ފާލަމަށް ފެރީ ގާތްކުރުމާއެކު ދަބަސް ކޮނޑުގައި އަޅުވާލައިގެން ފެރީން ފޭބީމެވެ. ދަތުރުވެރިންގެ އިސްތިޤުބާލުގާ އެމީހުންގެ ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިން ތިއްބެވެ. މާާޙައުލަށް ނަޒަރު ހިންގާލުމުން ފެންނަނީ އުފާވެރިކަމެވެ. އުފަން ވަޒަނަށް އާދެވުނު ނަމަވެސް އަހަރެންނަށް ކުރެވުނީ ބީރައްޓެހި އިޙުސާސެކެވެ. ދާނެ ވަކި ދިމާއެއް ނޭނގިފައި ހުއްޓާ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ ޒިހާން ފަހަތުން އައިސް ކޮނޑުގައި ހިފިއެވެ. ލޮލަށް ކަރުނަ ޖަމާވެފައިވާ ޙާލު އަހަރެން އޭނާގެ ގައިގާ ބައްދާލީމެވެ. އޭނާގެ މޫނުން އުފާވެރިކަން ފާޅުވެފައި ހުއްޓެވެ. […]