‘ކަލޭ ދޮންތަޔާ ވާހަކަ ދައްކަބަ.. އެޓްލީސް ހައި އެއް.. މަށަށް އެނގޭ ދޮންތަޔަށް އޭރު ވާހަކަ ނުދައްކާ ހުންނަން ނުކެރޭނެކަން.. އޭ މަ ދަނިއްޔޭ.. ދޮންތަ އެބައުޅޭ ކަމެއް ޖެހިގެން..’ ސައިކަލަށް އަރާ ޒައިކް ދުއްވާލިއެވެ.

******

‘ހިނގާބަލަ ޕުލީސް މިރޭ އެކަނި..’ އަށެއް ޖެހި އިރުން ފަށައިގެން މަލާކް ތަސްބީހެއް ހެން ކިޔަމުންދިޔަ ބައިތަށް އަދިވެސް ބަދަލެއް ނާދެއެވެ. ‘ހޫނ ދާނަން.. ދެން ތިހެން ނުކިޔަބަ ބޮލަށް އުދަނގޫވާން ފަށާފި..’ މަލްކާ ކަންފަތުގައި އަތްއަޅައިގެން ހުރެ ހިނގައިގަތެވެ. ‘އޭ ކޮންތާކަށް ތިދަނީ..!’ މަލްކާ ދިޔަ ދިމާއަށް ބަލައިން ހުރެފައި މަލާކް އަހާލިއެވެ. ‘ސާބަހޭ ތި ދާން އުޅޭ ތަނަކަށް ދެވޭނީ ފެންވަރައިގެނެއްނު..’ ބޯހޫރާލަމުން މަލްކާ ކޮޓަރި އަށް ވަދެ ދޮރު ޖަހާލިއެވެ.

ފެންވަރާ ނިމިގެން ސްކައި ބްލޫ ކުލައިގެ އަތްދިގު ޖާރޒީ އަކާއި ނޭވީ ބްލޫ ކުލައިގެ ޖީންސެއް ލައިގެން ހިތްފުރޭވަރަށް ގަޔަށް ސެންޓް ބުރުވާލުމަށްފަހު މަލްކާ ކޮޓަރިން ބޭރަށް ނުކުތެވެ. އިސްތަށިގަނޑުން ތަންކޮޅެއް ނަގައި ހުޅިއެއް ޖަހާލުމަށްފަހު ގަދަ ނުލާއި މަޑު ނުލުން ސްޓްރައިޕް ދަމާފައިވާ ސްކާފް ކޮޅަކުން އައްސަމުން ފައިވާން ބަހައްޓާ ހަރުގައި ހުރި ޑެނިމް ވެޖަށް އަރައިގެން މަލާކް އަށް ގޮވަމުން މަލްކާ ހިނގައިގަތެވެ.

މަލާކް އައުމުން ދެމީހުން އެކުގައި ރަށުގެ ޖެޓީއާ ދިމާލަށް ދާން ހިނގައިގަތެވެ.
ހަނދުވަރު ރީތި ރެއެއް ކަމުން ޖައްވުގައި ކިޔަމަންކުރައްވާފައިވާ އެތަކެއް ތަރިތަކެއް އެއެއްޗެތީގެ ނަލަކަން ދައްކަމުން ބަބުޅަމުން ދިޔައެވެ. މެދުއުޑުގައި ރަސްކަން ކުރަމުން ދިޔަ ހަނދު އެހެން ރޭތަކާ ހިލާފަށް ބޮޑުވެފައި އޮރެންޖު ފާޑުގެ ކުލައެއްގައި އަލިކުރަމުން ދިޔައެވެ. ހަނދުވަރުގެ ވަށައިގެން ހުރި ރޮގުން މިރޭ މަސްވެރިކަން ރަނގަޅުވާނެކަމުގެ ފެހި ސިގްނަލް ދެމުން ދިޔައެވެ. މަގުތަކުގައި ދިއްލާފައިވާ ސްޓްރީޓް ލައިޓް ތަކަށް ވުރެ ހަނދުވަރުގެ އަލި މާ ގަދައެވެ.

ފޯނަށް ނަޒަރު ހުސްކޮށް ލައިގެން މަލްކާ ހިނގަމުން ދިޔައިރު ހުއްޓާނުލާ މަލާކް ދައްކަމުން ދިޔަ ވާހަކަ ތަކަށް އިރުއިރުކޮޅާ ހޫމް އެއް އަޅުވާލައެވެ. މަލާކްވެސް މިރޭ ހީވަނީ ކުޑަވަރެއްގެ ‘އަނގަ ގަދަ މިތުރެއް’ ހެންނެވެ. އާނ ހޫނ ލައްވަމުން މަލްކާއަށް މަގުމެދަށް އެރުނުކަން ރޭކާލީ ސައިކަލެއްގެ އަލި ލޮލަށް އެޅުމުންނެވެ. ލިބުނު ޝޮކާއެކު މަލްކާއަށް ހުރިތަނުން ހިރިލާންވެސް ނޭނގުނެވެ. އޭރު އެ ސައިކަލު މަލްކާއާ އާ ވަރަށް ކައިރިވެއްޖެއެވެ.

******

‘އެންމެން ހަމަވެއްޖެތަ.. މަށަށް އައިސް މީހަކު އަންނާނޭ ކިޔާ މަޑުނުކުރެވޭނެ އެނގޭ..’ ފޯނުން ބާބަކިއު ސަރަހައްދުގައި ތިބި މީހުނަށް އިންޒާރު ދެމުން ޒައިކް ޖެހިގެން ހުރި ގޯޅިއަށް އަޅާލިއެވެ. އެކޮޅުން އެންމެން ހަމައޭ ބުނުމުން ފޯނު ކަނޑާލައި ޖީބަށްލުމަށްފަހު އިސްއުފުލާ ބަލާލި ތަނުން ލޮލުގައި އަޅައިގަތީ މަގުމެދުގައި ސްޓޭޗޫ ވެފައި ހުރި މަލްކާ އެވެ. ދުރުގައި ހުރި މަލްކާއާ ވައްތަރު ކުއްޖެއް ދޮނާ އޭ ކިޔާ ގޮވަމުން ދިޔަ އިރު މަލްކާއަށް އަޑުއިވޭހެން ހިޔެއް ނުވެއެވެ.

ފަޔަށް ބާރުލާފައި ޒައިކް އަށް ދުއްވައި ގަނެވުނެވެ. ސައިކަލުގައި އިންމީހާ ބުރަކި ޖެއްސިއެއްކަމަކު ސައިކަލު ކޮންޓްރޯލް އިން ނައްޓައިގެން ބާރު ސްޕީޑްގައި ދިޔައީ ސީދާ މަލްކާ އާ ދިމާލަށެވެ. ‘މަލް.. ޑޭމްން..’ ޒައިކް އަށް މަލްކާގެ އަތުގައި ހިފާ ދަމައިގަނެވުނީ ހަމަ ކިރިޔާއެވެ.

ދެމީހުންއެކީ އެކައްޗަކަށް ގޮސް މަގުގެ އެއްފަރާތަކަށް ގުޅައެއްހެން ޖެހުނެވެ. މަލްކާއަށް ހަމަބިމަށް ފޭބުނީ ދެނެވެ. އޭނާއަށް އޮވެވުނީ ޒައިކްގެ ގައިމަތީގައެވެ. މޫނާ މޫނު ޖެހޭ ހިސާބުން ޒައިކް ފެނުމުން މަލްކާގެ ހިތުގެ ވިންދު ޖެހުން އަވަސްވެގަތެވެ. ޒައިކް އަށްވެސް އެހިތުގެ ވިންދު އަޑުއިވޭނެ ކަންނޭނގެއެވެ.

‘ދޮނާ ކިހިނެތް ވެފަތަ ހުރީ.. މިފަހަރު މީ.. ކޮންނަމެއް ކިޔަނީ..’ މާ ބޮޑުވެލާފައި ނަސޭހަތް ދިނުމަށް އަގަހުޅުވާލި މަލާކް އަށް ޒައިކް އާ ނިސްބަތްކޮށް ބުނާނެ އެއްޗެއް ނޭނގުމުން ޖެހުނީ އަނގަ ބަންދު ކުރާށެވެ. މަލާކް ގެ އަޑުޖެހުމުން ސިއްސައިގެން ގޮސް މަލްކާއަށް ކޮޅަށްތެދުވެވުނީ ކިހިނެތް ކަމެއްވެސް ނޭނގެއެވެ. ޒައިކްވެސް ތެދުވެ ގައިގައި ހުރި ވެލި ފޮޅާލިއެވެ.

‘މަލް ޔޫ އޯކޭ.. ކިހިނެތް ވެފަ ހުރީ.. ތީ މަލާކް ދޯ.. އައިމް ޒައިކް..’ ޒައިކް ތައާރަފް ވެލިއެވެ. ‘ހޫމް.. ތޭންކްސް.’ މަލްކާ ތުންފަތުގައި ދަތްއަޅާލަމުން ހިނިތުންވެލިއެވެ. ހަގީގަތުގައި އޭނާ ހުރީ އެވަގުތު ވާނުވާގައެވެ.

‘ތެދެއް.. ތޭންކްސް.. މިއަދު ދޮނާ އެސައިކަލް ދަށު ވާނެ ބޭބެ ނައި ނަމަ.. ދޮނާވެސް ހުރީ ކިހިނެއް ވެފަތަ.. ސައިކަލެއް ފެނުނީ އަލަށްވެސް ނޫންވިއްޔަ..’ ‘މަލާ ހިނގާ ގެއަށް މިރޭ މިއަށްވުރެ ދުރަށް ނުދެވޭނެ ވަރަށް ބަލިވެއްޖެ..’ މައިނޭވާ ލަމުން މަލްކާ ބުނެލިއެވެ. އޭނާހުރީ ނޭވާލާން އުދަނގޫވެފައެވެ.

‘ބާއި.. ޓޭކް ކެއަރ..’ ޒައިކް މަލްކާއަށް ބަލައިލަމުން ބުުނެލިއެވެ. ‘ޔޫ ޓޫ.’ މަލްކާ ބުނެލިއެވެ. މަލްކާމެން އެގޯޅިން އެޅުމުން ޒައިކް ހިނގައިގަތީ ބާބަކިއު އޮތް ތަނަށެވެ.

******

‘މިރޭ ކީއްވެ ތިގެނައީ.. މަބުނި ކަންތައް އަދި ނުނިމެނީތަ.. ނޫނީ މަދިން ފައިސާ މަދީތަ..’ ކަޅު ފޭރާމެއްގައި ހުރި ޒުވާނާ ފާޑަކަށް އަނގަ ހަދާލާފައި ކުރިމަތީގައި ހުރި މުސްކުޅި ފިރިހެނާ އަށް ބުނެލިއެވެ.

‘މީ ސިހުރޭ.. ކުޅޭ ކުޅިވަރެއް ނޫން.. މިއީ މީގެ ދެވަނަ މަރުހަލާ.. ކަލޭ ދޭ މީތި ހިފައިގެން ގޮސް އެގޭ ހުރިހެން ހީވާ އެންމެ ދުވަސްވީ ގަހުގެ ކައިރީ ވަޅުލާ.. މިރެއިން މިރެއަށް މިކަން ވާންޖެހޭނެ.. އަދިވެސް ކުރަންޖެހޭ ކަންތައްތައް މަދެއް ނޫން.. އަދި މަޑުކުރޭ.!’ ފުޅި ނަގައިން ހިނގައިގަންނަން އުޅެފައި ‘އޭނާ’ މަޑުކޮށްލީ އެ މުސްކުޅި މީހާ ބުނާނެ އެއްޗެއް އަޑުއަހާށެވެ.

‘އެންމެން ނިދާ ރަށުތެރެ ހިމޭން ވުމުން ދާނީ.. އަ..’ ‘އެހެންވިއްޔަ މަ މިހާ އަވަހަށް ގެނައީ ކީއްކޭ ހިތަށް އަރައިގެން.. ކަލޭ ހުރީ *****ތަ؟.. އަހަރެން ކިރިޔާ ޕޮލިހުންގެ އަތުނުޖެހުނީ ..’ މުސްކުޅި މީހާގެ ވާހަކަ މަޑު ޖެހުނީ ‘އޭނާ’ ބާރަކަށް އަތް މުއްކަވާލަމުން ބުނި ޖުމްލައިންނެވެ.
‘އެޔޭ ބުނަން މިއުޅެނީ.. ތީގެ އަސަރު ކުރާނީ މިހިރަ ކިޔެވެލިތައް ކިޔަވަމުން ތި ވަޅުލީމަ.. ދިއުމުގެ ކުރިން މިއެއްޗެހި ހިތުދަސްކޮށްގެން ދާނީ.. އަވަހަށް ގެނައީ އެހެންވެ.. މިދަސްވާނީ އުދަގުލުން.. ދޭ ދަސްކުރަން މަބުނިގޮތް ހަދާނީ..’ މުސްކުޅި މީހާގެ މޫނުމަތިން ހިތް ހަމަނުޖެހޭ ކަމުގެ ކުލަވަރު ފާޅުވާން ހުއްޓެވެ. ވާނީވެސް އެހެންތާއެވެ. ބުނާއެއްޗެއް ރަނގަޅަށް އަޑުނާހާ ހިތުހުރި އެއްޗެއް ކިޔާލީ ވިއްޔާއެވެ.

‘މަލްކާ.. އަހަރެން މިއަންނަނީ.. ކަލެޔާ ހެދި އަހަރެން ފިލައިގެން އުޅެން މިޖެހެނީ.. މަށަށް ކެއްސެއް ދީފަ ތިހާ ފަސޭހައަކުން ސަލާމަތެއް ނުވެވޭނެ.. ކަލޭ މިދުނިޔޭގަ ހުރި ހިދެއްގަ އުފަލުގަ ހުރިއަކަ ނުދޭނަން..’ ގަޑު ކޮޅަށް ބަލައިލުމުން ‘އޭނާގެ’ މޫނު މައްޗަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ. މިއީ ކާކު ބާވައެވެ. މަލްކާ އާއި ކޮންގުޅުމެއް އޮތް މީހަކު ބާއެވެ. މަލްކާގެ ކިބައިން އޭނާ އެ ހިފަނީ ކޮންކަމެއްގެ ބަދަލު ބާއެވެ.

******

ގިޓާ ނަގައިގެން އިން ޒައިކްގެ ބޮލުގައި އެނބުރެމުން ދިޔައީ މަލްކާގެ ހިޔާލުތަކެވެ. މަލްކާއާ މެދު ފިކުރު ކުރެވޭ ވަރުން އެތަނުގައިވާ އެއްވެސް ކަމެއް އޭނާގެ ބޮލަށް ވަންނަ ވަރެއް ނޫނެވެ. ޒައިކްގެ ހިތަށް ވަނީ ބިރުވެރި ކަމެއް ވަދެފައެވެ. މަލްކާ ދެކިލާހިތް ވަނީއެވެ. ހީވަނީ ކަމެއް ގޯސްވާން އުޅޭހެންނެވެ.

‘ބްރޯ.. ކޮންކަމަކަށް ގެއްލިފަ..’ އެހެން ދުވަސްދުވަހު އެންމެ ގަދަޔަށް ވާހަކަ ދައްކާ މީހާ ހިމޭންވެފަ އިނުމުން ޒައިމަން އައިސް ގޮވާލިއެވެެ. ‘ކަމެއް ނުވޭ.. ކަލޭ ދިޔައީމަ ވަރަށް މިސްވާނެ..’ ޒައިކް އަވަހަށް ވާހަކަ އޮޅުވާލިއެވެ. ‘އެހެންވިއްޔާ އެންޖޯއި ކޮށްބަ.. އޭރު ހުންނާނެ އަހަރެންމަތިން މިސްވީމަ ބަލާނެ މެމޮރީސް ވެސް..’ ޒައިމަން ބާބަކިއު ގްރިލް އާ ދިމާލަށް ހިނގައިގަންނަމުން ބުނެލިއެވެ. ހޫމް އެއް ލައްވާފައި ޒައިކް ފޯނު ނަގާލިއެވެ.

‘މަލް.. މިހާރު ކިހިނެއް؟’ މަލްކާ ގެއަށް ދިޔައިރު ހުރީ ގޮތެއް ވެފަކަން ޒައިކް އެގުނެވެ. ނަމަވެސް އެވަގުތު އެހިޔަސް މަލްކާ ނުބުނާނޭ ހިތަށް އެރުމުން އަޅާނުލީއެވެ. މަލްކާގެ ރިޕްލައި ލިބޭކަށް މާގިނަ އިރުތަކެއް ނުނަގައެވެ. ‘މަޗް ބެޓަރ..’ ޒައިކް އަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ‘ގުޑް ނައިޓް’ އޭ މަލްކާއަށް ފޮނުވާލުމަށްފަހު އެތާ ދެންތިބި މީހުންނާ ބައިވެރިވާން ޒައިކް ހިނގައިގަތެވެ. ބާބަކިއުގެ ފޯރީގައި ޖެހިފައި ތިބި އެކަކަށް ވެސް ގަޑި ހިގާކަމެއް ނޭނގޭ ކަހަލައެވެ. ޒައިކް ނުބުނިނަމަ ބާރަވެސް ޖަހާނީ އެ ސަކަރާތުގައި ޖެހިފަ ތިއްބައެވެ.

‘ހިނގާ ދާން.. ތިހެން ކަލޭމެން ތިއްބާ މޫދުން އެއްޗެއް އަރައިގެން އައިސް ގެންގޮސްފާނެ..’ ވަރުގަދަ ހިނިގަޑަކާއެކު އަދްޔަން އެހެން ބުނެފައި ޒައިކް ކައިރިއަށް ހިނގައިގަތެވެ.

‘މިރޭ ހާދަ މޫޑީ އޭ.. ކިހިނެތް ވެފަ ތިހިރީ..’ ޒައިކް ހުރި ވައްތަރުން އަދްޔަން އަށްވެސް އެހުނީ އެހެންނެވެ. ‘ކަމެއް ނުވޭ.. ނިދި އައިއްސަ..’ އާފުރެނީ ކަމަށް ހެދިފައި ޒައިކް ބުނެލިއެވެ. ފަހަރަކު މީހެއް ގެއަށް ވަދެ މިހާރު ބާކީ ހުރީ ޒައިކް އާއި އައިކަންއެވެ.

******

ބާރަ ޖަހަން ފަނަރަ މިނެޓަށް ހުއްޓާ ކަޅު ހޫޑީ އަކާއި ކަޅު ޖީންސް އެއް ލައިގެން މޫނު ފޮރުވައިގެން ނިކުމެ ‘އޭނާ’ މިސްރާބުޖެހީ ވިންޓަރ ފެލް ގެއަށެވެ. ފަސޭހަ ކަމާއެކު އެގޭ ވަށާ ފާރުބުރި މަތިން އެތެރެއަށް ފުންމާލުމަށްފަހު އެތާހުރި އެންމެ ދުވަސްވެފައިވާ ހެން ހީވާ ގަސް ކައިރިއަށް ‘އޭނާ’ ލެފިގަތެވެ.

ދެގަނޑިއިރުން ހިތުދަސްކުރި ކިޔެވެލިތައް ކިޔަވަމުން ‘އޭނާ’ ގެނައި ކުޑަ އުދަލިން އެތަން ކޮނެލިއެވެ. ބާކީ ހުރި ކިޔެވެލިތަކާ އެއްގޮތަށް ތުންތަޅުވަމުން އެ ފުޅި އެތަނަށް ވައްޓާލައި ފަސްލުމާއެކު ހީވީ މުޅި ތަނަށް ގުޑުން އެރިހެންނެވެ. އެކި ގަސްގަހުގައި ހާލި ހަދައިގެން ނިދާފައި ތިބި ކާޅުތައް އެއެއްޗެތީގެ ގެތަކުން ނިކުމެ ހޯބޯ ލައްވަން ފެށީ ބިރެއް ފެނިގެން އުޅޭ ފަދައަކުންނެވެ. ‘އޭނާގެ’ ތުންފަތާ ކުޅެލީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

******

އައިކަން އެކި ވާހަކަ ދައްކަމުން އައި އިރު ޒައިކް އަށް ކުރެވުނު ހާވެސް ކަމަކީ އޭނާގެ ވާހަކަ ތަކަށް އެއްބަސްވުމެވެ. މަލްކާމެންގޭ ހުންނަ ގޯޅިގަނޑަށް އެޅުމާއެކު ކާޅު ގޮވާ އަޑުފަށްގަނޑެއް އިވުމުން ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ. އެގޭ މަތީގައި އެނބުރެމުން ދިޔައީ އެކެއް ނުވަތަ ދެ ކާޅެއް ނޫނެވެ. ސަތޭކައެއްހައި ކާޅު އެގެއިން ދުރަށް ދަތުރު ކުރަމުން ދިޔައެވެ.

ދެމީހުންނަށްވެސް ނުބައެއް އުޅޭކަން ރޭކާލުމުން އަވަސް ފިޔަވަޅު ތަކުގައި ގެއަށްދާން ހިނގައިގަތެވެ. ދެމީހުންގެ ގޭ ހުންނަނީ ޖެހިޖެހިގެންކަން އެއީ ނަސީބެވެ. އެހެންނޫންނަމަ ދުރަށް ދާންޖެހޭ މީހާ ބިރުން ގަޔަށް ހީސްލެވިދާނެ ކަންނޭނގެއެވެ.

ޒައިކްއަށް އެގޭ ތެރެއިން ހިޔަނިއެއް ވިހެން ހީވުމުން ފަހަތަށް ޖެހިލިއެވެ.
‘އޭ ކަލޭ ތީ ކޮންކަމެއް.. އަވަހަށް ގެއަށޭ ދާންވީ.. އަހަންނަށް ހީވަނީ އަދްޔަން ބުނިއެއްޗެހި އަޑުއިވިއްޖެހެން މިކާޅުތައް ފޮނުވި އެއްޗަށް..’ ޖެހިލުންވެފައި ހުއްޓެއް ކަމަކު އައިކަން ދެއްކި ވާހަކައިން ޒައިކްއަށް ޕަކަޕަކަ ލާފައި ހީނުގަނެވުނީ ކެތްކުރިވަރުންނެވެ. އަދި ވަކިން ޚާއްޞަކޮށް އައިކަން ޒައިކްއާ ސިއްރުން ވާހަކަ ދެއްކުމުންނާއި ރާގުހުރި ގޮތުން ހީވީ ދެންމެ ދެންމޭން ރޮއިހޭރިގަންނާނެ ހެންނެވެ. އައިކަން އަކާހުރެ އެތަން ވެސް ނުބަލާ ޒައިކް އޭނާގެ ފަހަތުން ހިނގައިގަތެވެ. ޒައިކް އަށް ނޭނގުނު ކަމަކީ އޭނާއަށް މިދޫކޮށްލެވުނީ ކިހާ މުހިންމު ތަންކޮޅެއް ކަމެވެ.

******

ނިދިފައި އޮތް މަލްކާއަށް ތެދުވެވުނީ ކާޅު ގޮވާ އަޑުފަށްގަނޑަށެވެ. ތެދުވެ ދެލޯ އުނގުޅަމުން ޕާޓްޝަންގެ ފޮތިތައް ކަހާލަމުން ބޭރަށް ބަލައިލީ ވެގެން އުޅޭ ގޮތެއް ދެކިލުމުގެ ނިޔަތުގައި އެވެ. ފާރު ބުރިމަތިން ފުންމާލަން ތައްޔާރަށް އިން މީހަކު ލޮލުގައި އެޅުމުން މަލްކާއަށް ދަންނަ މީހަކާ ވައްތަރު ހެން ހީވިއެވެ. ‘ހީ ލުކްސް ލައިކް.. ނޫން އެހެނެއް ނުވާނެ އޭނަ މަރުވެއްޖެ.. ވާނީ އޭނަޔާ ވައްތަރު މީހަކަށް..’ އަމިއްލަ ނަފްސަށް ވިސްނައިދެމުން މަލްކާ ފާހާނާއަށް ވަންނަން ހިނގައިގަތެވެ.

3

1 Comment

  1. Rooya Xek

    August 20, 2021 at 10:15 pm

    Hey guys 😍😍 hope u guys are doing well ❤️❤️ Anehbai insha allah maadan submit kohleveythw balaanan 😘😘 tc n stay safe dears 💖💖💖💖

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!