ހިތް ބޭނުމޭ ދުލުން 8
އައިޒަން ސައިކަލުގައި އައިސް ރީޝަމްމެން ގޭ ދޮރުމައްޗަށް މަޑުކޮށްލިއެވެ. އެއާއެކު އައިޒަންގެ ގަމީހުގައި ހިފަހައްޓާލައިގެން އިން ރީޝަމް ގަމީހުން ދޫކޮށްލުމަށްފަހު ސައިކަލުން ފޭބިއެވެ. ރީޝަމް ސައިކަލު ކައިރީ މަޑުކޮށްލުމަށްފަހު ދަނީ ކަމަށްބުނެ ގެޔަށް ވަންނަން ދާން ފިޔަވަޅެއް އަޅާލިއެވެ. ރީޝަމްއަށް ދެ ފިޔަވަޅުވެސް ކުރިއަށް ނާޅާލެވެނީސް އައިޒަން ރީޝަމްގެ އަތުގައި ހިފާލުމަށްފަހު އޭނާއާ ވީ ފަރާތަށް އަނބުރާލިއެވެ. އެއަށްފަހު އައިޒަން ސައިކަލުން ފޭބުމަށްފަހު ސައިކަލު ކައިރީ މަޑުކޮށްލީ ރީޝަމްގެ އަތުގައި ހިފަހައްޓައިލައިގެން ހުރެއެވެ. “ހާދަ އަވަހަކަށް ދާން ތި އުޅެނީ.. އަދި އަހަރެން ބުނަން އޮތް ވާހަކަ އެއް އެބަ އޮތް” އައިޒަން ރީޝަމްގެ އަތުން ދޫކޮށްލަމުން ބުނެލިއެވެ.
އައިޒަން ކައިރީ ހުރި ރީޝަމް ހުރީ ލަދުން އިސްއުފުލަންވެސް ނުކެރިފައެވެ. އައިޒަންއަށް އެކަން އެނގިގެން ރީޝަމްގެ މޫނުގައި ދެއަތުން ހިފަހައްޓާލުމުން ރީޝަމް އިސްއުފުލާލާ އައިޒަން އާ ދިމާލަށް ބަލާލިއެވެ. ދެ މީހުންގެ ލޯ ސީދާވެގެން ދިޔަ ވަގުތު ދެ މީހުންގެ ތުންފަތަށް ވެސް ހިނިތުންވުމެއް ވެރިވިއެވެ. “ރީޝް އައި ލަވް ޔޫ.. ރީޝް ކިޔަވާ ނިމުނުހާ އަވަހަކަށް އަހަރެން ބޭނުން މެރީީ ކުރަން” އައިޒަން އެހެން ބުނެލިއިރު އެ މޫނުމަތީގައި ވަނީ ބުނެދޭން ދަތި އަސަރުތަކެކެވެ. އެ ތުންފަތުގައި ވަނީ ހިތް ދަމައިގަންނަ ފަދަަ ރީތި ހިނިތުންވުމެކެވެ. “މިހާރު ވަރަށް ލަސް ވެއްޖެ ދޯ.. ރީޝްގެ މަންމަ އަހަރެން ދެކެ ރުޅި އައިސްދާނެ މެރީ ނުކުރެވި އުޅެނިކޮށް.. ހެހެ.. ބާއި.. ގުޑް ނައިޓް..” އައިޒަން ހިނިތުންވެލައިގެން ހުރެ އެހެން ބުނެލުމަށްފަހު ސައިކަލަށް އެރިއެވެ. “ބާއި.. ގުޑް ނައިޓް” ރީޝަމްވެސް ލަދުން ހުރެ އެހެން ބުނެލުމަށްފަހު ގެޔަށް ވަންނަން ހިނގައިގަތެވެ. ރީޝަމް ގޮސް ގެއަށް ވަންނަން ދެން ބަލަހައްޓައިގެން އިނުމަށްފަހު އައިޒަން ވެސް ސައިކަލު ގެއާ ދިމާލަށް ދުއްވާލީ މާދަން އޮފީހަށް ދާން ޖެހޭނެތިއާ އެކު އަވަހަށް ހޭލަން ޖެހޭނެތިއެވެ.
ގެޔަށް ވަނުމަށްފަހު މަޑުމަޑުން ދޮރު ލައްޕާލި ރީޝަމް ދެ ފަރާތަށް ބަލާލީ ގޭތެރޭގައި މީހަކު ފެންނަން ހުރިތޯއެވެ. ނަމަވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން ހަމަޖެހިލައިގެން ހުރެ ރީޝަމް ގޮސް އޭނާގެ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަދެ ދޮރު ތަޅުލިއެވެ. އެއަށްފަހު އެނބުރުނު ރީޝަމް އަށް ހަޅޭލަވާ ގަނެވުނީ އެނދުމަތީގައި އިށީދެގެން ތިބި އީނާ އާއި މަލްޝާ ފެނިފައެވެ. “އޭ ތިހާ ބާރަށް ހަޅޭ ނުލަވަބަލަ މަންޖޭ.. ކަންފަތް ބީރު ވެދާނެ.. ކިހިނެއްތަ ކަންތައްތައް ދިޔައީ” އީނާ އެނދުމަތިން ތެދުވެލަމުން ބުނެލިއެވެ. ރީޝަމްވެސް އައިސް އެނދުމަތީގައި އިށީނދެލަމުން މިރޭ ވީ ހުރިހާ ކަމެއް އަކުރުން އަކުރަށް އެކުވެރިންނަށް ކިޔާ ދިނެވެ. “ވާވް.. ޅިޔަންބެ ހާދަ ރަނގަޅޭ ދޯ.. ވަރަށް ރީތި އިނގޭ އަނގޮޓި..” މަލްޝާ ވެސް އީނާ އާ ބައިވެރި ވެލިއެވެ. “އޭ ރީޝް އިނގޭތަ؟ ދެންމެ އައޭ ރީޝްގެ މަންމަ.. އެހީ ކޮބާހޯ ރީޝް.. މަ ބުނީ.. މަ ބުނީ..” މަލްޝާ އެނދުން ފައިބަމުން ފާހަނާއާ ދިމާލަށް ފިޔަވަޅު އަޅަމުން ބުނެލިއެވެ. “ހޫމް.. ކީކޭތަ މަލް ބުނީ.. މަންމަ ގާތު ނުވެސް ބުނެއޭ މަށަށް ދެވުނީ” ރީޝަމް ބޮލުގައި ޖަހާލަމުން ބުނެލިއެވެ. “މަ ބުނީ.. އަނޭ.. އަނޭ.. މަ ބުނީ ރީޝް ދިޔައީ އޭނާގެ ބިޓާ އެއްކޮށް ޑޭޓަކަށްށޭ” މަލްޝާ ފާހާނާ އާ ދިމާލަށް ދުއްވައި ގަންނަމުން ބުނެލިއެވެ. މަލްޝާ އެހެން ބުނުމާއިއެކު ރީޝަމްވެސް މަލްޝާގެ ފަހަތުން ދުއްވައިގަތެވެ. ނަމަވެސް ރީޝަމްއަށް މަލްޝާ އަތުވުމުގެ ކުރިން ފާހަނާއަށް ވަދެ ދޮރު ޖެހިއެވެ.
އީނާ އިނީ މޫނުމަތީގައި ބާލީސް އަޅައިގެންނެވެ. އޭނާއަށް އަންނާނެ ރޯޅިއެއް ނޭނގޭތީ އީނާ އިނީ ބިރުން ފިތްކަނޑައިގެން ދާ ވަރު ވެފައެވެ. އެ ގޮތުގައި ދެތިން މިނެޓް ވީއިރުވެސް ރީޝަމްގެ ހަބަރެއް ނުވުމުން އީނާ މޫނުމަތިން ބާލިސް ނަގާ ބަލާލިއެވެ. ރީޝަމް ލޯގަނޑު ދޮށުގައި ހުރެގެން އަނގައިން ކޮންމެވެސް އެއްޗިހިތަކެއް ކިޔަމުން ދިޔަައެވެ. އީނާ ތެދުވެގެން ގޮސް ރީޝަމް ކައިރީގައި ހުއްޓިލިއެވެ. ” މަ ކިހިނެއް ހަދާނީ.. ނޭނގެ މަންމަ ބުނާނެ އެއްޗެއް ވެސް.. މަ މަރާލާކަށް ވެސް ފަހެއް ނުޖެހޭނެ ކަންނޭގެ.. މި މަލްޝާ އަދި އަހަރެން އަތުން ބޮނޑިއެއް ބޯނެ.. ހުވާ އަނގަގަދަ މީހެއް.. ނުވެސް ނުކުތެއްނު.. ހުރެބަލަ ނިކަން ލަނޑެއް ދޭނަން..” ރީޝަމް ލޯގަނޑު ދޮށުގައި ހުރެ ކިޔަމުން ދިޔައެވެ. ކައިރީގައި ހުރި އީނާ ހުރީ ކިރިޔާ ހިނިގަނޑު ހިފަހައްޓާލައިގެންނެވެ. ދެންމެ ދެންމެ އޭނާގެ ހިނިގަނޑު ފަޅައިގެން ދާން އުޅޭހެން ހީވެއެވެ. ރީޝަމް ޝޯލް ބާލައި ނިމިގެން އެނބުރިލިއިރު ކުރިމަތީގައި ހުރި އީނާ ފެނި ދިޔައީ ސިއްސައިގެންނެވެ. އީނާގެ މޫނުމައްޗަށް އަރާފައި ހުރި ކުލަވަރުން ރީޝަމް ކީއް ހުރިހާ އެއްޗެއް އީނާއަށް އަޑު އިވުނުކަން ހާމަވެއެވެ. ރީޝަމް ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން ދެފަރާތަށް ބޯ ހޫރާލުމަށްފަހު ހިނގައިގަތީ ފާހަނާއާ ދިމާލަށެވެ. “މަލް.. ދޮރު ހުޅުވަބަލަ.. މަ ވެއްޖޭ ނިދަން.. މަލް ފާހަނާގަ ބަހައްޓާފައި މަ ކިހިނެއް ނިދާނީ.. ހުޅުވަބަލަ.. މަ ނޫޅެން އެއްވެސް ކަމެއް ކުރާކަށް.. ޕްރޮމިސް” ރީޝަމް ގޮސް ފާހަނާ ދޮރުގައި ތަޅާގަތެވެ. ރީޝަމް ދޮރުގައި ތަޅާތާ އިރުކޮޅެއް ފަހުން މަލްޝާ ދޮރު ހުޅުވާލިއެވެ. ރީޝަމް ބަހެއް ވެސް ބުނުމެއް ނެތި މަލްޝާ ފާހަނާއިން ނުކުތުމުން ފާހަނާއަށް ވަނެވެ. މަލްޝާ ފާހަނާ އިން ނުކުތްއިރު ހުރީ ނިދަން ތައްޔާރުވެގެންނެވެ. މަލްޝާ އާއި އީނާ މިރޭ ނިންމީ ރީޝަމްމެން ގޭގައި މަޑު ކުރުމަށެވެ. މާދަން ހަވީރު އީނާ ފުރާތީވެ އެންމެ ފަހު ރޭ ތިން މީހުން އެއްކީ ވަގުތު ހޭދަކޮށްލުމަށްޓަކައެވެ. މަލްޝާ ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. އީނާވެސް ގޮސް މަލްޝާ ގާތު އިށީނދެލިއެވެ. “ކިހިނެއް ވީ؟” އީނާ މާ ވަރަކަށް އޭނާ އާ ދިމާލަށް ބަލަން ފެށުމުން މަލްޝާ ސުވާލުކޮށްލިއެވެ. އީނާ ބޯހޫރާލުމަށްފަހު އަޅައިގެން ހުރި ޝޯލް ބާލަން ފެށިއެވެ. އެވަގުތު އެނދުމަތީގައި އޮތް ރީޝަމްގެ ފޯނު ރިންގުވާން ފެށިއެވެ. މަލްޝާ ފޯނު ނަގައި ބަލާލިއިރު އަރާފައި އިނީ އައިޒަންގެ ނަމެވެ. ރީޝަމްއަށް ލަނޑެއް ދޭނަމޭ ހިތާ މަލްޝާ އީނާގެ ގައިގައި ކޮށްޓާލުމަށްފަހު ފޯނު ދައްކާލިއެވެ. އީނާވެސް މަލްޝާ ގާތު ފޯނު ނަގާށޭ ބުނުމުން މަލްޝާ އައިޒަންގެ ފޯނު ކޯލް ނެގިއެވެ. “ހަލޯ.. ރީޝް ނިދަނީތަ؟ ހަމަ ރީޝް މަތިން މިސް ވަރުން ނުނިދިގެން މި ގުޅާލީ.. ވ ވ މިސް ވޭ.. ރީޝް.. ހަލޯ ރީޝް” އައިޒަން ފޯނު ނެގުމާއެކު ވާހަކަ ދައްކަން ފެށިއެވެ. ނަމަވެސް އައިޒަން އެހުރިހާ އެއްޗެއް ކީ އިރު ވެސް ރީޝަމް އަނގައިން ނުބުނުމުން ރީޝަމްއަށް ގޮވާލިއެވެ. “ހޫމް.. އަހަރެން ވެސް މިއުޅެނީ ޒާން މަތިން މިސް ވަރުން ނުނިދިގެން” މަލްޝާ ހިނިގަނޑު ހިފަހައްޓާލުމުން ބުނެލިއެވެ. އީނާ އިނީ ބަނޑަށް ހީލަހީލައެވެ. “ނިދިއައިސް ހުރީމަ ރީޝްގެ އަޑު ވަރަށް ލޯބި.. ހެހެ.. ޒާން އެއީ ކޮންތާކުން ހޯދި ނަމެއް.. ތެންކިއު އިންގޭ ތިހާ ރީތި ނަމެއް ކީމަ” އައިޒަން އަށް އެއީ ރީޝަމް ނޫންހެން ހީވި ނަމަވެސް އަޅާނުލީ ރީޝަމް ނޫން މީހަކު އޭނާއާ ވާހަކަ ނުދައްކާ ނެތީއެވެ. “ހޮއެ ހޮއެ.. ތިހިރަ ވާ ރީޝް އެއް ދޯ.. ޒާން ނަން ރީތި ތަ؟ އޯކޭ ބުނާނަން އިނގޭ ރީޝް ގާތު ޒާން ކިޔާށޭ.. ހޫމް ތި ސޮރުގެ ލަވް ވެއްޖެ ފާހަނާއަށް ވަދެފަ.. ނިކުތީމަ ބުނާނަން އޭނާގެ ލޯބިވާ ޒާން ގުޅިއޭ.. ދެންވެސް ފޯނު ނަގައި ތަނުން ތި ގޮތަށް ވާހަކަ ނުދައްކާތި.. މާ ގިނަ އެއްޗިހި ބަސްޓް ވެދާނެ..” މަލްޝާ އަށް ހިނިގަނޑު ހިފަހައްޓާނުލެވިގެން ހޭން ފެށިއެވެ.
އައިޒަން ހުރީ ލަދުން މަރުވާ ވަރު ވެފައެވެ. އޭނާއަށް މި ވާހަކަ ދެއްކުނީ އަނެއްކާ ކާކު އާ ބާއޭ އައިޒަންގެ ހިތަށް އެރަމުން ދިޔައެވެ. އެ ވަނީ ރީޝަމްގެ ރައްޓެއްސެއް ކަމަށްށޭ ހިތާ އައިޒަން އޯކޭ އޭ ބުނެލީ އޭނާ ލަދުގަނެފައި ހުރިކަން ނައަންގަން ވެގެންނެވެ.
“އޭ ކާކުއާތަ ތި ވާހަކަ ދައްކަނީ..” ފާހަނާއިން ނުކުމެގެން އައިސް ރީޝަމް، މަލްޝާ އަތުން ފޯނު އަތުލަމުން ބުނެލިއެވެ. އޭރު ވެސް މަލްޝާ އަދި އީނާ ދިޔައީ ހެމުންނެވެ. ރީޝަމް ފޯނަށް ބަލާލުމާއިއެކު އަރާފައި އިން އައިޒަންގެ ނަން ފެނިި ފޯނު ކަަަންފަތުގައި ޖައްސާލައިިގެން ހުރެ މިސްރާބު ޖެހީ ބެލްކަންޏާ ދިމާލަށެވެ. “ހަލޯ ސޮރީ އިނގޭ..” ރީޝަމް ފޯނު ކަންފަތުގައި ޖައްސާލަމުން ބުނެލިއެވެ. “މަ ހީކުރި ރީޝް ކަމަށް ވިއްޔަ.. ވަރަށް ލަދުގެން އެހެން ވާހަކަ ދެއްކުނީމަ.. މިސް ޔޫ އޭ ވެސް ބުނެވުން.. ކާކުތަ އެއީ؟ ރީޝްގެ ފްރެއިންޑް އެއްތަ؟” އައިޒަން ސުވާލުކޮށްލިއެވެ. “ހޫމް” ރީޝަމް ކުރު ޖަވާބެއް ދިނެވެ. “ވަރަށް ނިދިއައިސްފި.. ބާއި.. ގުޑް ނައިޓް.. ހަމަ ރީޝްގެ އަޑު އަހާލާ ހިތުން މި ގުޅާލީ.. އެކަމަކު މި ލިބުނީ ލަނޑެއް..” އައިޒަން ހިނިިިިިިއައިސްފައި ހުރެ ރީޝަމްއަށް ރޭގަނޑުގެ ސަލާމް ކޮށްލިއެވެ. “ހޫމް އޯކޭ.. ގުޑް ނައިޓް..” ރީޝަމް ވެސް އެހެން ބުނެލުމަށްފަހު ފޯނު ކަނޑާލިއެވެ. އިރުކޮޅަކު ބެލްކަނީގައި މަޑުކޮށްލުމަށްފަހު ރީޝަމް ކޮޓަރިއަށް ވަންނަން ދާން ހިނގައިގަތީ މޮޅު ރޭވުމެއް ރާވާލައިފައެވެ.
*********
ހެނދުނގެ ވަގުތެވެ. މިޝްޔާ ރީތި ވެލައިގެން ކޮޓަރިން ނުކުތީ ކޮލެޖަށް ދާން ޖެހޭ ގަޑި ކުޑަތަން ވަމުން ދާތީއެވެ. ސިޑިން ފައިބައިގެން އައިރު ޒިޔާނާ ސިޓިންރޫމުގައި ޓީވީ ބަލަން އިނެވެ. މިޝްޔާ ފެނުމާއިއެކު ތެދުވެ ހިނިތުންވުމެއް ދިނުމަށްފަހު ސައި ބޯން ދާން ބުންޏެވެ. ޒިޔާނާ މިޝްޔާ ގޮވައިގެން ހިނގައިގަތް ތަނާހެން ގޭގެ ދޮރުން ޝިމާން ވަދެގެން އައެވެ. ޝިމާންގެ މޫނުމަތިން ވަރުބަލިކަން ފާޅުވާން ހުރިއިރު ފަން އިސްތަށިގަނޑު ވަނީ ހޭވިފައެވެ. ބަލާބެލުމަށް އެއައީ ދުވަން ގޮސްފައިކަން ހާމަވެއެވެ. “ދަރިފުޅާ ޝިމާން.. ދަރިފުޅު ދާން ވީނު މިއަދު މިޝްޔާ ކޮލެޖަށް ލައިދޭން.. ކާރުވެސް އޮންނާނެ ގަރާޖުގަ.. ޑްރައިވަރު މިއަދު ކުޑަކޮށް ބަލިކޮށް އުޅޭތީވެ.. ދެން ދޮންދައްތަ އަށް ރަނގަޅީ ޝިމާންއަަަށްް ކޮންމެ ދުވަހަކުވެސް ވަގުތު ވަންޏާ ދަރިފުޅު މި މަންޖެ ކޮލެޖަށް ލައިދޭން ދިޔައީޔާ.. އޭރަށް ޝިމާންވެސް ފޫހި ފިލާނުން..” ޒިޔާނާ ހިނިތުންވެލައިގެން ހުރެ ބުނެލިއެވެ. “އޯކޭ.. އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް.. މި އަންނަނީ ފެންވަރައިލައިގެން.. ލަހެއް ނުވާނެ ދޯ..” ޝިމާން އުފަލާއިއެކު އެކަން ކޮށްދޭން އެއްބަސް ވިއެވެ.
ކޮލެޖްގެ އެކި ވާހަކަތައް ޒިޔާނާ އާ މިޝްޔާ ދައްކަމުން ދިޔައެވެ. ޒިޔާނާ ވެސް މިޝްޔާގެ ގާތުން ކިޔެވުމާއި ބެހޭ އެކި އެކި ސުވާލުތައް ކުރަމުން ދިޔައެވެ. ކޮލެޖަށް ދާ ގަޑި ޖެހެން ކައިރި ވުމާއިއެކު މިޝްޔާ ސައި ބޮއެ ނިންމާލުމަށްފަހު ގޭގެ ބަގީޗާގައި މަޑުކޮށްލީ ޝިމާން އަންނަން ދެންނެވެ. މިޝްޔާ ބަގީޗާގައި މަޑުކޮށްލައިގެން ހުންނަތާ ދެ މިނެޓް ވެސް ނުވަނީސް ޝިމާން ނުކުމެގެން އަންނަތަން ފެނުނެވެ. އޭނާ އައިސް ގަރާޖުގައި އޮތް ކަޅުކުލައިގެ ކާރު ނެރުމަށްފަހު މިޝްޔާ އަރަންދެން މަޑުކޮށްލިއެވެ. މިޝްޔާ އެރުމާއިއެކު ޝިމާން ކާރު ދުއްވާލިއެވެ. ކޮލެޖާ ހަމައަށް ދެވެންދެން ވެސް މިޝްޔާ އާއި ޝިމާން އާ ދޭތެރޭގައި ވީ މަރުފަދަ ހިމޭން ކަމެކެވެ. އެކަކުވެސް އިސްވެ ވާހަކައެއް ނުދައްކައެވެ. ނަމަވެސް އިރުއިރުކޮޅާ ދެ މީހުން ވެސް އެކަކު އަނެކަކެއްގެ މޫނަށް ބަލާލައެވެ. ކޮލެޖާ ހަމައަށް އާދެވުމާއެކު މިޝްޔާ ޝިމާން އާ ދިމާލަށް ބަލާލުމަށްފަހު ކާރުން ފޭބިއެވެ. އެއަށްފަހު ކޮލެޖަށް ވަންނަން ދާން ހިނގައިގަތެވެ. ޝިމާން ވެސް މިޝްޔާ ދަންދެން ބަލަހައްޓައިގެން އިނުމަށްފަހު ކާރު ދުއްވާލިއެވެ. އޭރު ޝިމާން ގެ މޫނުމަތީގައި ވަނީ ބުނެދޭން ދަތި އަސަރުތަކެކެވެ. އެ ތުންފަތުގައި ހިނިތުންވުމެއް ވާއިރު އެއް އަތް ވަނީ ބޮލަށް މަހާލެވިފައެވެ. ޝިމާން ކާރުގައި މެލޭޝިޔާގެ މަގުތަކުގައި ދުއްވާލުމަށް ފަހު ގެޔަށް ދާން މިސްރާބު ޖެހިއެވެ.
ވޯޓާރ ކްރިސްޓަލް ގޭ ދޮށަށް ކާރު މަޑުކޮށްލުމަށްފަހު ޝިމާން ކާރުން ފައިބައިގެން ހިނގައިގަތީ އެތެރެއަށް ވަންނަން ދިއުމަށެވެ. އެތެރެއަށް ވަނުމާއިއެކު ޝިމާން ގެ ލޮލުގައި އަޅައިގަތީ ވިނަގަނޑު މަތީގައި އިށީދެލައިގެން އިން ޝައިމާއެވެ. އޭރު ގަސްތަކަށް ފެން ޖަހަން ޝައިމާގެ ފިރިމީހާ ހުއްޓެވެ. ޝިމާން މަޑު ހިނގުމެއްގައި ގޮސް ޝައިމާގެ ގާތު މަޑުކޮށްލުމަށްފަހު ވިނަގަނޑު މަތީގައި އިށީނދެލީ ތާޒާ ވައި ކޮޅެއް ހޯދާލުމުގެ ބޭނުމުގައެވެ. “ކޮންތާކުން ތިއައީ؟ ދޮންތަ ހީކުރި ދުވަން ގޮސް އަދި ގެޔަށް ނާންނަނީ ކަމަށް..” ޝައިމާ އަތުގައި ހުރި މޭވާ ތަށި ޝިމާން އަށް ދިއްކޮށްލަމުންް ބުނެލިއެވެ. “ދޮންދައްތަ ނުބުނޭތަ.. މިއައީ މިޝްޔާ ކޮލެޖަށް ލައިދޭން ގޮސްފަ..” ޝިމާން ތަށިން އާފަލު ފޮއްޗެއް ނަގާ އަނގަޔަށް ލަމުން ބުނެލިއެވެ. “މިހާރު މިޝް ކޮލެޖަށް ލައިދޭން ދަނީ ޝިމާން ތަ؟ އަނެއް ކާ ތި ދެ މީހުން.. ދޮންތަ އަށް އަންގައިލައިގެން އުޅެއްޗޭ..” ޝައިމާ ހިނިއައިސްފައި އިނދެ ޝިމާން އާ ދިމާކޮށްލިއެވެ. “ދެން ދޮންތާ.. ދަނީ.. މާންމެންނަށް ވެސް ގުޅާލަން ވެއްޖެ” ޝިމާން ކޮޅަށް ތެދުވެލަމުން އެހެން ބުނެލުމަށްފަހު ދާން ހިނގައިގަތީ ޝައިމާގެ އަތުގައި ވިކާލުމަށްފަހުގައެވެ.
********
ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. މާލޭގެ މަގުތައް ފެންނަނީ ހަލަ ބޮލިކޮށެވެ. ބަލައިލާ ކޮންމެ ދިމާއަކުން ވެސް ފެންނަނީ އެކި ކޮޅުކޮޅަށް ދުއްވަމުންދާ އުޅަނދުތަކެވެ. އެއްތަނުން އަނެއް ތަނަށް ހިނގާ ބިނގާވެ އުޅޭ މީހުން ވެސް ވަކި މަދެއް ނޫނެވެ.
ހުޅުލޭ އެއަރޕޯޓް ކައިރިއަށް އައިސް މަޑުކޮށްލި ޓެކްސީއިން ފޭބި އީނާ، މަލްޝާ އަދި ރީޝަމް ގެ މޫނުމަތިން ފެންނަނީ ހިތާމައިގެ އަސަރުތަކެވެ. އެ ތިން ކުދިން ކާރުން ފޭބިތަނާހެން އެތަނަށް އައިސް މަޑުކޮށްލީ ހުދު ކުލައިގެ ޕްރައިވެޓް ކާރެކެވެ. ކާރުގެ ދޮރު ހުޅުވާލުމަށްފަހު އެންމެ ފުރަތަމަވެސް ފޭބީ އީނާގެ މަންމައެވެ. ދެންތިބި މީހުންވެސް ކާރުން ފައިބައިގެން އައިސް އީނާމެން ގާތު މަޑުކޮށްލިއެވެ. “ދަރިފުޅާ.. މިހާރު އެއޮތް ފުރާގަޑި ޖެހެނީނުން..” އީނާގެ މަންމަ އައިސް އީނާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ރީޝަމް އަދި މަލްޝާ ވެސް އައިސް އީނާ ގާތު މަޑުކޮށްލުމަށްފަހު ވަރަށް ހަނދާން ވާނެ ކަމަށް ބުންޏެވެ. އަދި ކޮންމެ ދުވަހަކު ވީޑިއޯ ކޯލް ހަދަން ޖެހޭނެ ކަމަށް ބުންޏެވެ. އީނާވެސް ބޯ ޖަހާލުމަށްފަހު އެކުވެރިން ގައިގައި ބައްދާލިއެވެ. އެއަށްފަހު އެންމެނާއި ސަލާމް ކުރުމަށްފަހު ދާން ހިނގައިގަތެވެ.
*******
ޝިމާން ކޮޓަރިިިން ނުކުތީ މިޝްޔާ ބަލައި ދާން ވެގެންނެވެ. ޝިމާން ސިޑިން ފޭބި ވަގުތު އެރުނީ ޒިޔާނާގެ ކުރި މައްޗަށްށެވެ. ޒިޔާނާ ގާތު މިޝްޔާ ބަލާ ދަނީކަމަށް ބުނެ ޝިމާން ގެއިން ނުކުތުމަށް ފަހު ގޮސް ކާރަށް އެރިއެވެ.
ޝިމާން ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރި ޒިޔާނާގެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ. ޒިޔާނާގެ ހިތުގައި އެ ވަގުތު ޝިމާން އާއި މިޝްޔާ އާ ދެމެދު ޝައްކުގެ އޮއެވަރެއް ދެމިލިއެވެ. އިރުކޮޅަކު އެ ގޮތުގައި ހުރުމަށްފަހު ޒިޔާނާ މިސްރާބު ޖެހީ އޭނާގެ ކޮޓަރި އާ ދިމާލަށެވެ.
ކާރުގައި ގޮސް ޝިމާން މަޑުކޮށްލީ ކޮލެޖް ކައިރީގައެވެ. މިޝްޔާގެ އިންތިޒާރުގައި ޝިމާން އިންނަތާ އިރުކޮޅެއް ފަހުން މިޝްޔާ އައިސް ކާރުގެ އަނެއް ފަރާތު ދޮރު ހުޅުވާލުމަށްފަހު ކާރަށް އެރިއެވެ. މިޝްޔާ ކާރަށް އެރުމާއިއެކު ޝިމާން ކާރު ދުއްވާލިއެވެ.
ކާރުގެ އޭސީ ޖައްސާފައި ހުރިއިރު މިޝްޔާ އިނީ ފިނިވެފައެވެ. ޝިމާން އޭނަ އާ ދިމާލަށް މާ ވަރަކަށް ބަލާކަން މިޝްޔާ އަށް ފާހަގަ ކުރެވުނެވެ. ނަމަވެސް އެދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. އެ ހަމަހިމޭންކަން ފޫދުއް ވާލުމަށްޓަކައި ޝިމާން ވާހަކަ ދައްކަން ފެށިއެވެ. “ހާދަ ބީ ރައްޓެހިކޮން ތި އިންނަނީ.. މިޝްޔާ ފޫސެއް ވެސް ނުވޭތަ ގޭގަ އަބަދު ފޫހި ވެފައި އޮންނާކަށް..” ޝިމާން މިޝްޔާ އާ ދިމާލަށް ބަލާލަމުން ބުނެލިއެވެ. މިޝްޔާ ހައިރާންކަމާއެކު ޝިމާން ގެ މޫނަށް ބަލާލުމަށްފަހު ބޯ ޖަހާލީ ޝިމާން ބުނި އެއްޗެއް އޭނާއަށް އެނގި ގެންނެއް ނޫނެވެ. “ހެހެ.. މަށާ ފްރެންޑް ވާން ވީނު.. އޭރަށް ގައިމުވެސް ފޫހި ފިލާނެ..” ޝިމާން މިޝްޔާ އާ ދިމާލަށް ބަލާލަމުން ބުނެލިއެވެ. މިޝްޔާ މި ފަހަރުވެސް ހަމަ އެކަނި ބޯ ޖަހާލިއެވެ. “އޯކޭ.. އެހެން ވީމަ ފްރެންޑްސް ދޯ” ޝިމާން އޭނާގެ އަތް މިޝްޔާ އާ ދިމާލަށް ދިއްކޮށްލަމުން ބުނެލިއެވެ. މިޝްޔާ އިރުކޮޅަކު ޝިމާން ދިއްކޮށްލައިގެން އިން އަތާ ދިމާލަށް ބަލަހައްޓައިގެން އިނެވެ. ހިފަން ވީތޯ ނޫނީ ނުހިފަން ވީތޯ ވިސްނާލަން އިނުމަށްފަހު މިޝްޔާ އެންމެފަހުން އެ އަތުގައި ހިފާލީ އިސްދަށަށް ޖަހާލައިގެން އިނދެއެވެ. މިޝްޔާ ޝިމާން ގެ އަތުގައި ހިފާލުމާއެކު ކާރު ތެރޭގައި ގުގު މާލީ ޝިމާން ގެ ލުއި ލުުއި ހީލުމުގެ އަޑެވެ. “ސޮރީ” މިޝްޔާ މަޑުމަޑުން ބުނެލިއެވެ. އެއަޑު ޝިމާންގެ ކަންފަތަށް ވެސް ފޯރީ ކިރިޔާއެވެ. މިޝްޔާ އެހެން ބުނެލީ އެހާވެސް މަޑުންނެވެ. “ކޮންކަމަކަށް ސޮރީ.. ޝިމާން އަހާލިއެވެ. “ރަސްފަންނުގަ އެ ދުވަހު..” މިޝްޔާ އަށް އެހާ ހިސާބަށް ބުނެވުމާއެކު ޝިމާން ވާހަކަ ދައްކަން ފެށިއެވެ. “އެ ދުވަހު މަށަށް އެ ލަނޑު ދިނީ މިޝްޔާ ދޯ.. މިޝްޔާ މެލޭއިން ފެނުނު ފުރަތަމަ ދުވަހު ހަނދާންވި ކޮންމެވެސް ތަނަކުން ފެނުނު ހަނދާން.. އެކަމަކު ހަނދާނެއް ނުވި..” ޝިމާން މިޝްޔާގެ މޫނަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. މިޝްޔާވެސް ޝިމާންއާ ދިމާލަށް ބަލާލިއެވެ. ދެން އެ ދެމެދަށް ވެރިވީ ހިމޭން ކަމެކެވެ. ޝިމާންގެ އެ ތޫނު ނަޒަރުން އުނދަގޫ ވެގެން މިޝްޔާ އަވަސް އަވަހަށް ޝިމާން އާ ނަޒަރު ވަކި ކޮށްލުމަށްފަހު ކާރުގެ ލޯގަނޑުން ބޭރު ބަލަން ފެށިއެވެ. ޝިމާން ވެސް ބޮލުގައި ޖަހާލުމަށްފަހު މަގަށް ސަމާލުކަން ދިނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.


sali ey salhi ey.. vrh salhi..
manje kihinehtha? shif mn rangalhu tha?
Malshaa kairi bunelan othee dharifulhaa saabahey.. thi gothah meeehunnah landu dhinumuge matheegai faithila saabithu koh aa azumakaa eku kuriyah dhaashey.. thi kamun PHD vx hadhaashey
Reesham dhn faharakun vx faahaanaa ah vanna iru plastic kothalhakah phn laigen bandhukohgen phn hifaigen faahaanaa ah vannaathi.. magey bas neyheema libunu landu fenijje ennu..
eyy lampurii vrh lwbi ingey mi prt vx.. waiting for the nxt prt.. lysm. mysm.. vrh salaam
Heyy lam ❤️❤️
Masha Allah vrh Sali mi part vxx as usual ❤️❤️
Keep it up dhooneee❤️❤️❤️
Aleyyy mi malsaa and eenaa men haadha majaley❤️❤️??? . Aizan fakeeru ladu ganavaalee veehya egen hahahahah. ❤️❤️❤️????????❤️❤️❤️❤️❤️
Mishyaa and shimaan looks cute together btw hehehhe❤️❤️??
Waiting for the next part ❤️❤️
Stay safe❤️❤️ and tvgc❤️❤️
Wow v salhi mi part vex kon irakuntha next part❤️❤️❤️❤️❤️