Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 29

Baby Devil Level 610 Stories100 Stories
October 28, 2021 6 Mins Read
1 Comment

“ނީކް އިނގޭތަ ލައްމު އަންނާނެ އޯ މާދަން ނޫން އަނެއް ދުވަހުން.” ނީކިޔާއަށް ހީވީ ލަމާން ދެކެ އޭނާ ލޯބިވާކަން ނުކްޝާން އިނގުނު ހެންނެވެ.”އެހެން..” ހިތް އަވަސް ވެފައި ނީކިޔާ ބުންޏެވެ. ޔޫޝައު އާއި ޔަމްހާ ކާގެއަށް ވަނީ އެކުއެކީގައެވެ. ޔަމްހާ ގޮސް ނުކްޝާން ކައިރީގައި އިށީންއިރު ވެސް ޔޫޝައު އިނީ ރުޅިއައިސްފައެވެ. އޭނާ މިރަށަށް އައީ އެންމެ ދުވަހަކުން އެކަން ނިމޭނެ ކަމަށެވެ. ކުރިން ރީތިކޮށް ޔަމްހާ އޭނާއަށް ދިން ގެއްލުންތައް ކިޔާދިންނަމަ ވަކިވާނެ ކަން ޔޫޝައުގެ ހިތް ބުންޏެވެ. ނަމަވެސް މިހާރު މާ ލަސްވެއްޖެއެވެ. ޔަމްހާގެ ކިބައިން ބަދަލު ހިފުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ޔޫޝައު ބޭނުން ވިއްޔާ އެ ފޮޓޯތައް ލީކް ކޮށްލެވިދާނެ އެވެ. ނަމަވެސް ޔަމްހާގެ ދިރިއުޅުން ހަލާކުކޮށް އެންމެން ކުރިމަތީގައި ބޭޒާރު ކުރުމުން ނޫނީ ޔޫޝައުގެ ހިތެއް ނުފުރޭނެއެވެ.”ނުކް ޔަމް އާ އެކީ މަޖާ ކުރަން ކުއްޖެއް ގެންނަން ހިނގާބަލަ.. ޔޫޝައު އަކީ ފިރިހެން ކުއްޖެއް ވީމަ ޔަމްހާއަށް ފަހަރެއްގާ އުނދަގޫ ވެދާނެ ދޯ..މިހާރު ވެސް ގިނައިން ޔަމް އޮންނަނީ ކޮޓަރީގަ.” ނީކިޔާ ބުނި ވާހަކައިން ޔޫޝައު ހީކުރީ އޭނަ ކުރަން އުޅޭ މަސައްކަތް ނީކިޔާއަށް އިނގި އެކަން ހުއްޓުވަން އުޅުނު ހެންނެވެ.

 

**29 ވަނަ ޕާޓު**

 

“ޔަމް ބޭނުމިއްޔާ ގެނޭ.” ނުކްޝާން ފެންތަށި ބޯލިއެވެ.”ސޯ މާދަމާ އެއްކަލަ ޒާއިފް ބުނި ޝާރާ ގެންނާނަން އިނގޭ.. ވަރަށް ރަނގަޅު ކުއްޖެއް އެއީ..” ނީކިޔާ ގޮނޑިން ތެދުވިއެވެ. ޔަމްހާ ހިތް އުފަލުން ނަށާލިއެވެ. ނީކިޔާ އާއި ނުކްޝާން އޭނާއަށް އަޅާލާ ވަރު ފެނިފައެވެ. އެންމެ ބޮޑަށް އުފާވީ ޔޫޝައު ކައިރީގައި އެކަނި އުޅުން ނުޖެހޭނެތީއެވެ. ޔަމްހާ ކާގެއިން ނިކުންނަން ދަނިކޮށް ޔޫޝައު އަށް ފޯނެއް އައިސްގެން ބޭރަށް ދާން ޖެހުނެވެ. ޔަމްހާ ހިތަށް ހަމަ ޖެހުމެއް ލިބުނީ ގޭގައި އެކަނި ވުމުންނެވެ. އުފަލުން ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެ ނިދާލީ ފަހަކަށް އައިސް ޔަމްހާގެ އާދައަކަށް ވާތީއެވެ. ގޭގައި ކުރާނެ މާ ބޮޑު މަސައްކަތެއް އޮތީކީ ނޫނެވެ.

 

ޔަމްހާއަށް ހޭލެވުން އިރު ތިންގަޑި ބައިވަނީއެވެ. މިގަޑީގައި ނުކްޝާން މެން އަންނަން އުޅޭނެކަން އިނގުމުން އަވަހަށް ތެދުވެ މޫނު ދޮވެލައިގެން ކޮޓަރިން ނިކުތް އިރު ބޮލަށް ފާޑަކަށް އެނބުރުން އަރަން ފަށައިފިއެވެ. ޔޫޝައު އެ ދިޔަ ގޮތަށް އަދި ނާންނަކަމަށް ހިތައި ޔަމްހާ ކާގެއަށް ވަތް އިރު ޔޫޝައު ފެންބޯން ހުއްޓެވެ. ސިހިފައި ޔަމްހާ ދާން އުޅެނިކޮށް ޔޫޝައު ގޮސް ޔަމްހާ އަތް ބިންދައިގެން ދާހާ ބާރަށް ހިފަހައްޓާލިއެވެ.”ވާވަރަށް ކެތް ކުރެވިއްޖެ ޔަމްހާ.. ދެން ތިހެން އުފަލަކު ނޫޅެވޭނެ.” ޔޫޝައު ދަތްކުނޑި ވިކާލަމުން ޔަމްހާ އާއި ކައިރިވާން ފެށިއެވެ. ޔަމްހާގެ އަތުގައި ހިފާ ގަދަކަމުން ޔޫޝައު ކޮނޑުގައި ބާއްވާލިއެވެ. ކުރިން ވެސް ވިސްނާފައި އޮތް ގޮތަށް ބަލާލާ މީހަކަށް ޔަމްހާ ކުރާ ކަމެއްހެން ހީވަނީ ގޮތަކަށެވެ.”ޔަމް..” ބިރުން ވިރޭ ބަރުވެފައު ހުރި ޔަމްހާ ސިހުނީ ނުކްޝާންގެ އަޑަށެވެ. އޭރު ދެރަވެފައިވާ މޫނަކާ އެކީ ނުކްޝާން ބަލަހައްޓައިގެން ހުއްޓެވެ. މޫނުމަތިން ތެދުވެރިކަން ދައްކަމުން ޔޫޝައު ނުކްޝާން އާއި ދިމާއަށް އެނބުރުނެވެ.”ޔަމްހާ އަ..”

 

“ޔަމް އާދެބަލަ..” ޔޫޝައު ދައްކަން އުޅުން ވާހަކަ ނުނިމެނީސް ނުކްޝާން ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ. އޭނާ ކުރާ އެއްކަމެއް ވެސް ކާމިޔާބު ނުވާތީ އިތުރަށް ރުޅި އައުން ނޫން ކަމެއް ޔޫޝައު އަކަށް ނުވިއެވެ.”ނުކް.” ކޮޓަރިއަށް ވަދެފައި ޔަމްހާ އަށް ގޮވާލެވުނީ ބިރުންނެވެ. ނަމަވެސް ޔަމްހާ ހީކުރި ގޮތާ ޚިލާފަށް ނުކްޝާން ހިނިތުންވުމަކާ އެކު ޔަމްހާ އާއި ކުރިމަތިލިއެވެ.”ޝާރާ އަންނާނެ މާދަމާ ނުވައެއް ޖަހާކަށްހާއިރު.. ބުނިން ހަވީރު ސައިބޮއިގެންނޭ ގެއަށް ދާންވާނީ.” ފާޚާނާއަށް ވަންނަމުން ނުކްޝާން ބުންޏެވެ. އުފަލުން ޔަމްހާ ފެންކަޅިވިއެވެ. ލޯ ކުރިމަތީގައި ވެސް އެކަހަލަ މަންޒަރެއް ފެނުމުން ޔަމްހާއަށް ޝައްކު ނުކުރީތީ އެވެ. އެހާ ވަރަށް ނުކްޝާން އޭނާއަށް އިތުބާރު ކޮށްފާ އޮށްވައި އެ އިތުބާރު ގެއްލުވާލާނެ ހަތިޔާރަކަށް ޔަމްހާގެ މާޒީ ވެދާނެއެވެ. ޔަމްހާގެ ހިތުގައި ވަނީ އެ ބިރުވެރިކަމެވެ. ކޮންމެ ވަގުތަކުވެސް ނުކްޝާން އަށް ކިޔާދޭން ޖެހިދާނެ ކަމަށް ޔަމްހާ ހިތް ބުނަން ފަށައިފިއެވެ.

 

ފާޚާނާއަށް ވަތް އިރު ނުކްޝާންގެ މޫނުމަތިން ހިނިތުންވުން ފިލައިފިއެވެ. ޔަމްހާ އޭނަ ދެކެ ލޯބިވެއޭ ކިޔައިގެން ހެދީ ދޮގު ހެއްޔެވެ؟ ނަމަވެސް ޔަމްހާ އެކަހަލަ ގޮތަކަށް އޭނާއަށް އޮޅުވާލާނެއެކޭ ނުކްޝާން ހިތް އެއްގޮތަކަށް ވެސް އެއްބަހެއް ނުވިއެވެ. އެ މޫނުމަތިން ފެނުން ނުތަނަވަސް ކަން އެކަމަށް ހެކި ދެއެވެ. ނަމަވެސް ނުކްޝާން އަށް ނުވަތަ ނީކިޔާ އަށް ޔަމްހާ ބޭވަފާތެރި ވާކަން ފަޅާއަރާފާނެތީ މޫނުމަތިން ފެނުން ނުތަނަވަސް ކަމަކަށް ވެސް ވެދާނެއެވެ. ކޮންމެ އަކަސް ނުކްޝާން ޔަމްހާއަށް އަމިއްލަ ނަފްސަށްވުރެ ބޮޑަށް އިތުބާރު ކުރެއެވެ. މިއަދު ފެނުނު މަންޒަރަކީ ނުފެންނަ އެއްޗަކަށް ހަދައިގެން އިތުރު މައްސަލައެއް ކުރިމަތި ނުވެ އުޅެވިދާނެއެވެ. ދެން އެކަހަލަ މަންޒަރެއް ނުފެންނާނެކަމަށް ނުކްޝާން ހިތުގެ އަޑިން ޤަބޫލު ކުރީ ޔަމްހާ އަށް ހުރިހާ އިތުބާރެއް ދީފައެވެ. ފެންވަރައިގެން ނުކްޝާން ނިކުތް އިރު ޔަމްހާ އިނީ ފޯނު ހިފައިގެންނެވެ.”މިއަދު ދާންވާނެ..ހުމެއް ނެތެއްނު ދޯ..” ނުކްޝާން ބުންޏެވެ. ބޯ ޖަހާލާފައި ޔަމްހާ ފެންވަރަން ވެގެން ހެދުމެއް ނެގިއެވެ.

 

ނުކްޝާން އާއި ޔަމްހާ ބޭރަށް ދިއުމުން ޔޫޝައު ވެސް ފޫހިވާތީ އެކުވެރި އެއްގެ ގެއަށް ދިއުމުން ނީކިޔާ ގޭގައި އެކަނި ވިއެވެ. ފޯނު ހިފައިގެން ބޭރަށް ނިކުތް ވަގުތު ސިހުނީ ފޯނު ރިންގްވާންފެށި އަޑަށެވެ. ގުޅަނީ ލަމާންކަން އިނގުމުން ނީކިޔާ ގަދަކަމުން ދުރު ބަލާލައި ސައިލެންޓް އަށް ލިއެވެ. މިއީ ލަމާން ގުޅާ ހަތަރުވަނަ ފަހަރެވެ. އެއިން އެއްވެސް ކޯލަކަށް ނީކިޔާ ޖަވާބެއް ނުދެއެވެ. ނަވްޔާ ކުރިން މިހެން އުޅުނު ހާލު ނީކިޔާގެ ހިތަށް އަންދާޒާ ކޮށްލެވުނެވެ. ޒާއިފް އެވަރަށް ގުޅާ މެސެޖް ކުރުމުން ވެސް ކެތްތެރިކަމާ އެކީ ޖަވާބު ނުދީ ހުރީ ހާދަ ކެތް ކުރެވޭތީއެވެ. މިއަދު ނީކިޔާއަށް މިއޮތީ އެހާލު ޖެހިފައެވެ. އެހެން ފަހަރު ފަހަރާ ޚިލާފަށް ފޯނު ނުނެގުމުން މިފަހަރު އަނެއްކާ ވެސް ގުޅަން ފެށިއެވެ. ކެތްތެރިކަން ކޮޅުންލައި ލަމާންގެ އަޑު އަހާހިތުން ހިތް އެދި ގޮވަން ފެށުމުން ނީކިޔާ ފޯނު ނެގިއެވެ. އޭރު އެ ލޯ ރަތްވެ ކަރުނަތައް ވެސް ފައިބަން ތައްޔާރު ވެއްޖެއެވެ.”ލޯބި ކިހިނެއްވީ.. ނުކް ކައިރީ އަހަން އުޅުނިން ލޯބިއަށް ވީ ކީއްތޯ އެކަމް އޭރުން ޝައްކު ވެދާނެތީ ނޭހީ.. ލޯބި ކީއްވެތަ ފޯނަށް ޖަވާބު ނުދެނީ.. މަ ވަރަށް ދެރަވެއޭ.”ފޯނު ނެގިކަމެއް ނޭނގި ލަމާން ވާހަކަ ދައްކަން ފެށިއެވެ. ޖަވާބެއް ނުދެވި ނީކިޔާއަށް ލޯ މަރާލެވުނެވެ. އެވަގުތު ކަރުނަ ތިއްކެއް ފައިބައިގެން އައިސް އުނގުމަތީގައި އިން ނީކިޔާގެ ވައަތުގައި ޖެހުނެވެ. ލަމާން ސަމާސާއަކަށް ހަދާފައި ‘ލޯބި’ އެކިޔަނީ ހަމަ އެ ބޭނުމުގައި ހެއްޔެވެ؟

 

“ނީކް.. އައިމް ސީރިއަސް.. ކީއްވެ ޖަވާބު ނުދެނީ؟ ބިޒީތަ؟؟..” ތަންކޮޅެއް ބާރަށް ލަމާން އެހިއެވެ.”ހްމް.” ނީކިޔާ ދުރު ބަލާލިއެވެ.”ރޯގާ ޖެހިފަ؟؟..” ނީކިޔާ ނޭފަތް ދަމާލި އަޑު އިވުމުން ލަމާން ދެބުމަ ކައިރިކޮށްލިއެވެ.”ނޫން..އައި މީން ޔެސް. އެހަށް ބާއްވަނީ.” ލަމާން އާއި ވާހަކަ ދެއްކި ވަރަކަށް އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވަން އުނދަގޫ ވާކަން ނީކިޔާއަށް އިނގުމުން އަވަސް އަވަހަށް ފޯނު ކަނޑާލިއެވެ. މިތާ އިނދެގެން ވިސްނަން އެހާ ފަސޭހަ ނޫންކަމުން ގޭ ދޮރު ތަޅުލާފައި ނީކިޔާ ބީޗަށް ދާން ހިނގައިގަތެވެ. ލަމާން ދެދުވަސް ތެރޭގައި އަންނަ ވާހަކަ ބުނުމުން ނީކިޔާ ހިތުގައި އުފާވެރިކަމެއް އުފެދިފައި އަނެއްކާ ވެސް ހިތާމަވެރިކަން އެ ހިތް ވަށާލިއެވެ. މީހުންނާ ވަކިން ނީކިޔާ އިށީނީ އަރިވެފައި އޮތް ގަސްގަނޑެއްގައެވެ. އެކި އުމުރުގެ ކުޑަ ކުދިން ދުވެ މަޖާ ކުރަމުން ދިޔަ މަންޒަރު ފެނިފައި އެކުދިންނަށް ވެސް މިކަހަލަ ދުވަހެއް އަންނާނެއޭ ނީކިޔާގެ ހިތް ބުންޏެވެ. މިހާރު ކިތަންމެ އުފާވެރިކޮށް އުޅުނަސް ފަހުން ވާނެ ގޮތެއް ހަމައެކަކަށް ނޭނގޭނެއެވެ. ލަމާންގެ ޚިޔާލުތަކުން ދުރުވެވޭތޯ ޑޭޓާ ޖައްސާލައިގެން ނީކިޔާ ޔޫޓިއުބަށް ވަނެވެ.

 

ނުކްޝާން އަތުގައި ހިފައިގެން ހިނގަމުން ދިޔަ ޔަމްހާ މޫނުމަތީގައި ވަނީ ހިނިތުންވުމެކެވެ. ކުރިއަށް ދެވޭގޮތަށް ހަދާފައި އޮތް މަގަކުން ދެމީހުން ހިނގާފައި ދިޔައިރު ނުކްޝާން އަށް ހިތްކިޔައިގެން އުޅޭ އަންހެން ކުދިންތަކެއް ޔަމްހާ އާއި ދިމަ ފާޑަކަށް ބަލަހައްޓައިގެން ތިއްބެވެ. މީހުން ގިނަ ތަނަކަށް އަލަށް ނިކުތުމުން ވާނީ މިހެންތާއޭ ޔަމްހާ ހިތަށް އެރިއެވެ.”އައިސްކޯން ބޯން ހިނގާބަލަ.” އައިސްކޯން ވިއްކާ ތަނެއް ފެނުމުން ނުކްޝާން ބުންޏެވެ.”ހޫމް ދޯ.” ޔަމްހާ ވެސް ފޮނި އެއްޗެއް ކާހިތްވެފައިވާ ވަރުން ނުކްޝާން ބުނި ތަނާއި ދިމާއަށް ހިނގައިގަތެވެ.”ހެއި ނުކް.” އެވަގުތު ހަމްނާ އައިސް ނުކްޝާން ކައިރީގައި ހުއްޓުނެވެ.”ހަމް ކީއްކުރަނީ މިތާ.” ނުކްޝާން ހަމްނާ އާއި ދިމަ ބަލާލިއެވެ.”ހަމަ ޖައްސާލީއޭ.. ވައިފް ވެސް ގޮވައިގެން ދޯ މިއަދު އައީ.. އަސްލު އަހަރެން ބުނަން އުޅުނީ ދުއްވާލަން ދާން އިނގާށޭ..” ހަމްނާ މަތީ ތުންފަތުގައި ދަތް އަޅާލަމުން ހީލިއެވެ.”ނޫނޭ ހެހެ. ތިކަން ވާކަށް ނެތް. ހަމް ވެސް ބިޓެއް ހޯދާބަލަ.” އައިސްކޯން ލިބުމުން ނުކްޝާން އެކެތި ޔަމްހާއަށް ދިނެވެ.

 

“ހާދަ ފޫއްސޭ އެހެން މީހުންނާ އެކީ ދުއްވަން.” ހަމްނާ ތުން ދަމާލިއެވެ. އަޖައިބުވެފައި ނުކްޝާން ހަމްނާއަށް ބަލަހައްޓައިގެން ހުއްޓެވެ. ހަމްނާ އަކީ މަޑުމަޑުން ހުންނަ ކުއްޖެކެވެ. ނުކްޝާން ކުރިމަތީގައި ރައްދު ދޭން ނުކެރޭ ލަދު ގަންނަ ކަހަލަ ކުއްޖެކެވެ. ކުއްލިއަކަށް އެކަހަލަ ކުއްޖެއް މިހެން އުޅެން ފެށުމުން އަޖައިބު ނުވާނީ ކާކު ހެއްޔެވެ؟ “އޯކޭ ހަމްނާ ކިހިނެއް ވީ؟؟..” ދެބުމަ ކައިރިކޮށްލަމުން ނުކްޝާން އެހިއެވެ.”ކަމެއް ނުވޭ. ކުޑަކޮށް ބަދަލު ވެލީ.. އަހަރެން މާ އަނގަ ގަދަވީމަ ނުކް ހައިރާން ނުވައްޗޭ އިނގޭ.” ހަމްނާ ނުކްޝާންގެ ކޮނޑުގައި ޖަހާލިއެވެ.”ހްމްމް ދަނީ އިނގޭ.” ޔަމްހާ އިސްޖަހާލައިގެން އައިސްކޯން ބޮމުން ދިޔަ މަންޒަރު ބަލާލާފައި ނުކްޝާން ޔަމްހާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. އެމީހުން ދިއުމުން ހިތްހަމަ ނުޖެހިފައި ހަމްނާ ފުން ނޭވާއެއް ދޫކޮށްލަމުން އެމީހުންނާ ދުރަށް މޫނު އަނބުރާލިއެވެ.

 

“ޔަމް މިއަދު ވާރޭ ތެމޭނަން ދޯ؟؟..” ތުނި ތުނިކޮށް ވާރޭ ވެހެން ފެށުމުން ނުކްޝާން ހީލިއެވެ. އެތާ ތިބި ގިނަ ބަޔަކު ގެއަށް ދާން ހިނގައިގަތް އިރު އަނެއް ބަޔަކު އެމީހުންގެ ސައިކަލާއި ބައިސްކަލްފަދަ ތަކެއްޗަށް އަރައިގެން ހިޔާ ހޯދަން ދުއްވާލައިފިއެވެ. އެތާ ތިބީ ހަމަ އެކަނި ޔަމްހާ އާއި ނުކްޝާންގެ އިތުރުން ހަމްނާއެވެ. އައިސްކޯން ހުސްކޮށްލާފައި ދެމީހުން ވާރޭ ތެރޭގައި ދުވަން ފެށިއެވެ. ލޯބީގެ ކުދި ކުދި ސަމާސާތަކާއި ސަކަރާތުގައި ޔަމްހާ އާއި ނުކްޝާން ހޭދަ ކުރަމުން ދިޔައިރު ވާރޭ ވެސް ބޯކޮށް ވެހެން ފަށައިފިއެވެ. ތެމުމުގެ ސަބަބުން ނުކްޝާންގެ ތުނި ފާޑަށް ހުރި ގަމީސް ގައިގައި ތަތްލާފައި ވުމުން ނުކްޝާންގެ ހަށިގަނޑު ފާޅުވަމުން ދިޔައެވެ. ދުރުގައި ކުޑަ ހިޔާ ކޮޅެއްގައި ހުރި ހަމްނާއަށް ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ. ދުވެ ދުވެ ވަރުބަލިވެގެން ޔަމްހާ އާއި ނުކްޝާން މާ ގަސްތައް ކަރިއީގައި ހުއްޓުނެވެ. ނުކްޝާން ޔަމްހާ ކައިރީގައި ހެމުން ވާހަކަ އެއް ބުނެފައި ދުރަށް ދުއްވައި ގަތެވެ. ހީވާ ގޮތުން ކޮންމެވެސް ސަކަރާތެއް ގަންނަން އުޅެނީއެވެ.

 

ނުކްޝާން ދުރުގައި ހުއްޓި ދެއަތް ދެފަރާތަށް ވާގޮތަށް ދަމާލުމުން ޔަމްހާ ހިނިގަނޑު ކޮންޓްރޯލް ކުރަމުން ދުއްވައިގަތީ ނުކްޝާން އާއި ދިމާއަށެވެ. އެދިޔަ ގޮތަށް ގޮސް ނުކްޝާންގެ ގައިގައި ޔަމްހާ ބައްދާލަމުން މޭގައި ބޯ އަޅާލަން އުޅުނު ނަމަވެސް މާ ބާރަށް ބައްދާލުމުން ދެމީހުން އެކީ ބިންމައްޗަށް ވެއްޓުނެވެ. އެއާއި އެކު މަޖާކަމަކަށް ހަދާފައި ޔަމްހާ އާއި ނުކްޝާން ފެށީ ހޭށެވެ. އެ މަންޒަރު ބަލަން ހުރި ހަމްނާ ހިތުން ޔަމްހާއަށް އެއްޗެހި ގޮވަންފެށިއެވެ. ހީހީ އަވަދިވުމުން ޔަމްހާ ނުކްޝާންގެ ގައިމަތިން ތެދުވެ އަތް ދަމާލިއެވެ.”އުދުހެން ބޭނުން؟؟..” ޔަމްހާ އާއި އެކީ ނުކްޝާން ތެދުވިއެވެ.”ޔޭސް.. ކާކު ބޭނުން ނުވާނީ؟” ދަތްޕިލަ ފެންނަވަރަށް ޔަމްހާ ހީލިއެވެ. ހަމްނާ ބަލަން ހުއްޓާ ނުކްޝާން ޔަމްހާގެ އުނަގަނޑުގައި ހިފާ އުރާލައި ވައިގެތެރޭގައި އެނބުރުނެވެ. އެތަން ބަލަން ކެތް ނުވެގެން ހަމްނާ މޫނު މަތީގައި ޖަހާފައި ހިތަށް އައިހާ ނުބައި ބަސްތަކެއް ކިޔަމުން ގެއަށްދާން ހިނގައިގަތެވެ.

 

“ހިނގާ ގެއަށް ދެން.. އަނެއްކާ ޔަމް ހުން އަތުވެދާނެ.” ވާ ވަރަށް ސަކަރާތް ޖަހާ ވަރުބަލި ވުމުން ނުކްޝާން ބުންޏެވެ.”ހާދަ މަޖަލޭ.. އަދި އަލަށް މީހަކާ އެކީ މި ވާރޭ ތެމުނީ.. އަހަރެން ހީކުރި ވަރަށް ވުރެ މަޖާ.. އަޅެ އެހެން ދުވަހަކުން އަދި ތެމެން ވާނެ ދޯ..” ޔަމްހާ އުފަލުން ވާހަކަ ދެއްކިއެވެ. ނުކްޝާން ކުރިމަތީގައި ޔަމްހާ މާ ވަރަކަށް ވާހަކަ ދައްކަން ފެށުމުން ޔަމްހާ އުފާވެފައި ވާ ވަރު ނުކްޝާން އަށް އިނގުނެވެ.”އެހާ ގިނައިން ނުވާނެ ތެމޭކަށް.. ޔަމް އަށް ގެއްލުން ވީމަ ބޭބީއަށް ކިހިނެއް ވާނީ؟” ނުކްޝާން ޔަމްހާގެ ބަނޑުގައި އަތް ޖައްސާލިއެވެ.”ބޭބީ އިޒް ފައިން ނުކް.. އަހަރެން ބޭބީ އަށް ކަމެއް ވިޔަކަ ނުދޭނަން ވާރޭ ތެމުނަސް އެހެން ކަމެއް ކުރިޔަސް.” ޔަމްހާ އެހެން ބުނި ރާގުން އެކަމަށް ބޭނުން ވެފައިވާ ވަރު އިނގެއެވެ.”ދެން އެހެން ދުވަހަކުން ދޯ.. ވަރަށް ވަރުބަލި ވެއްޖެ..ޔަމް ދާ ގޮތަށް ފެންވަރައިގެން ނިދި އަންނަންޏާ ނިދާލާ..މިރޭ ޔަމް ކައްކާނެ ކަމެއް ނެތް.. ނީކިޔާ ކައްކާނެ ޔޫޝައު އަށް ލައިގެން.” ނުކްޝާން އަށް ޔަމްހާގެ މޫނުމަތީގައިވި ވަރުބަލިކަން ފާހަގަ ވުމުން ބުންޏެވެ. ޔޫޝައު އޭ ބުނުމުން ޔަމްހާ އުފަލުން ހުރެފައި ކުއްލިއަކަށް ހިނިތުންވުން ފިލައި ދިޔައެވެ. މިއަދު އުފާވެރިކޮށް އިރު އޮއްސުނަސް މި އުފާ ވެރި ދިރިއުޅުން ނިމޭނީ މާދަމާ ކަމެއް ނޭނގެއެވެ. އިނގޭހާ ވެސް އެއްޗަކީ ޔޫޝައު މި ގުޅުމުގައި ސިއްކަ ޖައްސާނެ ކަމެވެ.

 

“އަވަހަށް ހިނގާ.. މިއަދު އައިސްކޯން ބޮވުނީ މުޅިން ނުބައިކޮށް ދޯ. މިހާ ފިނި ދުވަހަކު ފިނި އެއްޗެއް ބުއީމަ ރޯގާ ޖެހިދާނެ..” ނުކްޝާން ގެއަށް ދާން މިސްރާބު ޖެހިއެވެ. ނުކްޝާން އެހާ ވަރަށް އަޅާލާކަން އިނގުމުން ޔަމްހާއަށް އަނެއްކާ ވެސް ހީލެވުނެވެ. “އެއްކަލަ ނުކް.. ތިހާ ވަރަށް ހާސް ނުވެބަލަ.. އަހަރެން ރޯގާއެއް ނުޖެހޭނެއޭ..” އެހެން ބުނި ވަގުތު ވީ ޔަމްހާއަށް ކިނބިއްސެއް އަޅާލެވުނު ވަގުތަށެވެ.”ތިއީއޭ މި ބުނާ ވާހަކަ އަކީ. ނުޖެހޭނެއޭ ބުނާނެ އެކަމް ބަލާބަލަ މިހާރު ވެސް ކިނބިހި އަޅަނީތި.” ނުކްޝާން ޖީބަށް އަތް ޖަހާލިއެވެ.”މާދަމާ ހޭލީމަ އޯކޭ ވާނެއޭ.” ޔަމްހާ ނުކްޝާންގެ އަތުގައި ހިފާލިއެވެ. އެވަގުތު ނީކިޔާ ތެމިގެން އަންނަތަން ފެނުނެވެ.”އޭނަ ވެސް ފޫހި ވެގެން ބޭރަށް ދިޔައީ ކަންނޭނގެ.. އަޅެ ބިޓެއް ހޯދަން ނުވޭތަ؟.” ޔަމްހާ ނުކްޝާން ކައިރީގައި ބުންޏެވެ.”ވަގު ބިޓު ގެންގުޅެދާނެ އޭނަ.. މިހާރަކަށް އައިސް ވަރަށް މަޑުން ހުންނަކަން މަށަށް ފާހަގަ ވޭ.. ކުރީގަ ޔަމްއަށް އިނގޭތަ މީހަކު ނޭވާ ލިޔަކަ ނުދޭނެ ނީކް އެއް.. މަށާ ނަވް އާ ތިބޭނީ އަބަދު ކުދިކިޔަން.” ކުރީގައި އެ ތިންމީހުން ވެގެން ޖެހިހާ ސަކަރާތެއް ހަނދާންވުމުން ނުކްޝާން އަށް ހީލެވުނެވެ.

 

“ޕިސް ޕިސް.. ކަލޭމެން ނުކުރާ ކަމެއް ނޯންނާނެ ދޯ ކުޑައިރު.. އަނެއްކާ ކަމެއް ގޯސްވީބާ.. ނުކް ނާހަންތަ؟” އިސްޖަހާލައިގެން ދިޔަ ނީކިޔާއަށް ޔަމްހާ ބަލާލިއެވެ.”ނޫން އެހީން.. އެކަމަކު ކޮންމެ ފަހަރަކު ވެސް ބުނަނީ ކަމެއް ނުވެއޭ.” ނުކްޝާން ވެސް ނީކިޔާއަށް ބަލާލިއެވެ.”ހިނގާބަލަ.. މޮޅަށް އެކްޓް ކުރަން އިނގުނަސް ކުއްލިއަކަށް ސިހުނީމަ އިނގިދާނެ.” ނުކްޝާން ޔަމްހާ ބުނެގެން ނީކިޔާ އާއި ދިމާއަށް ހިނގައިގަތް އިރު ޔަމްހާ އާދަޔާ ޚިލާފަށް އަނގަ ގަދަކަން ފާހަގަ ވިއެވެ.”ނީކް ނީކް..” ޔަމްހާ ނީކިޔާއަށް އަޑުއިވޭ ވަރަށް ގޮވާލިއެވެ. ޔަމްހާގެ އަޑަށް ނީކިޔާ ބަލާލި އިރު ދެލޯ ފުދޭވަރަކަށް ރަތެވެ. ނުކްޝާން އާއި ޔަމްހާ ދެލޯ ހަނިކޮށްލިއެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Baby Devil

Level 610 Stories100 Stories

Other Articles

Previous

ހޮޓެލްގެ ސިއްރު 1

Next

ނޫ މާ

Next
October 28, 2021

ނޫ މާ

Previews
October 27, 2021

ހޮޓެލްގެ ސިއްރު 1

One Comment

  1. ZUKKO ZKK says:
    October 29, 2021 at 8:06 pm

    Mi prt vs v aythi masha Allah ❤❤? inter I’d libidhaaanetho..pweeezz??

Comments are closed.

Next Episodeހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 30←


All Right Reserved!