ހިތްވެސް ދިނީމޭ 8
ނަމާދު ކޮށްލައިގެން ގެއަށް އައިސް ކައިލް އިށީނީ ބައްޕައާއެކު މެންދުރުގެ ކެއުމަށް އިންސާފު ކުރުމަށެވެ. އެއިރު ކައިރާވެސް ކަމްލާ އާއިއެކު މޭޒުމަތި ތައްޔާރު ކުރުމަށް އުޅެއެވެ.
ދެމައިން ވަރަށް އަތްމަތި އަވަސް ކޮށްލުމަށްފަހު ކެއުމުގައި ބައިވެރިވީ ކައިލް ވާހަކައެއް ދައްކަން ބޭނުންވާ ވާހަކަ ބުނުމުންނެވެ.
“އަޅުގަނޑު އެބަ ވިސްނަން ބައްޕަގެ ކުންފުންޏާ ގުޅެން. އަޅުގަނޑަށް ވީ ވަރަކުން ބައްޕަގެ ވިޔަފާރި ކުރިއެރުވޭތޯ މަސައްކަތް ކުރަން ބޭނުން.” ސަމީހުގެ މޫނަށް ބަލަން އިނދެ ކައިލް ބުނެލިއެވެ.
ކައިލްގެ ވާހަކައިން ތިން މީހުންގެ މޫނުމަތިން އުފާވެރިކަން ފެނުނެވެ. ކަމްލާ އިނީ އުފަލުން ރޮވިފައެވެ. ކައިލް ސަމީހުގެ ވިޔަފާރިއާއި ކޮންމެވެސް ހިސާބަކުން ގުޅުން އެއީ ކަމްލާގެ އުންމީދެވެ. ކައިރާވެސް އިނީ ވަރަށް އުފަލުންނެވެ. ކޮއްކޮގެ ފަރާތުން ފެންނަމުން ދިޔަ ތަފަތު މިޒާޖު ކައިރާއަށް ވަރަށް ކަމުދިޔައެވެ.
އުފާވެރި މާހައުލެއްގައި މެންދުރުގެ ކެއުން ނިންމާލުމަށް ފަހު ކައިލް ކޮޓަރިއަށް ވަނީ ވަރަށްވެސް ހިތްހަމަ ޖެހިގެންނެވެ. ފޯނު ނަގާލުމަށްފަހު އިޔާޝް އަށް ގުޅާލުމަށްފަހު މިއަދު ހަވީރު ކައިލް ހޮސްޕިޓަލަށްދާ ވާހަކަ ބުނެލީ އިޔާޝް އޭނާ ގޮވައިގެން ތާކަށްދާން ރާވައިފާނެތީއެވެ. ހިނިގަނޑެއް ޖަހާލުމަށްފަހު އެންމެ ރަނގަޅު ކަމަށްބުނެ އިޔާޝް ފޯނު ކަނޑާލިއެވެ.
ކައިލް އެނދުގައި އޮށޯވެލައިގެން އޮށްވާ އޭނާއަށް ނިދުނެވެ. ދެން ހޭލެވުނީ ޢަސްރު ނަމާދު ކުރަން ކަމްލާ ގޮވުމުންނެވެ. ކައިލް ތެދުވެ ގަޑި ބަލާލިއިރު ހަވީރު 4 ޖަހަނީއެވެ. ލާނެ ގަމީހަކާ ޖިންސެއް ނެގުމަށްފަހު ކަމްލާ އަތަށް އިސްތިރިކުރަން ދީފައި ކައިލް ވަނީ ފެންވަރާށެވެ.
ރީތިވެ ނަމާދު ކޮށްލައިގެން ކައިލް ދިޔައީ ހޮސްޕިޓަލަށެވެ. ކައިލް ދިޔައިރު ޒިވާ އޮތީ ވޯޑަށް ބަދަލުކޮށްފައެވެ. މިރޭ ގެއަށް ދޫކޮށްލާނެ ވާހަކަ ޑޮކްޓާރު ބުނިކަމަށް މަރީނާ ބުނެލިއެވެ. ކައިލް އައުމުން މަރީނާ އާއި މައިހާ ގެއަށް ދިޔައެވެ.
” ވަރަށް ފޫހިވެފަދޯ ތިއޮތީ…..” ލުއި ހިނިތުންވުމަކާއެކު ކައިލް އެހެން ބުނެލަމުން ގޮނޑީގައި އިށީނެވެ.
” އާން ފޯހު ނުވިއްޔާ ދެރައޭނުން. އައިވީ ގުޅާގެން މިތާ އޮންނަން ވިއްޔަ މި ޖެހެނީ. ޟިރު ކާއެއްޗެއްވެސް ކެވެނީކީއެއް ނޫން. ހުސް މޭވާ އާއި ތަރުކާރި ކައިގެން އޮންނަންވީ.” ތުން ދަމާލުމަށް ފަހު ޒިވާ ޝަކުވާ ކޮށްލި ގޮތުން ކައިލް ބާރަށް ހޭންފެށިއެވެ. ޒިވާ ރުޅިއައިސް އޮންނަ އިރު ވަރަށް ލޯތްބެވެ.
ލޯ އަޅާލުމަށްފަހު ޒިވާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. ޒިވާ ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަމުން، ޒިވާގެ މޫނަށް ކައިލް ބަލަމުން ދިޔައީ އެއްވެސް ފޫޙި ކަމެއް ނެތިއެވެ. އިރު އިރުކޮޅަކާ މޫނުމައްޗަށް ވެއްޓެމުންދާ އިސްތަށިކޮޅު އަތުން ރަނގަޅު ކުރަމުން ދިޔައިރު ހީވަނީ ކުޑަކުއްޖެއް ހެންނެވެ.
ކައިލް ޒިވާ އާއި ދިމާއަށް ބަލަހައްޓައިގެން އިންކަން ފާހަގަވުމުން ޒިވާ ލަދުގަތެވެ. ދައްކަމުން ދިޔަ ވާހަކަ ހުއްޓާލުމަށްފަހު ކައިލްގެ މޫނަށް ޒިވާއަށްވެސް ބަލަހައްޓައިގެން އިނދެވުނެވެ.
ޒިވާގެ މޫނަށް އެއްވެސް ތަރުތީބެއް ނެތި އުނދަގޫ ކުރަމުންދާ ކުދި އިސްތަށިތަކުން އޭނާއަށް އުނދަގޫ ވަމުން ދާހެން ކައިލް އަށް ހީވުމުން މަޑުމަޑުން އެއިސްތަށިކޮޅު އެއްފަރާތް ކޮށްލުމަށްޓަކާ ކައިލް ޒިވާ އާއި ކައިރިވެލިއެވެ.
ކައިލްގެ ހޫނު ނޭވާ އެޅެން ފެށުމުން ޒިވާ އަށް ލޯ މަރާލެވުނެވެ. ކައިލް ކުރިއަށްވުރެ ބޮޑަށް ޒިވާ އާއި ކައިރިވެލީ ޒިވާ އޭނާ އަށް ކައިރި ވުމަށް ހުއްދަ ދީފައިވާ މީހެއް ފަދައިންނެވެ.
ކައިލްގެ ކޮންމެ ޙަރަކާތަކަށް މަރުޙަބާ ކިޔަމުން ދިޔަ ޒިވާގެ ހިތް ދިޔައީ ބާރުމިނެއްގައި ތެޅެމުންނެވެ. ކައިލްގެ ހާލަކީވެސް ހަމަ އެއީއެވެ.

