Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިވެވުމުން

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
June 15, 2021 5 Mins Read
0 Comments

ހުދުކުލައިގެ ބޮޑު ކޮޓަރީގެ މެދުގައި ހުރި ކިންގް ސައިޒް އެނދުގެ މެދުގައި އޮށޯވެލައިގެން އޮތް ޒުވާނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހަމަހިމޭންކަމެވެ. ފަންކާގެ ވައިން ޒުވާނާގެ އިސްތަށިތައް ނަށަމުން ދިޔައިރު އިރުއިރުކޮޅުން އަތް ނަގައި އިސްތަށިތައް މޫނުމަތިން އެއްފަރާތް ކޮށްލައެވެ. އިރުކޮޅަކު އެގޮތުގައި އޮވެ ޒުވާނާ އޭނާގެ ގައިގައި އޮޅާލާފައި އޮތް ރަޖާގަނޑު ނަގައި އެނދުން ތެދުވެލައިގެން ގޮސް ކޮޓަރީގެ އެއްކަނެއްގައި ހުރި ހުދާއި ކަޅުން ފަރުމާކުރެވިފައިވާ އަލަމާރި ކުރިމަތީގައި ހުއްޓިލިއެވެ. އަތި ކަންނެތްކަމާއިއެކު މޯޅިއަކަށް ދެމިލުމަށްފަހު އަލަމާރީގެ ދޮރުފަތް ހުޅުވާލާ އޭގެތެރެއިން ހުދުކުލައިގެ ޓީޝާޓަކާއިއެކު ދަނބުކުލައިގެ ކުރު ޖިންސް ސޯޓެއް ނަގައިގެން އައިސް އެނދު މައްޗަށް ލައި ފާހަނާއަށް ވަދެލިއެވެ.

ފަނަރަ މިނެޓް ފާހަނާގައި ހޭދަކުރުމަށްފަހު ޒުވާނާ އައިސް ހެދުން ބަދަލުކޮށްލައިގެން އަލަމާރި ކައިރީގައި ހުރި ޑްރެސިންގ ޓޭބަލް ކުރިމަތީގައި ހުއްޓިލައި އޭނާގެ އިސްތަށިގަނޑުގައި އަތުން ރީތި ގޮތަކަށް ފުނާ އަޅަން ފެށިއެވެ. އަދި ގަޔަށް ބޮޑީ ސްޕްރޭ ބުރުވާލުމަށްފަހު ތުންފަތަށް ސާދާ ހިނިތުންވުމެއް ވެރިކުރުވައިގެން ކޮޓަރިން ނުކުންނަން ހިނގައިގަތީ ހިތްތައް ފަތަހަވެގެންދާނެވަރުގެ ފިރިހެންވަންތަ ހިނގުމެއްގައިއެވެ.

”ދަރިފުޅާ. އާދޭ ސައިބޯން.” ޒުވާނާގެ މަންމަ މޭޒުމައްޗަށް ތަށިތައް އަރުވަން ހުރެ ބުނެލިއެވެ. އޭރު އޭނާގެ ބައްޕަ ރަޝީދު އަދި ބޭބެ ނަޖާހު ވެސް ކޮޓަރިން ނުކުމެގެން ބަދިގެއަށް ވަންނަނީއެވެ. އޭނާވެސް މަޑު ހިނގުމެއްގައި ގޮސް ހާއްސަކުރެވިފައި އިން ގޮޑީގައި އިށީންދެލައި ތައްޓަށް އެއްޗެހި އަޅަން ފެށިއެވެ.

”މާދަމާ ނޫން އެނެއް ދުވަހު ނޮޅިވަރަމަށް ދާ ގޮތަށް ހަމަޖެހިފަ އޮތީ. މިދަތުރުގަ ބައްޕައާއި އެކީ މުޖާ ވެސް ދާންވާނެ. ބައްޕަގެ ވިޔަފާރީގަ ތި ދެކުދިންގެ ވެސް އެހީ ވަރަށް ބޭނުން.” ރަޝީދު ކެއުން ހުއްޓާލައި އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

”މަންމަ އެކަނިތަ ދެން ގޭގައި ހުންނަނީ؟” މަންމަ އެކަނި ގޭގައި ބަހައްޓާފައި ދާން ޖެހުމުން މުޖާހު އިނީ ހާސްވެފައެވެ. މަންމަ އެކަނި ދޫކޮށްލާފައި ތަނަކަށް ދިޔުމަކީ މުޖާހަށް ކުޅަދާނަވެގެންވާ ކަމެއް ނޫނެވެ. ނަމަވެސް މިފަހަރު މަންމަ ނުދިޔަޔަސް އޭނާ ޖެހޭނީ ބައްޕަގެ އެދުމަށް ބޯލަނބައި އެރަށަށް ދާށެވެ. މަންމަ ބަހައްޓާފައިވިޔަސްމެއެވެ.

”ނޫނޭ.. ދައްތަ އަންނާނެ ދަރިފުޅުމެން ފުރާ ދުވަހު. އެހެންމަ މަންމަ އެކަންޏެއްވެސް ނުވާނެ އެންނު.” މުނާ ހިނިތުންވެލައިގެން އިނެ ކަމުންދިޔައެވެ. މުޖާހަށާއި ނަޖާހުއަށް އެކުއެކީގައި ފުންނޭވާ ދޫކޮށްލެވުނެވެ. ހީވަނީ ހުރިހާއިރު އެކަމާ ވިސްނަން އިނދެ ނޭވާވެސް ނުލާ ހުރި ހެންނެވެ. ދެމީހުންވެސް ދެމީހުންގެ މޫނަށް ބަލައިލާ ހިނިތުންވެލިއެވެ.

***

ހަވީރުގެ ހިތްގައިމު ވަގުތުގައި މުޖާހު ކެފޭއެއްގައި އިނީ އޭނާގެ ދެ އެކުވެރިންގެ އިންތިޒާރުގައިއެވެ. އިރުއިރުކޮޅާ ބޭރު ދޮރާ ދިމާ ބަލައިލާ ގޮތުން އެމޫނުމަތިން ފެންނަމުން ދިޔައީ ލަސްވެގެން ފޫހިވެފައި އިންކަމުގެ އަސަރުތަކެވެ. އިރުކޮޅަކު އެހެން އިނެލުމަށްފަހު އޭނާ ފޯނު ނަގައި އެއާ ކުޅެން ފެށިއެވެ. އެގޮތުގައި ވެސް މާ ގިނަ އިރަކު އޭނާއަކަށް ނީނދެވުނެވެ. ބޭރު ބަލައިލުމަށްފަހު ޖީބަށް ފޯނުލަމުން އެތަނުން ތެދުވެލިއެވެ. ނަމަވެސް އަނެއްކާވެސް އެތަނުގައި އިށީންދެލިއެވެ. ދޮރުން ބަޔަކު އަންނަތަން ފެނިގެންނެވެ.

”އާދެވިއްޖެ ދޯ. މަ މިތާ އިންނަތާ ބައި ގަޑިއިރު ވީ މިހާރު.” ރުންކުރު ރާގަކަށް މުޖާހު ބުނެލިއެވެ.

”މި އަކޭ ކަންތަކޭ. އަންހެނަކަށްވުރެ ކަންތައް ފަލަ މީނަ ރީތިވާންވެސް.” ހިނިގަނޑެއް ޖަހާލަމުން އަފްއާން އެހެން ބުނެލުމާއިއެކު އަކްރަމް ވެސް ހޭން ފެށިއެވެ. އެކަމަށް ދެކޮޅު ހަދާކަށް އޭނާ ނޫޅެއެވެ.

”ހޫން.. ކޮން ވާހަކައެއް ބުނަންތަ ތިއުޅެނީ؟ އަނެއްކާ ބިޓެއް ފެނުނީތަ؟” އަނެއްކާވެސް ވާހަކަދެއްކީ އަފްއާނެއެވެ. ސަކަ މަޖާ މިޒާޖެއްގެ ވެރިއެކެވެ.

”ތިކަހަލަ ކަމެއް ނޫން. ހޮނިހިރު ދުވަހު ދާން ރޭވި ދަތުރު ނުދެވޭނެ ވާހަކަ ބުނަން ވެގެން.” އެތަނަށް ވެއިޓަރު އައުމާއިއެކު މުޖާހު ވާހަކަދެއްކުން ހުއްޓާލިއެވެ.

”އެއީ ކީއްވެ؟” ދެބުމަ ގޮށްޖަހައިލައިގެން އިނެ އަކްރަމް ބުނެލިއެވެ. އަފްއާންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ސުވާލުމާކެކެވެ.

”މާދަން ނޫން އެނެއް ދުވަހު ޖެހޭބަ ބައްޕައާ އެކީ ނޮޅިވަރަމަށް ދާން. ބިޒްނަސް ކަމެއްގަ. މިހާރު މަށަށް ވެސް އެބަޖެހޭ ބައްޕަގެ އެބިޒްނަސްގެ ކަންކަމުގައި އުޅެން. ކިޔެވުންވެސް ނިމުނީ.” މަޑުމައިތިރި ރާގަކަށް މުޖާހު ވާހަކަދައްކަމުން ދިޔައިރު މުޅިތަންވެސް ވަނީ ހަމަހިމޭންވެފައެވެ. މުޖާހުގެ ވާހަކަ ކަނުލާ އަޑު އަހާފަދައެވެ. ”އެހެންވެ ފުރުމުގެ ކުރިން ދިމާވެލާށާ އެއްކޮށް.”

”ހާދަ ކަޑައޭ. ހުރިހާ ކަމެއް ކޮށް ނިމުނީމަ.” އަކްރަމްގެ އަޑުގައި ވަނީ ފޫހިކަމެވެ.

މުޖާހައަށް އެކަން އެނގުނަސް އޭނާއަށް ކުރެވޭނެކަމެއް ނެތެވެ. ބައްޕަގެ އެދުމަކަށް އޭނާއަކަށް ދެކޮޅެއް ނުހެދޭނެއެވެ. އެ އެދުމުގައި ކޮޅުފައިންވެސް ނުޖެހޭނެއެވެ. އެއީ އޭނާއަށް ވާނެ ކަމެއް ނޫނެވެ. ބައްޕަމެން އެދޭ ގޮތަށް ދިރިއުޅުމުގެ ކޮންމެ ކަމެއް ކުރަން ޖެހުނަސް އޭނާ ހުރިހާ ކަމެއް އެހުރީ ކުރާ ގޮތަށެވެ. އެމީހުންގެ ނިންމުމަކީ އެންމެ ރަނގަޅު ނިންމުން ކަމުގައި ބަލައިގެންނެވެ.

”މަ އައީމަ ދެން ދާނީ. ހަފްތާއެއް ތެރޭ އާދެވޭނެހެން ހީވަނީ. އެހެން ނޫނީ ތިދެމީހުން ހިނގާ ދާން.” ހެވިލާފައި އިނދެ މުޖާހު އެހެން ބުނެލި ނަމަވެސް ދެން ތިބި ދެމީހުންގެ މޫނުމަތިން އުފާވެރިކަމެއް ނުފެނެއެވެ.

”އޮފީހުން ޗުއްޓީއެއް ނުލިބޭނެ. ކުރިން ދުވަހަކު ޗުއްޓީ ނިންމާލީމި.” ކޮފީ ބޮއި ނިންމާލުމަށްފަހު ތިން މީހުން އެކުގައި އެތަނުން ދިޔުމަށް ހިނގައިގަތެވެ. ސައިކަލަށް އަރައި ތިން މީހުންވެސް އެތަނުން ނުކުމެގެން ދިޔައީ މުޖާހާ ދެން ދިމާވާނީ ހަފްތާއެއް ފަހުން ކަމަށް ނިންމާ އައުމުން ވަރުގަދަ ދަތުރެއް ދިޔުމަށް ވާހަކަދައްކަމުންނެވެ. މުޖާހުވެސް އެކަމާ އެއްބަސްވެ އެމީހުންގެ އެކިއެކި ވާހަކަތަކުގައި ބައިވެރިވަމުން ދިޔައީ އެނާގެ މަޑުމައިތިރި މިޒާޖުވެސް ވަންހަނާވާނެ ގޮތަށެވެ.

***

ހެނދުނު ހެނދުނާ ގޯތި ކުނި ކަހަލާމުށްފަހު ދޮލަގަކަށް ހަނޑޫ އަޅައިގެން އައިސް ބޭރުގައި ހުރި ޖޯލީގައި އައިސް އޭނާ އިށީންދެލީ އެއްވެސް ވަރުބަލިކަމެއް ނެތިއެވެ. ކަޅުފަން އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލާފައިވި ނަމަވެސް ކުދިކުދި އިސްތަށި މޫނުމައްޗަށް ވިހުރެމުން އައިސް އޭނާގެ މޫނުމައްޗަށް އެޅެމުން ދިޔައީ އޭނާއަށް އުނދަގޫކުރަމުންނެވެ. ނަމަވެސް ހަމަ އެ ހިނދުގައި އެއިސްތަށިތައް އޭނާގެ ކަންފަތް ބުޑަށް ލައްވާލާ އެތަނުގައި ހައްޔަރުކޮށްލައެވެ.

ހަނޑޫ ހޮވަމުން ދިޔަ ނަމަވެސް އޭނާގެ ސަމާލުކަން އިރުއިރުކޮޅުން ހުއްޓެނީ ކައިރި ޖޯލިފަތީގައި އޮތް ފޯނަށެވެ. ހީވާކަހަލައެވެ. އޭނާ މީހަކަށް އިންތިޒާރުކުރަނީއެވެ. ހަނޑޫ ހޮވާ ނިމުނީވެސް އޭނާގެ ކަޅި ފޯނަށް އެތައް ފަހަރަކު އުކުމަށްފަހުއެވެ.

ބަތްތެލި އުނދުންމައްޗަށް އެރުވުމަށްފަހު އަނެއްކާވެސް އޭނާގެ ފޯނު ހުޅުވާލިއެވެ. މެސެޖެއް އަންނާނެހެން ހީވާނެ ހުރިހާ ތަނެއް ބެލިއެވެ. ނަމަވެސް ކޮންމެ ތަނަކުންވެސް ބޭރަށް ނުކުންނަނީ މޫނުމައްޗަށް ފޫހިކަމާއި ހިތްދަތިކަން ގެނުވަމުންނެވެ. އޭނާގެ ހިތް މާޔޫސްކުރުވައި ނުތަނަވަސް ކުރުވަމުންނެވެ.

”ދަރިފުޅާ ހަޔާތް. ދޭބަލަ މަސްދަޅަކާއި ކޮފީ ޕެކެޓްތަކެއް ގަނެގެން އަންނަން. އަދި ކެރެޓެއްވެސް ގެންނާތި.” ހަޔާތުގެ މަންމަ ފަރާހަތު ބަދިގެއަށް ވަންނަމުން ބުނެލިއެވެ. އެކަމަށް ބޯ ޖަހާލުމަށްފަހު އޭނާ އެތަނުން ނުކުމެގެން ދިޔައީ ފިހާރައަށް ދާން ތައްޔާރުވާށެވެ. ލައިގެން ހުރީ އޭނާ އާންމުކޮށް ބޭރަށް ދާން ނުލާ ކަހަލަ ހެދުމަކަށްވީތީއެވެ.

***

ކަނޑުގެ ލޮނުގަނޑު ކަފަމުން ބާރު ދުވެލީގައި އައި ލޯންޗް ނޮޅިވަރަމުގެ ބަނދަރަށް ލެފުމާއިއެކު އެއިން މުޖާހު އާއި އޭނާގެ ބައްޕަ ނުކުމެލިއެވެ. އިރުގެ ރަންދޯދިތަކުން ސަލާމަތްވުމަށް އޭނާގެ ބޮލުގައި އަޅާލާފައި އޮތް އަވިއައިނު ލޮލުގައި އެޅުމަށްފަހު ދަބަސް ހިފައިގެން އެރަށުގައި ފުރަތަމަ ފަހަރަށް އޭނާގެ ފައި ޖައްސާލީ ތުންފަތުގައި ވި ހިނިތުންވުން ކަންފަތާއި ހަމައަށް ދަމައިލައިގެންނެވެ.

މާލެއިން ބޭރު ރަށަކަށް އާދެވުނު ފުރަތަމަ ފަހަރުކަމުން އޭނާއަށް ކުރެވުނީ ބުނެދޭން ނޭނގޭފަދަ އިހުސާސެކެވެ. ބޮލަށްފަސޭހަ އަމާން އޮމާން އިހުސާސެކެވެ. އޭނާގެ ތުންފަތުގައި ވި ހިނިތުންވުން އެކަމަށް ހެކިދެއެވެ.

”ބައްޕާ މިކަހަލަ ރަށެއްގައި އުޅެން ކިހާ ހިތްފަސޭހަ. މާލެއަށް ވުރެ އުޅެންވެސް ފަސޭހަ. މިކަހަލަ ރަށެއްގައި އުޅެން ހިނގާ.” ރަޝީދުގެ ފަހަތުން ހިނގަމުން އެކި ފަރާތްފަރާތަށް ބޯ ހޫރުވަމުން މުޖާހު ބުނެލިއެވެ.

”ބަދަލުވެފަ ދުވަސްކޮޅެއްގެ ތެރޭ ބުނާނެ މާލެ ބަދަލުވާން. މިތާކު ނޫޅެވޭނޭ.” ރަޝީދުގެ އަޑުގައި ވަނީ ލާނެތްކަމެވެ.

މުޖާހަށް އޭނާގެ ބޯ ކަހައިލެވުނެވެ. އެހެންބުނެވިދާނެހެން ހީވީމައެވެ. ބޭރުގައުމަކަށް ދާ ކޮންމެ ފަހަރަކުވެސް އޭނާއަކީ އެހެން ބުނި މީހެކެވެ. ނަމަވެސް މާލެ އަންނަނީ އެތަނެއްގައި އުޅެން ފޫހިވާތީއެވެ.

”ފަރުހާދު. ކިހިނެއްތަ؟ ކިހިނެއްތަ ކަންތައްތައް؟” ރަޝީދުގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ކުޑައިރުގެ ގާތް ރަހްމަތްތެރިޔަކާ ބައްދަލުވުމުން އެމޫނުމަތިން ފެންނަމުން ދިޔައީ ބަޔާންކުރަންވެސް ދަތި ހިތްހަމަޖެހުމެކެވެ.

”ވަރަށް ރަނގަޅު.. ވަރަށް ރަނގަޅު ހުރިހާ ކަމެއްވެސް. ވަރަށް އުފާވެއްޖެ މިހާ ދުވަސްފަހުން ބައްދަލުވީމަ. ހިނގާ އަވަހަށްދާން. ވަރަށް ބޮޑަށް މަޢާފަށް އެދެން އާދެވުނުލެއް ލަސްވި ކަމަށް ޓަކައި.” ފަރުހާދުގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އެއްކަހަލަ ކުލަވަރުތަކެކެވެ.

”އެއީ އެއްވެސް ކަމެއްނޫން. މިހިރީ އަހަރެންގެ ހަގު ދަރިފުޅު މުޖާހު. ދަރިފުޅާ. މިއީ ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއް.” މުޖާހު ފަރުހާދާއި ސަލާމްކޮށްލުމަށްފަހު ހިނިތުންވުމެއް ރައްދުކޮށްލިއެވެ.

އެކިއެކި އޮލަވާހަކަތަކުގައި ރަޝީދުއާއި ފަރުހާދު ހިނގާފައި ދިޔައިރު މުޖާހު ދިޔައީ އޭނާގެ ފޯނުން ރަށުގެ އެކިއެކި ހިސާބުތަކުގެ ތަސްވީރުތައް އޭނާގެ ފޯނުގައި ރައްކާކުރަމުންނެވެ. ރާއްޖެތެރޭގެ ރަށަކަށް އާދެވުނު އެއީ ފުރަތަމަ ފަހަރުކަމުން އެތައް ކަމެއް އެތަނުގައި އޭނާ ކުރާހިތްވިއެވެ. ނަމަވެސް އެރަށުގައި އޭނާގެ އެންމެ އެކުވެރިއެއްވެސް ނުހާންނާނެތީ އެކަމާ ހިތްދަތިވިއެވެ. މިރަށް ދޫކޮށް ދާން ޖެހޭނީ ހަމައެކަނި ވިޔަފާރީގެ ކަންކަމުގައި އަވަދިނެތިކަން އެނގުނީތީއެވެ.

އެކިތަންތަނުގެ ފޮޓޯ ނަގަމުން ގޮސް މުޖާހަށް މަޑުޖެހެވުނީ އޭނާގެ ހަށިގަނޑު މީހެއްގެ ގައިގައި ޖެހުމުންނެވެ. އެވަގުތު އެމީހާގެ އަތުގައި ހުރި އެއްޗެހި ބިންމައްޗަށް ވެއްޓިގެން ދިޔައިރު މުޖާހުގެ އަތުގައި އޮތް ފޯނުވެސް ވެއްޓުނެވެ. ހަމައެހިނދުގައި މުޖާހު ތިރިވެލައި އޭނާގެ ފޯނު ނެގުމަށްފަހު އެތަނަށް ދެން ވެރުނު އެއްޗެހިވެސް ނަގަން އުޅުނެވެ. ނަމަވެސް މުޖާހަށް އަތްލެވުނީ މަޑުކަފަކޮޅެއް ފަދަ ދޮން އަތެއްގައިއެވެ.

މުޖާހަށް މަޑުމަޑުން ކުރިމަތީގައި ހުރި މީހާގެ މޫނަށް ބަލައިލެވުނެވެ. އޮމާން ދޮންދޮން ހަންގަނޑެއްގެ ވެރިއެކެވެ. މޫނުގައި އެއްވެސް މޭކަޕެއް ކޮށްފައި ނެތިވެސް ޕަރީއެއް ފަދައެވެ. ހުދު ހުދު ދެލޮލުގެ ތެރޭގައިވާ މަޑު މުށިކުލައިގެ ކަޅިއެކެވެ. ދިގުދިގު އެސްފިޔަތަކެއް ނަމަވެސް އެހައި ކަޅުގަދައެވެ. ހިތިފަތު ބުމައެއް ލިބިފައިވާއިރު ފިނިފެންމަލެއްފަދަ ފިޔާތޮށިކުލައިގެ ތުންފަތެކެވެ. މުޖާހުގެ އަނގައިން ބަސްހުއްޓުނު ފަދައެވެ. ބުނާނެ އެއްޗެއް ނޭނގި އެފުން ދެލޮލުގެ ތެރެއަށް ޣަރަގުވެގެން ދާން ބޭނުންވިއެވެ.

ހަމަ ރަނގަޅަށްވެސް އެސޫރަ އޭނާގެ ހިތުގައި ކުރަހާލާފިއެވެ. އެދެއަތުގެ ހިމާޔަތުގެ ދަށަށް އެހަށިގަނޑު ގެންނަން ބޭނުންވިއެވެ. ކަޅިވެސް ޖަހައިނުލައި އޭނާއަށް އެ ފަތްމިނި ކުއްޖާއަށް ބަލަހައްޓައިގެން އިނދެވުނީއެވެ. އެއަތުގައިވެސް ހިފަހައްޓާލައިގެންނެވެ.

***

ކުރިމަތީގައި އިން ޒުވާނާ ބަލަން އިން ގޮތުން ހަޔާތުއަށް އިނީ އުނދަގޫވެފައެވެ. އެހެން އެއްވެސް ތަނެއް ބަލައިނުލައި އޭނާގެ އަތުގައި ހިފަހައްޓާލައިގެން އިން ގޮތުން އެޒުވާނާ ހީވަނީ ޗާބީ ދީފައި އިން ބުދެއް ހެންނެވެ. ރީތި ދޮން ހަންގަނޑެއް ލިބިފައިވާ އެޒުވާނާއަށް އެންމެ ހިނދުކޮޅަކަށްވެސް އޭނާ ބަލައިނުލައެވެ. ހަރުދަނާ ހަށިގަނޑެއް ލިބިފައިފި އެހައިމެ ފިރިހެންވަންތަ ނަމަވެސް އޭނާއަށް އެކަމުން އިނީ އުނދަގޫވެފައެވެ. ހާއްސަކޮށް އޭނާގެ އަތުގައި ހިފަހައްޓާލައިގެން އިނުމުންނެވެ.

ހަޔާތު އޭނާގެ އަތް ކުއްލިއަކަށް އެޒުވާނާގެ އަތުން ދަމައިގަތެވެ. އަދި އެއްޗެހިތައް ނެގުމަށްފަހު އެތަނުން ދިޔުމަށް ހިނގައިގަތެވެ.

”ސޮރީ ވަރަށް ބޮޑަށް. އަހަރެންނަށް ބަލައިނުލައި އުޅެވުނީ.” ޒުވާނާގެ ފިރިހެންވަންތަ އަޑު ހަޔާތުގެ ކަންފަތާ ހަމައަށް ދަތުރުކޮށްލުމާއިއެކު އޭނާއަށް އެތަނުގައި މަޑުކޮށްލެވުނެވެ. އަދި ފަހަތަށް އެނބުރި ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު އަނެއްކާވެސް ކުރިއަށް ހިނގައިގަތެވެ. އޭނާގެ ހިތުގައި ޒުވާނާއާ މެދު ކުޑަވެސް ހިތްބުރަކަމެއް ނުބާއްވާކަން ހާމަކޮށްދިނުމަށެވެ.

***

”ދަރިފުޅާ. އަވަހަށް އާދޭ ދާން.” ދީވާނާވެފައި ހުރި މީހެއްފަދައިން އެއަންހެންކުއްޖާގެ ހިނިތުންވުމުގައި ޖެހި މުޖާހު އެތަނުގައި ހުއްޓިލައިގެން ހުރުމުން ރަޝީދު ހަރުއަޑަކުން ގޮވާލިއެވެ. އެވަގުތު މުޖާހުވެސް އެދިމާލަށް އެނބުރި ހިނގައިގަތެވެ.

ނަމަވެސް ފަހަތް އިރުއިރުކޮޅުން ބަލައިލައެވެ. ނޫކުލައިގެ ކަކުލާ ހަމައަށް އަރައި ކުރުތާއަކާއިއެކު ކަޅު ކުލައިގެ ޖިންސެއްލާފައި ވުމުން އެދޮން ހަށިގަނޑާ ނުހަނު ގުޅެއެވެ. އުނަގަނޑާ ހަމައަށް އޮތް އޭނާގެ ކަޅު ފަން އިސްތަށިގަނޑު ވަޔާއި ވިހުރެން ދޫކޮށްލާފައިވުމުން އޭނާ އިތުރަށް ފުރިހަމަކަމަށް ދައްކައެވެ. ހަމަރަނގަޅަށްވެސް މުޖާހަށް އެއަންހެން ކުއްޖާގެ ޖާދޫގައި ޖެހިއްޖެއެވެ.

އެކުއްޖާ ގޮސް އޮބާލަންދެން މުޖާހައަށް ފަހަތްބެލެމުން ދިޔައެވެ. އެހެންމަގަކުން އެކުއްޖާ ފެނޭތޯވެސް އޭނާ ދިޔައީ މަގުމަގު ވަރަށް ރަނގަޅަށް ބަލަމުންނެވެ. ނަމަވެސް ހުރުމަށް ހަމަޖެހިފައި ހުރި ގެޔަށް އާދެވުނު އިރުވެސް އޭނާއަށް އެކުއްޖާއެއް ނުފެނެއެވެ.

އޭނާގެ ހިތް މާޔޫސްވަމުން ދިޔައެވެ. އަންހެންކުއްޖެއް ފެނުމުން މީގެ ކުރިން އެއީ އޭނާއަށް ވީ ގޮތެއް ނޫނެވެ. ކުރިން އެތައް އަންހެންކުދިންނަކާ ރައްޓެހިވިޔަސް މިފަދަ ގޮތެއް އޭނާއަކަށް ނުވެއެވެ. މިފަދަ ގޮތަކަށް އޭނާގެ ހިތުގައި ވިންދެއް ނުޖަހައެވެ.

~ ނުނިމޭ ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ރައިން (5)

Next

ތީއޭ މިހިތުގެ ދިރުމަކީ (10)

Next
June 16, 2021

ތީއޭ މިހިތުގެ ދިރުމަކީ (10)

Previews
June 15, 2021

ރައިން (5)



All Right Reserved!