ހެނދުނު އަށެއް ޖެހުމުން ނައިޝާ ތެދުވެ މުޅި ސިޓިންރޫމް ތެރެއާއި ބަދިގެ ތެރެ ފޮޅާ ސާފުކޮށްލިއެވެ.ނުވައެއް ޖެހިއިރު ސައިފާ ނައިޝާ ހެނދުނުގެ ނާސްތާ ކުރަން މޭޒުދޮށުގައި ތިއްބެވެ.އެވަގުތު ނައިޝާގެ ފޯނަށް ކޯލެއް އައެވެ.ގުޅީ ފަހާތަނުންނެވެ. ވެޑިން ޑްރެސް ނިމިފައިވާ ވާހަކަ ބުނަންވެގެނެވެ.ނައިޝާ ސައިފް ކައިރި އެވާހަކަ ބުނުމުން އަވަސް އަވަސް ކޮށްލައިގެން ހެދުންނަގަން ސައިފް ދިޔައެވެ.

ސައިފް ގެއިން ނިކުތުމުން ނައިޝާ ފަހާތަނަށް 1250 ރުފިޔާ ޓްރާންސްފާ ކޮށްލުމަށް ފަހު ސުލިޕްކޮޅު ވައިބަރ ކޮށްލިއެވެ.ކައިނިމި ތަށިތައް ދޮންނަން ޒިންކް ކައިރި ނައިޝާ  ހުއްޓާ ސައިފް ހުދުކުލައިގެ ފޮށްޓެއް ހިފައިގެން އައެވެ.އެފޮށި މަތީގައި  ހުދުކުލައިގެ ރިބަނުން އައްސާލާފައިވާ އިރު ހީވަނީ ބޮޑު ގިފްޓް ބޮކްސެއްހެނެވެ.

“ދޭބަ ތައްޔާރުވާން ފިހާރައަކަށް ދާން…. މަންމަ ގުޅާފަ ބުނި ހުދު ކުލައިގެ ކަށިފައިވާނެއްވެސް ލާދެއްޗޯ އެމީހުން ބުންޏޯ” ސައިފް އެހެން ބުނުމުން ނައިޝާ ތައްޔާރު ވެލިއެވެ. ސައިފް ނައިޝާ އާއި ރީތިކޮށް ވާހަކަ ދައްކާތީ ނައިޝާ ވަރަށް ހިތްހަމަ ޖެހުނެވެ.

ފިހާރައަށްވަދެ ފައިގެ ތަނބިކަށީގައި ތަތްކުރާ ވާކޮޅެއް ހަރުކޮށްފައިވާ، ހުދު އުސް ފައިވާނެއް ނައިޝާ ނެގިއެވެ. ” މީތި ރަނގަޅުތަ މީ ސައިޒު 38″ ނައިޝާ ބުންޏެވެ. ” އާނ ވަރަށް ރީތި…ސައިޒު 38 ވީމަ ހޭވަރުވާނެއޭ އެކޮޅުން ބުނީ” ސައިފްގެ ރާގުގައި ވަނީީ އުފާވެރިކަމެވެ.

“ނައި…. އަދި ހަނދާން ނެތިފަ މިހުރީ… ކައިވެނި ކުރަން އުޅޭ ފިރިހެން ކުއްޖާ އަކީ ސައިފްގެ ކުލާސްމޭޓެއް…އޭނަގެ އަންނައުނު އޯޑަރު ކޮށްފަ އޮންނަތާ ކިތައްމެ ދުވަހެއް އަދިވެސް އޭނަގެ އެއްޗިހި ނުލިބޭ… ވެޑިން ޑޭޓް ކައިރި ވާތީ އޭނަ ބުނީ ގަނެދޭށޯ” ސައިފް ބުންޏެވެ.

ފައިވާން ގަނެ ނިމުމުން ކޯޓް ފަޓުލޫނު ވިއްކާ ފިހާރައަކަށް ނައިޝާމެން ދިޔައެވެ. ” ވަރަށް ރީތި އެއްޗެހި އެބަހުރި” އެތަނަށް ވަތް ސައިފް ހައިރާންވެ ހުރެ ބުންޏެވެ. ” އެކަމް ސައިޒު ނެތި ކިހިނެއް ގަންނާނީ ހެޔޮވަރުކޮށް” ނައިޝާ ސައިފަށް އަހާލިއެވެ.

” މީ… އޭނަ އާ ސައިފާ ވާނީ އެެއްވަރެއް…އޭނަ ބުނީ މަށަށް ހެޔޮވަރުކޮށް ގަތީމަ އޯކޭ ވާނޭ…ބޫޓެއް ވެސް ގަންނަންޖެހޭ އެބަ” ސައިފް ބުންޏެވެ. ” މީތި ރީތިދޯ” ނައިޝާއަށް ސައިފް ބުންޏެވެ. ހުދުކުލައިގެ އަތްދިގު ގަމީހަކާއި އަތްކެނޑި ކަޅު ޖެކެޓަކާއި ކަޅު ފަޓުލޫނެއް ސައިފް ނެގިއެވެ. ” އާނ…ރީތި ދެން ކަރުގައި ހަރުކުރާ ބޯ ޓައި އަކާއި ކަޅު ކަމަރެއް ގަތީމަ ހަމަވީނު” ނައިޝާ ބުންޏެވެ.

ސައިފް ލާން އަންނައުނު ކޮޅަކާއި އަތުކުރި ގަޑިތަކެއްގެ އިތުރުން ސެންޓުފުޅިތަކެއްވެސް ސައިފް ގަތެވެ. އެހުރިހާ އެއްޗަކަށް ނައިޝާ ރުފިޔާ ދެއްކުމަށްފަހު ގެއާ ދިމާލަށް  ދެމީހުން ސައިކަލުގައި ދުއްވާލިއެވެ.

ގެއަށް ވަދެ އެއްޗެހި ބަދަލުކޮށްލައިގެން ނައިޝާ ސިޓިންރޫމަށް ނިކުތެވެ. “ހިނގާބަ ހެދުން ބަލާލަން” ހުދު ފޮށީގެ މަތި ހުޅުވާލަމުން ނައިޝާ ބުންޏެވެ. އޭގެ ތެރޭގައި ބުރުގަލާއި ހެދުމުގެ އިތުރުން ބޮލު ފޮތިކޮޅެއްވެސް އޮތެވެ.” ވާވް…ވަރަށް ލޯބި މިހެދުން” ހެދުން ނިއުޅުވާލަމުން ނައިޝާ ބުންޏެވެ. “ބަލައިގެން އުޅޭނީ….މީހުންގެ އެއްޗިހި ތީ” ނައިޝާ ހެދުން ފަތްޖަހާލަން އުޅެން ފެށުމުން ސައިފް ބުންޏެވެ.

މި ވެޑިން އެއްޗެހި މިރޭ ބޯޓުން ފޮނުވާލާނީ….މިރޭ ބޯޓު ފުރާ… ފިރިހެން ވެޑިން އަންނައުނު ވެސް ވެޑިން ބޮކްސް ތެރެއަށް ލާފަ އައްސާލާ…. ސައިފް ޕިކަޕަށް މި ގުޅަނީ”

އިތުރު ފޮށިގަނޑެއްވެސް ހިފައިގެން އައިސް އޭގެ ތެރެއަށް ސައިފް ގަތް އަންހެން އަންނައުނުތަކާއި، ރަތް ޕާރުސަލާއި ސައިފް މިއަދުގަތް ސާމާނު އަޅާ ބަންދުކޮށްލިއެވެ. “ސަނާ ކޮއްކޮ ވަރަށް އުފާވާނެ އޭނާއަށް ލިބޭ ސާމާނުތައް ފެނުމުން” ސައިފް ކައިރި އިން ނައިޝާ އުފަލާއެކު ބުންޏެވެ. “ހޫމް އުފާވާނެ” ސައިފް ބުންޏެވެ.”

އަހަރެންގެ ހުރިހާ އަންނައުނުތަކަކާއި ހުރިހާ އެއްޗެއް ޕެކް ކުރާއިރު ފޮށްޓައް އަޅާތި… މިދަނީ ކިތައް ދުވަހަށް ކަމެއްވެސް ނޭނގެ” ސައިފް އެހެން ބުނުމުން ދާވެފައި ހުރި ސައިފްގެ ދެތިން އަންނައުނު ކޮޅު ދޮންނަން މެޝިން ބަހައްޓާފައި ހުރި ގޯޅިތެރެއަށް ނައިޝާ ދިޔުމުން ސައިފްވެސް އޭނާގެ ފަހަތުން ދިޔައެވެ.

“ނައިޝާ މާ ބައިވަރު އެއްޗެހި ގެންދާނެ ކަމެއްނެތް…އެހެންނޫނީ ބަރުވާނެ މުދާ މަތިންދާ އިރު…އަހަރެންގެ ހުރިހާ އަންނައުނެއް އެޅިއަސް ނުވާނެ ބަރެއް….ދެމީހުންގެ އެއްޗެހި ދެފޮށްޓަަށް އަޅާ…ރޭ ގަތް ފޮށްޓަށް މަ އެއްޗެހި އަޅާ…ސަނާކޮއްކޮ ގެ ބާ ފޮށި އޮތެއްނު…ސަނާ ދިޔައީ އާ ފޮއްޓެއް ގަނެގެން އެ ފޮށްޓަށް އެއްޗެހި އަޅާގެން ހިފައިގެނެއްނު…ބާ ފޮށްޓަށް ނައިޝާގެ އެއްޗެހިތައް އަޅާ” ސައިފް ނައިޝާއާއި ދިމާއަށް އެހެން ބުނުމުން ނައިޝާ ބޯޖަހާލިއެވެ.

އެވަގުތު ސައިފް ގެ ޖިންސު ގެ ޖީބުން ނައިޝާ އަށް އަނގޮޓިއެއް ފެނުނެވެ. އެއްވެސް ޑިޒައިނެެއް ނެތް އެއަނގޮޓީގެ އެތެރެފުށުގައި ނަމެއް ޖަހާފައި އޮތްތަން ފެނި އެ ކިޔާލަން އުޅުނު ވަގުތު ސައިފް އެ އަނގޮޓި ޖަހާގަތެވެ. ” މީ މަންމަ ދިން އަނގޮޓި އެއް” ހާސްވެ ހުރެ ސިޓިންރޫމާ ދިމާއަށް ދަމުން ސައިފް ބުންޏެވެ.

ވަގުތުން ނައިޝާ ބަލައިލީ ސައިފްގެ އިނގިއްޔަށެވެ.ނައިޝާ އާއި ސައިފް އެންގޭޖުވި ދުވަހު ސައިފް ގެ އިނގިލީގައި ނައިޝާ އެޅުވި، މެދުގައި ކުޑަ ހުދު އެހެއް ޖަހާފައިވާ  ރިހި އަނގޮޓި އިންތޯއެވެ.އެއަނގޮޓި ސައިފްގެ އިނގިލީގައި އިނުމުން ނައިޝާ ހިތްހަމަ ޖެހުނެވެ.ސައިފަށް އެއްވެސް ސުވާލެއް ނުކުރެ މަސައްކަތާއިގެން ނައިޝާ ކުރިއަށް ދިޔައެވެ.

“ޝަރޫނާ…ނައި މިދަނީ ފުރަން ނޭނގެ އާދެވޭނެ ދުވަހެއް… އެޕާޓްމެންޓް އަބަދުވެސް ފޮޅާ ރީތިކޮށްލާފަ ބަހައްޓައްޗެ އިނގޭ” އެޕާޓްމެންޓް އިން ނިކުންނަމުން ޝަރޫނާ އަތަށް އެޕާޓްމެންޓް ތަޅުދަނޑި ދެމުން ނައިޝާ ބުންޏެވެ. “މެޑަމް އުފާވެރި ދަތުރަކަށް އެދެން” ޝަރޫނާ އެހެންބުނުމުން ނައިޝާ ހިނިތުންވެލިއެެވެ.

މަތިންދާ ބޯޓު އަތޮޅުގެ ވެރިކަން ކުރާ ރަށަށް ޖެއްސުމުން ނައިޝާ އާއި ސައިފް ބޯޓުން ފޭބިއެވެ. ކޮނޑުގައި ހޭންޑްބޭގް އަޅުވާލަމުން ނައިޝާ އޭނާގެ ފޮށި ދަމަމުން ނިކުތް އިރު ސައިފްވެސް އޭނާގެ ފޮށި ދަމަމުން ނިކުތެވެ.

 

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!