ޝުދޫ…. (1) ވަނަ ބައި
އޮފީހުގައި ވަރަށް ބުރަ ދުވަހެކެވެ. ގެއަށް އާދެވުނީ އިރުއޮއްސި ހަތެއްވެސް ޖެހި ފަހުންނެވެ. އަހަރެން ހުރީ ވަރަށް ބަރުބަލިވެފައެވެ. އަވަސް އަވަހަށް ބޫޓް ބާލާއި އިސްޓާކިން ބާލައި، އެ ހުންނަންޖެހޭ ހަރުގައި ބަހައްޓާލީމެވެ. ދެން ވަނީ ކޮޓަރިއަށެވެ. އެއްޗެހި ބަދަލުކޮށްލުމަށްފަހު، އަހަރެން ވަނީ ފާޚާނާއަށެވެ. ފާޚާނާއަށް ވަދެ ހަމަޖެހިގެން ފެންވެރޭތޯ މަސައްކަތްކުރީމެވެ. ފަސްވަރަކަށް މިނިޓްވަންދެން އެކަން ވިއެވެ. ދެން ނުވިއެވެ. ވާނީ ހަމަ މިހެންނެވެ. މީދެން ވަރަށް ދެރަކަމެކެވެ. ކޮންމެ ދުވަހަކު، އަހަރެން ފާޚާނާއަށް ވަންނަ ގަޑީގައި ކޮންމެވެސް މީހަކު ފާޚާނާގެ ދޮރުގައި ޓަކި ޖަހާނެއެވެ. ދެން ޖެހޭނީ އަވަސް އަވަހަށް ފެންވަރާލައިގެން ނިކުންނާށެވެ. އެއީ ކިހާ އުދަނގޫ ކަމެއް ހެއްޔެވެ؟ ބުނާތީ އަޑުއަނހަމެވެ. އިންސާނަކަށް ލިބޭ އެންމެ ހިތްހަމަޖެހޭ އެއް ވަގުތު ކޮޅަކީ ފާޚާނާގައި ހޭދަކުރާ ވަގުތުކޮޅެވެ. ދުވަހަކުވެސް، އެވަގުތު ކޮޅުން އަހަންނަށް ހިތްހަޖެހުމެއް ނުލިބެއެވެ.
“އަވަސްކޮށްބަލަ. އަވަސްކޮށްބަލަ.” ސުހާ ފާޚާނާގެ ދޮރުގައި ތަޅަން ފެށިއެވެ.
އެޖެހުނީ ކަންތަކާއެވެ. ދެން ޖެހޭނީ އަވަސްކުރާށެވެ. ނޫނީ ދެން ވެއްޓޭނީ ދޮރުކަން ނޭނގެއެވެ. އެއީ އަހަރެމެންގެ ސުހާއެވެ. ފިސާރި ސިޔާސަ ވާނެއެވެ. ރަނގަޅުގަޑީގައި ފިސާރި ރަނގަޅުވާނެއެވެ. ސިޔާސަ ވެއްޖެއްޔާ ފިރިހެނަކަށް ދޫނުކުރާނެއެވެ. ދެން ކުރާނެކަމެއް ނެތެވެ. ޖެހޭނީ އަވަހަށް ނިކުންނާށެވެ. ބައެއް ފަހަރު، މާލޭ މީހަކަށް ނުވީމަ، މިހެންވަނީވެސް ހިތަށް އަރައެވެ. އުޅެން މިޖެހެނީ މާލޭގައެވެ. ވަޒީފާއަދާކުރަން މިޖެހެނީ މާލޭގައެވެ. އަނގައާއި އަތާއި ދިމާވަނީ މާލެއިންނެވެ. އަމިއްލަ ރަށް އޮތީ އޮތްތަނުގައެވެ. އަވަހަށް މިތަނުން ފިލައިގެން ދާންވީއޭވެސް ބައެއް ފަހަރު ހިތަށް އަރައެވެ.
“ފާޚާނާއަށް ވަދެފަ މަރުވަނީތަ؟” އަހަރެން ނިކުތުމުން ފާޑަކަށް ސުހާ ބުނެލިއެވެ.
“މަރުވިނަމަ، އަހަރެން ނިކުންނާނެތަ؟” އަހަރެން ވެސް ސުވާލެއް ކޮށްލީމެވެ.
“ދެން ހެޔޮ ވަރަށް ފޫހިވޭ.” ބޮޑާހާކާ ރާގަކަށް ސުހާ ބުނެލިއެވެ.
“އަހަންނަށް ވަރިހަމަ.” އަހަންނަކީ އެހާ ބޮޑަށް ކަންތައްތަކާއި ސީރިއަސްވާ މީހެއް ނޫނެވެ.
” މައިންޑް ޔުއަރ އޯން ބިޒްނަސް.” އެއީ ސުހާގެ ފޭވަރިޓް ކޯޓެވެ.
އަހަރެން އިތުރު އެއްޗެކޭ ނުބުނަމެވެ. ސުހާއަކީ ކުޑަކުއްޖެކެވެ. އަހަރެންގެ ދައްތަގެ ހުރި ހަމައެކަނި ފުރާނައެވެ. ބައެއް ފަހަރު ސުހާ ދެރަކުރިޔަސް، އަބަދު ދެރަކުރާކަށް ނުވާނެ ނޫން ހެއްޔެވެ؟ ކުޑަކުދިން ރުޅިއެރުވުމަކީ އަހަރެން ބައެއް ފަހަރު ވަރަށް ކުރާ ހިތްވާކަމެކެވެ. އެކަން އެއީ ގޯސްކަމެއްކަންވެސް އަހަންނަށް އިނގެއެވެ.
ފެންވަރައި ނިމިގެން އަހަރެން ނިކުތީ ސިޓިންގ ރޫމަށެވެ. އޭރު ޒަހާ އިނީ ކޮޕްމިއުޓަރ ކައިރީގައި ފޭސްބުކަށް ވަދެއެވެ. ދެން ތިބި މީހުންގެ ކަޅިތައް އަމާޒުވެފައިވަނީ ހިންދީ ޑްރާމާ ސީރީސްއަށެވެ. ސީދާ ސްޓާރ ޕްލަސްއެވެ. މީވެސް އަޖައިބެކޭ ހިތަށް އެރިއެވެ. ދެނަމާދު ދޭތެރޭ އެނޫން ކަމެއް ހަމަ ދެން ނެތީހެއްޔެވެ؟ އަހަރެން ބައެއް ފަހަރު ރުޅިއައިސްގެން ހަލާކުވާ ވަރުވެއެވެ.
” މިދެން ކޮން އެއްޗެއްތަ ބަލަން. ބަޔަކު މީހުން ފާޑެއްގެ ބުދެއްގެ ކުރިމަތީ ޔޯޔޯ ލައްވާތަން. މިކަހަލަ އެއްޗެހި ބަލާތީއްޔޭ މީހުން މަގުފުރެދެނީ.” އެހެން ބުނުމަށްފަހު ޓީ.ވީ ނިއްވާލީމެވެ.
މުޅި ގޭތެރެއިން އަހަންނާއި ދިމާކޮށްލީ އެހެން ފަދަ ގޮތަކަށެވެ. ހީވާނީ ކުޑަވަރެއްގެ މުޒާހަރާއެއްނެވެ. ހުރިހާ އަންހެން ވެރިން އެމީހުންނަށް ކިޔުނު އެއްޗެއް ކިޔާލިއެވެ. ވާނީވެސް އެހެން ތާއެވެ. އެކި މީހުން ޝައުޤްވެރިކަން ހުންނާނީ އެކި ކަންތައްތަކަށެވެ.
“ޒަހާ. ދެން ކޮމްޕިއުޓަރ ދީބަލަ އަހަންނަށް. ވަރަށް އަވަސްވާނެ. ހަމައެކަނި ނޫސް ކިޔާލާފަ ދޭނަން.” ނަޞީބަކުން އެއްވެސް ޝަކުވާއެއްނުކޮށް ޒަހާ ތެދުވިއެވެ.
އަހަރެން ކޮމްޕިއުރޓަރ ކައިރީގައި އިށީނީމެވެ. އާދައިގެ މަތިން ނޫސްކިޔަން ފެށުމުގެ ކުރިން އެމް.އެސް.އެން އިން އޮންލައިންވީމެވެ. ދެން މަޑުމަޑުން ނޫސް ކިޔަން ފެށީމެވެ. އާދައިގެ ޚަބަރުތަކެވެ. ކޮންމެސް މީހަކު މަރާލި ވާހަކައެވެ. ސަރުކާރުގެ ކޯޅުން ތަކެވެ. މީހުންނަށް ބަދުބަސް ބުނުމެވެ. ބިންމާގެ ކުރު ވާހަކައެވެ. ޚާއްސަ އެއްވެސް އެއްޗެއް ނެތެވެ. ނޫނެވެ. އަންހެނުން ފިރިހެނުންދެކެ ރުޅި އަންނަ ދިހަކަމެއް ޖަހާފައިވާ ލިޔުން އަހަންނަށް ވަރަށް ކަމުދިޔައެވެ. ދެން ހުރީ މުޅިންވެސް އިވޭ ކަންތައްތަކުގެ ވާހަކައެވެ. ބޮޑެތި ކަންތައްތައް ނަމަވެސް، އަބަދު އިވިއިވި ހުންނާތީ އެކަމެއް މިހާރު ބޮޑެއް ނުވާނެ ނޫން ހެއްޔެވެ؟ އެފަދަ ޚަބަރުތައްވެސް މަދެއް ނޫނެވެ.
ދެން އޮންލައިންގައި ތިބީ ކޮން ބައެއްތޯ ބަލާލީމެވެ. އިންޑިޔާގައި ކިޔަވަން ހުންނަ ތިމާގެ ކުއްޖަކު އިނީ އޮން ލައިންގައެވެ. ދެން އޮފީހުގައި މަސައްކަތްކުރާ ދެކުދިން ތިބީ އޮން ލައިންގައެވެ. ދެން ވެސް ނުދަންނަ ހައެއްކަ މީހުން އޮންލައިންގައި ތިއްބެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ އޮން ލައިންގައި އިން ނަމެކެވެ. ” ކެއަރ ފްރީ ” މިނަމެވެ. އެއީ ކާކުހެއްޔެވެ؟ އަހަރެން އޮންލައިންވާ ކޮންމެ ގަޑިއަކު އެނަން އިންނަނީ އޮންލައިން ކަމަށް ދައްކާފައެވެ. އޭނައަށް އަހަރެންގެ އެޑްލިބުނީ ކިހިނެއް ހެއްޔެވެ؟ އެހާ ގިނައިން އޮން ލައިންގައި އޭނަ އެއިންނަނީ ކީއްވެގެން ހެއްޔެވެ؟ އެއީ އަބަދު އޮންލައިންގަ އިންނަ ކުއްޖެއް ހެއްޔެވެ؟ އޭނާ ވަޒީފާއަކީ އެއީ ކަމަށްވެސް ވެދާނެއެވެ. ނޫނީ މައިކްރޯ ސްފްޓް ނުވަތަ ގޫގަލް އިން ސްޕޮންސަރކޮށްފައި އިންކުއްޖަކަށްވެސް ވެދާނެ ތޯއްޗެކެވެ. ކޮންމެ ގޮތަކަށްވިޔަސް، އަހަރެންގެ ބޮލަށް އުދަނގޫ ވިއެވެ.
” ހައި.” އަހަރެން “ކެއަރ ފްރީ” އާއި ޗެޓްކުރަން ފެށީމެވެ.
” ހައި.” އޭނާވެސް ޖަވާބު ދިނެވެ.
އަހަރެންގެ ޙަޔާތުގައި މިހާތަނަށް ޗެޓްކުރި ހުރިހާ މީހުންނާއި އޭނައާއި ތަފާތު ގޮތެއް ހުއްޓެވެ. އޭނާގެ ޓައިޕިން ވަރަށް ފާސްޓެވެ. އަހަންނަށްވުރެވެސް ފާސްޓެވެ. އެއީ އެކަންވެގެންވާނެ ގޮތެއް ނޫނެވެ. އަހަންނަށްވުރެ އަވަހަށް ޓައިޕްކުރެވޭ މީހަކު ހުރެގެން ނުވާނެއެވެ. އެއީ އަހަރެންގެ ގޮތެވެ. ދެން ތިބި މީހުން އަހަންނަށްވުރެ ޓައިޕްކުރަން ލަސްވާން ޖެހޭނއެވެ. ޙަޤީޤަތުގައި އޭނާއާއި ޗެޓްކުރަން ފެށުނީ ޓައިޕްކުރުމުން އޭނާ ބަލިކޮށްލުމުގެ ނިޔަތުގައެވެ.
“ތީ ކާކުބާ؟ ކޮންމެ ދުވަހަކު އަހަރެން އޮންލައިން ވާއިރު އިންނަނީ، އޮންލައިނުގަ.” އަހަރެން އަނހާލީމެވެ.
“ފުރަތަމަ ތީ ކާކުކަން ބުނެދީ.” އެކޮޅުން އަވަސް އަވަހަށް ޖަވާބު ދިނެވެ.
އެހެން ބުނުމުން، އަހަރެން ކުރުކޮށް، ޚުލާސާކޮށް އަހަރެންގެ މަޢުލޫމާތު އޭނާއަށް ދިނީމެވެ. އޮންލައިންގައި އިންކުއްޖާ އޭނާގެ ބައެއް މަޢުލޫމާތު ތައް އަހަންނަށް ދިނެވެ. އެއީ އަންހެން ކުއްޖެއްކަމާއި ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ކުއްޖެއްކަން ބުނެލިއެވެ.
“ތިހުރިހާ އެއްޗެއް ކީއްކުރަންތަ ތި ހޯދަނީ؟” އޭނަގެ ނަން ދިނުމަށް އަނހާލުމަށް ބުނެލިއެވެ.
“ކަމެއް ކުރާކަށް ނޫން. ދެން ނަމެއްނެތީމަ ވަރަށް އުދަނގޫ ވާހަކަ ދައްކަން.” އަހަރެން ބުނީމެވެ.
“ތީ ހުރިހާ މީހުންވެސް އުޅޭގޮތް. ހަމަ މޮޅެތި އެސް.ޓީ ޖައްސާނީ.” އެއީ ހަރުކަށި ކުއްޖެކެވެ.
“ތިހެން ބުނަން ހެޔޮވެސް ނުވާނެ.” އަހަރެން ބުނީމެވެ.
“ދެން ހެޔޮ އެއްޗެހި ކިޔަންވީނު.” އޭނާ އަވަހަށް ދިމާކޮށްލިއެވެ.
“ތިހެން މީހުންނާއި ވާހަކަ ދައްކައިގެން ދިރިއުޅުން ބާއްޖަވެރިއެއް ނުވާނެ.” އަހަރެން އަވަހަށް ޓައިޕްކޮށްލީމެވެ.
“ތީ ދެން މާ މޮޅު މީހެއްތަ؟” އެއީ ވެސް ޓައިޕިން އަވަކުއްޖެކެވެ.
“އަސްލު މަހީކުރި ކަހަލަ ކުއްޖެއްނޫންތީ.” އަހަރެންވެސް އަވަހަށް ޗެޓްލޮގުގައި ޓައިޕް ކޮށްލީމެވެ.
“ތިކަން އެނގިގެނެއްނޫންތަ ތި ޗެޓްކުރަނީ.” އޭނާ ސުވާލުކޮށްލިއެވެ.
“ދެން އަޅާނުލާ. އަޅެ ނަންބުނެބަ؟” އަހަރެން ބޭނުމީ ނަންހޯދާށެވެ.
” އަހަންނަށް ކިޔަނީ ޝުދޫ.” އޭނާގެ ނަންވެސް ހާމަ ކޮށްލީ ޗެޓްކުރާތާ ބައިގަޑިއިރުވި ފަހުންނެވެ.
“ތީ ތިވަރުކަމެކޭ.” އަހަރެން ބުނީމެވެ.
“އެކަން އިނގިއްޖެއްނު މާ ކުރިންވެސް.” ޝުދޫއަކީ ލާނެތް ކުއްޖެކެވެ.
” ކޮން އެއްޗެއްތަ ތި ކިޔަވަނީ؟ ބަސް އަނހައިގެން ކިޔަވައްޗޭ.” އަހަންނަކީ މީހުންނަށް ހެޔޮ އެދޭ މީހެކެވެ.
“ތީ އަހަރެންގެ އަމިއްލަ ކަމެއް.” ކުރު ޖަވާބަކުން ޝުދޫ ބުނެލިއެވެ.
“އަސްލު އަހަރެން ޗެޓް ކުރަން މިފެށީ ޝުދޫ މޮޅުކަމުން.” އަހަރެން ބުނީމެވެ.
“ތިބުނީ. އަނެއްކާ ކޮން ގޮތަކަށްތަ އަހަރެން މޮޅޯ؟” ޝުދޫ އޮޅުން ފިލުވަން ބޭނުންވިއެވެ.
“ޓައިޕްކުރުން ވަރަށް އަވަސް. އަހަންނަށް އަދި ދިމަލެއްނުވޭ ތިހާ އަވަހަށް ޓައިޕްކުރާ ކުއްޖެއް.” އަހަރެން ބުނީ ތެދަށެވެ.
“ތިދެން މިހާރު މަ ހައްދަނީ ދޯ. ތީވެސް ފިރިހެނުން އުޅޭ ގޮތެކޭ.” ޝުދޫ އަވަހަށް ބުނެލިއެވެ.
“ނޫނޭ. އަހަރެން ބުނާނެ ވާހަކައަކީ ބަސްއަނހައިގެން ދުނިޔޭގަ އުޅޭށޭ.” ދެންތިބި މީހުން އުފަލުގައި އުޅޭތަން ދެކެން އަހަރެން ބޭނުމެވެ.
“އަހަރެން ބަސް އަނހައިގެން މިއުޅެނީ. އަނެއްކޮޅުން އަހަރެން ކޮންމެ ގޮތަަކަށް އުޅުނަސް ކޮންކަމެއްތަ؟” ޝުދޫ ބުނެލިއެވެ.
“ރާއްޖެއާއި އެތަށް ހާސްމޭލެއް ދުރުގައި ތަޢުލީމް ޙާޞިލްކުރަން ގޮސް އިން މީހަކު ޖެހޭނެ އެކަން ފުރިހަމަޔަށް ކުރަން. މައިންބަފައިން އެކުރާ ބޮޑު ހޭދަޔާއި ވާ ޤުރުބާނީ ގެ އަގުގެ ބަދަލު ފުރިހަމަޔަށް ދޭން ޖެހޭނެހެން އަހަންނަށް ހީވަނީ.” އަހަރެން ބުނީ، ކޮންމެހެން ބުނަންޖެހޭ އެއްޗެކެވެ.
“ތިހެން ނަޞޭހަތްދޭނެކަމެއްނެތް. ތިއުޅެނީ އަހަރެންގެ ބޮލަށް އެރެން. ތީ ނިޔަތް ނުބައި މީހެއް؟” ޝުދޫ އެހެންބުނެފަ، އަހަރެން ރުޅި އަރުވާލިއެވެ.
އެއީ ޝުދޫ ބުނަންޖެހޭ އެއްޗެއްނޫނެވެ. އަހަރެންގެ ނިޔަތް ނުބައިކަން ޝުދޫއަށް އިނގޭނީ ކިހިނެއް ހެއްޔެވެ؟ އަހަންނަކީ ކާކުކަމެއް ޝުދޫއަކަށް ނޭނގޭނެއެވެ. ޝުދޫއަކީ ކާކުކަން އަހަންނަށް ނޭނގޭ ފަދައިންނެވެ. ދެން ހަމަ ކުއްލިއަކަށް ޝުދޫގެ ކުރިމަތީގައި އަހަރެންގެ ނިޔަތް ނުބައިވީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ނިޔަތް ނުބައިކަން ހާމަވާ ޒާތުގެ އެއްވެސް އެއްޗެއް އަހަންނަށް ބުނެވުނު ބާވައެވެ؟ އެކަން ޔަޤީންކޮށްލުމުގެ ގޮތުން ޗެޓްލޮގް ފެށުނު ހިސާބުން އަހަރެން ކިޔާލީމެވެ. އެކަހަލަ އެއްވެސް ޢިބާރާތެއް ނުވަތަ އަކުރެއްވެސް އަހަންނަށް ލިޔެވިފައެއް ނެތެވެ؟
އަހަރެންނަކީ ނިޔަތް ނުބައި މީހެކޭ ބުނުމުން އަހަރެންގެ ގާތަށް އައީ އިންތިހާ ރުޅިއެވެ. އަވަސް އަވަހަށް އަހަރެންގެ ހިތުތެރޭގައި ދައުރުވި ހުރިހާ އިޙްޞާޞްތަކެއް ޗެޓުން ޝުދޫއަށް ފޮނުވާލީމެވެ. ދޫކުރުމެއްނެތި ޝުދޫވެސް ރައްދު ޖަވާބު ދިނެވެ. އަހަރެންވެސް ދުލެއް ނުކުރަމެވެ. ޝުދޫވެސް ހަމަ އެގޮތެވެ. އެކަތިވެސް ދުލެއް ނުކުރިއެވެ. އަހަރެންވެސް އަހަރެންގެ ކޮޅު ގަދަކުރަން މަސައްކަތްކުރީމެވެ. އަހަންނަކީ ނިޔަތް ނުބައި މީހެއްނޫންކަމަށް ބުނީމެވެ. އަހަރެން ނިޔަތް ނުބައި ވެގެން ބުނީ ކީއްކަމާއި، ކުރީ ކީއްކަން ބުނުމަށް ޝުދޫގެ ގާތުގައި އެހީމެވެ. އެކަމެއް ޝުދޫއަކަށް ނުވިއެވެ.
“އަހަންނަކީ ދެން ކޮންމެ މީހަކަށް ވިޔަސް ހެޔޮ، ދީބަލަ ނަންބަރ.” އަހަރެން ރުޅި އައިސްފައި ހުރިވަރުން ޝުދޫއާއި ވާހަކަ ދައްކަން ބޭނުންވިއެވެ.
“މީ އަހަރެންގެ ނަންބަރަކީ. ދެން މާލެތެެރެއަށް ބަހާލާ.” ޝުދޫގެ ނަންބަރު ދެމުން ޝުދޫ ބުނެލިއެވެ.
އަހަރެން އަވަހަށް ފޯނަށް އެނަންބަރު ސޭވްކޮށްލީމެވެ.
“ނޫނޭ. އަހަންނަކީ އެކަހަލަ މީހެއްނޫން. އިރުކޮޅަކުން މިގުޅަނީ.” އަހަރެންގެ ނަމްބަރު ޝުދޫއަށް ދިނުމަށް ފަހު އަހަރެން ބުނީމެވެ.
“އޯ.ކޭ” އަހަރެން ގުޅިއަސް ޝުދޫގެ މައްސަލައެއްނެތްހެން ހީވެއެވެ.
އަވަސް އަވަހަށް ޗެޓުން އޮފް ލައިންވީމެވެ. ފޯންގެ ބެލެންސް ބަލާލިއިރު، މެލޭޝިޔާއަށް ގުޅައިގެން ފަސް މިނިޓްވެސް ވާހަކަދެއްކޭ ވަރަށް ފައިސާއެއް ނެތެވެެ. ދެން ގަޑިއަށް ބަލާލިއިރު، ނަޞީބަކުން އެގާރަ ނުޖަހައެވެ. އަވަސް އަވަހަށް ގެއިން ނިކުމެގެން އަހަރެން ދިޔައީ ފޯން ކާރޑެއްހޯދާށެވެ. އަހަރެމެން އުޅޭގެއާއި ވަރަށް ކައިރީގައި ހުންނަ ފާމަސީއަކުން ފޯން ކާރޑް ލިބެން ހުންނަކަން އެއީ ނަޞީބެކެވެ. ނޫނީ ޖެހޭނީ ތަންކޮޅަށް ދުރަށް ހިނގާށެވެ. މިހާރު އަހަންނަށް ވަގުތު ވަރަށް މުހިއްމުވާނެއެވެ. މާލެއާއި މެލޭޝިޔާގެ ވަގުތުގެ ތަފާތުގައި ތިން ގަޑިއިރު ހުންނާނެއެވެ. ލަހުން ގުޅައިފިއްޔާ ޝުދޫއާއި ދިމާނުވެދާނެއެވެ.
އަހަރެން ފާމަސީއަށްވަދެ ސަކޭތައިގެ ދެ ފޯން ކާރޑް ގަތީމެވެ. ފުރަތަމަ ކާރޑް ފޯނަށް އަޅާލުމަށްފަހު، ދެވަނަ ކާރޑް ވޮލެޓަށް ލީމެވެ. ދެން އަވަސް އަވަހަށް އައީ ގެއަށެވެ. އޭރު ގޭތެރެ އޮތީ ހަމަ ހިމޭނުންނެވެ. ނަޞީބަކުން ގިނަ މީހުން ނިދައިފިއެވެ. އެވެސް، މާދަމާއަކީ ބަންދުނޫން ދުވަހަކަށް ވެގެންނެވެ. ނޫނީ، މިގަޑީގައިވެސް ސްޓާރ ޕްލަސްގެ ގަދަ ވިދުން ބަލަން ކޮންމެވެސް ބަޔަކު ތިބޭނެއެވެ. އެއީ ޝައްކެތްނެތް ކަމެކެވެ.
އަހަރެންގެ ގޮސް ސޯފާގައި ޖއްސާލީމެވެ. ހަމަޖެހިލުމަށްފަހު، ފޯން ނަގާ ޝުދޫއަށް ގުޅާލީމެވެ. ދެތިން ފަހަރަށް ރިންގްވިތަނާހެން ޝުދޫ ފޯން ނަގައިފިއެވެ.
“އައްސަލާމް ޢަލައިކުމް. ޝުދޫތަ؟” އަހަރެން މަޑުމަޑުން އަނހާލީމެވެ.
“އާނ. ކީއްކުރަންތަ ތިގުޅީ؟” ޝުދޫގެ އަޑު ފޯނުން ހުންނަނީ ވަރަށް މަޖާކޮށެވެ.
“ކީއްވެގެން އަހަންނަކީ ނިޔަތް ނުބައި މީހެކޭ ބުނީ.. އެކަން ސާފްކުރަން އަހަރެން މިގުޅީ.” އަހަރެން ތަންކޮޅެއް ބާރަށް ބުނީމެވެ.
“ބުނަންވެގެން ހަމަ ބުނީ. އަދިވެސް ބުނާނަން. ތީ ހަމަ ނިޔަތް ނުބައި މީހެއް.” ޝުދޫ އެހެން ބުނުމުން އަހަރެން އައީ އަމަށަކު ރުޅިއެއް ނޫނެވެ.
“ތީ ކާކުތަ؟ ކިހިނެއްތަ ވެގެން ތިއުޅެނީ؟ އަހަންނަކީ ނިޔަތް ނުބައި މީހެކޭ ޝުދޫއަކަށް ނުބުނެވޭނެ. އަހަރެން ނިޔަތް ނުބައިވެގެން ކީއްތަ ޝުދޫއަށް ނުވަތަ ޝުދޫގެ ޢާއިލާއަށް ކުރީ؟ އަޅެ ބުނެބަލަ.” އަހަރެން އެއް ނޭވާއިން ބުނެލީމެވެ.
“ތީ ކާކުތަ؟ ކިހިނެއްތަ ވެގެން ތިއުޅެނީ؟ އަހަންނަކީ ނިޔަތް ނުބައި މީހެކޭ ޝުދޫއަކަށް ނުބުނެވޭނެ. އަހަރެން ނިޔަތް ނުބައިވެގެން ކީއްތަ ޝުދޫއަށް ނުވަތަ ޝުދޫގެ ޢާއިލާއަށް ކުރީ؟ އަޅެ ބުނެބަލަ.” އަހަރެން އެއް ނޭވާއިން ބުނެލީމެވެ.
“މީ ޝުދޫއެއްނު. އަހަރެން ހީކުރީ ތިހާ ވިސްނޭ މީހުން އެހާ އަވަހަށް ރުޅިއެއް ނާންނާނެކަމަށް. އެކަމަކު އެހެނެއް ނުވިދޯ… އަހަންނަށް އަދި އަހަރެންގެ ޢާއިލާއަށް ކަމެއް ނުކުރިޔަސް، މީހާގެ ނިޔަތް ގޯސްވެދާނެ. އެވަރު ދަސްކޮށްބަލަ ފުރަތަމަ.” ޝުދޫ ހަރުކަށިކޮށް ބުނެލިއެވެ.
“އަހަންނަށް އެއްޗެއް ދަސްކޮށްދޭންތަ ތިއުޅެނީ؟ ” އަހަރެން ބުނީމެވެ.
“ނޫނޭ.. އެހެނެއް ނޫން.. ތީހިރީ ހުރިހާ އެއްޗެއް ދަސްވެފަ! މާބޮޑަށް އިނގިފި ތިހުންނަނީ! އިތުރަށް ތިބޮލަށް ވައްދަންޖެހޭ އެއްޗެއް ހުރި ހެނެއް ހިޔެއްނުވޭ.” ޝުދޫ
ހައްތަހާވެސް އަހަރެން ރުޅި އަރުވަނީއެވެ.
“އަހަންނަކީ އެންމެ މޮޅު މީހާއެއްނޫން. އެކަމަކު، އަހަންނަކީ ނިޔަތް ނުބައި މީހެއްނޫން. ނިޔަތް ނުބައި މީހެއްނޫން. އަދިވެސް އެއްފަހަރު މިބުނަނީ އަހަންނަކީ ނިޔަތް ނުބައި މީހެއް ނޫނޭ..” އަހަރެންގެ މައްސަލައަކީ ޝުދޫ އެހެން ބުނުމެވެ.
“އާޒިމް. ދެން އެބަހުގަ ހިފާ ނުދަމަބަލަ. މީހަކު މަޖަލަށް ހަމަ އެއްޗެކޭ ބުނެދާނެދޯ.. އެވަރުވެސް ނުދަންނަ ގަމާރެއްދޯތީ؟” ޝުދޫ މަލާމާތްކޮށްލިއެވެ.
“އަހަންނަކީ ގަމާރެއްނޫން.. ދިރިއުޅުމުގައި އަހަރެން ވަރަށް ސީރިއަސްވާނެ.. އެހެންވެ، ޝުދޫވެސް އަދި އެހެން މީހަކުވިޔަސް، އަހަންނާއި ދިމާލަށް އެއްޗެކޭ ބުނަންޖެހޭނީ ވަަރަށް ވިސްނާފަ. ނޫނީ..” އަހަރެންގެ ވާހަކަ ޝުދޫ މެދު ކަނޑާލިއެވެ.
“އެހެންނޫނީކީއްކުރާނީ؟ އެއްވެސް ކަމެއް ނުކުރެވޭނެ.. ފުރަތަމަ، ތިމާ މީހާގެ ރުޅި މައިތިރިކޮށްފަ ހަމަ ބިމަށް ފައިބަ ބަލަ. އެއަށް ފަހު ވާހަކަ ދައްކަބަލަ.” ޝުދޫގެ ރާގު މަޑުމަޑުން ރަހްމަތްތެރި ރާގަކަށް ބަދަލުވަމުން ދާކަން އަހަންނަށް ފާހަގަކުރެވުނެވެ.
“އަހަރެން މިއުދުހެނީއެއްނޫނޭ..” ފޯންކާރޑް ހުސްވެގެން ފޯން ކެނޑުނީ އެހިސާބުންނެވެ.
“އަހަރެން ހީކުރީ ރުޅިއައިސްގެން ފޯން ކަނޑާލީކަމަށް.” ދެވަނަ ކާރޑް އަޅާލުމަށްފަހު، ޝުދޫއަށް ގުޅުމުން ޝުދޫ ބުނީ އެހެންނެވެ.
“ނޫނޭ ނެޓްވޯކް ދިޔައީ..” ފޯން ކާޑު ހުސްވި ވާހަކަ ބުނާކަށް އަހަރެން ބޭނުމެއްނޫނެވެ.
“އެހެންދޯ.. ދެން އާޒިމްގެ ދިރިއުޅުމުގެ ނެޓްވޯރކް ނުދަނީސް ރުޅި މައިތިރިކޮށްބަލަ؟ ކިހާ ވަރެއްތަ ޢުމުރުން؟” ޝުދު އަނހާލިއެވެ.
“އަހަންނަށް ހަތާވީސް.. ކޮބާތަ މައްސަލައަކީ؟” އަހަރެން ބުނީމެވެ.
“ތީ މައްސަލައަކީ! އަހަންނަށް އަދި ކިރިޔާ ސަތާރަ މިވީ. އިނގޭތަ؟ މިއުޅެނީ ޖެނެރޭޝަން ގެޕްގެ މައްސަލަ. ތީ މިހާރު މުސްކުޅިއެކޭ.. އަހަރެމެން ޒުވާނުންނާއި ޗެނަލް ދިމާކުރަން ވަރަށް އުދަނގޫވާނެ.” ހެމުންހެމުން ޝުދޫ ބުނެލިއެވެ.
“ކޮން ޖެނެރޭޝަނެއް ޗެނަލެއްތަ؟ އަހަންނަކީ މުސްކުޅިއެއްވެސްނޫން. ޝުދޫ ތިއުޅެނީ ދެން މާމޮޅު މީހަކަށްވެގެންދޯ. ތީ މެލޭޝިޔާފަދަ ބޭރުޤައުމުތަކަށް ދިއުމުން ތިނޫން އަންހެން ކުދިންނަށްވެސް ވާގޮތެކޭ. ތީ ދެން ކާކުތަ؟” އަހަރެން ބޭނުމީ ޝުދޫ ރުޅި އަރުވާލައިގެން ނަމަވެސް، ގިނައިރު ފޯންގައި އޮންނާށެވެ.
“ޝުދޫ. ދެން އޯ.ކޭ. ތީ، މާ އަވަހަށް ރުޅި އަންނަ މީހެއް. އެއީ މަމިބުނާ ޢުމުރުގެ ތަފާތު. ހަމަ އަސްލުވެސް ޢުމުރުގެ ތަފާތަކީ ދިރިއުޅުުގައި ބައެއް ފަހަރު މައްސަލައަކަށް ވާކަމެކޭ. މިއޮތީ އެކަން ފެންނާށެއްނު.”ޝުދޫ ބުނެލިއެވެ.
“ދެން އޯ.ކޭ އަހަންނަށް މާފްކުރޭ. އަހަންނަށް މާ އަވަހަށް ރުޅި އިސްކުރެވުނީ. ޝުދޫ ބުނިހެން ޖެނެރޭޝަން ގެޕްގެ މައްސަލައަކަށްވާނީ އެއީ. އެކަމަކު، ދެން އަޅާނުލާ. އަހަންނަށް ކިޔުނު ހުރިހާ އެއްޗަކަށް ޝުދޫގެ ފަރާތުން މަޢާފަށްވެސް އެދެން. މަޢާފްކުރާނެކަމަށް ހީކުރަން.” އެންމެ ފަހުން، އަހަރެން މާފަށް އެދުނީމެވެ.
“ކުރިންވެސް ހަމަ ތިގޮތަށް ވާހަކަ ދެއްކެން އޮތްދޯ. މީހަކު ބަހެއް ބުނާއިރަށް، އެހާ އަވަހަށް ރުޅި އަންނާކަށް ނުވާނެ. އިނގޭތަ މީހާގެ ގޮތް ބަލަންވެސް މީހުން އެއްޗެހި ބުނާނެ. ދެންވެސް އެކަން ހަނދާންކޮށްލާތި.” ހަރުކަށިގޮތަކަށް ޝުދޫ ބުނެލިއެވެ.
“ދެން ވިސްނާނަން. ވާހަކައެއް އަހަންތަ؟” އަހަރެން ބުނީމެވެ.
” އާނ. އަނހާބަލަ؟” ޝުދޫ އެއްބަސް ވިއެވެ.
“ބިޓެއް ހުރޭތަ؟” އަހަރެން އަނހާލީމެވެ.
“ނުހުރޭ. އަދި ބޭނުމެއްވެސްނޫން.”ޝުދޫ އާދައިގެ ރާގަކަށް ބުނެލިއެވެ.
“އެހެންތަ؟ މާރަނގަޅަށްދޯ މިދިމާވީ؟” އަހަރެން އަހާލީމެވެ.
“ވެދާނެ ތިހެންވެސް. އާޒިމް. އަހަރެން ދެން ނިދަނީ. މިހާރު މިތާ ގަޑިން ހަތަރު ގަޑި ބައި. މާދަމާޖެހޭނެ ކޮލެޖަށްވެސްދާން.” ކުޑަކޮށް އާފުރިލަމުން ޝުދޫ ބުނެލިއެވެ.
“މީހަމަ ކޮންމެ ރެއެއްގެވެސް އާދަތަ؟ ތިހާ ލަހުން ނިދާފައި ގޮސް ކޮން ކިޔެވުމެއްތަ ކިޔެވޭނީ؟” އަހަރެން އަނހާލީމެވެ.
“އަސްލު އަހަރެން ކިޔަވާހިތަކުން ނޫން މެލޭޝިޔާގައި މިކިޔަވަނީ! މީ މަންމައަށް ކޮށްދޭކަމެއް!” ކަންނެތް ރާގަކަށް ޝުދޫ ބުނެލިއެވެ.
“އެކަމަކު، ތިހެން ކިޔަވާކަށް ނުވާނެ.. ކިޔެވުމުން ފައިދާކުރާނީ ތިމާގެ މުސްތަޤްބަލަށް. ކިޔަވާހިތުން ކިޔަވައިގެން މެނުވީ އޭގެ ފައިދާއެއް ނުކުރާނެ.” އަހަންނަށް ހީވަނީ އެހެންނެވެ.
“ދެން އޯ.ކޭ ނިދަނީ..” ޝުދޫ ފޯން ބޭއްވީ އެހެން ބުނުމަށް ފަހުގައެވެ.
އަހަރެންގެ ހިތަށް އެރިއެވެ. ޝުދޫ މީ އާދައިގެ އަންހެން ކުއްޖެއް ނޫންތާއެވެ. ނިދަނީ ކޮންމެ ރެއަކު ފަތިސްވީމައެވެ. ދެން އިރުއެރުމުން އެދަނީ ކޮލެޖަށެވެ. ޝުދޫއަށް ކިޔެވޭނީ ދެން ކޮން އެއްޗެއް ހެއްޔެވެ؟ އަހަރެންގެ ޓީޗަރު ބުނެފައިވާ ގޮތުން ފުރިހަމަ ނިދި ލިބިގެން މެނުވީ ފުރިހަމަ ތަޢުލީމެއް ޙާޞިލެއް ނުކުރެވޭނެއެވެ. އަނެއްކޮޅުން، ޝުދޫ އެބުނީ ވަރަށް މޮޅު އެއްޗެކެވެ. ކިޔަވަނީ ކިޔަވާ ހިތުން ނޫން ކަމުގައެވެ. ޝުދޫ އެކިޔަވަނީ މަންމައަށްޓަކަޔޯލައެވެ. ކިހާ ފުރިހަމަ ހެއްޔެވެ؟ މިޤައުމުގައި މަތީ ތަޢުލީމް ނުލިބިގެން، ބަޔަކު ފެން ބޮވަމުންދަނީއެވެ. އެފުރުޞަތު ލިބުމުން ބޭކާރު ކޮށްލާނީ މޮޔައިން ނޫން ބާވައެވެ؟ މީވެސް ދެން އިންސާނުން ދުނިޔޭގައި އުޅޭގޮތް ބާވައެވެ؟ މާތަނަވަސް ޢާއިލާއަކަށް އުފަންވުމުންވެސް އެހެން ވެދާނެއެެވެ. ނޫނީ، ޝުދޫގެ އެހެން މައްސަލައެއް އެބައުޅެއެެވެ. އަހަރެން ހިތަށް އަރައެވެ. މެލޭޝިޔާގައި ދަންވަރު ނުނިދާ ޝުދޫ ކުރާނީ ކޮން ކަމެއް ހެއްޔެވެ؟ ދެން ނޭނގެއެވެ. އެކަމަކު، ދެން ގުޅާ ފަހަރަކުން އެކަން އޮޅުން ފިލުވާނަމެވެ. އަހަރެންގެ މަސައްކަތުން ޝުދޫގެ ހިތުގައި ތަޢުލީމަށް ލޯބިޖެއްސިއްޖެނަމަ، އެކޮށްދެވުނީވެސް ކިހާ ބޮޑު ހެޔޮކަމެއް ހެއްޔެވެ؟ އަހަރެންގެ ދެން ގުޅާ ފަހަރަކުން ވާހަކަ ދައްކާނީ އެގޮތަށެވެ.
“ތެދުވޭ.. ދެން ތެދުވޭ.. މިހާރު ގަޑިން އަށްގަޑި ބައިވަނީ… ދެން ތެދުވޭ އޮފީހަށްދާން..” ޒަހާ އަހަންނަށް ގޮވަން ފެށިއެވެ.
“މިތެދުވަނީ.. ” ފޯނުން ގަޑި ބަލާލަމުން އަހަރެން ބުނީމެވެ.
އޭރު ގަޑިން އަދި ކިރިޔާ އަށެއް ޖެހީއެވެ. އަހަރެން ގަޑިއަށް އޮފީހަށް ފޮނުވަން ގޭ މީހުން ބޭނުމަސް، އެއީ ދެން ބޮޑުވަރުކަން ނޭނގެއެވެ. އަހަރެން އަނެއްކާވެސް އޮށޯތީއެވެ. ތަންކޮޅެއް ލަހުން ހޭލިޔަސް ޖެހޭނީ ކޮން މައްސަލައެއް ހެއްޔެވެ؟ އޮފީހަށް ގަޑިއަށް ދެވޭނެއެވެ. އަހަންނަކީ ފިސާރި އަވަސް މުރާލި މީހެކެވެ. އަހަރެންގެ އޮފީހަށް ދުވަހަކުވެސް އަހަރެން ގަޑިއެއް ނުޖެހެއެވެ. ނުވެސް ޖެހޭނެއެވެ.
“އޭ.. ކޮން އިރަކުން ހޭލަން ތިއޮންނަނީ؟ މިހާރު އަށްގަޑި ފަނަރަވީ..” ދެން އައިސް ގޮވީ ސުހާއެވެ.
“ކީއްވެތަ ތިހާ ލަހުން ތިގޮވަނީ؟ ތިހެން ގޮވާތީއޭ އަހަރެން ގަޑި ޖެހެނީ..” އަހަރެން ކުޑަކޮށް ރުޅި ގަދަ ވިއެވެ.
އަވަސް އަވަހަށް ތެދުވެގެން ފާޚާނާ އާއި ދިމާލަށް ދިޔައީމެވެ. ތަޅުގައި އަވަސް އަވަހަށް ލުއްކެއްޖަހާ ހުޅުވަން ހިފާލީމެވެ. ހުރީ ތަޅު ލާފައެވެ. ފާޚާނާގައި މީހަކު އުޅެނީއެވެ. އަހަންނަށް ހަމަ ޔަޤީނެވެ.
“ކާކުތަ މިހާރު ފާޚާނާގައި އުޅެނީ؟” އަހަރެން އަނހާލީމެވެ.
“ޒަހާ..” އަވަސް އަވަހަށް ސުހާ ބުނެލިއެވެ.
“ތި ދިޔައީ މިއަދުގެ ދުވަސް…” ކޮޓަރީގެ އެދުމައްޗަށް ވެއްޓިގަންނަމުން އަހަރެން ބުނީމެވެ.
ދެން އުޅޭނެ ކަމެއް ނެތެވެ. މިއަދުގެ ދުވަސް މިދިޔައީއެވެ. ހަތަރެސްކަން ހަމަ ވީއެވެ. ފާޚާނާގައި އުޅެނީ ޒަހާއެވެ. ހަމަ އެކަނި މޫނު ދޮވެލަންވެސް އޭނާއަށް ގަޑިއިރެއް ބޭނުންވާނެއެވެ. ވީއިރު، ފެންވަރަން އަދި ކިހާ އިރެއް ބޭނުންވާނެ ހެއްޔެވެ؟ އަހަރެންގެ ހިތަށް އެރިއެވެ. ޒަހާ ފާޚާނާގައި އެހާ ގިނައިރުވަނީ ކީއްވެގެން ހެއްޔެވެ؟ ރީތީގެ މުބާރާތަކަށް ތައްޔާރުވަނީކަން ނޭނގެއެވެ. އެހެން އުޅެގެންވެސް 2011 ވަނަ އަހަރުގެ ރީތީގެ ރާނީކަން ދިވެހިރާއްޖެއަށް ލިބިއްޖެއްޔާ ކިތަންމެހާވެސް ރަގަނޅެވެ. އެވެސް މިގޭ ޒަހާ އަށެވެ. ދެން މިހެންވެސް ބުނެވޭނެއެވެ. މޫނުގައި ހުރިހާ އެއްޗެއް އުނގުޅާނެއެވެ. އެފުޅި ފުޅިތަކަށް ކިޔާ ނަމެއް އަހަންނަކަށް ނުވެސް އިނގެއެވެެ. އެއީވެސް އަޖައިބެކެވެ. އަންހެން ކުދިން ރީތިކަމަށް މަރުދެނީއެވެ. ފިރިހެނުންވެސް ހަމަ އެވަރު ހެއްޔެވެ؟
“ނަޞީބެއްނު ކުރިން ނިކުތްކަން.. ” ޒަހާ ނުކުތުމުން އަހަރެން ބުނީމެވެ.
އަވަސް އަވަހަށް ފެންވަރައިގެން ނުކުތީމެވެ. ދެން ދިޔައީ އޮފީހަށެވެ. ނަޞީބަކުން އޮފީހަށް ވަތްއިރު، ގަޑި ނުޖެހި ހުރީ ފަސް ސިކުންތެވެ. އަހަރެން ވަރަށް އުފާވިއެވެ. ގަޑިޖެހުމަކީ އަހަރެން ވަރަށް ދެރަވާކެމެވެ. އަނެއްކޮޅުން، އޮފީހަށް ދިޔައިރު ހުރިހާ މީހުންވެސް ތިބީ އޮފީހުގައެވެ. އަހަރެމެން އޮފީސް އެންމެން ގަޑިޔަށް އަންނާނެއެވެ. ގަޑިޔަށް ފަރުވާތެރިވުމުގައި އެވަރެއް ނޯންނާނެއެވެ.
“ހަލޯ ކީއްތަ ތިކުރަނީ؟” އޮފީސް ގޮނޑީގައި އިށީދެ ހަމަޖެހިލުމަށްފަހު، ފުރަތަމަވެސް އަހަރެން ގުޅީ ޝުދޫ އަށެވެ.
“ކޮލެޖްގަ. ކޮލެޖަގް. ކޮލެޖްގަ. ކިޔަވަނީ. ކިޔަވަނީ.. ކިޔަވަނީ.. ބިޒީ..” ޝުދޫ އެހެން ބުނުމަށްފަހު، ފޯން ބޭއްވިއެވެ.
އަހަރެން އިތުރަށް ޝުދޫއަކަށް ނުގުޅަމެވެ. އުދަނގޫވެދާނެތީއެވެ. ކޮލެޖްގައި ކިޔަވަން އިންނަގަޑީގައި ގުޅުމުން އަހަންނަށްވިޔަސް، އުދަނގޫވާނެއެވެ. އަހަންނަކީ އެވަރު ނޭނގޭ ކުޑަކުއްޖަކަށްވާކަށް އަހަރެން ބޭނުމެއްނޫނެވެ. އަނެއްކޮޅުން، ޝުދޫއަކީ އެހާ ލަހުން ނިދާކުއްޖެކެވެ. އެފަދަ އަންހެން ކުއްޖަކަށް ކޮލެޖުގައި ކިޔަވަން އިންނަގަޑީގައި އުދަނގޫ ކުރުމުން، އެއްވެސް އެއްޗެއް ބޮލަށް ނުވަންނާނެކަން ޔަޤީނެވެ. ވީއިރު، މަޑުމަޑުން ހުރުން މާ ރަނގަޅު ނޫންހެއްޔެވެ؟
“ހިނގާ ސަޔަށް ދާން.” ކުއްލިއަކަށް އައިސް އިމާން ބުނެލިއެވެ.
“އާނ. ހިނގާ ދަމާ.” ގޮނޑިން ތެދުވަމުން އަހަރެން ބުނީމެވެ.
އަހަންނާއި އިމާން މަސައްކަތް ކުރަނީ އެއް އޮފީހެއްގައެވެ. އިމާން އަކީ އަހަންނަށްވުރެ ހައެއްކަ އަހަރު ހަގު ކުއްޖެކެވެ. ވަރަށް މަޖާވާނެއެވެ. އެހާމެ އަނގަވެސް ގަދަވާނެއެވެ. އަހަރެމެން ދެމީހުންގެ މިޒާޖުގައި މާބޮޑު އެއްގޮތް ކަމެއްނެތަސް އޮފީހުގައި މައްސަލައެއް ނުޖެހެއެވެ. އަހަރެމެން ދެމީހުން މަސައްކަތް ކުރަނީ އޮފީހުގެ އެއް ދާއިރާގައެވެ. ގިނަ ދުވަހު ސަޔަށްދާނީވެސް އެއްކޮށެވެ. އުމުރުން ހަގުވުމުން ހުންނަ ވިސްނުމުގެ ހަނިކަމުގެ އިތުރުން، އެއީ ވަރަށް ފުރިހަމަ މީހެކެވެ.
” ކޮބާ؟ ދެން ކޮން އިރަކުން މީހަކާއި އިންނަނީ؟” ކޮފީ ތަށި ތުމުގައި ޖަހާލަމުން އިމާން އަނހާލިއެވެ.
” ދުވަހަކުވެސް ނީންނާނަން.” އަވަސް އަވަހަށް އަހަރެން ބުނީމެވެ.
” ތިހެނެއްނުވާނެ. ކޮންމެވެސް ދުވަހަކުން އާޒިމްވެސް މީހަކާއި އިންނާނެ. މީހަކާއި ނީނދެ ފިރިހެނަކަށް ނުހުރެވޭނެ.” މަޖާ ރާގަކަށް އަޑަން ބާރުލަމުން އިމާން ބުނެލިއެވެ.
” ތިހެނެއް ނުވާނެ. ބަލާބަލަ ސައިކުރާ ނައީމް ބެޔަށް. މީހުން ބުނާތީ އަޑުއަހަން، ތެދުވެރި ލޯބީގައި ފަނާވި، ތެދުވެރި އިންސާނެކޭ އެއީ. އަހަންނަށްވެސް ހަމަ އެހެން ހުރެވިދާނެއްނު.” އަހަރެން ސަމާސާ ރާގަކަށް ބުނީމެވެ.
” ހުރިހާ މީހުން އެހެނެއް ނުވާނެ. އޭ އެއްކަލަ ޝިފާ ފެނުނު މަގުމަތިން ކުރިންރޭ. މިހާރު ވަރަށް ރީތި.” ޝިފާއަކީ އިމާންގެ ގާތް އަންހެން ކުއްޖެކެވެ.
” އެހެންތަ؟ އަހަންނާއި ދިމާކުރުވަންވީނު.” އަހަރެން ބުނީމެވެ.
” މައްސަލައެއްނޯންނާނެ. އެކަމަކު، ކޮފީއެއް ދޭންޖެހޭނެ.” އިމާން ބުނެލިއެވެ.
” އޯ.ކޭ. މައްސަލައެއް ނޯންނާނެ.” އަހަރެން ބުނީމެވެ.
އަހަރެންގެ ފޯން ރިންގްވާން ފެށީ އެހިސާބުންނެވެ. އަހަރެންގެ ފޯން ރިންގް ވާން ފެށުމުން، އަހަރެން ފޯނަށް ބަލާލީމެވެ. ހަމަ އެވަގުތު އިމާންވެސް ފޯނަށް ބަލީލިއެވެ. ގުޅަނީ ޝުދޫއެވެ. އަހަރެން ފޯންބިޒީކޮށްލީ ފަހުން ގުޅަން ވެގެންނެވެ.
” އޭ ކާކުތަ އެގުޅަނީ؟ ހާދަ ދިގު ނަންބަރެކޭ އެއީ؟” އިމާން ބުނެލިއެވެ.
” އެއީ ޝުދޫ ކިޔާ ކުއްޖެއް. މެލޭޝިޔާގައި ކިޔަވަން ހުންނަނީ. ކުޑަކޮށް ބޯ ސަކަރާތްކުއްޖެއްހެން ހީވަނީ؟” އަހަރެން ފާޑަކަށް ބުނެލީމެވެ.
” ދެން ގުޅާބަލަ. ފަހަރެއްގެ އަލަތު އަނބިމީހާއަށްވެސް ވެދާނެއްނު.” އިމާން ވިސްނާލީ ވަރަށް ދުރަށެވެ.
” ތިހާ އަވަހަށް ހުވަފެން ދެކުމަކީ އަހަރެންގެ ގޮތެއްނޫން. އަނެއްކޮޅުން ވަރަށް ރުޅި ގަދަ އަންހެން ކުއްޖެއް އެއީ. އެންމެ ފުރަތަމަވެސް ޝުދޫއާއި އަހަންނާއި ޖެހުނީ ޒުވާބަކަށްދާން. ދެން ވިސްނާލަބަލަ، އެވަރުގެ މީހަކު އަހަރެންގެ އަންބަކަށްވެއްޖެއްޔާ، އަހަރެން ޖެހޭނީ އަމިއްލަ ކަރަށް މަޅިއެއް މަހާށެއްނު.” އަހަރެން ބުނީ ކަންތައް ހަމަވެދާނެގޮތެކެވެ.
” ދެން ތިވާހަކަ ނުދައްކާ. ހިނގާ އޮފީހަށް ދަމާ.” ވޭޓަރު ބިލް ގެނައުމުން އިމާން ބުނެލިއެވެ.
” އަހަރެން ދާނީ އިރުކޮޅަކުން.” އަހަރެން އެހެން ބުނުމުން އިމާން ދިޔައީ އޮފީހަށެވެ.
އިމާން ދިއުމުން އަހަރެން ޝުދޫއަށް ގުޅީމެވެ.
” ކީއްކުރަންތަ ގުޅީ؟” އަހަރެން ފުރަތަމަވެސް ބުނީ އެހެންނެވެ.
” ކުލާސް ބުރޭކްގަޑިވީމާ، އޭރު އަހަރެން މިގުޅާލީ. އެކަމަކު، އަނެއްކާވެސް މިވަންނަނީ ކުލާހަށް.” ޝުދޫ ބުނެލިއެވެ.
” އެހެންތަ؟ އަވަހަށްދޭ. ރަނގަޅަށް ކިޔަވައްޗޭ.” އަހަރެން ސަމާސާ ރާގަކަށް ބުނެލީމެވެ.
” ކިޔަވާ ވާހަކަ ނުދައްކަބަލަ. ކޮންމެވެސް އެހެން ވާހަކައެއް ދައްކަބަލަ.” ޝުދޫ އެހެން ބުނުމުން އަހަރެން ހައިރާންވާކަށް ނުޖެހެއެވެ.
” ދެން ކޮން ވާހަކަ އެއް ދައްކާނީ؟ އަހަންނަށް ބުނެވޭ އެއްޗަކުން މިދޭތެރޭ ގައި ހިފާނީ ހުޅު.” އަހަރެން ބުނީމެވެ.
” ތިފާޑަށް ވާހަކަ ދައްކަންޏާ، މުޅިންވެސް ހިފާނީ ހުޅު.” ޝުދޫކުއްލިއަކަށް ފޯން ކަނޑާލިއެވެ.
އަހަރެން ދެވަނަ ފަހަރަށް ގުޅީމެވެ. ޝުދޫ ފޯން ކަނޑާލިއެވެ. އެހެން ދިހަ ވަރަކަށް ފަހަރު ގުޅައިގެންވެސް ޝުދޫ ފޯނެއް ނުނެގިއެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. އެގޭހާވެސް އެއްޗަކީ ޝުދޫ މީ އާދައިގެ އަންހެން ކުއްޖެއްނޫންކަމެވެ. ކިޔަވާ ވާހަކަ ދެއްކުމުން ޝުދޫގެ ގާތަށް މިއޮތް އަންނަ ރުޅިއެއް ދޯއެވެ. ހީވަނީ، ކައިރީގައި ހުރެވޭނަމަ، އަހަރެން ކާވެސްލާނެހެނެވެ. ޝުދޫގެ ރުޅީގައި ހުޅުހިފަނީވެސް ދެން މާ އަވަހަށެވެ. އެކަމަކު، މިއީ ދެން އާދައިގެ ކަމެއްވެސް ނޫންތާއެވެ. ޝުދޫ އެބުނީ ތެދެކެވެ. ކިޔަވާ ވާހަކަ ދައްކަނީ ކީއްކުރަން ހެއްޔެވެ؟ އަނެއްކޮޅުން ޝުދޫ ކިޔެވިޔަސް، ނުކިޔެވިޔަސް އަހަންނަށް ކީއްހެއްޔެވެ؟ ޝުދޫއަށް ޕީ.އެޗް.ޑީ ފާސް ލިބުމުން، ބޮލުގައި އޮންނަ ތޮފި އެއްލާލާ ވަގުތު، އަހަންނަށް ލިބޭނީ ކޮން އުފަލެއް ހެއްޔެވެ؟ މިކުރެވެނީ މޮޔަ ކަމެކެވެ. މެލޭޝިޔާގައި ހުރި އަންހެން ކުއްޖަކަށް ނަޞޭހަތްދޭން އަހަރެން މީ ކާކުހެއްޔެވެ؟ ހަމަ އެކަނި، މައިންބަފައިން ރުއްސަން ޝުދޫ ކިޔަވަނީ، ކިޔަވާ ހިތަކުން ނޫނެވެ. ވީއިރު، އަަހަރެންގެ ބަސް ޝުދޫ އަނހާނެ ހެއްޔެވެ؟ އަހަރެން މީކާކު ހެއްޔެވެ؟ އަހަންނަށް ޝުދޫއަށް ކުރެވޭނީ ކޮން އަމުރެއް ހެއްޔެވެ؟ އަހަރެން މިއުޅެނީ މޮޔަވެގެންކަން ނޭނގެއެވެ. ފޯން ބިލު ކުޑަވެގެން ކަން ނޭނގެއެވެ؟ މާމޮޅަށް ވާހަަކ ދެއްކޭ ކިޔަވާފައި މެލޭޝިޔާގައި ހުރި ޝުދޫއަށް ހެޔޮއެދެން އަހަރެން މީ ކާކުހެއްޔެވެ؟ މީ އަމިއްލަ އަމިއްލައަށް އުޅޭ ޒަމާނެކެވެ. ދެން ތިބީން އުޅޭގޮތެއް ބަލާކަށް ނުޖެހޭނެއެވެ. އެހެން ބަލަން ހަދައިގެން ތިމާ މަގުން ކައްސާލަނީވެސް މަދެއްކޮށެއްނޫނެވެ. އެކަމަކު ޝުދޫގެ މައިން ބަފައިންވެސް ބުނާނެތާއެވެ. އަހަރެމެންގެވެސް އަންހެން ދަރިޔަކު ބޮޑުވެފައި އިންނާނެއެވެެ. މިހާރު މެލޭޝިޔާގައި ވަރަށް ފުރިހަމަޔަށް އޭނާ ކިޔަވާނެކަން ކަށަވަރެވެ. ދަންވަރުދާ ހަތަރުދަމު، ޗެޓްކޮށް، ފަތިސްވީމާ ބައިގަޑައިރު ނިދާފައި، ކޮލެޖަށްގޮސް ތާއްޔާޖެހިފައި އިނދެގެން ޝުދޫއަށް ވަރަށް ފުރިހަމަޔަށް ކިޔެވޭނެތާއެވެެ. ޝުދޫގެ މައިންބަފައިންނަށް އެކަމެއް ނޭނގޭނެތާއެވެ. ދެން މިހެން ބުނެގެންވެސް ގޯސްވާނީ އަހަންނެވެ. ނުބޭހާކަންތަކާއި ބެހެންޏާ އެހެން ވާނެތާއެވެ.
” ހާދަ މޫޑް އޮފްވެފަ؟” އަހަރެން ގޮސް އޮފީހަށް ވަނުމުން އިމާން އަނހާލިއެވެ.
” މިއުޅެނީ ހުޅު ހިފައިގެން؟” އަހަރެން މަޑުމަޑުން ބުނީމެވެ.
” ކޮންތާކު ހުޅުހިފީ. ކިތައްމީހުން މަރުވީ؟ އަވަހަށް ފަޔަރ ސަރވިސްއަށް ގުޅާ؟” ވަރަށް ސީރިއަސް ރާގެއްގައި އިމާން ބުނެލިއެވެ.
” ސާބަސް. ތަނެއްގައެއްނޫނޭ ހުޅުހިފީ. ބުނީމެއްނު ޝުދޫއެއްގެ ވާހަކަ. އޭނަ މާ އަވަހަށް ރުޅި އަންނަނީ. އަހަރެން ކިޔަވާ ވާހަކަ ދައްކަންފެށުމުން ހަމަ ވަގުތުން ފޯން ކަނޑާލައިފި. ދެން ކިހިނެތަ ހަދާނީ؟” މަޑުމަޑުން ހިނގާލާފައިގޮސް މޭޒުކައިރީގައި އިށީންނަމުން އަހަރެން ބުނީމެވެ.
” ތިވީ މާރަނގަޅަކައްނު. ދެން ޝުދޫ ގާތު ކިޔަވާ ވާހަކަ ނުދައްކާ. އޭނާ ބޭނުންވާގޮތަށް ވާހަކަ ދައްކަބަލަ. ޓީން އޭގް ޢުމުރެ ކުދިންނާއި މިޒަމާނުގަ މުޢާމަލާތްކުރަންޖެހޭނީ ވަރަށް ރީތިކޮށް. ބޮލަށް ޗިޕްޖަހާލެވިއްޖެއްޔާ ވަރަށް ފަސޭހަވާނެ އެމީހުންނާއިއެކު އުޅެން. އެކަމަކު އާޒިމްއަށް މިބުނާ ޗިޕް ޝުދޫގެ ބޮލަށް ޖެހިދާނެބާ؟” އިމާން ހައްލު ކިޔައިދެމުން ދިޔައެވެ.
” ތިކަމާއި އަހަރެން ޖެހޭނީ މައިކްރޯ ސޮފްޓްގެ ބިލްގޭޓްސްއަށް ގުޅަންދޯ. ޗިޕެއް ނުޖެހުނަސް، ޗިޕްސް ޕަކެޓެއް އަހަންނަށް ޝުދޫއަށް ފޮނުވިދާނެ..” އަހަރެން ސަމާސާކޮށްލީމެވެ.
” އޭ.. ތިއުޅެނީ ސީރިއަސް ވެގެނެއްނޫންދޯ.. އަހަރެން ހީކުރީ ސީރިއަސްކަމަށް.” އިމާން ހީކުރީ އަހަރެން ޝުދޫއާއި މޮޔަވެގެން އުޅޭކަމަށެވެ.
” އައްޗި. ދުވަހަކުވެސް ނުވާނެ. އެއީ މާ އަވަހަށް ހުޅު ހިފާ ކުއްޖެއް. އަހަރެން ކިހިނެއް އަބަދު ފެން ބާލިދީއެއް ކޮނޑަށް ލައިގެން ޝުދޫގެ ގާތުގައި އިންނާނީ.” ރުޅިގަދަ މީހުންނާއިއެކު، އަހަންނަކަށް ނޫޅެވޭނެއެވެ.
” ދެން އަހަންނާއި ޙަވާލުކޮށްބަލަ. އޭރުން ޝިފާމެންގެ ބޮލަށް ޗިޕްޖެހިގެން ޝުދޫގެ ބޮލަށްވެސް ހަމަ އެޗިޕް ޖަހާލާނަން. އަދި އެތަން އާޒިމްއަށް ދައްކާނަން.” އިމާންގެ ރާގުގައިވަނީ ވަރުގަދަ ޢަޒުމެކެވެ.
” އޭ ދެން އެވާހަކަ ނުދައްކާ. އޮފީސް މަސައްކަތްތަކާއިގެން ކުރިއަށްދަމާ ހިނގާ. މިހާރު އެއޮތް ބާރަޖަހަން ކައިރިވަނީ. މަސައްކަތް ނުނިމި ހުއްޓާ ބޭންކް ބަންދުވީމަ ހުންނާނީ ހަތަރެސްކަން ހަމަވެފައި.” އަހަރެން އެހެން ބުނުނުން އިމާން އޮފީހުގެ މަސައްކަތްތައް ކުރިއަށް ގެންދަން ފެށިއެވެ.
” އާޒިމް ވަރަށް ބޮޑަށް ސޮރީ. އެވަގުތު ވަރަށް ބިޒީކަމުން އެގޮތަށް ވާހަކަ ދެއްކުނީ.” ޝުދޫގެ އެސް.އެމް.އެސް ލިބުނީ އޮފީސް ނިމިގެން ގެއަށް ވަންނަނިކޮށެވެ. އޭރު ހަވީރު ފަސްގަޑި ބައިވަނީއެވެ.
އެސް.އެމް.އެސް އަށް އަހަރެން ރިޕްލައިކުރީ ގެއަށް ވަދެ ސޯފާގައި ހަމަޖެހިލައިގެން އިނދެއެެވެ. ގޭގައި އުޅޭ އެކި މީހުން އެކި ކަންތައްތަކުގައި އުޅެމުންދިޔައެވެ. ޒަހާ ފަހަނީއެވެ. ސުހާ އޮންލައިންގައެެވެ. ދެން ތިބި މީހުންނަކީ ސްޓާރ ޕަރީވާރުންނެވެ. އަހަންނަށް ސޯފާސެޓުން ޖާގަ ލިބުނީ، ހަވީރު ކަމުންނެވެ. ނަޞީބެއްތާއެވެ. އަހަރެން މަޑުމަޑުން ސޯފާގައި އޮށޯތީމެވެ. ފޯން ރިންގްވާން ފެށީ ދެލޯމެރިގެން ނިދެން އުޅެނިކޮށެވެ. ފޯނަށް ބަލާލީމެވެ. މިސްކޯލެކެވެ. ޝުދޫގެ މިސްކޯލެކެވެ. ނުގުޅާނަމެވެ. އަހަރެން ގުޅާކަށް ނުވެސް ޖެހޭނެއެވެ. ދެން އައީ އެސް.އެމް.އެސް އެކެވެ. އޮންލައިންވެވިދާނެތޯއެވެ. އަހަރެން ރިޕްލައެއް ނުކުރަމެވެ. ސޯފާއިން ތެދުވެ ކޮމްޕިއުޓަރާއި ދިމާލަށް ބަލާލީިމެވެ. ކޮމްޕިއުޓަރު ކައިރީގައި އަދިވެސް އިނީ ސުހާއެވެ. މިވެސް އަޖާއިބެކެވެ. އަހަރެން ގޮސް ސުހާއާއި ކައިރިވިއިރު، ކަމަކު ދާކަށް ނެތެވެ. ސުހާ އޮވެގެން ޗެޓްކުރަނީއެވެ. އޭނައަށް ޗެޓްކުރަން ދަސްކޮށްދިނީ ކާކު ހެއްޔެވެ؟ އެހާ ޅަޢުމުރުގައި އިންޓަރނެޓުން ޗެޓުކޮށް، ދުނިޔޭގެ ހަތަރު ބިތުން ރައްޓެހިން ތިބުމަކީ ކިހާ ބިރުވެރިކަމެއްކަން އަހަންނަށް އިނގެއެވެ. އެކަމަކު، ދެން ތިބި މީހުންނަށް އެވަރު ނުވިސްނެނީއެވެ. މިކަހަލަ ކަންތައްތަކާއި އަހަރެން އެއްޗެއް ބުނެފިނަމަ، އަހަންނަށްވުރެ ގޯސް މީހަކުވެސް ނުހުންނާނެކަންނޭނގެވެ. މިނިވަންކަމާއިބެހުނު ކުށުގައި އަދަބުވެސް މިޒަމާނުގައި ލިބިދާނެތޯއްޗެކެވެ.
” ސުހާ ތެދުވެބަލަ. ކުއްލިއަކަށް ކޮމްޕް ބޭނުންވެއްޖެ. ވަރަށް އަވަހަށް އޮންލައިންވާން ޖެހިގެން. ދިހަ މިނިޓްތެރޭގައި ތެދުވާނަން.” އަހަރެން މަޑުމަޑުން ބުނީމެވެ.
” ނުދޭނަން. ދޭކަށް ނުޖެހޭނެ.” އަހަންނަށް ލިބުނީ ކިހާ ރީތި ޖަވާބެއްހެއްޔެވެ؟ ސުހާބުނީ ގޮތް ދޫނުކުރާ ރާގަކަށެވެ.
” ސުހާ ތެދުވާނީތަ ނުވަތަ ނަގަންވީތަ؟ މިހާރު ސުހާ ޗެޓްވެސް ކުރަންތަ؟ ތި ޢުމުރުގަ ނުވާނެ ޗެޓްކުރާކަށް. ދެން ތެދުވޭ.” އަހަރެން ތަންކޮޅެއް ބާރަށް ބުނީމެވެ.
” ނުތެދުވާނަން. މީ އަހަރެންގެ މަންމަގެ އެއްޗެއް. ނުތެދުވާނަން.” ސުހާގެ ރާގު އިހުނަށްވުރެ ހަރުކަށިވިއެވެ.
” ތިހިސާބުން ޖެހޭނީ ނަގަން. ކާކުތަ މީނައަށް ޗެޓްކުރަން ދަސްކޮށްދިނީ.؟” ގޭގައި ތިބި މީހުންނަށް ބަލާލަމުން އަހަރެން ބުނީމެވެ. އެއްވެސް މީހަކަށް އަހަރެން ބުނި އެއްޗެެއް އަޑު އިވުނު ހެނެއް ހީއެއް ނުވެއެވެ.
” އަހަރެން އަމިއްލައަށް ދަސްކުރީ.” ސުހާ އަވަސް އަވަހަށް ބުނެލިއެވެ.
” ދެން ހެވޭ. މިހާރު މާ ލަސްވަނީ. ދެން ސުހާ ތެދުވެބަލަ؟” ކުޑަކުދިންނާއި ވާހަކަ ދައްކާ ރާގުގައި އަހަރެން ބުނީމެވެ.
” ނުތެދުވާނަން. އައި ހޭވް މައިން އޮން ރޫލްސް. އޯކޭ.” ސުހާ އަނެއްކާވެސް އިނގިރޭސިން މޮޅު ޖުމްލައެއް ދަސްކުރީކަން ނޭނގެއެވެ.
” ސުހާ ދެން ތެދުވެބަލަ.” ސުހާ އެންމެ ފަހުން ތެދުވީ މާމަ ބުނެގެންނެވެ. އެވެސް ނަޞީބެއްކަން ނޭނގެއެވެ.
” މާކަންތައް ބޮޑުކުރަންޏާ ހުރިހާ އެޑެއް ހެކް ކުރާނަން އިނގޭ.” އަހަރެން ސުހާއަށް އިންޒާރެއް ދިނީމެވެ.
” ހެޔޮ. އެންމެ އައިޑީއެއްނޫން އިންނާނީ. ބައިވަރު އޮންނާނެ.” އެހެން ބުނެފައި ސުހާ ދިޔައީ ކޮޓަރިއަށެވެ.
އަހަރެން އަވަސް އަވަހަށް ކޮމްޕިއުޓަރ ކައިރީގައި އިށީނީމެވެ. ސުހާގެ ސަބަބުން ފަނަރަ ވަރަކަށް މިނިޓްލަސްވިއެވެ. މައްސަލައެއްނެތެވެ. ސުހާވެސް ކޮމްޕިއުޓަރ ބޭނުންކުރަންޖެހޭނެއެވެ. އެކަމަކު، އޭނާ އެބޭނުންކުރާގޮތް ބަލާނެ މީހަކު ހުންނަންޖެހޭނެއެވެ. މާނައަކީ ހުރިހާ މީހުންނަކީ ގޯސް މީހުންނެއް ނޫނެވެ. އެކަމަކު، ރައްކާވެތިބިއްޔާ ދަތުރެކެވެ. ދިރިއުޅުން ބިނާކުރަންޖެހޭނީ އެގޮތަކަށް ކަން ނޭނގެއެވެ.
އަހަރެން އޮން ލައިންވީއިރު، ޝުދޫ އިނީ އޮން ލައިންގައެވެ. އަހަރެންމެން ދެމީހުން ޗެޓްކުރަމުން ގެންދިޔައީމެވެ. މިފަހަރު އަހަރެން ވާހަކަ އަބުރާލީމެވެ. ޝުދޫއަށް ކުޅިފަސް ލިބޭ ގޮތަކަށެވެ. އަހަންނަކީ ޝުދޫގެ ކުރިމަތީގައި ނިޔަތްނުބައި މީހެއްކަން ދަނެގެން، އެނިޔަތް ބަދަލުކުރުމަށް އަހަރެން މަސައްކަތް ކުރަން އެބަޖެހެއެވެ. އެކަމަކު، ދުވަހަކުވެސް މިދުނިޔެމަތީގައި ޝުދޫގެ މޫނުދެކޭކަށް އަހަރެން ބޭނުމެއްނޫނެވެ. އެއީ އަަހަންނަށް ކުއްލިއަކަށް ބުނެވުނު އެއްޗެކެވެ. ހިތުގައި މާބޮޑު ނިޔަތެއްވެސް ނެތިއެވެ. ހަމަ ކުއްލިއަކަށް އެހެން ބުނެވުނީއެވެ.
” ތިބުނި އެއްޗެއް ޢުމުރަށް ހަނދާން ބަހައްޓާތި؟” ޝުދޫ ޗެޓުން ފޮނުވާލިއެވެ.
” އާނ. ވަރަށް ރަނގަޅަށް ހަނދާން ބަހައްޓާނަން.” އަހަރެން ޘާބިތުކަމާއިއެކު ބުނެލީމެވެ.
“އެނގިދާނެތާ؟” ހިނިތުންވުމުގެ ނިޝާނާއިއެކު ޝުދޫ ޗެޓުން ބުނެލީ އެހެންނެވެ.
” ދެން ބަލަން އިނދޭ.” އަހަރެންވެސް ދެރަވާކަށް ބޭނުމެއްނޫނެވެ.
” ސްކައިޕް ބޭނުންކުރަންތަ؟” ޝުދޫ އަނހާލިއެވެ.
” ނޫނޭ. ނުކުރަން.” އަހަރެން ބުނީމެވެ.
ޝުދޫ ޗެޓުން އަހަންނަށް ސްކައިޕް ބޭނުންކުރާނެ ގޮތް ކިޔައިދިނެވެ. ޝުދޫ ކިޔައިދިން ގޮތަށް ސްކައިޕް ޑައުންލޯޑްކޮށްލީމެވެ. ދެން އެންމެ ފުރަތަމަވެސް އެޑްކުރީ ޝުދޫއެވެ. އެއަށްފަހު، ޝުދޫގެ އިރުޝާދުގެ ދަށުން ސްކައިޕްގެ އެހެނިހެން ބައިތައްވެސް އަހަންނަށް އިނގުނެވެ. އެއީ ވަރަށް މަޖާ އެއްޗެކެވެ. ކުރިން އަހަންނަށް އެކަމެއް ނޭނގެއެވެ. ޝުދޫ ބުނާހެން، ޢުމުރުން ދެން މާދުވަސްވީމަ ވާނީ މިހެން ތާއެވެ. އަހަރެން ޢާއްމުކޮށް ބޭނުންކުރަނީ އެމް.އެސް.އެން މެސެންޖަރ އެކަންޏެވެ. މިގް 33 ގެ ކަންތައްތައް މާފޫހިވާގޮތަށް ހުންނާނީ އެއަށް ސަލާމްބުނެގެން އުޅޭތާ ތިން އަހަރު ވަނީއެވެ. ޝުދޫ އަކީ މޮޅު ކުއްޖެއް ތާއެވެ. މިބުނީ ޗެޓްކުރުމާއި އިންޓަރނެޓްގައި ވަގުތު ހޭދަކުރުމަށެވެ. ވާނީ ހަމަ އެހެނެވެ. މެލޭޝިޔާގައި ކިޔަވާށޭ ކިޔައިފައި ހަތަރުދަމު ވަދެ އެއޮންނަނީ އެބުނާ ނެޓަކަށެވެ. ވަދެފިއްޔާ ނިކުންނާކަށް ނޭނގެއެވެ.
” ހަލޯ. ހަލޯ. އަޑުއިވޭތަ؟” ޝުދޫގެ ބަހަށް ސްކައިޕް ބޭނުންކޮށްގެން ވާހަކަ ދައްކަން ފެށީމެވެ.
” ނީވޭ. ނީވޭ. ތަންކޮޅެއް ބާރަށް ވާހަކަ ދައްކަބަލަ.” ޝުދޫ ބާރަށް ބުނެލިއެވެ.
” ކަންފުތަ މައްސަލަޖެހިފަ ހުންނަ ކުއްޖެއްދޯމީ.” ވައިއަޑަކުން އަހަރެން ބުނީމެވެ.
” އޭނ. ކީކޭތަ ތިބުނީ.” ޝުދޫ އަނހާލިއެވެ.
” އެއްޗެކޭ ނޫން.” އަހަރެން އަވަސް އަވަހަށް ބުނީމެވެ.
” ނޫނެކޭ. އާޒިމް ބުނެފި އެއްޗެއް. ދެން ބުނި އެތި ބުނޭ.” ޝުދޫ ހަރުކަށި ގޮތަކަށް ބުނެލިއެވެ.
” މިބުނީ ތީ ކަންފަތުގަ މައްސަލަ ޖެހިފައި އިންނަ ކުއްޖެކޭ.” އަހަރެން މަޑުމަޑުން ބުނީމެވެ.
” ނޫނޭ. ކުރިން ހަމަ އަޑުނީވުނިއްޔޭ.” ޝުދު ބުނުލިއެވެ.
” އެހެންދޯ. ދެން ކޮން އިރަކުންތަ ނިދާނީ؟” އަހަރެން އަނހާލީމެވެ.
” މިއަދު ކޮލެޖުން އައިއްސަ ނިދީ. އެހެންވެ، މިރޭ އަވަހަކަށް ނުނިދޭނެ.” ޝުދޫ ބުނެލިއެވެ.
” އެހެންދޯ. ބުޅާ އުޅޭހެންދޯ ތިއުޅެނީ. ތިހެން އުޅޭކަށްނުވާނެ. ރޭގަނޑުގެ އަރާމް އެއީ ވަރަށް މުހިއްމު އެއްޗެއް. ޙާއްޞަކޮށް ބޮޑުވަމުން އަންނަ ތިފަދަ ކިޔަވާ ކުދިންނަށް. ޝުދޫވެސް ދުވާލު ނުނިދާ ރޭގަނޑު ނިދަން އާދަކޮށްބަލަ. އޭރުން ޞިއްހަތަށްވެސް ފައިދާވާނެ.” އަހަރެން ސާފްކޮށް ބުނީމެވެ.
” އަހަންނަކަށް ނޫޅެވޭނެ ތިހެނެއް. މީބުޅަލެކޭ. ހެހެހެ.” ޝުދޫ ހިނިގަނޑެއް ޖަހާލިއެވެ.
” ދެން ބުޅާ އުޅޭހެން އުޅޭ. އޭރުން ފަހުން ރަނގަޅުވާނެ. އެކަމަކު، ޝުދޫ ތިހެން އުޅޭތީ އަހަރެން ބައެއް ފަހަރު ދެރަވެސްވޭ. އޭ. ތިހެން ނުނިދާ ހުރެ ކޮލެޖަށް ގޮސްގެން ރަނގަޅަށް ކިޔެވޭތަ؟” އަހަރެން އަނހާލީމެވެ.
” ކިޔޭވޭތީ އެއްނު މިތާ މިހުންނަނީ. ނޫންނަމަ، މިތާކު މިހާރު ނުހުންނާނެއްނުދޯ.” ޝުދޫ އަހަންނަށް ދޯ ދިނެވެ.
” ތިބުނީ ހަމަ ރަނގަޅަށް. ޝުދޫއަށް އިނގޭނީ ޝުދޫއަށް ކިޔެވެންޏާ. އެއީ އަނެއްހެން އަހަންނާއި ބެހޭކަމެއްނޫން.” އަހަރެން ބުނީމެވެ.
” ތިބުނީ މިހާތަނަށް ޢާޒިމް ބުނި އެންމެ ރަނގަޅު އެތި. އެހެން މީހުންގެ ކަންތައްތަކާއި ބެހޭކަށްނުވާނެ. އެހެން އުޅެންޏާ މީހުން ފޫހިވާނެ.” ޝުދޫ ބުނީ މުޅިއަކުން ދޮގެއް ނޫނެވެ.
” ކޮބާތަ ޝުދޫގެ މަންމަ. އެމީހުން ގުޅާތަ؟” އަހަރެން އަނހާލީމެވެ.
” ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މަންމަ ގުޅާނެ. މިރޭވެސް ތަންކޮޅެއް ކުރިންގުޅި. މަންމަ ވަރަށް ނަޞޭހަތްދިން. އަހަރެން ބުނިން އެބަ ކިޔަވަމޭ. ދެން ކީކޭދޯ ބުނާނީ. އަހަންނަށް މިއާދެވުނީ ކޯހުގެ ތަންކޮޅެއް ފަހުން. އެހެންވެ، ވަރަށް ބުރަކޮށް މަސައްކަތްކުރަންޖެހޭ. ހަޤީޤަތުގައި އެވަރަށް މަސައްކަތެއް ނުވެސް ކުރެވޭ. ފުރަތަމަ މެލޭޝިޔާއަށް އައުމުން ވަރަށް އުދަނގޫވި. މާހައުލު ބަދަލުވުމުން. ވަރަށް ހިތްވަރުން މިތާގެ މާހައުލަށް އުޅެން ދަސްވީ. މާލޭގަ މާ ހިތްހަމަޖެހޭ. މާ މަޖާ. ހުރިހާ ރައްޓެހިންވެސް ތިބޭނީ މާލޭގަ. އެކަމަކު، ދެން ހިތްވަރުން މިތާ އުޅެގެން ގޮތެއްވޭތޯ މިބަލަނީ. މިބުނީ ކިޔެވޭތޯ. އެކަމަކު، ވަރަށް ހިތްހަމަނުޖެހޭ މެލޭޝިޔާގައި އުޅެން.” ޝުދޫ ތަންކޮޅެއް ތަފްޞީލްކޮށް ވާހަކަ ދައްކަން ފެށިއެވެ.
” ކާމިޔާބު މީހަކަށްވެވޭނީ، ވަރަށް ބޮޑު ޤުރުބާނީއެއް ވެގެން. ކާމިޔާބު އައިސް ތިމާގެ ދޮރުގައި ޓަކިދޭނެކަމަށް ހުންނަ މީހާއަށް މިދުނިޔެ މަތީގައި ލިބޭނީ ސުމެއް.” ތަންކޮޅެއް ފުންކޮށް އަހަރެން ވާހަކަ ދައްކަން ފެށީމެވެ.
” ތީ ހަމަ ތެދެއް. އެކަމަކު، ތިބުނާ ޤުރުބާނީ އެއް އަހަންނަކަށް ނުވެވޭނެ.” ޝުދޫ ހެމުން ބުނެލިއެވެ.
” ނޫނޭ ޝުދޫ. ޝުދޫއަށްވާނެ. ކުޑަކުޑަ ހިތްވަރެއް ބޭނުންވާނީ.” އަހަރެން ބުނީމެވެ.
” ތިބުނީ ކުޑަކުޑަ ހިތްވަރުލެވޭނެ ވަރުވެސް މީހާގެ ގައިގައި ނެތިއްޔާ ދެން ކީއްތަ ކުރާނީ؟” ޝުދޫ ކުރީ ރަނގަޅު ސުވާލެކެވެ.
” ކުރެވޭނެ. ކުރެވޭނެ. ކުރެވޭނެ. އަޅެ، މަސައްކަތް ކޮށްބަލަ.” އަހަރެން ހިތްވަރު ދިނީމެވެ.
” ދެން ތިވާހަކަ ނުދައްކަބަލަ. ކޮން އިރަކުންތަ ޢާޒިމް ނިދަނީ؟” ޝުދޫ އަނހާލިއެވެ.
” ޝުދޫ ނިދީމަ ނިދާނީ.” އަހަރެން ހެމުން ބުނީމެވެ.
” އެހެންތަ ހާދަ ރަނގަޅޭ.” ޝުދޫވެސް ހީނލިއެވެ.
” މީ ރަނގަޅު މީހެކޭ. އަހަރެން ބޭނުން ޝުދޫއާއި އެންމެ ސުވާލެއް ކޮށްލަން.” އަހަރެން ބުނީމެވެ.
” އަޅެ ކޮށްބަލަ.” ޝުދޫ އަވަސް އަވަހަށް ބުނެލިއެވެ.
” ތީ ޢިއްފަތްތެރި ބިކުރުވެރި އަންހެން ކުއްޖެއްތަ؟” އަހަރެންގެ ސުވާލުން ސްކައިޕް މެދުވެރިކޮށް ވާހަކަދައްކަމުންދިޔަ ޝުދޫ ހަމަހިމޭންވި ކަހަލައެވެ.
” ތީ ކޮން ސުވާލެއްތަ އަންހެން ކުއްޖަކާއި ކުރަން؟ ތިނޫން ސުވާލެއް ކޮށްބަލަ؟” ސީރިއަސް ރާގެއްގައި ޝުދޫބުނެލިއެވެ.
” މީ ތިކަހަލަ އަންހެން ކުއްޖަކާއި އަހަރެން ކުރަން ބޭނުން އެންމެ ބޮޑު ސުވާލު. ތެދުވެރިކަމާއި ވަފާތެރިކަމާއިއެކު ޖަވާބުދޭނެކަމަށް އުންމީދުކުރަން.” އަހަރެން ބޭނުމީ ޝުދޫގެ ފަރާތުން ޖަވާބެވެ.
” ތީ އިންސާނުން ކުރާކަހަލަ ސުވާލެއްނޫން. ތިސުވާލަށް އަހަރެން ޖަވާބު ނުދީފިއްޔާ ކީއްތަކުރާނީ؟” ޝުދޫ ބުނެލިއެވެ.
” ޖަވާބު ނުދީފިއްޔާ އެއްވެސް ކަމެއް ނުކުރެވޭނެ. އެކަމަކު، އޭރުން އަހަރެން ޝުދޫއާއި ދޭތެރޭ ދެކޭގޮތް ބަދަލުވެދާނެ.” އަހަރެން މަޑުމަޑުން ބުނީމެވެ.
” ޢާޒިމްތީ އަހަންނާއި ދޭތެރޭ މާރަނގަޅަށް ދެކޭ މީހެއްކަމެއް އަހަންނަށް އެނގިފައެއްނެތް. އެހެން ނޫނަސް، އަހަރެން ބޭނުމެއްނޫން އެސުވާލަށް ޖަވާބުދޭކަށް. އޯ.ކޭ.” ޝުދޫގެ އަޑުން ހިތްހަމަނުޖެހުން އަހަންނަށް ފާހަގަކުރެވުނެވެ.
” ދެން ގަދަ ކަމުން ޝުދޫގެ ފަރާތުން އެސުވާލުގެ ޖަވާބު ހޯދާކަށް އަހަރެންވެސް ބޭނުމެއްނޫން. އެކަމަކު، އެސުވާލުގެ ޖަވާބު އަހަރެން ވަރަށް ބޭނުން. ދެން ބުނެބަލަ.” އާދޭހުގެ ރާގުގައި އަހަރެން ބުނީމެވެ.
” ނުޖެހޭނެ ބުނާކަށް. ނުވެސް ބުނާނަން.” ޝުދޫ ތަންކޮޅެއް ބާރަށް ބުނެލިއެވެ.
” އެހެންވިއްޔާ އަހަންނަށް ބުނެވޭނީ ތީ ޢިއްފަތްތެރި އަންހެން ކުއްޖެއްނޫނޭ. އޯކޭތަ؟” އަހަރެން މަޑުމަޑުން ބުނީމެވެ.
” އޯ.ކޭ ކޮންމެ ގޮތަކަށް ވިސްނިޔަސް. ޢާޒިމްއަކަށް އަހަންނެއް ދުވަހަކުވެސް ނުފެނޭ. ނުވެސް ފެންނާނެކަން ނޭނގޭ. ވީއިރު، އަހަރެން ކޮންކަމަކާތަ ހާސްވާންވީ؟” ފުންނޭވާއެއް ލަމުން ޝުދޫ ބުނެލިއެވެ.
” ތިހެން ނުބުނޭ. ފަހަރުގަ މާދަމާ ޝުދޫ އަހަންނާއިވެސް އިންނަންޖެހިދާނެ. އެހެންވެ، އެވަރަކުން އެސުވާލުކުރަންޖެހުނީވެސް. ފަހުން އެނގުމަށްވުރެ، ކުރިން އެނގިފައި އޮތުން މާރަނގަޅުވާނެ. އިނުމަށްފަހު، އެހުރިހާ ކަމެއް އެނގުމުން އަހަރެން ފޫހިވާނެ.” އަހަރެން ބުނީ ވަރަށް މުހިއްމު ވާހަކައެކެވެ.
” އައްޗި. އޭ ކޮންއިރަކުތަ އަހަރެމެން ރައްޓެހިވީ؟ އަހަންނަކަށް ނޭނގޭ އެކަމެއް؟” މަލާމާތުގެ ރާގަކަށް ޝުދޫ ބުނެލިއެވެ.
” މިބުނީ ރައްޓެހިވެގެން އުޅޭ ވާހަކައެއްނޫން. އެކަމަކު، މިހެން ވާހަކަދައްކަމުންގޮސް ގާތް ގުޅުމެއް އުފެދިގެން ކައިވެންޏާއި ހަމައަށްވެސް ދެވިދާނެއްނު ފަހަރުގަ. އެހެންވެސް އެބަހުރި ބައެއް މީހުންނަށް.” އަހަރެން އުޅުނީ ޝުދޫއަށް ވިސްނައިދެވޭތޯއެވެ.
” އެއީ ބައެއް މީހުން. ހަމަ ގައިމުވެސް އަހަންނަކަށް އެހެނެއްނުވާނެ. ޢާޒިމް ދެން މާއަވަހަށް ހުވަފެން ދެކެނީ. ނަނާ ހުވަފެންދެކޭތީއޭ މާ އަވަހަށް ގޯސްވަނީ. ތިހެން އުޅެގެން ގުލްޒާރުގައި ދުވަހަކުވެސް ނޫރާނީ މަލެއް ނުފޮޅޭނެ.” ޝުދޫ ބުނެލީ މޮޅު އެއްޗެކެވެ.
” ތީ ޝާޢިރާއެއްކަމެއް ކުރިން ނުދަންނަން. ހާދަ މޮޅޭ ދޯ ދިވެއްސަށް. ވަރަށް މޮޅު އިނގޭ.” އަހަރެން ޝުދޫއަށް ތަޢުރީފްކޮށްލީމެވެ.
” ދެން ތިހެން މަ ހައްދާފަ، ބޮލަށް ޗިޕް ޖަހަން ނޫޅެއްޗޭ. މަށެއް ނުހެއްދޭނެ އޯ.ކޭ.” ޝުދޫ ހަރުކަށި ރާގަކަށް ބުނެލިއެވެ.
” ނޫނޭ މީހަކު ހައްދައިގެން އަހަންނަށް އެއްވެސް ފައިދާއެއްނުވާނެ. އެއީ އަހަރެން އުޅޭގޮތެއްނޫން. ދެން ބުނެބަލަ ތީ ޢިއްފަތްތެރި އަންހެން ކުއްޖެއްތަ؟” އަހަރެން އަނެއްކާވެސް ސުވާލު ތަކުރާރުކޮށްލީމެވެ.
” މިރޭ ތި ޢިއްފަތަކާއި އަޅައިގެން ނުނެއްޓިގެން ތިއުޅެނީ ކީއްވެގެންތަ؟ ޖަވާބެއް ނުދޭނަން. ދެން ނިދަނީ. ބާއީ.” އެހެން ހަމަ ބުނުމާއިއެކު ޝުދޫ ވާހަކަ ދެއްކުން ހުއްޓާލިއެވެ.
ޝުދޫ އެހެން ބުނުމާއިއެކު، ސްކައިޕުން އޮފްލައިންވިއެވެ. އަހަރެންވެސް ކުޑައިރުކޮޅަކު މަޑުކުރުމަށްފަހު އޮފްލައިންވީމެވެ. ދެން ގޮނޑިން ތެދުވެގެންގޮސް ކޮޓަރިއަށް ވަނުމަށްފަހު އެނދުގައި އޮށޯތީމެވެ. ދެން ވިސްނާލީމެވެ. ޝުދޫ އަހަރެންގެ އެސުވާލަށް ޖަވާބު ނުދިނީ ކީއްވެގެން ހެއްޔެވެ؟ އަހަންނަށް މިކުރެވުނީ ބޮޑު ސުވާލެއް ހެއްޔެވެ؟ ކުރަން ނުޖެހޭ ސުވާލެއް ބާވައެވެ؟ މީހެއްގެ އަމިއްލަ ކަމަކާއި ބެހެވުނީ ހެއްޔެވެ؟ އަންހެނުންގެ ޢުމުރު ހާމަކުރުމަށާއި ފިރިހެނުންގެ މުސާރަ ހާމަކުރުމަކީ އެދެފަރާތުން އެންމެ ނުރުހޭ ކަންތައްތައްކަން އަހަންނަށްވެސް އިނގެއެވެ. ވީއިރު،ޝުދޫ އަހަރެންގެ އެ ސުވާލަށް ޖަވާބު ނުދިނީ ކީއްވެގެން ހެއްޔެވެ؟
ތެދެކެވެ. ހަމަ ޔަޤީނެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެއެވެ. ދެން ވިސްނަންވީ ދެގޮތަކަށެވެ. އެއްގޮތަކީ ޝުދޫއަކީ ޢިއްފަތްތެރި އަންހެންކުއްޖެކެވެ. އަނެއްގޮތަކީ ނޫނެވެ. އަހަންނަށް ބޮޑަށް ބުރަވެވެނީ ދެވަނަ ގޮތަށެވެ. ނޫންނަމަ، މޭގައި އަތްޖައްސާލާފައި އަހަންނަކީ ޢިއްފަތްތެރި އަންހެން ކުއްޖެކޭ ޝުދޫ ބުނާނެއެވެ. އަހަރެންގެ ނަޒަރުގައި ހުސްހަށިބަޔަށް ހުންނަ އަންހެން ކުއްޖަކަށް ލިބޭނެ އެންމެ ބޮޑު ފަޚުރަކީ އެއީއެވެ. އެފަދަ ކުއްޖަކަށް ޝުދޫ ނުވަނީ ކަންނޭނގެއެވެ.
ދެންވާނީވެސް އެހެންތާއެވެ. ޒަމާން ބަދަލުވަނީއެވެ. އުޅުންތަކާއި ގުޅުންތައްވެސް މިއޮތްގެން ބަދަލުވަނީއެވެ. ގްރޭޑް ފަހެއްގައި ބިޓުން ނަގަން ފަށައެވެ. އެހިސާބުން ފެށިގެން އުޅުންތަކާއި ގުޅުންތައް ގާތްވެއެވެ. ދެން މަޑުމަޑުން ދެބިޓުން ކައިރިވާން ފަށައެވެ. ބިޓުންގެ ގޮތުގައި އުޅޭއިރު، މަދު ކުއްޖަކު ފިޔައި، ދެން ތިބި ކުދިން ނުކުރާކަ ކަމެއްނެތެވެ. ހަމައެކަނި ނީނދެ އުޅޭކަމެވެ. އިނދެގެން ނީނދެ، ނީނދެ އިނދެގެން ހިނގާ ގުޅުންތައް ގިނަ ވެއްޖެއެވެ. ޒަމާނީ ވަޞީލަތްތަކުގެ ޛަރީޢާއިން ހުރިހާކަމެއްވެސް މިދަނީ ދަސްކުރަމުން ދަސްކޮށްދެމުންނެވެ. ކޮންމެ ކުއްޖެއްގެ އަތުގައި ފޯން ނެތަސް، ފޭސްބުކާއި ޗެޓުގެ ޛަރީއާއިން ގުޅުންތައް މިދަނީ އުފެދެމުންނެވެ. މިހެންގޮސް މީހަކާއި އިންނަންދެން އޮންނަނީ ކުރަންޖެހޭ ހުރިހާކަމެއް ދަސްވެ، ކޮށްނިމިފައެވެ. ދެން މިއިންނަނީ މީހަކާއިއެވެ. އެހިސާބުން އަލަކުން މީހަކަށް ދައްކާނެ އެއްޗެއް މަދު ކުއްޖަކު ގައިގައިނޫނީ ނޯވެއެވެ. ދެން މިޖެހެނީ މައްސަލައެކެވެ. ދެމީހުން ދެމީހުން ދެކެ، ފޫހިވަނީއެވެ. ދެން ކައިވެނި ރޫޅެނީއެވެ. ޙަޤީޤަތުގައި ރާއްޖޭގެ ކައިވެނިތައް ރޫޅެން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ، ކައިވެނީގެ ކުރިން އުފެދޭ ނޭދެވޭ ގުޅުންތަކެވެ. މިކަން އަހަންނަށް ވަރަށް ރަނގަޅަށް އެނގެއެވެ.
ތެދެކެވެ. އަލަތު ކައިވެނީގެ ރޭގައި ފިރިމީހާއަށްދޭނެ “ހަދިޔާ” އެއް ދެވޭނީ ވަރަށް ނަޞީބުވެރި އަންހެން ކުއްޖަކަށެވެ. އެފަދަ ނަޞީބުވެރިން މިހާރު އުޅޭބާވައެވެ؟ މީ ވިސްނަންޖެހޭ ކަމެކެވެ. ގޭތެރޭގައި ކުޑަކުދިންނަށް ޖިންސީގޯނާ ކުރެއެވެ. ގާތްތިމާގެ ބައެއް ބޭބެއިންނެވެ. މަދު ބައެއް ދައްތައިންނެވެ. މަދަރުސާތަކުގެ ބައެއް ޓީޗަރުންގެ ޖިންސީ ޝިކާރަޔަކަށްވެފައިވާ އަންހެން ކުދިންވެސް އެބަތިއްބެވެ. ނުވިތާކަށް ބިދޭސީންގެ ކެހިވެރި މަޅިތަކުގައި ބެދި “ހަލާކުވެފައިވާ” އަންހެން ކުދިންވެސް ދަނީ ގިނަވަމުންނެވެ. ރައްޓެހިވާ ފިރިހެން ކުދިންގެ ސަބަބުންވެސް “އޮފް ކެނޑި” ފައިވާ ބައިވަރު އަންހެން ކުދިން އެބަތިއްބެވެ. މީގެ ހިތާމަ ކުރަންޖެހޭ ތަންކޮޅެއްވެސް އެބައޮތެވެ. މިބުނި ބައެއް އަންހެން ކުދިންނަކީ، ރައްޓެހިވެގެން އުޅޭ ފިރިހެންކުއްޖާގެ ރައްޓެހިންނަށް “ތަބަކަކަށް ލައިފައިދެވޭ” ހަދިޔާއަކަށްވެސް ވެފައި އެބަހުއްޓެވެ. ތުންތުން މަތިން ދެކެވޭ ވާހަކަތަކުން މީހިތާމަ ހުރި މައްސަލައެކެވެ. އަހަރެން އެކަނި ވިސްނައިގެން މިކަން ހައްލެއް ނުވާނެއެވެ. އެކަމަކު، އަހަންނަށް ވިސްނެނީއެވެ. އަހަރެން ދެރަވާތީއެވެ.
އަހަރެން ޝުދޫއަށް ވަރަށް ޤަދަރުކުރަމެކެވެ. އެކަން ޝުދޫއަށް ނުވިސްނޭތީ އަހަރެން ވަރަށް ދެރަވެއެވެ. ލޯބި ނުވެވުނަސް، ނުފެނުނަސް އަހަރެން ޝުދޫއާއި ގަޔާވާކަން އަހަންނަށް ފާހަގަކުރެވެއެވެ. އެކަން ޝުދޫއަށް އަންގާކަށް ބޭނުމެއްނޫނެވެ. ކިތަންމެ ރީތިކޮށް ވާހަކަ ދެއްކިޔަސް ކުއްލިއަކަށް ޝުދޫ ބަދަލުވެދާނެއެވެ.ޝުދޫގެ މިޒާޖަށް އަންނަ ކުއްލި ބަދަލަށް ހަދާނެ މޮޅު ފަންޑިތައެއް އަހަރެން ހޯދަން ވެއްޖެއެވެ. އަނެއްކޮޅުން ޝުދޫއަކީ ޢިއްފަތްތެރި އަންހެން ކުއްޖެއްތޯ އަހަރެން ބަލަން ބޭނުންވީ، އަހަންނަކީ އެއްވެސް އަންހެން ކުއްޖަކާއި ރައްޓެހިނުވެ ހުރި މީހަކަށްވާތީއެވެ. ކޮންމެހެން ޝުދޫ ރުޅިއަރުވާކަށް ނޫނެވެ.
ތެދެކެވެ. ޝުދޫ ހީކުރަނީ އެހެން ގޮތަކަށެވެ. އަހަންނަށް ހީވަނީ އެހެންނެވެ. ޝުދޫ ދެކެނީ އަހަންނަކީވެސް އެހެން ފިރިހެނުން ފަދައިން އުޅޭ މީހެއްކަމަށެވެ. ވުން ގާތީ އެގޮތެކެވެ. ބައެއް އަންހެން ކުދިން ވަރަށް ފުންކޮށް ވިސްނާނެއެވެ. އެކުދިންގެ މައިން ބަފައިންނާއި ތިމާގެ މީހުން އެކުދިންނަށް ވަރަށް ރަނގަޅަށް ދުނިޔޭގެ ދިރިއުޅުން ހުންނާނީ ކިޔައިދީފައވެ. ޝުދޫވެސް ފަހަރުގައި އެއީ އެފަދަ ޢާއިލާއެއްގެ ކުއްޖަކަށްވެދާނެއެވެ. ތަޢުލީމް ޙާޞިލުކުރާ ހިތް ނުވިޔަސް، ހަޤީޤީ ދިރުއުޅުމާއި ދޭތޭރޭ ވަރަށް ފުންކޮށް ވިސްނާ މީހުން ދިރިއުޅެއެވެ. އެފަދަ މަދު މީހުންނާއި އަހަރެންގެ މިޙަޔާތުގައި ދިމާވެސް ވެފައި އެބަހުއްޓެވެ. އެކަމަކު، އެއީ މިހާރު ވަރަށް މަދު ބައެކެވެ
.
އަހަންނަށް ހޭލެވުނީ ކުޑަކޮށް އަޑު ގަދަވެގެންނެވެ. ރަސްމީ ދުވަސްދުވަހު ހެނދުނު ގަޑިއަކީ ގޭތެރޭ ހަލަބޮލިވާ ވަގުތެވެ. ހެނދުނު ފަސްގަޑި ބައިން ފެށިގެން ހުރިހާ ކަމެއް ފެށޭނެއެވެ. ކުދިން ސުކޫލަށް ދާނީ އެގަޑީގައެވެ. ފަހަކަށް އައިސް ޢާއްމުކޮށް އަހަންނަށް އެގަޑީގައި ހޭލެވެއެވެ.
“ކޮބާތަ މަގޭ އިސްޓާކީން؟ ކޮބާތަ މަގޭ އިސްޓާކީން؟” ސުހާ އަޑު ކޮޅަށް ގޮވަން ފެށިއެވެ.
“ނޭނގެ އަހަންނަކަށް. ބޭއްވި ތަނެއްގަ އޮންނާނެއްނު. ހޯދާ.” ޒަހާ ބުނެލިއެވެ.
“ނުފެނުނޭ. ނުފެނުނޭ. އަހަރެން ބޭއްވީ މި ފައިވާން އަޅާ ކަބަޑު ތެރޭގަ. ކާކުތަ އެނެގީ؟ ދެން ނެގި މީހަކުނަމަވެސް ދައްކަން ވެއްޖެއްނު. މިހާރު އަހަރެން ގަޑި ޖެހެނިއްޔޭ.” ސުހާ އަޑު ކޮޅަށް ގޮވަން ފެށިއެވެ.
“ތީ އަމިއްލަ އަށް އުޅޭގޮތުން ވާގޮތް. އެވެސް ތަރުތީބުކޮށް ބާއްވާނަމަ، ފެންނާނެއްނު.” އަހަރެން ކޮޓަރިން ނުކުތުމަށްފަހު ބުނީމެވެ.
“މޭ ތުމްސޭ ބާތު ކަރުނާ ނެހީ ޖާތީ. ޔޭ މޭރާ އަޕްނާ ކާމުހޭ. ޓީ.ކޭ. ޔަހާސޭ ނިކަލްޖާހު. ޝަޓަޕް އެން އޯ.ކޭ” މިފަހަރު ސުހާގެ ޖަވާބު އައީ ހިންދީންނާއި އިނގިރޭސިންނެވެ.
“އަހަންނާއި ވާހަކަ ނުދެއްކެނީތަ ދިވެހި ބަހުންވެސް މިހާރު؟” އަހަރެން ބުނީމެވެ.
“ދިސް އިޒް މައި ލައިފް. އޯ.ކޭ.” ސުހާ ބުނެލިއެވެ.
އަހަރެން އިތުރު އެއްޗެއް ނުބުނަމެވެ. ނުވެސް ބުނެވޭނެތާއެވެ. ސުހާވެސް އެބުނީ ތެދެކެވެ. އެއީ ސުހާގެ ލައިފެވެ. އަހަންނަށް ކީއް ހެއްޔެވެ؟ ސުހާ ހިންދީ ބަހަށްވެސް ވަރަށް މޮޅުވާނެއެވެ. ދެން ވާނީ އެހެން ތާއެވެ. ސުހާ އަކީ ސްޓަރޕްލަސްގެ ހިއްސާދާރެއްފަދަ ކުއްޖެކެވެ. އެންމެ ކުޑައިރުއްސުރެންފެށިގެން، ހުރިހާ ހިންދީ ޑްރާމާއެއް ބަލާ މީހަކު މޮޅުވާނެތާއެވެ. މައްސަލައަކީ ބައެއް ފަހަރު، އިސްޓާކީން ބޭއްވޭތަންވެސް ނޭނގޭތީއެވެ. އެކަމާއި އަހަރެން އަޅާލުން ބުއްދިވެރިއެއްނޫނެވެ. އެވަރު ކުދިން އުޅޭނީ އެހެންނެވެ. ގޯސްވާނީ، އެމީހުންގެ ކަންތައްތަކާއި ބެހޭމީހެކެވެ. ބައެއް ފަހަރު، އެމީހުންގެ ކަންތައްތަކާއި އަޅާލެވެނީވެސް ތިމާގެ ވެގެންނެވެ. ނޫންނަމަ ބަހެއް ކީއްކުރަން، އަހަރެން ޗުއްޕުވެސް ނުބުނާނަމެވެ.
ކޮޓަރިއަށް ވަންއިރު ފޯން ރިންގްވަނީއެވެ.
” ހަލޯ. ހާދަ ހެނދުނަކާއި ތިގުޅަނީ؟” އިމާންގުޅުމުން އަހަރެން އަނހާލީމެވެ.
” ވަރަށް އަވަހަށް އޮފީސްކައިރިއަށް އާދެބަލަ. ކުއްލިއަކަށް ތަނަކަށް ދާންޖެހިގެން މިއުޅެނީ.” އިމާން އަވަސް އަވަހަށް ބުނެލިއެވެ.
ކުޑަކޮށް މޫނު ދޮވެލާ އަވަހަށް ތައްޔާރުވެލީމެވެ. ދެތިން މިނިޓް ފަހުން އަހަރެން ހުރީ އޮފީސް ކައިރީގައެވެ. އޭރު އޮފީސްކައިރީގައި އިމާން ކޮޅަށް ހުއްޓެވެ. ބައިވަރު ފޯމްތަކެއް ހިފައިގެން އިމާން ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ހީވަނީ ވަރަށް އަވަހަށް ތަނަކަށްދާން ވެގެން އުޅޭ ހެންނެވެ.
” ހާދަ އަވަސް އަރުވައިލައިގެން ތިއުޅެނީ؟” ސައިކަލު ޕާރކްކޮށްލަމުން އަހަރެން އަނހާލީމެވެ.
” މިހާ ހެނދުނާއި ގޮސްގެން ނޫނީ ލޭބަރުން އަވަސް ނަންބަރެއް ނުލިބޭނެ. މިއަދު މިފޯމްތައް ނުލެވިއްޖެއްޔާ ކުންފުނި ޖޫރިމަނާވާނެ. އޭރު މަގޭ މުސާރައިން ކަނޑާނެ. ދެންވެސް އަވަހަށް ހިނގާބަލަ.” އަވަސް އަވަހަށް ސައިކަލް ފަހަތަށް އަރަމުން އިމާން ބުނެލިއެވެ.
” ތީވެސް ހަމަ ތެދެއް. ކުންފުނި ޖޫރިމަނާވާ ކަހަލަ ކަމެއް ނުކުރައްޗޭ.” ސައިކަލުގައި ނައްޓާލަމުން އަހަރެން ބުނީމެވެ.
ސައިކަލުގެ ފަހަތުގައި އިނދެގެން އިމާން ދައްކަމުން ދިޔައީ ޝިފާގެ ވާހަކައެވެ. އަހަރެން އަހަރެން އާނ ހޫނ ކިޔަމުން ދިޔައީމެވެ. ސައިކަލު ދުއްވާފައިދަމުން ހުރިހާ ކަމެއް ކުރަންވެއްޖެއްޔާ އެކްސިޑެންޓްވުން ގާތެވެ. ނޫނަސް، ޝިފާއަކީ ހަމަ އިމާންގެ ހިތުގެ ޝިފާއެވެ. އަހަރެންވެސް އޭނާގެ ފޮޓޯގަނޑެއް ދުށީމެވެ. އެއީ ރީތި އައްޑޫ ކުއްޖެކެވެ. އަންހެން ކުއްޖަކަށް ލިބެންޖެހޭ ހުރިހާ ރީތި ސިފައެއްވަނީ ޝިފާއަށް ލިބިފައެވެ. އަހަރެން ދެކޭގޮތުގައި އެންމެ ސިފައެއް ފިޔަވައެވެ.
” ޝިފާމެންނާއެކު، ރާވަން ބުނި ކޮފީ ކޮބާ؟” ލޭބަރ މިނިސްޓްރީއަށް އާދެވުމުން އަހަރެން އަނހާލީމެވެ.
” ޝިފާ އުޅެނީ ވަރަށް ބިޒީކޮށް. ނޫނަސް، މިހާރު އޭނައާއި ދިމާކުރަން ވަރަށް އުދަނގޫވާނެ. ވަރަށް ފޮނިމިހާރު.” އިމާން ފާޑަކަށް ބުނެލިއެވެ.
” ދެން އޯ.ކޭ ތީވާނެ ވަރު. ހުރިހާ މީހުންވެސް ފޮނި ކަނޑާނީ. އަހަންނަށް އިނގޭ އެކަން.” އަހަރެން ދިމާކޮށްލުމުގެ ރާގަށް ބުނީމެވެ.
” ދެން އޯކޭ ތިހެން ބުންޏަސް.” އިމާން ކުޑަކޮށް ދެރަވިއެވެ.
” އޭ. އެހެން ބުނި އެއްޗެއްނޫނޭ އެއީ. އަހަރެން މިދަނީ އޮފީހާއި ދިމާލަށް. ނިމުނީމަ ގުޅާލައްޗޭ.” އަހަރެން ހިނގައިގަތީ އެހެން ބުނެފައެވެ.
އޮފީހަށް އައިސް މަސައްކަތް ކުރަން ފެށީ ވަރަށް ހަމަޖެހިލަމުންނެވެ. ޝުދޫގެ މަތިން ހަނދާންވީ ޝުދޫ ކުއްލިއަކަށް ގުލަން ފެށުމުންނެވެ.
” ކީއްކުރަންތަ ތިގުޅަނީ؟” ތިން ހަތަރު ފަހަރަށް ޝުދޫ ގުޅުމުން، އަހަރެން އެސް.އެމް.އެސްއެއް ފޮނުވާލީމެވެ.
” އުފާވެރި ޚަބަރެއްދޭން މިގުޅަނީ.” ޝުދޫގެ ރިޕްލައިގައިވަނީ އެހެންނެވެ.
” ކޮބާތަ އުފާވެރި ޚަބަރަކީ؟” އަވަސް އަވަހަށް އަހަރެން ޝުދޫއަށް ގުޅާލީމެވެ.
” މިހާރު މިއުޅެނީ ކައުންޓް ޑައުން ޖައްސައިގެން. ދެން އޮތީ ދިހަ ދުވަސް.” ޝުދޫގެ އަޑުގައިވަނީ އުފާވެރިކަމެވެ.
” ކޮން ކަމަކަށްތަ އެއީ އަނެއްކާ؟” އަހަރެން އަނހާލީމެވެ.
” މިއުޅެނީ އެއްކޮށް މާލެދާން. ކިޔެވުން ނިމުނީ. ދެން އޮތް ބައި ކުރިޔަށް ގެންދާނީ މާލެއިން.” ޝުދޫ އަވަސް އަވަހަށް ބުނެލިއެވެ.
” އެކަމަކު، ތިހެން ހަދާކަށް ނުވާނެ. މެލޭއިން ކިޔަވަން އޮއްވަ މާލެއަށް ބަދަލުވާނެތަ މޮޔައެއްނޫނީ. ތިހެން ނަހަދާ. ހެޔޮނުވާނެ.” އަހަރެން މަޑުމަޑުން ބުނީމެވެ.
” އޯކޭ. އޯކޭ މަމީ މޮޔައެކޭ. ދެން ކީއްވެތަ އާޒިމް އަހަރެން ކަހަލަ މޮޔައަކާއި ވާހަކަ ތިދައްކަނީ. ތީވެސް މޮޔައެއްދޯ.” ޝުދޫ އަހަންނާއި ދިމާކޮށްލިއެވެ.
” ރަނގަޅަށް ތިބުނީ. ޝުދޫއާއި ވާހަކަ ދައްކަން ފެށިފަހުން އަހަރެން ކުޑަކޮށް ސައިކޯ ވާން ފަށައިފި. އެކަމަކު ވަރަށް ސީރިއަސް ވާހަކައެއް ބުނަންތަ؟” އަހަރެން މަޑުމަޑުން ވާހަކަ ދައްކަމުން ދިޔައީމެވެ.
” އަޅެ ބުނެބަލަ.” ޝުދޫ އަހަރެންގެ ވާހަކަޔަށް ސަމާލްކަން ދޭކަހަލައެވެ.
” ޝުދޫ. އައި ލައިކް ޔޫ ސޯމަޗް. މާލެ އައީމަ ދިމާވާނެދޯ.” ޝުދޫ މާލެ އަންނާތީ އަނހާލީމެވެ.
” ފޮރގެޓް އިޓް. ދުވަހަކުވެސް ތިކަމެއް ނުވާނެ. ހަނދާނެއްނެތްތަ ކުރިން ބުނި ބަސް. އެހެންވެ މާލެދިޔަސް ޢާޒިމް އަކަށް އަހަންނެއް ނުފެންނާނެ. އޯކޭ.” ޝުދޫ ތަންކޮޅެއް ހަރުކަށިކޮށް ބުނެލިއެވެ.
” އެއީ އަހަރެން އެހެން ބުނި އެއްޗެއް ނޫނޭ. އަހަންނާއި ދިމާކުރަންނަންދޯ.” އަހަރެން ވަރަށް ރީތިކޮށްބުނީމެވެ.
” ނޯ. ނޯ. ނޯ. ކޮންމެ ގޮތަކަށް ބުނިކަމުގައިވިޔަސް، ދުވަހަކުވެސް ޢާޒިމްއާއި ބައްދަލެއްނުކުރާނަން. އެކަން އޮންނާނީ އެގޮތަށް. ޢާޒިމް މާމޮޅުވެލާފަ ބުނީމެއްނު ދުވަހަކުވެސް އަހަރެންގެ މޫނު ދެކޭކަށް ބޭނުމެއްނޫނޭ. އެހެންވީމާ، އެކަން އޮންނާނީ އެގޮތަށް. އަހަރެން ނޫޅެއް ފިރިހެނުން ނުވެގެނެއް. ހުއް.” ޝުދޫ ޗޮކެއް ކަނޑާލިއެވެ.
” ދެން ތިހެން ނަހަދާ. މީހަކަށް ހަމަބަހެއް ބުނެވިދާނެއްނު. ދިރިއުޅުމުގައި ތިހާ ހަރުކަށިވާކަށް ނުވާނެ. އެހެން މީހުންނާއި ގުޅިގެން އުޅުމުން ކުރިއަށްދާނީ.” އަހަރެން ޝުދޫއަށް ވިސްނައިދޭން މަސައްކަތް ކުރީމެވެ.
” ދެން ތިވާހަކަ ނުދައްކާ. ތިކަމެއްނުވާނެ. ސޮރީ.” ޝުދޫ ބުނެލިއެވެ.
” ދެންހަމަ ތިނިންމުން ބަދަލެއްނުވާނެތަ ދުވަހަކުވެސް؟” އަހަރެން ސުވާލުކޮށްލީމެވެ.
” ނުވާނެ. ދުވަހަކުވެސް ނުވާނެ. އޭ ދެން ބާއްވަނީ. އައި އޭމް ސޯހެޕީ. ބެކް ޓް ހޯމް ސްވީޓް ހޯމް.” ޝުދޫގެ އަޑުގައިވާ އުފާވެރިކަން އަހަންނަށް ފާހަގަކުރެވުނެވެ.
” ދެން އޯ.ކޭ.” އަހަރެން ފޯން ބޭއްވީ އެހިސާބުންނެވެ.
އޮފީސް މަސައްކަތް ހުއްޓާލުމަށްފަހު، އަހަރެން ކާން ނިކުތް އިރު އިމާން ގުޅަނީއެވެ.
“ބިޒީތަ؟ ބިޒީނޫނިއްޔާ އަހަރެން ބަލާއާދެބަލަ. އިމިގްރޭޝަނުން ހުރިހާ ކަމެއް ނިމިއްޖެ.” އިމާން ގުޅާފައި ބުނެލިއެވެ.
“މިދަނީ. ފަސްމިނިޓްވާނީ.” އަހަރެން ބުނީމެވެ.
މަޑުމަޑުން ހިނގާފައި އަހަރެން ދިޔައީ ސައިކަލު އިން ދިމާލަށެވެ. ސައިކަލު ޕާރކުކުރަންޖެހޭނީ އޮފީހުން ތަންކޮޅެއް ދުރުގައެވެ. އޮފީސްކުރިމަތީގައި ޒޯނެއް ނެތުމުން ބައެއް ފަހަރު ވަރަށް އުދަނގޫވެއެވެ.
އަހަރެން އިމިގްރޭޝަން ކައިރިއަށްދިޔައިރު، އިމާން އިނީ ތައްޔާރަށެވެ.
” ހިނގާ ކާން ދާން؟” ސައިކަލަށް އަރާފައި ފުރަތަމަވެސް އިމާން ބުނީ އެހެންނެނެވެ.
” ކާކުދެނީ؟” ފުރަތަމަވެސް އަހަރެން އަނހާލީ އެހެންނެވެ.
” އަހަރެން ދެން މިފަހަރު ދީފާނަން.” އިމާން ހެމުން ބުނެލިއެވެ.
” އެހެން ވިއްޔާ އަވަހަށް ދަމާ.” އަހަރެން ބުނީމެވެ.
އަހަންނާއި އިމާން ކާން ދިޔައީ ފިޒަސް މައްޗަށެވެ. އަހަރެމެންގެ އޮފީހާއި އެންމެ ކައިރިވާނީ އެތަނެވެ.
” ކޮބާތަ އިމާންގެ ހިތުގެ ޝިފާ؟” އަހަރެން އަނހާލީމެވެ.
” ދިމާނުވާތާ ވަރަށް ދުވަސްވެއްޖެ. އެކަމަކު، ވަރަށް އަވަހަށް ދިމާވާނެ.” ފޯނަށް ބަލާލަމުން އިމާން ބުނެލިއެވެ.
” ތިކަމެއް ދުވަހަކުވެސް ނުވާނެހެން އަހަންނަށް ހީވަނީ. ހުސްފޮނިދޯ ތިކަނޑަނީ؟” އަހަރެން ދިމާކޮށްލީމެވެ.
” ތިހެން ނުބުނޭ. މިފަހަރު އަހަރެން ހުއްޓާލާނީ ޢާޒިމް އާއި ޝިފާ އެއް މޭޒަކަށް އަރުވާފަ. އޯކޭތަ؟” އިމާން އަޑަށް ބާރުލަމުން ބުނެލިއެވެ.
” ތިދުވަސް އަހަރެންގެ މިޙަޔާތުގައި ފެނިއްޖެއްޔާ އަހަރެން ބުނާނަން ތީ ފިރިހެނެކޭ.” އަހަރެންވެސް ތަންކޮޅެއް ބާރަށް ބުނީމެވެ.
” މިހާރު ކޮބާތަ އެއްކަލަ ލޭމައްޗަށްދާ އަންހެންކުއްޖާ؟” އިމާން އަނހާލިއެވެ.
” ތިބުނީ؟” އަހަރެން އަވަސް އަވަހަށް އަނހާލީމެވެ.
” މިބުނީ. ބުނީމެއްނު ކޮންމެވެސް އަންހެން ކުއްޖަކު މާ އަވަހަށް ރުޅިއަންނަ ވާހަކަ. މެލޭގަ ހުންނަންޖެހިގެން ބޯ ސަކަރާތްވެގެން އުޅޭ އަންހެން ކުއްޖެއްގެ ވާހަކަ. ޝުޙޫއެއް ކަން ނޭނގެ އޭނައަށް ކިޔަނީ؟” އިމާން ބުނެލިއެވެ.
” ޝުހޫއެއް ނޫން. ޝުދޫ ކިޔާނީ. އެއީ ހަމަ ރަތް މިރުހެއް. މިހާރުވެސް އަހަންނަށް އެމިރުހުން ވަރަށް ކުޅިވެއްޖެ. ބޯހަރުކަމުން އެއް ވަނަ އެއީ.” އަހަރެންފާޑަކަށްބުނީމެވެ.
(ނުނިމޭ)
12 Comments!
Comments are closed.
Nice
Dedicated to ONE N ONLY SHUDU…..
Reethi
Amaaz!!! Dhivehi vaahaka site ga huri story thakennu meee….. Mi story ge 7th part up kohdheyn v nu???
Sry… 8th part up kohdheyn v!
amaaaz,., dhivehi raajjeyge hurihaa vahaka site eh ga mi vahaakaige eh bai eba ovey,., aneh bai vany Amaaz ge hithu ga,., mihaa reethi vahaka eh v ma ekkoh liyan vaane ennu,. ummeedhu kuran mi vahaka ekkoh kiyaalan libeyne kamah
Aalhe AMAAZ kushakaa nulaa ge 3rd prt up nukoh keehvetha ehen stories thi up kuranee… 🙁 but mibaivex reethi mi story ge ..
Ehevaahaka nimaafa aheh vaahaka up kuran vy yenu mi story ga mipart tha kiyaa kiyaaa foohi veje mihisaabun dhen minimuniy naaiee ge story eh kiun mi noon vareh nuviyenu liunthriyaa akah dhuvahaku lhiyaa vaahakayeh nimey kamakah nuvy foohi veje vvvvv salam dhen
dhen maa haasaru dhigee … ekam ves dhen basmoshundherikameyy hiri liyun theri eh … ebaa varah fakka
mi vaahaka hama ehen site akun ves kyn…………..ekm miyge baeh than than mihury edit kohffa….btw hama ekohkahala gothakah mihury copy kohffa….thihen copy kohggen vaane faidhaa eves adhi kuri erumeh ves nulibeyne kamah alhugadu gabool kurany…
hadi varah…kamaku nudhey -_-
DEN OKAY DHOW