Skip to content
އެސްފިޔަ

ރަހީނު.. 08 ވަނަ ބައި…

“ނޫން ހިޔެއްނުވޭ.. ޖަނާން އެކަހަލަ ކަމެއް ކޮށްފާނެ ހެން.. އެކަމަކު އޭނައާ ދެތިން ފަހަރެއްގަ މީޓް ކުރި ވާހަކަ ބުނި.. އަޅުގަނޑު އޭނައަށް ހުރިހާ އެއްޗެއް ކިޔައިދިނިން.. ބުނިން ތި ގުޅުން ކުރިއަށް ގެންދިއުން ރަނގަޅެއް ނުވާނެއޭ.. ނާޝިދުއަށް އެގިއްޖެނަމަ..” “މަޑުކޮށްބަލަ.. ނާޝިދުއަކަށް ނޭނގޭތަ އެމީހުން ވާހަކަ ދައްކާކަމެއް.. ” ފައިސަލް ހިލްމީގެ ބަސް މެދު ކަނޑާލަމުން އަހާލިއެވެ. ހިލްމީ ބޯޖަހާލިއެވެ. ފައިސަލް ހިނިތުންވެލީ ނުލަފާ ގޮތަކަށެވެ. އަދި ނިހާންއާއި ދިމާލަށް ބަލާލަމުން ބޮލުން އައުމަށް އެދެމުން މިސްރާބު ޖެހީ ނާޝިދު ބައިންދާފައިން ކޮޓަރިއާއި ދިމާލަށެވެ.

************

އަހަރެން އިރުކޮޅަކު އެ ކާއެއްޗެއްސަށް ބަލަހައްޓައިގެން ހުރީމެވެ. އެމީހުންގެ ބޭނުމަކީ ކޮބައި ހެއްޔެވެ. އަހަރެންގެ ގައިގައި ބާރު ޖެއްސުން ހެއްޔެވެ. އެއީ ކީއްކުރަން ހެއްޔެވެ. އަނެއްކާ މިއީ ޒަހަރު ލާފަ ހުރި އެއްޗެއް ބާއެވެ. ހިތުގައި އުފެދި އުތުރި އަރައިގަތީ އަނެއްކާވެސް އަނެއް ސުވާލު ތަކެވެ. ކޮންމެ ގޮތެއް ވިޔަސް މީހާ ބަނޑުހައިވެފައި ހުރުމުން އެއަށް ބަލަހައްޓައިގެން މާ ގިނަ އިރަކު ހުންނާކަށް ހިތެއް އެއްބަހެއް ނުވިއެވެ. އެހެންކަމުން އެތަނުގައި އިށީދެ މަރުވިޔަސް ހެޔޮކަމަށް ރޮށި ކޮޅެއް ނައްޓާ ރިހަކޮޅަކާއި އެކު އަނގައަށް ލައިފީމެވެ. އެއްވެސް ގޮތެއް ނުވުމުން އުފަލާކައި އެކު ކާން ފެށީމެވެ. ކައި ނިއްމާ ފެން ތަށީގައި ހުރި ކުޑަ ފެންފޮދު ހުސްކޮށްލީމެވެ. މިތަނަށް ގެނައި ފަހުން އަލަށް އެމީހުން އަހަރެންނަށް ކާއެއްޗެއް ދިނީމެވެ. ޔަގީނެވެ. އޭގެ ބަދަލުގައި އެމީހުން އަހަރެންގެ ފަރާތުންވެސް ކޮންމެވެސް އެއްޗެހި ތަކެއް ހޯދާނެއެވެ.

**************

ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ނާޝިދު ބަލާލިއެވެ. ފައިސަލް މެން ފެނުމުން ނާޝިދު މޫނު އަބުރާލީ ފޫހި ކަމާއި އެކުގައެވެ. “އަހަރެން ހިތަށް އަރާ އެއްޗެއް ނިހާން ކައިރީގައި ބުނަންތަ.. މިހާރު ނާޝިދުއަށް ޖައިލަމްއާއި ބެހޭގޮތުން އެތަށް މައުލޫމާތެއް އެނގޭ.. އޭނަ އެރަށަށް އަރުވާލީ ކީއްކުރަންކަމާއި ކީއްވެކަން.. ނޫންތަ.. އެކަމަކު އަހަރެން މި ހިތަށް އަރަނީ އޭނައާއި ބެހޭގޮތުން އެގެންޖެހޭ އެންމެ މުހިއްމު މައުލޫމާތު އެނގޭބާއޭ..” ފައިސަލް ނާޝިދުގެ މޫނަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދެއްކިއެވެ. ނިހާންވެސް ހިނިތުންވެލަމުން ބޯހޫރާލިއެވެ. “ހިޔެއްނުވޭ ސަރ.. އެގޭނަމަ އެގޮތަށް ޖައިލަމްއަކަށް އެހާ އިތުބާރެއް ނުކުރާނެ..” ނިހާންވެސް ފައިސަލްގެ ވާހަކަށް ތާޢީދު ކުރިއެވެ. “އަދި އަމުދުން އަންހެން ދަރިއެއް ހުންނަ ނަމަ.. އަހަރެން ހަމަ ގައިމުވެސް ނުކުރާނަން.. ސަބަބަކީ ޖައިލަމްއަކީ އަންހެން ކުދިން ސެޓް ކުރުމުގެ ހުނަރުވެސް އެހާ މޮޅަށް ލިބިފައި ހުރި ކުޅަދާނަ ކުއްޖެއް” ފައިސަލް ބުނެލިއެވެ. ނާޝިދު ބަލާލީ ތިމީހުން ތިކިޔަނީ ކީކޭހޭ އަހާލާ ފަދަ ގޮތަކަށެވެ. “ނޭނގޭތަ.. ޖައިލަމް.. ރީޝާ.. ރީޝާ ޖައިލަމް” ފައިސަލް އަތުން ދެފަރާތަށް ހަލުވާލަމުން ބުނެލިއެވެ. ނާޝިދު ރުޅިވެރިކަމާއި އެކު ފައިސަލްއާއި ދިމާލަށް ބަލާލިއެވެ. “އެދެމީހުންގެ ގުޅުމެއް އޮތްކަމެއް ނޭނގޭތަ ނާޝިދުއަކަށް.. އަމިއްލަ އަތުން ގެއަށް ގެންގޮސް ކާން ދީ ހެދީމަ އަމިއްލަ އަތުގަ ދަތް އެޅީ.. އެދެމީހުން އުޅުނީ ރައްޓެހި ވެގެންނޭ..” ފައިސަލްގެ މަސައްކަތަކަށްވީ ނާޝިދު ރުޅިއެރުވުމެވެ. “ތިއީ ދޮގެއް.. ރީޝާ އަކީ އެކަހަލަ ކުއްޖެއް ނޫން..” ނާޝިދު ރުޅިވެރިކަމާއި އެކު ހަޅޭލަވައިގަތެވެ. “ރަނގަޅު.. ރީޝާ އަކީ އެކަހަލަ ކުއްޖެކޭ ކާކު ބުނީ.. އަހަރެން މިބުނީ ޖައިލަމްގެ ވާހަކަ.. އޭނަ އަކީ އެކަމަކު އެކަހަލަ ކުއްޖެކޭ.. އޭނަ އަންހެން ކުއްޖަކާ ދިމާލަށް ބަލާލާފަ އެންމެ ފުއްޓައްކެއް ޖަހާލަން ޖެހޭނީ.. އެކުއްޖާ އޮންނާނީ އޭނަގެ އުގު ތެރޭގަ..” ފައިސަލްގެ މަސައްކަތް ކާމިޔާބު ވާން ފެށިއެވެ. އެހެންކަމުން ފައިސަލް ވާހަކަ ދައްކަމުން ދިޔަ އިރު އޭގެ ސަބަބުން ނިކުންނާނެ ނަތީޖާއަކަށް އެއްވެސް ވަރަކަށް ވިސްނާނުލާ ޖަނާންގެ ވާހަކަ ތައް އެކި ގޮތްގޮތަށް ކިޔަމުން ދިޔައެވެ.

“ސަރ.. އެހެން މީހުން ކުރިމަތީގައި އެހާވަރަށް ޖައިލަމްއަށް ތައުރީފް ނުކުރޭ..” ނިހާން ބުނެލިއެވެ. “ތައުރީފޭ.. ނޫ ނޫން.. މިއީ އަދި ތައުރީފެއް ނޫނޭ ނިހާން.. އަހަރެން ބުނަން މިއުޅެނީ ނާޝިދުއަށް ނޭގުނަސް މިހާރު ޖައިލަމް އެ ހުރި ތަނެއްގަ އެ ހުރީ އެއީ އަބަދުވެސް ޖައިލަމްގެ ޕްލޭންއޭ.. އޭނަގެ ލޯބިވެރިޔާ އޭނައާއި ދުރުކޮށްލާ އެފަކީރު މަރާލާފަ ވަޅުލީކަމެއްވެސް ނޭނގެ.. އަހަރެންނަށް ޖައިލަމް އެނގޭ މިންވަރު ވިއްޔާ އޭނަ އެ ލޯބިވެރިޔާ ހޯދާނެ.. ބިންފަޅާވަވިޔަސް އަދި އެހެން ތަނެއް ފަޅާފަ ވިޔަސް.. އެހެންވީމަ ކަލެއަށް އޭނައަށް އަނިޔާއެއް ދެވުނިޔޭ ހިތާ ކުންހީގަ ނިއިންނާތި.. އޭނައަކީ މާ ހުށިޔާރު މާ ކުޅަދާނަ ޒުވާނެއް.. އަތުގައި އޮންނަ ރަން ކޮޅު ގެންދާނީ ނުވެސް އެގި ހުއްޓާ،.. އެވަރު ކަލޭ ވިސްނާތި” ނާޝިދު އާއި ދިމާލަށް އެހެން ބުނުމަށްފަހު ބާރު ހިގުމެއްގައި ބޭރަށް ނިކުތެވެ. ނިހާންވެސް މަލާމާތުގެ ހިނިގަނޑެއް ޖަހާލަމުން އެތަނުން ބޭރަށް ނިކުތެވެ. ނާޝިދު އޭނަގެ ދަތްޕިލަ ބިދޭހާ ބާރު މިނުގައި ދަތްކުޑި ވިކާލިއެވެ.

*********

ކެބިންގެ ދޮރު ހުޅުވާލި އަޑަށް ފައިސަލް ބަލާލިއެވެ. ވަދެގެން އައި ދެމީހުން ފެނުމުން ކޮންޕިއުޓަރ އިން ކުރަން ހުރި މަސައްކަތް ބަހައްޓާފައި ތެދުވެ ހިނިތުންވުމެއް ރައްދުކޮށްލިއެވެ. “އަހަރެން އޭރުވެސް ނުބުންނަތަ.. މި ފައިސަލް ކޮފީއަކަށް ކިޔައިފިއްޔާ އެއީ އަހަރުމެން ދެމީހުން ކޮންމެވެސް ތާކަށް ބާނާށޭ” ފައިސަލްގެ އެ ހިނިތުންވުން ފެނުމާއި އެކު އެތެރެއަށް ވަދެގެން އައި އެކަކު ހުއްޓެލަމުން ބުނެލިއެވެ. “ކޮފީއަކަށް އަދި އެވެސް އޭނަގެ އޮފީހުގެ ކެބިންއަށް..” އަނެކަކުވެސް ކުރިން ވާހަކަ ދެއްކި މީހާއަށް ތާއީދު ކުރަމުން ހުއްޓުނެވެ. “އަހަރެން އަހަރެންގެ ދެ އެކުވެރިންނަށް ކޮފީއަކަށް ދައުވަތު ދިނުމުން ކޮބާތަ އޭގެ މައްސަލައަކީ… ކަލޭމެން އެތެރެއަށް ނުވަދެ މަޑު ތިކުރީ ކީއްވެ..” އެދެމީހުން އެ ހިސާބުގައި މަޑުކުރުމަށް ކުޑަކޮށް ހައިރާން ވެފައި ފައިސަލް އަހާލިއެވެ. “މި ވިސްނަނީ ކުރިއަށް ދާންވީ ބައޭ.. އެގޭ އެއްޗަކީ މީގެން އެންމެ ފިޔަވަޅެއް ކުރިއަށް އެޅިޔަސް އެ އެޅޭ ފިޔަވަޅަކީ އަހަރެންގެ ވަޒީފާ ގެއްލުމާއި ކައިރިއަށް އެޅޭ ފިޔަވަޅެއްކަން.. ނޫންތަ ހުސައިން..” އެކަކު ބުނެލިއެވެ. ފައިސަލް އޭނަގެ އަތް ޖީބަށް ޖަހާލަމުން ކުޑަކޮށް ހީލިއެވެ. “އަނެއްކޮޅުން މިތަނުން ބޭރަށް ދާން ވިސްނައިފިނަމަ ގެއްލޭނީ އެތައް ދުވަހެއްގެ ރަހުމަތްތެރިކަމެއް.. ކިހިނެއްބާ ހަދާނީ އަހްމަދު” ހުސައިން އަހްމަދާއި ދިމާލަށް ބަލާލަމުން އަހާލިއެވެ. “ކަލޭމެންނަށް އަހަރެން އެގެނީ މާބޮޑަށް ވިއްޔަ.. ކޮން އިރަކުތަ އަހަރެން ކަލޭމެންގެ ވަޒިފާއަށް ހުރި ބިރަކަށްވީ..” ފައިސަލް އަހާލިއެވެ. “ހޫމް އެބުނާހެން.. ކޮން އިރަކު.. މަޑުކޮށްލާ… އަހަރެން އަތޮޅު ވެހީގެ ކަންތަކާއި ހަވާލު ވީ ހިސާބުން ކަލެއާއި ބައްދަލު ކުރާ ކޮންމެ ކޮފީއެއްގަ ކަލޭ އަހަރެންގެ ވަޒީފާއަށް ހުރި ބިރަކަށްވޭ..” ހުސައިން ބުނެލިއެވެ. “ހަމަ އެގޮތަށް އަހަރެން މާފުށީ ޖަލުގެ ކަންތައް ބަލަން ފެށިފަހުން..” އަހްމަދުވެސް ބައިވެރިވެލިއެވެ. ފައިސަލް އެދެމީހުންގެ މޫނަށް ބަލާލިއެވެ. “އަހަރެންވެސް ވަރަށް އުފާ ވެއްޖެ ކަލޭމެން ދެމީހުން ފެނުނީމަ..” އަތް ދިއްކޮށްލަމުން ފައިސަލް ބުނެލިއެވެ. ހުސައިންވެސް ހިނިތުންވެލަމުން އައިސް ސަލާމް ކޮށްލިއެވެ. އަހްމަދުވެސް ފައިސަލްއާއި ސަލާމް ކޮށްލަމުން އެތަނުގެ ގޮޑީގައި އިށީދެލިއެވެ.

ފައިސަލް އެދެމީހުންނާއި ބައްދަލު ކުރީ ޖަނާން އާއި އެންމެ ފުރަތަމަ ބައްދަލު ކުރި ދުވަހުގެ ރޭގައެވެ. އާއެކެވެ. އަލީ ހުސައިން އަކީ އަތޮޅުވެހީގެ ހުރިހާ ކަމެއް ބަލަހައްޓަމުންދާ އެންމެ އިސްވެރިޔާއެވެ. އަދި އަހްމަދު ހަނީފްއަކީ މާފުށީ ޖަލުގެ ހުރިހާ ކަމެއް ބެލެހެއްޓުމަށް ހަމަޖެހިފައިވާ ފަރާތެކެވެ. ފައިސަލް އެމީހުން އިށީނުމުން ތެދުވެ ދުރުހުރި ކޮޕީ މެޝިންއިން ދެތަށި ކޮފީ އަޅައިގެން ކުރި މަތީގައި ބަހައްޓަމުން އިށީދެލިއެވެ. “ކިހިނެއްތަ ހުރިހާ ކަމެއް” އެދެމީހުންގެ މޫނަށް ބަލާލަމުން ފައިސަލް އަހާލިއެވެ. “ދެން ތި ހުރިހާ ބޭކާރު ސުވާލުތަށް ނުކޮށް ފައިސަލް ބޭނުންވާ ކަމެއް ބުނަންވީނުން ދޯ..” ހުސައިން ބުނެލިއެވެ. ކޮންމެ މީހެއްގެ ދާއިރާގެ ސަބަބުން ތިން މީހުންނަކީވެސް ފުދޭވަރަކަށް ގިނަ ކަންތައްތަކެއް އެގޭ އެކުވެރިންނެވެ. “ކިހިނެއްތަ އެގެނީ އަހަރެން ކަލޭމެން މިގެންނަނީ ކަމެއްގެ ބޭނުމުގައި ކަމެއް.. ހަމަ ކޮފީއެއް ބޯންވެސް ގެނެސްފާނެއެއްނުން..” ފައިސަލް ބުނެލިއެވެ. “ރަނގަޅު ގެނެސްފާނެ… އެކަމަކު މިކަހަލަ ގަޑިއެއްގައި.. ކެބިންއަށް.. އޮފީހުގެ ސްޓާފުން މަދު އިރަކު.. މިހާ ސިއްރުވެރި ގޮތަކަށް.. ކުއްލިއަކަށް.. ނުގެންނާނެ..” އަހްމަދު ބުނެލިއެވެ. ފައިސަލް ބޯޖަހާލިއެވެ. އަދި އޭނަގެ ދެ އެކުވެރިންނާއި ދިމާލަށް ބަލާލިއެވެ. އެ ބަލާލުމުގެ މާނަ އަހްމަދަށާއި ހުސައިންއަށް ނަގައިގަނެވުނެވެ. “މިފަހަރު ކާކު އެތެރެ ކުރަންވީ” އަހްމަދު ކޮފީއިން ކޯވަރެއް ބޯލިއެވެ. “މީހަކު އެތެރެ ކުރަންވީ އެއް ނޫން.. ބޭރަށް ނެރެންވީ” ފައިސަލް ބުނެލިއެވެ. “ކާކު.. ކީއްވެ… ކޮބާ ބޭނުމަކީ” އަހްމަދު ސުވާލު ފަތި އަމުނާލިއެވެ. ފައިސަލް ހަމައެކަނި ބަލާލީއެވެ. “ތިއީ ރަނގަޅު ބެލުމެއްނޫން.. މިފަހަރު ކަލޭ ކީއްކުރަން ތިއުޅެނީ..” އެބަލާލުމުގައި ހުރި ބިރުވެރިކަން އަހްމަދުއަށާއި ހުސައިންއަށް ނަގައިގަނެވުނެވެ.

“ކަލޭމެންނަށް ރަނގަޅުވާނީ ކޮންކަމެއްކަން ނޭނގުނިއްޔާ..” ފައިސަލް އެމީހުންނަށް އެއްވެސް އެއްޗެއް އަންގާކަށް ބޭނުމެއްނުވިއެވެ. “ކޮބާ ނުބުންނަތަ… ޔަގީނޭ އެގިއްޖެއްޔާ އަހަރުމެންގެ ވަޒީފާ ގެއްލި ދާނެކަން.. ޖަލުގައި ހުރި މީހަކު ބޭރަށް ނެރެންޏާމު އަހަރެން މިތާގައި ކީއްކުރަނީ” ހުސައިން ވާހަކަ ދެއްކިއެވެ. “އަސްލު އަހަރެން ބޭނުންވާ މީހާ މިވަގުތު ހުރީ އަތޮޅުވެހީގައި.. އޭނައަށް ދެތިން ދުވަސް ތެރޭގައި ހުކުމް ކުރާނެ.. މާފުށީ ޖަލަށް.. އެކަމަކު އަހަރެން ބޭނުންވަނީ ޙުކުމް ކުރީމަ ވަގުތުން އޭނަ ނަގަން.. އެކަމަކު ލިޔެ ކިޔުންތަކުން އޭނަ ހުންނާނީ މާފުށީ ޖަލުގައި..” ފައިސަލް ކުޑަ ގޮތަކަށް ކިޔާލިއެވެ. “ތިއީ ވަރަށް އުދަގޫކަމެއް.. ޖަލަށް މީހަކު ލެވިދާނެ.. ޙުކުމް ކުރާ މީހަކު އެތަނުން ނެގުން އެއީ ވަރަށް އުދަގޫކަމެއް.. ” އަހްމަދު ފާހަގަ ކުރީ އެކަމުގެ އުދަގޫ ކަމެވެ. “މިއީ އަހަރެން ކަލޭމެން ކައިރީގައި ކަމެއް ކިޔާ ފުރަތަމަ ފަހަރެއް ނޫން.. މީގެ ކުރިންވެސް ކަލޭމެން ވަނީ އަހަރެންނަށް އެތަށް ގޮތަކުން އެތައް އެހީވެފަ.. އަހަރެން މިކަންވެސް ވަރަށް އަވަހަށް ބޭނުންވޭ.. މިކަމުގައި ކުރިއަށް ދެވޭނީ ކަލޭމެން އެއްބަސްވީމަ” މޭޒުގެ ކަބަޑު ދަމާލަމުން ދެ ފައިލް ނަގާ ދެމީހުންގެ ކުރިމަތީގައި ބާއްވަމުން ފައިސަލް ބުންޏެވެ. އެވަގުތު ދެމީހުން ދެމީހުންނާއި ދިމާލަށް ބަލާލިއެވެ. އަދި ފައިސަލްއާއި ދިމާލަށް ބަލާލީ މިއީ ކޮން އެއްޗެއްހޭ އަހާލާ ގޮތަށެވެ. “މިއީ ބޮޑު ކަމެއް… ކަލޭމެންނަށް ކަމެއް ވާކަށް އަހަރެން ބޭނުމެއްނޫން.. ތިއީ އެއްބަސްވުން.. އެއްވެސް ކަމެއް ރާވާފައިވާ ގޮތަށް ނުގޮސްފިއްޔާ ކަލޭމެންނެއް ނުބެދޭނެ..” ފައިސަލް ބުނެލިއެވެ.

“ތިވަރުގެ ރިސްކެއް ތިނަގަނީ އަނެއްކާ ކޮންކަމެއްބާ މިއީ..” އެ ފައިލް ނަގާ ބަލާލަމުން އަހްމަދު ސުވާލު ކޮށްލިއެވެ. ފައިސަލް އެއްވެސް ޖަވާބެއް ނުދީ އެދެމީހުންގެ މޫނަށް ބަލަހައްޓައިގެން އިނެވެ. ދެމީހުން ފައިލް ކިޔާލުމަށްފަހު ބަލާލީ ހައިރާން ކަމާއި އެކުގައެވެ. “މިއީ ބޮޑު ކަމެއް ފައިސަލް.. ކޮބާތަ ޕްލޭންއަކީ..” ހުސައިން އަހާލިއެވެ. ފައިސަލް އެއްވެސް އެއްޗެއް ކިޔައި ދޭކަށް ބޭނުމެއްނުވިއެވެ. “އަހަރުމެން މީގެ ސޮއި ކުރާނީ އަހަރުމެންނަށް ޕްލޭން އެގުނީމަ… އެހެން ނޫނީ ބުންނަން ޖެހޭނީ ސޮރީއޭ… މީގެން އަހަރުމެންނަށް ގެއްލުމެއް ނުލިބުނަސް.. ކަމެއްވާ ދުވަހަކުން ފައިސަލް އަދާނެ… މިވަރުގެ ރިސްކެއް ނުނެގޭނެ ޕްލޭން ނޭގިއެއް..” ހުސައިން އެ ފައިލް މޭޒުމަތީގައި ބޭއްވިއެވެ. އެވަގުތު އަހްމަދުވެސް ފައިލް ބޭއްވިއެވެ. ފައިސަލްއަށް އެދެމީހުން ވަރަށް ރަނގަޅަށް އެނގެއެވެ. އެމީހުންނަކީ ނުކުރާނަމޭ ބުނާ ކަމެއް މަރާލާނެ ކަމުގެ ބިރު ދެއްކިޔަސް ކުރާނެ ބައެއް ނޫނެވެ. އެންމެ ފަހުން ފައިސަލް އޭނަގެ ހަތިޔާރު ބެހެއްޓިއެވެ. އެމީހުންނަށް ޕްލޭން ކިޔައިދިނެވެ.

“މޮޔަވީތަ.. ފައިސަލް.. ހަމަޖެހޭތަ މީހާ.. އަސްލުކޮށް.. ” ގޮޑިން ތެދުވެ ބޮލުގައި ހިފަހައްޓާލަމުން ހުސައިން ފައިސަލްއާއި ދިމާލަށް ހަޅޭލަވައިގަތެވެ. އެއީ އެކަން ވާނެ ގޮތްކަން ފައިސަލްއަށް މާ ކުރިން އެގެއެވެ. މިއީ މި ޕްލޭން އެނގޭ ކޮންމެ މީހަކުވެސް ފައިސަލްއާއި ދިމާލަށް ބުނާ އެއްޗެކެވެ. “އަސްލުވެސް ފައިސަލް.. ތީތި ކަޑަ.. ވަރަށް.. ފައިސަލް ތި މަޤާމުގައި ހުރެ ތިކަހަލަ ކަމެއް ވިސްނީތީވެސް އަހަރެން ހައިރާން ވެއްޖައިން..” ހުސައިން އާއި ދިމާލަށް ބަލާލަމުން އަތުން މައިތިރި ވުމަށް އަންގަމުން އަހްމަދުވެސް ވާހަކަ ދެއްކިއެވެ. “މިއީ ސޮލިޑް ޕްލޭންއެއް..” ފައިސަލް ބުނެލިއެވެ. “އެކަމަކު އެއީ މީހެއްގެ ދަރިއެއް.. އެގޭތަ މީގެ ހުރި ރިސްކުތައް.. އެގިގެން މީހަކު މަރުގެ އަދަވަޅެއްގެ ކުރިމަތީގައި ބެހެއްޓުމާ މީހަކު ގަޔަށް ވަޅި ހަރާލުމަކާ ހުރި ތަފާތަކީ ކޮބާ..” ހުސައިން ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އެއީ އޭނަ ދުވަހަކުވެސް ފައިސަލް ފަދަ ވިސްނޭ މީހަކު އެކަހަލަ ގޮތަކަށް ކަމެއް ރާވާފާނެކަމަށްވެސް ހިތަށް ނާރާތީއެވެ. “މިކަން ރަނގަޅަށް ގޮސްފިނަމަ އޭނަ ސަލާމަތްވާނެ.. އަދި އަހަރުމެންނަށް ދިމާވަން މިއުޅޭކަމަކުންވެސް..” ފައިސަލް ގޮޑީގައި ބުރަކަށި ޖައްސާލިއެވެ. “ރަނގަޅަށް ގޮސްފިއްޔާ… ތިހެން ބުނާ ކިތައް ކަންތައް ތިބުނާހާ ރަނގަޅަށް ނިމެނީ.. އަދި އެވެސް އަންޑަކަވާ މަސައްކަތް.. މިއީ އެކަމަކު ބޮޑު ވަރު… އަހްމަދު އޭނައަށް ވިސްނައިދީބަލަ.. އަހަރެން ތި ވިސްނުމާވެސް އަދި ތި ރޭވުމާއި ދެކޮޅުން.. މުޅިން ދެކޮޅު..” ހުސައިން ފައިސަލްއާއި ދިމާލަށް ބަލާލިއެވެ. “ތިއީ ހަމަ ރަނގަޅު އިންޓެލްއެއްތަ.. ތި ލިބުނު މައުލޫމާތަކީ ކިހާ ތެދުވެރި މައުލޫމާތެއް..” އަހްމަދު އަހާލިއެވެ.

“އަހަރެންނަށް ޔަގީން މިއީ ތެދު މައުލޫމާތެއްކަން.. މިކަމުގައި އެއްވެސް ކަހަލަ ދޮގެއް އުޅޭކަމަށް އަހަރެންނަށް ޝައްކު ކުރެވުނަސް މިކަމަށް އަހަރެން މީހަކު ނުހޯދާނަން..” ފައިސަލް ބުނެލިއެވެ. “އަހަރެންނަށް މިކަންތައް ކާމިޔާބު ކުރެވެއްޖެނަމަ ދިވެހި ރާއްޖެއަށް ދިމާވެދާނެ ބޮޑު ކަމަކުން ރާއްޖެ ސަލާމަތް ކުރެވޭނެ.. އަހަރެން ކަލޭމެންގެ އެހީ ވަރަށް ބޭނުން މިކަމުގައި” ފައިސަލް ވާހަކަ ދެއްކިއެވެ. “މިހާރު ހުރިހާ ވެރިންނާއި ވާހަކަ ދައްކާ އެހެން ހުރިހާ ކަމެއް ހަމަ ޖައްސާފަ ދޯ ހުރީ” އަހްމަދު ބުނެލިއެވެ. “ހުރިހާއެއް ވެރިންނެއް ނޫން.. އެކަމަކު އެގެންޖެހޭ މީހާއަށް އަންގާފަ އޮތީ.. ހަމައެކަނި ކަލޭމެންގެ ސޮއި ބޭނުންވަނީ..” ފައިސަލް ބުނެލިއެވެ. އަހްމަދު ބަލާލީ ހުސައިން އާއި ދިމާލަށެވެ. ހުސައިން ރުޅިވެރިކަމާއި އެކު ދެފަރާތަށް ބޯ ހޫރާލިއެވެ. “ބުނަން.. މިކަމުގައި އޭނައަށް ގެއްލުމެއް ލިބިއްޖެނަމަ އެއީ ކަލޭ އޭނައަށް ދޭ އަނިޔާއެއް.. އެކަން ހަނދާން ކުރާތި.. ” ހުސައިން ރުޅިވެރިކަމާއި އެކު ފައިސަލްއާއި ދިމާލަށް ބަލާލިއެވެ. “އަހަރެން ހުރިހާ ޒިންމާއެއް އުފުލާނަން..” “ބަލަ އޭނަ މަރުވީމަ އުފުލާނެ ޒިންމާއެއް ކޮބާ.. އޭރުން އުފުންލަން ޖެހޭނީ އޭނަގެ ހަށިގަނޑު.. ކީކޭ ކިޔާފަތަ ކަލޭ އޭނަގެ ހަށިގަނޑު އުފުލާނީ..” ހުސައިންގެ ރުޅިގަނޑު މަޑުވާ ގޮތެއް ނުވިއެވެ. އަހްމަދު ގޮޑިން ދެތުވެ ހުސައިން އާއި ދިމާލަށް ބަލާލިއެވެ. ރުޅި މަޑު ކުރާށޭ ބުނާ ކަހަލަ ގޮތަކަށެވެ. “އަހަރެންވެސް ހުސައިންއާއި އެއްބަސް ފައިސަލް.. އަސްލުވެސް ތިނޫން އެހެން ގޮތެއް އޮންނާނެ..” އަހްމަދު ފައިސަލްއާއި ދިމާލަށް ބަލާލިއެވެ. “ކީކޭތަ ކަލޭމެން ހީކުރަނީ.. ބަލަ އަހަރެން އިތުރު ގޮތެއް އޮތްތޯ ނުވިސްނާ ކަމަށްތަ.. އަހަރެން އިންޓެލްގެ ހެޑްއެއްގެ ގޮތުގައި އުޅޭތާ އެތަށް ދުވަހެއްވެއްޖެ.. ބަލަ މިއީ މަ މިއަދު ފެށި މަސައްކަތެއް ނޫނޭ މަސައްކަތް ނިންމުމަށް ފަސޭހަ ގޮތެއް ހޯދާކަށް.. އަހަރެންނަށް ސިކުނޑިއެއް ދެއްވާފައި އެބަހުއްޓޭ.. އަހަރެންވެސް ވިސްނާނެދޯ..” ފައިސަލްވެސް ހިތްހަމަ ނުޖެހިފައި ވާހަކަ ދެއްކިއެވެ.

ކޮންމެ މީހަކު ފައިސަލްއަށް ނުވިސްނޭ ވާހަކަ ދައްކާއިރު އޭނައަށް އޭނަ ނަގަން އެއުޅޭ ރިސްކު ކިތައްމެ ރަނގަޅަކަށްވެސް އެނގެއެވެ. އެކަމަކު ބައެއް ހާލަތްތަކުގައި އެންމެ އުދަގޫ ގޮތަކީ އެންމެ ރަނގަޅު ގޮތަށް ވެގެން ދެއެވެ. “މީގެ ސޮއި ނުކޮށް އިތުރު ޗޮއިސް އެއް އަހަރުމެންނަށް އިބަ އޮތްތަ..” އަހްމަދު އަތުން އިސްތަށިގަނޑު ރީތިކޮށްލަމުން އަހާލިއެވެ. “ކަލޭމެންނަށް އަބަދުވެސް ގޮތެއް ހުހެއްނުވާނެ” ފައިސަލް މީހާ ހަމައަކަށް އަޅުވަމުން ބުނެލިއެވެ. “މިއީ ތި ވިސްނޭ މީހާ ނިންމި އެންމެ ގޯސް ވިސްނުން” ގަލަން ނަގާ ސޮއި ކޮށްލަމުން އަހްމަދު ފައިސަލް އާއި ދިމާލަށް ބަލާލިއެވެ. ފައިސަލް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އަދި ދެމީހުން ހުސައިންއާއި ދިމާލަށް ބަލާލިއެވެ. “އަހަރެން މީގެ ސޮއި ކުރިޔަސް ތި ރޭވުމާއި އަހަރެން މުޅިން ދެކޮޅު.. އަހަރެން އުއްމީދު ކުރަން ކަލޭ ރާވާފައިވާ ގޮތަށް ހުރިހާ ކަމެއް ދޭތޯ.. ނު ގޮސްފިނަމަ..” އެހެން ބުނެލަމުން ހުސައިންވެސް ސޮއި ކޮށްލިއެވެ. “ޝުކުރިއްޔާ.. ކަލޭމެންގެ ތި ކަމެއް އަހަރެން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަން” ދެ ފައިލް ނަގާ ކޮންމެ ފައިލް އަކުން އެއް ލިޔުން އެދެމީހުންނަށް ރައްދު ކޮށްލަމުން ފައިސަލް ބުނެލިއެވެ. “އަހަރެން ހީކުރަން އިތުރަށް ކަލޭ އަހަރެން ކައިރީގައި ކަމަކު ނުކިޔާނެ ކަމަށް” ހުސައިން ލިޔުން ހިފައިގެން ބޭރަށް ނިކުންނަން ހިގައިގަތެވެ. އަހްމަދު ފައިސަލްއާއި ދިމާލަށް ބަލާލަމުން ހިނިތުންވެލިއެވެ. “ގުޑް ލަކް..” އަހްމަދު ބުނެލިއެވެ. އަދި އޭނަވެސް އެތަނުން ބޭރަށް ނިކުންނަން ހިގައިގަތެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (21)

  1. Fantasy

    މި ބައިވެސް ހުރިހާ ކުދިންނަށް ކަމުދާނެ ކަމަށް ހީކުރަން 🙂

  2. liu

    V v v rythi… Dhn next part nikunnanyy konirakun….

  3. layaa

    Vaanuva rangalhakahh neynge mi storyga…

  4. azoo

    kniraku next part up kuraany fantasy?

  5. faai

    Wow fantasy,, its jux awesome,, nxt part konirakun?? V v v v kiyaahithun mihury… Awaskohdhehcheyy plxx… Mi waahaka thankolheh kiyaa hithun kiyaalaba kudhin,, eyrun waanuwaa ingeyne… N thankyu fantasy,, faai varah ginairu wehje waahaka up weythoa innathaa,,, finally thnkx thnkx n thnkx alot.. waiting waiting for next part… luv ur stories.. 🙂

  6. faai

    Bt haadha kurukoh thi genesdhiny,, faai varah kiyaahithun indha.. 🙁

  7. lovely

    kihinehtha mi vany? interest eba gehlet kudakoh.. bodu kameh hingaalabala fantusy…. mee fantasy ge fenvareh noon.. kurin liyunu gaathil kiyaa vaahaka haadha suspect ves gina vefa interesting… mi vaahaka vex feshi iru v kamudhiya.. ekamaku mihaaru vaanuvaa neygey.. ekamaku v reethi script akaa idea eh igey mee… aamukoh meehun nuliyaa kahala mystery vaahaka eh.. adhivex kiyuntherinnakah neyge plan aky kobaa kameh… ragalhu kohlaa.. good luck

  8. Fantasy

    thnk hurihaa kudin v bodah 🙂
    fai dhen anna bai dhigu kohlaanan igey
    liu n fai anna bai genes dheynan wednesdayga iraadha kureviyya 🙂

  9. Fantasy

    thnks lovely… thikamah v bodah visnaanah igey 🙂

  10. naj

    nice story fantasy 🙂

  11. finni

    vvvvv intresting story ey…..keeve komme dhuvahaku up nukohdheny….wenesday ves maa las……

  12. me

    Vrh reethi… thankolheh kury… vrh intresting. U r the best. Thankolheh avahah story up nukohdheveyne tha fantasy?

  13. Shiyaa

    vvv reethi vaahaka. bunelan othee interest nugehley gothah hama kuriah gendhaashey.. dhen avahah up kurahchey ingey.. vaahaka kiyaa hithun nuves nidhey mihaaru. keep it up…. :p

  14. only fantasy girl.

    Omg mivany kihineh…….vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv. Kiyaa hihvey…

  15. shaisha

    Fantasyyyy hageegai vaahaka kobaatha??and mi vaahaka vvv hadi! Fantasy liyunu enmme reethi vaahaka akiee hageegai but evaahaka eh up nukurey I am disappointed!very disappointed!I hope e vaahaka genedheyne kamah

  16. mary

    V foohi vaahaka ah me

  17. Fantasy

    hurihaa kudinge lobi coment thakah v bodah shukuriyya 🙂

  18. Nuzzath

    not bad… short igea… v v v v reethi

  19. liu

    Fantasy fb id libidhaaane thr

  20. mal

    V.reethi

  21. Fantasy

    thnsk igey kudinge lobi coment ah 🙂
    ‘princess sofy’ aky fb id.. liu add kuranyya message eh kohla dhechey liu kan egey gothah 🙂

Comments are closed.