ޔަމްހާ ވަރަށް ހިތްހަމަ ޖެހިފައި އިންތަން ފެނި ނުކްޝާން އަށް ވެސް ހިނިތުންވެވުނެވެ. ނުކްޝާން ކޮޓަރިއަށް ވަތް އިރު ހުރީ ވަރުބަލި ވެފައެވެ. ފެންވަރަން ވެގެން ވަންނަން އުޅެނިކޮށް ޔަމްހާއަށް ނޭނގިގެން ނުކްޝާންގެ ގައިގައި ޖެހިފައި ވެއްޓެން އުޅުނެވެ. ހުޝިޔާރު ކަމާއެކު ނުކްޝާން ޔަމްހާގެ އުނަގަނޑުގައި ހިފާ ކައިރިއަށް ދަމާލިއެވެ. ލަދުން އިސްޖަހާލައިގެން ޔަމްހާ ހުރިއިރު މޫނުމަތިން ލަދުވެތިކަން ފެންނަން ފެށިއެވެ. ޔަމްހާ އާއި ދުރުވާ ހިތް ނެތުމުން ނުކްޝާން އިތުރަށް ކައިރިވާން އުޅެނިކޮށް ފޯނު ރިންގްވާންފެށިއެވެ. ޗޮކެއް ކަނޑާލާފައި ނުކްޝާން ޔަމްހާ ގައިން ދޫކޮށްލަމުން ފޯނު ނަގާ ބަލާލިއިރު އަރާފައި އިނީ ހަމްނާގެ ނަމެވެ. ކިހިނެއްވީ ބާއޭ ހިތަށް އަރަމުން ނުކްޝާން ފޯނު ނަގާ ސްޕީކާރ އަށް ލިއެވެ.”ލޯބި އާދެބަލަ ގެއަށް..” ހަމްނާ ބުނި ވާހަކައިން ނުކްޝާން ވަގުތުން ސްޕީކާރ އޮފް ކުރެވުނެވެ. އެގޮތަށް ހެދުމުން ޔަމްހާއަށް ކުޑަކޮށް ޝައްކުވާގޮތް ވިއެވެ.

 

**32 ވަނަ ޕާޓު**

 

“އަޅޭ ސޮރީ އޮޅިގެން.. އަސްލު ހީކުރީ އެހެން މީހެއް ކަމަށް..” ފޯނު ކަންފަތުގައި ޖަހާލިފަހުން ހަމްނާ ބުންޏެވެ. ހާސްވެފައި ނުކްޝާން ޔަމްހާ އާއި ދިމަ ބަލާލީ ޔަމްހާ ހިތަށް އަރާނެ އެއްޗެއް ނުވިސްނޭތީއެވެ. ނުކްޝާން އަށް އޭނަ އާއި ޔޫޝައު ގާތުގައި ހުރިއިރު ހެދިގޮތް ހަނދާންވުމުން ޔަމްހާ ހިނިތުންވީ އިތުބާރު ކުރަމޭ ބުނާފަދަ ގޮތަކަށެވެ. އުފާ ވީ ވަރުން ފޯނު މޭޒުމަތީގައި ބާއްވާފައި ނުކްޝާން ޔަމްހާ ކައިރީގައި ހުއްޓުނެވެ.”ޔަމް ތެންކްސް.. އޭނަ ބުނި އޮޅިގެންނޭ.. އަހަރެން ވަރަށް ކަންބޮޑުވި ދެންމެ ޔަމް ހިތްހަމަ ނުޖެހިދާނެތީ.” ޔަމްހާގެ އަތުގައި ހިފަމުން ނުކްޝާން ހީލިއެވެ. ފޯނު ކަންފަތުގައި ޖަހައިގެން އަޑުއަހަން އިން ހަމްނާ މޫނު ކުނިކޮށްލިއެވެ.”މިހުރީ ވާ ކަމެއް ސަހާދެއްފަދަ..” މިފަހަރު ވެސް އެކަން ނުވުމުން ހަމްނާ ރުޅި ގަދަވެ އަވަހަށް ފޯނު ކަނޑާލިއެވެ.

 

ރީތިވެގެން ބޭރަށް ނިކުމެ ނުކްޝާން ލަމާންއަށް ގުޅާލިއެވެ.”އޭ ޖައްސާ ވެސް ނުލަމެއްނު..” ގެއަށް އައި ގަޑީގައި ލަމާން ނެތުމުން ނުކްޝާން ޝަކުވާ ކޮށްލިއެވެ.”ސޮރީ.. ތިހުރީ ކޮންތާކު..” ލަމާން އެހިއެވެ.”ގޭގަ.. އާދެބަލަ..” ނުކްޝާން ޖަވާބު ދިނުމުން ލަމާން ފޯނު ކަނޑާލީ މިދަނީއޭ ބުނަމުންނެވެ. ނީކިޔާ ކުރިމައްޗަށް އަރަން ޖެހިލުންވިއަސް ނުކްޝާންގެ ސުވާލުތަކަށް ޖަވާބު ދޭނެ ހިތްވަރެއް ނެތުމުން ލަމާންއަށް ޖެހުނީ އެއްބަސްވާށެވެ. އުންމީދެއް ނެތް ގޮތަކަށް ރީތިވެގެން ލަމާން ނުކްޝާން މެންގެއަށް ދިޔައެވެ. އޭރު ނުކްޝާން ޔަމްހާ އާއި އެކީ ބޭރުގައި ހެމުން ވާހަކަ ދައްކަން އިން އިރު ޔަމްހާ ވެސް އުފަލާއި އެކީ ނުކްޝާން އާއި ބައިވެގެން އިނެވެ. ނީކިޔާ އާއި އޭނަ އެގޮތަށް ތިބެވޭނެ ނަމައޭ ލަމާން ހިތަށް އެރިއެވެ.”އައީތަ؟؟..” ދުރު ބަލާލި ގަޑިއެއްގައި ލަމާން ފެނުމުން ނުކްޝާން ޔަމްހާ އާއި އެކީ ތެދުވިއެވެ. ޔަމްހާގެ އެއް މަހަށްދާ ބަނޑު ކުޑަކޮށް އިނގެން އިނެވެ. ކުރިއާ ޚިލާފަށް އަބަދު ހެވިފައި ހުންނަ ލަމާން މިފަހަރު ހުރީ ފާޑަކަށެވެ.”އޭ ކިހިނެއް ވީ؟؟ކަމެއް ގޯސްވީތަ؟؟..” އެއްޗެކޭ ނުބުނެ ލަމާން ހުރުމުން ނުކްޝާން ދެލޯ ހަނިކޮށްލިއެވެ.”އައްޗީ މަށަށް ކަމެއް ވާނެތަ؟؟ ތި ހީވާ ގޮތޭ. ކުޑަކޮށް ބަލިކޮންނޭ މިއުޅެނީ.” ލަމާން ހިނިގަނޑެއް ޖަހާލިއެވެ.

 

“ނުކް އޭއި ނަވް..” ނީކިޔާ ހާސްވެފައި ގެއިން ނުކުމެގެން އައި ވަގުތު ލޮލުގައި ލަމާން އަޅައިގަތެވެ. ވަގުތުން ނީކިޔާ އަނގަ ބަންދުވެ އަތްފައި ފިނިވިއެވެ.”ހޫމް ކިހިނެއްވީ ނަވް އަށް..” ނުކްޝާން ދެބުމަ އަރުވާލިއެވެ. ނޭނގޭ ކަމަށް ހަދާފައި އައުމަށް ބުނަމުން ނީކިޔާ މޫނު އަނބުރާލާފައި އަލުން ގެއަށް ވަނެވެ. ލަމާންގެ ހިތުގައި ރިއްސާލިއެވެ. ފުރާނަ ފަދައިން ލޯބިވި އަންހެންކުއްޖާ އެހެން ހަދާތަން ބަލަން ހެވިފައި ހުންނާނެ މީހަކީ ވަރަށް ހިތްވަރުގަދަ މީހެކެވެ. ނަސީބު ދިމާކުރިގޮތުން ލަމާން އެއީ ދަރަޖައިގެ ހިތްވަރުގަދަ މީހެއް ނޫނެވެ. ޔަމްހާ އަކީ އެހާ ގިނައިން ވާހަކަ ދައްކާ ހަދާ ކުއްޖަކަށް ނުވާތީ ހަމައެކަނި ލަމާންއަށް ހިނިތުންވުމެއް ދީފައި އިސްޖަހާލިއެވެ. ނުކްޝާން އަންނަހެން ހީވެގެން ލަމާން ކުރިން ވެފައިހުރި ހިނިތުންވުން ގެންނަމުން ޖީބަށް ދެއަތް ޖަހާލިއެވެ. އޭރު ނުކްޝާން ނަވްޔާގެ އަތުގައި ހިފައިގެން ގެއިން ނިކުންނަނީއެވެ. ލަމާން ދެބުމަ ކައިރިކޮށްލިއެވެ.”ނުކް މި ކޮންކަމެއް؟؟ ގަދަ ކަމުން ގެންދަން އެހާ މިހުންމު ތަނެއް އޮތީތަ؟؟..” ނަވްޔާއަށް ލަމާން ބަލާލިއެވެ.

 

“އޮތީހޭ ތި އަހަނީ.. އަޅެ މީނަ ޒާއިފްގެ ގެއަށް ނުދާން އުޅޭތީއޭ.. ކުރިންރޭ މައްސަލަ އެއް ޖެހިގެން މިގެއަށް އައި ގޮތަށް ދެން ނުގޮސްގެން..” ނުކްޝާން ޖަވާބު ދިނެވެ.”ހެހެ ދެން ކިރިޔާ މައްސަލައެއް ޖެހުނެކޭ ކިޔާ ޖެހޭތަ ގެއަށް އަންނަން.. އެ މައްސަލަ ހައްލު ކުރެވޭނެ ދޯ..” ލަމާން ވެސް ނަވްޔާ ކައިރީގައި ނުކްޝާން ބުނާ އެތި ބުންޏެވެ.”ނޯ.. އޭނަ އެހެން އަންހެން ކުދިންނާ އެކީ އުޅޭއިރު މަ ހުންނަންވީ ހެވިފަ؟؟ ހާދަ ހެއްވައޭ.” ނަވްޔާ ދުރު ބަލާލިއެވެ.”އަޅެ ޒާއިފް ބުނެފަނުންތަ އެއޮތީ އެއީ އަސްލެއް ނޫނޭ. އެހެން ނޫނަސް ސުދާ ދައްކާހާ އެއްޗެއް ނުވާނެ ޤަބޫލު ކުރާކަށް..” ނުކްޝާން ނަވްޔާ ކޮނޑުގައި ޖަހާލިއެވެ. “ޕިސް ނަވްޔާ ޒާއިފް ދެކެ ލޯބި ވޭ ނޫންތަ؟؟ ދެން މުޅި އުމުރު ތިހެން އުޅެގެން އެ މައްސަލައެއް ހައްލު ވޭތަ؟؟ މީހަކު ބުނި ވާހަކަ އަކަށް އުފާވެރި ދިރިއުޅުމެއް ހަލާކު ކުރަން ވާނެތަ؟ ޒާއިފް ނަވްޔާ ދެކެ ލޯބި ވާނަމަ އޭނާ ކިހާ ހިތާމައެއް ކުރާނެ ނަވްޔާ އެހެން ހެދީމަ؟؟ ނަވްޔާ ވިސްނާލަބަލަ ، ޒާއިފް ނަވްޔާ ދެރަވާނެ ފަދަ ކަމެއް ކޮށްފިއްޔާ ނަވްޔާ ހިތާމަކޮށް ރޯނެ ވަރު.. ލައިކް މިހާރު ވެސް..” ލަމާން ދެއްކި ވާހަކަ ނީކިޔާއަށް ނެގުނީ ސީދާ އޭނަ ކައިރީ ބުނި ވާހަކައެއް ހެންނެވެ. އެހެނަސް ކިތަންމެ މަކަރެއް ހަދައި އަންހެން ކުދިން ހޯދުމަކީ އެހާ ފަސޭހަ ކަމެއް ނޫންކަން ލަމާންއަށް ވިސްނައިދޭން ނީކިޔާ މޫނު މައްޗަށް ފޫހިކަން ވެރި ކުރުންވީ ލަމާންގެ ހިތުގައި އެޅުނު އިތުރު ކޫރަކަށެވެ.

 

ނަވްޔާއަށް ވެސް ވީ ނީކިޔާއަށް ވީ ވަރެވެ.”ނުވާނެ ތިކަމެއް.. ސުދާ ފޮޓޯއާ އެކީއޭ ދެއްކީ.. އެތާހުރި އަންހެން ކުއްޖާ ހެދުން ނުލާ.. ލަދުވެސް ގަނޭ އެ ވާހަކަ ބުނަން ވެސް.. އެއީ އަހަރެން ދެކެ ލޯބިވާ މީހަކު އުޅޭ ގޮތް؟؟.” ނަވްޔާ ހިތްހަމަ ނުޖެހުނެވެ.”ޒާއިފް އެއޮތީ ނޫންތަ ބުނެފަ އަންނާށޭ ގެއަށް.. މިއަދު މީ ނަވްމެންގެ ވެޑިންގްއަށް ކޮންމެސް މަހެއް ފުރުނު ދުވަސް ވީމަ އެކަން ފާހަގަ ކުރަންވެގެން އޭނަ ވަރަށް ރެޑީ ވެފަ ހުރީ.. ނަވް ޕްލީޒް ހިނގާބަލަ..” ނުކްޝާން އަތް ފޮޅާލަމުން ނަވްޔާ ގޭތެރެއަށް ވަނެވެ. ނީކިޔާ ނަވްޔާ އާއި އެކީ އެތެރެއަށް ދިޔައެވެ.”ޕިސް ދެން ކިހިނެއް ހަދާނީ ވެސް.. މީހުންގެ ދިރިއުޅުން ހަލާކު ކުރަން ސުދާ އެއީ ހަމަ އެއްވަނަ..” ނުކްޝާން ބޮލުގައި އަތް އަޅާލިއެވެ.”ނަވްޔާ ޒާއިފްއަށް މާ ބޮޑަށް ޝައްކު ކުރެވުނީ ކަމަށް ވާނީ.. ޝައްކަކީ ވެސް ދިރިއުޅުން ހަލާކު ކޮށްލާނެ ހަތިޔާރެއް..” ލަމާން ފުން ނޭވާއެއް ދޫކޮށްލިއެވެ.”ހާއި ނޫކް..” ބޯ ހާސްވެފައި އިން ނުކްޝާން ބަލާލީ ހަމްނާގެ އަޑު އިވުމުންނެވެ. އޭރު ހެވިފައި ހަމްނާ ބަލަހައްޓައިގެން ހުއްޓެވެ.

 

“ކިހިނެއްތަ ވީ..” ހަމްނާ މިހާރަކަށް އައިސް އުޅޭ ގޮތުން ނުކްޝާންގެ އެހާ ހިތްހަމައެއް ނުޖެހެއެވެ.”އާދެބަލަ ތަނަކަށް ގެންގޮސްދޭން..” ހަމްނާ އައިސް ނުކްޝާންގެ އަތުގައި ހިފާ އާދޭސް ކުރިއެވެ. ލަމާންގެ އަނގަ ދިޔައީ ހުޅުވިގެންނެވެ.”ކިހިނެއްތަ ވެގެން ތިއުޅެނީ ހަމްނާ.. ކުއްލިއަކަށް ކީއްވެތަ ތިފާޑަކަށް ތިއުޅެނީ..” ހިތްހަމަ ނުޖެހިފައި ނުކްޝާން އެހިއެވެ.”ކަމެއް ނުވެއޭ ނުކް.. އާދެބަލަ ދެން ވެސް..” އަނެއްކާ ވެސް ހަމްނާ ނުކްޝާންގެ އަތަށް ދަމާލިއެވެ. ހީވީ ކުޑަ ކުއްޖަކު އާދޭސް ކުރާހެންނެވެ. ޔަމްހާ ހީލައިގެން ބަލަން އިން ގޮތުން ލަމާން އިތުރަށް ހައިރާންވިއެވެ. ޔަމްހާ އޭނައާ ޝައްކު ނުކުރާނެކަން އިނގުމުން ނުކްޝާން އަށް ހިނިތުންވެވުނެވެ.”ނޫނޭ ނޮޓް ނައު.. އެހެން ނޫނަސް ބޭނުމެއް ނޫން ދާކަށް.. މިގަޑީގަ ޔަމްއާ އެއްކޮށް ބޭރަށް ދާން ރެޑީވެގެން މީނީ.. އެކަނި ދާންވީނުން ތިދާ ތާކަށް..” ހިފަން ޔަމްހާ އަށް އެއް އަތް ދިއްކޮށްލަމުން ނުކްޝާން ބުންޏެވެ.”ބަނޑުބޮޑު މީހަކާ އެކީ؟؟ ސާބަސް މީހުން ހީކުރަނީ ކީކޭ އޭރުން؟؟ ރީތި ޒުވާން ކުއްޖަކާ އެކީ ދިޔަޔަސް ތަންކޮޅެއް ރަނގަޅު ވާނެ ކަންނޭނގެ ނުކް..” ހަމްނާ ޔަމްހާގެ ބަނޑާއި ދިމަ ބަލާލިއެވެ. ލަމާން އަޖައިބު ވިއެވެ.

 

“ކީކޭ ހަމްނާ؟؟ކީކޭ؟؟ އެއީ އަހަރެންގެ އަންހެނުން..އެއީ އަހަރެންގެ ދަރިފުޅު..މީހުން ބުނާ އެއްޗަކަށް ބަލާކަށް ބޭނުމެއް ވެސް ނޫން.. ހީ ކުރަނީތަ ހަމްނާ ތިހެން ބުނީމަ އަހަރެން ހަމްނާ އާއި އެކީ ދާނެއޭ؟؟..” ނުކްޝާން ނުރުހުންވިއެވެ. ހަމްނާ ފުދޭވަރަކަށް ނުތަނަވަސް ވިއެވެ. އޭނަ ހީކުރީ ނުކްޝާން އަށް އޭނަ ކުރިމަތީގައި އެގޮތަށް ވާހަކަ ދައްކަން ނުކެރޭނެ ކަމަށެވެ. އެއީ ދުވަހަކު ވެސް ނުކްޝާން ގާތް އެކުވެރިޔަކާ އެގޮތަށް މުޚާތަބު ކޮށްފައި ނުވާތީއެވެ. ހަމްނާ އެއްޗެއް ނުބުނެ ހުއްޓައި ނުކްޝާން ޔަމްހާގެ އަތުގައި ހިފައިގެން ސައިކަލަށް އެރިއެވެ.”އަންނާނަން އިނގޭ.. ލައްމު ފަހުން ގުޅާނަން..” ނުކްޝާން ސައިކަލް ދުއްވާލުމުން ލަމާން ވެސް ގެއަށް ދާން ހިނގައިގަތެވެ. ހަމްނާ ރުޅިގަނޑު ކެކިގަތެވެ. އެންމެ ފަހަރަކު މިފަދަ ގޮތެއް ވެގެން ހަމްނާ ކަޑައެއް ނުވާނެ އެވެ. އެއްގޮތެއް ނެތިއްޔާ އަނެއް ގޮތެއް އޮންނާނެއެވެ. ދުވަހަކު ވެސް ގޮތެއް ހުހެއް ނުވާނެ އެވެ.

 

“ޔަމް ދެރަ ވީތަ؟؟..” ބަހެއް ނުބުނެ ޔަމްހާ އިންނަން ފެށުމުން ނުކްޝާން ދެރަވިއެވެ.”އެއީ އަޅާލާ އެއްޗެއް ނޫނޭ އިނގޭ ޔަމް..” ނުކްޝާން ޔަމްހާގެ އިސްތަށިކޮޅު ކަންފަތުގައި އަޅުވާލިއެވެ.”އަހަރެން ހީކުރީ ނުކް ހަމްނާ ދެއްކި ވާހަކަތައް ޤަބޫލު ކުރިކަމަށް..” ފެންކަޅިވެފައި ޔަމްހާ ނުކްޝާންގެ ކޮނޑުގައި ބޯ ޖައްސާލިއެވެ.”ޔަމް އަށް ހީވޭތަ އަހަރެން މީހަކު ދައްކާ ވާހަކަ ޤަބޫލު ކުރާނެހެން؟ އަހަރެން އެއަށްވުރެ މާ ބޮޑަށް ޔަމް ދެކެ ލޯބިވެއޭ ބުނީމެއްނު..” ނުކްޝާން ޔަމްހާގެ ބުރަކަށީގައި އަތް ބާއްވާލިއެވެ. ކަރުނަތައް ފޮހެލަމުން ޔަމްހާ ބޯ ޖަހާލިއެވެ.

 

ނީކިޔާ ވަރަށް ކިޔައިގެން ނަވްޔާ ބޭރަށް ނިކުތީ ފޫހިވެފައި ހުރެއެވެ.”އެބަ އަންނަން ފިހާރައަށް ވަދެލާފަ.. ނަވް ބޭނުމިއްޔާ މަޑު ކުރޭ..” ނީކިޔާ ކަރިއީގައި ހުރި ފިހާރަ ވަނެވެ. ހިތްހަމަ ނުޖެހިފައި ނަވްޔާ ފޯނަށް ބަލާލި ވަގުތު މީހަކު އައިސް ނަވްޔާގެ އަތުގައި ހިފާލިއެވެ. “ޒާއިފް؟؟…” ކައިރީގައި ހުރި ޒާއިފް ފެނި ނަވްޔާ ހިތުގައި ޖެހުނެވެ. ހިތާމަވެރި މޫނަކާއި އެކީ ނަވްޔާގެ އަތުގައި ހިފައިގެން ޒާއިފް ވަނީ ކައިރީގައި ހަދަން ފަށާފައި ހުރި ގެއަކަށެވެ.”ދޫކުރޭ ޒާއިފް.. އަހަރެން ނޫޅެން ޒާއިފް ކައިރިއަށް ދެން ދާކަށް..” ނަވްޔާ ވާހަކަ ދައްކަ ދައްކާ ހުއްޓާ ޒާއިފް ނަވްޔާގެ ގައިގައި ބައްދާލިއެވެ. އެހާ ކައިރީގައި ޒާއިފް ހުރުމުން ނަވްޔާ އަނގައިގައި ތަޅެއް އެޅުވުނެވެ.”ނަވް އަދިވެސް ރުޅި އައިސްފަތަ؟؟..” މަޑުމަޑުން ޒާއިފް އެހިއެވެ.”އެ ފޮޓޯގެ ހަޤީގަތް ބަލާލަން ނަވް އެއްފަހަރު ވެސް މަސައްކަތް ކުރިންތަ؟..” ނަވްޔާ އެއްޗެކޭ ނުބުނުމުން ޒާއިފް އަނެއްކާ ވެސް އެހިއެވެ.”ނަވް ޤަބޫލު ކުރާނީ އަހަރަމެންނާ ދޭތެރޭ ޙަސަދަވެރިވާ މީހަކު ދެއްކި ފޮޓޯ އެއްތަ ނޫނީ ނަވް ދެކެ ލޯބިވާ މީހުން ދައްކާ ވާހަކަތަ؟؟ އެ ފޮޓޯ ވަނީ އެޑިޓް ކޮށްފައޭ ބުނެފިއްޔާ ނަވް ޤަބޫލު ކުރާނަންތަ؟؟..” ޒާއިފް ފެންކަޅިވެފައި ވާހަކަ ދެއްކިއެވެ. އަނގައިން އެއްޗެކޭ ނުބުނެ ނަވްޔާ ދެލޯ މަރާލިއެވެ. އެވަގުތު ނަވްޔާ ގައިން ދޫކޮށްލަމުން ޒާއިފް ޖީބުން އެއްކަލަ ފޮޓޯގަނޑު ނެގިއެވެ.”މިއަށް ރަނގަޅަށް ބަލާލާ..” ޒާއިފް ނަވްޔާގެ އަތަށް އެ ގަނޑު ދިނެވެ.

 

ނަވްޔާ ފަރުވާތެރިކަމާއި އެކު އެއަށް ބަލާލިއެވެ. ޒާއިފް އެބުނީ ތެދެކެވެ. އެއީ ކޮމްޕިއުޓަރ ނުވަތަ ލެޕްޓޮޕް ކަހަލަ އެއްޗަކުން ރާއްޖެއިން ބޭރު ދެމީހުންގެ މޫނަށް ޔަމްހާ އާއި ޒާއިފްގެ މޫނު ލައިފައެވެ. އެރޭ އަނދިރީގައި ހުރެ ބެލުމުން ނަވްޔާއަށް އެކަން ފާހަގަ ނުވީއެވެ. ފެންކަޅިވެފައި ނަވްޔާ އިސްއުފުލައި ޒާއިފްއަށް ބަލާލިއެވެ. އޭރު ވެސް ކަޅި ޖަހާ ނުލައި ޒާއިފް ނަވްޔާއަށް ބަލަން ހުއްޓެވެ.”ބަޓް..” ނަވްޔާ ވާހަކަ ދައްކަން އުޅުނެވެ.”ސީރިއަސްކޮށް ނަވް…” ޒާއިފް އިސްޖަހާލިއެވެ.”އައިމް ސޮރީ..” ރޮމުން ނަވްޔާ ޒާއިފްގެ ގައިގައި ބައްދާލިއެވެ.”އިޓްސް އޯކޭ.. ނަވް އަހަރެންނަށް އިތުބާރު ކުރައްޗޭ އެހެން މީހަކަށް އަހަރެމެންގެ ދެމެދަށް ނުވަދެވޭ ވަރަށް..” ޒާއިފް ހިނިތުންވިއެވެ. މިހުރިހާ އިރަކު ޒާއިފް އާއި ޔަމްހާއާ މެދު ނުބައިކޮށް ވިސްނުނީތީ ނަވްޔާއަށް އަމިއްލަ ނަފްސުދެކެ ރުޅި އާދެވުނެވެ. އެގަޑީގައި އެތަނުން ނުކުމެގެން ނަވްޔާ ދިޔައީ ޒާއިފް މެންގެއަށެވެ.

 

ފިހާރައިން ނިކުތް އިރު ނަވްޔާ ނެތުމުން ނީކިޔާ ދެބުމަ ކައިރިކޮށްލިއެވެ. ދެކޮޅު ބަލާލާފައި ގެއަށް ވަދެ ހުރިހާތަނެއް ހޯދުމަށްފަހު ވެސް ނަވްޔާ ނުފެނުމުން ނީކިޔާ ހާސްވިއެވެ. ނީކިޔާ ނަވްޔާގެ ފޯނަށް ގުޅަންފެށިއެވެ. ރިންގްވާ އަޑު އިވުނީ ކޮޓަރި ތެރެއިންނެވެ.”އަޅޭ..” ޒާއިފްއަށް ޖަވާބު ނުދޭންވެގެން ނަވްޔާ އަބަދުވެސް ބޭރަށް ދަނީ ފޯނު ނުލައި ކަން ހަނދާންވުމުން ނީކިޔާ ބޮލުގައި ޖަހާލިއެވެ. އެންމެފަހުން ނީކިޔާ ނުކްޝާންއަށް ގުޅާލިއެވެ.”ނުކް.. ނަވް ނުފެނިގެން މިއުޅެނީ.. ފިހާރައަކަށް ވަދެފަ ނިކުތް އިރު ނެތް ފެންނާކަށް. ގެ ވެސް ބަލައިފިން.. ފޯނު އޮތީ ކޮޓަރީގަ ދެން ކިހިނެއް ގުޅެނީ..” ނީކިޔާ ދެރަވެފައި ބުންޏެވެ.”ވަޓް؟؟.. މި ދަނީ..” ނުކްޝާން އަވަސް އަރުވާލައިފައި ފޯނު ކަނޑާލިއެވެ. ނަވްޔާއަށް ދެރަ ގޮތެއް ވީ ބާއޭ ހިތަށް އެރުމުން ނީކިޔާ ފެންކަޅިވާގޮތް ވިއެވެ. އިރުކޮޅެއް ފަހުން ނުކްޝާން އާއި ޔަމްހާ ގެއަށް ވަދެގެން އައެވެ.

 

“ހިނގާ ޒާއިފް އަށް ގުޅަން..” ނުކްޝާން ފޯނު ނެގިއެވެ.”އޭރުން އޭނަ ހާސް ވާނެ..” ނީކިޔާ އިންކާރު ކުރިއެވެ. ނަމަވެސް ނުކްޝާން އަޅާ ނުލައި ޒާއިފްއަށް ގުޅާލިއެވެ.”ހެއި ނަވް ކޮބާ..” ނުކްޝާން އެހިއެވެ.”އޯހ ނަވް އެބަ ހުއްޓޭ މިގޭގަ.. ނޭނގިގެން ނުބުނެ ދޯ އާދެވުނީ..” ޒާއިފް ބޯ ކަހާލިއެވެ.”ނަވް އޯކޭވީތަ މިހާރު؟؟..” ނަވްޔާ ހުރީ އެގޭގައޭ ބުނުމުން ނުކްޝާން އެހިއެވެ.”ހްމް..” ޒާއިފްގެ ޖަވާބު ލިބުމުން އޯކޭއޭ ބުނެފައި ނުކްޝާން ފޯނު ކަނޑާލިއެވެ.”އޭނަ ޒާއިފް މެންގޭގައޯ. މަށަށް ނުގުޅާ އޭނާއަށް ގުޅަން ކިހިނެއް ވާނީ..” ނުކްޝާން ޗޮކެއް ކަނޑާލިއެވެ. އެވަގުތު ބާރު ބާރަށް ޔޫޝައު ގެއަށް ވަދެގެން އައި އިރު މޫނުމަތިން ފެންނަން ހުރީ ހާސްކަމެވެ. ބަހެއް ބުނެ ނުލާ ކޮޓަރިއަށް ވަތް ގޮތަށް ފޮއްޓަށް ހެދުންތައް އަޅަން ފެށީ އަވަސް އަވަހަށެވެ. ނުކްޝާން ދެބުމަ ކައިރި ކޮށްލައިގެން ހުރެ ޔޫޝައު ކޮޓަރިއަށް ވަނެވެ. ނީކިޔާ ފަހަތުން ދިޔައިރު ޔަމްހާ ވަނީ އޭނާގެ ކޮޓަރިއަށެވެ.

 

“ކޮންތާކަށް މާ އަވަސް އަރުވާލައިގެން؟؟..” ނުކްޝާން އެހިއެވެ.”ބައްޕަގެ ރިޒޯޓެއްގަ ރޯވެގެން މި ދަނީ.. ވަރަށް މަދު ތަނެކޯ ހުރީ ސަލާމަތުން.. ވަރަށް އަވަހަށް ދާން ޖެހޭ އެބަ.. ޒާއިފް ކައިރީ ބުނެލާ އިނގޭ ގޮސްފިއޭ..” ފޮށި ހިފައިގެން ޔޫޝައު ކޮޓަރިން ނިކުތީ ފަޔަށް ހިނި އަރައިގެން އުޅޭ ފަދައަކުންނެވެ. ނުކްޝާން މެންނަށް އެއްޗެއް ނުބުނެވެނީސް ޔޫޝައު ނުކުމެގެން ގޮސްފިއެވެ.”ދެރަ ދޯ.. ޔޫޝައުގެ އާއިލާ އެންމެން ކިހާ ދެރަ ވާނެ..” ނީކިޔާ ދެރަވިއެވެ. އެވާހަކަ އަޑުއަހަން ދޮރުކައިރީގައި ހުރީ ޔަމްހާ ފެންކަޅިވާން ފެށިއެވެ. ޔޫޝައު ދާތީ އެހާމެ އުފާ ވެސް ވިއެވެ. ނަމަވެސް ޔޫޝައު އަށާއި އޭނާގެ ބައްޕައަށް ބަރުދާސްތު ނުކުރެވޭނެ ފަދަ ހިތާމައެއް ލިބުމުން ޔަމްހާ ދެލޯ މަރާލިއެވެ. ނުކްޝާން ކޮޓަރިއަށް އަންނަ އަޑު އިވުމުން މޫނު ފުހެލާފައި ޔަމްހާ އެނދުގައި އިށީނެވެ. ކޮޓަރިއަށް ވަދެފައި ނުކްޝާން ޔަމްހާ ކައިރީގައި ހުރިހާ ވާހަކައެއް ކިޔާދިނެވެ. ޔަމްހާ ފެންކަޅިވުމުން ނުކްޝާން ހީކުރީ ޔޫޝައުއަށް ދެރަގޮތެއް ދިމާ ވުމުން ދެރަވީ ކަމަށެވެ.”ޔަމް ނުރޮއްޗޭ އިނގޭ.. އިރާދަކުރެއްވިޔާ ޔޫޝައުމެންގެ ހާލު ރަނގަޅު ވާނެ..” ނުކްޝާން އެހެން ބުނުމުން ޔަމްހާ ތުން ފިއްތާލާފައި ބޯ ޖަހާލިއެވެ.

– ނުނިމޭ –

81