Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކަތިފިޔަވަޅު….(1)

DESTINY2020 Level 210 Stories
July 19, 2015 4 Mins Read
2 Comments

ނޯޓް: 18 އަހަރުން މައްޗަށް: މިވާހަކަ އަކީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.

އަހަންނަކަށް ނޭނގުނެވެ. ނުވިސްނުނެވެ. އެހާ ޅަޢުމުރުގައި އަންހެން ކުދިން ހަމަ އެހެން އުޅޭބާވައެވެ؟ ލޯބީގެ މައިދާނަށް ނިކުމޭބާވައެވެ؟ ދިރިއުޅުމަކީ ކޮބައިކަން ވިސްނުމުން ނޫނީ ދިރިއުޅުމުގެ މައިދާނަށް ނިކުންނާކަށް ނުވާނެއެވެ. އެކަން އޮންނަންޖެހޭނީ އެގޮތަށެވެ. ޓީނޭޖް ޢުމުރަކީ ކޮންމެ ކުއްޖެއްގެ ޙަޔާތުގައިވެސް އެންމެ މުޙިއްމު ޢުމުރެވެ. އެޢުމުރުގައި ޖެހޭނީ ކިޔަވަން މަސައްކަތް ކުރާށެވެ. ކުރިއަށް ދިއުމަށް ސަމާލްކަން ބަހައްޓާށެވެ. ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ވެވޭނީ އޭރުންނެވެ. މީ ތަޢުލީމީ ޒަމާނެކެވެ. ބޭކާރު ކަންތައްތަކުގައި ވަގުތު ނަގާލުމުން ފަހުން ހިތާމަ ކުރަން ޖެހޭނެއެވެ. އެކަމު، މިކަމާއި ކިތައް މީހުން ވިސްނާ ބާވައެވެ؟ އަހަރެންގެ ހިތަށް އަރައެވެ. ދުނިޔޭގެ ޙަޔާތަކީ ކުޑަވަގުތުކޮޅެކެވެ. ކުރަންޖެހޭ ކަންތައްތައް ގިނައެވެ. އުންމީދުތައް ވަރަށް މައްޗެވެ. ހުވަފެންތައް އެހާމެ ގިނައެވެ. ގިނަ މަސައްކަތްކުރަމުން ގެންދަނީ ކާމިޔާބީއަށެވެ. ދިރިއުޅުމުގައެވެ. ލޯބީގައެވެ. ތަނަވަސްކަމާއި މުއްސަނދިކަމުގައެވެ. އެކަމަކު އެންމެ އަސަރުގަދަ ކާމިޔާބީ އެކުލެވިގެންވަނީ ލޯބީގައެވެ. އެންމެ ހިތި ކަރުނަވެސް ވަނީ ހަމަ ލޯބީގައެވެ. މީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. އެކަމު، ލިއުޝާގެ އުޅުން އެހެން ހުންނަންވީ ކީއްވެގެން ބާވައެވެ؟ ލިއުޝާ ހަމަ އެހެން އުޅެންޖެހޭބާވައެވެ؟

މީހުން ބުނެއެވެ. ކިތަންމެ ވަރަކަށް ވިސްނައިދޭން މަސައްކަތް ކުރިއަސް، ގޯސް މީހަކު ރަނގަޅެއްނުވާނެއެވެ. އެހެނެއްނުވާނެއެވެ. މީހުން ރަނގަޅުވެސްކުރެވޭނެއެވެ. އެކަމަށް ވަގުތު ނަގާނެއެވެ. ޖެހޭނީ ކެތްކުރާށެވެ. ގޯސް މީހުން، ގޯސް މަގަށްދަނީވެސް ސަބަބުތަކާއި ލައިގެނެވެ. އެކަން ހޯދިއްޖެނަމަ، މިކަމަށް ޙައްލެއް ހޯދިދާނެއެވެ. އެހެންވެ، އެ ނިޔަތުގައި އަހަރެން މަސައްކަތް ކުރީމެވެ. އަހަރެންގެ ދިރިއުޅުމަށްޓަކައެވެ. ލޯތްބަށްޓަކައެވެ. ލިއުޝާއަށްޓަކައެވެ. އެކަން ޚުދު ލިއުޝާއަށްވެސް އިނގޭނެއެވެ. އަހަރެން އަދިވެސް ހަނދާން އެބަހުއްޓެވެ. އެއީ މީގެ ދެތިން މަސްކުރިއެވެ.

” ޝާހް. ދެންތަ ބިޓެއްގެ ނަމްބަރ؟” އޮފީހުގައި އަހަރެން ހުއްޓާ ރިޔާޒް ބުނެލިއެވެ.

” އަޅެ ދީބަލަ. ވާގޮތެއްވެސް އިނގިދާނެތާ؟ އެކަމަކު މިހާރު އުޅޭ ގިނަ އަންހެން ކުދިން ވަރަށް ފޭކް..” އަހަރެން ފާޑަކަށް ބުނީމެވެ.

” ހަމަ އެހެންތަ؟ އެކަމަކު އަހަންނަށް އަދި އެކަހަލަ ކުއްޖަކާއި ދިމަލެއްނުވޭ.. ބުނަންތަ. މީ ލިއުޝާ ކިޔާކުއްޖެއް..މަހެއް ފަހުން އޭނަ އަށް އަށާރަ ފުރޭނީ.. އޭނަ ވަރަށް ލޯބިވާނެ މިދާއިރާގައި މަސައްކަތްކުރާ މީހުންދެކެ..” އަހަންނަށް ނަމްބަރު ދެމުން ރިޔާޒް ބުނެލިއެވެ.

” އަނެއްކާ މީ ހުރިހާ މީހުންނަށްވެސް އޯ.ކޭ ވާ ނަމްބަރެއްތަ؟” އަހަރެން ތަންކޮޅެއް ސީރިއަސްކޮށް އަނހާލީމެވެ.

” ނޫން.. އެހެނެއްނޫން.. މީ ވަރަށް ރަނގަޅު ކުއްޖެއް.. އަހަންނަށްވެސް މިގުން ނަމްބަރު ލިބުނީ.. އަދި ކިޔަވަނީ..” ރިޔާޒް ބުނެލިއެވެ.

” ރިޔާޒްއާއި މީނައާއި އޮންނަނީ ކޮން ގުޅުމެއްތަ؟” އެކަން އޮޅުން ފިލުވަން އަހަރެން ބޭނުމެވެ.

” އެއްވެސް ގުޅުމެއް ނޯންނާނެ.. ހަމަ އެކަނި އެއްރޭ ފެނުނު ކަން.. އަހަންނަކީ އޭނަގެ ބޭބެގެ ޢުމުރުގެ މީހެއްނު.. އަހަންނަކާއި އޭނައަކާއި ނުގުޅޭނެ. އެކަހަލަ ކުދިންނާއި ގުޅެނީ ޝާޙްމެން ކަހަލަ ޅަ ކުދިންނާއި. އަޅެ ގުޅާލަބަލަ. ވަރަށް ލޯބިކޮށް ހުންނާނީ…” އެހެން ބުނުމަށްފަހު ރިޔާޒް ދިޔައީއެވެ.

ރިޔާޒް ދިއުމުން އަހަރެން ވިސްނާލީމެވެ. ލިއުޝާއަށް ގުޅަންވީބާވައެވެ؟ އެއީ ކޮންކަހަލަ ކުއްޖެއް ބާވައެވެ؟ އަހަންނާއި ވާހަކަ ދައްކާނެ ބާވައެވެ؟ އުޅުން ކިހިނެއް ހެއްޔެވެ؟ ހަމަ އެބުނާހާ ރީތި ވާނެ ބާވައެވެ؟ ރިޔާޒް ބުނިހެން ލިއުޝާއަށް ގުޅަންވީއެވެ. ދާދި ފަހުން އަހަންނާއި ބިޓާއި ޖެހުނު ކުޑަ މައްސަލައެއްގައި އަހަރެންގެ ބިޓްވަނީ ކަޓާފައެވެ. މިޢުމުރުގައި ބިޓެއްނެތި ހުރުމަކީ މިޒަމާނުގައި ހުތުރު ކަމެކެވެ. ރޭގަނޑު ގަޑީގައި ސައިކަލް ފަހަތަށް އަރުވާނެ އަންހެން ކުއްޖަކު ހުރުމަކީ މިޒަމާނުގެ ފެޝަނެކެވެ. ގިނަ މީހުން އެގޮތަށް އަރުވާނީ ކޮއްކޮއިންނެވެ. އެގޮތް އަހަންނަކަށް ކަމަކު ނުދެއެވެ. އަހަރެންގެ ސައިކަލް ފަހަތަށް ރޭގަނޑުގެ ގަޑީގައި އަރަންވާނީ އަހަރެންގެ ބިޓެވެ. އެގޮތަށް ބިޓަކާއިއެކު ސައިކަލް ދުއްވާލަން ދިއުމުން ލިބޭ ހިތްހަމަޖެހުން އަހަންނަށްވެސް އިނގެއެވެ.

” ހަލޯ ކާކުބާ؟” އަހަރެން ގުޅިތަނާހެން އެކޮޅުން ފޯން ނަގައިފިއެވެ.

” ތީ ކާކުބާ؟” އަހަރެން އަނހާލީމެވެ.

” ފުރަތަމަ މިއެހީ އަހަރެން ތީކާކުބާ.. އަޅެ ދެން ބުނެބަލަ..” ތުއި ރާގަކަށް ލިއުޝާ ބުނެލިއެވެ.

” އަހަންނަށް ކިޔަނީ ޝާހް.. ދެން ބުނެބަލަ ތީ ކޮންކުއްޖެއްތަ؟” އަހަރެން އަނހާލީމެވެ.

” މީ ލިއުޝާ.. ކިހިނެއްތަ ވީ އަނެއްކާ؟” ލިއުޝާ ބުނެލިއެވެ.

” ކަމެއްނުވޭ… ކީއްކޮށްތިކޮށްލަނީ؟” އަހަރެން އަނހާލީމެވެ.

” ހަމަ އޮތީ އެނދުގައި…. ޝާހް ކީއްތި ކުރަނީ؟..” ލިއުޝާ އަނހާލިއެވެ.

” އޮފީހުގައި… މިހާރު މެންދުރުވީ ކައިފިންތަ ލިއުޝާ؟” މަޑުމަޑުން އަހަރެން އަނހާލީމެވެ.

” ކުޑަ އިރުކޮޅަކުން ކާނީ.. ޝާހް ކައިފިންތަ؟ ކޮން އޮފީހެއްގަތަ މަސައްކަތްކުރަނީ؟ ކީއްކުރަންތަ އަހަންނަށް ތިގުޅީ؟ ދުވަހަކުވެސް ފެނުނުތަ އަހަރެން؟” ލިއުޝާ އެއް ފަހަރާ އެތައް ސުވާލެއް ކޮށްލިއެވެ.

” އަދި ނުކަން.. ހާދަ ބައިވަރު ސުވާލެއް އެއްފަހަރާ ތިކޮށްލީ.. ކިހިނެއް ތިހާ ބައިވަރު ސުވާލަށް އަހަރެން ޖަވާބުދޭނީ…ޓެސްޓްގައިވެސް އަންނަނީ ސުވާލަކަށްފަހު، ސުވާލެއް. އެކަމަކު ލިއުޝާ ތިކުރީ އެއްފަހަރާ ހުރިހާ ސުވާލެއް.. ވަރަށް ސުވާލު ގިނަ ކުއްޖެއްތަ ތީ؟” އަހަރެން ހެމުން އަނހާލީމެވެ.

” ނޫން. ދެން ހަމަ އަނހާލީ.. އަހަރެން ބޭނުން ވާހަކަ މިދެއްކެނީ ކާކާތޯ ބަލާލަން.. އެހެންވެ އެހާ ސުވާލުގިނައެވީ..” ލިއުޝާވެސް ހީނލިއެވެ.

” އެހުރިހާ ސުވާލެއް ކުރިއިރުވެސް، ނަމްބަރު ހޯދިގޮތާއި ބެހޭގޮތުން ސުވާލެއް ނުކުރަންދޯ..” އަހަރެން ބުނެލީމެވެ.

” ކުޑަކުޑަ ތަނެއްގަދޯ އެންމެން މިއުޅެނީ.. މިރާއްޖޭގައި މަދު ދެތިން މީހެއްގެ ނަމްބަރ ފިޔަވައި އެހެން ހުރިހާ މީހުންގެ ނަމްބަރުވެސް ވަރަށް ފަސޭހައިން ލިބޭނެ.. ދެންކީއްވެތަ އެ ސުވާލު އަހަރެން ކުރަންވީ؟” ލިއުޝާ ބުނީ ތެދެކެވެ.

” ތީ ހަމަ ތިކަން އޮތްގޮތް…ވަރަށް ވިސްނޭދޯ..” އަހަރެން ސަމާސާ ރާގަކަށް ބުނީމެވެ.

” ނޫން. އެހާ ވަރަކަށް ނުވިސްނޭ.. ވިސްނޭތޯ މަސައްކަތް މިކުރަނީ..ޝާހް އިހަށް ބާއްވަނީ.. މިދަނީ ކާން..” ލިއުޝާ ބުނެލިއެވެ.

” ރަނގަޅަށް ކައްޗޭ.. ގިނައިން ފެންބޯތި..އޭރުން ކިޑްނީގެ މައްސަލަތައް ޖެހުން ދުރުވާނެ..” އަހަރެން ބުނެލީމެވެ.

” ތީ ޑޮކްޓަރެއްތަ؟.. އޭ ދެން އިހަށް ވަކިވެލަނީ…ބާއީ..ޓީ.ސީ..” ލިއުޝާ ހެމުން އެހެން ބުނެލުމަށްފަހު ފޯން ބޭއްވިއެވެ.

” ގުޅުނުތަ؟” ފޯން ބޭއްވިތަނާހެން ރިޔާޒްއައިސް އަނހާލިއެވެ.

” ގުޅުނު… ވަރަށް ރީތިކޮށް އޭނަ ވާހަކަ ދެއްކީވެސް..” އަހަރެން ބުނީމެވެ.

” ލިއުޝާ އެއީ ވަރަށް ހިތްހެޔޮ ކުއްޖެއް..ވަރަށް ރީތިކޮށް އޭނަ މީހުންނާއި ވާހަކަ ދައްކާނީ..” ރިޔާޒް ލިއުޝާގެ ކޮޅަށް ޖެހިލިއެވެ.

” ދެން ބަލާނީދޯ މިކަން ވާގޮތްވެސް…ހުރިހާ އެންމެންނަށް ‘ހިތްހެޔޮ’ ނުވެއްޖެއްޔާ އަހަންނަށް ރަނގަޅު.” އަހަރެން ހެމުން ބުނެލީމެވެ.

” މީހުންގެ ގޮތް އިނގޭނީ އެމީހުންނާއިއެކު އުޅެލުމުންދޯ.. އަޅެ ބަލާލަބަލަ.. ފަހަރުގައި ވެދާނެ ވަރަށް ރަނގަޅު ކުއްޖަކަށްވެސް..” ރިޔާޒްވެސް ބުނީ ދޮގު ވާހަކައެއް ނޫނެވެ.

އޮފީސް ނިމިގެން އަހަރެން ދިޔައީ ގެއަށެވެ. ގޮސް އެނދުގައި ޖައްސާލީމެވެ. ޖައްސާލި ތަނާހެން ލިއުޝާ އަހަންނަށް ފޯނު ކުރިއެވެ. ނިދި އައިސްފައި ހުރި ވަރުން އަހަރެން ފޯން ބޭއްވީމެވެ. ދެންވެސް ލިއުޝާ ގުޅިއެވެ. އަހަރެން ފޯން ހަމަ ނުނެގީއެވެ. ލިއުޝާ ވަރަށް ގުޅިއެވެ. އަހަރެން އަޅައެއް ނުލަމެވެ. ކުޑައިރުކޮޅަކުން ލިއުޝާ އެސް.އެމް.އެސް ކުރިއެވެ. ” ވަރަށް ބޮޑު ވާހަކައެއް ބުނަން ވެގެން މިއުޅެނީ.. ފޯން ނަގާބަލަ..” އެހެން އެސް.އެމް.އެސްގައި ލިޔެފައިވެއެވެ. އަހަރެން ރިޕްލައެއް ނުކުރަމެވެ. އަހަންނަށް ނިދުނީ އިރުކޮޅަކުންނެވެ.

އަހަންނަށް ހޭލެވުނީވެސް ފޯން ރިންގްވާ އަޑަށެވެ.

” ކީއްތަވީ؟” އަހަރެން ބުނީމެވެ.

” ކަމެއްނުވޭ. ހަމަ ގުޅާލީ..” ކުރު ޖަވާބެއް ލިއުޝާ ދިނެވެ.

” ދެން ކޮން އެސް.އެމް.އެސްތަ ފޮނުވާފައި އެއިނީ؟” އަހަރެން އަނހާލީމެވެ.

” އެދެން ހަމަ ފޯން ނުނެގުމުން ފޮނުވި އެއްޗެއް؟” ލިއުޝާ ހެމުން ބުނެލިއެވެ.

” ހަމަ އެހެންތަ؟ އެވަގުތު ނިދަންވެގެން އުޅުމުން ފޯން ނުނެގީ.. މިއަދު ކުޑަކޮށް އޮފީހުގައި ބިޒީދުވަހެއް.. އެހެންވެ ގެއަށް އައިސްފަ ރެސްޓް ކޮށްލީ. ކޮން ކަމެއްތަ ލިއުޝާ ތިކުރަނީ؟” އަހަރެން އަނހާލީމެވެ.

” ހަމަ އެނދުގައި އޮތީ.. ކަމެއް ނުކުރަން..” ލިއުޝާ ބުނެލިއެވެ.

” އަންހެން ކުދިން ނުވާނެ އެހާ ގިނައިން އެނދުގައި އޮންނާކަށް.. އޭރުން ކަންނެތް ވާނެ..:” އަހަރެން ސަމާސާ ރާގަކަށް ބުނީމެވެ.

” ކުޑަކޮށް ބޮލުގައި ރިއްސާތީ ޖައްސާލީ..” ލިއުޝާ ބުނެލިއެވެ.

” ދެން ދޭ ބޭސްކާން.. އޭރުން ރަނގަޅުވާނީ..” އަހަރެން ބުނީމެވެ.

” ފަހުން ބޭސްކާނީ..” އަހަރެން ބުނީމެވެ.

” އޯ.ކޭ ދެން ބާއްވާނީ..” އަހަރެން އެހެން ބުނުމަށްފަހު ފޯން ބޭއްވީމެވެ.

ފޯން ބޭއްވުމަށް ފަހު އަހަރެން ވަނީ ފާޚާނާއަށެވެ. ރޭގަނޑު ބޭރަށްދާން ތައްޔާރުވުމަށެވެ. ފެންވަރާ ނިމިގެން ނިކުތް އިރު ލިއުޝާ އޮތީ އަހަންނަށް އެސް.އެމް.އެސް ކޮށްފައެވެ. އޭގައިވަނީ ބިޒީ ނޫނިއްޔާ ބައްދަލުކުރަން ބޭނުންވާ ވާހަކައެވެ. އަހަރެން ރިޕްލައެއް ނުކުރަމެވެ

=ނުނިމޭ=

.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

ހަތަރު އުދަރެސް (8)

Next

ޢަޒުމު

Next
July 19, 2015

ޢަޒުމު

Previews
July 18, 2015

ހަތަރު އުދަރެސް (8)

2 Comments!

  1. Azu says:
    July 19, 2015 at 2:47 am

    Salhi

  2. story says:
    July 19, 2015 at 9:43 am

    Salhi

Comments are closed.

Next Episodeކަތި ފިޔަވަޅު….(2)←


All Right Reserved!