“ހީކޮއްލާ މީކީ ޖާދޫގަރެކޭ ހަހހހ” ލުޖެއިން ހިނިގަނޑެއް ޖަހާލުމަށް ފަހު އަތުގައި ހުރި ކުރެދިފަތްތައް ލުމާގެ މޫނާ ދިމާލަށް އުކާލިއެވެ. ” ދެން ލުޖެެއިން!!” ލުމާ ހަޅޭލަވައި ގަތުމާއިއެކު ލުޖެއިން ދުއްވައިގަތެވެ. ލުމާވެސް އޭނާ އަތުވޭތޯ ލުޖެއިންގެ ފަހަތުން ދުއްވައިގަތެވެ. ގޮނޑުދޮށުގެ ރާޅު ޖަހާ ހިސާބުގައި ފައިތައް ތެންމަމުން ދުވެފައި ދިޔަ ދެ ޒުވާނުންގެ މޫނުމަތިން ފެންނަމުން ދިޔައީ މަޖަލާއި ސަކަރާތުގެ ކުލަވަރެވެ. ދުވަހަކުވެސް ހިތާމައެއް ނުކުރާކަހަލައެވެ. ދުވެ ސަކަރާތް ޖަހަމުން ދިޔަ އިރު ދުނިޔެވީ އެހެން ހުރިހާ ކަމެއްގެ މަތިން އެމީހުން ވަނީ ހަނދާން ނެތިފައެވެ. “ދެން ލުޖެއިން މަޑު ކޮއްބަލަ!” ލުމާ ގެ ނޭވާ ކޮޅުން ލުމާ އެކު އޭނާ ލުޖެއިން މަޑު ކުރުވަން އަޑުގެ ނެތް ތަނަށް ހަޅޭއްލަވައި ގަތެވެ. ލުޖެއިން ވެސް މި އަޑަށް ހުއްޓުމަށް ފަހު ނޭވާއަތުވޭތޯ ކަކުލުގައި އަތް އަޅާލާ ގުދުވެލިއެވެ. އަދިވެސް އޭނާގެ ހުނުން ހުއްޓޭ ގޮތެއް ނުވެއެވެ. މާނޭވާލެވެމުން ދިޔަ ހާލުގައިވެސް އެދެމީހުން ދިޔައީ ހެމުންނެވެ.
“ފެންނަ ފެނުމަށް ހީވޭ ވަރަށް ގެވެހި ކުއްޖެއް ހެން! އަނެއްކާ އޭނަގެ މައިންބަފައިން ގަބޫލުވާނެބާ؟” ހެދުނު ބާލައިފައި ވާ ތުނބިޅީގައި އަތް ކާއްތާލަމުން ގާދިރު، ރަޒީފުއާ ސުވާލު ކޮއްލިއެވެ. އޭރު އެ ދެމީހުންގެ ނަޒަރުވެސް ހުއްޓިފައި ހުރީ މަގު ކޮޅުން ހިނގައިފައި ދިޔަ ދެޒުވާން އަންހެން ކުދިންނަށެވެ. “އާނ ޔަގީނޭނު އޭނަގެ ބަފައަކީ ލާރިއައިގެން ބޫތުކައިފަ ހުންނަ މީހެއް، ލާރީގެ ދަހިވެތި ކަމުގަ ދަރިފުޅު ކީއްކުރަން އަންހެނުންވެސް ވިއްކާލަފާނެ ހަހހހހ” ރަޒީފު ގާދިރުގެ ކޮނޑުގައި އަތް ޖަހާލަމުން ހިނިގަނޑެއް ޖަހާލިއެވެ. “އެހެންޏާ މާ ރަނގަޅަކަންނު މިވީ، އުޅޭ މިކަމާ އުޅެން” ގާދިރު މޫނުމައްޗަށް ލާނެތް ހިންޏެއް ވެރިވިއެވެ.
މާލޭގެ މަގުމަތިން ފެންނަމުން ދިޔައީ ހަލަބޮލިކަމެވެ. ލާންޗުން ފައިބައިގެން އައި ލުމާގެ މޫނުމަތި މުޅިން ތަފާތެވެ. މާލޭގެ ހަލަބޮލިކަމުގެ ތެރޭގައި ގެއްލި ގެނބިގެން ދާން އޭނާގެ ހިތް ބުނަމުން ދިޔައެވެ. ދުއްވާފައި ދާ ލޮރީ ތަކާއި ސައިކަލު ތަކުގެ ދުވެލީގެ ބާރު ކަމުން އޭނާ ދަނީ ސިއްސަސިއްސައިގެންނެވެ. ހީވަނީ ދެންމެ ދެންމެ ގައިގާ ޖައްސާ ޒަހަމް ކޮއްލަފާނެ ހެންނެވެ. އެމީހުންގެ މަގުސަދަކީ ކޮބައި ބާވައެވެ. އެހާ އަވަހަށް ދިރި އުޅުމުގައި ކުރަން އޮތީ ކޮންކަމެއް ބާވައެވެ. އެމީހުން ދިރިއުޅުން ކާމިޔާބީ ކަންނޭންގެއެވެ. މިހުރިހާ ސުވާލެއް ލުމާ ގެ ސިކުނޑީގައި އެނބުރި ގަތީ ވަރުގަދަ ތޫފާނެއްހެންނެވެ. އޭނާއަށް މިހުރިހާ ކަމެއް މުޅީން އަލެވެ. އެނގޭހާވެސް އެއްޗަކީ މިދުވެއްޔަށް އޭނާ ހޭނެން ދުވަސް ކޮޅެއް ނަގާނެކަމެވެ.
“ބައްޕައަކީ ވަރަށް މަކަރުވެރި މީހެއް، އެހެން ހުރެފަ ކޮންމެ ފަދަ ކަމެއްވެސް ކޮއްފާނެ، ލުމާ މިކޮޅަށް ގެނައުމުގެ ކޮންމެސް ސިއްރެއް ވާނެ.” އިޔާން ލުމާއާ ދިމާލަށް ބަލަމުން ގެންދިޔައީ ސުވާލުން ފުރިފައިވާ ކަހަލަ ބެލުމަކުންނެވެ. “ތިބުނީ؟ ” ލުމާ އަށް އިޔާންގެ އެ ޖުމްލަ ރަނގަޅަކަށް އޮޅުމެއް ނުފިލިއެވެ. “މިބުނީ ބައްޕަގެ ކޮންމެސް ބޭނުމެއް އޮވެގެނޭ ލުމާ ގެނެސް ތިހުރީ!” އިޔާން މޭޒުކައިރިން ތެދުވެ އޭނާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަންނަމުން ލުމާ އަށް ޖަވާބުދިނެވެ. ނަމަވެސް އެޖަވާބަކުން ލުމާގެ ހިތެއްހަމައެއް ނުޖެހުނެވެ. އެއިން އޭނާގެ ސިކުނޑީގައި އެތަކެއް އިތުރު ސުވާލުތަކެއް އުފައްދާލައިފި އެވެ. އިޔާން އެދައްކަނީ ކޮން ވާހަކައެއްބާވައެވެ. އޭގައި ވަނީ ކިހާވަރެއްގެ ހަގީގަތެއްބާވައެވެ.
“އަހަރެން މާލެ ދިޔަފަހުން އަހަރެންގެ ހާލަކީ ކޮބާތޯ ބަލާލަން އަޅެ އެންމެ ފަހަރަކުވެސް ލުޖެއިން ގުޅާލިންތަ؟ ” ލުމާގެ ހުއްޓުމެއްނެތް ކަރުނަތިކިތަށް އޭނާގެ އެމަޑު ފިޔާތޮށި ކޯތާފަތް ތެންމާލިއެވެ. “އެންމެ ފަހަރަކުވެސް އަހަރެން ކުރަނީ ކީއްތޯ އަހަންނަށް ވަނީ ކީއްތޯ ލުޖެއިން ބަލާލިންތަ؟” ލުމާގެ ހިތުގައި ޖެހިފައިވާލެއް ބޮޑު ކަމުން އޭނާގެ އަޑު ނުކުމެގެންވެސް އަންނަނީ ކުރަކި ކޮށެވެ. “ދެން މިއަދު މިތަނަށް ލުޖެއިން އައުމުގެ ބޭނުމަކީ ކޮބާ؟” އިސްޖަހާލައިގެން ތިރި ބަލަން ހުރި ލުޖެއިންގެ ދެލޮލުންވެސް ކަރުނަތިކިތައް އޮހޮރި ގަތެވެ. “ކޮބާހޭ ؟ ކޮބާހޭ؟ ކޮބާހޭ ބޭނުމަކީ؟ އަދިވެސް އަހަންނަށް ދެވުނު އަނިޔާ ކުޑައީތަ؟ ކޮބާހޭ؟ ކޮބާހޭ ލުޖެއިން އަހަރެން ކައިރިޔަށް އައުމުގެ ބޭނު-” “ލޯބިވާތީ! އަޑު އިވިއްޖެތަ؟ އަހަރެން މިއަދު މިތަނަށަް އައިސް މިހުރީ އަހަރެން ލުމާ ދެކެ ލޯބިވާތީ، އިންތިހާޔަށް ލޯބިވާތީ….”
ނޯޓް: މި ވާހަކަ އަޅުގަނޑަށް ވަގުތު ވީވަރަކުން ކޮންމެ ހޮނިހިރު ދުވަހަކު ޕަބްލިސް ކުރެވޭތޯ ބަލާނަމެވެ.
ޝުކުރިއްޔާ
2 Comments!
Comments are closed.

Wowww ???????????❤️?
V reethi vaane hen heevanee… ❤️❤️???❤️??trailer v reethi…
V kiyaa hithun mi huree… ???
Btw thee girl eh thr boy eh thr
thank you , and Im a boy