Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ބަދު ނަސީބުގެ ހިޔަނި އެޅުމުން (22)

Dheem&Eekku Level 410 Stories100 Login500 Login
April 20, 2021 6 Mins Read
0 Comments

ދާނިޝް ކޮޓަރިއާ ދިޟާލުގައި ހުރި ބޮޑު ގަހުގެ ގޮފިގަނޑުގައި އިށީންދެއިން ޒަބުރިޝް މަޑު މަޑުން ތިރިއަށް ފޭބިއެވެ. އޭތީގެ ދިގު ހަތަރު މޮއްގަނޑުން ހިނޣާފައި އަިއސް ކުޑަދޮރު ކައިރީ ހުއްޓިލިއެވެ. ދާނިޝްއާ ދިޟާއަށް ބަލަން ހުރި ޒަބޫރިޝްގެ އަތް މުއްކެވިގެން ދިޔައެވެ.

“ޔީޝާއަކީ ހަމައެކަނި އަހަރެނގެ މިލްކެއް،،، އަހަރެމެން ދެމެދަށް ވަންނަ ކޮންމެ މިހެއްގެ ދުވަސް ދުއްވާލާނަން.. ” ޒަބޫރިޝްގެ ދުލުން އެބަސްތަށް ޞޭރުވެގެން ދިޔައިރު އޭނާގެ ދެލޯވެސް ވަނީ ލޭއަރާ ރަތްވެފައެވެ.

****

 

ޖެހެމުން ދިޔަ ލުއި ވައިރޯޅީގެ ތެތް ފިނިކަން މުޅި މާހައުލުގައި ހިފާލާފައި ވެއެވެ. އެއްގަމަށް ބީއްސަމުން ދިޔަ ރާޅުތަކުގެ ހިތްގައި އަޑުން މުޅި ހިސާބުގައި ރީތި މިއުޒިކެއް ޖަހާލާފައި ވާކަހަލައެވެ. އެއްގަމަށް ވެއްޓިފައި އޮތް ރުއްގަނޑެއް މަތީ ދާނިޝް އިށީންދެ އިންއިރު އޭނާގެ ނަޒަރު ހުއްޓިފައި ވަނީ ރާޅު ބީއްސާ ހިސާބުގައި ކޮޅަށް ހުރި ޔީޝާއަށެވެ. އޭނާއަށް ފުރަގަސް ދީގެން ހުރި ޔީޝާ އެހުރީ އޭނާ ދެކެ ރުޅިއައިސްކަން ދާނިޝްއަށް އެނގުނު ނަމަވެސް ސަބަބެއް ދާނިޝްއަކަށް ނޭނގުނެވެ. އޭނާއަށް ކަމެއް ގޯސްކޮށް ކުރެވުނީތޯ މިހާރު އެހުނު އަދަދެއްވެސް ނޭނގެއެވެ. ނަމަވެސް ޔީޝާގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުނެވެ. މިހާރު ޔީޝާ އެހުރީ އޭނާއާ ވާހަކަ ދައްކަންވެސް ބޭނުން ނުވެފައިކަން ދާނިޝްއަށް އެނގެޔެވެ.

“ޔީޝް.. ތިހެން ރުޅިއައިސް ހުންނަންވީ ސަބަބެއް ރީތިކޮށް އަހަރެން ކައިރީގަ ބުނީމަ ދޯ އެނގޭނީ.. ޔީޝާ ތިހެން ވާހަކަ ނުދައްކަ ހުންނަންޏާ އަހަރެން މިދަނީ ގެޔަށް” ދާނިޝް ރުއްގަނޑު މަތިން ތެދުވަންނަމުން ބުނެލިއެވެ.

“އެޓްލީސްޓް ވީކަމެއް ބުނެބަލަ.. އަހަންނަށް ހަމަ ޔަގީން އަހަރެން ޔީޝް ދެރަ ވާވަރު ކަމެއް ނުކުރަންކަން..” ދާނިޝް އެހެން ބުނުމުން ޔީޝާ ހަށަން ބަނދެލަމުން ދާނިޝްއާ ވީފަރާތަށް އެނބުރުނެވެ.

“ދާނިޝްއަށް ހަމަ ނޭނގިގެންތަ ތި އަހަނީ.. އަހަރެން ރުޅިއަންނަންވީ ސަބަބު ދާނިޝްއަށް ހަމަ ރަނގަޅަށްވެސް އެނގޭނެ.. ދެން ތި ބޭކާރު އެކްޓު ކުރުން ހުއްޓާލަން ވެއްޖެ އޭނުން.. ” ޔީޝާ ނުރުހިފައި ބުނެލިއެވެ.

“އަހަންނަކަށް ނޭނގޭ ޔީޝް ތި ދައްކާ ވާހަކައެއް.. އަހަރެން ކޮން އެކްޓެއް ޖައްސާ ވާހަކަތަ ތިދައްކަނީ” ދާނިޝް ދެ ޖީބަށް އަތް ޖަހާލަމުން ބުނެލިއެވެ.

“ނޭނގެ މަށަކަށް…ދާނިޝް ހީކުރީ ދާނިޝް އަހަރެންނާ ދިމާއަށް ހިތުހުރި އެއްޗެއް ބުނެލާފަ ބޭނުންގޮތެއް ހަދާލާފަ ދެން އައިސް ރީތިކޮށް ވާހަކަ ދެއްކީމަ އަހަރެން ހުންނަންވީ މަޑުންނޭތަ.. ކުށެއް ކުރެވުނީޔާ ކުއް ގަބޫލު ކުރަން ދަސްކޮށްބަލަ” ޔީޝާ ބުނެލިއެވެ.

“އަހަރެން ކޮންއިރަކު ޔީޝާއަށް ހިތުހުރި އެއްޗެއް ބުނީ.. އަހަރެން ދުވަހަކުވެސް ޔީޝް ދެރަވާ ކަހަލަ އެއްޗެއް ބުނެފަކާ ނޯންނާނެ.” ދާނިޝް ބުނެލިއެވެ.

“އައި ޑޯންޓު ޓުރަސްޓު ޔޫ އެނީމޯ” ޔީޝާ އެހެން ބުނެފައި އަނެއް ފަރާތަށް އެނބުރުނެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ނުދެއްކުމަށެވެ.

“ޔީޝް.. ކޮންކަހަލަ ވާހަކައެއްތަ މިރޭ ތިދައްކަނީ.. އޯކޭ ސޮރީ.. އަހަންނަށް ޔީޝް ދެރަވާ ވަރު އެންމެ ކުޑަ އެއްޗެ ބުނެވިފަ އޮތް ނަމަވެސް މާފަށް އެދެން. ވެގެން މިއުޅޭ ގޮތެއް އަހަންނަށް ސާފު ނުވިއަސް ހުރިހާ ކަމަކަށް ސޮރީ” ދާނިޝް އައިސް ޔީޝާގެ ކޮނޑުގައި ހިފާލިއެވެ.

“ދެން ރުޅި ނައިސް ރީތިކޮށް ބުނެބަލަ..” ދާނިޝް އެހެން ބުނުމުން ޔީޝާ ދާނިޝްގެ މޫނަށް ބަލާލިއެވެ. ދާނިޝްގެ މޫނުމަތިން އޭނާ އެހަދަނީ ދޮގުހެނެއް ހިޔެއް ނުވެއެވެ. ނަމަވެސް ދާނިޝް އޭނާ ކުރިކަންތަށް ނޭނގޭ ކަމަށް އެހެދެނީ ކީއްވެ ހެއްޔެވެ. ދާނިޝް ދޮގު ހަދަނީ ކީއްވެ ހެއްޔެވެ.

“ދާނިޝް ތިބުނަނީ ރޭގަ އަހަރެންނާ ދިމާއަށް ބުނި އެކައްޗެއްވެސް ހަނދާނެއް ނުވެއޭތަ.. ކީއްވެތަ ދޮގު ތިހަދަނީ” ޔީޝާ ބުނެލިއެވެ.

“ރޭގަ އަހަރެން ޔީޝާއާ ވާހަކަ ދެއްކީ ކޮން އިރަކު..؟ އަހަރެން ރޭގަ މީޓިން ނިމިގެން އައިސް ޔީޝްއަށް ގުޅީމަ ފޯނެއްވެސް ނުނަގަމޭނުން.. ” ދާނިޝް ހައިރާންވެފައި ބުނެލިއެވެ.

“އެކަމު.. ރޭގަ އަހަރެން..” ޔީޝާ ބުނަން އުޅުނު ޖުމްލަ މެދުކެނޑުނީ ދާނިޝްގެ ފޯނު ރިންގުވި އަޑަށެވެ.

“މަންމަ އެގުޅަނީ.. މަޑުކޮއްލާ އިނގޭ” ދާނިޝް ފޯނު ނަގަމުން ބުނެލިއެވެ. ދާނިޝް އެއްކައިރިއަށް ޖެހިލަމުން ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. އެކޮޅުން ވާހަކަ ދެއްކި މީހާ ބުނި އެއްޗަކުން ދާނިޝްގެ މޫނަށް އަރާ ފޭބި ކުލަވަރު ޔީޝާއަށް ފެނުމުން އޭނާވެސް ކުޑަކޮށް ހާސްވިއެވެ.

“ކިހިނެއްވީ؟” ޔީޝާ އަހާލިއެވެ.

“ބައްޕަ… ބައްޕަ ހުން އައިސް މާބޮޑަށް ހޮޑުލާތީ ހޮސްޕިޓަލަށް ގެންދަނިއްޔޯ.. ޔީޝް.. އަހަރެން އެބަޖެހޭ ގެޔަށް ދާން.. ދެން އެހެން ފަހަރަކުން މިވާހަކަ ދައްކާނީ ދޯ” ދާނިޝް އެހެން ބުނުމުން ޔީޝާ ބޯޖަހާލިއެވެ. ދާނިޝްގެ ފަރާތުން އޭނާ ޖަވާބެއް ބޭނުންވެފައި ވީނަމަވެސް މިވަގުތު ދާނިޝް އޭނާގެ ބައްޕަ ކައިރިއަށް ދިޔުން މުހިންމުކަން އޭނާއަށް އެނގެޔެވެ.

“ޔީޝްވެސް ހިނގާ އަހަރެންނާ އެކީ ގެޔަށް..” ދާނިޝް ބުނެލިއެވެ.

“ނޫން.. އަހަރެން ބޭނުންވަނީ އެކަނި ވެލަން.. އަހަރެން ދާނި ފަހުން” ޔީޝާ އެކަމަށް އިންކާރު ކުރިއެވެ.

“އެކަމު ރޭގަނޑު މިތާ ޔީޝް އެކަނި ބަހައްޓާފަކާ އަހަރެން ނުދާންނަ.. ދެން ހިނގާބަލަ އަހަރެންނާ އެކީ..” ދާނިޝް ބުނެލިއެވެ.

“އަހަރެން މިބުނީނުން އަހަރެން ނުދާނަމޭ..” ޔީޝާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.

“ޔީޝް ކިހިނެއްތަ ތިއުޅެނީ.. އަހަަންނަކަށް ނޭނގޭ ޔީޝްއަށް މިހާރު ތިވާގޮތެއް” ދާނީޝް އެހެން ބުނެފައި ޔީޝާގެ މުލައްދަނޑީގައި ހިފިއެވެ. މަޑު އާހަކާއެކު ޔީޝާއަށް އަތް ދަމައިގަނެވުނީ އަތުން ނަގައިގަތް ދިލައަކުންނެވެ.

“ޔީޝް.. ކިހިނެއްވީ.. ތަދުވީތަ އަހަރެންނަށް ހިފުނު ގޮތަކުން” ދާނިޝް ހާސްވެފައި ޔީޝާ ގާތަށް ޖެހިލިއެވެ.

“ދުރުގަ ހުރޭ އަހަރެންނާ… އަހަރެން މިބުނީނުން އަހަރެން ނުދާނަމޭ..” ޔީޝާ ހަޅޭ ލަވައިގަތެވެ.

“ޔީޝް.. ވަޓްސް ވުރޯންގް ވިތް ޔޫ.. ޔީޝާއަށް ކިހިނެއްތަ ތިވަނީ؟” ދާނިޝް މާޔޫސްވެފައި އަހާލެވުނެވެ.

“ދެން ދާނިޝްއަށް ކަމުދާ ގޮތަށް އުޅޭ ކުއްޖަކު ހޯދަން ދާންވީނުން.. އަހަރެންގެ ހުރިހާ ކަމަކާ ބެހުމުގެ ހައްގެއް ދާނިޝްއަކަށް ނޯންނާނެ” ޔީޝާ އެހެން ބުނެފައި ދާނިޝްއަށް ވުރެ ކުރިން ރަށުތެރެއަށް ދާން އޮންނަ މަގާ ދިމާއަށް ހިނގާގަތެވެ.

ޔީޝާ އެހެން ބުނުމުން ދާނިޝް ހިތުގައި ޖެހުނު ނަމަވެސް އިތުރަށް އެއްޗެކޭ ނުބުނެ ޔީޝާ ފަހަތުން ހިނގާގަތެވެ. ގެޔަށް ދެވެންދެންވެސް ޔީޝާ  އަދި ދާނިޝްވެސް ވާހަކައެއް ނުދައްކައެވެ. ޔީޝާ އޭނާ އުޅޭބަޔަށް އަރައިގެން ދިޔުމުން ދާނިޝް އަވަސް ފިޔަވަޅުގައި ގޭތެރެއަށް ވަދެގެން ދިޔައެވެ.

އަރައިގެން ހުރި ހީލްސް ބާލާފައި ޔީޝާ ސޯފާގައި އިށީނެވެ. ސޯފާގެ އެއްފަރާތެއްގައި އިން ޔައީޝް އޮތީ ނިދިފައެވެ. ފުން ނޭވާއެއް ދޫކޮއްލުމަށްފަހު ޔީޝާ ސޯފާގައި ހަމަ ޖެހިލިއެވެ. ސޯފާ ކައިރީ ހުރި ތިރި މޭޒުމައްޗަށް ފައިލުމަށް ފަހު ޓީވީން ދައްކަމުން ދިޔަ ފިލްމު ބަލަން ފެށިއެވެ. ޓީވީއާ ދިމާއަށް އޭނާގެ ދެލޯ ހުއްޓިފައި ވީނަމަވެސް އޭނާގެ ސިކުނޑި ވަނީ އެހެން ދުނިޔެއެއްގައެވެ. ޓީވީން ދައްކަމުން ދިޔަ ފިލްމަކަށް އޭނާއަކަށް އެއްވެސް ސަމާލުކަމެއް ނުދެވެއެވެ. އިރު އިރުކޮޅާ ލައިގެން ހުރި އަތް ދިގު ޓިސާޓު މަތިން އޭނާގެ މުލައްދަނޑީގައި ޔީޝާއަށް ފިރުމާލެވެއެވެ. ޓީވީން ނަޒަރު ދުރުކޮއްލަމުން ޔީޝާ އޭނާގެ ޓިޝާޓުގެ އަތް އުޅަން ބޯއްޓާ ހަމައަށް ހިއްލާލިއެވެ.

ކުރީރޭ ދާނިޝް ރުޅިއައިސްގެން އޭނާގެ އަތުގައި ހިފި ދިމާލުގައި ޔީޝާއަށް އަތް ޖައްސާލެވުނެވެ. އޭނާގެ ދޮން އޮމާން ހަންގަނޑު އެދިމާލުން ވަނީ ރަތްވެފައެވެ. ދާނިޝްގެ ބޮޑު އަތް ތިލައިގެ ބައްޓަމަށް އެތަނުގެ ހަންގަނޑު ވަނީ ފާޑަކަށް ކުރަކި ވެފައެވެ. ބައެއްފަހަރު އެތަނުގައި އަތްލުމުން ފާޑެއްގެ ދިލައެއްވެސް ނަގައެވެ. އޭނާގެ އަތަށް ވެފަ އެހުރި ގޮތަކާމެދު އޭނާގެ ހިތުގައި ސުވާލު އުފެދުނު ކަމުގައި ވިއަސް އެއީ ދާނިޝް މާ ބާރަށް ހިފުމުން ވީގޮތެއްކަމަށް އޭނާއަށް ގަބޫލު ކުރެވެއެވެ. އެނޫން ގޮތަކަށް އޭނާގެ އަތަކަށް އަނިޔާއެއް މީން ދުވަހަކު ވެފައެއް ނެތެވެ. ނަމަވެސް އޭނާގެ އަތަށް މިވަރު ވާން ދާނިޝް އެހިފީ ހާދަ ބާރަކަށެވެ.

ހިޔާލަކަށް ގެއްލިފައި އިން ޔީޝާ ސިހުނީ ކޮޓަރިން ނުކުމެގެން އައި އަފާ އޭނާއަށް ގޮވާލުމުންނެވެ. ޔީޝާ އަވަހަށް އޭނާގެ ޓީސާޓުގެ އަތް ތިރި ކޮއްލީ އަފާއަށް އެތަން ފެނިދާނެތީއެވެ. ނަމަވެސް އަފާ ފާޑަކަށް ބަލަހައްޓައިގެން ހުރުމުން ޔީޝާ ކުޑަކޮށް ހާސްވިއެވެ. މިހާއަވަހަށް ތިރިކުރުމުންވެސް އަފާއަށް ފެނުނީ ބާއެވެ.

“ކިހިނެއްވީ… ޔީޝް ހާދަ ހާސްވެފަ ތިހުރީ؟” ޔީޝާ ބަލަން ހުރިގޮތުން އަފާއަށް އަހާލެވުނެވެ.

“ކަމެއް ނުވޭ..؟ ކިހިނެއްވީ ކަމަކުތަ ތިގޮވީ؟” އަފާއަށް އޭނާގެ އަތް ނުފެންނަކަން އެނގުމުން ޔީޝާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.

“ނޫން.. ޔީޝް ތިތާ އިނީމަ ހަމަ ގޮވާލީ.. ނިދާކަށް ނުވޭތަ.. މިހާރު އެއޮށް 11 ޖަހަނީ.” މޭޒުމަތީ ހުރި ފެންޖަގުން ފެންފޮދެއް ޖޯޑަކަށް އަޅާލާފައި އަފާ ފެންފޮދެއް ބޯލިއެވެ.

“މިދަނީ ދެން.. އަފާ ކޮންއިރަކުން ނިދަނީ” ސޯފާއިން ތެދުވެ ކޮޓަރިއާ ދިމާއަށް ހިނގާގަންނަމުން ޔީޝާ ބުނެލިއެވެ.

“އަދި އިރުކޮަޅަކުން ދާނީ.. އަދި މިޔަދު ޔީޝްގެ ތުއްތުބެޔަށް ޖެއްސުންވެސް ނުކޮއްލަ މިއުޅެނީ” ނިދިފައި އޮތް ޔައީޝްއާ ދިމާއަށް ލާނެތް ގޮތަކަށް ބަލާލާފައި އަފާ ހީލަމުން ބުނެލިއެވެ.

ތެދެކެވެ. ޔައީޝްއަށް ޖެއްސުން ކޮށްނުލާ އަފާއަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ޔީޝާވެސް ބޯހޫރާލާފައި ހޭންފެށިއެވެ. އަދި އެދެމީހުން އެކަނިވުމަށް ވަގުތު ދީފައި ކޮޓަރިއަށް ވަނެވެ.

 

މުހައްމަދު ބާއްވާފައި އޮތް ކޮޓަރީގެ ބޭރުގައި ހުރި ގޮނޑިއެއްގައި ދާނިޝް އިން އިރު އޭނާގެ މޫނުމަތީގައި ވަނީ ފިކުރުގެ ކުލަވަރެވެ. ކަކޫމަތީ ވިއްދައިގެން ހުރި އަތުގެ ތެރޭ ދަތްދޮޅި ހިފަހައްޓާލައިގެން ހުރީރު ދާނިޝްެ އަނގައިން އިރު އިިރުކޮޅާ ފުން ނޭވާއެއް ދޫވެގެން ދެޔެވެ. އިރު އިރު ކޮޅާ ޖީބުގައި އޮތް ފޯނު ނަގާލެވެނީ ޔީޝާގެ މެސެޖެއް ނަމަވެސް އައިސްފައި ވޭތޯއެވެ. ޔީޝާއަށް ފޮނުވުމަށް މެސެޖެއް ލިޔެލާފައިވެސް ފުހެލެވުނީ ކިތަށް ފަހަރު ކަމެއްވެސް ނޭނގެއެވެ. ހަގީގަތުގައި މިރޭ ދާނިޝްގެ ހިތް ޝަކުވާއިން ފުރުނެވެ. އޭނާގެ އެއްވެސް ކުށެއްނެތި ޔީޝާ އެގޮތަށް ކަންތަށް ކުރީ ކީއްވެހެއްޔެވެ. ޔީޝާ އޭނާ މަތިން ފޫހިވަނީ ހެއްޔެވެ. ޖަވާބެއް ނެތް ސުވާލުތަކުންނާ ވަހުމުން އޭނާގެ ސިކުނޑި ބަރާވަމުން ދަނީއެވެ.

“ދާނިޝް… ހާދަ ފިކުރު ބޮޑުވެފަ.؟ ” ދާނިޝް ސިހިގެން ދިޔައީ ޖެހިގެން ހުރި ހުސްގޮނޑީގައި އިށީން ވަލީދުގެ އަޑަށެވެ.

“ނޫނޭ މާާބޮޑު ފިކުރެއްގަ ނޫން” ދާނިޝް ގަދަކަމުން ހީލާފައި ބުނެލިއެވެ.

“ވަލީދުބެއަށް އޮޅުވައެއް ނުލެވޭނެ.. ބޭބެއަށް އެނގޭ ދާނިޝް ތި ފިކުރު ކުރަނީ ބައްޕައާ ދޭތެރޭ ނޫންކަން.. ޑަކްޓަރު އެބުނީނު އެއީ ހަމަ އާދައިގެ ހުމެކޭ.. ކޮންމެވެސް އެހެން ކަމަކާ ދޯ ތިފިކުރު ކުރަނީ؟” ވަލީދު ބުނެލިއެވެ.

“ބައްޕައާ ދޭތެރޭ ނޫން ދެން އެހެން ކޮންކަމަކާ އަހަރެން ހާސްވާންވީ” ދާނިޝް ބުނެލިއެވެ

“ތި އުމުރުގެ ކުދިން ވިސްނާނެ ވަރަށް ގިނަ ކަންތަށް ހުންނާނެ.. ދާނިޝް.. ލޯބީގެ ގޮތުން ކުއްޖަކާ ގުޅޭއިރު ވިސްނަންޖެހޭ ވަރަށް ގިނަ ކަންތައް ހުންނާނެ.. މިކަންތަކަކީ ހަމައެކަނި އަންހެން ކުދިން ވިސްނަންޖެހޭ ކަންކަމެއް ނޫން.. ފިރިހެން ކުދިންވެސް ބަލަން ޖެހޭނެ އޭނާ ރައްޓެހިވެގެން މިއުޅެނީ ކޮންކަހަލަ ކިހާ ފެންވަރެއްގެ ކުއްޖަކާ ކަން..” ވަލީދު ބުނެލިއެވެ.

“ނޭނގުނު ބުނަން ތިއުޅޭ އެއްޖެއް..” ވަލީދުގެ މޫނަށް ބަލަން ހުރެފައި ދާނިޝް ބުނެލިއެެވެ.

“ބުނަން މިއުޅެނީ.. ދާނިޝް ޔީޝާއާ ރައްޓެހި ވީރު އެއީ ކޮންކަހަލަ ކުއްޖެއްތޯ ބަލާލިންހޭ.. ބޭބެ މިހެން މިބުނަނީ ދާނިޝްއަށް ރަނގަޅަކަށް… ދާނިޝް ތިއީ އާއިލާގެ ދޮށީ ދަރިފުޅު.. ދާނިޝް އިންނަންޖެހޭނީ ދާނިޝްގެ މަންމަ ނެތް ދުވަހަކުންވެސް ދާނިޝްގެ ކުޑައަށް ތިބި ކޮއްކޮމެންނަށް އަޅާލެވޭ ވަރުގެ ހަރުދަނާ ރަނގަޅު ކުއްޖަކާއޭ.. މިހާރު މިއުޅޭ އެބޯޅެ މިބޯޅެ ކަހަލަ ކުއްޖަކާ ނޫނޭ” ވަލީދު ބުނެލިއެވެ.

“ބޭބެ ތި ކަންބޮޑުވަނީ ޔީޝާއާ ދޭތެރޭތަ.. ހާސްނުވޭ.. ޔީޝާއަކީ ވަރަށް ރަނގަޅު ކުއްޖެއް.. ވަރަށް ރަނގަޅު އާއިލާއަކުން އައިސް ހުރި ކުއްޖެއް.. އެއީ މިޒަމާނުގެ ކުދިން އުޅޭހެން މަގުމައްޗަށް ގިނަވެ އުޅޭ ކުއްޖެއް ނޫން..” މިރޭ ވަލީދު އެދައްކަން އުޅޭ ވާހަކައެއް ދާނިޝްއަކަށް ނުވިސްނުނެވެ.

“ދާނިޝް.. ލޮލަށް ފެންނަ ހުރިހާ ކަމަކީ ހަމަ ތެދަކަށް ނުވެދާނެ.. ބޭބެ ކޮންމެހެން ތިދެކުދީން ދޭތެރޭ މައްސަލަ ޖައްސާކަށް ބޭނުމެއް ނޫން.. އެކަމު ބޭބެއަށް އެނގިހުރެ ދާނިޝްއަށް ދެރަގޮތެއް ވިޔަދޭކަށްވެސް ބޭނުމެއް ނޫން” ވަލީދު އެހެން ބުނުމުން ދާނިޝް މަޑުން ހުރީއެވެ.

“ބޭބެއަކަށް ނޭނގެ އެއީ ކާކު ކަމެއް.. އެކަމު އެ އަންހެން ކުއްޖާ އުޅޭ ބައިގެ ދޮރުކައިރިން ވަރަށް ގިނައިން ފިރިހެން ކުއްޖަކު ފެނޭ… ދަންވަރު އެހާ ލަސްވީމަ އެކުއްޖާ އެތާ ކުރާކަމެއް ބޭބެއަކަށް ނޭނގެ.. އެކަމު ދާނިޝް އަށްވެސް ވިސްނޭނެ އެންމެން ނިދީމަ ދަންވަރު އައިސް އޭނާ އެކޮޓަރިއަށް ވަންނަ ސަބަބު.” ވަލީދު އެހެން ބުނެފައި ގޮނޑިން ތެދުވިއެވެ.

ވަލީދު ބުނި ޖުމްލަ ދާނިޝްގެ ސިކުނޑި ބުރުމާއެއްގެ ކައްޓެއްހެން ތޮރުފާލިއެވެ. ޔީޝާގެ ކޮޓަރިން ވަދެ ނުކުމެ ވާތަން ވަލީދުއަށް އެފެންނަަނީ ކާކު ހެއްޔެވެ. ޔީޝާ އޭނައާ ބޭވަފާތެރި ވަނީހެއްޔެވެ. ޔީޝާ އޭނާއަށް ނޭނގި އެހެން މީހަކާ ގުޅުން ބާއްވަނީ ހެއްޔެވެ. ނުވާނެއެވެ. ޔީޝާއަކީ އެކަހަލަ ކުއްޖެއް ޏޫނެވެ. އެވާނީ ވަލީދު ކުރި ސަމާސާއަކަށެވެ. ނަމަވެސް ވަލީދު އެފަދަ ސަމާސާއެއް ކުރުމުގެ ބޭނުމަކީ ކޮބާހެއްޔެވެ. ދާނިޝްގެ ސިކުންޑި އެތަށް ސުވާލުތަކުން ފުނިޖެހިއްޖެއެވެ.

“ޔަގީންތަ..؟ ވަލީދުބެއަށް ހަމަ އަސްލުވެސް އެކޮޓަރިން މީހަކު ނުކުންނަތަން ފެނުނުތަ..؟” ދާނިޝްއަށް އަހާލެވުނެވެ.

“ދާނިޝް.. މިކަމުގަ އެންމެ ރަނގަޅު ގޮތަކީ ދާނިޝް އަމިއްލައަށް މިކަން ހޯދާ ބެލުން.. މިކަމުގެ ތެރެއަށް ބޭބެ ނުވައްދާ.. ހަގީގަތުގަ މިކަހަލަ ކަންކަމަށް ފާޑުކިޔާ ބެހުމަކީ ބޭބެ ކުރާ ހިތްވާ ކަމެއް ނޫން. އެކަމު ބޭބެއަށް އެނގިހުރެ ދާނިޝްއަށް ދެރަގޮތެއް ދިމާވާން ބޭނުން ނުވާތީ ބުނެވުނީ” ވަލީދު އެހެން ބުނުމުން ދަނިޝްގެ ދޫބަންދުވިއެވެ. ޔީޝާއާ މެދު އޭނާގެ ހިތުގައި ސުވާލު އުފެދެމުން ދިޔަނަމަވެސް އޭނާގެ ސިކުނޑި ޔީޝާއަކީ އެފަދަ ގޯސްކުއްޖެއް ނޫންކަމަށް ބުނެދެމުން ދިޔައެވެ.

އެރޭގެ ހަތަރު ދަމު ދާނިޝް އިނީ ފުންވިސްނުމެއްގައެވެ. ވަލީދު ދެއްކި ވާހަކައާއި މިދެދުވަހު ޔީޝާއަށް އައިސްފައި ހުރި ބަދަލުތަކާ ގުޅުމެއް ވާކަމަށް ދާނިޝްގެ ހިތް ބުނަމުން ދިޔައެވެ. ނަމަވެސް ވަލީދު އެދެއްކީ ތެދުވާހަކައަކަށް ނުވާނެކަމަށް ދާނިޝްގެ ހިތް އެދެމުން ދިޔައެވެ.

 

މުހައްމަދު ކައިރީ ހޮސްޕިޓަލުގައި އިންދެފައި ވަލީދު ގެޔަށް އައީ ނަމާދު ވަގުތު ޖެހުމުން މިސްކިތަށް ދާށެވެ. ޓެކްސީއެއް ނުލިބި ލަސްވުމުން ވަލީދުއަށް ގެޔަށް އާދެވުނު އިރު މަގްރިބު ނަމާދު ބަންގިވެސް ގޮވާފިޔެވެ. ޓެކްސީއިން ފޭބުމަށް ފަހު ވަލީދު ގޭގެ ދޮރާ ދިމާއަށް ހިނގާގަތެވެ. ދޮރާށި ހުޅުވާލާފައި އެތެރެއަށް ފިޔަވަޅެއް އަޅާލި ވަގުތު މީހަކު ގަޔާ ދިމާއަށް އައިހެން ހީވިއެވެ. ސިހިފައި ވަލީދުއަށް ދެތިން ފިޔަވަޅު ފަަަހަތަށް ޖެހިލެވުނެވެ. ކުރިމަތިން މީހަކު ނުފެނުނު ކަމުގައިވިއަސް ވަލީދުއަށް އެތަނުގައި މީހަކު ހުރިކަން އިހްސާސް ކުރެވުނީ އޭނާއާ ނުހަނު ކައިރިން ވައި އަޅުވާލާފައި ދިޔުމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dheem&Eekku

Level 410 Stories100 Login500 Login

Other Articles

Previous

ކޮމެޑީ ލޭންޑް 3

Next

އަންނަންދެން ހުންނާނަން ލޯބިން 33

Next
April 20, 2021

އަންނަންދެން ހުންނާނަން ލޯބިން 33

Previews
April 20, 2021

ކޮމެޑީ ލޭންޑް 3



All Right Reserved!