ޤަބޫލްކުރަންދަތި ހަޤީޤަތް…؟؟؟ ހަތްވަނަ ބައި
“..އޭތް… ހަމަ މިހާރު ދޮންތަ ގައިން ދޫކޮށްލާ..” އެމީހާގެ ޚަރަކާތް ހުއްޓުމަކަށް އައީ ފަހަތުން މީހަކު ހަޅޭ ލަވާގަތް އަޑަށެވެ. ނަޢުމާއަށް އަޑުން އެއީ ކާކުކަން އެނގުނެވެ. އޭނާ އަޑުއައި ދިމާލަށް ބަލައިލިއެވެ. އަދި އަވަސް އަވަހަށް އެމީހާއާ ދުރައްޖެހިލިއެވެ.
އޭރު އަރީކާ އޭނާ ކޮޓަރި ދޮރުމަތީގައި ހުއްޓެވެ. އަތުގައި ދަނޑިބުރިއެއްވެސް އޮތެވެ. އެއީ މޮޕްގެ ދަނޑިއެވެ. އޭނާ ހުރީ ހާސްވެ ބިރުގެންފައެވެ. އަދި އެހާމެ ރުޅިވެސް އައިސްފައެވެ. ހިސާބަކަށް ތުރުތުރުވެސް އަޅައެވެ. އެމީހާ ހުރީ އަރީކާއަށް ފުރަގަސްވާ ގޮތަށެވެ. އެހެންކަމުން އޭނާއަށް އެމީހާގެ މޫނެއް ނުފެނެއެވެ. ކޮޓަރީގެ ދޮރު ހުޅުވާފައި ހުރުމުގެ ސަބަބުން ސިޓިންގ ރޫމްގައި ހިސާބަކަށް އަލިކަން ހުއްޓެވެ. އަރީކާ ފިހިގަނޑު ހިފާގެން އެމީހުންނާ ދިމާލަށް ދުއްވާގަތެވެ. އޭރުވެސް އެމީހާ ހުރިގޮތަށް ހުރީއެވެ. ނަޢުމާ ފާރުގައި ލެނގިލައިގެން ހުރެ ރޮމުން ދިޔައެވެ. އަރީކާ ގޮސް އެމީހާގެ ބުރަކަށި މަތީ ބޮނޑިއެއް އަޅާލިއެވެ. ނަޢުމާގެ ރުއިމުގެ އަޑު އިވުމުން އޭނާގެ ހިތަށް ކެތްނުވީއެވެ. އޭނާ ބޭނުންވީ ނަޢުމާއަށް އަނިޔާ ދޭން އުޅުން މީހާއަށް އެ ދަނޑިބުރީގައި ހުރި ވަރެއް ދައްކާލާށެވެ. އަންހެނުންނަށްވެސް ކަންތައް ވާކަން އަންގާލާށެވެ. ދެވަނަ ފަހަރަށްވެސް އެމީހާ ބޮނބިފަޅި މަތީ ޖެހިއެވެ. ކުރިއަށްވުރެ ބާރަށެވެ. އެމީހާއަށް ބޮނބިފަޅި މަތީ އަތް އަޅާލެވުނީ ޖެހިލެއް ބާރުކަމުންނެވެ. އަރީކާ ތިންވަނަ ފަހަރަށް ޖެހުމަށް ދަނޑިބުރި މަޅާލިވަގުތު ދަނޑިބުރީގައި އެމީހާ ހިފެހެއްޓިއެވެ. އަދި އެނބުރިފައި ފިހިގަނޑު ދަމައިގަންނަމުން އަރީކާގެ މޭމަތީގައި ފައިން ޖެހިޖެހީނުން ވައްޓާލިއެވެ. އަރީކާގެ އަނގައިން ވޭނީ އާހެއްގެ އަޑު ނެކުތެވެ. އޭނާއަށް އެމީހާގެ މޫނު ފެނުނީ އެވަގުތުއެވެ. އެއީ އޭނާ ދަންނަމީހެކެވެ. ލިބުނު ހައިރާންކަމެއްގެ ސަބަބުން ވީ ދަތުވެސް ފިލާގެން ދިޔައެވެ. އަދި ފުންމާގެން ތެދުވިއެވެ. އާ ޖޯޝަކާ ހިތްވަރެއް ލިބުން ފަދައެވެ.
“..ކަ..ކަލޭ…. ހުންނަ ލަދުހަޔާތް ކުޑަކަން..ކަލޭ ލަދެއްވެސް ނުގަނޭތަ.. ތިވައްތަރަށް ތެޅެން. ހަމަ މިހާރު މިގުޅަނީ ޕޮލިހަށް..” އަރީކާ ފޯންބަލައި ކޮޓަރިއާ ދިމާލަށް ދުއްވާގަތެވެ. ހަމައެވަގުތު ރޯން ހުރި ނަޢުމާއަށް ދުވެފައި ގޮސް އަރީކާ ހިފެހެއްޓިއެވެ.
“..ނޫން ނޫން އަރީކާ…” ނޫނެކޭ ބުނުމުގެ ގޮތުން ދެއަތަށް ބޯ ހޫރުވާލަމުން ނަޢުމާ ބުންޏެވެ. އަރީކާ ނަޢުމާ އާ ދިމާލަށް ބަލައިލީ ކީއްވެ ހެއްޔޭ އަހާކަހަލަ ގޮތަކަށެވެ.
“..ބުނަން ތިކަހަލަ މޮޔަކަމެއް ކުރަން ހިތަށްވެސް ނާރުވާތި..” އެމީހާ ނަޢުމާމެން ކައިރިއަށް ގޮސް ޝަހާދު އިނގިލި ދިއްކޮށްލަމުން ބުންޏެވެ. “..ތިކަހަލަ ކަމެއް ކޮށްފިޔާ ބޭޒާރުވާނީވެސް ކަލޭގެ މިހިރަ ފެންނަ ދޮންތަ..ކަލޭ ތިހީކުރާކަހަލަ މާތް އަންހެނެއް ނޫނޭ މި..”
“..ކަލޭތީ މާތް ފިރިހެނެއްތަ.. ބޭޒާރު ވާނީވެސް ކަލޭ..ލަދުނުގަންނަކަން ..މަ ހީނުކުރަމޭ ކަލޭ ތިވައްތަރަށް ތެޅިފާނެކަމަކަށް.. އަދި މި ފެމިލީ މީހަކާ ދިމާކޮށްފާނެކަމަކަށް.. ” އަރީކާ ރުޅިއައިސްފައި ހުރެ ބުންޏެވެ.
“..މަ މިތަނަށް ވެއްދީ އޭނަ.. އޭނަ ފިރިމީހަ ނެތީމަ އޭނަ ބޭނުން ވީ..” އަރީކާއަށް މަޑަކުން ނުހުރެވުނެވެ. އައި ރުޅީގައި އެމީހާ މޫނު މަތީގައި އެތިފަހަރެއް އަޅާލިއެވެ. “..އޭތް…” ވީ ތަދުން އެމީހާ ހަޅޭލަވައި ގަތެވެ. ހަޅޭލަވާގަތް ބާރުކަމުން ނިދިފައި އޮތް ނިޝްވާއަށް ސިހިފައި ހޭލެވުނެވެ. ދޮންތާއޭ ކިޔާ ގޮވާލެވުނެވެ. ބޭރުގަ ތިބި އެންމެނަށްވެސް އެއަޑު ރަނގަޅަށް އިވުނެވެ. އެމީހާގެ ޚަރަކާތްތައް އަވަސްވިއެވެ.
“..ކަލޭ ހަނދާންކުރާތި މަ މިބުނި ވާހަކަ.. މަ އަދި އަންނާނަން..އަދި ބުނަން މިއިން އެއްވެސް ކަމެއް އެކަކަށްވެސް އެނގިގެން ނުވާނެ..އެހެންނޫނީ ނަތީޖާ މާކަ ރަނގަޅެއް ނުވާނެ..” އިންޒާރު ދޭފަދަ ގޮތަކަށް ބަލައިލަމުން އެތަނުން ނެކުމެގެން ދިޔައެވެ.
ނިޝްވާ ކޮޓަރިން ނެކުތް އިރު އަރީކާ ނަޢުމާ ގެންގޮސް ސޯފާގައި ބައިންދަނީ އެވެ. ނަޢުމާ އަރީކާ ގައިގަ ބައްދާލިއެވެ. ރޮމުންނެވެ. “..ދޮން.. ދޮންތާ.. ކިހިނެއްވީ؟..” ނިޝްވާ ދުވެފައި އައިސް ހުއްޓުނީ ނަޢުމާކައިރީގައެވެ. ނަޢުމާ ބޯ ހިއްލާލިއެވެ. އެދެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދިޔައެވެ. “..ކިހިނެއް ވީހޭ..ދެމީހުން ތި ރޮނީ ކީއްވެތަ؟..” ނިޝްވާ ކަންބޮޑުވާން ފެށިއެވެ. “..ކާކު ހަޅޭލަވާގަތް އަޑެއްތަ އެއީ..”
“..ގެޔަށް މީހަކު ވަނީ..” އަރީކާ ބުންޏެވެ.
“..ކޮބާ އެމީހާ؟ ކޮބާ؟ ކިހިނެއް އެމީހާވަނީ؟ ތަޅުނުލާތަ ހުރީ؟.. ކީއްކުރަން ވަން މީހެއް؟ ވައްކަންކުރަންތަ؟؟..” ނިޝްވާ ކަންބޮޑުވެ ހުރެ ވަށައިގެން ބަލައިލަމުން ސުވާލުތަކެއް ފަތިފައްޗަށް އަމުނާލިއެވެ.
“..ވައްކަންކުރާކަށް ނޫން..” ދެންވެސް ވާހަކަ ދެއްކީ އަރީކާއެވެ. އަރީކާ ސޯފާއިން ތެދުވެގެން ގޮސް ބޮކި ޖެއްސިއެވެ. ނަޢުމާ އިސްޖަހާލާގެން އިނދެ ރޮމުންދިޔައެވެ. ނިޝްވާ ސޯފާގައި އިށީނދެ ނަޢުމާ ބޯލުގައި ފިރުމާލިއެވެ. އަދި ނަޢުމާ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަދިނެވެ.
“..އަހަންނަށް ހޭލެވުނީ.. ބަޔަކު ސިޓިންގ ރޫމްގައި އުޅޭ އަޑަށް.. ކޮޓަރި ދޮރުކައިރިއަށް އައުމުން ދޮންތަ ރޯ އަޑު އިވުނު.. ފިރިހެނެއް ވާހަކަ ދައްކާ އަޑުވެސް އިވުން.. ނެކުތް އިރު މީހަކު ދޮންތަ ގައިގަ ބައްދާގަނެގެން..” އަރީކާއަށް ވާހަކަ ނުދެއްކިގެން ހުއްޓާލިއެވެ. އޭނާ ވާހަކަތައް ކިޔާދޭން ފެށުމުން ނަޢުމާ ހާސްވާން ފެށިއެވެ. އިހުނަށްވުރެ ބާރަށް ގިސްލެވެން ފެށުނެވެ. އެމީހަކީ ކާކުކަން ބުނެފާނެތީއެވެ. ކާކުކަން އެނގުމުން ވާނެގޮތް ހިތަށްއަރާފައެވެ. ނަޢުމާ ނިޝްވާގައިގަ އޮޅުލާގަތެވެ. އަދި އަރީކާ އާ ދިމާލަށް ނުބުނާށޭ ބުނާކަހަލަ ގޮތަކަށް ބަލާލިއެވެ. އަރީކާއަށް ނަޢުމާ ބަލާލި ބަލާލުމުގެ މާނަ އެނގުނެވެ. އެހެންކަމުން އެވާހަކަ އިތުރަށް އޭނާ ނުދައްކައެވެ. އެހެނަސް އޭނާ ހިތުގައި ޖަވާބު ނުލިބޭ އެތަކެއް ސުވާލުތަކެއް ފުނިޖެހެމުން ދިޔައެވެ. ނިޝްވާ ވެސް އިތުރަށް ސުވާލެއް ނުކުރެއެވެ. ދޮންތައަށް ވެފައިވާ ވަރު ފެނުމުންނެވެ. ދޮންތަ ހަމަޔަކަށް އެޅުމުން ވީގޮތް އޮޅުންފިލުވުމަށެވެ. އެރޭ ނަޢުމާއަށް ނިދުނީ ފަތިސްވަނިކޮށެވެ. ކައިރީގައި ނިޝްވާވެސް އޮތެވެ. އަރީކާ އޭނާގެ ކޮޓަރީގައި ނުނިދިފައި އޮތެވެ. އޭނާއަށް ވިސްނާ ވިސްނާވެސް ދޮންތަ ބޭޒާރު ވާންޖެހޭ ސަބަބެއް ނުވިސްނުނެވެ. ޕޮލިހަށް ގުޅަން އުޅުމުން އެކަން ހުއްޓުވީ ކޮން މަޖުބޫރެއް އޮވެގެންކަމެއް ނޭގުނެވެ. އަރީކާއަށް ވިސްނޭ ގޮތުގައި ކުއްވެރިޔަކީ އެމީހާއެވެ. އެމީހާއަށް އެކުރި ކުށުގެ ހައްޤު އަދަބު ލިބެންޖެހޭނެއެވެ.
އާ ދުވަހަކަށް އިރުއަރާ ފިއެވެ. ނަޢުމާ އަދިވެސް އޮތީ ނިދާފައެވެ. އެހެންކަމުން ނަޢުމާ އުނދަގޫ ނުކުރަންވެގެން ޝާން އުރާލާގެން ނިޝްވާ ކޮޓަރިން ނެކުތެވެ. އަރީކާ ކޮބައިތޯ ބަދިގެ ބަލާލިއެވެ. އަރީކާއެއް ނެތެވެ. އެހެންޔާ ފަތިހު ތެދުވެގެން ބަދިގެއަށް ވަންނަ އަރީކާ ކޮބައިބާއޭ ހިތަށްއެރިއެވެ. ކޮޓަރިކައިރިއަށް ގޮސް ތަޅުގައި ހިފިއިރު ހުރީ ތަޅުލާފައެވެ. އެހެންކަމުން އަދި އޭނާ ނުހޭލަނީކަން އެނގުމުން ކުޑަމީހާއަށް ބުއްފުޅިއެއް ހަދާލާފައި ދިނުމަށްފަހު ސައި ހެދުމަށް ބަދިގެޔަށް ވަނެވެ.
ޝަހީން ޑިއުޓީ ނިންމާފައި އައިސް ގެޔަށް ވަތްއިރު 08:30 ހިނގައިފިއެވެ. އޭރު ޝާން ކާރެއް ހިފައިގެން ސިޓިންގ ރޫމްގައި ކުޅެން އިނެވެ.
“..ދަރިފުޅޫ.. ބައްޕަ ދޫނީ..” ޝަހީން އޭނާގެ ލޯބިވާ ދަރިފުޅަށް ގޮވާލިއެވެ.
“..ބައްޕީ..” ޝާން އުފަލުން ފޮޅުނެވެ. ދުވެފައި އައިސް ޝަހީން ގައިގަ އޮޅުލައި ގަތެވެ.
“..ކޮބާ މަންމި..” ނަޢުމާ ފެންނަން ނެތުމުން ޝަހީން އަހާލިއެވެ.
“…. މަންމި ސުލީޕު ކުރަނީ.. މަންމި ބަލިވެފަ.. ކުޑާ ބުނީ ދިސްތާބް ނުކުރާށޭ.. ދިސްތާބް ނުކުރައްޗޭ ބައްޕި..” ޝާން ވާހަކަދެއްކި ގޮތުން ޝަހީން ގާތަށް ހިނިއައެވެ.
“އޯކޭ މައި ޕްރިންސް…ޑިސްޓާބް ނުކުރާނަން..ދަރިފުޅު ދޭ ކުޅެން..” މިހެން ބުނެފައި ޝަހީން ބަދިގެޔަށް ދިޔައެވެ.
“..ދޮންތައަށް ކިހިނެއްވީ އޭ.. ކޮބާ އަރީކާ؟” ޝަހީން އެހިއެވެ. ނިޝްވާ އޭނާއަށް އެނގޭ މިންވަރަށް ހުރިހާ އެއްޗެއް ކިޔާދިނެވެ. “..ކީއްވެ ޕޮލިހަށް ނުގުޅީ.. ކީއްވެ މަށަށް ނުގުޅީ” ޝަހީން ހިތްހަމަ ނުޖެހުނީ އެވަރު ބޮޑުކަމެއް ވީ އިރުވެސް އޭނާއަށް ނޭންގީމައެވެ.
“..ދޮންތަ ބޭނުންނުވީ ޕޮލިހަށް ގުޅަން..” ޖަވާބު ދިނީ ނިޝްވާއެއް ނޫނެވެ. އަރީކާއެވެ. ޝަހީން ފަހަތްބަލާލިއެވެ. “..އަހަރެން ގުޅަން އުޅުނީމަވެސް ހިފެހެއްޓީ…”
“..އެއީ ކީއްވެ؟..” ޝަހީން އެހިއެވެ. (ނުނިމޭ)
އަށްވަނަބައިގެ ތެރެއިން:-
ނަޢުމާއަށް ހޭލެވުނީ ނުވައެއް ޖަހާ ބޮޑުވިފަހުންނެވެ. އޭނާ ސިޓިންގ ރޫމްއަށް ނެކުތްއިރު އެންމެން ހެނދުނުގެ ނާސްތާކުރަމުންދިޔައެވެ. އޭނާ ހިތަށް އެރިއެވެ. އަރީކާ ހުރިހާ ވާހަކައެއް ކިޔާ ދިނީބާއެވެ. އެހެންވެއްޖެނަމަ ނަތީޖާ ގޯސް ވާނެއެވެ. އެހެންކަމުން މަޑު ހިނގުމެއްގައި ގޮސް މޭޒުކައިރީ އިށީނެވެ. އޭނާ އެންމެންގެ މޫނަށް ވަކި ވަކިން ބަލާލިއެވެ. ބިރުންހުރެއެވެ. އެންމެންވެސް ތިބީ ހިމޭންވެފައެވެ. އެކަކުވެސް ވާހަކައެއް ނުދައްކައެވެ.
4 Comments
Comments are closed.
ވ ސަޅި….
ތޭންކްސް ނަޒާ
ސަޅިއޭ
thanX zaara