Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ބަދު ނަސީބުގެ ހިޔަނި އެޅުމުން (24)

Dheem&Eekku Level 410 Stories100 Login500 Login
May 1, 2021 6 Mins Read
0 Comments

“އަފާ.. މިއީ ދައްކަން އެހާ ފަސޭހަ ވާހަކަތަކެއް ނޫނޭ. އަހަންނަށް ހީވަނީ ދެން އެންމެ ރަނގަޅު ވާނީ އަހަރެން ރަށަށް ދިޔައްޔާހެން. މިހާރު ކިޔެވުންވެސް މިއަހަރަށް ނިމުނީނުން.. ” ޔީޝާ ކޮޅަށް ތެދުވެ ޖިންސުގައި ހުރި ކުނިތަށް ފޮޅާލިއެވެ.

“ދެން ދާނިޝް އޯ” އަފާ އަހާލިއެވެ.

“އަހަރެން ބޭނުންވަނީ ބުރޭކަޕް ވާން.. އައި ނީޑް އަ ބުރޭކް” ޔިޝާ އެހެން ބުނީރު އޭނާގެ ދެލޯ ފެންކަޅިވިއެވެ.

****

“ކީކޭ؟ އެކީއްވެ؟ ޔީޝް ވެގެން އުޅޭގޮތެއް އަހަންނަށް ކިޔައިދީބަލަ.. މިހިސާބަށް ކަންތަށް ދިޔައީ ކިހިނެއްވެގެން” އަފާ ހަައިރާނުގެ ނަޒަރަކުން ޔީޝާއާ ދިމާއަށް ބަލާލިއެވެ.

ޔީޝާއަށް ވާހަކަ ފަށާނެ ގޮތެއް ނޭނގުނެވެ. ނަމަވެސް އޭނާ ކުރުގޮތަކަށް ދާނިޝްއާ އޭނާއާ ދެމެދު ވީކަންތަށް ކިޔައިދޭން ފެށިއެވެ. ދާނިޝްއާ އެކު ހޭދަކުރެވުނު ރެއެވެ. އޭނާއަށް ކުރެވުނު ކުށެވެ.  ފަހުން ދާނިޝްގެ އެދުމަށް އޭނާ ހުރަސްއެޅުމުން ދާނިޝް ކަންތަށް ކުރިގޮތެވެ. ނަމަވެސް އޭނާގެ އަތަށް ވީގޮތް ޔީޝާ ބުނާކަށް ބޭނުމެއް ނުވިއެވެ. އެއީ ދާނިޝްގެ ސަބަބުން އޭނާއަށް އެފަދަ އަނިޔާއެއް ލިިބުނުކަން އެނގިއްޖެ ނަމަ އަފާ ރުޅިއަންނާނެ ވަރު އަންދާޒާ ކޮށްލެވޭތީއެވެ.

“އަފާ.. އަހަރެން ދާނިޝްދެކެ ވަރަށް ލޯބިވޭ.. އަބަދުވެސް ދާނިޝްއާ އެކު ވާން ބޭނުން.. އެކަމު މިހާރު ދާނީޝް ކަންތަށް ކުރާގޮތުން އަހަރެން ގޮތްހުސްވެއްޖެ.. ބައެއް ފަހަރު ދާނިޝް އުޅޭ ގޮތުން އެއީ އެހެން މީހެއް ހެންވެސް ހިވޭ..” ޔީޝާގެ ވާހަކަ ނިމުމުން އަފާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އޭނާއަށް އެވާހަކަ ގަބޫލުކުރަން ދަތިވިއެވެ.
“އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަން ދާނިޝް އެފަދަ ގޮތަކަށް އުޅެފާނެ ކަމަކަށް.. އަހަރެން ހީކުރި ކަހަލަ މީހަކަށް އޭނާ ނުވި…” އަފާއަށް ބުނެވުނީ ހަމައެކަނި އެހެނެވެ. އަފާ އެހެން ބުނި ކަމުގައިވިއަސް ދާނިޝްއަކީ އެކަހަލަ ކުއްޖެއް ނޫންކަމަށް އޭނާގެ ސިކުނޑީގެ އެއް ހިސާބަކުން ބުނެލިއެވެ. އެކަމު ދާނިޝް ނުކުރާކަމެއް ކުރިއެކޭ ކިޔައިގެން ޔީޝާވެސް ދޮގު ނަހަދާނެކަން އޭނާއަށް ޔަގީނެވެ.

“ޔީޝްއަށް ފެންނަ ގޮތެއް ހަދާ… ރަށަށް ދާން ބޭނުންނަމަ ހަމަ ދާންވީ.. އެކަމު އަދި އެއްފަހަރު.. އަދި އެއްފަހަރު ދާނިޝްއާ ރީތިކޮށް ވާހަކަ ދައްކާލާ.. ” އަފާ އެހެން ބުނުމުން ޔީޝާ ބޯޖަހާލިއެވެ.

ސްކޫލު ގޭޓާ ތަންކޮޅެއް ދުރުގައި މަޑުކޮއްގެން ހުރި ދާނިޝް އިންތިޒާރު ކުރަމުން ދިޔައީ ނިހާއަށެވެ. ސައިކަލު މަތީގައި ފޯނާ ކުޅެން އިން ދާނިޝްގެ ނަޒަރު ގޭޓުން ނުކުމެގެން އަންނަ ކުދިންނަށް ހިނގާލިއެވެ. އެކުދިންތަކުގެ ތެރެއިން ނިހާ ފެނުމުން އަތުގައި އޮތް ފޯނު ޖީބަށް ލާފައި ސައިކަލު ސްޓާޓު ކޮއްލިއެވެ. ނިހާ ސައިކަލު ފަހަތަށް އެރުމާއެކު ދާނިޝް ގެޔަށް ދިޔުމަށް ސައިކަލު ދުއްވާލިއެވެ.

ދާނިޝްގެ ސައިކަލު ގޭ ކައިރިއަށް ހުއްޓާލިއިރު އަފާއާއި ޔީޝާވެސް އެހިސާބަށް އަރާ ހަމަވަނީއެވެ. ދާނިޝް ފެނުމުން ޔީޝާ އިސްޖަހާލިއެވެ. އަދި ދާނިޝް ނުފެންނަކަމަށް ހެދިފައި އަފާގެ ފަހަތުން އެތެރެއަށް ވަނުމަށް ހިނގުން އަވަސް ކޮއްލިއެވެ.  ޔީޝާ ފެނުމުން ދާނިޝްގެ ހަރަކާތްވެސް ކުޑަކޮށް ހުއްޓުނެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވި ވަގުތު އެއްވެސް އިހްތިޔާރަކާ ނުލާ އިސްޖަހާލެވުނެވެ. އެވަގުތު އޭނާގެ ސިކުނޑީގައި ވަލީދު ދެއްކި ވާހަކަތައް އެނބުރެން ފެށިއެވެ. ފާއިތުވި ދެދުވަހު ދާނިޝް ޔީޝާއާ ދުރު ދުރުން އުޅެވުނީ އެހެންވެއެވެ. ޔީޝާގެ ފަރާތުން އޭނާ ހަގީގަތް ހޯދަން ބޭނުންވެފައި ވީނަމަވެސް ހަގީގަތް އަޑުއަހަން އޭނާ ޖެހިލުންވަނީއެވެ. ފަހަރެއްގައި ވަލީދު އެބުނި ވާހަކަ ތަކުގައި ހަގީގަތެއް އެކުލެވޭނަމަ އޭނާގެ ހިތަށް ކެތްކުރަން ދަތި ވާނެތީއެވެ. ފަހުން ފަހުން އައިސް ޔީޝާގެ އަމަލުތަށް ހުންނަ ގޮތުންވެސް އޭނާގެ ހިތް ބިރުގަންނަނީއެވެ.

ނަމަވެސް ދާނިޝް ހަގީގަތް ހޯދަން ޖެހެއެވެ. ދާނިޝް އެހެން މީހުން ދައްކާ ވާހަކަ ހެއްކަކާ ނުލައި ގަބޫލު ކުރާކަށް ބޭނުމެއް ނޫނެވެ. އޭނާ ހަގީގަތް އަޑު އަހަން ބޭނުމީ ޔީޝާގެ ދުލުންނެވެ. އޭނާގެ ސިކުނޑި އެކަމަށް އެއްބަސްވުމުން ދާނިޝް އިސްއުފުލާލާފައި ޔިޝާގެ ނަމުން ގޮވާލިއެވެ. އެއަޑަށް ދޮރާށިން އެތެރެއަށް ވަދެގެން ދިޔަ އަފާއާއި ޔީޝާވެސް ހުއްޓުނެވެ. ޔީޝާ އަފާއާ ދިމާއަށް ބަލާލުމުން އަފާ ބޯޖަހާލީ ދާށޭ ބުނާ ފަދައިންނެވެ.

“ޔީޝް.. އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަން ބޭނުން.. އެކަމު މިތާކު ނޫން” ޔީޝާ އައިސް ކައިރީ ހުއްޓުމުން ދާނިޝް ބުނެލިއެވެ. ދާނިޝް ވާހަކަ ދެއްކީ މަޑުމައިތިރިކޮށް ނަމަވެސް އެ އަޑުގައި ކުރިން އެހުންނަ ގާތްކަމެއް މިހާރަކު ނެތެވެ.

“އެހެންތާކަށް ދާކަށް އަހަރެން ބޭނުމެއްނޫން.. ދައްކަން ހުރި ވާހަކައެއް ވިއްޔާ މިތަނުގަ ދައްކާ.. ނުދެއްކެންޏާ އަޅާ ނުލާ. އަހަރެން މިދަނީ އެތެރެއަށް” އެއްނޭވާ މަތިން ޔީޝާ އެހެން ބުނިގޮތުންވެސް ޔީޝާ ދާނިޝްއާއެކު އެކަނި ވާން ބޭނުން ނުވާވަރު ދާނިޝްއަށް ދޭހަވިއެވެ.

“މައްސަލައެއް ނެތް.. އެކަމު ޔީޝް އަހަރެން ކައިރީ ބުނެފާނަންތަ މިހާރަކަށް އައިސް ޔީޝް ތިހެން ތިއުޅެނީ ކީއްވެކަން. އަހަރެން ވިސްނާ ވިސްނާވެސް ނޭނގުނު ޔީޝްއަށް މިހާ ބޮޑު ބަދަލެއް އައީ ކީއްވެ ކަމެއް.. އަހަރެމެން އުޅުނީ ކިހާ ހެޕީކޮށް. ކުއްލިއަކަށް އަހަރެމެން ދެމެދު އޮތް މިގުޅުން މިހާ ކިލަނބުވީ ކީއްވެ.. އަހަރެން މިހުންނަނީ ވާނުވާގަ” ދާނިޝް ބުނެލިއެވެ.

ދާނިޝް އެހެން ބުނުމުން ޔީޝާ އިސްއުފުލާލާ ދާނިޝްގެ މޫނަށް ބަލާލީ ގަބޫލު ނުކުރެވޭ ގޮތަކަށެވެ. އެދެމެދު އޮތް ގުޅުމަށް މިބަދަލު އައި ސަބަބު ދާނިޝްއަށް ހަމަ ނޭނގެނީ ބާއޭ ޔީޝާ ހިތަށް އެރިއެވެ. ޝައިތޯނާގެ އަވާގައި ޖެހި އެރޭ އެދެމެދު ހިނގީ ކިހާ ބޮޑު ފާފައެއް ކަންވެސް ދާނިޝްއަށް ނޭނގެނީހެއްޔެވެ. އެފަދަ ކަންތައް ކައިވެނީގެ ކުރިން ހިނގާފިނަމަ މިގުޅުމަށް މިފަދަ ބަދަލު ތަކެއް ނާންނާނެ ހެއްޔެވެ.

“ޔީޝް ވާހަކަ ދައްކަބަލަ.. ޔީޝް ތިއުޅޭ ގޮތުން އަހަންނަށް ހީވަނީ ޔީޝް މިހާރު އަހަރެން ދެކެ ފޫހިވީހެން.. އަހަރެންނާ ރުޅިވާން މަސައްކަތް ކުރާހެން.. ނޫންތަ؟” ދާނިޝް އެހެން ބުނީރު އޭނާގެ ހިތުގައި މަޑު ރިހުމެއް އުފެދުނެވެ.

“އަދިވެސް އަހަރެން ދޯ ރުޅިވާން މިމަސައްކަތް ކުރަނީ.. ދާނިޝްއެއް ނޫންތަ އަހަރެން ދެކެ ފޫހިވީކީ.. އަހަރެން ދާނިޝްގެ ޝެލްފިޝް އެދުންތަކަށް ނޫނެކޭ ބުނީމަ އަހަރެންނާ ދިމާލަށް ބުނި އެއްޗެހިތަށް އަހަރެން ކިހިނެއް ހަނދާން ނެތޭނީ.. ދާނީޝްއެއް ނޫންތަ މިގުޅުން ކިލަނބުކޮއްލީ.. ކީއްވެތަ އަހަރެން ތި ކުއްވެރި ކުރަނީ؟” ޔީޝާ އެއްނޭވާ މަތިން ހުރިހާ އެއްޗެއް ބުނެލުމުން ދާނިޝް އިނީ ހައިރާންވެފައެވެ. ޔީޝާ އެދައްކާ ވާހަކައެއް އޭނާއަކަށް ނުވިސްނުނެވެ.

ކޮން ސެލްޕިޝް އެދުންތަކެއް ހެއްޔެވެ. އޭނާ ޔީޝާއާ ދިމާއަށް އެއްޗެހި ކީ ކޮންއިރަކު ހެއްޔެވެ.

“ނޭނގޭ ކަމަށް ހަދާނެ ކަމެއް ނެތް.. އެރޭ ދާނިޝް ކަންތަށް ކުރިގޮތުން އަހަރެން ދެރަވި ވަރު އިނގޭތަ.. ދާނިޝް ހީކުރީ އަހަރެން މިއީ ވަރަށް ގޮތް ކުޑަ މީހެއް ކަމައްތަ.. އަހަރެންނަށް އިނގޭ އެރޭ އަހަރެމެނަށް ހެދުނީ ގޯހެއްކަން. އެކަމު އެއީ އަހަރެންވެސް ގަސްތުގަ ކުރި ކަމެއް ނޫން.. އަހަރެން ހީކުރީ އެރޭ އަހަރެމެނަށް ހެދުނީ މިސްޓޭކެއް ކަމަށް އެކަމު ފަހުން ދާނިޝް ކަންތަށް ކުރިގޮތުން އެއީ ދަނިޝް ހަމަގަސްތުގަ ކުރި ކަމެއްކަން އެނގިއްޖެ.. އަހަރެން ހީކުރީ ދާނިޝް ތިއީ ވަރަށް ރަނގަޅު މީހެއްކަމަށް އެކަމު.. ” ޔިޝާ އެހެން ބުނެފައި ދާނީޝްއާ ދުރަށް އެނބުރުނެވެ. އޭނާގެ ލޮލަށް ޖަމާވި ކަރުނަތަށް ދައްކަން ބޭނުން ނުވާތީއެވެ.

“ކޮން މިސްޓޭކެއް؟ އަހަންނަކަށް ނޭނގުނު.. އަހަރެމެން ދެމެދު އެފަދަ އެއްވެސް ގުޅުމެއް ހިނގާފައެއް ނޯންނާނެ. ޔީޝް ތިދައްކާ އެއްވެސް ވާހަކައެއް އަހަންނަކަށް ނޭނގޭ” ދާނިޝް ޔީޝާގެ އަތުގައި ހިފާ އޭނާއާ ވީފަރާތަށް އަނބުރާލިއެވެ. ދާނިޝްއަށް އޭނާގެ އަތުގައި ހިފުމުން ޔީޝާއަށް ތަދުވެގެން އަތް ދަމައި ގަނެވުނެވެ. ނަމަވެސް ޔީޝާ ދުރަށް ޖެހެން ވާއިރަށް ދާނިޝް އަނެއްކާވެސް އެއަތުގައި ހިފެހެއްޓިއެވެ. އެންމެ ފަހުން ދާނިޝް ޔިޝާއާ ވާހަކަ ދެއްކިރޭވެސް ޔީޝާގެ އަތުގައި ހިފުމުން ތަދުވެގެން އަތް ދަމައިގަތްކަން ދާނިޝް ހަނދާންވިއެވެ.

ޔީޝާ އިންކާރު ކުރަން އެންމެ ސިކުންތެއްގެ ފުރުސަތުވެސް ނުދީ ދާނިޝް ޔީޝާ ލައިގެން ހުރި މަތިކޮޅުގެ އަތް ހިއްލާލިއެވެ. އުޅަން ބޯއްޓަށް ވުރެ ކުޑަ ތަންކޮޅެއް ތިރީގައި އަތެއްގެ ތައްގަނޑަށް ރަތްވެފައި ހުރި ތަން ފެނުމުން ދާނިޝްގެ ނިތުކުރިއަށް ރޫތައް ގިނަވިއެވެ.

“ކިހިނެއްވެފަ މިހުރީ؟” ރަތްވެފައި ހުރި ތަނުގައި ނަގާފައި ހުރި ހަރު ފިއްތަށް ފެނުމުން ދާނިޝް ކުޑަކޮށް ބިރުގަތެވެ. އެއީ އެ ފިއްތައް ފެނުމުން ޔީޝާއަށްވެސް ވީގޮތެވެ. ބޮޑެތިކޮށް އެހުރި ފިއްތަށް ކައިރި ކުޑަކޮށް ކަޅުވެފައި ހުރުމުން އަދި އިތުރަށް ބިރުވެރި ފާޑު ޖަހައެވެ. ހީވަނީ ހޫނު އެއްޗެއް ޖައްސާ ފިއްސާލާފައި އޮތް ހެނެވެ.

“ދާނިޝްއަކަށް ނޫންތަ އިނގޭނީ.. މިއީ ދާނިޝް ހިފިލެ ބާރުކަމުން އަހަރެން އަތަށް ވީގޮތެއް.. އަދިވެސް ނޭނގޭ ކަމަށް ހަދައިގެން ތިހުންނަނީ ކުރެވުނު ކަންތަކާ ލަދުގަންނާތީތަ.. ދާނިޝްގެ ކުށް އަމިއްލައަށް ގަބޫލުކޮށް މާފަށް އެދިއްޖެޔާ އަހަރެން މިހުރީ ދާނިޝްއަށް އިތުރު ފުރުސަތެއް ދޭގޮތަށް… އެކަމު ދާނިޝް ތިހަދާ ދޮގުތަކުން އަހަރެން ކިހިނެއް އިތުރު ފުރުސަތެއް ދޭނީ” ޔީޝާ ބުނެލިއެވެ.

“ޔީޝް ކޮންކަހަލަ ސަމާސާއެއް ތިކުރަނީ.. އަހަރެން ލަދުގަންނަން ޖެހޭވަރު ކަމެއް ކޮށްފަކާ ނޯންނާނެ.. ޔީޝާއަށް ތިއުޅެނީ އޮޅިގެންހެން އަހަންނަށް ހީވަނީ.. އަހަރެންގެ ފަރާތުން ޔީޝާ ހިތްހަމަ ނުޖެހޭ ކަމެއް ފެންނަނީނަމަ މިޔަށްވުރެ ރަނގަޅަށްވެސް އެކަން ހައްލު ކުރެވޭނެއްނު.. ދެން މިސަމާސާ ހުއްޓަން ވެއްޖެއެއްނު..” ދާނިޝް އޭނާގެ ޖީބަށް އަތް ޖަހާލާފައި ސީދާ ޔީޝާގެ މޫނަށް ބަލާލިއެވެ.

“އަދިވެސް އަހަރެންތަ މިސަމާސާ ކުރަނީ.. ދާނިޝް…”

“ޔީޝް މަޑުކުރޭ.. ދެން ވާހަކަ ދައްކާނީ އަހަރެން.. އަހަރެން ކުރާ ސުވާލަށް ޔީޝާ ޖަވާބުދީ.. ރޭގަނޑު ދަންވާ ފަހުން ޔީޝާގެ ކޮޓަރިން ވަދެ ނުކުމެ ވާތަން އެފެންނަނީ ކާކު.. ޔީޝާގެ ކޮޓަރިން ނުކުންނަނިކޮށް ވަލީދުބެއަށް ފެނުނު ފިރިހެނަކީ ކާކު؟” ސީދާ ޔީޝާގެ ލޮލަށް ބަލަން ހުރެފައި އޭނާގެ ދުލު ކުރީއޮތް ސުވާލު ކޮއްލިއެވެ.

“އަހަރެންގެ ކޮޓަރިން ނުކުތް މީހެކޭ.. ކޮންއިރަކު؟” ޔީޝާ އަހާލެވުނެވެ. ކުއްލިއަކަށް ދާނިޝް މިދައްކަން ފެށީ ކޮންވާހަކައެއް ބާއޭ އޭނާގެ ހިތަށް އެރިއެވެ.

“ވަލީދުބެ މިރަށަށް އައި ދުވަހުގެ ރޭ.. ދެމީހުން ސަބްމެރިން ކާން ދިޔަ ރޭ.. ވަލީދުބެ ބުނި އެހެން ދެރެއަކުވެސް ޔީޝާގެ ކޮޓަރިން މީހަކު ނުކުންނަތަން ދެކުނީމޭ..” ދާނިޝް ބުނެލިއެވެ.

“އަހަންނަކަށް ނޭނގެ ވަލީދުބެއަށް އެފެނުނީ ކާކުކަމެއް… އެކަމު އެރޭ އަހަރެން ކޮޓަރިއަށް ވަނީވެސް އަދި ނުކުންނަނިކޮށް ފެންނާނީވެސް ދާނިޝްއެއް ނޫންތަ.. ދާނިޝްއެއްނު އެރޭ ދަންވެފަ އޮއްވާ އަހަރެންގެ ކޮޓަރިއަށް އައީ” ޔީޝާ ޔަގީންކަމާއެކު ބުނެލިއެވެ. އެރޭ ޔީޝާއަށް ހަނދާން ނެތޭނީ ކިހިނެއް ހެއްޔެވެ. އެރޭގެ ހަނދާންތަ ޔީޝާގެ ހިތާ ސިކުނޑިން އެންމެ ހިނދުކޮޅަކަށްވެސް ވަކިނުވާނެއެވެ.

“ކީކޭ ތިކިޔަނީ؟ ދަންވެފަ އޮށްވާ އަހަރެން ކީއްކުރަން ޔީޝާ ކޮޓަރިއަށް ވަންނަންވީ.. އަހަރެން ޔީޝާދެކެ ލޯބިވިއަސް އަހަންނަކީ އެފާާޑަށް އުޅޭ މީހެއް ނޫން.. އެހެން ނޫނަސް ވަލީދުބެއަށް އަހަރެން ވަކިނުވެ ހުންނާނެތަ.. ޔީޝާ ތެދަށް ބުނޭ.. އާރ ޔޫ ޗީޓިން އޮން މީ؟” ދާނިޝްގެ އަތް މުށްކެވިގެން ދިޔައެވެ.

“އަހަރެން ދާނިޝްއަށް ޗީޓު ކުރީއޭ.. އަހަރެން ކީއްކުރަން ޗީޓު ކުރަންވީ.. ދާނިޝް ހީކުރީ އަހަރެން މިއީ އެކަހަލަ މީހެކޭތަ… އެރޭ ދާނީޝްއައިސް ކުރި ކަންތަށް ހަނދާން ނެތީތަ.. ކީއްވެތަ އެކަމަށް އެއްބަސްވާނެ ޖެހިލުންވަނީ” ޔީޝާ ގާތަށް ރަނގަޅަށްވެސް ރުޅިއައިސްފިއެވެ. މިއީ ކޮންކަހަލަ އަރަތެއް ހެއްޔެވެ. އެރޭ ދާނިޝް އަމިއްލައަށް އޭނާ ކައިރިއަށް އައިސް މިހާރު އެހެން އެއަހަނީ ކީއްވެ ހެއްޔެވެ. އަނެއްކާ ދާނިޝް ސިކުނޑީގައި މައްސަލައެއް އުޅެނީހެއްޔެވެ.

“އަހަރެން ހަމަ ހުވާ ކޮއްފަ މިބުނީ.. އަހަރެން އެއްވެސް ރެއަކު ޔީޝާގެ ކޮޓަރިއަކަށް ނުވަންނަން.. ޔީޝާއާ އެކު އެފަދަ އެއްވެސް ކަމެއް ނުކުރަން.. އަހަންނަށް ހީވަނީ ޔީޝާ އެހެން މީހަކާ އެކީ ގުޅުމެއް ހިންގަނީހެން.. ފަޅާ އަރާފަނެތީ އަހަރެންގެ ބޮލަށް އެކަން ޖަހަން ތިޔަ މަސައްކަތް ކުރަނީ އެހެންނު؟” ދާނިޝް ބުނެލިއެވެ. ނަމަވެސް ދާނިޝްގެ ޖުމްލަ ނުނިމެނީސް އޭނާގެ ކޯތާފަތް މައްޗަށް ހޫނު އެތިފަހަރެއް އެރިއެވެ.

ކޯތާފަތުގައި ހަތް ހާކާލަމުން ދާނިޝް ޔީޝާއަށް ބަލާލީ ގަބޫލު ނުކުރެވޭ ފަދަ ނަޒަރަކުންނެވެ. ރުޅިއައުމުގެ ބަދަލުގައި ދާނިޝްގެ ހިތުގައި އުފެދުނީ ހިތްދަތި ކަމެވެ.

“ދާނިޝް.. ދެވަނަ ފަހަރަށް ތިދުލުން  އަހަރެންނޭ ކިޔައިގެން ތިފަދަ ބަހެއް ނުބުނާތި.. ދާނިޝް ހިކުރީ އަހަރެން މިއީ ކުޅޭ ކުޅޭ އެއްޗެއް ކަމަށްތަ.. ބޭނުންވީމަ ކުޅެލާފަ ބޭނުން ނުވީމަ ހިތުހުރި ގޮތެއް ހަދާލާން.. އަހަރެން ދާނިޝްއަށް ވަރަށް އިތުބާރު ކުރިން އަކަމު މިރޭ އަހަރެންގެ ހިތުގަ ދާނިޝް އާމެދު ޝަކުވާ ނޫން އެހެން އެއްޗެއް ނެތް.. އައި ހޭޓް ޔޫ ދާނިޝް އައި ހޭޓު ޔޫ. އަހަރެން ބޭނުމެއް ނޫން ދާނިޝްއާ އެކީ އުޅޭކަށް ” ޔީޝާ އެހެން ބުނެފައި ދާނިޝްއާ ދުރަށް ހިނގާގަތެވެ ނަމަވެސް ދާނިޝް އޭނާ ހުއްޓުވިއެވެ.

“ޔީޝާ ޗީޓު ނުކުރާނަމަ ކިއްވެ ދޮގު ހަދަނީ.. އަހަންނަށް އެނގޭ ވަލީދުބެ ދޮގުނަހަދާނެކަން.. ވަލީދުބެ ދޮގުހެދުމުގެ ބޭނުމެއްވެސް ނެތޭނުން.. ޔީޝާ ޗީޓު ނުކުރަނީނަމަ ތެދަށް ބުނެބަލަ ޔިޝާގެ ކޮޓަރިއަށް ވަންނާތީ އެފެންނަނީ ކާކުކަން.. ރުޅިއައިސްގެން ތިހެން ދިޔަޔަކަސް ވާނެ ކަމެއް ނޯންނާނެ.. ޔީޝާ ކޮންމެވެސް ކަމެއް ސިއްރު ކުރާކަން އަހަންނަށް އެނގެޔޭ.. ބުނެބަލަ އެއީ ކާކު..” ދާނިޝް ބުނެލިއެވެ.

“ދާނިޝް ތިއީ ވަރަށް ފިނޑި މީހެއް.. ތިއުޅެނީ އެރޭ ކުރެވުނު ކަންތަކުގެ ޒިންމާ ނަގަން ޖެހިދާނެތީނުން.. ނޫން ދާނިޝް.. ދާނިޝްއަކަށް ނުޖެހޭނެ.. ނުވެސް ޖައްސާނަން.. އަހަރެންނަށް ރަނގަޅީ މީގެފަހުން އަހަންނާ ވާހަކަވެސް ނުދެއްކިއްޔާ” ޔީޝާ އެހެން ބުނެފައި ދާނިޝްގެ އަތް ފޮޅުވާލުމަށްފަހު އެތެރެއަށް ވަނެވެ. އަވަސް ފިޔަވަޅުގައި ކޮތަރިއަށް ވަދެ ދޮރު ތަންޑު އެޅުވިއެވެ.

އެނދު މައްޗަށް ވެއްޓިގަނެފައި ޔީޝާ ބާލީހުގައި ބައްދާލިއެވެ. އޭރު އޭނާގެ ލޮލުން އޮހެމުން ދިޔަ ތާޒާ ކަރުނަތައް ބާލިސް ތެންމަމުން ދިޔައެވެ. ޔީޝާގެ ހިތް މިރޭ ކުދި ކުދި ވެއްޖެއެވެ. ދާނިޝްއާއެކު އޭނާ ދެކެމުން އައި ފޮނި ހުވަފެން ފުނޑު ފުނޑުވެއްޖެއެވެ. ކޮންމެ ދުވަހަކު ދާނިޝް އޭނާއަށް އިއްވަދޭ ލޯބީގެ ބަސްތައް އޭނާގެ ހިތް ޒަހަމް ކުރަމުން ދިޔަ ތީރު ތަކަކަށް ވެއްޖެއެވެ.

އޭނާ ދުވަހަކުވެސް މިފަދަ ގޮތަކަށް އޭނާގެ ހިތް ހަލާކުވެދާނެ ކަމަކަށް އުންމީދެއް ނުކުރެއެވެ. އަދި ވަކިން ދާނިޝްގެ ފަރާތުން މިފަދަ ކަމެއް ޔީޝާއަކަށް ގަބޫލެއް ނުކުރެވުނެވެ. ދާނިޝް އޭނާގެ ކުށް ގަބޫލުކުރުމުގެ ބަދަލުގައި އޭނާގެ ބޮލުގައި އެއެޅުވީ ކިހާ ބޮޑު ފާފައެއްގެ އިލްޒާމު ހެއްޔެވެ. ދާނިޝްދެކެ އޭނާވީ ފުން ލޯބީގެ އަގު ދާނިޝް އެދިނީ ކިހާ ހިތިކޮށް ހެއްޔެވެ. އޭނާގެ އެ ޅަހިތަށް ކެތްވާނީ ކިހިނެއް ހެއްޔެވެ.

ބޭރުން އޭނާގެ  ނަމުން ގޮވަމުން ދިޔަ އަފާއާއި ޔައީޝްގެ އަޑަށް ބީރު ކަންފަތެއް ދީގެން ހުރެ ޔީޝާ އޭނާ ހިތް ފުރޭވަރަށް ރޯލިއެވެ. އޭނާގެ ހިތުގެ އުދާސްތަކާ ޝަކުވާތަށް އޭނާއަށް ބޭރުކުރެވޭނީ މިހެން ނޫން ހެއްޔެވެ. އޭނާ ޝަކުވާ ކުރާނީ ކާކު ކައިރީ ހެއްޔެވެ. އޭނާގެ ސިކުނޑި ތޮރުފަމުންދާ ސުވާލުތަކުގެ ޖަވާބު ދޭނީ ކާކުހެއްޔެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dheem&Eekku

Level 410 Stories100 Login500 Login

Other Articles

Previous

ތިޔަ ލޯތްބަށް އެދެމޭ – 27

Next

ލޯތްބަށްޓަކައި އަހަރެން ހުވާ މަރުވެސް ވެދާނަމޭ 8

Next
May 1, 2021

ލޯތްބަށްޓަކައި އަހަރެން ހުވާ މަރުވެސް ވެދާނަމޭ 8

Previews
May 1, 2021

ތިޔަ ލޯތްބަށް އެދެމޭ – 27



All Right Reserved!