ނޭނގޭހެ ހާދަ ލޯބިވޭ… (6)
އަރާމު ކުރުމުގެ ނިޔަތުގައި އެނދުގައި ޖައްސާލި ޝާދިންއަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނަގެ ލޮލުކުރިމަތީގައި އަދިވެސް ނައިރާ ހުރިކަހަލައެވެ. އެ ދެލޮލުގައިވި ހާސްކަން ޝާދިންއަށް ފެނުނެވެ. ނައިރާގެ ދުލުން ބޭރުވި ކޮންމެ ލަފްޒެއް ހީވީ ތޫނު ހަންޖަރެއް އޭނަގެ މެޔަށް ކޮށްޕާލިހެންނެވެ. ” ތިހާ ރަހުމްކުޑަ ވާކަށް ނުވާނެ ނުން.. ” ޝާދިންގެ ކަންފަތުގައި އަދިވެސް އެ ޖުމްލަ ގުގުމަމުން ދިޔައެވެ. އޭނައަކީ ހަމަ އެހާމެ ރަހުމް ކުޑަ މީހަކީހެއްޔެވެ. ނައިރާއަކަށް އޭނައެއް ނޭނގެއެވެ. އެއްވެސް މީހަކަށް އޭނައެއް ނޭނގެއެވެ. އޭނަގެ ހިތު ތެރޭގައިވާ އެއްޗެއް އެއްވެސް މީހަކާ ހިއްސާކޮށްފައެއް ނުވެއެވެ. މީހުން އޭނަޔާ ދޭތެރޭ ކޮންމެ ގޮތަކަށް ދެކުނަސް އޭނައަށް އެންމެ ރަނގަޅެވެ. އެކަމު މިއަދު އޭނައަށް ބުނެދޭން ނޭނގޭކަހަލަ އުނދަގޫތަކެއް އެބަވެއެވެ. ނުދަންނަ އަންހެން ކުއްޖަކާ ހެދި އޭނަގެ ހިތަށް މިހާ އުނދަގޫތަކެއް މިކުރުވަނީ ކީއްވެހެއްޔެވެ.
އެހެން އެނދުމަތީގައި އެތައް އިރެއްވަންދެން އޮތުމަށްފަހުގައި ޝާދިން ތެދުވެ އެނދުގެ ފަނޑީގައި ލެގިލިއެވެ. އަދި އަރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި އޮތް ލެޕްޓޮޕް ނަގާ އެހުޅުވާލިއެވެ. މިއަދު ނުހާ ފޮނުވި މެއިލް ހުޅުވާ އޭގައި ހުރި ހުރިހާ ބިޒްނަސް ޕްރޮޕޯސަލްތަކެއް ބަލަން ފެށިއެވެ. ކުއްލިއަކަށް ޝާދިންގެ ލޮލުގައި އަޅައިގަތީ ނައިރާގެ ޕްރޮޕޯސަލްއެވެ. އޭގައި ބޮޑުއަކުރުން ޖަހާފައި އިން ނައިރާގެ ނަމެވެ.
” ނައިރާ މުބީން.. ހާދަ ދަންނަ ނަމެކޭ.. ކޮންތާކުންބާ މިނަން އިވުނީ..” ޝާދިން މަޑުމަޑުން ބުނެލިއެވެ. އަދި އަވަސް އަވަހަށް އެޕްރޮޕޯސަލް ހުށަހަޅާފައިވާ މީހާގެ ވަނަވަރު ލިޔެފަ އިން ގަނޑަށް ދިޔައެވެ. އޭގައި ނައިރާގެ ފޮޓޯއެއްވެސް އިނެވެ.
” ނާއި.. ” ޝާދިންގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. މިއަދު އިންޓަވިއުގަ އިނދެވުންނަމައޭ ޝާދިންގެ ހިތަށް އެރިއެވެ. ނައިރާގެ ޕްރޮޕޯސަލް ޝާދިން ކިޔާލިއެވެ. ވަރަށް މަސައްކަތް ކޮށްފަހުރިކަން އޭތި ބަލައިލުމުންވެސް އިނގެއެވެ. ނައިރާގެ ހެދުން ތަކުގެ ބައެއް ކުރެހުންތައްވެސް އޭގާ ހުއްޓެވެ. ނައިރާގެ ހުނަރުވެރިކަން ފެނި ޝާދިން ފަހުރުވެރުވިއެވެ. އަދި އަވަސް ކޮށްލާފައި ފޯނުނަގާ ނުހާ އަށް ގުޅާލިއެވެ.
” ހަލޯ ނުހާ.. މިއަދުގެ އިންޓަވިއު ކިހިނެއް ދިޔައީ.. އެއްވެސް ރަނގަޅު ޕްރޮޕޯސަލްއެއް އިންތަ؟ ” ނުހާ ފޯނު ނެގުމާއެކީ ޝާދިން ވާހަކަ ދެއްކިއެވެ. އެމީހުން ނައިރާގެ ޕްރޮޕޯސަލް ގަބޫލު ކުރިތޯބަލަން ބޭނުންވިއެވެ.
” އަނެންހެން ރަނގަޅު ޕްރޮޕޯސަލްތައް ހުރި.. އެކަމު ކުންފުންޏަށް ފައިދާ ވާނެ ކަހަލަ އެއްޗެއް މިއަދަކު ނެތް ހުށަހަޅާފަ.. އިތުރަށް ސާރއާއި ޑިސްކަސް ކޮށްފަ ޑިސިޝަނެއް ނަގަންވެގެން ބަހައްޓާފަވާނީ” ނުހާ އެހެން ބުނުމުން ޝާދިންއަށް އެމީހުން ނައިރާގެ ޕްރޮޕޯސަލް ނުނަގާނެހެން ހީވިއެވެ. ހާރިސް ކުންފުންޏަށް ފައިދާ ނުވާ ކަންތައް ނުކުރާނެކަން އިނގޭތީއެވެ.
” އޮފީސް ނިންމާފަ މިއަދު މިގެއަށް އައިސްލަ ދީފާނަންތަ؟ ހާރިސް ކައިރީވެސް ބުނަށްޗޭ. މިއާ ބެހޭ ގޮތުން ކުޑަކޮށް ވާހަކަ ދައްކާލަން ބޭނުން..” ޝާދިން ބޭނުންވީ އެމީހުންގެ ނިންމުން ހުރިގޮތް ބަލާށެވެ. ހަމައެއާއި އެކު އެމީހުންނަ އޭނަގެ ހިތުގައިވާ އެއްޗެއް ޝައްކުވާނެ އެއްވެސް ކަމެއް ކުރާކަށްވެސް ބޭނުމެއް ނުވެއެވެ.
” ސަރ މިއަދު ބަލިވެނުންތޯ ތިހުރީ؟ އަނެއްކާ މާދަންވެސް އަނެއް 5 ޕްރޮޕޯސަލްގެ އިންޓަވިއު އެބައޮތް.. އޭތި ނިންމާފަ ރަނގަޅުވާނެނުންތޯ ޑިސްކަސް ކޮށްލަން..” ޝާދިން މިއަދު ބަލިވެ އުޅޭކަން އިނގޭތީވެ ނުހާ ބުންޏެވެ.
” މިއަދު އިންޓަވިއު ދިޔަގޮތް ބަލާލަން ބޭނުންވޭ.. އޭގެން އެންމެ ރަނގަޅު އެއްޗެހިތަށް ވަކިކޮށްލަން ބޭނުންވޭ..” ޝާދިން ބޭނުންވާގޮތް ބުނެލިއެވެ.
” ނުހާއަށް ފަސޭހަ ގަޑިއެއް ބުނެލާ.. އެގަޑިއަށް ހާރިސް ކައިރީވެސް ބުނޭ އަންނާށޭ..” ޝާދިން ބޭނުންވާ ގޮތަށް ކަންތައްތައް ކުރާނެކަން އިނގޭތީވެ އިތުރަށް އޭނައާ ދެބަސް ނުވެ 5 ޖަހާއިރަށް އަންނާނަމޭ ބުނެ ނުހާ ފޯނު ބޭއްވިއެވެ.
ގަޑިން 5 ޖަހަން ފަސް މިނެޓަށް ވެފަ ހުއްޓާ ނުހާ އާއި ހާރިސް ޝާދިންގެ ގެއަށް ވަނެވެ.
” ކޮން ކަމެއް ވެގެންތަ ތިހާ ވަރަކުން އަހަރުމެން މިގެނައީ.. މާދަންވެސް މީޓް ކުރެވިދާނެ ނުން.. ” ހާރިސް ގެއަށް ވަންނަމުން ޝާދިން ފެނުމުން ބުނެލިއެވެ.
” އިނގެއެންނުން އަހަރެންމީ ހާރިސްހެން ޓައިމް ވޭސްޓް ކުރާ މީހެއް ނުންކަން..” ޝާދިން ހާރިސްއާއި ދިމާލަށް ބަލައިލާފާ ބުނެލިއެވެ. ހާރިސް ބާރަށް ހޭންފެށިއެވެ.
” އޯކޭ އޯކޭ.. އައި ގިވްއަޕް!” ހާރިސް ކޮނޑާ ހަމައަށް ދެއަތް އުފުލާފައި ބަލި ގަބޫލުކޮށްފީމޭ ބުނާހެން ބުނެލިއެވެ. އެމަންޒަރުފެނި ނުހާ އަށް ހެވުނެވެ.
” އަޑުއެހިން މިހާރު މިގޭގަ އާ ޝެފެއް ގެނެސްގެން އުޅޭވާހަކަ.. މިގެއިން މިއަދު ދާނީ ކައިގެން އިނގޭ..” ހާރިސް ބަދިގެއަށް ބޯދިއްކޮށްލާފައި ގޭގެ ކައްކާ މީހާއަށް ބޯޖަހާލަމުން ބުނެލިއެވެ.
” އެންމެ ރަނގަޅު..” ޝާދިން ބަދިގެއަށްވަދެ ކައްކާ ކައިރީ އެމީހުންނަ ރޭގަނޑުގެ ކެއުން ތަންކޮޅެއް ކުރިން ހެދުމަށާ މިހާރަށް ކޮފީ އާއި ސޭންޑްވިޗް ގެނައުމަށް ބުނެފަދިޔައެވެ.
ޝާދިން މިސްރާބު ޖެހީ ބެލްކަންޏާދިމާލަށެވެ. އެތާނގަ ހުރި ކޮފީ މޭޒުމަތީ ހުރިހާ ޕްރޮޕޯސަލްތަކެއް ޕްރިންޓް ކޮށްފަ ހުއްޓެވެ. ޝާދިން ގޮސް ސޯފާގައި އިށީންނުމުން ފަހަތުން ހާރިސް އާއި ނުހާވެސް އިށީންނެވެ.
” މިއަދުގެ އިންޓަވިއު ދިޔަގޮތް ކިޔާލަދީބަ؟” ޝާދިން ވާހަކަދައްކަން ފެށިއެވެ.
” އިންޓަވިއުތައް ދިޔައީ ރަނގަޅަ.. ވަރަށް ރަނގަޅު ކުދި ވިޔަފާރިތައްވެސް ހުރި.. އެކަމު އަހަރުންނަ ފައިދާވާނެ ކަހަލަ އެއްވެސް އެއްޗެއް މިއަދަކު ހުށަހަޅާފައެއްނެތް..” ހާރިސް ވާހަކަ ދެއްކިއެވެ.
“މީގަ އެބައިނެއްނުން ދެ އަންހެން ކުދިން ބިޒްނަސް ޕްރޮޕޯސަލް ހުށަހަޅާފަ.. އަހަންނަ ފެނޭ އެދެމީހުންނަ ފަންޑު ކުރަން.. ” ޝާދިން އެހެން ބުނުމުން ނުހާ އާއި ހާރިސް ހައިރާންވެ ޝާދިންއާއި ދިމާލަށް ބަލައިލިއެވެ.
” ވަޓް! ” ހާރިސް އަށް ނީނދެވިގެން ބުނެވުނެވެ.
” ކީއްވެގެން ކުއްލިއަކަށް އެދެކުދިންނަ އިންވެސްޓް ކުރަންވީ؟ ޝާދުއާއި ހާދަ ނުގުޅޭ ވާހަކައެއް ތިދައްކަނީ..” ހާރިސް މާނަ ނެގީ ނުބައިކޮންނެވެ.
” ތިކަހަލަ ޑާރޓީ މައިންޑެއް އަހަރެންގެ ނުހުރެއޭ… އަންހެނުން ބާރުވެރިކުރުވުމަށް އަހަރުންނަ ކުރެވުނު ހުރިހާ ކަމެއްވެސް ކުރަންވާނެނުން.. އެހެންނޫނަސް މިދެކުދިންގެވެސް ޕްރޮޕޯސަލް ވަރަށް ރަނގަޅު.. ހާއްސަކޮށް މީތި..” ޝާދިން ނައިރާގެ ޕްރޮޕޯސަލްގަ އިނގިލި ޖައްސާލަމުން ބުނެލިއެވެ.
” އެކުއްޖާވެސް ވަރަށް ލޯބި..” ހާރިސް މަޑުމަޑުން ޝާދިންގެ ކަންފަތްބުޑުގަ ބުނެލިއެވެ. ޝާދިން އޭނައަށް ލޯއަޅާލިއެވެ. ޝާދިންއަކީ އެކަހަލަ މީހެއް ނުންކަން އެނގިހުރެ ހާރިސް އަބަދުވެސް އެފާޑު ވާހަކަ ދައްކައެވެ. އެއީ އޭނަގެ މިޒާޖެވެ. ޝާދިންއާ ގާތްވީމަ ކޮންމެ އެއްޗެއްވެސް އޭނައަށް ބުނަން ކެރެއެވެ.
” ބޭކާރު ވާހަކަ ނުދައްކާ.. ފޯކަސް..” ޝާދިން ބުނެލިއެވެ. ހާރިސް ހިނިގަޑެއް ޖަހާލާފާ ޒިބު އަޅުވާހެން ތުންފަތުގައި ދެއިނގިލި އެއްކޮޅުން އަނެއްކޮޅަށް ހިންގާލިއެވެ. އެތަން ބަލަން އިން ނުހާ އަށްވެސް ހެވުނެވެ.
” ޔާ! މީގެ ކުރިންވެސް ޝާދިން ސާރ އެބަހުރި ތިކަހަލަ ބިޒްނަސްތަކަށް އިންވެސްޓް ކޮށްފަ.. އަޅުގަޑަށްވެސް ފެނޭ ތި ދެ ބިޒްނަސްއަށް އިންވެސްޓް ކުރަން.. ބްރައިޑަލް ބުޓީކް ގެ އިންޓަވިއު މިއަދު ނިމިއްޖެ.. އަނެއް ކުއްޖާގެ އިންޓަވިއު އިނީ މާދަން..” ނުހާ ޝާދިން ބުނިއެއްޗަށް ބާރު ދިނުމުގެ ގޮތުން ބުނެލިއެވެ.
” ދެން ތިދެ ބިޒްނަސްއަށް އިންވެސްޓް ކުރަންޏާ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާފަ އަދި ކުންފުންޏަށް ފައިދާވާ ބިސްނަސް ތަކަށް އިންވެސްޓެއް ނުކުރެވޭނެ ނުން.. އަހަންނަ ފެންނަނީ ތިދެ ޕްރޮޕޯސަލްއިން ކޮންމެވެސް އެކަތި ނަގާފަ ދެން މާދަން ހުށަހަޅާ ރަނގަޅު ކޮންމެވެސް އެހެން ޕްރޮޕޯސަލްއެއް ހޮވަން.. ވަޑް ޑޫޔޫ ތިންކް؟” ހާރިސްގެ ހިޔާލު ހުށަހެޅިއެވެ.
” ތިގޮތް ރަނގަޅު ކަންނޭނގެ.. އެކަމު މި ދެޕްރޮޕޯސަލްއިން ހޮވާނީ ކޯއްޗެއްތޯ ކިހިނެއް ބަލާނީ.. ” ޝާދިން ކޮންމެ ގޮތެއް ހަދާފަވެސް ނައިރާގެ ޕްރޮޕޯސަލް ނަގަން ބޭނުންވެއެވެ. އެކަމު އެކަމެއް އެމީހުންނަ އަންގާކަށް ބޭނުމެއް ނުވެއެވެ.
” ބްރައިޑަލް ބުޓީކްގެ ޕްރޮޕޯސަލް ވަރަށް ރަނގަޅު.. މީހުންގެ ހިޔާލު ވެސް ހޯދާ ވަރަށް ފުރިހަމަ ރިސަރޗެއް ހަދާފަވަނީ.. އަނެއް ޕްރޮޕޯސަލްގެ އިންޓަވިއު މާދަން ދާގޮތަކުން އިތުރު އެއްޗެއް ބުނަން އިނގޭނީ.. ” ނުހާ ނައިރާގެ ޕްރޮޕޯސަލް ކަމުދިޔަ ވާހަކަ ބުނުމުން ޝާދިން ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ.
މާދަމާގެ އިންޓަވިއު ދާގޮތެއް ބަލާފަ ފަހުގެ ނިންމުން ނިންމަން އެއްބަސްވެ އެދުވަހުގެ ބައްދަލުވުން ނިންމާލިއެވެ. ޝާދިންމެން ގޭތެރެއަށް ވަންއިރު ކާން ހަދާފައި ހުއްޓެވެ.
” ވާހް.. ހާދަ މީރުވަސް އެބަދުވައޭ.. ” ހާރިސް ނޭވާ އެތެރެއަށް ދަމާލަމުން ބުނެލިއެވެ.
” އަވަހަށް އާދޭ ކާން.. ” ޝާދިން ނުހާއަށް ބަލާފައި ބުނެލިއެވެ. ވަރަށް ލަދުން ހުރެ ނުހާ ބޯޖަހާލާފައި ކާން އިށީންނެވެ. އޮފީހުގެ ބޭރުން މަދު ފަހަރަކު ނޫނީ ޝާދިންއާއި ބައްދަލު ނުކުރެއެވެ. ނުހާ އެގެއަށް އައި މީ ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު އައީ އޮފީހުގެ ހަތަރުވަރަކަށް މުވައްޒަފުންނާއެކީ ކޮންމެވެސް ޕްރޮޖެކްޓެއްގެ މަސައްކަތުގައެވެ. މިއަދުމީ ދެވަނަ ފަހަރެވެ.
” ކޮބާ ޝާދިން ދެން މީހަކާ އިންނާކަށް ނުވޭތަ؟ ” ހާރިސް ކާންފަށަމުން ޝާދިންއަށް ބަލައިލަމުން ބުނެލިއެވެ.
” މިތާ ކާން އިންނަން ބޭނުންވެއްޖިއްޔާ އަނގަ މަޑުން ލައިގެން އިނދޭ..” ޝާދިން ހާރިސްއަށް ބަލާވެސް ނުލާ އެހެން ބުނެލުމުން އޭނައަށް ހެވުނެވެ.
” ސޮރީ! ކެއުން ވަރަށް މީރު.. މީތި މިސް ކުރާކަށް މަށެއްނެތިން..” ހާރިސް ހިނިގަނޑު މައިތިރި ކުރަމުން ބުނެލިއެވެ.
ހާރިސްމެން ދިޔުމުން ޝާދިން ކޮޓަރިއަށް ވަނެވެ. ފެންވަރާލައިގެން ނުކުމެ ރީތިވެލައިގެން ނަމާދުކޮށްލިއެވެ. ނަމާދުކޮށްނިމިގެން މޭޒުމަތީގައި ޕްރިންޓްކޮށްފަ ހުރި ނައިރާގެ ވަނަވަރު ލިޔަފައިން ގަނޑު ނަގާ ބަލައިލިއެވެ.
” ނައިރާ މުބީން.. ކޮންތާކުންބާ މިނަން އިވުނީ.. ” ޝާދިން ނައިރާގެ ފޮޓޯގަނޑަށް ބަލައިލަމުން ބުނެލިއެވެ. އަދި ލުއި ގޮތަކަށް ހިނިތުން ވެލާފައި ތެދުވެ އެކޮޓަރީގެ ބެލްކަންޏަ ނިކުތެވެ. އަދި ގޮނޑީގާ ހަމަޖެހިލަމުން ލޯމަރައިލިއެވެ. ނައިރާ ފެނުމުން ބުނާނެ އެއްޗަކާ ދޭތެރޭ ވިސްނަމުން ދިޔައެވެ. މިއަދު ނައިރާއަށް އެފެނުނީ އޭނަގެ އަސްލު ސިފަ ނޫންކަން ބުނެދޭން ބޭނުމެވެ. ނައިރާ ފެނުނު ފުރަތަމަ ދުވަހުން ފެށިގެން އެހިތުގާ ބުނެދޭން ނޭނގޭކަހަލަ އިހްސާސް ތަކެއް އުފެދިގެން ދިޔައެވެ. އެކަމު މިއީ ދުވަހަކުވެސް އޭނާގެ ދުލުން ބަޔާންކުރާނެ އިހްސާސް ތަކެއް ނޫނެވެ. އޭނަޔާ ބަލާފަ ނައިރާ އަކީ ޕަރީ އެކެވެ. އެޕަރީ އަށް ލިބެންވާނީ ޕަރީއާއި އެކަށީގެންވާ މީހެކެވެ. އަދި އޭނާއަކީ އެމީހާއަކަށް ނުވާނެއެވެ. ޝާދިން ނިންމައިގެން ހުރީ އޭނައަށް ވެވެން އޮތް ހުރިހާ ގޮތަކުން ނައިރާ އަށް އެހީވެދޭންށެވެ. އޭގެ ސަބަބުން އޭނަގެ ހިތަށް ހިތްހަމަޖެހުން ލިބޭނެތީއެވެ.
(ނުނިމޭ)
