ކޮޓަރިން ނިކުތް ނައިޝާގެ ކޯތާފަތްމަތިން ހޯސްލާފައި ކަރުނަތައް އޮހޮރިގެން ދިޔައެވެ.ސައިފްގެ ފަރާތުން ކުރިން ލިބުނު ލޯތްބާއި އަޅާލުން ނައިޝާ އަށް ނުލިބޭތާ ސައިފާ ވާހަކަވެސް ދައްކާލުމަކީ މިހާރު އުދަނގޫ ކަމެކެވެ.
މިއީ ނައިޝާ ބޭނުންވި ދިރިއުޅުމެއް ނޫނެވެ.ނައިޝާ ބޭނުންވީ އޭނާގެ ފިރިމީހާއާއި އެކީ ވަރަށް ލޯބި ދިރިއުޅުމެއް އުޅޭށެވެ.
ކަރުނަތައް ފޮހެލުމަށްފަހު ސޯފާގައި އިށީނދެ ނައިޝާ ކުޑަކޮށް ވިސްނާލީއެވެ.ނައިޝާ އަކީ ކުރިންވެސް ސިފަ ރީތި މީހެއްނޫނެވެ.އެހެންނަމަވެސް ކުރިއަށްވުރެވެސް ބޮޑަށް މިހާރު ނައިޝާގެ ސޫރަ ހަޑިވެއްޖެކަން ޚުދު އޭނައަށްވެސް ޤަބޫލުކުރެވެއެވެ.އެހެންކަމުން ނައިޝާ ނިންމީ ބަރުދަން އަނެއްކާވެސް ލުއިކޮށް ހަށިގަނޑަށް ބަލާށެވެ.އެގޮތަށް ކަންކޮށްގެންވެސް ފިރިމީހާގެ ލޯބި ހޯދަން ނައިޝާ ބޭނުންވެއެވެ.
ހެނދުނު ހޭލާ ސައިހަދައި ކުޑަކޮށް ނާސްތާ ނެގުމަށްފަހު، ނައިޝާ ތަށިތައް ނަގާ ސާފުކުރި އެވެ.ސައިފާ ސަނާވެސް އެވަގުތު ކައިނިމި ކޮޓަރިއަށް ވަނެވެ.
އަވީގައި ނައިޝާ ދެކޮޅަށް ހިނގަންޖެހުމުގެ ސަަބަބުން އޭނާގެ އަދާ ކުރަކި ވެފައިވާ ހަންގަނޑު އޮމާންކޮށް އަލިކުރުމަށް ބޭނުންވާ ސާމާނުކޮޅެއްް ގަނެލަން، ނައިޝާ ފިހާރައަކަަށް ދިޔައެވެ. އެއްޗެހި ގަނެ ކޮޓަރިއަށް ލުމަށްފަހު އާދައިގެ މަތިން ނައިޝާ ކުލިނިކަށް ދާން ހިނގައިގަތެވެ.
އިރުއޮއްސި 6ޖެހުމުން ޑިއުޓީ ނިންމާލުމަށްފަހު ނައިޝާ ގެއަށް އައެވެ.އެއްޗެހި ބަދަލުކޮށް ފެންވަރާލައިގެން ނައިޝާ ނިކުތް އިރު ސައިފް ކޮޓަރި އެނދުމަތީގައި އޮތެވެ.
ނައިޝާ ފާހަނައިން ނިކުމެ ޑުރެސިންޓޭބަލް ކުރިމަތި ހުއްޓިހުރެ މިއަދު ގަތް އެލޯވެރާ ޖެލް ދަޅުން އެތިކޮޅެއް ނަގާ މޫނާއި ކަރުގައި ހާކާާލިއެވެ.”ތި ހާކާގެންވެސް ހަންގަނޑުގެ ކުލަ އަލިވާނެބާއޭ މަ ހިތަށްއަރާ” މަލާމާތުގެ ރާގަށް ހިނިގަނޑެއް ޖަހާލަމުން ސައިފް ނައިޝާ އަށް ބުންޏެވެ.
“އެލޯވެރާ އަކީ ހަންގަނޑަށް ވަރަށް ރަނގަޅު އެއްޗެއް”އެލޯވެރާ ޖެލް ހާކައި ކޮޓަރިން ނިކުންނަމުން ސައިފަށް ނައިޝާ ބުނެލި އެވެ.ކޮޓަރިން ނިކުމެ ސިޓިންރޫމްގައި އިން ދުވާ މެޝިނަށް އަރާ ނައިޝާ ހިނގާލިއެވެ.
ނައިޝާ ހަށިގަނޑަށް ބަލައި ކެއުން މަދުކުރިއެވެ.ކޮންމެ ދުވަހަކު ވެސް ނައިޝާ ހެނދުނާއި ރޭގަނޑު ހަންގަނޑުގައި ކެލައާއި ރީނދޫގެ އިތުރުން އެލޯވެރާ ވެސް ހާކައެވެ.ވަޒީފާ އަށް ދާންޖެހުމުގެ ސަބަބުން ކަސްރަތަށްދާން ވަގުތު ނުލިބުނަސް ނައިޝާ ދުވާ މެޝިނަށް އަރައިގެން ގޭގައި ކަސްރަތު ކުރެއެވެ. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ
ނައިޝާ އޭނާގެ ހަށިގަނޑަށް ބަލައި ކެއުން މަދުކޮށް ކަސްރަތު ފެށިތާ ދެހަފްތާ ފުރިގެން ދިޔައިރު އޭނާގެ ހަށިގަނޑަށް ލުއިވެ ހަންގަނޑު އަލިވާންވެސް ފެށިއެވެ.އެހެންނަމަވެސް ސައިފްގެ ފަރާތުން ނައިޝާ އަށް ހިތްވަރެއް ނުލިބުނެވެ.ބަދަލުގައި ނައިޝާ އަށް ލިބުނީ މަލާމާތެވެ.
“ތިއަށް އަރައިގެން ކިތަންމެ ވަރަކަށް ތެޅުނަސް ހުންނަނީ ހަމަ ތިހެން” ސިޓިންރޫމަށް ނިކުތް ސައިފް، ދުވާ މެޝިނަށް އަރައިގެން ދުވަންހުރި ނައިޝާ އަށް އާދައިގެމަތިން މަލާމާތް ކޮށްލިއެވެ.
ސައިފްގެ މަލާމާތުގެ ބަސްތަކަށް ދެހަފްތާ ވެގެން ދިޔައިރުވެސް ނައިޝާ ކެތްކުރިއެވެ.ސައިފް އެވަރަށް ނައިޝާ އަށް މަލާމާތް ކުރާ އިރުވެސް ރައްދުގައި އެންމެ ބަހެއް ވެސް ނައިޝާ ބުނެ ނުލައެވެ.ބައެއްފަހަރު ނައިޝާގެ ހިތަށް ވަރަށް އަސަރުކުރާ އެއްޗެހިވެސް ސައިފް ބުނެލައެވެ.
ސައިފްގެ މިހާރުގެ ޢަމަލުތަކުގެ ސަބަބުން އެއީ ނައިޝާ އާއި އެކު ރައްޓެހިވެގެން ލޯބިން އުޅުނު ސައިފްބާވައޭ ބައެއް ފަހަރު ނައިޝާގެ ހިތަށް އަރައެވެ.ކުރިން ނައިޝާ ފަލަޔަސް ލޯބި ކަމަށާއި ހަޑި ނޫންކަމަަށް ސައިފް ބުނި ހަނދާންތައް އާވެ ނައިޝާ މާޔޫސްވެއެވެ.
އާދައިގެމަތިން ހެނދުނު ސައި ހެދުމަށް ފަހު ސައިބޯން ނައިޝާ މޭޒުދޮށުގައި އިށީނެވެ.ސައިފާ ސަނާވެސް ކާމޭޒު ދޮށަށް ޖަމާވިއެވެ.
“ތި ނުކާ ހުރިއްޔާ ވާނީ ކީއްތަ؟….މިހާރުވެސް ގައިގަ ޖަހާފަ ހުރި މަސްތަކުން އެއްއަހަރު އެއްގޮތަކަށް ނުކައި ހުއްޓަސް ނައިޝާއަށް އެއްވެސް ގޮތެއް ނުވާނެ.” ހިތްހަމަނުޖެހި ހުރެ ސައިފް ނައިޝާ އަށް ބުންޏެވެ.
“ނަައި ކުރިން ކަނީ 5ރޮށި…މިހާރު 3ރޮށި މިކަނީ…. ރޭގަނޑު ނައި ނުކަމެއްނު އެއްވެސް ގޮތަކަށް… ހެނދުނު މިގަޑީގަ މިކަނީ މިވަރަށްވެސް”ދެރަވެފައި ނައިޝާ ބުންޏެވެ.
“އެދޮގެއް ހިކޭނެ ކަމެއް ނެތް…ޗަބީކޮށް ހުރީމަ ކިހާ ސޮފްޓް..ހަމަ ހީވަނީ ޓެޑީ ބެއާ އެއްހެން” ސަނާ ނައިޝާގެ އަތު މަސްގަނޑުގައި ހިފާލަމުން ހެމުން އެހެންބުނުމާއެކު ސައިފްވެސް ހޭންފެށިއެވެ.
އެމީހުންގެ މަލާމާތަށް ކެތްނުކުރެވިގެން އިންތަނުން ތެދުވެ ކޮޓަރިއަށް ރޮމުން ނައިޝާ ދުއްވައިގަތެވެ.ފާހަނައަށް ވަދެ އަތްދޮވެލުމަށްފަހު ލޯގަނޑުން ނައިޝާގެ އަމިއްލަ ސޫރައަށް ބަލަން ހުރެ ރޯންފެށިއެވެ.
“ނިކުމެ ބަލަ…ފާހަނައަކަށް ދާން ޖެހިއްޖެޔޭ” ސައިފް ކޮޓަރިއަށް ވަދެ ފާހަނަ ދޮރުގައި ތަޅައިގަތެވެ. ރުއިން ހުއްޓާލައި މޫނު ދޮވެލުމަށްފަހު ނައިޝާ ފާހާނާ ދޮރު ހުޅުވާލިއެވެ.
“ސާބަސް…ތީ ކުޑަކުއްޖެއްތަ؟…ސަނާ މަޖަލަކަށް އެއްޗެއް ބުނެލާއިރަށް ރޮއެ ހޭރި ކޮޓަރިއަށް ދުވެފަ އަންނަން؟….ސަނާ ކީކޭތަ ހިތަށް އަރާނީ؟” ހިތްހަމަ ނުޖެހިހުރެ ސައިފް ނައިޝާ އަށް ބުންޏެވެ.
ކުރިއާ ޚިލާފަށް މިފަހަރު ނައިޝާ ރައްދު ދިނެވެ. “ނައި ވެސް މީ އިންސާނެއް….ނައި ވެސް ހިތަށް އަސަރުކުރޭ…މިއަދަކު އެކަންޏެެއް ނޫން ސައިފް ވެސް ސަނާވެސް ނައި އަށް މަލާމާތް ކުރަނީކީ….ނައި ވެސް ޤަބޫލުކުރަން ކުރިއަށް ވުރެ ވެސް ނައި ހަޑިވެއްޖެކަން….ނައިވެސް ބޭނުންވޭ ހިކެން… އެކަމް ކުއްލިއަކަށް ނުވާނެ ހިއްކެއް ވަގުތުނަގާނެ…މިހާރު ނައިއަށް ލުއި އިހުސާސް ކުރެވޭ ލާއެއްޗެހިތައްވެސް ދޫވާންފަށައިފި…. އެކަމް ސައިފްމެން ތިހެން މަލާމާތް ކުރީމަ ނައިގެ ހިތްވަރު ދެރަވަނީ” ކުރިއާ ޚިލާފަށް މިފަހަރު ނައިޝާ ރައްދު ދިނެވެ.
“ކާން އަރާ މަޅާއިރަކު ހިތަކަށް ނާރާތަ ފަލަވާނޭ….ކިތަންމެ ވަރަކަށް ދުވާ މެޝިނަށް އަރާ ދުވިޔަސް ކިތަންމެ އެއްޗެއް ގައިގަ ހޭކިއަސް ތި ހުންނާނީ ތިހެން ދައިތަ ގަނޑެއްހެން…އަދި ބުނެފިއެއްނު ލާއެއްޗެހިތައްވެސް ދޫވާންފަށައިފި އޭ ހިހިހި” ފާހާނާ އަށް ވަންނަމުން މަލާމާތުގެ ހިނިގަނޑެއް ސައިފް ޖަހާލިއެވެ.ސައިފް ފާހަނައަށް ވަނުމުން އަނެއްކާވެސް ނައިޝާ އަށް ރޮވުނެވެ.
ރޭގަނޑު 10ޖެހުމުން ކުލިނިކު ނިންމާލުމަށްފަހު ނައިޝާ ގެއަށް އައެވެ.އެވަގުތު ސައިފް ޓީވީ ބަލަން ސޯފާގައި އޮތެވެ.ނައިޝާ ކޮޓަރިއަށް ވަދެ ފެންވަރައިގެން ނިކުމެ އާދައިގެމަތިން ރީތިވެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





