އޭޕްރީލް ފޫލް
އެންމެންނަށްވެސް އެނގޭނެފައިން އެކެއް އޭޕްރީލަކީ އޭޕްރީލް ފޫލް ހަދައި ދުވަހެވެ. އޭޕްރީލް ފޫލަކީ އަނެކާއަށް ބޮޑުދޮގެއް ހަދައި ސަމާސާއެއް ކޮށްލުމެވެ.
ނިހާންއަކީ މާލެމީހެކެވެ. ނިހާން ވަޒީފާ އަދާކުރަނީ އޮފީހެއްގައެވެ. ނިހާންއާއި ނިހާންގެ އާޢިލާ އުޅެނީ މާލޭގައެވެ. ނިހާންގެ އާޢިލާގައި ނިހާންގެ މަންމައާއި ބައްޕައާއި ބޮޑުބޭބެއާއި ނިހާންގެ އަންހެނުން އައިންތުއާއި ދަރިފުޅު ޔޫއާން ހިމެނެއެވެ. ނިހާން އޮފީހުގައި ބުރަކޮށް އުޅުނަސް އާޢިލާއަށް އަނބިމީހާއަށާއި ދަރިފުޅަށް ވަގުތުދެއެވެ. ނިހާން ވަރަށް އައިންތުއާއި ސަމާސާކޮށް ހަދައިހިތްވެއެވެ. ކޮންމެ އޭޕްރީލުމަހުގެ އެއްވަނަދުވަހު ނިހާން އޭޕްރީލް ފޫލް ހަދައެވެ. އެކަމަކު ދުވަހަކުވެސް އައިންތު ފޫލެއް ނުހެއްދެއެވެ. މި ބުނީ ނިހާން ހަދައި އޭޕްރީލް ފޫލެއް ދުވަހަކުވެސް ކާމިޔާބެއްނުވެއެވެ.
މިހެންވުމުގެ ސަބަބުން އައިންތުއާއި ޔޫއާންއާއި އާޢިލާ އެންމެން ނިހާންއަށް މަލާމަތްކުރެއެވެ. އޮފީހުގައި އުޅޭ ރައްޓެހިންނަށް މިވާހަކަތައް ކިޔައިދިނުމުން އެމީހުންވެސް ހީ މަލާމާތްކުރެއެވެ.ނިހާން އޮފީސްކުދިންނާއި ބައްދަލުވަނީ އަބަދުވެސް އޮފީހުން ނޫނީ ބޭރު އެހެން ތަނަކުންނެވެ.
އޭޕްރީލްމަސް ފެށެން ގާތްވެއްޖެއެވެ.
ނިހާން އިނީ އޮފީހު ރައްޓެހިބަޔަކާއި އެކު އޮފީސް ކެންޓީނުގައެވެ.މިފަހަރު ހަދާނެ އޭޕްރީލް ފޫލެއްގެ ޙިޔާލްހޯދައިށެވެ.
އޭޕްރީލް އެކެކެވެ. އައިންތު އިނީ ގޭގައި ޓީވީއަޅުވައިލައިގެންނެވެ. އެހެން އިނދެފައި އަތުގައި އޮތް ގަޑިއަށް ބަލައިލިއެވެ.ލަސްވެއްޖެއެވެ. ފިރިމީހާ އަދިވެސް އޮފީހުން ގެޔަކަށް ނާދެއެވެ. ދުއްވާއެއްޗެއްގެ އަޑުއިވޭއިރަށް ގެއިން ބޭރަށް ނިކުމެ ބަލައިލައެވެ. ގުޅައި ގުޅައި ފޯނެއްނުނެގިއެވެ. އައިންތު ވަރަށް ކަންބޮޑުވިއެވެ.އެހެންނަމަވެސް އަދިވެސް ފޯނުނަގައިތޯ އަނެއްކާވެސް ގުޅިއެވެ.
”އައްސަލާމްޢަލައިކުމް”
”ކޮންބޭފުޅެއްތޯ” އައިންތުގެ ކަންފަތަށް އިވުނީ ބީރައްޓެހިއަޑެކެވެ.
”މިއީ ތި ފޯނުގެ ވެރިފަރާތުގެ އަންހެނުން” އައިންތު ޖަވާބުދިނެވެ.
”ތިއީ ކާކު”
”އަހަރެންގެ ފިރިމީހާގެ ފޯނުހިފައިގެން ތި އުޅެނީ ކީއްވެ”
”ކޮބާ އަހަރެންގެ ފިރިމީހާ” އައިންތުއަށް އެއްފަހަރާއި އެތައް ސުވާލެއް ކުރެވުނެވެ.
”އަޅުގަނޑަށް ކިޔަނީ ރަޝީދު” ”އަޅުގަނޑު އޭނަގެ ފަޓުލޫނު ޖީބުން ފޯނުމިނެގީ”
”ތިފަރާތުގެ ފިރިމީހާ ކާރެއްގައި ޖެހި ވަރަށް ބޮޑު އެކްސިޑެންޓެއްވެގެން މިއުޅެނީ”ރަޝީދު ބުނެދިނެވެ. އައިންތުއަށް ހީވީ ހޫނުފެންއެއްޗެއް ގަޔަށް އެޅިހެންނެވެ.
”އަޅުގަނޑު މިގެންދަނީ އަވަހަށް އައިޖީއެމްއެޗަށް” ރަޝީދު ފޯނުބޭއްވިއެވެ.
އައިންތު އަތުން ފޯނުދޫވެ ވެއްޓިއްޖެއެވެ.ލޮލުން ކަރުނަ އޮހޮރުނެވެ. ރޮމުން ރޮމުންގޮސް މި ހިތި ހަބަރު އާޢިލާއަށް ދިނެވެ.އެންމެން އަވަހަށް ކާރެއް ހޯދައިގެން އައިޖީއެމްއެޗަށް މިސްރާބުޖެހިއެވެ.
އައިޖީއެމްއެޗަށް އާދެވިއްޖެއެވެ. އެންމެން އަވަހަށް ހަސްފަތާލަށް ވަދެ ނިހާން އޮތް ވޯރޑެއްބަލައި އެ ވޯރޑަކަށްވަނެވެ. އެ ވޯރޑުގައި އެހެން ބަލިމީހުންވެސް އޮތެވެ. ނިހާންގެ މުޅިގައިގައި ވަނީ ބެންޑޭޖްއޮޅައިފައެވެ.
ހީވަނީ މަމީއެއްހެންނެވެ.ކައިރީގައި ޑޮކްޓަރެއްހުއްޓެވެ.
”ޑޮކްޓަރު އަހަރެންގެ ފިރިމީހާ…” އައިންތުއަށް ގިސްލެވުނެވެ.
”ބާއްވަންޖެހޭނީ”
”އިރާދުކުރެއްވިއްޔާ ރަނގަޅުވާނެ” ޑޮކްޓަރު ހިތްވަރުދިނެވެ.އައިންތުގެ ކޮނޑުގައި އަތްޖައްސައިލައިފައި ނިކުތެވެ. ނިހާންގެ ކައިރީގައި މީހަކު ހުއްޓެވެ. އެއީ ނިހާންގެނައި މީހާއަށް ވެދާނެއެވެ.
”ތިއީތޯ މީނަގެ އަންހެނުންނަކީ” އެމީހާ އައިންތު ކުރިމައްޗަށް ގޮސްއެހިއެވެ.
އައިންތު ބޯޖަހައިލިއެވެ.
”ކިހިނެތްމިވީ”އައިންތުއަށް އަނެއްކާވެސް ރޮވުނެވެ.
”އައިންތު ނުރޮވޭ” އައިންތު ރޯތަންފެނިފައި ނިހާން ވަރަށް ދެރަވިއެވެ.
ނިހާންގެ މަންމައާއި ބައްޕައާއި ބޮޑުބޭބެވެސް ރޮނީއެވެ.
”ބައްޕާ ބައްޕަ ހީވަނީ މަމީއެއްހެން” ޔޫއާން އެހެން ބުނުމުން އައިންތު އޭނަގެ އަނގަމަތީ އަތްއެޅިއެވެ. އަދި ބައްދައިލިއެވެ.
”މަގޭ ދަރިފުޅާ” ނިހާންގެ މަންމަ ގިސްލައި ގިސްލައި ރޮނީއެވެ.
”ދެރަނުވޭ ދައްތާ”
”މިއީ ކޮންމެމީހަކަށްވެސް އަންނާނެ ދުވަހެއް” ރަޝީދު ނިހާންގެ މަންމަގެ ކޮނޑުގައި ހިފިއެވެ.
”އޭނަ އަދި މަރެއްނުވޭ” ނިހާންގެމަންމަ ރުޅިއައިސް އަތްފޮޅުވައިލިއެވެ.
”ހާދަ ބޮޑުވަރެއްވެފައޭ” އައިންތު ނިހާންގާތަށް ގޮސް މޭގައި ބޯއަޅައިލައި ރޯންފެށިއެވެ. މޭގައި ތަޅަންފެށިއެވެ.
”އަތްދޯތް” ”އަތްދޯތް” ނިހާންއަށް ތަދުވިއެވެ.
”ތަދުވީތަ”
”ސޮރީ” އައިންތު މަޢާފަށް އެދުނެވެ.
”ބައްޕާ ބައްޕައަށް ދެން ނުވެސް ހިނގޭނެދޯ” ޔޫއާން ސުވާލުކުރިއެވެ.
”އާނ ދަރިފުޅާ” ނިހާން ދެރަވެފައި ޔޫއާންއަށް ޖަވާބުދިނެވެ.
”ނުވެސް ކެވޭނެދޯ” ޔޫއާން އަނެއްކަ އެހެން ސުވާލެއްކުރިއެވެ. މިފަހަރުވެސް
ނިހާން ޖަވާބުދިނީ ކުރިން ޖަވާބުދިންގޮތަށެވެ.
”އަވަހަށް ރަނގަޅުވޭ” އައިންތު އަނެއްކާވެސް ނިހާންގެ މޭގައި ބޯއަޅައި
ރޯންފެށިއެވެ. ނިހާން ހޭންފެށިއެވެ. އައިންތުއަށް ބޯ ހިއްލައިލެވުނެވެ.އެ ވޯރޑުގައި ތިބި ބަލިމީހުންތައްވެސް ހޭންފެށިއެވެ. ވީކިހިނެތްކަމެއް އެކަކަށްވެސް ނުވިސްނުނެވެ. ނިހާން ބެންޑޭޖުތައް ނައްޓުވައިލިއެވެ. އައިންތުއާއި ޔޫއާންއާއި މަންމަ،ބައްޕަ އަދި ބޮޑުބޭބެވެސް ވަރަށްހައިރާންވިއެވެ.
”ޑޮކްޓަރު ވަދޭ”ނިހާން ގޮވައިލިއެވެ. ޑޮކްޓަރު ދުންމާރިއެއް ފުމެމުން އައެވެ.
”އޭޕްރީލް ފޫލް ބަނާޔާ” ބަލިމީހުންތައް އަތްޖަހައި ލަވަކިޔަންފެށިއެވެ.
”އަހަންކަށް އެއްވެސް ކަމެއްނުވޭ”
”މިއީ އަހަރެން ހެދި އޭޕްރީލް ފޫލެއް”
”މިއީ އަހަރެންގެ އޮފީސް ބޮސް” ނިހާން ރަޝީދަށް އިޝާރާތްކުރިއެވެ.
”މި ބަލިމީހުންނަކީ އޮފީހުމީހުން”
” ޑޮކްޓަރުގެ ބައިކުޅުނީ ޕިޔޯނު”
”އާނ އެކަމަކު މިއީ އަސްލު އައިޖީއެމްއެޗް” ނިހާން ހެމުން ހުރިހާ ވާހަކައެއް ތެދުތެދަށް ކިޔައިދިނެވެ. އައިންތު ގާތަށް ވަރަށް ރުޅިއައެވެ. ނިހާންގެ މަންމައާއި ބައްޕައާއި ބޮޑުބޭބެ ވަރަށް އެއްޗެތިކިޔެވެ. ޔޫއާންވެސް ހިތްހަމައެއްނުޖެހުނެވެ.
”އަސްލު އައިޖީއެމްޗްދޯ”
”މިއަސްލު އައިޖީއެމްއެޗްގައި ކަލޭ ދެންމެ ތިއޮތްގޮތަށް އަސްލަށް ނުބައްވައިފިއްޔާމު މަގޭ ނަމަކީވެސް އައިންތެއްނޫން” އައިންތުގެ ދެލޯ ސިންގާއެއްހެން ބޮޑުވިއެވެ. ނިހާން ބިރުން އޮތްތަނުން ތެދުވެ ފުއްލާއެއްހެން ދުއްވައިގަތެވެ. ނިހާންގެ ފަހަތުން އައިންތުވެސް ދުއްވައިގަތެވެ. އައިންތު ނިހާންއާއި ދިމައަށް ބަލިމީހުންލައި ފުރޮޅުލީ ގޮނޑިއެއް ދުއްވައިލިއެވެ. އެންމެފަހުން ނިހާންއަށް ޖެހުނީ ކުރިން އޮތް ހާލަތަށް އަސްލަށް ރުޖޫއަވާށެވެ.
އައިންތު ފަހުން ނިހާންއަށް އެހެން ހެދުނީތީ ދެރަވިއެވެ. ނިހާންގެ ބައްޕައާއި ބޮޑުބޭބެ ދެރަވެ ރޮނީއެވެ. ނިހާންގެ މަންމަ އަނެއްކާވެސް މަގޭ ދަރިފުޅާއޭ ކިޔައި ރޮއިގަތެވެ.
”ދެރަނުވޭ ދައްތާ”
”މިއީ ކޮންމެމީހަކަށްވެސް އަންނާނެ ދުވަހެއް” ރަޝީދު ނިހާންގެ މަންމަގެ ކޮނޑުގައި ހިފިއެވެ.
”އޭނަ އަދި މަރެއްނުވޭ” ނިހާންގެމަންމަ ރުޅިއައިސް އަތްފޮޅުވައިލިއެވެ.
ތިޔަ ކިޔުންތެރިން ނިހާން ހެދިފަދަ އޭޕްރީލް ފޫލެއް ނަހަދައްޗެވެ.
ނިމުނީ

