ފުން ކަރުނައިގެ ތެރޭގައި.
ފާލަމަށް ފެރީ ގާތްކުރުމާއެކު ދަބަސް ކޮނޑުގައި އަޅުވާލައިގެން ފެރީން ފޭބީމެވެ. ދަތުރުވެރިންގެ އިސްތިޤުބާލުގާ އެމީހުންގެ ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިން ތިއްބެވެ. މާާޙައުލަށް ނަޒަރު ހިންގާލުމުން ފެންނަނީ އުފާވެރިކަމެވެ. އުފަން ވަޒަނަށް އާދެވުނު ނަމަވެސް އަހަރެންނަށް ކުރެވުނީ ބީރައްޓެހި އިޙުސާސެކެވެ. ދާނެ ވަކި ދިމާއެއް ނޭނގިފައި ހުއްޓާ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ ޒިހާން ފަހަތުން އައިސް ކޮނޑުގައި ހިފިއެވެ. ލޮލަށް ކަރުނަ ޖަމާވެފައިވާ ޙާލު އަހަރެން އޭނާގެ ގައިގާ ބައްދާލީމެވެ. އޭނާގެ މޫނުން އުފާވެރިކަން ފާޅުވެފައި ހުއްޓެވެ. އަހަރެން ޒިހާން އަތަށް ދަބަސް ދިނުމަށްފަހު ދިޔައީ އަތިރިމައްޗާ ދިމާއަށެވެ. ހުދު ދޮންވެލި ފަސްގަނޑުގައި އިށީނދެ އިނދެ އަހަރެން ޙަޔާތުގެ ވާހަކަ ފޮތުގެ ޞަފްޙާތައް އުކަންފެށީމެވެ.
އަހަރެންނަކީ މުއްސަނދި އާއިލާއަކަށް އުފަން ކުއްޖަކީމެވެ. އެންމެނަށްވުރެ ކިޔެވުމުގައި ކުރިއެރުން ހޯދާފައިވާއިރު އަހަރެންގެ އެތައް ގާތް ރަޙުމަތްތެރިން ތިބެއެވެ. މި ހުރިހާ ކަމެއް ބަދަލުވާން ފެށީ އަހަރެން ގްރޭޑް 9 އަކަށް ބަދަލުވި ފަހުންނެވެ. ގްރޭޑް 9ގެ ކިޔެވުން ފެށުނު ހިސާބުގައެވެ. އަހަރެންގެ އުމުރުން އެންމެ 14 އަހަރުގައި އަހަރެންވީ ބައްޔެއްގެ ސަބަބުންނެވެ. ހުދުބަލީގެ ޝިކާރައަކަށް އަހަރެން ވެގެން ދިރިއުޅުން އެފުއްމިފުށަށް ޖެހިގެން ދިޔައީއެވެ. އެތައް ޑަކުޓަރުންނަށް ދެއްކުނެވެ. އެތައް ފަރުވާއެއް ކުރެވުނެވެ. އެކަމަކު އެކަންވީ ފޫނެތް ފާއަކަށް ފެންފުރުން ފަދަ ކަމަކަށެވެ. ބޭކާރު މަސައްކަތެކެވެ.
ފަހުން އަހަރެން ވާން ފެށީ މީހުންގެ ވިހަ ބަސްތަކުގެ ޝިކާރައަކަށެވެ. ކިޔަނީ ކިޔާނެ އެއްޗެކެވެ. ގެރިއާއި އޫރަކީ އަހަރެންގެ ޢާންމު ނަމަކަށް ވިއެވެ. ކޮންމެ އިންސާނަކަށްވެސް ނަމެއް ދީފައި ވާކަން ހަނދާން ނެތް ކަހަލައެވެ. އެންމެ ބޭނުންވި ދުވަހު ވެސް ގާތް ކަމަށް ދެކިގެން އުޅުނު “ހިތްހެޔޮ” ރަޙުމަތްތެރިންވެސް ފަސް އެނބުރި ބަލާނުލިއެވެ. އެއްވެސް ރަހުމެއް ނެތީހެއްޔެވެ؟ މަގުމަތީގައި ހިނގާލާފައި ދާއިރު މީހުންގެ ކަޅިތަކާއި ބަސްތައް އަމާޒުވަނީ އަހަންނަށެވެ. ހީވަނީ ތޫނު ހަންޖަރުތަކެއް ހެންނެވެ. މުޖުތަމަޢުން ބާކީ ކޮށްލެވިފައިވާ މީހެއްކަމުގެ އިޙުސާސް އަބަދުވެސް އަހަންނަށް ކުރެވެއެވެ. ލަދުން އިސްޖަހާލައިގެން އަހަރެން ކެތް ކުރަމުން ދިޔައީ މާތް ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކު ކަން ހަނދުމަކޮށްލާފައެވެ. އެހެންނަމަވެސް ކޮންމެދުވަހަކުމެ ކަރުނައިގެ ކޯރުތައް އޮހޮރަމެވެ. މުދައްރިސުންވެސް އަހަންނާ ދޭތެރޭ ކަންތައް ކުރަނީ ގޯސްކޮށެވެ. އެހެންކުދިންނާ ތަފާތުކުރަނީ ވަކި އިމެއްގެ ތެރެއަކު ނޫނެވެ. ނަމަވެސް އަހަރެންގެ ހިތް އެމީހުންނާ ދޭތެރޭ ސާފެވެ. ޙާލުގައި ޖެހި، މަގު އޮޅިފައިވީހިނދު މަގު ދައްކައިދިނީ އެ މުދައްރިސުން ކަމުގައި ވާތީއެވެ. މީހަކަށް ނަފުރަތު ކޮށްގެން އަހަރެންގެ ވައަތު ތިލަފަތް ބަރުކުރަން ބޭނުން ނުވާތީއެވެ. އެމީހަކު ކުރިކަމެއް އެމީހަކަށެވެ.
ކޮންމެ ދުވަހަކީ އަހަރެން މަޑުމަޑުން ކުދިކުދި ވެގެންދާ ދުވަހެކެވެ. ކޮންމެ އިންސާނަކަށްވެސް ކެތް ކުރެވޭނީ ވަކި ވަރަކަށެވެ. ބޭރަށް ނުކުމެ ނޫޅެވޭ ވަރަށް އަހަންނަށް ހަޖޫ ޖަހަމުން ދިޔައެވެ. އަމިއްލަ ކޮއްކޮއާއި ބޭބެގެ ފަރާތުން އަނިޔާ ލިބޭއިރު އެހެންމީހުން ދޭނެ އަނިޔާ ތަސައްވުރު ކުރެވޭނެ ހެއްޔެވެ؟ މައިންބަފައިންގެ ލޯބި ފިޔަވައި އިތުރު މީހެއްގެ ލޯބި އަހަންނަށް ހޯހޯއޭ ބުނާފަދައެވެ.
ދުވަހެއް ދުވަހަކަށް އަހަރެންގެ ނަތީޖާ ދިޔައީ ދަށް ވަމުންނެވެ. ކިޔެވުމަށް ހުންނަ ޝައުޤުވެރިކަންވެސް ގެއްލިގެން ދަނީއެވެ. އޯލެވެލް އިމްތިހާން ހަދަން ދެން އޮތީ 10 ވަރަކަށް މަހެވެ. މަންމަ މިކަމާ ހާސްވެގެން އެތައް ފަހަރަކު އަހަރެންނަށް ނަސޭހަތް ދިނެވެ. އަހަރެން ތަޙައްމަލު ކުރާ ވޭން މަންމައަށް ނުފެންނަނީބާއެވެ؟ ނޫނީ ފެންނަކަމަށް ނުހަދާ އަހަރެން އުފަލުގަ ބެހެއްޓޭތޯ އުޅެނީބާއެވެ. މުޅިންވެސް ޖަވާބު ނުލިބޭނޭ ސުވާލުތަކެވެ. އަހަރެންގެ ފައިގެ ހުދު ބައިތައް ފޮތުވުމުގެ ގޮތުން ދިގު އެއްޗެހި ލާންފެށިމެވެ. ސޯޓުތައް އުކާލުމަށްފަހު ޖިންސު ލާން ފެށީމެވެ. އަތުގަ ހުރި ހުދު ބައިތައް ފޮރުވުމަށްޓަކައި އަތްދިގު ގަމީހާއި އަތްދިގު ޓީޝާޓު ލާން ފެށީމެވެ. ލޯކައިރީގައި ހުދުކޮށް ހުންނަ ތަންތަންކޮޅު ފޮރުވުމުގެ ގޮތުން އައިނު އެޅީމެވެ. އެއްވެސް ވަގުތެއްގައި އައިނު ނެގޭ ކަމަކަށް ނުވެެއެވެ. އެހެން ނަމަވެސް މީހުންގެ ފުރައްސާރަތައް ވީ އިތުރު ތޯއްޗެކެވެ. އެންމެ ފަހުން އަހަރެން މަދަރުސާއަށް ދިއުން ހުއްޓާލީމެވެ. ގޭތެރޭގައި ގިނަ ވަގުތު ހޭދަ ކުރަން ފެށުމާއެކު ބޭރަށް ނުކުތުން އެކަށް ހުއްޓާލީމެވެ.
އަހަރެންނާއެކު ކިޔަވަމުން ދިޔަ ކުދިންގެ އޯލެވެލް އިމްތިހާން ނިމި، ނަތީޖާވެސް ލިބުނެވެ. އެންމެން އުންމީދު ކުރިވަރަށް ވުރެ ދަށެވެ. މިކަމުގެ ޒިންމާ ނަގަން ޖެހެނީ އަހަރެން ކަމުގައި ވަރަށް ގިނަ ބެލެނިވެރިން ބުންޏެވެ. އަހަރެންނަކީ ކުށެއް ނެތް މީހެކެވެ. ކުރާނީ ކީއް ހެއްޔެވެ؟ ކެތްކުރުން ނޫން ގޮތެއް ނެތީއެވެ.
އަހަރެން ތަޢުލީމު ޙާސިލް ކުރުމަށްޓަކައި މެލޭޝިޔާއަށް ފޮނުވާލިއެވެ. ލޯބިވާ މައިންބަފައިންނާ ދުރަށް ދާން ޖެހުމުން އަހަރެން ވަރަށް ދެރަވިއެވެ. ބީރައްޓެހި މާޙައުލަކަށް ދާންޖެހުމުން ވެސް މެއެވެ. އެތައް ދުވަހެއް، އެތައް މަހަކަށްފަހު އަހަރެންގެ ޙަޔާތުގެ އަޑިގަނޑަށް ފަހު އުސްގަނޑެއް އައިފަދައެވެ. ދުނިޔެ ހިނގާނީ ތޮށަލި ދުޅައަށޭ ބުނަނީ އެހެންވެ ކަން އަހަންނަށް ވިސްނުނީ ދެނެވެ. ހިތްހަމަ ޖެހުމުގެ ނޭވާއެއް ލެވުނީ އަދި ކިރިޔާއެވެ. އަހަރެންގެ މައިންބަފައިންގެ ހުވަފެން ތަކުގައި ކުލަ ޖެއްސުމަށްޓަކައި އަހަރެން އަތުުކުރި އޮޅާލީމެވެ. ކިޔެވެން އޮތް އެންމެ މައްޗަކަށް އަހަރެން ކިޔެވީމެވެ. މާޒީއެއީ މުސްތަޤްބަލުގެ މޫނު ބަލާ ލޯގަނޑުކަމުގައި ދެކިގެނެވެ. އަހަންނަށް ގަނާ ކުރަމުން ދިޔަ އެންމެނަށް އެއްޗެއް ވިސްނައިދިނުން މަޤްސަދަކަށް ވިއެވެ. ސިފަ ކިތައްމެ ހުތުރަކަސް ކާމިޔާބު މީހަކަށް ވެވިދާނެ ކަން އަންގައިދޭން ބޭނުންވިއެވެ. ހުރިހާވެސް އެއްޗަކީ ތިމާގެ ހިތު ނިޔަތެވެ. ކުރާ ބުރަ މަސައްކަތެވެ. ކެތްތެރިކަމެވެ.
އަހަރެން ސިހިގެން ދިޔައީ މެންދުރު ނަމާދުގެ ބަންގީގެ އަޑަށެވެ. ތެދުވެ ވެލި ފޮޅާލުމަށްފަހު ގެއާ ދިމާއަށް މިސްރާބުޖެހީ އަތުގެ ނުފުށުން ކަރުނަ ފުހެލަމުންނެވެ. މާގިނައިރު ވީއެވެ. ފުން ކަރުނައިގެ ތެރެއިން އަދިވެސް އެއްފަހަރު ވަށައިގެން ބަލާލީ މާޒީގެ ހިތި ހަނދާންތައް ފޮރުވިފައިވާ މި އުފަން ފަސްގަނޑަށެވެ.
އަހަރެން މިހުރީ ކިޔަވާ ނިންމައިގެން ރަށަށް އައިހެވެ. ކުޅަދާނަ، ޒިންމާދާރު ސާރޖަންއަކީމެވެ. ކުރިން ރަށުގައި އުޅުނު ދުވަސްވަރު އަހަރެން ގެރިއާ އޫރަށް ހަދައިގެން އުޅުނު މީހުން މިހާރު އަހަރެން ގާތަށް އެ އަންނަނީ ފަރުވާ ހޯދުމަށެވެ. އަހަރެން ބޭނުންނަމަ އެމީހުންނާ ދިމާއަށް މަލާމާތް ކުރެވޭނެ ނޫންހެއްޔެވެ؟ އެހެންނަމަވެސް އަހަރެން ރައްދު ޢަމަލެއް ކުރާކަށް ބޭނުމެއް ނޫނެވެ. އަހަރެން މިހާރު ލަދެއް ނުގަނެއެވެ. ލަދުގަންނާކަށް ނުވެސް ޖެހެއެވެ. ލަދު ގަންނާނީ އެމީހުންނެވެ. “ހުދު ބަލި ކުއްޖާ” ގެ ނަމުން ނަންދެވުނު އަހަރެންނަކީ މިހާރު “އެންމެ މަޤްބޫލު ސާރޖަން” ގެ ނަމުން ނަން ދެވިފައިވާ މީހަކީމެވެ. މޫނުމަތި އުޖާލާވި ނަމަވެސް އަދިވެސް އަހަރެން ވީ ފުން ކަރުނައިގެ ތެރޭގައެވެ.
(ނިމުނީ)
7 Comments!
Comments are closed.

Masha Allah
Thanks.
Ivan dhw mi site ga Kurin vec mi Story liyuny..hehe..anyways hama habbu story eh ?miyaky
Thanks.
MASHA ALLAH… mee real story eh tha? vr vr vr rythi.. vr heart touching.. when next story
Thanks, and thats not a real story.
Ill post next story in about 2 days.
Wowowow ??