ތިޔަ ލޯތްބަށް އެދެމޭ 2 – 10
ކާށިދޫއަށް އިންޝާމެން ފޭބީ އެދުވަހު ހަވީރުއެވެ. ވެފައި ހުރި ވަރުބަލިން ގެއަށް ގޮސް މާ ގިނައިރެއް ނުވެ އެމީހުންނަށް ނިދުނެވެ. ހޭލެވުނީ މަޣުރިބު ނަމާދަށް ގޮވާ އަޑަށެވެ. އިލްޔާ އިންޝާ އަށާއި މިޝްޔާއަށް ގޮވާފައި ނަމާދަށް އެރިއެވެ. އިންޝާމެން ވެސް ވުޟޫ ކޮށްގެން ނަމާދު ކުރަން ފެށިއެވެ.
**10 ވަނަ ޕާޓު**
” ކިން ދެން ތީ ކޮން ކަމެއް…. މިރަށަށް ވެސް އެޔެއް ހިފައިގެން؟؟… ” މިސްކިތުން ގެއަށް އައިސްފައި ރާކިން އަތުގައި އޮތް ކެވެލިކޮޅު ފެނުމުން މާއިން އަހާލިއެވެ.” ހްމް މިރަށަށް ވެސް ހަމަ އޭތި ހިފައިގެން… މަ ބޭނުމީ މީތި މުޅި އުމުރަށް ގެންގުޅެން… ” ރާކިން އެ ކެވެލިކޮޅަށް ބަލާލިއެވެ.” ހިނގާ ދާން ކޮޓަރިއަށް މަންމައަށް ފެނިދާނެ… ” ކާގޭގައި ހިޝާ އުޅޭ އަޑު އިވުމުން ރާކިން ވަނީ ކޮޓަރިއަށެވެ. މާއިން ވެސް ފަހަތުން ވަނެވެ.
” ކިތަށް ފަހަރުތަ ބުނާނީ ތި އެއްލާލާށޭ…. އޭނައެއް ނާންނާނެއޭ… ” މާއިން އިށީނެވެ.” ހެވޭ މާން… މާން ވެސް އަލްވާގެ ފަށް އެއްލާލަބަލަ…. އޭރުން މަ މީތި އެއްލާލާނަން… ” ރާކިން ކުޑަދޮރު ކައިރިއަށް ޖެހިލިއެވެ. މާއިން ފުން ނޭވާއެއް ލިއެވެ. ކިތަންމެވަރަކަށް ކިޔަސް ރާކިން އެޔެއް ދޫކޮށެއް ނުލާނެ އެވެ.” ދެން ކިހިނެއް މަ ހަދަންވީ ކިންއަށް ވިސްނައިދޭން… ” މާއިން ސީދާ ރާކިން އާއި ދިމަ ބަލާލަމުން އަހާލިއެވެ.” މަށަކަށް ނޭނގެ…. މާންއަށް ނުވާނެ އެކަމެއް… ” ރާކިން ބުންޏެވެ. މާއިން ދުރުބަލާލީ ރާކިން ބުނާނީ ‘ އަޝް ‘ ގެންނާށޭކަން އިނގޭތީއެވެ.
” އިނާ… ހާދަ ފޫއްސޭ މިރަށް… ” މިޝްޔާ އެނދުމައްޗަށް ވެއްޓިގަތްގޮތަށް އޮތީ ތެދުވާހިތް ނުވެފައެވެ.” ދޯ… އަސްލު ބޭނުމީ ރަށަށް ދާން… ” އިންޝާ ވެސް އިނީ ފޫހިވެފައެވެ.” ދެން ކީއްވެ ތި އައީ… ޔާންބެ ހަދާނެ ދޯ އިނާ ބުނާ ގޮތް.. ” މިޝްޔާ ބޯ ހިތްލާލިއެވެ.” އެއްކަލަ ޒުމާން އަހަރެންނަށް ފާރަލާތީ ބޭނުންވީ އޭނަ ކައިރިން ސަލާމަތް ވާން…. ނާ ވެސް ވާހަކަ ދައްކަނީކީ ނޫން… ޔައިނާދައްތަ ވެސް ހުންނަނީ އެކަމާ ކޮންމެވެސް ވަރަކަށް ހާސްވެފަ… ” އިންޝާ ކިޔަން އިން ދިވެހި ވާހަކަފޮތް ލައްޕާލަމުން އަޅައިގެން އިން ވައް އައިނު ނެގިއެވެ. ” އޯހ އެހެންދޯ… ” މިޝްޔާ އެނދުގައި އިށީނެވެ.
ފޯނުން ފޭސްބުކް ހާވަން އޮތް ރާކިން ސިހުނީ އިޝާން ގުޅަން ފެށުމުންނެވެ.” އޭއި ކަލޯ ހީވޭތަ ކަމެއްހެން… ” އިޝާން އަޑުގައި ހުރި ފޯރިން ރާކިންގެ ހިތުގައި ސުވާލު އުފެދުނެވެ.” ކިހިނެއްތަ ވީ… ” ރާކިން އަހާލިއެވެ.” އަޝް ފެނިއްޖެ މިރަށުން… އެމަންޖެ ކޮއްކޮ ވެސް ހުރި ގާތުގަ…. ” އިޝާން އެހެން ބުނުމުން ރާކިންއަށް ފުންމައިގެން ތެދުވެވުނެވެ.” ވަޓް… އޭނަ އޮޕަރޭޝަން ކާމިޔާބުތަ… ” ރާކިން އުފަލުން ގޮސް ލޮލުން ކަރުނަ ނައީ ކިރިޔާއެވެ.” ނޭނގެ ތިއެއް… މަ އޭނަ ހޯދަން މިއުޅެނީ… ” އިޝާން ހީލިއެވެ.” ނުވާނެ އިނގޭ… އެއީ މަގޭ މީހެއް… ” ރާކިން ދެބުމަ ގޮށްޖެހާލިއެވެ.” ހަހަ ޗިލް ބްރޯ… މި އުޅެނީ ކިންއަށް ހޯދައިދޭންށޭ… ” އިޝާން ހިނިގަނޑެއް ޖަހާލިއެވެ.” ތެންކްސް ޝާން… ” ރާކިން ޝުކުރު އަދާ ކުރިއެވެ.
” އޭއި މާން މާން… ” ސިޓިންރޫމްގައި އިން މާއިންއަށް ގޮވަމުން ރާކިން ނިކުތީ އުފަލުންނެވެ.” ކިން ކޮން އިރަކު މިހާ ހަލަނިވީ… ” ކައިރީގައި އިން ރާއިލް އަހާލިއެވެ. މާއިން ހޭން ފެށިއެވެ.” ބައްޕާ ރަށަށް ދާން ހިނގައިބަލަ…. ” ރާކިން އެދުނެވެ. ރާއިލް ފުންމައިގެން ތެދުވިއެވެ.” ކިން ސާބަހޭ އަދި އެންމެ ދުވަހެއް ވެސް ނުވޭ… މިމީހުން ގޮވައިގެން ރަށަކަށް އާދެވޭ ކަމަކަށް ނުވާނެ… ” ރާއިލް ބޯ ހޫރާލިއެވެ.” ދެން ބައްޕާ ޕްލީޒް މަ އެކަނި ވިޔަސް އޯކޭއޭ… ” ރާކިން ހުރީ ވަރަށް ދާން ބޭނުންވެފައެވެ.”އުހުނ ކިން ދަންޏާ މަ ވެސް ދާނަން… ” އެވަގުތު ފެން ފުޅިއެއް ބަލައި ނިކުތް މިޝްޔާއަށް އެއަޑު އިވުނެވެ.” ދޮންބެމެން ދަންޏާ މިޝް ވެސް ދާން ބޭނުން… ” މިޝްޔާ އެހެން ބުނި އަޑު އިވުމުން އިންޝާ ކޮޓަރިން ނިކުތެވެ.” މިޝްއާ އެކީ އިނާ ވެސް ދާނަން… ” އިންޝާ ބުންޏެވެ.
” ކަލޭނޭ… މިއޮއް ކުދިންތަކެއް… ” ރާއިލް ހުރީ އަޖައިބުވެފައެވެ.” ހިޝް އިލޫ ޔާން ލޫ ޔަޒާން އާދެބަލަ… ” ރާއިލް ގޮވަން ފެށިއެވެ.” ކިހިނެކޭތަ ވީ… ” ލުޔާ ނިކުމެފައި އަހާލިއެވެ.” މިމީހުން ރަށަށް ދާން ވިއްޔޯ… ” ރާއިލް ޖަވާބުދިނެވެ.” ހާދަ އަވަހަކަށް… ” ލުޔާ ދެބުމަ ކައިރިކޮށްލިއެވެ.” ޕްލީޒް ތިއްތާ… ” ރާކިން އާދޭސް ކޮށްލިއެވެ. ލުޔާ ކޮންމެސް ވަރަކަށް ހައިރާންވިއެވެ. އެއީ ރާކިން އަކީ އެހާ މަޑުން ހުންނަ ކުއްޖަކަށް ވެފައި މީހުން ކައިރީގައި އެހާ އާދޭސް ކުރާ ކުއްޖަކަށް ނުވާތީއެވެ. ކިރިޔާ ވެސް ސަކަރާތް ޖަހާނީ މާއިން ނުވަތަ އިޝާންގެ އިތުރުން މިޝްޔާ އާއި އިންޝާ ތިބިއްޔާއެވެ.
” ދެން ދޭ ނިދަން… މާދަން މަންމަމެން ހޭލީމަ ޖަވާބެއް ދޭނީ… ” ލުޔާ އެއެންމެން ނިދަން ފޮނުވާލިއެވެ.” ލޫ… ” ރާއިލް ގޮވާލިއެވެ.” މަށަށް ފެންނަނީ އެމީހުން ރަށަށް ފޮނުވަން… ކޮންމެސް ކަމެއް ވީމަ ނޫނީ ކިން އެގޮތަކަށް ނޫޅޭނެ… ” ލުޔާ ސޯފާގައި އިށީނެވެ.” ހްމްމް… ހިޝް އާ އިލޫ އާ ނީދައިފަތަ… ” ރާއިލް އަހާލިއެވެ.” އެމީހުން ނީދައިފި އިޝާ ނަމާދު ކޮށްގެން… ޔާން އާ ޒާންއާ ވެއްޖެ ބޭރުގަ ކީއްވެ ރާލް ނުދިޔައީ… ” ލުޔާ ބުންޏެވެ.” ކުޑަކޮށް ބޮލުގަ ރިއްސާތީ… މަ ވެސް ދިޔައީ ނިދަން… ގުޑް ނައިޓް… ” ރާއިލް ހީލާފައި ރާއިލް މެން ނިދަން ހަމަޖެހިފައިވާ ކޮޓަރިއަށް ވަނެވެ. ލުޔާ ވެސް ނިދިއައިސްފައި ހުރުމުން ކޮޓަރިއަށް ވަނެވެ.
އެރޭ އެއްކޮށް ރާކިން ހޭދަކުރީ ވިސްނުމުގައެވެ. އޭނަ ރަށަށް ދާން ހާދަ ބޭނުމެވެ. އަނެއްކާ އަލްވާ އާއި ‘ އަޝް ‘ އެއްގަލަކަށް އެރީ ހެއްޔެވެ؟ އެ އޮޕަރޭޝަން ކާމިޔާބު ވީބާއެވެ؟ އޭނަ ‘ އަޝް ‘ ގެ ކުރިމައްޗަށް އަރާފައި ފުރަތަމަ ކުރަނީ ކީއްބާއެވެ؟ އެރަށަށް އައުމުގެ ބޭނުމަކީ ކޮބައިބާއެވެ؟ އޭނަ ‘ އަޝް ‘ އަށް ދޭނީ ކޮންޗެއްބާއެވެ؟ ކެވެލިކޮޅު ވެސް އެއޮތީ ނުން ހެއްޔެވެ؟ ނޫނެކެވެ. އެއަށްވުރެ މާ ރީތި އެއްޗެއް އޭނަ ގަންނާނެއެވެ. ‘ އަޝް ‘ ސަޕްރައިޒް ވެސް ކޮށްލާނެއެވެ.
ކުއްލިއަކަށް ރާކިން ސިއްސައިގެން ދިޔައީ ފަތިސް ނަމާދަށް ބަންގި ގޮވާ އަޑު އިވުމުންނެވެ. އެރޭ އެއްކޮށް ނުނިދައި އޮވެވުނުކަން ރޭކާލީ އަދި ކިރިޔާއެވެ. އަވަސް އަވަހަށް ކައިރީގައި އޮތް މާއިންއަށް ގޮވާ ހޭލެއްވީ މިސްކިތަށް ދާންށެވެ. އަދިވެސް ރާކިން ބޮލަށް އުނދަގޫވެފައި ހުރީ ހިޝާ އާއި ރާއިލް ދޭނެ ޖަވާބެއް ނޭނގޭތީ އެވެ. އެމީހުން ނޫނެކޭ ބުންޏަސް އޭނަ ދާން ބޭނުމެވެ.
” ކޮން ހިޔާލެއްގަ… މަށަށް ގޮވިމީހާ ތީ… އަދިވެސް ތައްޔާރު ނުވޭ… ” ފެންވަރައިގެން ނިކުތް މާއިންއަށް ރާކިން އޮތްގޮތަށް އޮތްތަން ފެނުމުން އަހާލިއެވެ. ރާކިން މާއިން އާއި ދިމަ ބަލާލިއެވެ.” ކަލޭ ފާހަނައިގަ އުޅެންޏާ މަ ކީއްތަ ކުރާނީ… ” ރާކިން އެނދުން ތެދުވިއެވެ.” އެޓްލީސްޓް ޓީޝާޓު ނަގާބަލަ… ” މާއިން އައިސް ޑްރެސިންގް ޓޭބަލް ކުރިމަތީގައި ހުއްޓުނެވެ. ” ހެވޭ… އަވަސް ކުރާތި އެހެން ނޫނީ ނަމާދުކޮށް ނިމިދާނެ… ” ރާކިން ފާހަނައަށް ވަންނަމުން ބުންޏެވެ.
ރާކިން މެން މިސްކިތުން އައިއިރު މިޝްޔާ އާއި އިންޝާ ތިބީ ކަސްރަތު ކުރަންދާ އެއްޗެހި ލައިގެންނެވެ.” ސާބަހޭ ވަކި ރަށެއް ނެތް ދޯ ކަސްރަތު ކުރާކަށް… ” މާއިން ހެމުން ބުންޏެވެ.” ހެވޭ ހަމަ އެކަނި ޖޮގިންގް އަށް ދަނީ ރަށުގަ ވެސް… އެއީ ހަމަ ފޫހިވަތީ ހިތްހަމަ ޖައްސާލަން.. ” އިންޝާ ޖަވާބު ދިނީ ދެބުމަ ގޮއްޖަހާލާފައެވެ.” ދެން ހީނގާ ދާން އަދި އަންނަން ޖެހޭނެ ސައި ހަދަން… ” މިޝްޔާ ފެންފުޅި ހިފައިގެން ގެއިން ނިކުތެވެ.
” މަށަށް ވެސް ފެންނަނީ ފޮނުވަން… ރާކިންގެ ބެލުމުގެ ދަށުގަ ފޮނުވަންޏާ އިނާ އާއި މިޝް ވެސް ފޮނުވާނަން…. އަނެއްކާ ކިހިނެއްވީބާ؟.. ” އިލްޔާ ކައިރީގައި އެވާހަކަ ބުނުމުން ބުންޏެވެ.” ކިން އާދެބަލަ .. ” ޔަޒާން ގޮވާލިއެވެ.” ތިމީހުންނަށް ރަށަށް ދެވިދާނެ އެކަމް މިޝްއާ އިނާއާ އަދި މާން ހަވާލުވާން ޖެހޭނީ ކިން… އެއީ ތީ އެކަނި އަށާރަ އަހަރު ވެފަ ހުރި މީހަކީ … އަހަރެމެން އަދި ރަށަށް ދާނީ ތަންކޮޅެއް ފަހުން.. ފުރާން ގަޑިއެއް ހަމަޖައްސާނަން… ” ޔަޒާން ވާހަކަ ދެއްކިއެވެ. ރާކިން ހުރީ ގަބޫލު ނުކުރެވިފައެވެ. އެމީހުން އެހާ ފަސޭހައިން ފޮނުވަން އެއްބަސްވީ ކީއްވެބާއެވެ؟” ކީއްވެ އެހާ އަވަހަށް ފޮނުވަނީ މަންމަމެން ވެސް ދާން ޖެ… ”
” އެވާނީ އެމީހުން އެކަނި އަހަރެމެން ނުލައި ވަގުތު ހޯދަންކަމަށް… އޭރުންނެއްނު މާ ފޮޅުވޭނީ… ” ރާކިން ވާހަކަ ދައްކަ ދައްކާ ހުއްޓާ މާއިން ބުންޏެވެ.” ވަރަށް… ” ހިޝާ ބުންޏެވެ.” ދެން ދޭ ޕެކް ކުރަން ދަންޏާ… މެންދުރަށް ހަމަޖެއްސޭތޯ ބަލާނަން… ” ރާއިލް ދެމީހުންގެ ކޮނޑުގައި ޖަހާލިއެވެ. މާއިން ވެސް ހުރީ އަންތަރީސްވެފައެވެ. އެއީ އެހާ ފަސޭހައިން އެކަހަލަ ކަންތަކަށް ހުއްދަ ދޭ ބައެއް ނޫނެވެ. މިއަދު ކިހިނެއްވީބާއެވެ؟
ރާއިލް ބުނިގޮތަށް ދާން ހަމަޖެހުނީ ދޭއް ޖަހާއިރު އެވެ. އިންޝާ މެންވެސް ޕެކް ކޮށްގެން ތިބީ ހެވިފައެވެ. ނަމަވެސް އިންޝާގެ ހިތުގައި ވަނީ ނުތަނަވަސްކަމެވެ. ޒުމާންއާ ދިމާ ވެއްޖެއްޔާ އޭނަ ހަދާނީ ކިހިނެއްކަން ނޭނގިފައެވެ. ރާކިންގެ ހިތްވެސް ދަނީ އޮބިނޯންނަ ވަރަށް ތެޅެމުންނެވެ.
މެންދުރު ދޭއް ޖެހީރު އެންމެން ތިބީ ބަނދަރުގައެވެ.” ބާއި ގާއިޒް.. ” މަޔާން އަތް ހޫރާލިއެވެ. އިންޝާ މެން ވެސް އަތް ހޫރާލަފައި ލޯންޗަށް އެރިއެވެ. ލޯންޗްގައި އިން އިރު ވެސް ރާކިންގެ ހިތުގައި ވަނީ އުފާވެރިކަމެވެ. ގިނައިރުތަކެއް ނުވެ ރަށަށް ދެވުނެވެ. ލޯންޗުން ފޭބިތަނުންވެސް ކުރިމައްޗަށް ޖެހުނީ ރާކިން ދެކެން އެންމެ ބޭނުންވި ސޫރައެވެ.” އަޝްލީން… ” ރާކިން މަޑުމަޑުން އެހެނަސް އަޝްލީންއަށް އަޑު އިވޭ ވަރަށް ގޮވާލިއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



V reethi mi part vex❤️❤️❤️❤️ kon irakun next part?
Thank u princess… Insha Allah vaahaka site ah upload vyma 2 site ah ekkoh submit kollaanan ?❤
Salhi ????????????❤️❤️
Thankks gigs ❤?