މައިދައިތަ އެހެންބުނުމުން ސައިފް ރުޅިއައިސްފައި ހުރެ ދޮރު ހުޅުވިއެވެ.ދޮރު ހުޅުވުމާއެކު ރޮމުން ނައިޝާ ބޭރަށް ދުއްވައިގަންނަން އުޅުނެވެ.ނަމަވެސް ސައިފް އެއަށް ވުރެ ކުރިއަށް ނައިޝާގެ އަތުގައި ހިފައި ގުދަން ތެރެއަށް ވެއްދިއެވެ.ސައިފް ގެ ފަހަތުން ސަނާއާއި ސުހާގެ އިތުރުން މައިދައިތަވެސް ގުދަނަށް ވަނެވެ.
“އަދިވެސް ރުފިޔާ ޓުރާންސްފާ ނުކުރާނަންތަ؟” ރުޅިގަދަވެފައި ހުރި ސައިފް އަޑަށް ބާރު ލަމުން ބުނެލިއެވެ. “އާނ.އާނ…ނުކުރާނަން…ނުކުރާނަން” ސައިފަށް ވުރެ ބާރަށް ނައިޝާ ބުނެލިއެވެ. ހިތާމައާ ނަފްރަތާއި ރުޅިއާއި ހުރިހާ ހިއްސެއް ނައިޝާގެ ހޭލިފަދައެވެ.ނައިޝާ ސައިފްދެކެ ވީ ލޯބީގެ އަގު ހިތިވުމުން އޭނާ ސައިފާ ދޭތެރޭގައި ނަފްރަތު އުފެދެން ފެށިއެވެ.
“އަދި އެއްފަހަރު ބުނެބަލަ!” ސައިފް ނައިޝާ އަށް ރުޅިވެރިކަމާއި އެކު އަމުރު ކޮށްލިއެވެ. “ނުލިބޭނެޔޭ… ނުލިބޭ….” ނައިޝާގެ ޖުމުލަ ފުރިހަމަ ނުވަނީސް ރުޅިގަނޑު ކެކި އުތުރި އެރި ސައިފް، ހުރިބާރެއް ލާފައި ނައިޝާގެ ކޯތާފަތް މަތީގައި ޖެހިއެވެ.
ސައިފް ޖެހިލެއް ބާރުކަމުން ނައިޝާ ބިއްމައްޗަށް ވެއްޓުނެވެ. ވެއްޓެމުން ދިޔަ ނައިޝާ ކަރުނައިން ފުރިފައި މައިދައިތަ އަށް އެހީއަށް އެދޭ ނަޒަރަކުން ބަލައިލި އެވެ. “މަންމާ” ވޭނީ އަޑަކުން ނައިޝާ މައިދައިތަ އަށް މަޑުމަޑުން ގޮވާލި އެވެ.
“ތަދުވޭ ދޯ؟…ދެންވެސް ސައިފް ރުޅި ނާރުވާ ރުފިޔާ އޭނާއަށް ދީބަލަ ނައިޝާ….ރުފިޔާ ދިންނަމަ ތި އަނިޔާއެއް ނުލިބުނިސް” ހިތުގައި ރަހުމެއް ނެތް ނައިޝާގެ މައިދައިތަ ނައިޝާއަށް ބުނެލި އެވެ.
ނައިޝާގެ ކަންފަތް މަތީގައި ސައިފް ޖެހުމުން އޭނާ އިތުރަށް ސައިފް ދެކެ ނަފްރަތު ވިއެވެ. “އަދިވެސް ނުކުރާނަންތަ؟” ބިންމަތީގައި ނުތެދުވެވިފައި ރޯން އިން ނައިޝާ އަށް ގުދުވެލަމުން ސައިފް އަހާލިއެވެ. އާނ އެކޭ ބުނުމުގެ ގޮތުން ނައިޝާ ބޯ ޖަހާލުމަށްފަހު ތެދުވަން މަސައްކަތް ކޮށްލިއެވެ.
ސައިފްގެ ރުޅި އިތުރަށް ގަދަވެ، ތެދުވަން އުޅުނު ނައިޝާގެ ގައިގައި ފައިން ޖަހާ ކޮށްޕާލިއެވެ.”އައްދޯއި” ވޭނުން ފުރިގެންވާ އަޑަކުން ވެއްޓެމުން ދިޔަ ނައިޝާ ބުނެލިއެވެ.ސައިފް ނައިޝާގެ އުނަގަނޑުގަ އާއި ގައިގެ އެތަން މިތަނުގައި ފައިންނާ އަތުން ތަޅަން ފެށިއެވެ.
ބިންމަތީގައި ކުރުގެޅިގެން ރޮމުން ތަދުވެޔޭ ގޮވަމުން ނައިޝާ ދިޔައެވެ.ސައިފް ނައިޝާ ގައިގައި ތަޅަމުން ދިޔަ އިރުވެސް އެކައްޗެކޭވެސް ނުބުނެ އެމަންޒަރު ބަލަން މައިދައިތަ ހުރި އިރު، ސަނާއާ ސުހާވެސް ހިނިއައިސްފައި މައިދައިތަ ކައިރީގައި އެމަންޒަރު ބަލަން ހުއްޓެވެ.
ސައިފްގެ އަނިޔާތަކަށް ކެތްނުކުރެވިގެން މަޑުމަޑުން ލޯމެރެމުން ދިޔަ ނައިޝާ ކަރުނައިން ފުރިފައިވާ ލޮލުން އެންމެނަށް ބަލައިލި އެވެ. އިންސާނިއްޔަތު ކަމަށް ވުރެ ފައިސާ އަށް ޖެހިފައިވާ ލޯބި އެމީހުންގެ ބޮޑެވެ.މާލެގަައި ހުރިއިރު ނައިޝާ އެމީހަކަށް އެންމެ ވަގުތުދީ ހެޔޮކޮށް ހިތި ސަނާވެސް މިއަދު ހެވިފައި ނައިޝާއަށް އަނިޔާ ކުރާ މަންޒަރު ބަލަން ހުއްޓެވެ.މަޑުމަޑުން މުޅިތަން ނައިޝާއަށް އަނދިރި ވަމުން ދިޔައެވެ.
ނައިޝާއަށް ލޯ ހުޅުވާލެވުނީ ހޫނު ގަދަވެެގެންނެވެ.ފާރުގައި ހުރި ލޯވަޅަކުން އިރުގެ އަލި އެކުޑަ ގުދަން ތެރެއަށް އެޅިފައި ވާތަން ނައިޝާއަށް ފެނުނެވެ. އިރުގެ ދިލަ ހޫނު ޓިނުތަކަށް އެޅި މުޅިތަން ވަނީ އުދާސް ވެފައިވެއެވެ.ނައިޝާ ވަށައިގެން ނަޒަރު ހިންގާލިއެވެ.
އޭނާއަށް މިއޮވެވުނީ ބިންމަތީގައިކަން އެނގުމުން ތެދުވަން މަސައްކަތް ކޮށްލިއެވެ.ނަމަވެސް ނައިޝާއަކަށް ތެދެއް ނުވެވުނެވެ..އޭނާގެ އަތާ ފަޔާ ވަނީ ވަރަށް ބާރަށް ވާގަނޑަކުން ބަނދެފައެވެ.ފުރަގަހަށް ބަނދެފައިވާ އަތް މޮހެލަން ނައިޝާ މަސައްކަތް ކޮށްލިއެވެ.ނަމަވެސް ބަނދެފައިވާލެއް ވަރުގަަދަ ކަމުން ނައިޝާއަކަށް އެކަމެއް ކާމިޔާބެއް ނުވިއެވެ.
ނައިޝާ އަނެއް ފަރާތަށް ފުރޮޅިލާން މަސައްކަތް ކޮށްލިއެވެ.އޭނާގެ ގައިގައި ނުރިއްސާ އެންމެތަންކޮޅެއްވެސް ނެތެވެ.ވަރަށް ހިތްވަރު ކޮށްފައި ނައިޝާ ފުރޮޅިލިއެވެ.އެވަގުތު އެއްޗެހިތަކުގެ ތެރޭގައި އިން ދިގު ލޯގަނޑުން ނައިޝާއަށް އޭނަ ފެނުނެވެ. މީހާ ބަނދެލައިފަ ވާއިރު އަނގައިގަވެސް ވަނީ ވާންކޮށް ޓޭޕު އޮޅާ އަނގަ ބަންދުކޮށްފައެވެ.
ރޭގަވީ ކަންތައް މަތިން އެވަގުތު ނައިޝާގެ ހަނދާނަށް އައެވެ.ސައިފް އޭނާ ގައިގަ ތެޅި ހަނދާން އާވިއެވެ.ނަމަވެސް ހަތަރެސްފައި ބަނދެ އަނގައިގައި ޓޭޕް އެޅީ ކާކު ކޮންއިރަކު ކަމެއް ހަނދާނެއް ނުވިއެވެ.
ހޫނުގަދަވުމުގެ ސަބަބުން ނައިޝާ ކަރުހިއްކައިގަތެވެ.ނަމަވެސް ފެންފޮދަކަށް އެނދި ނުތެދުވެވޭތާ މީހަކަށް ގޮވާވެސް ނުލެވެއެވެ.ނައިޝާއަށް ރޮވެން ފެށިއެވެ.ހިރަފުސް ބިންމަތީގައި ކަނޑަލާއި ހިނި އުޅޭއިރުވެސް ނައިޝާއަށް އެތާގައި އޮންނަން ޖެހުމުން ބިރުގަންނަން ފެށިއެވެ.
އެވަގުތު މީހަކު ދޮރު ހުޅުވާލިއެވެ. ދޮރު ލައްޕާލުމަށްފަހު ގުދަންތެރެއަށް ވަދެގެން އައީ މައިދައިތަ އެވެ. މައިދައިތަ ފެނުމުން ނައިޝާ ތެޅެން ފެށިއެވެ.ފަޔާއަތާ މޮހާދިނުމަށް މައިދައިތަ ކިބައިން އެދެން ފެށިއެވެ.ނަމަވެސް އަނގައިގައި ޓޭޕު އަޅާފައި ވުމުން ނައިޝާ ބުނަން އުޅޭ އެތި ނުއެއް ބުނެވެއެވެ.
“ތިތާ މަޑުން އޮވޭ ނުކުކުރާ..ސައިފް އައީމަ ނައިޝާ އަށް ހަދަންވާ ގޮތެއް އިނގޭނީ…އޭނާވީ ސުހާ އާ އެކު ސުހާގެ ގެއަށް ގޮއްސަ…އަހަރެން މިއައީ މެންދުރަށް ކައްކަން ހަނޑޫކޮޅެއް އަޅަން” ތެލި ހިފައިގެން އައިސް ހަނޑޫ ބާލިދީއިން މަތި ނެގުމަށް ފަހު ހަނޑޫ އަޅަމުން މައިދައިތަ ނައިޝާއަށް ބުންޏެވެ.
“ރޭގަ ސައިފް ތަޅާގަތުމުން ނައިޝާ ހޭނެތުނީ…ފަހުން ސައިފް އައިއްސަ ނައިޝާގެ އަތާ ފައި ބަނީ…އޭރަށް ނައިޝާއަކަށް ނުއެއް ނިކުމެވޭނެއެއްނު… އަނގައިގަ ޓޭޕު އެޅީ ނައިޝާ ހަޅޭއްލަވާ ތަންގަނޑު މީހުން އެެއްކޮށްފާނެތީ” ހަނޑޫ ބާލިދީ މަތި ޖަހަމުން މައިދައިތަ އިތުރަށް ބުނެލިއެވެ.
“ފެންފޮދެއް” މައިދައިތަ ނިކުންނަން އުޅެން ފެށުމުން ނައިޝާ ފެންފޮދެއް ދިނުމަށް އެދެން މަސައްކަތް ކޮށްލިއެވެ. “ނުކުުކުރާ އޮންނާށޭ ބުނެފީމެއްނު” ގުދަނުން ނިކުމެ ދޮރު ޖަހަމުން މައިދައިތަ ބުނެލި އެވެ.އެވަގުތު އަރު ހިކި ފެންބޮވައިގެންފައިވާ ނައިޝާގެ ލޮލުން ކަރުނަތައް އޮހޮރިގެން ދިޔަ އެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.






can’t wait to read the next episode 🙂 keep it up :*
i m checking esfiya everyday to see if there is a new episode of this story <3