ރަޙުމެއް ނެތްބާ؟!
ނޯޓް: މި ވާހަކަ އަކީ ޤައުމީ ވާހަކަ ލިޔުމުގެ މުބާރާތުގައި ބައިވެރިކޮށްފައިވާ ވާހަކަ އެކެވެ. ހުރިހާ ކުދިންނަށް ވެސް ކަމުދާނެ ކަމަށް އުއްމީދު ކުރަން. ?
ބަޑީގެ އަޑުފަށްގަނޑު މެދުނުކެނޑި އިވެމުން ދިޔައެވެ. ލޮލުން ކަރުނަ އޮހޮރޭ ހާލު އަހަރެންގެ ފަސް އަހަރުގެ ދަރިފުޅުގެ ގައިގައި ބައްދާލައިގެން ގޭގެ ކަނެއްގައި ބިތްޖެހިފައި އިނދެވުނީ ދެން ވާނެ ގޮތެއް ނޭނގޭތީ އެކަމުގެ ފިކުރުގައެވެ. ޚިޔާލުގެ ފުން ކަނޑެއްގައި ގެނބެމުން ދިޔަ އަހަރެންނަށް ހޭވެރިކަމެއްވީ ކުއްލިއަކަށް ގޭ ދޮރުގައި ވަރަށް ބާރަށް ތަޅައިގަތް އަޑު އިވުމުންނެވެ. އަހަރެންގެ ހިތް ޑަންޑަން ލާފައި ތެޅިގަތީ އަހަރެންގެ ބިރުވެރި ހުވަފެން ހަޤީޤަތަކަށް ވާން އުޅޭ ކަހަލަ އިހްސާސެއް ކުރެވެމުން ދާތީއެވެ. އިން ތަނުން ގުޑާލަންވެސް ނޭނގިފައި އަހަރެންނަށް އިނދެވުނީއެވެ. ދަރިފުޅުގެ ގައިގައި ބާރަށް ހިފަހައްޓާލައިގެންނެވެ. ހިތާހިތުން ދުޢާ ކުރެވެމުން ދިޔައީ އަހަރެންގެ ހީ ހަޤީޤަތަކަށް ނުވޭތޯއެވެ. ކުރިއަށްވުރެ ބާރަށް ދޮރުގައި ތަޅައިގަތް އަޑު އިވުމާއެކު އަހަރެންނަށް ބާރަށް ރޮވެން ފެށުނެވެ. އަޑު ބޭރުވިޔަ ނުދިނުމަށްޓަކައި އަނގަމަތީގައި ބާރަށް އަތް އަޅާލީމެވެ.
ދެން އިވުނީ ގޭގެ ދޮރު ވައްޓާލި އަޑެވެ. ފުންމައިގެން އަހަރެންނަށް ތެދުވެވުނު ގޮތެއްވެސް ނޭނގުނެވެ. ބަރު ފިޔަވަޅުތަކެއްގެ އަޑު ކައިރިވަމުން އައި ވަރަކަށް އަހަރެންގެ ހިތުގެ ތެޅުންވެސް ދިޔައީ އަވަސްވަމުންނެވެ. ދަރިފުޅު ނަގާ މެޔާލާ ބޮނޑިކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. ކުރިމަތިން އިޒްރާއީލްގެ ސިފައިން ފެނުމާއެކު އަހަރެންނަށް ނޭވާ ހިފަހައްޓާލެވުނެވެ. އެތަނުން އެކަކު އަހަރެންގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ. އެމީހުންގެ އަތުގައި ހުރި ބޮޑެތި ބަޑިތައް ފެނިފައި އަހަރެންނަށް ބިރުން ފަހަތަށް ޖެހިލެވުނެވެ. އެމީހުން އަހަރެންނަށް ގެއިން ނުކުތުމަށް އަމުރު ކުރިއެވެ. އިންކާރު ކުރުމަކާނުލާ، އަހަރެންގެ ދަބަސް ކޮނޑުގައި އަޅުވާލުމަށްފަހު ދަރިފުޅު އުރާލައިގެން އަހަރެން އަވަސްވެގަތީ ގެއިން ނުކުތުމަށެވެ. އެމީހުންނާ ޖަދަަލުކޮށް ގަދަ ދައްކައިގެން ވާނެ މޮޅެއް ނޯންނާނެކަން ޔަޤީންވާތީއެވެ. ކިތަންމެ ހިތްދަތިވިޔަސް މީ މިއަދު އަހަރެންނަށް ހުރިގޮތް ކަން ޤަބޫލުކޮށްލައިގެންނެވެ.
ގެއިން ނުކުތުމަށްފަހު ފަހު ފަހަރަށް އަހަރެންގެ ހުރިހާ ހަނދާނެއް ފޮރުވިފައިވާ އެ ގެއަށް ބަލާލެވުނެވެ. ކަރުނައިގެ ސަބަބުން ފުސްވެފައިވީ ލޮލަކުންނެވެ. ބިކަވެ ނިކަމެތިވެއްޖެ ކަމުގެ އިހްސާސް އަހަރެންނަށް ކުރެވެމުން ދިޔައެވެ. މަންޒިލެއް ނެތް މުސާފިރެއް ފަދައިން އަހަރެން ކުރިއަށް ހިނގައިގަތީމެވެ. މަގުތައް މަތިން، އަހަރެން ފަދައިން ބޯ ހިޔާވަހިކަމުން މަޙްރޫމްވެފައިވާ އެތައް މީހުންނެއް ފެންނަމުން ދިޔައެވެ. މުޅި މާޙައުލުގައި ހިފާލާފައިވަނީ މީހުންގެ ރުއިމުގެ އަޑާ ކެކުޅުމުގެ އަޑެވެ. ﷲގެ ޙަޒްރަތުގައި ދުޢާ ދަންނަވާ އަޑެވެ. ހިތް ފަޅައިގެން ދާ ވަރުވެއެވެ. މި ސަޒާ ހައްޤުވާން އަހަރެމެންނަށް ކުރެވުނީ ކޮން ކުށެއްބާ އެވެ؟ އަހަރެމެންގެ ކުށަކީ މުސްލިމުންނަށް ވުން ހެއްޔެވެ؟
” މަންމަ ވަރަށް ލޯބިވޭ ދަރިފުޅު ދެކެ.. ” ދަރިފުޅުގެ ނިތުގައި ބޮސްދިނުމަށްފަހު އަހަރެން ތުރުތުރު އަޅަމުން ދިޔަ އަޑަކުން ބުނެލީމެވެ. އެ މައުސޫމް ދެލޮލުން އަހަރެންނަށް ބަލާލުމަށްފަހު ހީލިއެވެ. ވަމުންދާ އެއްވެސް ކަމެއްގެ ޚިޔާލެއް ފިކުރެއް ނެތް ކަހަލައެވެ. ކަރުނައިގެ ތެރެއިންވެސް އަހަރެންނަށް ހީލެވުނެވެ.
ކުއްލިއަކަށް އިވުނު ބާރުގަދަ އަޑުފަށްގަނޑާއެކު ބިންވެސް ގުޑައިގެން ދިޔަ ފަދައެވެ. ލިބުނު ސިހުމުގައި އަހަރެންގެ އަތުން ދަރިފުޅު ދޫވެގެން ދިޔައެވެ. ދުންގަނޑު ބޯ ކަމުން ތަނެއް ފެންނަވަރެއް ނުވިއެވެ. ކެއްސަމުން ދުމުން ސަލާމަތްވުމަށް އަހަރެން ވައިގެ ތެރޭގައި އަތް ހޫރަމުން ދިޔައީމެވެ. މީހަކު އަހަރެންގެ ކޮނޑުގައި އަޅާ ވަރަށް ބާރަށް ކޮއްޕާލިކަމުގެ އިހްސާސްކުރެވުނެވެ. އެބާރު މިނުގައި އަހަރެން ގޮސް ބިންމައްޗަށް ޖެހުނު ގޮތަކުން ބުރަކައްޓަށް ތޫނު ތަދެއް އެރިއެވެ. ތެދުވާނެ ހިތްވަރެއްވެސް ނުލިބުނެވެ. ” މަންމާ! ” ދަރިފުޅުގެ ރުއިމުގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުމާއެކު އެ ތަދު ފިލައިގެން ދިޔަ ގޮތެއްވެސް ނޭނގުނެވެ. ތެޅެމުން ދިޔަ ހިތަކާއެކު އަވަސް އަވަހަށް ތެދުވެ ދަރިފުޅު ކޮބައިތޯ ބަލާލެވުނެވެ.
ނަމަވެސް އަހަރެންގެ ލޮލަކު ދަރިފުޅު އަޅައެއް ނުގަތެވެ. ހިތްބިރުގަނެފައިވާ ހާލު އަހަރެން އަވަސް އަވަހަށް ޖެހިގެން އޮތް މަގަށް ލަނބާލީމެވެ. އެ މަގަކުންވެސް ނުފެނުނެވެ. އެހެން ދިމާލަކަށް ހިނގައިގަންނަން އުޅުނު އަހަރެންގެ ލޮލުގައި ތަންކޮޅެއް ދުރުގައި އެކަހެރިކޮށް ކަކުލުގައި ބޯ ޖައްސާލައިގެން އިށީނދެލައިގެން އިން ކުއްޖަކު އަޅައިގަތެވެ. އަހަރެންގެ ހިތުގައި އުއްމީދުގެ ހުޅުކޮޅެއް ރޯވެގެން ދިޔައެވެ. ދުވެލާފައި އެދިމާލަށް ދެވުނެވެ. އަހަރެން އެ ހިސާބަށް އަރާ ހަމަވުމާއެކު އެކުއްޖާ އިސްއުފުލާ ބަލާލިއެވެ. ” ދަރިފުޅާ” ކުރިމަތީގައި އިން އަހަރެންގެ ދަރިފުޅުގެ މޫނުގައި ދެއަތުން ހިފާލުމަށްފަހު ބާރަށް ބައްދާލެވުނެވެ. ގަޔާ ދުރުކޮށްލާފައި އެއްވެސް ގެއްލުމެއް ލިބިފައި ހުރިތޯ ބަލާލެވުނެވެ. ކުޑަވެސް ކޫރުމެއް އެ ހަށިގަނޑުގައި އެޅުމަށް އަހަރެންގެ ހިތް ނޭދޭތީއެވެ.
ދަރިފުޅު އުރާލައިގެން އަހަރެން ހިނގައިގަތީ ކުރިން ތިބި ހިސާބުގައި ގެނައި ދަބަސް ވެއްޓިފައި އޮތް ތޯ ބެލުމަށެވެ. އެ މަގަށް އެޅުންވީ އަހަރެންގެ ބަދުނަސީބަށެވެ. އިޒްރާއީލްގެ ސިފައިންތައް މީހުން ގައިގައި ތަޅާ ލޭ އޮހޮރުވަމުން ދިޔައެވެ. މީހުންތައް ސަލާމަތް ވެވޭތޯ ރޮއެ ތެޅެފޮޅެމުން އެކި ދިމަ ދިމާލަށް ދުވަމުން ދިޔަ މަންޒަރު އަހަރެންނަށް ފެނުނެވެ. ހިތަށް ވަރަށް އަސަރުކުރިއެވެ. އެމީހުންނަށް ފެނުމުގެ ކުރިން ދަރިފުޅު ގޮވައިގެން އަވަހަށް ދެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. އަނެއް ފަރާތަށް އެނބުރެލިއިރު ކުރިމަތީގައި ތިބި ސިފައިންގެ މީހުން އަހަރެންގެ އަތުން ގަދަކަމުން އަހަރެންގެ ދަރިފުޅު ޖަހައިގަތެވެ. އަހަރެންގެ ދަރިފުޅު ޙިމާޔަތްކުރެވޭތޯ އަހަރެން ވަރަށް މަސައްކަތްކުރީމެވެ. އެމީހުންގެ ކޮނޑުގައި ހިފަހައްޓާ ކޮއްޕާ ހެދީމެވެ. ނަމަވެސް ބާރުގަދަ ފިރިހެނުންތަކެއްގެ ކުރިމަތީ އަހަރެން ކަހަލަ އަންހެނަކަށް ދެއްކޭނީ ކޮން ގަދައެއް ހެއްޔެވެ؟ ރޮއެ ރޮއެ ހުއްޓާ އަހަރެންނާ އަހަރެންގެ ދަރިފުޅު އެމީހުން ވަކިކޮށްލިއެވެ. އެތަނުން އެކަކު ގޮށް މުށްކަވާފައި އަހަރެންގެ މޫނުމަތީގައި ޖެހުމާއެކު ހީވީ ލޮލުން ތަރިބުރައިގެން ދިޔަ ހެންނެވެ. ލޯ މައްޗަށް ފުސްވުމާއެކު ވަގުތުން މޫނުމަތީގައި އަތް އަޅާލެވުނެވެ. ދެވަނަ ޙަމަލާ އަމާޒުވީ އަހަރެންގެ ނޭފަތްމައްޗަށެވެ. ވަގުތުން ލޭތައް ނޭފަތުން އޮހޮރިގަތެވެ. އެވަރުން ނުފުދިގެން އަހަރެންގެ ބަނޑުގައިވެސް އެތަނުން އެކަކު ކޮޅުފައިން އަޅުވާލިއެވެ. އެ ޙަމަލާއިން ރެކުމަށް އަހަރެންނަށް އަތްވެސް ހޫރާލެވުނެވެ.
ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް ކެތްނުކުރެވިގެން އަހަރެންނަށް ބިންމައްޗަށް ތިރިވެވުނެވެ. “މަންމާ!” ވޭނުން ފުރިގެންވާ އަޑަކުން އަހަރެންނަށް ގޮވާލި އަޑު ވަރަށް ނުސާފުކޮށް ނަމަވެސް އިވުނެވެ. އެދިމާލަށް އަހަރެންނަށް އަތްވެސް ދިއްކޮށްލެވުނެވެ. ދެން ވީ ގޮތެއް ނޭނގުނެވެ.
ހޭވެރިކަން ވުމާއެކު އަހަރެންނަށް އަވަސް އަވަހަށް ތެދުވެވުނެވެ. ބޮލަށް އަރައިގެން ދިޔަ ތޫނު ތަދާއެކު ހިނދުކޮޅަކަށް، އޮވެވުނު ތަން ވެސް ހަނދާން ނެތުނެވެ. މަޑުމަޑުން އަހަރެންގެ ހަނދާނަށް ވެގެން ދިޔަ ހުރިހާ ކަމެއް އަންނަމުން ދިޔައެވެ. ފުންމައިގެން އިން ތަނުން ތެދުވެ ކުރިމައްޗަށް ބަލާލެވުމާއެކު ބިންގަނޑު ފައި ދަށުން ދެމިގެން ދިޔަ ފަދަ އިހްސާސެއް ކުރެވުނެވެ. ލެއިން ކަޅިވެފައި އެ އޮތީ އަހަރެންގެ ދެލޮލުގެ ނޫރެވެ. ހިތުގެ ވިންދެވެ. ދިރިހުރުމުގެ އަސްލެވެ. އެމީހުން އަނިޔާ ކުރަމުން ދިޔަ ވަގުތު އަހަރެންގެ ޙިމާޔަތަށް އެދި ގޮވާނެ ވަރު ހިތަށް އަރުވާލެވުމާއެކު އަހަރެންގެ ހިތް ފިސްފިސްވެގެން ދިޔަ ކަހަލަ އިހްސާސެއް ކުރެވުނެވެ. ބާރަށް ރޮއެގަނެވުމާއެކު އެދިމާލަށް ދެވުނެވެ. ” ދަރިފުޅާ! ދަރިފުޅާ! ތެދުވޭ! މަންމަ އެކަނި ކޮށްލާފައި ނުދޭ! ހެޔޮ ނުވާނެ! ދަރިފުޅާ ނުލާ މަންމަ ކިހިނެއް އުޅޭނީ” އަހަރެންނަށް ކިޔޭ ނުކިޔޭ އެއްވެސް ނޭނގެއެވެ. އެ ހަށިގަނޑުގައި ހިފާ ބާރު ބާރަށް ތަޅުވައިގަނެވުނެވެ.
ހަށިގަނޑުގައި ވިންދު ހުރިތޯ ބެލުމަށްވެސް އަހަރެންނަށް ހަނދާންވީ ދެނެވެ. ދެތިން ފަހަރު ބެލި އިރުވެސް އަހަރެންނަށް ވިންދެއް އިހްސާސެއް ނުކުރެވުނެވެ. ނަމަވެސް އަހަރެން އެކަން ޤަބޫލުކުރަންވެސް ބޭނުން ނުވާ ކަހަލައެވެ. ހުއްޓާ ނުލާ އަތުގެ އެކި ހިސާބުތަކުގައި އަތް ޖައްސައިގެން އަހަރެން ވިންދު ހުރިތޯ ބަލަމުން ދިޔައީމެވެ. ނަމަވެސް ހަޤީޤަތް ބަދަލެއް ނުވާނެތާއެވެ. އަހަރެންނަށް ހުއްޓުން އަރާފައި އިނދެވުނީއެވެ. ޤަބޫލު ނުކުރެވިފައެވެ. ނޫނެކެވެ. އަހަރެންގެ ދަރިފުޅު އަހަރެން ދޫކޮށްލާފައި އެހާ އަވަހަކަށް ނުދާނެއެވެ. މިވާނީ ނުބައި ހުވަފެނަކަށެވެ. އަހަރެންނަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ. ނަމަވެސް މަންޒަރު ބަދަލެއް ނުވިއެވެ. އެ ރަޙުމްކުޑަ ހިތެއް ނެތް މީހުންގެ ޝިކާރައަކަށް ކުށެއް ނެތް އަހަރެންގެ ދަރިފުޅު ވެ ނިމިއްޖެ އެވެ.
ބުރުގަލާއެކު އަހަރެންގެ އިސްތަށިގަނޑުގައި ހިފާފައި ފަހަތުން ދަމައިގަތުމާއެކު އަހަރެން ވެއްޓުނީ އިދިފުށަށެވެ. ރަނގަޅަށް ވެއްޓި ނުޖެހެނިސް އަހަރެންގެ ބޮލައް ފައިގެ ޙަމަލާއެއް އަމާޒުވިއެވެ. ބޮލުން އޮހޮރިގަތް ލޭތަކުން ބިންމަތީގައި ކޯރު ހެދެމުން ދިޔައެވެ. ދެވަނަ ޙަމަލާއެއް އަހަރެންގެ ބޮލަށް އެރުމާއެކު އަހަރެންނަށް ރޮއެގަނެވުމާއެކު މަންމާ އޭ ކިޔާ ގޮވާލެވުނެވެ. އެމީހުންގެ ހުނުމުގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. އެތަނުން އެކަކު އަހަރެންގެ ބުރުގާގައި ހިފާފައި ދަމައިގަތެވެ. ފައިން ފަހަރަކު މީހަކު އަހަރެންގެ ހަށިގަނޑުގެ އެކި ތަންތަނުގައި ތަޅަމުން ދިޔައެވެ. އަހަރެންނަށް ވާ ތަދަށް ކެތް ނުކުރެވިގެން ކުކުރާލެވުނެވެ.
ކުއްލިއަކަށް އެތަނުން އެކަކު ބެލްޓަށް ޖަހާފައި އިން ބަޑި ނަގާ އަހަރެންގެ ބޮލާ ދިމާއަށް އަމާޒުކޮށްލިއެވެ. އަދި ދީން ދޫކޮށްލުމަށް އަމުރު ކުރަމުން ދިޔައެވެ. އަހަރެންގެ ހަށިގަނޑުގައި ހުރި ވަރެއް ލާފައި ދެކޮޅަށް ބޯ ހޫރަމުން ދިޔައީމެވެ. ބަޑި ހިފައިގެން ހުރި މީހާގެ އަމުރަށް އެހެން މީހަކު އައިސް އަހަރެންގެ އިސްތަށިގަނޑު އަތަށް އޮޅާލުމަށްފަހު ލުއްކެއް ޖަހާލިއެވެ. އަރައިގެން ދިޔަ ތަދުން އަހަރެންނަށް ދެލޯ މަރާ ތަގުޅިކޮށްލެވުނެވެ.
އެމީހުން އަަހަރެން ކައިރީގައި ބުނަމުން ދިޔައެވެ. ފުރާނަ ބޭނުންނަމަ ދީން ދޫކޮށްލުމަށެވެ. ” ފުރާނަ ދިޔަޔަސް ދީން ދޫކޮށެއް ނުލާނަން.. އަހަރެން މި ދުނިޔެއަށް ފުރަތަމަ ނޭވާލީ މި ދީން މަތީގައި.. އަދި ފަހު ނޭވާވެސް ލާނީ ހަމަ މި ދީންމަތީ ސާބިތުވެ ހުރެ އިންޝާﷲ.. ” އަހަރެންގެ ޖަވާބާއެކު އެމީހުންގެ މޫނުމަތީގެ ކުލަވަރު އޮއްސުނެވެ. ފައިން އަހަރެންގެ ހަށިގަނޑުގައި ތަޅަން ފެށިއެވެ. ” ފަހު ފަހަރަށް މި އަހަނިީ.. ދީންތަ ނޫނީ ފުރާނަ ތަ؟ ” ސުވާލުގެ އަނެއް ބައި އޭނާގެ ދުލުކޮޅުގައި އޮއްވާ އަހަރެން ބާރު ބާރަށް ދީން އޭ ބުނީމެވެ. އަދި އަޑުހަރުކޮށް ޝަހާދަތުގެ ދެ ކަލިމަ ކިޔަން ފެށީމެވެ. ނިތުގައި ޖައްސާފައި އިން ބަޑީގެ ވަޒަނެއް އަހަރެންގެ ހަންގަނޑު ތޮރުފާލާފައި ސިކުނޑީގެ ތެރެއަށް ވަދެގެން ދިޔަ ކަމުގެ އިހްސާސެއް ކުރެވުނެވެ.
މީ އަހަރެންގެ ފަހު ވަގުތުކޮޅުކަން އަހަރެންނަށް އިހްސާސްކުރެވެމުން ދިޔައެވެ. ނަމަވެސް އަހަރެންގެ ފަރުވާލެއް ނެތެވެ. އަހަރެން މި ދުނިޔޭގައި ހުރުމުގެ ބޭނުމެއް ނެތުމުންނެވެ. އެންމެ ފަހު ނޭވާވެސް އިސްލާމް ދީންގެ މަތީގައި ދޫކުރުމުގެ ޝަރަފު ލިބުމުން އަހަރެންގެ ހިތަށް ލިބިފައިވަނީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. ދެލޯ މަރާލެވުމާއެކު ހަށިގަނޑުގައި އަޅަމުން ދިޔަ ހުރިހާ ވޭނަކާ އެކުވެސް އަހަރެންނަށް ހިނިތުންވެލެވުނެވެ. ދެން އޮތް ދުނިޔޭގައި ކާމިޔާބު ލިބޭނެ ކަމުގެ އުއްމީދު ހިތުގައި އޮތުމުންނެވެ.
= ނިމުނީ =
ފަލަސްތީނުގެ މުސްލިމުންނަށް ޙިމާޔަތް ދެއްވާ އެމީހުންނަށް ނަޞްރު ދެއްވާނދޭވެ. އަނިޔާވެރި އިޒްރާއީލްގެ ޔަހޫދީންގެ ރޭވުންތައް ނާކާމިޔާބު ކުރައްވާ އެމީހުންނަށް ހެޔޮ ވިސްނުން ދެއްވާނދޭވެ. ޢާމީން
2 Comments!
Comments are closed.




Aameen ?
އާމީން!
ވަރަށް ރީތި ވާހަކައެއް ☺️??✔️✔️✔️❤️❤️❤️❤️????