ބޯކަޅުވިލާތަކުން އުޑުވަނީ ފޮރުވާލެވިފައެވެ. ވައިޖެހެމުންދިޔައީ ގަސްތަކާއި ރުއްތަކަށްވެސް ނުކުޅަދާނަވާވަރަށެވެ. އެއްވެސް ރަހުމެއްނެތް ވާރޭތިކިތައްވެސް އެގަސްތަކާއި ރުއްތަކަށް ޖެހިފައިވާ މުސީބާތެއްފަދައެވެ. އެފިނިރޭގެ ފިނިކަމުގެ ތެރޭގައި މުޅިރަށްވެސް އަރާމު ނިންޖަކުން ނިދައިފިއެވެ. ރަށުގެ ހުރިހާ އަލިކަމެއް ނިވާލައި އެކަޅުރޭގެ ކަޅުކަން އިތުރުކޮށްދެމުންނެވެ. ހުޅުވާލެވިފައިވާ ކުޑަދޮރުން ބޭރު ބަލަހައްޓައިގެން ހުރި ރިލްޒާންގެ ނިދިވަނީ އޭނާއާ އެތައްމޭލު ދުރަށްގޮހެވެ. އެޚިޔާލުތަކުން ދުރުވާންކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބުވެއްޖެއެވެ. ހެޔޮއެދޭ މީހުންގެ ބަސްޤަބޫލުކޮށް އެމީހުން އެދުނު ގޮތަށް ކަންތައް ކުރެވިއްޖެއެވެ. އެހެނަސް އެހިތުން އެޚިޔާލުތަކެއް ނުފިލިއެވެ. […]
އޮއްސެމުން ދިޔަ އިރަށް ބަލަހައްޓައިގެން އެ ހުރީ އަހަރެންގެ ހިތުގެ ރާނީއެވެ. ހަށިގަނޑުގެ ފުރާނައެވެ. އަހަރެންގެ ލޯބީގެ ބަގީޗާގައި ފޮޅުވަން ބޭނުންވާ ހަމައެކަނި މަލެވެ. އެއްވެސް ފިކުރެއް ޚިޔާލެއް ނެތި ޤުދުރަތުގެ ހިތްގައިމު މަންޒަރުން ލައިޝާ އުފަލާއި ހިތްހަމަޖެހުން ހޯދަމުންދާއިރު އެ އަޖައިބެއްފަދަ ރީތި ހިނިތުންވުމުން އަހަރެން އުފަލާއި ހިތްހަމަޖެހުން ހޯދަމެވެ. އެހެނަސް ސިއްރުންނެވެ. ލައިޝާއަށާއި މުޅިދުނިޔެއަށްވެސް ސިއްރުންނެވެ. ހިތިފަތު ބުމައަކާއި، ބޮޑު ދެލޮލާއި، އެންމެ އެކަށޭނަ ވަރުގެ ނޭފަތާއި ފިޔާތޮށި ކުލައިގެ ތުންފަތުގެ ވެރިޔާ ލައިޝާއަކީ […]