ޤަބޫލްކުރަންދަތި ހަޤީޤަތް…؟؟؟ އަށްވަނަބައި
“..ދޮންތައަށް ކިހިނެއްވީ އޭ.. ކޮބާ އަރީކާ؟” ޝަހީން އެހިއެވެ. ނިޝްވާ އޭނާއަށް އެނގޭ މިންވަރަށް ހުރިހާ އެއްޗެއް ކިޔާދިނެވެ. “..ކީއްވެ ޕޮލިހަށް ނުގުޅީ.. ކީއްވެ މަށަށް ނުގުޅީ” ޝަހީން ހިތްހަމަ ނުޖެހުނީ އެވަރު ބޮޑުކަމެއް ވީ އިރުވެސް އޭނާއަށް ނޭންގީމައެވެ.
“..ދޮންތަ ބޭނުންނުވީ ޕޮލިހަށް ގުޅަން..” ޖަވާބު ދިނީ ނިޝްވާއެއް ނޫނެވެ. އަރީކާއެވެ. ޝަހީން ފަހަތްބަލާލިއެވެ. “..އަހަރެން ގުޅަން އުޅުނީމަވެސް ހިފެހެއްޓީ…”
“..އެއީ ކީއްވެ؟..” ޝަހީން އެހިއެވެ.
“..ދޮންތައަށް އެއީ ކާކުކަން ނޭގޭތީ ދޮންތަ ބޭނުން ނުވީ އެކަންތައް ބޮޑުކޮށްލަން…” އަރީކާ ދޮގު ހެދިއެވެ. “..އަހަރެން ނެކުތްއިރަށް އެމީހާ ދުވެ ފިލާފި.. އެހެންވެ އަހަންނަށްވެސް އެމީހާ ސިފައެއް ނޭގުނު.. ދޮންތައަށްވެސް ސިޓިންގ ރޫމްގަ އަލިކަމެއް ނެތީމަ އެމީހާގެ ސިފައެއް ނޭގުނު… އެމީހަކު ވަނީވެސް ދޮރު ހަލާކުކޮށްލާގެންނެއް ނޫން.. ތަޅުވެސް ހަލާކުކޮށްފައެއް ނެތް.. އެހެންވެ ވަގަށް ވަންކަމުގެ އެއްވެސް ކަހަލަ ހެތްކެއް ނެތް..ދެން ދޮންތަ ބުނީ އަޅާނުލާށޭ އެމީހާ ފަރާތުން ގެއްލުމެއް ނުލިބެޔޭ…. އެހެންބުނީމަ އަހަރެން ނުގުޅީ..”
އަރީކާ ދޮގުހެދީ އޭނާ ބުނާ ތެދެއްގެ ސަބަބުން އާއިލާއަށް ލޮޅުމެއް އަރާފާނެތީއެވެ. އެކަން ކުރިމީހާ އަރީކާއަށް އެނގުނަސް އެކަން ސިއްރުކުރީ އެހެންވެއެވެ. އެމީހާގެ ނަން ބުނާނެ ހިތްވަރު އޭނާއަށް ނުލިބުނީއެވެ. ޕޮލިހަށް ގުޅަން އުޅުމުން އެކަން ހުއްޓުވީ ކޮންމެސް ކަމެއްވެގެންކަން އޭނާއަށް ވިސްނުނީއެވެ. އެމީހާ ދިން އިންޒާރުތަކުގައި ފޮރުވިފައި ސިއްރުތަކެއް ވާކަން ޔަޤީނެވެ. އޭނާ ބޭނުންވީ ނަޢުމާއާ އެކަހެރިކޮށް ބައްދަލުކޮށް އެވާހަކަތައް އޮޅުން ފިލުވާ، އެކަމުން ސަލާމަތްވުމަށް ނަޢުމާއަށް އެހީވެދޭށެވެ.
*****
ނަޢުމާއަށް ހޭލެވުނީ ނުވައެއް ޖަހާ ބޮޑުވިފަހުންނެވެ. އޭނާ ސިޓިންގ ރޫމްއަށް ނެކުތްއިރު އެންމެން ހެނދުނުގެ ނާސްތާކުރަމުންދިޔައެވެ. އޭނާ ހިތަށް އެރިއެވެ. އަރީކާ ހުރިހާ ވާހަކައެއް ކިޔާ ދިނީބާއެވެ. އެހެންވެއްޖެނަމަ ނަތީޖާ ގޯސް ވާނެއެވެ. އެހެންކަމުން މަޑު ހިނގުމެއްގައި ގޮސް މޭޒުކައިރީ އިށީނެވެ. އޭނާ އެންމެންގެ މޫނަށް ވަކި ވަކިން ބަލާލިއެވެ. ބިރުންހުރެއެވެ. އެންމެންވެސް ތިބީ ހިމޭންވެފައެވެ. އެކަކުވެސް ވާހަކައެއް ނުދައްކައެވެ.
“…ދެން ނަޢު އަށް އޭނަގެ ފަރާތުން އެއްވެސް އުދަގުލެއް ނުވާނެ…” ހަމަހިމޭންކަން ފޫ އަޅުވާލީ ޝަހީން އެވެ. ނަޢުމާއަށް ބަލާލެވުނީ އަރީކާއާ ދިމާލަށެވެ. އޭނާއަށް ހީވީ އަރީކާ ހުރިހާ ވާހަކައެއް ކިޔާދިނީކަމަށެވެ. އަރީކާ ނަޢުމާއާ ދިމާލަށް ބަލާލީ ހަމަޖެހޭށޭ ބުނާކަހަލަ ގޮތަކަށެވެ.
“..އެކަކުގެ ފަރާތުންވެސް އެކަހަލަކަމެއް މެދުވެރިއެއް ނުވާނެ…” ޝަހީން ނަޢުމާއާ ދިމާލަށް ބަލަހައްޓައިގެން އިނދެ ބުންޏެވެ. “.. މިއަދު އެތެރޭން ތަންޑެއް ހަރުކޮށްދޭނަން..މަށަށް ނާދެވޭ ރޭ ރޭ އެތެރޭން ތަންޑު އަޅުވާގެން ނިދަންވާނީ.. އެކަހަލަ މީހުން ތިބޭނީ ފުރުޞަތަކަށް ބަލަ ބަލާ.. ދެންވެސް އެކަހަލަ ކަމެއް ދިމާވެއްޖާ އެއީ ކާކުކަން އެނގުނަސް ނޭގުނަސް ކަމާބެހޭ ފަރާތްތަކަށް އަންގަންވާނެ.. އެވަރިހަމަ އެމީހަކު ފަރާތުން ގެއްލުމެއް އަދި މެދުވެރި ނުވިޔަސް.. ތިގޮތަށް ކަންތައް ކުރީމާ އެކަންކުރާމީހާއަށް ތިދެވެނީ ހިތްވަރު.. މަށަށް މަދު ރެޔަކު ގޭގަ މިހުރެވެނީ.. އެހެންވީމާ ނައުމެން ޖެހޭނީ އެކަހަލަ ކަންކަން ހައްލުކުރަން ކުރަން ހުންނަ ކަންތައްކުރަން.. ނަޢު ވިސްނާލަބަ ރޭ އަރީކާ އަށް ހޭ ނުލެވުންނަމަ ވާނެގޮތް..”
ނަޢުމާ ހިސާބަކަށް ހަމަޖެހުނެވެ. އަދި ޝަހީން އާ ދިމާލަށް ބަލާލަމުން ހީލިއެވެ. އަރީކާ އެމީހަކީ ކާކުކަން ނުބުނާކަން އެނގުމުންނެވެ. ނަމަވެސް އެހިސާބުން އެމައްސަލަ ނުނިމޭނެކަން އޭނާއަށް އެނގެއެވެ. ތަންޑު ހަރުކުރުމަކުން އެމީހާގެ ކިބައިން ސަލާމަތް ނުވެވޭނެކަން އޭނާއަށް ޔަޤީނެވެ. ޝަހީން އާއެކު އުޅެން ބޭނުން ކަމަށް ވަންޏާ އޭނާއަށް ޖެހޭނީ އެމީހާގެ އެދުން ފުރިހަމަކޮށްދޭށެވެ. އަދި އެހެންމެ އަރީކާގެ ސުވާލުތައް އޭނާއަށް އަމާޒުވާނެކަން ކަށަވަރެވެ. އޭނާ އަރީކާއަށް ދޭނެ ޖަވާބަކާމެދު ވިސްނިއެވެ.
ދުވަސް ފާއިތުވެގެން ދިޔައީ އެހެން ދުވަސްތަކާ ތަފާތުކޮށެވެ. އެކެއްގެ މޫނުމަތިންވެސް އުފާވެރިކަމެއް ނުފެނެއެވެ. ރޭ ހިނގާ ދިޔަ ހާދިސާގެ ސަބަބުންނެވެ. އެހާދިސާގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ނަޢުމާއަށެވެ. ދެން އަރީކާއަށެވެ. ދުވަސް ފާއިތުވެގެން ދިޔައީ އަރީކާ އާއި ނަޢުމާ އެކަނި އެއްތާކުން ބައްދަލުނުވެއެވެ. ހަޤީޤަތުގައި އެކަންތައް އެގޮތަށް ވިޔަނުދިނީ ނަޢުމާއެވެ. ގޭގައި ޝަހީން އުޅޭ ދުވަހަކަށް ވާތީ އެކަން ކުރަން އޭނާއަށް މާ އުނދަގޫކަމަކަށް ނުވިއެވެ. އަރީކާ ހުރީ ނަޢުމާ އާއި އެކަހެރިކޮށް ބައްދަލުވެވޭނެ އިރެއްގެ އިންތިޒާރުގައެވެ.
********
“..ދޮންތަ އަދިވެސް މުޅިޔަކުން އޯކޭ އެއްނުވެ..” ނިޝްވާ ފޯނުން ވާހަކަ ދައްކަމުންދިޔައީ އިޝާން އާއެވެ. އޭނާ އޮތީ ކޮޓަރީގައެވެ. ކައިރީގައި ކުޑަކުޑަ ޝާން ނަޢުމާގެ ފޯން ހިފާގެން ގޭމް ކުޅެން އިނެވެ. “…ހުންނަނީ ނެގި މަޑުވެފަ…އަހަރެންނަށް ދިމާވި ކަމެއް ނަމަވެސް ވާނީ އެހެން..”
“..ޑޯންޓް ވޮރީ ނިޝް.. ވިލްބީ އޯކޭ..” އިޝާން ބުންޏެވެ. “..ނިޝްއަށް އެގޮތަށް މީހަކު ދިމާކޮށްލަބަ… އެމީހެއްގެ ވަސްވެސް މިދުނިޔެއިން ފޮހެލާނަން.. ނިޝްގެ ނުރުހުމުގަ މީހަކު ނިޝް ގައިގަ އަތްލިޔަސް ނިމުނީ..މަގެ ކައިރީ ބުނަން ވާނެ..” އިޝާން އެހެން ބުނުމުން ނިޝްވާ ކުއްލިއަކަށް އިމާދު އާއި އިލްހާމް މަތިން ހަނދާންވިއެވެ. އެމީހުންގެ ވާހަކަ ނުދެއްކުންކަން ނަސީބެކޭ ހިތަށްއެރިއެވެ. ނިޝްވާއަށް އެގޮތަށް ކެތްކޮށްލާގެން އުޅެވިދާނެއެވެ. ނަމަވެސް އިޝާން އާ ވަކިން ނޫޅެވޭނެއެވެ.
“..ނުވާނެ އިޝާން އެކަހަލަ ކަމެއްކޮށްގެން..އެކަހަލަ ކަމެއްކޮށްފިޔާ އައި ވިލް ނެވަރ ފޮގިވް ޔޫ..” ނިޝްވާ ހިތްހަމަ ނުޖެހިފައި ބުންޏެވެ.
“..އޯކޭ ..އޯކޭ ކަމަނާ..އެއީ މަޖަލަކަށް ބުނި އެއްޗެކޭ..މިހާރު ތަންޑު ހަރުކޮށްފިތަ؟..” ނިޝްވާ ހިތްހަމަ ނުޖެހުނީކަން އެނގުމުން ވާހަކަ ބަދަލްކޮށްލިއެވެ.
“..ޔާ.. ދޮންތަބޭ ތިކަން އިއްޔެ ނިންމާލާފި..” ނިޝްވާ މަޑު މަޑުން ބުންޏެވެ.
“..ދެން މަޑުމަޑުން ހުރިހާކަމެއް އޯކޭ ވަމުންދާނީ..” އިޝާން ބުންޏެވެ.
“..ތަންޑު ހަރުކުރީމަ މިކަމުން ސަލާމަތް ވާނެހެން ލައިލާއަށް ހީވަނީތަ؟..” ނަޢުމާ ދެލޮލަށް ވަނީ ކަރުނަ ޖަމާވެފައެވެ. ދެމީހުން ތިބީ ޓެރަސްގައެވެ.
“..އެހެނެއް ނޫނޭ މިބުނީ…” ލައިލާ ބުންޏެވެ. “..ދެން އެގޮތަށް ގެޔަށް ނުވަދެވޭނެ ކަން ޔަޤީންވީމާ ކޮންމެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބޭނެ ނުން..”
“..މަށަށް ކޮން ހިތް ހަމަޖެހުމެއް..” ލައިލާ އާ ދިމާލަށް ނަޢުމާ ބަލަލިއެވެ. އެދެލޮލަށް ޖަމާވެފައިވާ ކަރުނުތައް ލައިލާއަށް ފެނުނެވެ. “..މިއަދު ނޫނީ މާދަމާ ނޫން ކަމެއް ނޭގެ.. އޭނާ ގުޅާނީ.. އޭނާގެ ފޯން ކޯލެއް ނައިސް ވީކެއް ދިޔާމަ މަ ހީކުރީ އޭނާ އެހިޔާލު ދޫކޮށްލީކަމަށް .. އެކަމް ރޭގަ އެނގިއްޖެ އޭނާ އެހިޔާލް ދޫކޮށް ނުލާނެކަން”
“..އެހެންވެ މިބުނީ ތިކަން ގޯހުން ގޯހަށް ނުދަނީސް ހުރިހާ ވާހަކައެއް ޝަހީންއަށް ކިޔާދޭށޭ.. މާފަށް އެދޭށޭ..” ލައިލާ ނަޢުމާގެ ކޮނޑުގައި އަތް އަޅާލަމުން ބުންޏެވެ.
“..ލައިލާ ތީ ޝަހީން ނަމަ މަށަށް މާފު ކުރާނަންތަ؟” ނަޢުމާ އެހިއެވެ. ލައިލާ އެއްވެސް އެއްޗެއް ނުބުނެ އިސްދަށަށް ޖަހާލިއެވެ.
“..އެހެން ވީމާ އިތުރު ޗޮއިސް އެއް އެބަ އޮތްތަ މަށަށް..” ނަޢުމާ ލައިލާއަށް ފުރަގަސް ދިނެވެ. އަދި ކުރިޔަށް ދެތިން ފިޔަވަޅު އަޅާލިއެވެ. “..ޝާންއަށް ބައްޕައެއްގެ ލޯބި މަށަށް ދެވޭނެތަ؟ ޝަހީން އާ ވަކިން މަށަށް އުޅެވޭނެތަ؟ ނިޝްވާގެ ނަފްރަތުގެ ބަސްތައް އަޑުއަހާނެ ހިތްވަރު ހުންނާނެތަ؟ އަހަރެންނެކޭ އެއްގޮތަށް އޭނަގެ ދިރިއުޅުމަށްވެސް މިކަމުން އަސަރު ކުރާނެ… އެހެން ވީމާ މަށަށް ޖެހޭނީ އޭނާ ބޭނުން ކަންތައް ކޮށްދީގެން.. އެހެން މީހުނަށް ހެޕީ ފޭސް ދައްކާގެން އުޅެން.. އެގޮތް އޮތީ މަށަށް..ލައިލާ މަށަށް ކަމެއް ކޮށްދެންޏާ މި ސިއްރު ސިއްރެއް ގޮތުގަ ބާއްވަ ދޭތި.. މިކަން އެނގޭނެ މީހަކަށް ދެންހުރީ ލައިލާ.. އިނގޭ ލައިލާ މިކަން ސިއްރުކުރާނެކަންވެސް.. އެވަރަށް އިތުބާރު ކުރެވޭތީ ހިތަށް ހަމަ ޖެހުމެއް ލިބޭތޯ ކިޔާ ދިނީވެސް..”
“..ނަޢު ކަންތައް ކޮށްފަ އޮތީ ރަނގަޅަށް ނޫންކަން ނަޢުވެސް ޤަބޫލް ކުރާނެ..” ލައިލާ ބުންޏެވެ. ލައިލާ ހުރީ ހިތްހަމަ ނުޖެހިފައެވެ. އޭނާ ނަޢުމާގެ ނިންމުމާ މެދު އެއްގޮތަކަށްވެސް ހިތްހަމައެއް ނުޖެހެއެވެ.
“..އަހަރެން ނުބުނާނަން ތި ނިންމީ އެންމެ ރަނގަޅަކަށޭ.. ތިގޮތަށް މިއަދު އުޅެވިދާނެ.. އެކަމް އާޚިރަތް ދުވަހުން ކޮން ޖަވާބެއް ނަޢު ދޭނީ.. އެދުވަހުންވެސް ބުނާނީ މަޖުބޫރު ވީ އޭތަ؟ އިތުރު ޗޮއިސް އެއް ނެތީ އޭތަ؟ ނައު ވިސްނާލަބަ..ތިގޮތަށް ކަންތައްކޮށްގެން އުމުރު ދުވަހަށް ތިކަން ސިއްރު ކޮށްގެން އުޅެވޭނެހެން ހީވަނީތަ؟ އަހަރެން ހުރެދާނަން ހައްޕު ކިޔާގެން.. އެކަމް ކޮންމެސް ދުވަހަކުން ތިކަން ފަޅާ އަރާނެ.. ކިހާ ޔަޤީން ކަމެއް އޮތީ އެމީހާ އެހެން މީހަކު ކައިރީ ނުބުނާނެ ކަމުގެ… އަރީކާއަށް ނަޢުމާދޭނީ ކޮންޖަވާބެއް.. މިއަދު އޭނާ ޝަހީންއަށް ދޮގުހެދިޔަސް މާދަމާ ތެދަށް ނުބުނާނެނޫން ކަމެއްވެސް ނޭގެ.. ނޫނީ ނިޝްވާކައިރީ އޭނަ ބުނެފާނެ ދޯ.. އޭރުން ނަޢު ކިހިނެއް ހަދާނީ..އޭރުން ނަޢުއަށް ޖެހޭނީ ހުރިހާ ވާހަކައެއް ކިޔާދޭން.. ނަޢުގެ ދިރިއުޅުން ހަލާކުގެ ތެރެއަށް އެއްލާނުލާ.. ފާފަތަކު މައްޗަށް ފާފަ ކުރަން ތިއުޅެނީ.. ވެދިޔަ ކަމެއް ބަދަލެއް ނުކުރެވޭނެ.. ތަޢުބާވެ އެފަދަ ކަމެއް ނުކުރުމަށް އަޒުމް ކަނޑަ އަޅާ…މީ އަހަރެން ހިޔާލަކީ.. ގޮތެއް ނިންމާނީ ނަޢު..”
ލައިލާ އެތަނުން ހިނގައި ގަތީ ނަޢުމާ ކާރިން އަދިވެސް ވިސްނާލުމަށް އެދެމުންނެވެ. ހަޤީޤަތުގައި ނަޢުމާއަށް ވެސް ވިސްނެއެވެ. ކަންތައް ކުރެވެނީ އަދި ކުރެވުނީވެސް ރަނގަޅަށް ނޫންކަން އެނގެއެވެ. އޭނާއަށް ދިމާވެފައިވާ މައްސަލަ އަކީ އެހުރިހާކަމެއް އޭނާގެ ސިކުނޑި ގަބޫލް ކުރާއިރު ހިތް ޤަބޫލް ނުކުރުމެވެ. ހިތުގެ މައްޗަށް ސިކުނޑިއަށް ބާރު ނުފޯރުވުމެވެ. ޝަހީންދެކެ އޭނާ ވަނީ އިންތިހާއަށް ލޯބިވެފައެވެ. އޭނާ ހުރީ އެލޯތްބަށްޓަކައި ކޮންމެފަދަ ކަމެއްކުރަންވެސް ފަސްނުޖެހޭ ހާލަތެއްގައެވެ.
ނިޝްވާ ފޯން ކަނޑާލުމަށް ފަހު އެނދުން ތެދުވިއެވެ. އަދި ކައިރީގައި އޮތް ޝާންއާ ތޮޅެލިއެވެ. “..ކުޑާ.. އެގޮވީ އޭ..” ޝާން ފޯންއަށް ބަލަހައްޓާގެން އިނދެފައި ބުންޏެވެ.
“..އަދި މާބޮޑު ކުއްޖަކަށް ވެގެން މިކޮއްކޮ އުޅޭނީ.. ހުރެބަލަ މި ފަހަރު..” ޝާން ދައްބަނޑު ކޮށްޓާލިއެވެ. އަދި ބާލީހުން ޝާންގެ ގައިގާ ޖަހާ ސަކަރާތް ޖަހަން ފެށިއެވެ. ޝާންވެސް ފޯން ބޭއްވުމަށްފަހު ބާލީސް ނަގާ ފައިޓަށް ރެޑީވިއެވެ. ބާލީސް ހިފާގެން އެނދު މައްޗަށް ކޮޅަށް އެރިއެވެ. ނިޝްވާ އިނީ އިށީދެގެންނެވެ. އެވަގުތު ނަޢުމާގެ ފޯން ރިންގ ވާންފެށިއެވެ. ނިޝްވާ ޝާން އަތުގައި އޮތް ބާލިސް ދަމާ ގަންނަމުން އަނެއް އަތުން ފޯން ނެގިއެވެ. ސޭވް ނުކޮށް އޮތް ދިރާގު ނަންބަރެކެވެ.
“..ދޭ މަންމި އަތަށް ފޯން ދޭން..” ފޯންއަށް ބަލާލުމަށްފަހު ޝާންއަތަށް ފޯން ދެމުން ބުންޏެވެ. ޝާން ފޯން ހިފައިގެން ކޮޓަރިން ނެކުތުމަށް ދުއްވާގަތީ މަންމީ މަންމީ ގޮވަމުންނެވެ. ނިޝްވާ ބުރަކަށި ދަށަށް ބާލީހެއް ލައްވާ ހަމަޖެހިލިއެވެ.
ދެތިން މިނެޓް ފަހުން ޝާން ދުވެފައި އައިސް ނިޝްވާގެ ކޮޓަރިއަށް ވަނެވެ. “..ކުޑާ ކުޑާ.. މަންމި ނެތް..” އޭރު ފޯން ވަނީ ކެނޑިފައެވެ. “.. ޓޫ ފަހަރު ގުޅާފި..”
“..މަންމި ކޮންތާކަށް ދިޔައީ..” ނިޝްވާ އެހިއެވެ.
“..އަރީ ދައްތި ބުނީ ބޭރަށޭ..” ޝާން މިހެން ބުނި އިރު ފޯނަށް މެސެޖް އައި ކަމުގެ އެލާޓްގެ އަޑު އިވުނެވެ. ޝާން އައިސް ނިޝްވާ އަތަށް ފޯން ދެމުން އެނދުމައްޗަށް ފުއްމާލިއެވެ. ނިޝްވާ ފޯން ބަލާލިއިރު ދެ މިސްޑް ކޯލާއި މެސެޖެއް އިނެވެ. ލޮކް ކޯޑް ޖެހުމަށްފަހު ފޯން ހުޅުވާލިއެވެ. ގުޅާފަ އޮތީ ކުރިންވެސް ގުޅި ނަންބަރުންނެވެ. މެސެޖް ހުޅުވާލިއެވެ. އެނަންބަރުން އައިސްފަ އޮތް މެސެޖެކެވެ.
“… މަ ގުޅީމަ ފޯން ނުނެގިޔަސް މިރޭ އަށެއް ޖަހާއިރަށް ކުޑަކުދިން ބަގީޗާ ކައިރިއަށް އަންނާތި.. ނޫނީ މިރޭވެސް ތިގެޔަށް ދާންވީތަ؟ ނަޢުމާ ބޭނުން ގޮތެއް.. އަށެއް ޖަހާއިރަށް ނައިސް ފިޔާ މަ ބަލާނީ މިރޭ ތިގެޔަށް ދާންވީ ކަމަށް..” މެސެޖް ކިޔާ ނިމުނު އިރު ނިޝްވާ ހުރީ ހަތަރެސްފައި ކޮޅަށް ޖެހިފައެވެ. ހުއްޓުން އަރާފައެވެ (ނުނިމޭ)
ނުވަވަނަ ބައިގެ ތެރެއިން:-
ފަރުދާގެ ފުރަގަހުގައި ރޭވެމުން އަންނަ ކަންތަކެއް ނަޢުމާ އަކަށް ނޭގެއެވެ. ނިޝްވާއަށް ނަޢުމާގެ ހަޤީޤަތް ކޮންމެސް ވަރަކަށް އެނގިއްޖެއެވެ. އޭނާ އިތުރަށް އެކަން ޔަޤީންކުރަން ބޭނުމެވެ. މިހާރު އޭނާ އިންތިޒާރު ކުރަމުން އެދަނީ ރީޝާ އަށެވެ. އޭނާ ހުރީ ޓެރަސްގައެވެ. ދެއަތް ދެއަތާ ޖޯޑްކޮށް ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި އިރު ތުންފަތުގައި ތުރުތުރުލުމެއް ހުއްޓެވެ. ލޮލުގައި ވިދުމެއްހުއްޓެވެ. މޫނު މަތިން ދާތިކިތައް ފައިބަމުންދެއެވެ. ޓެރަސްއަށް ޖެހެމުންދާ ވައިރޯޅިތަކުން އޭނާއަށް ފިންޏެއް ނުވާކަހަލައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.





ވާހަކައަށް އިތުރު ހިޔާލްތައް ބޭނުންވޭ.. ރަނގަޅު ކޮށްލަންވީކަންތައްވެސް ފާހަގަކޮށްލަ ދިނުން އެދެން..
ވ.ސަޅި ނެކްސްޓް ޕާރޓް އަވަހަށް އަޕްކޮއްދޭތި؟ ދެން ނައު އެ ސިއްރު ހާމަކުރަން ފެން ނަނީ……..
ތޭންކް ޔޫ ޒާރާ.. އެ ސިއްރު ހާމަ ވެއްޖެޔާ ނައުގެ ދިރިއުޅުމުގަ ސިއްކަ ޖެހޭނެ ކަމަށް ވަނީ.. އެހެންވެ ބިރުން އެ އުޅެނީ..
ވ ވ ވ ވ ސަޅި 🙂 🙂
ވ ސަޅި
ތޭންކް ޔޫ ނަޒާ އެންޑް ފާތުން
ވާހަކަ ވ ރީތި….
އަޕްވާނެ އިރަކަށް އިންތިޒާރުކުރަން…..
ކިއުރިއަސް ޓު ނޯ ދި ސީކްރެޓް
ތޭންކް ޔޫ ހަދީ.. ސީކްރެޓް ދޯ… ސްޓޯރީގެ ލާސްޓް ޕާޓްއިން ސީކުރެޓް އިނގޭ ވަރުވާނީ..
v v reethi next part ah inthizaarukuraanah.