”އެކަމަކު. ކީއްވެ އެހެންވާންވީ؟ އަހަރެން.. އަހަރެން އަދި ބޭނުމެއް ނޫން. ބޭނުމެއް ނޫން މީހަކާ ރައްޓެހިވާކަށް. އާ ދިރިއުޅުމެއް ފަށާކަށް.” ހަޔާތުއަށް ވާހަކަ ދައްކަންވެސް ދަތިވިއެވެ.
ޒަންމަތު އެ އިއްވާލި ހަގީގަތް ގަބޫލުކުރަން ހަޔާތުއަށް ދަތިވިއެވެ. އެހެންވެދާނެ ކަމަކަށް އޭނާ އުންމީދެއް ނުކުރެއެވެ. ހަމައެހެންމެ މުޖާހު ދެކެ އޭނާއަށް އެހައި އަވަހަށް ލޯބިވެދާނެ ކަމަކަށް ހިތަކަށްވެސް ނާރައެވެ. ކުރިން މުޖާހު ފެނުމުން ހަޔާތުގެ ގާތަށް އަންނަނީ ރުޅިއެވެ. ބުނެދޭން ނޭނގޭ ކަހަލަ ފޫއްސެކެވެ. މުޖާހު އޭނާ ކައިރި ބަލައިލިއަސް މެއެވެ. ނަމަވެސް ފަހުން ފަހުން އައިސް މުޖާހު ބަލައިލިއަސް ހަޔާތުގެ ހިތުގެ ހިނގުން ބާރުވެގެން ދެއެވެ. މުޖާހު ފެންނަ ހިސާބެއްގައި އެމޫނަށް ބަލަން އެހިތް އެދެން ފެށިއެވެ.
”’ހަޔާ ކިތަންމެ ބޭނުންނުވިޔަސް ތި ކިޔާދިން ވާހަކަތަކުން އަހަރެންނަށް ޔަގީންވާ ކަމަކީ މިއީ. ލޯތްބަކީ ވާ އެއްޗެއް ނޫން. ވެވޭ އެއްޗެއް. ހަޔާއަށްވެސް ލޯބިވެވުނީ ތި. ވީއެއް ނޫން. ހަގީގަތް ގަބޫލުކުރޭ. އަހަރެންނަށް އެނގޭ މުޖާ ވެސް ހަޔާދެކެ ލައިކް ވާކަން. ހަޔާ ބޭނުންވާކަން. ނަންބަރު ދޭންވެސް ބުނީ އެހެންވެ. ހަޔާ އާ ވާހަކަދައްކާލަން ބޭނުންވާތީ. ނަންބަރު ދޭންވީތަ؟” ޒަންމަތު ބުނެލި ވާހަކައިން ހަޔާތަށް އިނެވުނީ ޒަންމަތުގެ މޫނަށް ބަލަހައްޓައިގެންނެވެ. ހަގީގަތް ގަބޫލުކުރަން ދަތިވެފައެވެ. އެހެނަސް އޭނާގެ ހިތުގެ އެއްކަނަކުން އެ ގޮވާލުން ގޮވާލާ ފަދައެވެ. ސިކުނޑިވެސް އެކަމަށް އެއްބަސްވާން އުޅޭ ކަހަލައެވެ.
”ނޫން. މުޖާއަށް ނަންބަރު ނުދީ. އަހަރެން ބޭނުން މުޖާ އަހަރެން ދެކެ ވީ ހަގީގީ ލޯބިތޯ ބަލަން. އަދި ވަން މަންތް ވަރު މަޑުކޮށްލާ. ގުޅާ ކޮންމެ ފަހަރަކު އަހަރެން ހޯދަންޏާ، އަހަރެންގެ ނަންބަރު ދޭން ކިޔަންޏާ ޔަގީން ކުރެވޭނެ.” ހަޔާތު ބޭނުންވީ ޔަގީން ކުރާށެވެ. ދެވަނަ ފަހަރަށް އެކަހަލަ މަޅިއަކަށް ވެއްޓޭކަށް އޭނާ ބޭނުމެއް ނޫނެވެ. އެ ގިލަންވެރިކަން އުފުލާކަށް ބޭނުމެއް ނޫނެވެ. ވީއިރު ކަންކަން އެނގި ހުރެ އެކަހަލަ މޮޔަކަމެއް އޭނާ ކުރާ ކަހަލަ ހިޔާލެއް ނެތެވެ.
”އެކަމަކު ހަޔާ. އަހަރެންނަށް ކަށަވަރޭ މުޖާ ހަޔާދެކެ ވަނީ ހަގީގީ ލޯބިކަން. މިއީ ދޮގެއް ނޫނޭ. އަހަރެންނަށް ފެނޭ ކިތަންމެ ފަހަރަކު މުޖާ ހަޔާއާ ދިމާލަށް ބަލަން ހުންނަތަން. އެދެލޮލުން ވެސް ހަޔާ ދެކެ ވާ ލޯބި ފެނޭ. ހަޔާ ވެއްޓެން ދިޔަ ދުވަހު، ހިފަހެއްޓި ވަގުތު ވެސް އެމޫނުމަތިން އަންގައިދިން ހިމާޔަތް ދޭން ބޭނުންވާ ވަރު. ހަޔާ ލޯބިވަނީ ޝަމްވީލްދެކެ އޭ ބުނި ދުވަހުން ފެށިގެންވެސް މުޖާގެ މުޅި މޫޑް ގޮސް ހުރީ. ކެއުމާ ވަރަށް ދުރު. ހަޔާ ގަބޫލުކުރޭ މިކަން. އަހަރެންވެސް ނޭދެން ހަޔާއަށް ގެއްލުމެއް ލިބޭކަށް.. އަބަދުވެސް އެދެނީ ހަޔާއަށް އުފާވެރިކަން. ނިމުމެއް ނެތް.” ވަރަށްވެސް ޔަގީން ކަމާއިއެކު ޒަންމަތު ކިޔައިދެމުން ދިޔައެވެ. ނަމަވެސް ހަޔާތު އިނީ ގޮތްދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ.
”ތިހެން ކީމެއްނު ޝަމްވީލްއަށް ވެސް. މިފަހަރު އަހަރެން ބޭނުން މިހެން ހަދަން. ލޯބިވެވުމުން އިންތިޒާރުވެސް ކުރެވެން ޖެހޭނެ. އަހަރެންވެސް ކުރާނަން.” ސާބިތު ކަމާއިއެކު ހަޔާތު ބުނެލިއެވެ. ހުރިހާ ވާހަކަތަކެއް ޒަންމަތުއަށް ކިޔައިދެވުމުން އެހިތަށް ހަމަޖެހުމެއް ލިބިގެން ގޮއްސިއެވެ. ބޮލުން ބޮޑު ބަރެއް އުފުލައިލެވުނު ހެންނެވެ.
ހަޔާތު އޭނާގެ ގެޔަށް ދާން މިސްރާބު ޖެހިއެވެ. ފަރާހަތު ކައިރީވެސް ނުބުނެ އާދެވުމާއިއެކުއެވެ.
***
އެނދުމަތީގައި އޮށޯވެއޮތް މުޖާހު ލޮލުން ކަރުނައަކަށްފަހު ކަރުނައެއް ފައިބަމުން ދިޔައެވެ. އޭނާގެ ހިޔާލާއި ވިސްނުން ގުޅިފައިވަނީ އަކްރަމްއާއެވެ. އަކްރަމް ހަޔާތުއަށް އެފަދަ ކަމެއް ކުރުމުން އޭނާ ދެން ހަޔާތުގެ ކުރި މައްޗަށް އަރަންވެސް ޖެހިލުންވެއެވެ. އޭނާގެ އެކުވެރިއެއް އޮޅުވާލައިގެން އެފަދަކަމެއް ކޮށްފައިވުމުން އެކުގައި އުޅޭ އެކުވެރިން ވެސް ‘ލޭބަލް’ ވެގެން ދާނީ އެނަމުގައެވެ. ހަޔާތުވެސް ހީކުރާނީ އެގޮތަށް ކަމުގައި ހީކޮށް މުޖާހަށް އިތުރު ބިރުވެރިކަމެއް ލިބިގެން ދިޔައެވެ.
ކުއްލިއަކަށް މުޖާހަށް މޫނުފޮހެލަމުން އެނދުމަތީގައި އިށީންދެލެވުނީ ރަޝީދު އައިސް ދޮރު ހުޅުވައިލުމުންނެވެ.
”މަންމަ ދޫކޮށްލައިފި. އާދެބަލަ.” ރަޝީދު އެހެން ބުނެފައި ނުކުމެގެން ދިޔައީއެވެ. މުޖާހު ދިޔަގޮތަށް ގޮސް ވަދީ ފާހަނައަށެވެ. މޫނު ދޮވެލައިގެން ނުކުމެ މުނާގެ ގާތަށް ދިޔުމަށް މިސްރާބު ޖެހިއެވެ. އޭގެ ކުރިން ނަވާޒްއަށް ގުޅައި ބޮޑު ވާހަކައެއް ބުނަން ވެފައި އޮތް ކަމަށް ބުނެ ފްރީވާ އިރަކުން އޭނާއަށް ގުޅާލުމަށް އެދުނެވެ.
”މަންމާ. މިހާރު ރަނގަޅުތަ؟ އެއްވެސް އުނދަގުލެއް ވޭތަ؟” މުޖާހު އައިސް ސޯފާގައި އިށީންދެގެން އިން މުނާގެ ގައިގައި ބައްދާލިއެވެ.
”ނޫނޭ ދަރިފުޅާ. މިހާރު ވަރަށް ރަނގަޅު. އެއްވެސް އުނދަގުލެއް ނުވޭ.” މުނާވެސް އިތުރަށް މުޖާހުގެ ގައިގައި ބައްދާލިއެވެ. އެދެލޮލުގައި ކަރުނައިގެ ފަށަލައެއް ފާއްދައިލިއެވެ. އެ މަންޒަރު ބަލަން ދުރުގައި ރަޝީދު ހުއްޓެވެ. އޭނާގެ ލޮލުގައިވެސް ކަރުނައިގެ ފަށަލައެއްވިއެވެ. ނަމަވެސް ކީއްވެ ހެއްޔެވެ؟ ކޮންކަމަކާ ހެއްޔެވެ؟
”ކޮބާ ދޮންބެ؟” އެކި ފަރާތް ފަރާތް ބަލަމުން މުޖާހު ބުނެލިއެވެ. އެތަނުން ނަޖާހު ފެންނަން ނެތުމުންނެވެ.
”އެބަ އަންނަމޭ ކިޔާފައި ގޮސް ކޮޓަރިއަށް ވަދީ. ދޮންބެ ވެސް އައޭ މަންމަ ބަލައި. ހިނގާ ދެން ކާން ދާން. އައި މަގުމަތީ ހޮޓެލަކުން ކާ އެއްޗެހިވެސް ހިފައިގެން މިއައީ.” މުޖާހުގެ އެހީއާއިއެކު މުނާ ސޯފާއިން ތެދުވެގެން މަޑު ހިނގުމެއްގައި ގޮސް ބަދިގެޔަށް ވަނެވެ.
އެ ތަން ބަލަން އިނދެ މުޖާހުވެސް ސޯފާއިން ތެދުވެގެން ގޮސް ނަޖާހުގެ ކޮޓަރީގައި ބާރު ބާރަށް ތަޅައިގަތެވެ. މަޑުން ޖަހައިލައިގެން ނުހުޅުވާނެތީއެވެ. ނަޖާހުއަށް ގޮވަންޏާ ކޮންމެ ފަހަރަކު ވެސް އޭނާ ހަދަނީ އެހެންނެވެ. ނަޖާހު އެކަމާ ކިތަންމެ ރުޅި އަޔަސް އޭނާއަށް ހެވެވެ. ހުއްޓާނުލައި ދޮރުގައި ތަޅަމުން ދިޔުމުން އެތަން ބަލަން ހެވިފައި ރަޝީދުއާއި މުނާވެސް ހުއްޓެވެ.
”ކީއްތަވެގެން މިއުޅެނީ؟” ކޮޓަރިން ނުކުތް ނަޖާހުގެ ރުޅިވެރިކަން އިންތިހާއެވެ. ދަތް ފިއްތާލައިގެން ހުރެ އެހެން ބުނެލުމާއިއެކު ތިން މީހުންގެ ގާތަށްވެސް އައީ އަމަށަކު ހިންޏެއް ނޫނެވެ.
”ކަމެއް ވާ ނުވޭ. ހިނގާ ކާންދާން. ކާންވެގެން ގޮވީ މި.” ހެމުން ހެމުން މުޖާހު ބުނެލިއެވެ. އޭރުވެސް ނަޖާހު ހުރީ ދެލޯ އަޅައިލައިގެން އޭނާގެ ފޯނަށް ބަލަހައްޓައިގެންނެވެ.
”ތި ރުޅި މަޑުކޮށްފަ ފޯނު ބާއްވާފަ ކާން އާދެ. ދަރިފުޅު ތި ވާހަކަދައްކަމުންދާ ކުއްޖައާވެސް ރުޅި އައިސް ހުރެ ވާހަކަދެއްކިދާނެ.” ރަޝީދުއަށްވެސް ނުހުރެވިގެން ބުނެލިއެވެ. އެވަގުތު ރުޅިއައިސް ހުރި ނަޖާހުގެ މޫނަށްވެސް ހިނިތުންވުމެއް ވެރިވިއެވެ.
”އެހެން އެވީވެސް. މި މުޖާގެ ކަންތަކޭ. ބައްޕާ މީނައަށް މިކަން މަނާ ކޮށްބަލަ. ކޮޓަރީގެ ހަތަރު ފާރުގަ ރެދު ލައިފި މިހާރު. ނަސީބެއް ކޮޅަށް ހުންނަކަން ނުވެއްޓި. މި ދޮރުވެސް ސަލާމަތުން ހުންނަކަން ހަމަ ނަސީބު.” ނަޖާހުގެ ބަސްތައް އިވި ތިން މީހުންގެ ހުނުމުގެ އަޑު މުޅި ގޭތެރޭގައި ގުގުމައިލިއެވެ. ނަޖާހުވެސް ތިން މީހުންނާ ބައިވެރިވެލާ ހޭން ފެށިއެވެ.
”ހަމަ ތެދެއް މިބުނީ. އުމުރުން ސައްބީސް އަހަރުވަނީ ތި. އެންމެ ކުޑަދުވަހުން ފެށިގެން މިއަދާ ހަމައަށް އަހަރެން ގޭގަ އުޅޭ ކޮންމެ ދުވަހަކު އައިސް ދޮރުގަ ތަޅަންޏާ މީއްޗެއްސަށް ކަމެއް ނުވެ ހުންނާނެތަ؟ ދެން އަހަރެންވެސް ހަދާނީ އެހެން. މިހާރު ވާވަރަށް ކެތް ކުރެވިއްޖެ.” ކުދި ކިޔަމުން އައިސް ނަޖާޙު ގޮޑިއެއް ދަމާލާފައި އޭގައި އިށީންދެލިއެވެ.
”ތީ އެއްވެސް ކަމެއް ނޫން. އަހަރެންގެ ކޮޓަރީގެ ދޮރުގަ ތަޅާކަށް ދޮންބެ އަކަށް ވަގުތެއް ނުވާނެ.” ލާނެތް ހިންޏަކާއިއެކު މުޖާހު އެހެން ބުނެފައި ކާންފެށިއެވެ. އެންމެން އެކުގައި ދުވަސްތަކަކަށްފަހު ކަމުން ދިޔައިރު އެންމެންގެ ތުންފަތުގައިވެސް ވަނީ ހިތްގައިމު ހިނިތުންވުމެކެވެ. އެކުގައި ކަމުން ދިޔައިރު ދިޔައީ އެކިއެކި މަޖާ ވާހަކަތައް ދައްކާ ކެއުމުގެ އެ މާހައުލު ބަދަހި ކުރަމުންނެވެ. އުފާވެރިކަން މާހައުލުގައި ހިފައިލަމުންނެވެ.
***
އަނދިރި ކޮޓަރިއެއްގައި އެކަނި މާ އެކަނި އޮތް އަކްރަމްގެ މޫނުމަތި ވަނީ މިލާފައެވެ. ރޮއެފައިވާ ކަމުގެ އަސަރުތައް އޭނާގެ މޫނުމަތިން ފެންނަމުން ދިޔައެވެ. އެއްވެސް ތަރުތީބެއް ނެތް އެކޮޓަރީގެ އެތައް މިތަނަށް އެއްޗެހިތައް ވަނީ އުކާފައެވެ. އެނދުގައި އަޅާފައި އޮތް ބެޑްޝީޓާއި ބާލީސްތައްވެސް މެއެވެ.
އިރުކޮޅަކު އެހެން އޮތުމަށްފަހު އޭނާ ތެދުވެލައިގެން ގޮސް ބާލު ޚާނާއަށް ނުކުމެލިއެވެ. ރޭގަނޑުގެ އެވަގުތުގައިވެސް މަގުމަތީގައި މީހުން ހޭލަމޭލިވެ އުޅެމުން ދެއެވެ. އުޑުމަތީގައި އެކަނިމާ އެކަނި ރަސްކަން ކުރަމުން ދިޔަ ހަނދުވެސް ފިލަން އުޅޭ ފަދައެވެ. ކަޅު ވިލާތަކުން އުޑުމަތި ބައްދާލައި މުޅި ފަޒާ ފޮރުވާލާ ފަދައެވެ. ވައި ބާރުވެ ގުގުރަން ފެށިއެވެ. އެއިން އެއްވެސް ކަމަކަށް ސަމާލުކަން ނުދީ އަކްރަމް އެތަނުގައި ހުއްޓިލައިގެން ހުރީއެވެ. އެމޫނުމަތިން މިހާރު އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ.
އޭނާގެ ޖީބުގައި އޮތް ފޯނު ނަގައި އެހުޅުވާލިއެވެ. އަދި ގެލެރީއަށް ވަދެލައި އޭގައި އިން އަންހެން ކުއްޖެއްގެ ފޮޓޯ ހުޅުވާލިއެވެ. ކަޅު ކުލައިގެ ދިގު އިސްތަށީގަނޑެއްގެ ވެރިއެކެވެ. ދޮންހަންގަޑެއް ލިބިފައިވާއިރު ފިޔާތޮށިކުލައިގެ ތުނި ތުނި ތުންފަތެކެވެ. އަކްރަމް މަޑުމަޑުން އެފޮޓޯ ގަނޑުގައި ފިރުމާލިއެވެ.
”އަހަރެން އަދި ދާނަން. އަދިވެސް އަހަރެންގެ މީހަކަށް ހަދާނަން.” ދަތްކުޑިވިކާލާފައި އަކްރަމް ބުނެލިއެވެ. އެދެއަތް މުށްކެވިގެން ދިޔައިރު ލޮލުން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.







salaam readers.
mibai ehn part thakah vure kuru vaane. vr bodah maafah edhen ekamah takai. ekamaku dhn onna bai mi ah vure dhigu kohlaanan. unmeedhu kuran mibai vs kamudhaane kamah. next part on thursday. insha allah.
have a nice day
stay safe
Wowww….. Mi part vx ehn part thah hen varah reethi.. Masha Allah ❤️❤️❤️
Ok vaane thankolheh kurass.. It’s ok… Abadhu vx Insha Allah alhugandu ge support nafu ah libeyne… Dhen in part ge Inthizaaru gai… ??
Thank u sooo much dear.. it means a lot. ?? yess keep waiting??