަރުބަލިކަމެއް އުފެދިފައި ވިއެވެ. ފޯނުން ސެލްފީއަށް ލައި މޫނު ހުރީ ރަނގަޅަށްތޯ ނީކިޔާ ބަލާލިއެވެ. ކުޑަކޮށް މޫނު ފުހެލާފައި ހިނިތުންވުމެއް މޫނުމައްޗަށް ލަމުން ނީކިޔާ ގެއަށްދާން ހިނގައިގަތެވެ. ފިރިހެން ކުއްޖަކާއި ހެދި އޭނަ މިހާ ބޮޑު ހިތާމައެއް ކުރާކަން ނުކްޝާންމެންނަށް އިނގެން ބޭނުމެއް ނޫނެވެ. ޚާއްސަކޮށް ލަމާންގެ ސަބަބުންކަމެވެ.
ގެއަށް އައި އިރު ނުކްޝާން އިނީ ކަންބޮޑުވެފައެވެ.”ނީކް އަށްވާ ސާބަސް.. އަހަރަމެން ހީކުރީ ނީކް އަށް ކަމެއް ވީ ކަމަށް.. ހާދަ ގިނައިރެކޭ ކޮންތާކަށް ދިޔައީ؟؟..” ނަވްޔާ ސުވާލުތައް އޮއްސަށް ފެށިއެވެ.”ޝަޓް އަޕް ދޯ.. މި އައީ ފްރެންޑެއްގެ ކައިރިން.. ތިހާ ހާސްވާކަށް ނުވޭ އަހަރެން މިހުރީ ސަލާމަތުން.. ދަނީ ނިދަން..” ނިދިއައިސްފައި ހުރުމުން ނީކިޔާ އަވަހަށް ކޮޓަރިއަށް ވަނެވެ. ޔަމްހާ ކުރިން ނިދީ އެނބުރުން އަރާ ގޮތް ވާތީއެވެ. ނީކިޔާ އައުމުން އިތުރަށް މަޑުކުރަން ނުހަދައި ނުކްޝާން ކޮޓަރިއަށް ވަނެވެ. ފުން ނޭވާއެއް ލަމުން ނަވްޔާ ނީކިޔާ ފަހަތުން ކޮޓަރިއަށް ވަނެވެ. ޒާއިފް އޭނާ ހޯދަން އައި ނަމަވެސް ރުޅިވެރިކަމާއެކީ އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ އެތެރެއަށް ވަންނަނީއެވެ. އެންމެ ފަހުން ނަވްޔާ ބުނީވެސް އުޅޭނެ ތަނަކު ބޭނުން މީހަކާ އެކީ އުޅެފައި އޭނަ ހޯދަން ނާންނާށޭއެވެ. ޒާއިފް އާއި އެކީގައި ޔަމްހާ ހުރުމުން އެދެމީހުންގެ ދެމެދުގައި އެ މައްސަލަ ޖެހުނީ ހަމަ ޔަމްހާގެ ސަބަބުންނޭ ހިތަށް އަރާ ކޮންމެ ފަހަރަކު ނަވްޔާ ރުޅިއާދެއެވެ. ޔަމްހާ އާއި ދިމާއަށް ހިތްފުރޭ ވަރަށް ހަޅޭއްލަވަން ބޭނުންވީ ނަމަވެސް ނުކްޝާން ރުޅި އަތުވެދާނެތީ ނަވްޔާ މަޑުން ހުރީއެވެ.
ޒާއިފް އެނދުގައި ދެފަރާތަށް ފުރޮޅޭން އޮތް އިރު ނަވްޔާ މަތިން ހަނދާންވަމުން ދިޔައެވެ. ލާ ކޮންމެ ނޭވާއަކާއި އެކީ ޒާއިފް ނަވްޔާގެ ކައިރީގައި ވުމަށް ހިތް މާ ބޮޑަށް އެދެންފެށިއެވެ. ނަވްޔާ އާއި ޒާއިފް ، ޔަމްހާ އާއި ނުކްޝާން އަދި ނީކިޔާ އާއި ލަމާންގެ މެދުގައި ހަމަނުޖެހުން އުފައްދާ އެ އާއިލާ ދުރުކުރުމަށް މަސައްކަތް ކުރާ މީހުންގެ ތެރޭގައި އޭނާ މިހުރިހާ ދުވަހު އެންމެ ގާތް އެކުވެރިޔާ ކަމުގައި ދެކިގެން އަދިވެސް މިއުޅޭ ޔޫޝައު އުޅޭކަމެއް ޒާއިފް އަކަށް ނޭނގެއެވެ. އެކުވެރިކަމުގެ ނާޖާއިޒު ފައިދާ ނަގަމުން ޔޫޝައު ދިޔައިރު ޝައްކު ވުމުގެ އިޝާރާތެއް ވެސް އަދި ނުފެނެއެވެ. ޔޫޝައުގެ ހިތުގައި ބަދަލު ހިފުމުގެ ރޫހު މާ ބޮޑަށް އޮތުމުން އެކުވެރިޔާގެ ދިރިއުޅުން ވެސް ނަރަކައަކަށް ހަދާލަން މާ ބޮޑު ކަމަކަށް ނުވިއެވެ. އެހިތުގައި ވަނީ އެންމެ ދެކަމެވެ. ބަދަލު ހިފުމާއި ފައިސާއެވެ. ޔޫޝައު ހިތުން ފައިސާ ލިބުނު ވަރަކަށް ގިނަ އަންހެން ކުދިން އޭނަދެކެ ލޯބި ވާނެއެވެ. މިއީ ތެދު ނޫންކަން އިނގޭ ވަރަށްވުރެ ޔޫޝައު މާ އެދުން ބޮޑުވެ.
ޖެހިގެން އައި ދުވަހު ނީކިޔާ ޑިއުޓީއަކަށް ނުދެއެވެ. ޝާރާ އެގެއަށް އައީ ޔޫޝައު ނިކުތް ވަގުތެވެ.”ސޮރީ އިނގޭ ކުރިން ދުވަހު ނާދެވުނީމަ..” ގެއަށް ވަދެފައި ޔަމްހާ ކައިރީގައި ޝާރާ މަޢާފަށް އެދުނެވެ.”އޯހ..އެއީ މައްސަލަ އެއް ނޫން. ކިހިނެއްތަ؟؟..” ހިތްހެޔޮ ހިނިތުންވުމަކާ އެކު ޔަމްހާ އެހިއެވެ.”ރަނގަޅު އިރާދަކުރެއްވީތީ.” ޝާރާ ޔަމްހާ އާއި ދިމަ ބަލާލިއެވެ. ދެމީހުން އެގޮތަށް ވާހަކަ ދައްކަމުން ދިޔައިރު ޝާރާ ބައެއްފަހަރު އަހާލާ ސުވާލުތަކުން ޔަމްހާ ދެރަވެއެވެ. ކުޑައިރުގެ ވާހަކަ އިން ފެށިގެން ސްކޫލް ދައުރު ނިމެންދެން އެކި ކަހަލަ ސުވާލުތައް ކުރިއިރު ޔަމްހާގެ ލޮލަށް ސިފަވަނީ ޔޫޝައު މަތީންނެވެ. ޔަމްހާ މާ ބޮޑަށް ބަސްމަދުވާން ފެށުމުން ޝާރާއަށް އިތުރަށް ސުވާލު ކުރާކަށް ނުކެރުނެވެ.
ނީޝާ ނިޔަފަތި ތަކުގައި ކުލަ ޖައްސަން އިންދައި ސިހުނީ ޔޫޝައުގެ ކޯލެއް އައުމުންނެވެ.ފުން ހިނިތުންވުމަކާ އެކީ ނީޝާ ފޯނު ނެގިއެވެ.”ކަންތައްތައް ކިހިނެއް؟؟..” ނީޝާ ފުރަތަމަ ވެސް އެހިއެވެ.”ބަރާބަރު. ނުކްޝާން އާ ޔަމްހާގެ ކަންތައް ކުޑަކޮށް ދަތިކޮށް ދަނީ. އެހާ ވަރަށް އިތުބާރު ކުރާކަށް ނުވާނެ އެކަހަލަ ސުންޕާ އަންހެނަކަށް ޚާއްޞަކޮށް. އެވަރު ކުޑަމިނުން ނުކްޝާން އަށް ވިސްނޭނަމަ..” ޔޫޝައު ބުންޏެވެ.”ޔޫޝައު ހާސްކަނޑާލަބަލަ. މަ މިހުރީއޭ އެމީހުން ހުއްޓުވަން.” ނީޝާ ސާބިތުކަންމަތީ ޖަވާބު ދިން އިރު ޔޫޝައު އަށް ވެސް ހީލެވުނެވެ.”ސުދާ ވެސް ނީޝާ ހެދިހެން ނުކްޝާންގެ ބޭނުމުގަ ހަމްނާ ބޮލަށް ވަދެފި.. ހަމްނާ ވެސް ބޭނުން ވަނީ ނުކްޝާން.. މަ ހުންނަނީ ހީހީ ހަލާކު ވާވަރު ވެފަ.. ސުދާ ވެސް ހީކުރަނީ ކަންނޭނގެ ނީޝީ އުޅެނީ ސުދާއަށް ނުކްޝާން ދޭންށޭ..” ޔޫޝައު އެހެން ބުނުމާއެކު ނީޝާ ހޭންފެށިއެވެ. ދެމީހުން ބައިވެގެން ސުދާ އަށާއި ހަމްނާއަށް މަލާމާތް ކުރަން ތިބީ ކިހާ އިރަކު ކަމެއް ނޭނގެއެވެ.
ޔަމްހާ ވަރަށް ހިތްހަމަ ޖެހިފައި އިންތަން ފެނި ނުކްޝާން އަށް ވެސް ހިނިތުންވެވުނެވެ. ނުކްޝާން ކޮޓަރިއަށް ވަތް އިރު ހުރީ ވަރުބަލި ވެފައެވެ. ފެންވަރަން ވެގެން ވަންނަން އުޅެނިކޮށް ޔަމްހާއަށް ނޭނގިގެން ނުކްޝާންގެ ގައިގައި ޖެހިފައި ވެއްޓެން އުޅުނެވެ. ހުޝިޔާރު ކަމާއެކު ނުކްޝާން ޔަމްހާގެ އުނަގަނޑުގައި ހިފާ ކައިރިއަށް ދަމާލިއެވެ. ލަދުން އިސްޖަހާލައިގެން ޔަމްހާ ހުރިއިރު މޫނުމަތިން ލަދުވެތިކަން ފެންނަން ފެށިއެވެ. ޔަމްހާ އާއި ދުރުވާ ހިތް ނެތުމުން ނުކްޝާން އިތުރަށް ކައިރިވާން އުޅެނިކޮށް ފޯނު ރިންގްވާންފެށިއެވެ. ޗޮކެއް ކަނޑާލާފައި ނުކްޝާން ޔަމްހާ ގައިން ދޫކޮށްލަމުން ފޯނު ނަގާ ބަލާލިއިރު އަރާފައި އިނީ ހަމްނާގެ ނަމެވެ. ކިހިނެއްވީ ބާއޭ ހިތަށް އަރަމުން ނުކްޝާން ފޯނު ނަގާ ސްޕީކާރ އަށް ލިއެވެ.”ލޯބި އާދެބަލަ ގެއަށް..” ހަމްނާ ބުނި ވާހަކައިން ނުކްޝާން ވަގުތުން ސްޕީކާރ އޮފް ކުރެވުނެވެ. އެގޮތަށް ހެދުމުން ޔަމްހާއަށް ކުޑަކޮށް ޝައްކުވާގޮތް ވިއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


