Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހިތުގެ ޝަކުވާ… 32

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
March 2, 2022 5 Mins Read
2 Comments

ރިއާޝް ކުރަމުންދާ ހިތާމަތައް ކުޑަ ވަގުތުކޮޅަކަށް ނަމަވެސް، ދުރުކޮށްލަން ކުރެވިދާނެ ކަމަކާއި ދޭތެރޭގައި ނައިރާ ދިޔައީ ވިސްނަމުންނެވެ. އެވަގުތު ކުއްލިއަކަށް ކަމެއް ހަނދާންވީ ފަދައަކުން ރިއާޝްއާއި ދުރުވެލަމުން، ނައިރާ ތެދުވެ އަލަމާރިއާ ދިމާއަށް މިސްރާބު ޖެހިއެވެ. “ނައި ކޮންތާކަށް ތި ދަނީ..؟” ނައިރާ ތެދުވުމުން ރިއާޝްއަށް އަހާލެވުނެވެ. އެހެންނަމަވެސް، ނައިރާ ވަކި ޖަވާބެއް ނުދީ، ހިނގަމުން ގޮސް އަލަމާރިން އެއްޗެއް ހިފައިގެން އައިސް ރިއާޝްގެ އަތަށް ލައިދިނެވެ. “މީ ކޯޗެއް..؟” ރަތްކުލައިގެ ކަރުދާހުން ނިވާކޮށްފައިވާ އެ އެއްޗަކާއި މެދު ރިއާޝްގެ ހިތުގައި ޝައުޤުގުވެރިކަން އުފެދުނެވެ.

“ސީ ފޯރ ޔުއަރސެލްފް..” ރިއާޝްގެ މަގަތުގައި އިށީންނަމުން ނައިރާ ބުނެލި އިރު، ރިއާޝް ބުނާނެ އެއްޗެއް ނޭނގޭތީ އެ ހިތް ދިޔައީ ބާރުބާރަށް ތެޅެމުންނެވެ. ކަރުދާސްގަނޑު ނަގާފައި ރިއާޝް އެ އެއްޗަކާއި ދިމާއަށް ބަލައިލިއެވެ. އެވަގުތު ފެނުނު އެއްޗަކުން، ދެލޯ ބޮޑުކޮށްލާފައި، ނައިރާއާއި ދިމާއަށް ބަލައިލެވުނީ މިއީ ތެދެއް ހެއްޔޭ އަހާ ފަދައަކުންނެވެ.

“ނައީ… މީ ކޯޗެއް..؟” އެއްފަހަރު އަތުގައި އޮތް ކިޓަށް ބަލައިލަމުން އަނެއްް ފަހަރު ނައިރާއާއި ދިމާއަށް ބަލައިލަމުން ރިއާޝް އަހާލި ގޮތުން ނައިރާއަށް ރިއާޝްއާއި ދިމާއަށް ބަލައިލެވުނީ ޤަބޫލު ނުކުރެވިފައި އިނދެއެވެ. “އާޝް.. ސްޓޮޕް ޖޯކިންގ އެރައުންޑް.. ތީ ކޯޗެއް ކަމެއް ހަމަ އަސްލުވެސް ނޭނގޭތަ..؟” ނައިރާ އެއްސެވެ. ޖަވާބުގައި ރިއާޝް ބޯ ޖަހާލިގޮތުން އެ މޫނުމަތިން ފެނުނީ ތުއްތު ކުއްޖެއްގެ މަޢުސޫމް ކަމެވެ. އެއާއެކު، ނައިރާއަށް މޫނުމަތީގައި އަތް އަޅެނުވެ. “އަޅެ އާޝް.. ތީ ދިހަ އަހަރުގެ ކުޑަ ކުއްޖެއްތަ..؟” ތުންކޮޅު އޫކޮށްލަމުން ނައިރާ ބިންމަތީގައި ދެފައި ތަޅާލިއެވެ. “އަޅޭ ނޭނގުނޭ.. އެހެންވެ އެއްނު ނައި ގާތު މި އަހަނީ.. މީ ކޯޗެއްތަ..؟” ރިއާޝް އަނެއްކާވެސް އެހީ، އެއީ ކޯޗެއްކަން އެނގެން ބޭނުންވެފައި ހުރި ވަރުންނެވެ.

“އާޝް.. ދިސް އިޒް އަ ޕްރެގްނެންސީ ޓެސްޓް ކިޓް.. މީތި ޔޫޒް ކުރާނީ ޕްރެގްތޯ ނޫނީ ނޫންތޯ ޗެކް ކުރަން.. މީގެ މެދުގަ ރަތްކުލައިގެ އެއް ރޮނގު ކޮޅު އިނދެފި ނަމަ އޭގެ މާނައީ ޕްރެގްއެއް ނޫނޭ.. ބަޓް ދެ ރޮނގުކޮޅު އިނދެފި ނަމަ އޭގެ މާނައަކީ ޕްރެގްއޭ..” ރިއާޝްގެ ދެކޮނޑުގައި ހިފާލަމުން ނައިރާ ކުޑަކޮށް ތަޅުވާލިއެވެ. އެއާއެކު، ރިއާޝްއަށް އަތުގައި އޮތް ކިޓާ ދިމާއަށް ބަލައިލެވުނެވެ. ދެލޯ ބޮޑުކޮށްލާފައި، މޫނު ކައިރިކޮށްލާފައި އެއަށް ނަޒަރު ހިންގާލިއެވެ. އެއާއެކު، ކިޓްގެ މެދަށް އަރާފައި އިން ރަތްކުލައިގެ ދެ ރޮނގުކޮޅު ފެނިފައި ރިއާޝްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ފެނުނު މަންޒަރު ޤަބޫލު ނުކުރެވުމުން ދެލޯ އުނގުޅާލާފައި، އަނެއްކާވެސް ބަލައިލެވުނެވެ. އެއީ ހަމަ ޙަޤީގަތް ކަން ޔަޤީން ވުމުން ރިއާޝްއަށް ނައިރާއާއި ދިމާއަށް ބަލައިލެވުނު އިރު އެ ދެލޮލުގައި ވިދަމުން ދިޔައީ އުފާވެރިކަމުގެ ކަރުނައެވެ.

“ނައީ.. އައިމް ސޯ ހެޕީ..! ތެންކްޔޫ ސޯ މަޗް..! ޔޫ މޭޑް މީ ދި ހެޕިއެސްޓް މޭން އޮން އަރތް ޓުޑޭ.. އައި ލަވް ޔޫ ސޯ ސޯ ސޯ ފްރީކިން މަޗް!!!” ނައިރާގެ ގައިގައި ބައްދާލާފައި ރިއާޝް އެ މޫނުގެ ކޮންމެ ހިސާބަކަށްވެސް ބޮސްދެމުން ދިޔައީ ވެފައި ހުރި އުފަލުގެ ސަބަބުންނެވެ. ނައިރާ އެ ދިން ޚަބަރުގެ ސަބަބުން އޭނާ ކަންބޮޑުވެފައި ހުރި ކަންތައްވެސް ހިނދުކޮޅަކަށް ހަނދާން ނެތުނެވެ.

“ނައި ދެން އުޅެން ވާނީ ވަރަށް ބަލައިގެން އިނގޭ.. ކުރިން އުޅޭހެން ހަލަނިކޮށް ދެން ނޫޅެވޭނެ..” ނައިރާގެ ދެކޮލުގައި ހިފާލަމުން ރިއާޝް ބުނެލީ، ލޯބިން ފުރިގެންވީ ގޮތަކަށެވެ. “އޮފްކޯރޒް.. ނައު ކޭން ވީ ޕްލީޒް ގޯ އެންޑް އީޓް.. އައިމް ސްޓާރވިންގ..!” ތުންއޫކޮށްލަމުން ނައިރާ ބުނެލިއެވެ. “ހެހެ.. އެނީތިންގ ފޯރ ޔޫ މައި ކުއީން.. ލެޓްސް ގޯ..” އެނދުން ތެދުވުމަށްފަހު ނައިރާ އަތްދަނޑި މައްޗަށް ނަގައި، އުފުލާލައިގެން ރިއާޝް ކޮޓަރިން ނުކުންނަން މިސްރާބު ޖެހީ އެކިއެކި ސަމާސާ ވާހަކަތައް ދައްކަމުންނެވެ. މިރެއަކީ ހަމަ ޔަޤީނުންވެސް އެ ޒުވާން، ލޯބި ޖޯޑުގެ ކައިވެންޏަށް އިތުރު އުފަލަކާއި، ދިރުމެއް ލިބުނު ރެއަކަށް ވާނެއެވެ.

*******

ހެނދުނު އެންމެން ސަޔަށް އިންސާފު ކުރަން ތިބި އިރު، ރައިޝާވެސް އެމީހުންނާއި ބައިވެރިވިއެވެ. އަރޫންގެ ފަރާތުން މާއިޝްގެ ކުޑަ ނަމަވެސް، މަޢުލޫމާތެއް ލިބިދާނެ ކަމުގެ އުންމީދު އާވެފައި ވުމުން، އެ ހިތަށް ލިބެމުން ދިޔައީ ބަޔާން ކުރަން ދަތި އުފަލެކެވެ. ހަމަ އެފަދައިން، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަރޫންއާއި ކައިވެނި ކުރަން ޖެހޭކަން ހަނދާންވާ ކޮންމެ ފަހަރަކު، އެ ހިތް މިލާ، މޯޅިވެއެވެ. މާއިޝް ނޫން މީހަކާއި އެއްކޮށް ދުވަހަކުވެސް އުޅޭކަށް ރައިޝާ ބޭނުމެއް ނުވެއެވެ. ޚާއްސަކޮށް އަރޫން ކަހަލަ ދަށް ފެންވަރެއްގެ މީހަކާއި އެއްކޮށް އެންމެ ސިކުންތެއްވެސް ވޭތު ކުރާނީ ކިހިނަކުން ބާވައޭ ރައިޝާގެ ހިތަށް އަރަމުން ދިޔައެވެ.

މިކަހަލަ އެތައް ޚިޔާލުތަކެއް ބޮލުތެރޭގައި އެނބުރެމުން ދިޔަ އިރު، ރައިޝާއަށް ހަތް ރޮށި ކެވުނު އިރުވެސް ނޭނގުނެވެ. އެހެންނަމަވެސް، ސައިމޭޒު ދޮށުގައި ތިބި އެހެން މީހުންނަށް މި މަންޒަރު ފެނުމުން ހީވީ ރައިޝާ ހަމައަކަށް އެޅެން ފެށީހެންނެވެ. ޙަޤީގީ މަޤްސަދު އެކަކަށްވެސް ނޭނގުނު ނަމަވެސް، އަދިވެސް ރައިޝާ ހިތާ ރުހުމުން މި ކައިވެންޏަށް ޤަބޫލު ނޫންކަން ރިޔާޒް ފިޔަވާ، އެތާ ތިބި އެންމެންނަށްވެސް އެނގުނެވެ.

ނައިރާ ބަނޑުބޮޑު ވާހަކަވެސް ރިއާޝް ބުނީ އެ ދުވަހުގެ ސައިގެ ތެރެއިންނެވެ. އެއާއެކު، މުޅި ގޭތެރެއަށް ޢީދެއް އައި ފަދައެވެ. ނުހާއާއި ރިޔާޒްއށް އެމީހުންގެ ދެވަނަ މާމަކާފަ ދަރިފުޅު އަންނަން އުޅޭކަން އެނގުމާއެކު، ވީ އަމަށަކު އުފަލެއް ނޫނެވެ. ރީޝާއާއި ޔާޝްއަށް ކުރިންވެސް އެ ވާހަކަ އެނގޭތީ، އިތުރު އެއްޗެއް ނުބުނެ، ހަމައެކަނި އެ ދެމީހުންނަށް މަރުޙަބާ ކީއެވެ. ނިޝާވެސް ހުރީ އޭނާގެ ފުރަތަމަ މާމަ ދަރިފުޅަށް މަރުޙަބާ ކިޔަން ތައްޔާރަށެވެ.

ތުއްތު ތުއްތު ކުއްޖަކު އުފަންވާން އުޅޭކަން އެނގުމުން ރައިޝާއަށްވެސް ހީވީ، އޭނާ ކުރަމުން ދިޔަ ހިތާމަތަކާއި، އުފުލަމުންދާ ވޭނާއި، ކެކުޅުންތައްވެސް ހިނދުކޮޅަކަށް ހަނދާނުން ކައްސާލި ހެންނެވެ. ލޯބިވާ ބޭބެެއާއި، އެންމެ ގާތް އެކުވެރިޔާގެ އަލަތު ދަރިފުޅު އުފަންވާން އުޅޭކަން އެނގުމުން އަމިއްލަ ދިރިއުޅުން އޮތް ނާޒުކު ފައްތަރުގެ މަތިން ހަނދާން ނެތުނީ، ޖާދުލެއް ފަދައިންނެވެ. އެހާވެސް އުފާވެފައި ހުރި އިރު، އެ ދުވަސް އެއްކޮށް ނައިރާގެ ފަސްފަހަތުން އުޅުނު އިރު، އަރޫންއާއި، ކުރެވެން އުޅޭ ކައިވެނީގެ މަތިން ކުޑަކޮށްވެސް ރައިޝާ ހަނދާނެއް ނެތެވެ. ރައިޝާގެ ޙަރަކާތްތައް ފެނުމުން އެންމެންގެ ހިތްތަކަށްވެސް ލުޔެއް ލިބުނީ، މިއީ މި ވޭތުވި ދެ އަހަރުގެ ތެރޭގައި ރައިޝާގެ މޫނުމަތިން ޙަޤީގީ އުފާވެރިކަން ފެނުނު މަދު ފަހަރުތަކުގެ ތެރެއިން ފަހަރަކަށް ވީތީއެވެ.

*******

ރައިޝާ ޢަސުރު ނަމާދުކޮށް ނިންމާފައި، ދޮޅި ބާލަން އިންދާ މީހަކު ކޮޓަރި ދޮރުގައި ޓަކި ޖަހާ އަޑު އިވުނެވެ. މުސައްލަ އޮޅާލާފައި ރައިޝާ ގޮސް، ދޮރު ހުޅުވާލި އިރު، ރިޔާޒް ހުރީ ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީލައިގެންނެވެ. ބައްޕަގެ ހިނިތުންވުނެ ފެނިފައ،ި އިޚްތިޔާރަކާނުލާ ރައިޝާއަށްވެސް ހިނިތުން ވެވުނެވެ.

“ދަރިފުޅާ.. އަރޫން އެބަ އާދެ ދަރިފުޅު ގޮވައިގެން ހިނގާލަން ދާން.. އަވަހަށް ތައްޔާރުވޭ..” ރިޔާޒްގެ ވާހަކަ އަޑު އިވިފައި، ރައިޝާގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިދާކަށް ސިކުންތެއްވެސް ނުނެގިއެވެ. އެވަގުތު ރައިޝާގެ ބޮލުގެ ތެރޭގައި އެނބުރެން ފެށީ، އެރޭ ބެލްކަނީގައި ހުރެ، އަރޫން ދެއްކި ވާހަކަތަކެވެ. އެވަގުތު ރިޔާޒް ކައިރި ހުރިހާ ވާހަކައެއް ބުނެ، ސުވާލު ކުރަންވެސް ރައިޝާގެ ޒަޚަމްވެފައިވާ ހިތް ގޮވަމުން ދިޔައެވެ. ނަމަވެސް، ބައްޕަ އެހާ އުފާވެފައި ހުއްޓާ، އެ ހިނިތުންވުމަށް ހުރަސްއެޅުމަކީ އެއް އިރެއްގައިވެސް އޭނާއަށް ކުރުމަށް ކުޅަދާނަވާނޭ ކަމެއް ނޫނެވެ. ވުމާއެކު، އިތުރު ސުވާލެއް އަދި ޝަކުވާއކާވެސް ނުލާ، ރައިޝާ ބޯ ޖަހާލުމަށްފަހު، ދޮރު ލައްޕާލީ މި ދަނީ ތައްޔާރުވުމަށް ކަމުގައި ބުނަމުންނެވެ.

ރައިޝާ ދޮރު ލައްޕައިލުމާއެކު، ރިޔާޒް ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީލައިގެން ހުރި ތިރިއަށް މިސްރާބު ޖެހީ ރައިޝާ ހަމައަކަށް އެޅޭހެން ހީވުމުންނެވެ. ނަމަވެސް، އެ ރީތި ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ ވޭނާއި ކެކުޅުން އެނގޭނަމަ، ރިޔާޒް އޭނާގެ ނިންމުމާއި ދޭތެރޭގައި ދެވަނަ ފަހަރަށް ވިސްނާލީހެވެ. އޭނާގެ ކުށް ފޮރުވުމުގެ ގޮތުން ހުރި ހަމައެކަނި އަންހެން ދަރިފުޅުގެ ދިރިއުޅުން ނަރަކަ އަކަށް ހަދާލެވޭ އިރު، އެއިން އެއްވެސް ކަމަކާއި ދޭތެރޭގައި ރިޔާޒްއަށް ވިސްނާނުލެވެނީ ދުނިޔެމަތީގެ އެދެމުން ފޯވެފައިވާ ވަރުންނެވެ.

ދޮރު ލައްޕާލި ގޮތަށް ރައިޝާއަށް ދޮރު ބުޑަށް ތިރިވެވުނެވެ. ހިތަށް ލިބިފައިވާ ޒަޚަމްތަކުން ރޮވެން އުޅޭހެން ހީވުމުން ތުންފަތުގައި ދަތްއަޅާ ބާރުކޮށްލީ ލޭ އަންނަހާ ބާރަށެވެ. ދެއަތްދެއަތާ މޮޑެމުން ދެލޯވެސް މަރާ ބާރުކޮށްލަމުން ރައިޝާ ހަމަޖެހިލެވޭތޯ މަސައްކަތް ކުރިއެވެ. މާއިޝްގެ ޚިޔާލުތަކަށް ހިނދުކޮޅެއް ވަނދެން ގެއްލިފައި އިނުމަށްފަހު، ރައިޝާ ތެދުވީ، ބައްޕަގެ ވާހަކަތައް ހަނދާންވުމުން. މޫނު ފުހެލާ، ނޭފަތް ދަމާލިއެވެ. ހޭވިފައިވާ އިސްތަށިގަނޑު ރީތިކޮށްލަމުން، ތުވާލި ހިފައިގެން ރައިޝާ ގޮސް ވަނީ ފާޚާނާއަށެވެ.

*******

އެ ދުވަހު ހަވީރު އެއްކޮށް ރައިޝާ އަރޫންއާއި އެކު ހޭދަކުރީ ފޫހިކަމާ އެކުއެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ އެނާ އަރޫންއާއި އެކު ބޭރަށް ދިޔައީ ދާހިތަކުންނެއް ނޫނެވެ. ބައްޕަ ބުނީތީ މަޖުބޫރު ވެގެންނެވެ. އަރޫންއާއި އެއްކޮށް އެ ހޭދަކޮށްލެވުނު ދެ ގަޑިއިރުގެ ތެރޭގައިވެސް ރައިޝާއަށް މާއިޝްއާއި އަރޫންގެ ތަފާތުތައް އަޅާކިޔާލެވުނެވެ.

މާއިޝްގެ ބަސްމަގު ހުންނަގޮތާއި އަރޫންގެ ބަސްމަގު ހުންނަ ގޮތެވެ. ދެމީހުންގެ ހެދުން އެޅުމުގެ ވައްޓަފާޅިއެވެ. ވާހަކަ ދައްކާ ގޮތެވެ. ކަމުދާ އެއްޗެއްސާއި ކަމުނުދާ އެއްޗެއްސެވެ. އުޅުމުގައި ހުރި ތަފާތުކަމެވެ. މިހެންގޮސް އެތައް ކަމެކެވެ. އަރޫންގެ ކޮންމެ ސިފައަކީވެސް މާއިޝްގެ ކޮންމެ ސިފައެއްގެ އިދިކޮޅޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މި ހުރިހާ ކަމެއްގެ އިތުރުންވެސް ރައިޝާއަށް އެންމެ ކަމުނުދިޔަ ސިފައަކީ އަރޫން މާ ބޮޑަށް އޭނާއާއި ގައިގޯޅިވާން މަސައްކަތް ކުރާ ކަމެވެ. ބައްޕަ ގާތު ބުނަން ހިތަށް އަރާފައިވެސް ފަސްޖެހެވުނީ ބައްޕަ ބޭނުންވާ ގޮތް އޭނާއަށް ރަނގަޅަށް އެނގޭތީއެވެ. އެ ދުވަހުގެ ހަވިރު އެއްކޮށް ފޫހިކަމާއެކުގައި ހޭދަކުރުމަށްފަހު ރައިޝާ ގެއަށް ވަނީ ވަރުބަލިވެފައިވާ ޙާލުގައެވެ.

*******

ޢިޝާ ނަމާދު ކޮށްލުމަށްފަހު ރައިޝާ އެނދުމަތީގައި ޖައްސާލި ތަނާހެން ނުހާ ރައިޝާއަށް ގޮވަން ފެށިއެވެ. ކާން އަންނަން އެދުމުންވެސް ރައިޝާ ފަހުން ކާނަމޭ ބުނެ ފަރުޖައްސާލީ މިވަގުތު އެއްވެސް މީހަކާ އަނގައިން ބުނާ ހިތް ނެތުމުންނެވެ. ފަހުން ކެއުމަށް ބުނެ ނުހާ ދިއުމުން ރައިޝާ އެނދުމަތީގައި އޮށޯވެލިއެވެ. މިއަދު އަރޫންއާއި އެކުގައި ހޭދަކުރެވުނު ހުރިހާ ވަގުތެއް ހަނދާނަން އައުމާއިއެކު ދއއަތް މުއްކަވާލެވުނެވެ. ހަށިގަނޑުގައި މަޑު ތުރުތުރެއް އުފެދެން ފެށިއެވެ. އޭނާގެ ލޭ ކެކެން ފެށިއެވެ. އެއްވެސް ކަމަކާއި ނުލާ އަރޫން ދެކެ ރުޅި އާދެވެން ފެށިއެވެ. ކުރިއަށްވުރެ ބޮޑަށެވެ. މާ ބޮޑަށެވެ. ކީއްވެ ކަމެއްވެސް ނޭނގުނެވެ. މީހާ ކޮންޓްރޯލުން ނައްޓާހެން ހީވުމުން ބާލީސް ތެރެއަށް މޫނު ކޮއްޕާލައިގެން އޮވެ ބާރަށް ހަޅޭއްލަވައިގަތެވެ.

ދެތިން ފަހަރަކު އެހެން ހަދާލެވުމުން ހިތަށް ކުޑަވަރެއްގެ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އެހެންނަމަވެސް، އެއްވެސް ކަމަކުން މާއިޝްގެ ފަޅުކަމުން އެ ހިތަށް ލިބިފައިވާ ފަޅުކަމާއި، ނުތަނަވަސްކަން ފޫބައްދައެއް ނުލެވޭނެއެވެ. އެއަށްވުރެ އެ ހިތުގައި މާއިޝްއަށް ދެވިފައިވާ ލޯތްބާއި، ޤަދަރު މާ ބޮޑެވެ. އެ މަޤާމު ދުވަހަކުވެސް އަރޫންއަކަށްވެސް، އަދި އެހެން ފިރިހެނަކަށްވެސް ނުދެވޭނެއެވެ. އެއީ ޔަޤީޏް ކަމެކެވެ. އަރޫންއާއި އެކީ އައު ޙަޔާތެއް އާބާދު ކުރަން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް، ދުވަހަކުވެސް އެކަން ކާމިޔާބެއް ނުވާނެއެވެ. އެއަށްވުރެ، މާއިޝްއަށްޓަކާ އެ ހިތުގައި ޖަހާ ވިންދު މާ ވަރުގަދައެވެ. ދުނިޔޭގެ އެއްވެސް ބާރަކަށް، ރައިޝާގެ ހިތަށް ބާރު ފޯރުވުމުގެ އެއްވެސް ޤާބިލްކަމެއް ލިބިގެންނެއް ނުވެއެވެ. ކިތަންމެ ދުވަހެއް ވިޔަސް، އެކަން އޮންނާނީ އެގޮތުގައި ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ.

*******

ދުވަސްތައް ފާއިތުވަމުން ގޮސް އެއް މަސް ވޭތުވެގެން ދިޔައީ ހީވެސް ނުކުރާހާ ހަލުވި މިނުގައެވެ. ރައިޝާއާއި އަރޫންގެ ކައިވެނި ކުރަން ޖެހޭ ދުވަސް ކައިރިވަމުން އަންނަ އިރު، ވޭތުވެގެންދާ ކޮންމެ ދުވަހަކާއެކު، ރައިޝާގެ ހިތަށް ލިބިފައިވާ ޒަޚަމް ދަނީ އިތުރަށް ފުންވަމުންނެވެ. އަރޫންއާއި ކައިވެނި ކުރަން ޖެހޭކަން ހަނދާންވާ ކޮންމެ ފަހަރަކުވެސް، އެ ހިތަށް ހީވަނީ ތޫނު ޚަންޖަރެއް ހަރާލެވޭ ހެންނެވެ.

މިއާ ޚިލާފަށް އަރޫންގެ ހިތް ދިޔައީ އުފަލުން ނަށަމުންނެވެ. ރިޔާޒް މި ކަން މި ގޮތަށް އެ ކުރަނީ ކީއްވެކަން އެންމެ ރަނގަޅަށް އެނގޭ އެކަކީ އަރޫންއެވެ. މިވީ ދުވަސްކޮޅުގެ ތެރޭގައި ރައިޝާ ކިތަންމެ ފަހަރަކުވެސް ނުގޮތަކަށް އޭނާ ކުރެން މާއިޝްގެ ޚަބަރެއް ހޯދަން އުޅޭކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ނޭނގޭ ކަމަށް ހަދާލައިގެން ހުންނަނީއެވެ. އެހެންނޫނީ ރައިޝާއާއި ކައިވެނި ކުރުމަށް މި ލިބޭ ފުރުސަތު ދާނީ ވަޔަށްކަން އޭނާއަށް ވަރަށް އެނގެއެވެ. ނަމަވެސް އޭނާއަށް ނޭނގޭ ކަމަކީ، ތަޤުދީރުގައި މާ ކުރިން ލިޔެވިފައިވާ ގޮތް އެކަކަށްވެސް ބަދަލު ނުކުރެވޭނޭ ކަމެވެ. އެންމެ ބާރުގަދަ، މުއްސަނދި މީހާވެސް ﷲގެ ޙަޟްރަތުގައި ވާނީ ނިކަމެތި، ފަޤީރަކަށް ކަމެވެ. އެކަން އޭނާއަށް އިޙްސާސްވާކަށް ދެން މާ ގިނަ ދުވަހެއް ނެތެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

އެ ހުވަފެން – 9

Next

ލޯބި ވެވުމުން 10

Next
March 2, 2022

ލޯބި ވެވުމުން 10

Previews
March 2, 2022

އެ ހުވަފެން – 9

2 Comments!

  1. ?lizzie? says:
    March 2, 2022 at 1:28 pm

    Woahhh.. waited so long for this part.. It’s awesome..❤❤??waiting for next.. hope it’ll be soon❤lysm.. tvgc

  2. lau.laala786@gmail.com lau laalu says:
    March 2, 2022 at 7:09 pm

    hii yannu.. varah gina dhuvas fahunves bahdhal veema ufaaves vejje ….
    waited for this episode for so long…
    hope to keep in touch as usual missed you so much…
    stay safe dear..
    loves you soooo muchhh…

Comments are closed.

Next Episodeހިތުގެ ޝަކުވާ… 33←


All Right Reserved!