އެ ގުޅުން – ފަހުބައި
ނޫނެކެވެ. ވަކި ގޮތަކަށް ނިންމުމުގެ ކުރިން ރަހާ ބޭނުންވަނީ އެކަމުގެ ހަގީގަތް އޮޅުން ފިލުވާށެވެ.
އިރުއެރުމާއެކު ނަދީމް ހޭލުމުގެ ކުރިން ފުރަތަމަވެސް ރަހާ އަވަސް އަވަހަށް ބޭރަށް ނުކުމެލާ ލީނާ އަށް ގުޅާ ރޭގަ ވީ ހުރިހާ ކަމެއް ކިޔާދިނެވެ. ލީނާ އެދުނީ އަދި މިވަގުތައް ނަދީމް ގާތު އެވާހަކަ ނުދައްކާ ވީހާވެސް އަވަހަކަށް ހަގީގަތް ހޯދުމަށެވެ. އަދި އެކަމުގައި ލީނާ އަށް ވެވުނު ކޮންމެ އެހީއެއްވެސް ވެދޭނެ ކަމަށް ލީނާ ބުންޏެވެ.
ފެންޑާގަ އިށީނދެ ހަމަޖެހިލިތަނުން ރަހާގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ ފާތިނާ އެވެ.
ފާތިނާ އަކީ ރަހާގެ ރަހުމަތްތެރިއެކެވެ. އެހެންކަމުން ރަހާ ހުރިހާ ވާހަކައެއްވަނީ ފާތިނާ އަށް ކިޔާދީފައެވެ. ފާތިނާ ބުނީ ރަހާގެ ވާހަކަ ތަކާ ގުޅޭގޮތުން، އެފަދަ ކަންކަމާއި ގުޅުންހުރި ބައެއް ފަރާތްތަކާ ވާހަކަ ދައްކާ މައުލޫމާތު އޮޅުންފިލުވާފައިވާ ކަމަށެވެ. ނަދީމް ދަންނަ ހުރިހާ އެންމެންގެ ފަރާތުންވެސް އޮޅުންފިލާފައިވަނީ ގާތްގަޑަކަށް ހަމަ އެކައްޗެއް ކަމަށެވެ.
އެކަމަކީ ނަދީމް ރަހާ އާ ކައިވެނި ކުރުމާ ހަމައަށްވެސް އެހެން އަންހެން ކުއްޖަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމެވެ. އެކަމަކު އެއީ ރަހާ އާ ކައިވެނި ކުރުމާ ހަމައަށެވެ. އެހެން ނަމަވެސް ކައިވެންޏަށްފަހު ނަދީމް އެގުޅުން ކަނޑާވެސް ލިއެވެ. އެކަމަކު އެހިސާބަށް ދިޔައިރު އެދެމީހުންގެ ދެމެދުގަ ވާ ގުޅުމުގެ ސަބަބުން ނުކުމެފަވާ ނަތީޖާ އާ ހުރެ ނަދީމް އަށް އެއަންހެން ކުއްޖާ އާ ވަކިވެވެން ނެތީއެވެ. އެކުއްޖާގެ ބަނޑުގަވާ ދަރިއަކީ ނަދީމްކަން ކަށަވަރު ކޮށްދޭނެހާ ހެކި އެއަންހެން ކުއްޖާ އަތުގަ ހުރި ކަމަށް ވެއެވެ. ނަދީމް އާ ދެމީހުން ގުޅުން ހިންގަމުން ދިޔަ ކޮޓަރިއަކީ ވީޑިޔޯ ކުރެވޭގޮތަށް ހުރި ތަނެކެވެ. އެކަމުގެ ފައިދާ އެއަންހެން ކުއްޖާ ނަގަމުން ދަނީ އެވެ. ނަދީމް އެކަމަށް ބޯލަނބައިގެން އެމީހުން ބުނިހާ ކަމެއް ކުރަމުން އެދަނީ ރަހާ އަށް އެއްވެސް ކަމެއް ފަޅާ އަރާފާނެތީ ކަމަށް ވެއެވެ.
ފާތިނާ އާ ވާހަކަ ދައްކާ މަޝްވަރާ ކުރުމަށް ސާޅީހަކަށް މިނެޓް އިނުމަށްފަހު ރަހާ ފޯނު ޖީބަށްލަމުން ކޮޓަރިއަށް ވަނެވެ. ކޮޓަރި ލައްޕާ ބަލާލިއިރު ނަދީމްވެސް އޮތީ ހޭލައެވެ. ރަހާ ގެ މޫނަށް ވެރިވެފައިވާ މާޔޫސްކަން ފޮރުވުމަށްޓަކައި ރަހާ ހީލިއެވެ.
މަޑުމަޑުން ރަހާ ގޮސް އެނދަށް އެރުމާއެކު ހެން ފަރުވާތެރިކަމާއެކު ނަދީމް ރަހާގެ މޫނަށް ބަލާލިއެވެ.
” ހާދަ ކަންބޮޑުވެފަ އޮތްހެން ހީވެޔޭ… އަހަންނަށް ކަމެއް ގޯސްކޮށް ކުރެވުނީތަ؟ ” ނަދީމް ބުނެލިއެވެ.
ވަގުތުތައް ފާއިތުވަމުން ގޮސް މުޅި ދުވަސް ނިމި ރޭގަނޑުވީ އެވެ. ރަހާ ނިންމައިގެން އޮތީ މިރޭ އެމީހަކު އައިސްފިނަމަ އެމީހާ އާ ކުރިމަތި ލުމަށެވެ. ކޮޓަރި ބޭރުގަ ލީނާ އާ އެކު ރިސޯޓްގެ ފަރާތުން އެމީހަކު ހިފެހެއްޓުމަށްޓަކައި މީހުން ތިބޭނެކަން ރަހާ އަށް އިނގޭތީ އެވެ. އާދައިގެ މަތީން ނަދީމް އޮތީ ނިދާފައެވެ . ރަހާ އިންތިޒާރު ކުރަމުން ދިޔައީ އެމީހަކު އަންނާނެ އިރަކަށެވެ. ދަންވަރު ދޭއްޖެހިތަނާ ކޮޓަރީގެ ދޮރު ހުޅުވުނެވެ. އެމީހަކު މަޑުމަޑުން އެތެރެއަށް ވަނުމަށްފަހު ދޮރުލެއްޕިއެވެ. ކުރީ ރެއެކޭ އެއްގޮތަށް އެމީހާ އައިސް ނަދީމް އަށް ދެފަހަރަކު ގޮވާލިއެވެ.
ރަހާ ހީކުރީ ނަދީމް އޮތީ ނިދާފަ ކަމަށެވެ. އެކަމަކު ރަހާއަށް އޮވެވުނުތަންވެސް ނޭނގުނެވެ. ނަދީމް އޮތީ ނިދާފައެއް ނޫނެވެ.
” ކީއްކުރަންތަ މަށަށް ތިގޮވަނީ. ކަލޭ ކުރަން އައި ކަންތައް ކުރެވޭތޯ ބަލާބަ. ނިދާފައެއްނޫނޭ އަހަރެން މިއޮތީކީ ” ހަލާލު އަނބިމީހާ ކައިރިއަށް ބިރު ދެއްކުމަށް މީހަކު ފޮނުވަން ނަދީމް ޖެހިލުން ނުވީތީ ރަހާ އަށް އޮވެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ލޯމަރައިގެން އޮތް ނަމަވެސް ރަހާގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ.
އެމީހާ އައިގޮތަށް އައިސް ރަހާ ކައިރިއަށް ހުއްޓި ރަހާގެ ގައިގަ އަތްލަން އަތްދިއްކޮށްލިއެވެ. ރަހާ ހުށިޔާރު ކަމާއެކު އެމީހާ ކޮއްޕާލުމަށްފަހު ލައިޓް ޖައްސާލިއެވެ. ހަމަޖެހިފަ އޮތްގޮތަށް ކޮޓަރިން އަލި ފެނުމާއެކު ލީނާ އޭނާގެ ގްރޫޕާއެކު ކޮޓަރިއަށް ވަނެވެ. ނަދީމް އަށް ވެސް މަޖުބޫރުވީ އޮތްތަނުން ތެދުވާށެވެ. މިފަހަރު ކޮޓަރިއަށް ވަދެ ހުރި މީހާގެ ސިފަ ރަހާ އަށް ހުރީ ރީތިކޮށް ފެންނާށެވެ. ލީނާ އާ އެކު އައިމީހުން އައިސް އެމީހާ ހިފެހެއްޓިއެވެ.
ރިސޯޓްގެ މެނޭޖްމަންޓްގެ ފަރާތުން އައިސް ހުރި މީހާ އެމީހާ އާ ކުރިމަތި ލިއެވެ.
” ކަލޭގެ ސަބަބުން މިރިސޯޓްގެ އަގު ވެއްޓިގެން މިދަނީ ” މެނޭޖަރ ރަހާ އާ ދިމާލަށް އެނބުރިލުމަށްފަހު ބުނެލިއެވެ.
” މިއީ މިތަނުގެ ލޯންޑްރީގަ މަސައްކަތް ކުރާ މީހެއް. މީނަގެ ސަބަބުން ރަހާ އަށް ކުރިމަތިވި ހުރިހާ ކަމަކަށް އަހަރެން މައާފަށް އެދެން. އަދި މީނަ ހަވާލުކުރަން ޖެހޭ ފަރާތާ އަހަރުމެން ހަވާލުކުރާނަން. މިހާރު މިރިސޯޓަށް ޕޮލިހުން އެބައާދޭ ” ވަގުތުން އެމީހާ އާދޭސް ކުރަން ފެށިއެވެ.
” ނޫން ސަރ. މިކަމުގަ އަހަރެންގެ އެއްވެސް ކުށެއްނެތް. އަހަރެން ކުރިކަމެއް ކުރީ ނަދީމް ގެ ލޯބިވެރިޔާ ލަހުފާ ބުނެގެން. ލަހުފާ އެކޭ އެއްވަރަށް ނަދީމްވެސް މިކަމުގަ ބައިވެރިވޭ ” ލަހުފާ އަކީ ލީނާ އަށް ކީއްކުރަން މިރިސޯޓްގެ އެންމެންނަށްވެސް އިނގޭ ކުއްޖެކެވެ. ލަހުފާ އެކަހަލަ ކަމެއް ކޮށްފާނެ ކަމަށް އެންމެންނަށް ވެސް ގަބޫލު ކުރެވުނެވެ. ލަހުފާ އަކީ ރިސޯޓް ބޮޑުމީހާގެ ހުރި ހަމައެކަނި އަންހެން ދަރިއެވެ. އެކަމަކު ލަހުފާ އާ ނަދީމް އާ އެއްވެސް ގުޅުމެއްވާކަން އެކަކަށްވެސް ވަނީ ނޭނގިއެވެ.
ނަދީމް އަށް ދެއްކޭނެ ބަހަނާއެއް ނެތެވެ. އިސްޖަހާލައިގެން ރަހާގެ ކުރިމަތީ ހުރީ ކުއްވެރިއެއް ފަދައިންނެވެ. ކޮންމެ ގޮތަކަށް ކަންތައް ވީ ނަމަވެސް ނަދީމް ރަހާ ދެކެ ލޯބިވެއެވެ. ރަހާގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ކައިވެންޏަށް ކުޑަދުވަސްކޮޅެއް ވީތަނުން މިގޮތަށް މިކައިވެނި ރޫޅިދާނެ ކަމަކަށް ރަހާ ހުވަފެނަކުންވެސް ނުދެކެއެވެ. ރަހާ ނަދީމް ދެކެ ކިތަންމެ ލޯބިވީ ނަމަވެސް ނަދީމްގެ އަންހެނުންގެ ގޮތުގާ ހުންނާކަށް ދެން ރަހާ ބޭނުމެއް ނޫނެވެ.
އެންމެންގެ ހަމަހިމޭންކަން ފޫދުއްވާލީ ރަހާގެ އަޑުންނެވެ.
” މެނޭޖަރ… މިތަނަށް ޕޮލިހުންގެ އެކަކުވެސް ގެންނާނެ ކަމެއްނޫން. ހަމައެކަނި އަހަންނަށް ކަމެއް ކޮށްދެންޔާ އަހަންނަށް ވީހާވެސް އަވަހަކަށް މާލެ ދެވޭނެގޮތެއް ހަދާދީ ” ރަހާގެ ކަރުނައިން ފުރިފާވި ދެލޮލަށް ބަލާލުމާއެކު ނަދީމްއަށް ކުރެވުނު ކުއް އިހުސާސް ކުރެވިގެން ދިޔައެވެ.
” ރަހާ އަހަންނަށް މާފުކުރޭ. އަހަރެން ރަހާ ދެކެ ވަރަށް ލޯބިވޭ ” ނަދީމް ހާމަކުރީ ހަގީގަތެވެ.
” ނަދީމް އަހަރެން ދެކެ ތިހާ ލޯބިވަންޔާ އަހަންނަށް ކަމެއް ކޮށްދީފާނަންތަ؟ ” ނަދީމް ވަގުތުން އެއްބަސްވިއެވެ.
” ހަމަމިހާރު މިވަގުތު އަހަރެން ވަރިކޮށްދީ. އަހަރެން ބޭނުމެއްނޫން ލަހުފާ އާ ނަދީމްގެ ދެމެދުގަވާ ފާރަކަށް އަހަރެން ވާކަށް ” ނަދީމް އަށް ގޮތް ހުސްވިއެވެ. އެކަމަކު އެނޫންގޮތެއް ވެސް ނެތެވެ.
ރަހާ ބޭނުންވާގޮތަށް ނަދީމް ހިތާ ދެކޮޅަށް ރަހާ ވަރިކުރިއެވެ. އުފާވެރި ހަނީމޫން އެއް ހޭދަކޮށްލުމަށް އައި ރަހާގެ މުޅި ދިރިއުޅުން ބަދަލު ވެގެން ދިޔައީ އެވެ. ނަދީމްގެ އެގުޅުން ރަހާއަށް ނޭނގުނު ނަމަ އަދިވެސް ރަހާ ހުންނާނީ ނަދީމްގެ އަނބިމީހާގެ ގޮތުގައެވެ. ރިސޯޓުން ފުރުމާ ހަމައަށްވެސް ލީނާގެ ފަރާތުން ރަހާ އަށް ހުރިހާ ގޮތަކުން އެހީތެރިކަން ލިބުނެވެ. އެތައް ފަހަރަކު ލަހުފާ ދެކިލުމަށް ލީނާ އެދުނެވެ. އެކަމަކު ނަދީމް ގެ އެގުޅުމާ ބެހޭ އެއްވެސް މީހެއް އަދި އެއްވެސް ކަމެއް މަތިން ހަނދާން ކުރާކަށް ރަހާ ބޭނުމެއް ނޫނެވެ.
ބާރު ދުވެލީގާ ދުއްވަމުން ދިޔަ ލޯންޗްގަ އިން ރަހާގެ ހުރިހާ ހިޔާލެއް ދޫކޮށްލެވިފައިވަނީ އުފެދިފައިވާ ކަނޑުގެ ރާޅު ތަކަށެވެ. އަނެއްކާވެސް ރަހާ ދިރިއުޅުމައިގެން ކުރިއަށް ދާނެއެވެ. އެކަމަކު ނަދީމް އާ އެކު އެއްނޫނެވެ.
( ނިމުނީ )
3 Comments!
Comments are closed.


މިވާހަކަ ކީހަދާނެއްވޭ……ފަހަރެއްގަ ނޭގެ ކުޑަތަފާތެއް ނުވާނެކަމެއް
ވަރަށް ލޯބި މިވާހަކަ…….މި ދާއިރާގަ އިތުރު ކާމިޔާބީއައް އެދެން
hi reesh… mee kiaraa igea… kiaa ah vvvvvvvvvvvvvvvvvvvvvvv good mi story