ޖަނާން މަޑު ހިގުމެއްގައި އައިސް މަޑުކޮށްލީ މޭޒު ކައިރިއަށެވެ. އެތަނުގައި އެކި ކަހަލަ މީހުންގެ ފޮޓޯތަކާއި ފޮތްތަކާއި ލިޔުންތަށް ހުއްޓެވެ.
‘ޖަނާން.. މިއީ އެންމެ މުހިއްމު ވާހަކަ.. އަހަރުމެންނަށް ޖަނާން ރެޑީކުރަން ލިބިފަ ވަނީ ހަމަސް ދުވަސް.. އަސްލު ބުނާނަމަ ހަމަސްދުވަސް ވެސް ލަސް.. އެކަމަކު އެންމެ އަވަސް ވެގެން ޖަނާން މައިދާނަން ނެރެންޖެހޭނެ ހަމަސް ފަހުން.. އެހެންވީމަ ޖަނާންގެ ހުރި ހުށިޔާރު ކަމެއް ދައްކާލަދީ.. ޖަނާން ނިކުންނަން ޖެހެނީ މިކަހަލަ މީހުންނާއި ދެކޮޅަށް..” ދީނީ ގޮތުން ހަރުކަށި ކަން ލިޔެފައިވާ ފޮތެއް ޖަނާން ކުރިމަތީގައި ބާއްވަމުން ހިލްމީ ބުނެލިއެވެ. “މިފަހަރު އަހަރުމެން ބަލަން ޖެހެނީ ދީނީ ގޮތުން ޖަނާން ކިހާ ބާރު ގަދަތޯ.. މި މަސައްކަތުގައި ޖަނާންއަށް މައުލޫމާތު ދޭން އަހަރުމެން މީހަކު ގެންނާނަން.. އެކަމަކު އެބައި ފަހުން.. މިހާރު މުހިއްމު ކަމަކީ ޖަނާން މި އެއްޗެހި ކިޔުން..” ތިން ހަތަރު ފޮތް އެތަނުގައި ބާއްވަމުން ހިލްމީ ބުނެލިއެވެ. ކޮންމެ ފޮތަކީވެސް ދީނީ ގޮތުން އެތައް ވާހަކައެއް ލިޔެފައިވާ ފޮތްތަކެވެ. “އަދި އެއްކަންތައް.. ޖަނާންގެ ނަން ބަދަލު ކުރަން ޖެހޭ ވާހަކަ ކުރިންވެސް އޮންނާނީ ބުނެފަ.. އެއްވެސް ނަމެއް އެބައިންތަ..” ހިލްމީ އަހާލއެވެ. “އާ.. ޖައިލަމް.. ޖައިލަމް ކިޔަމާ..” ޖަނާން ބުނެލިއެވެ. “ޖައިލަމް.. އޯކޭ.. މީގެ ފަހުން ތިއީ ޖައިލަމް.. އަހަރެން މިއަދު ގޮސްފަ ހުރިހާ ލިޔެ ކިޔުމެއް ތައްޔާރު ކުރާނަން.. މިހާރު ޖައިލަމް ދޭ އަރާމް ކޮށްލަން..” ހިލްމީ އެހެން ބުނެލުމައްފަހު އެތަނުގައި ތިބި ދެމީހުން ގޮވައިގެން އެތަނުން ނިކުތެވެ. ޖަނާން އެކަނި އެތަނުގައި ދާނެ ދިމާލެއް ނޭނގިފައިވާ ގޮތަށް ހުއްޓިފައި ހުއްްޓެވެ.
*********
ނާޝިދު ބަލާލީ އެތަނުގެ ދޮރު ހުޅުވުނު އަޑަށެވެ. ފައިސަލް އާއި ނިހާން އޭރު މަޑު ހިގުމެއްގައި އައިސް ގޮޑީގައި އިށީންނަނީއެވެ. “މިހާރު އަހަރެން ސުވާލު ކޮށްކޮށް ވަރުބަލި ވެއްޖެ.. ހިނގާ އެހެންވީމާ ގޭމްއެއް ކުޅެމާ..” ފައިސަލް ގޮޑީގައި ހަމަޖެހިލަމުން ވާހަކަ ދެއްކިއެވެ. ފައިސަލް އެހެން ބުނުމާއި އެކު ނިހާން ހައިރާން ކަމާއި އެކު ފައިސަލްއާއި ދިމާލަށް ބަލާލިއެވެ. “އަހަރެން ބުނާ ބަހެއް ނިމޭ އަކުރުން ބަހެއް ކިޔަންވީ” ހިނިތުންވެލުމެއް ރައްދުކޮށްލަމުން ފައިސަލް ވާހަކަ ދެއްކިއެވެ. ނާޝިދުގެ މޫނު މަަތިންވެސް ފެނުނީ ހައިރާން ކަމެވެ. “ތައްޔާރުތަ..” ފައިސަލް ބުނެލިއެވެ. ނާޝިދު ހައިރާން ކަމާއި އެކު އެއްފަހަރު ނިހާންއަށް އަނެއްފަހަރު ފައިސަލްއަށް ބަލާލިއެވެ. “އޯކޭ އަހަރެން ފަށަނީ..” ފައިސަލް ބުނެލިއެވެ. ނާޝިދު ގޮޑީގައި ހަމަޖެހިލިއެވެ. ބުރަކަށި ރަނގަޅަށް ގޮޑީގައި ޖައްސާލަމުން ސީދާ ފައިސަލްގެ މޫނަށް ބަލާލިއެވެ. ފައިސަލް އެއްކޮލުން ހިނިތުންވުމެއް ރައްދު ކޮށްލިއެވެ. “މަސް…” ފުރަތަމަ ބަސް ފައިސަލް ކިޔެވެ. ނާޝިދު ހަމަ އެއިން ގޮތަށް އިނެވެ. “ކޮބާ ސީނަކުން ކިޔާ..” ފައިސަލް ކުޑަކޮށް މޭޒާއި ކައިރިވެލަމުން ބުނެލިއެވެ. “އޯކޭ.. ސައިކުރާ… ދެން ކިޔާ ރާ އަކުން” ފައިސަލް ބުނެލިއެވެ. މިފަހަރުވެސް ނާޝިދު އެއިންގޮތަށް ހަމަޖެހިލައިގެން އިނެވެ. “ރޯދަ…” އަނެއްބަސް ފައިސަލް ކިޔާލިއެވެ. ނާޝިދު ފައިސަލްގެ މޫނާއި ދިމާލަށް ބަލާކަން އެގުމުން ފައިސަލްވެސް އިތުރު ދިމާލަކަށް ނުބަލައެވެ. “އޯކޭ.. އަނެއް ބަސް.. ދީން” ފައިސަލް ބުނެލިއެވެ. މިފަހަރު ނާޝިދު ކުޑަކޮށް ހަށިގަނޑު ގުޑުވާލާ އަނެއްކާވެސް ގޮޑީގައި ހަމަޖެހިލިއެވެ. ފައިސަލް ހިނިތުންވުމެއް ރައްދުކޮށްލަމުން ނިހާންއަށް ބަލާލިއެވެ.
ފައިސަލް ހަށަން ބަދެލަމުން އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. “ބަހެއް ނޭނގެނީތަ.. ނޫނީ އެއްވެސް އެއްޗެއް ބުނަން ބޭނުންނުވަނީތަ.. ” ފައިސަލްގެ ޖުމްލައަށް އެއްވެސް ޖަވާބެއް ނުދީ ކުރިންވެސް ފައިސަލްއާއި ދިމާލަށް ބަލަމުން ދިޔަ ގޮތަށް ނާޝިދު ބަލަން ފެށިއެވެ. “މައްސަލައެއް ނެތް.. މި ގޭމް މާ ފޫހި ދޯ.. އެހެން އެއްޗެކަށް ބަދަލު ކޮށްލަމާދޯ.. ދެން ނާޝިދު ކޮށްދެންވި ކަމަކީ އަހަރެން ބުނާ ބަހަކަށް ޖުމްލައެއް ހަދަންވީ..” ފައިސަލް ބުނެލިއެވެ. “ހަރާންކޯރު..” ފައިސަލް ބުނެލިއެވެ. އެވަގުތު ނާޝިދުގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރު ފެނިގެން ދިޔައެވެ. ނަމަވެސް ފައިސަލްގެ މޫނަށް ބަލަހައްޓައިގެން އިނެވެ. “ނޭނގޭތަ.. އަހަރެންނަށް އެނގޭ.. ނާޝިދުއަކީ އަމިއްލަ ޤައުމަށް ހަރާންކޯރުވި މީހެކެވެ.. ކިހާ ރީތު ޖުމްލައެއް.. ނޫންތަ.. ނިހާން..” ދަތްޕިލަ ފިއްތާ ބާރުކޮށްލަމުން ރުޅިވެރިކަމާއި އެކު ފައިސަލް ވާހަކަ ދެއްކިއެވެ. “އަނެއްބަސް.. ޖަނާން..” ފައިސަލް ޖަނާންގެ ނަން ބުނެލިއެވެ. އެވަގުތު ބޭއިޙްތިޔާރުގައި ނާޝިދުއަށް ހީލެވުނެވެ. މި ހީލުމުގެ ސަބަބުން ފައިސަލްގެ ލޭ އިތުރަށް ކައްކުވާލިއެވެ. އިށީދެގެން އިން ގޮޑީގައި ބާރަށް ހިފަހައްޓާލެވުނީ އަތުން ގޯހެއް ހެދިދާނެތީއެވެ. “ޖަނާންއަކީ ދިވެހި ރައްޔިތެއްގެ ދަރިއެކެވެ.. މި ޖުމްލަ ކިހިނެއްވަނީ..” ފައިސަލް ހަމަ ކުރިންވެސް ބުނި ރާގުގައި ކިޔާލިއެވެ. “އަނެއްބަހަކީ.. އެމެރިކާ.. ނޫން.. ރަޝިއާ.. ނޫން.. މަޑުކޮށްލާ.. އަދި ވިސްނާލާނަން… އިންޑިއާ..” “ކަލޭ ހީކުރަނީ ކީކޭކަމަށްތަ.. ތިކުރަނީ މާ މޮޅު ކަމެއްކަމަށްތަ.. ހީކުރަނީތަ ތިހެން ވާހަކަ ދައްކައިގެން އަހަރެންގެ ފަރާތުން އެއްވެސް އެއްޗެއް ހޯދޭނެއޭ… ބުނެބަލަ.. ކަލޭމެންނަށް އެއްވެސް އެއްޗެއް ނުވެސް ހޯދޭނެ.. އަދި އަހަރެން މިތަނުގައި އެންމެ ގިނަ ވެގެން ކަލޭމެން ބައިންދާނީ 72 ގަޑިއިރު.. އާ. ކަލޭމެން ކޯޓަށް ގެންގޮސް އަމުރު ޖަހާނެ.. އެހާ ހިސާބުން.. ތި ފައިސަލް އައިސް އަހަރެންގެ އަތުން ބިޑި ނައްޓާލުމަށްފަހު ދޫކޮށްލާނެ.. ބަލަން ހުރޭ.. މިއީ އަހަރެން ކަލޭމެންނާއި ދައްކާނެ އެންމެ ފަހު ވާހަކަ… އަހަރެންނަށް ލިބިގެންވާ ޙައްޤު ތަކެއްވޭ.. އެހެންކަމުން އަހަރެން ހަނު ހުރުމުގެ ޙައްޤުގެ ބޭނުން ކޮށްފިން…” ނާޝިދުގެ އަޑަށް ބާރު ލަމުން ވާހަކަ ދެއްކިއެވެ. ފައިސަލްގެ މޫނުމަތިން ހިނިތުންވުމެއް ފާޅުވިއެވެ. “ކަލޭ އަހަރުމެން ބޭނުންވާ ހުރިހާ މައުލޫމާތެއް ދެންމެ ތި ދެއްކި ވާހަކަ ތަކުން ބުނެދީފި… އެހެންވީމަ އަހަރުމެވެސް ކަލެއަށް ތި ޙައްޤު އަދާ ކުރުމުގެ މިނިވަންކަން ދީފިން..” ގޮޑިން ތެދުވެލަމުން ފައިސަލް ބުނެލިއެވެ. އަދި ބޭރަށް ހިގައިގަތެވެ. ނިހާންވެސް ނާޝިދުއަށް ހިނިތުންވުމެއް ރައްދު ކޮށްލަމުން އެތަނުން ބޭރަށް ނިކުންނަށް ހިގައިގަތެވެ.
“އަހަރެންނަށް ހީވީ ރަނގަޅަށް.. އެމީހުންނަށް މިހާރު ޖައިލަމްއަށް އަސްލު ކިޔަނީ ޖަނާންކަންވެސް އެނގޭ.. ” ފައިސަލް ހާސްކަމާއި އެކު ބުނެލިއެވެ. “ކިހާ މައުލޫމާތެއް ބާ އެމީހުންނަށް އެނގޭނީ..” ނިހާން އަހާލިއެވެ. “ފެނުނުތަ.. އިންޑިއާ އޭ ބުނި ވަގުތު އޭނަ ވާހަކަ ދައްކަން ފެށި ގޮތް.. ނިހާން.. ޖަނާންގެ ކޮޓަރިންނާއި އޭނަގެ ލެޕްޓޮޕް ނޫނީ އޭނަގެ އެއްވެސް ލިޔެކިޔުމަކުން އިންޑިއާ އާއި ގުޅޭ އެއްވެސް އެއްޗެއް ފެނޭތޯ ހޯދާ.. ކުރިން އަހަރުމެންނަށް ޖަނާން ދީފައިވާ ލިޔުންތަށްވެސް ބަލަންވީ.. އިންޑިއާ އޭގައި ހިމެނިފައިވާ ހުރިހާ ލިޔުންތަކާއި ވީޑިއޯ ކޯލްތަކާއި އޯޑިއޯ ކޯލްތަށްވެސް.. އަޑު އިވިއްޖެ.. އަވަސް ވަރަށް އަވަސް…” ފައިސަލް ނިހާންއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. ނިހާން ބޯޖަހާލަމުން އަވަސް ކަމާއި އެކު އެތަނުން ހިގައިގަތެވެ. ފައިސަލް ހާސްކަމާއި އެކު ބޮލުގައި އަތް އަޅާލިއެވެ.
***************
އަހަރެން މަޑުކޮށްލައިގެން ހުރީ އާއްމުކޮށް އަހަރެން ރީޝާއާއި ބައްދަލު ކުރާ ތަނުގައެވެ. އެއީ މީހުން އެއްގޮތަކަށްވެސް ނައަންނަ ވ.ކެޔޮދޫ ކުނިގޮޑު ހިސާބުގަނޑެކެވެ. ރޭގަނޑުވުމުން އެތަން އޮންނަ އަދިރިކަމުގެ ސަބަބުން އެތަނަށް މީހުން އެއްގޮތަކަށްވެސް ނާދެއެވެ. ރަށުގެ ކައުންސިލްގެ ފަރާތުން އެދިމާލުގައި ދެތިން ހޮޅިބުރި ޖަހާފައި ހުއްޓެކަމަކު އެތަނުގައި ހެދިފައިވާ ގަސްތަށް ގިނަކަމުން ހޮޅިބުރީގެ އަސަރެއް އަހަރެން ހުއްޓި ހުރި ސަރަހައްދަށް ކުރަނީ ވަރަށް ކުޑަކޮންނެވެ. އަހަރެން ގަޑިއަށް ބަލާލީމެވެ. އަދި ދުރަށް ބަލާލީމެވެ. އެވަގުތު ދުވެފައި ކަހަލަ ގޮތަކަށް ރީޝާ އަންނަ ތަން ފެނުނެވެ. އަހަރެން ހިތްހަމަޖެހުމުގެ ނޭވާއެއް ލީމެވެ. އަހަރެންނާއި ކައިރިވަމުން އައި އިރު ރީޝާގެ މޫނު މަތިން ފެންނަމުން ދިޔަ އުދާސްކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. އެމައުސޫމް މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމެވެ. އެރީތި ދެލޮލުން އޭރުވެސް ކަރުނައިގެ މުތީތަން ފެންނަން ހުއްޓެވެ. “ރީޝް.. ކިހިނެއްވީ” އަހަރެންނާއި ކައިރިއަށް ހުއްޓުމުން އަހަރެން ސުވާލު ކޮށްލީމެވެ. އަހަރެން އެހެން އަހާލުމާއި އެކު ކުއްލިއަކަށް ރީޝާ އަހަރެންގެ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. އަދި އަނެއްކާވެސް ރޯން ފެށިއެވެ.
އަހަރެން ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. އަތް ހިއްލާލި ނަމަވެސް ރީޝާގެ ގައިގައި އަތްޖައްސާލާކަށް އަހަރެންނަކަށް ނުކެރުނެވެ. ކިތައްމެ ވަރަކަށް ހިތް އެކަމަށް އެދެމުން ދިޔަނަމަވެސް އަހަރެން މަސައްކަތް ކުރަމުން ދިޔައީ އަހަރެންގެ އިހްސާސްތައް އަހަރެންގެ ބާރުގެ ދަށުގައި ބެހެއްޓޭތޯއެވެ. އަނެއްކޮޅުން ރީޝާއަކީ އަހަރެންނާއި އަޅާބަލާއިރު މާ ކުޑަ ކުއްޖެކެވެ. އުމުރުން 18 އަހަރު ފުރުނީ އަދި ކިރިޔާއެވެ. ފޮޅެއް ތައްޔާރުވެފައިވާ އެ ނަލަ މަލަށް އެއްވެސް ކަހަލަ ގެއްލުމެއް ވާހަކަށް އަހަރެން ބޭނުން ނޫނެކެވެ. އަދި އަމުދުން އެކަން އެއީ އަހަރެންނަށް ކުރެވޭނެ ކަމެއްނޫނެކެވެ. އެއީ ނާޝިދުގެ ދަރިއެކެވެ. އޭނައަށް ލިބިފައިވާ ތިން ދަރިންގެ ތެރެއިން މެދު ދަރިއެވެ. ކިޔަވަން ބޭނުންވެ އެ ފުރުސަތު ލިބިފައިނުވާ ކުއްޖެކެވެ. ގްރޭޑް އަށަކުން ސްކޫލުން ވަކިވަން ޖެހުނީ އަންހެން ކުއްޖެއްވީމައެވެ. އިތުރަށް ކިޔަވާނެ އެއްޗެއް ނެތޭ ކިޔާފައި ސްކޫލުން ކަނޑާލާ ގޭގައި ބެހެއްޓީ ގޭތެރޭ މަސައްކަތް ދަސްކުރުމަށެވެ. އަހަރެން އެގެއަށް ދާއިރު ރީޝާ އެގޭގައި އުޅޭތަން ފެނެއެވެ. އެންމެ ފުރަތަމަ ފެނުމުން އަހަރެން އަޅައިގަތީ އެ ރީތި ބޮޑު ދެލޮލުގައެވެ. އޭރުއްސުރެއް އަހަރެންނަށް ދެވުނީ ބޭއިޙްތިޔާރުގައި ނަމަވެސް ރީޝާއަށް ފާރަލަމުންނެވެ.
އެގޮތުން އެދުވަހުގެ ހަވީރު އަހަރެން އެގެއަށް ދިޔައީއެވެ. އެއީ އެގޭގައި އެއްވެސް މީހަކު ނޫޅޭ ވަގުތު ބަލާފައެވެ. އަހަރެންގެ މަގްސަދަކީ ރީޝާއާއި ބައްދަލު ކޮށްލުމެވެ. އަހަރެންގެ މަގްސަދު ޙާސިލްވެސް ވިއެވެ. ނަމަވެސް އަހަރެން ދިޔައިރު ރީޝާ އިނީ ސިޓިންރޫމްގައި ރޯށެވެ. ބޮޑު ބުރުގާއެއް އަޅައިގެން އިން އިރު އެމޫނު މަތިން ފެންނަމުން ދިޔަ މައުސޫމް ކަމުން އަހަރެންގެ ހިތުގައި އެސޫރަ ކުރެހިގެން ދިޔައެވެ. އަހަރެން ފެނުމުން ސިހިގެން ގޮސްފައި އެތަނުން ދުރައް ދިއުމަށް ރީޝާ މަސައްކަތް ކުރިއެވެ. ބައްޕައާއި މަންމަ ނޫޅޭކަމަށް ބުނެ އަވަހަށް ފިލަން މަސައްކަތް ކުރިއެވެ. ނަމަވެސް އަހަރެން ބޭނުންވީ ރީޝާ ރޮމުން ދިޔަ ސަބަބު އޮޅުން ފިލުވާށެވެ. އެހާ ލޯބި ލޯބި ކުއްޖަކު ރޮމުން ދިއުމުގެ ސަބަބުން އަހަރެންނަށް ބަލާކަށް ފަސޭހައެއް ނުވިއެވެ. އޭނަގެ ގައިގައި އަތް ނުލިކަމުގައި ވިޔަސް އެތަނުން ރީޝާ ދިޔަކަ ނުދެމެވެ. ވެގެން އުޅޭގޮތް ކިޔައިދިނުމަށް އަހަރެން އެދެމުން ދިޔައީމެވެ. ނަމަވެސް ވާހަކަ މެދު ކަނޑާލުމަށް މަޖްބޫރުވީ ނާޝިދުމެން އަންނަ ގަޑި ޖެހެމުން ދާތީއެވެ. އެހެންކަމުން އެދުވަހު އަހަރެން ބައްދަލުވާނެ ތަނަކަށް ބުނީ އެ ކުނިގޮނޑު ސަރަހައްދެވެ. ރޭގަނޑުގެ އެވަގުތެވެ. އޭގެ ފަހުން ދެތިން ފަހަރަކު އަހަރުމެން އެގޮތަށް ބައްދަލު ކުރީމެވެ. ފުރަތަމަ ފަހަރު ނޫނީ ދެން ކޮންމެ ފަހަރަކުވެސް ރީޝާ ބައްދަލު ކުރަން ބޭނުން ވެގެންނެވެ. އަހަރެންވެސް ރީޝާ ބޮޑު ކަމެއްވެގެން ވާހަކަ ދައްކާލުމަށް ބުނުމުން، ބައްދަލު ކުރުމަށް ދަމެވެ.
ރޮމުން ދިޔަ ރީޝާގެ ކަރުނައިން އަހަރެންގެ ގަމީސް ތެމެމުން ދިޔައެވެ. ފުދޭވަރަކަށް އިރު ފަހުން އަހަރެން ރީޝާގެ އަތުގައި މަޑުމަޑުން ހިފަހައްޓާލީމެވެ. “ރީޝް.. ބުނެބަލަ.. ކިހިނެއްވީ.. ބައްޕަ އެއްޗެކޭ ބުނީތަ.. ނޫނީ މަންމަ އެއްޗެކޭ ބުނީތަ.. ކިހިނެއްތަ ވީ..” ރީޝާ އަހަރެންގެ ގަޔާއި ކުޑަކޮށް ދުރުކޮށްލަމުން އެމޫނަށް ބަލާލަމުން އަހަރެން އަހާލީމެވެ. އޭރު ރީޝާއަށްވަނީ ރަނގަޅަށްވެސް ގިސްލެވިފައެވެ. އިސްޖަހާލައިގެން ހުރީ އަހަރެންނާއި ހަތަރުކަޅިވެސް ހަމަ ނުކުރަންވެގެން ކަންނޭނގެއެވެ. “އަހަރެންގެ…. ކައި..ވެނި.. ކުރު.ވަން.. ބައް..ޕަ.. އެ.ބަ.. އުޅޭ..” ގިސްލަމުން ރީޝާ ވާހަކަ ދެއްކިއެވެ. “ކީކޭ.. ކައިވެއްޏޭ..” އަހަރެން ހައިރާންކަމާއި އެކު އަހާލީމެވެ. ރީޝާ ބޯޖަހާލިއެވެ. “ފުރަތަމަ ހުއްޓާލަބަލަ.. ދެން ކިޔައިދީބަލަ.. ކީއްވެ.. އަދި ރީޝްއަށް 18 އަހަރެއްނުން.. ދެން” އަހަރެން ރީޝާ ހުއްޓުވުމަށް މަސައްކަތް ކުރަމުން ބުނެލީމެވެ. “ބައްޕަ ބުނީ.. އަހަރެންގެ ދޮންތަވެސް.. އުމުރުން މިހާރުގައޯ.. ކައިވެނި ކުރީ.. ޖައި.. އަހަރެން ބޭނުމެއް.. ނޫން ކައިވެނި ކުރާކަން.. އަދި އެވެސް އަހަރެން ނުވެސް ދަންނަ މީހަކާ.. ޖައި ޕްލީޒް..” އަނެއްކާވެސް ރީޝާ ރޯން ފެށިއެވެ. “ދޮންތައޭ.. ރީޝްގެ ދޮންތައެއްވެސް ހުރޭތަ…” އަހަރެން އަހާލީމެވެ. “އާ ކުރިން ހުރޭ.. އެކަމަކު މިހާރު ދުނިޔޭގަ ހުރި ކަމެއް އަދި ނެތްކަމެއްވެސް ނޭނގެ.. އަހަރެން އެއްދުވަހު ހޭލި އިރު ދޮންތަ ނެތް.. ބައްޕަ ބުނީ ދޮންތަ ވީ ފިރިމީހާ ކައިރީގައޭ” އަހަރެންނަށް ނާޝިދުގެ ބޮޑު ދަރިއެއް ހުންނަކަން އެނގެއެވެ. ނަމަވެސް އޭނައަށް ވީގޮތް އެނގުނީ އަދި ކިރިޔާއެވެ.
“ޖައި ޕްލީޒް… އަހަރެން ބޭނުމެއްނޫން.. ކައިވެނި ކުރާކަށް” ރީޝާ އަހަރެންގެ އަތުގައި ހިފަހައްޓާލިއެވެ. އަހަރެންގެ މޫނަށް ބަލާލީ އާދޭހުން ފުރިގެންވާ ބެލުމަކުންނެވެ. “ރީޝް އަހަރެން ކިހިނެއްތަ.. ބައްޕައަށް އަހަރުމެން މިގޮތަށް ވާހަކަ ދައްކާކަން އެނގޭނެ.. އަހަރެން ތިކަމުގައި ވާހަކަ ދައްކައި ފިއްޔާ..” އަހަރެން ކިތައްމެ ބޭނުންވިޔަސް އަހަރެންނަށް ނާޝިދު ކުރާ އިތުބާރު ހިފެހެއްޓުން ވަރަށް މުހިއްމެވެ. “ޕްލީޒް..” ރީޝާ ބުނެލިއެވެ. “އޯކޭ.. އަހަރެން ވާހަކަ ދައްކާނަން.. މާދަން.. އިނގޭ” އަހަރެން ރީޝާ ހިތްހަމަ ޖައްސައިދިނުމަށްޓަކައި ބުނީމެވެ. އެވަގުތު ރީޝާ ފަޑު ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އަދި އަހަރެންނާއި ދުރަށް ޖެހިލިއެވެ. ދެލޯ ފުހެލާ ބޮޑު ހިނިތުންވުމެއް އަހަރެންނަށް ރައްދުކޮށްލިއެވެ. “ވަރަށް ބޮޑަށް ޝުކުރިއްޔާ.. ހުރިހާ ކަމަކަށް.. އަހަރެން އަބަދުވެސް ދެކޭނީ ތިއީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެއްކަމަށް. އަހަރެންނަށް އެނގޭ ޖައި އަހަރެންނަށް އެހީވާނެކަން ކޮންމެ ގޮތަކަށް ކަންތައް ވިޔަސް..” ބޮޑު އަންހެނެއްހެން ރީޝާ ވާހަކަ ދެއްކިއެވެ. އަހަރެން ކުޑަކޮށް ހިނިވެސް އައެވެ. އެހާ އަވަހަށް މީހާ ހަމައަކަށް އެޅުނީމެވެ. އަހަރެން ބޯޖަހާލީމެވެ. ރީޝާއާއި އެއްބަސް ވުމުގެ ގޮތުންނެވެ. “އަހަރެން ދާނީ ދެން.. އަދި ބައްދަލު ވާނެކަމަށް ހީކުރަން.. އަހަރެންގެ އަތުގައި ބާރަކަށް ހިފަހައްޓާލަމުން ރީޝާ ބުނެލިއެވެ. އަދި އަވަސްކަމާއި އެކު އެތަނުން ދުރަށް ދިއުމަށް ހިގައިގަތެވެ. ވަކި ހިސާބަކަށް ގޮސްފައި އެބުރި އަހަރެންނާއި ދިމާލަށް ބަލާލިއެވެ. ރީޝާ އެގޮތަށް އަމަލު ކުރަންފެށުމުން އަހަރެން ހުރީ ކުޑަކޮށް ހައިރާން ވެފައެވެ. ނަމަވެސް އަހަރެން ރީޝާއަށް ހިނިތުންވުމެއް ރައްދު ކޮށްލީމެވެ.
އަހަރެންނަށް ނޭނގުނީ އެއީ ރީޝާ ފެންނާނެ އެންމެ ފަހު ފަހަރު ކަމެވެ. އޭގެ އަނެއްދުވަހު އަހަރެން އެގެއަށް ގޮސް ރީޝާ ހޯދުމަށް ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް ރީޝާ އެއް ނުފެނުނެވެ. ރީޝާގެ ވާހަކަ އަހަރެންނަށް ނާޝިދު ކައިރީގައި އަހާލަން ކެރުނީ އޭގެ ދެތިންދުވަސް ފަހުންނެވެ. ނާޝިދުގެ ފަރާތުން އެގުނު ގޮތުގައި ރީޝާ މީހަކާއި އިދެގެން ދިޔައީއެވެ. އެހެންވީމަ ރީޝާ އެރޭގައި އަހަރެންނާއި ވަދާޢީ ސަލާމް ކުރީތާއެވެ.
***********
އަހަރެން މަޑުމަޑުން ދެލޯ ހުޅުވާލީމެވެ. މިތަނުން ސަލާމަތް ވުމުގައި އަހަރެންނަށް ރީޝާގެ އެހީތެރިކަން ހޯދިދާނެއެވެ. އެކަމަކު އޭނަ އަހަރެންނަށް އެހީވެދޭނެ ހެއްޔެވެ. ކުއްލިއަކަށް ސިހިގެންދިޔައީ ބޮޑު ދަގަނޑު ދޮރެއް ހުޅުވުނު ކަހަލަ އަޑެއް އިވުމުންނެވެ. ސިހިފައި ތެދުވެ ފާރުގައި ލެގިލެވުނެވެ. އެވަގުތު ދޮރު ހުޅުވި މީހަކު ބަތްކާ ތައްޓަކާއި ފެން ތައްޓެއް ތިރީގައި ބެހެއްޓުމަށްފަހު ބާރަކަށް ދޮރު ލެއްޕިއެވެ. އަހަރެން މަޑުމަޑުން ތެދުވެ އެދިމާލަށް ދިޔައީމެވެ. ބަތްކާ ތަށީގައި ހުރީ ފާޑެއްގެ ރިހަކޮޅަކާއި ރޮއްޓެކެވެ. އަހަރެން އެތައްޓާއި ދިމާލަށް ބަލަހައްޓައިގެން ހުރީމެވެ.
********
ފައިސަލް އައިސް މަޑުކޮށްލީ ހިލްމީމެން ކައިރިއަށެވެ. އޭރު ރޭޝަމްއާއި ހިލްމީ ފޯރި ވައްޓާލާފައި ޖަނާންގެ ކޮޓަރިން ފެނުނު އެއްޗެހި ހާވަމުން ދިޔައެވެ. ފައިސަލްވެސް އައިސް އެތަނުގައި ހުރި ޖަނާންގެ މެސެޖްތަށް ކިޔަންފެށިއެވެ. ނިހާންވެސް އައި އެމީހުންނާއި އެއްބައިވެގެން އޭގެން އެއްޗެއް އެނގޭތޯ މަސައްކަތް ކުރަން ފެށިއެވެ. ފައިސަލް އޭނަގެ އަތުގައި ވާ ތެދިން މެސެޖް ދެފަހަރަކު ކިޔާލިއެވެ. “މިއީ ކޮންކަމެއް..” ފައިސަލްގެ އަޑަށް ތިންމީހުންވެސް އެމީހުންގެ މަސައްކަތް ހުއްޓާލިއެވެ. “އެމީހުން ވިސްނައިގެން “ރީޝާ” މަސައްކަތްތައް ކުރިއަށް ގެންދެއެވެ..” މެސެޖްއެއްގައި ލިޔެފައިވާ ޖުމްލަ ފައިސަލް ކިޔާލިއެވެ. “މިގޮތަށް ދެތިން މެސެޖްއެއްގައި އެނަން ލިޔެފަ އިބަ އިން.. އެއީ ކާކު… ރީޝާ..” ފައިސަލް އެއްޗެއް ވިސްނަމުން އަހާލާ ގޮތަށް އަހާލިއެވެ. “ރީޝާ އެއީ..” “އެއީ ނާޝިދުގެ ދަރި ދޯ” ހިލްމީގެ ޖުމްލަ މެދު ކަނޑާލަމުން ފައިސަލް ބުނެލިއެވެ. އެންމެންނަށް އެއްފަހަރާ ބޯޖަހާލެވުނެވެ. “ކޮބާތަ އޭނަ.. މިކަހަލަ ގޮތަކަށް އޭނަގެ ނަން ލިޔެފަ އެއިނީ ކީއްވެ.. ” ފައިސަލް އެންމެންގެ މޫނަށް ބަލާމުން ސުވާލު ކުރިއެވެ. “ރީޝާ އަކީ ޖަނާން ވަރަށް ލައިކްވި ކުއްޖެއް… އަޅުގަނޑަށް ފޯނު ކޮށްފަ ވަރަށް ދައްކާނެ ކުރިން ރީޝާގެ ވާހަކަ.. ބުނާނެ އޭނައަށް ކަމެއް ވިޔަ ނުދެއްޗޭ.. އެކަމަކު ފަހުން އެވާހަކަ ނުދައްކާ.. އޭނަގެ އެއްވެސް ވާހަކައެއް ނުދައްކާ..” ހިލްމީ ކިޔައިދިނެވެ. ފައިސަލް އޭނަގެ ބޮލުގައި އަތުން ފިރުމާލިއެވެ. ރީޝާއާއި މިކަމާއި އޮތީ ކޮން ގުޅުމެއް ބާއޭ ހިތަށް އެރިއެވެ.
ފައިސަލް ބަލާލި އިރު ރޭޝަމް އިނީ އިސްޖަހައިގެންނެވެ. ފަރުވާ ކުޑަ ގޮތަކަށް މެސެޖްތަށް ހާވަމުން ދިޔައެވެ. “ރޭޝަމް..” ފައިސަލް އަޑަށް ބާރު ލަމުން ގޮވާލިއެވެ. ރޭޝަމް ސިހިފައި ފައިސަލްގެ މޫނަށް ބަލާލިއެވެ. “ރީޝާ އާއި ބެހޭ އިތުރު އެއްޗެއް އެނގޭތަ..” ފައިސަލް ސުވާލު ކުރިއެވެ. ރޭޝަމް އެއްފަހަރު ފައިސަލްގެ މޫނަށް އަނެއްފަހަރު ހިލްމީއާއި ނިހާންގެ މޫނަށް ބަލާލިއެވެ. “އެއްދުވަހު ޖަނާން އަޅުގަނޑަށް ގުޅި.. އަދި ވަރަށް ބޮޑު ކަމެއް ކޮށްދިނުމަށް އެދުނު.. ކޮންކަމެއް ހޭ އެހުމުން ބުނީ ރީޝާ ވީތަނެއް ހޯދައި ދޭށޭ.. އެކަމަކު ސަރ މެން ކައިރީގައި ނުބުނެއޭ.. ވެގެން އުޅޭގޮތެއް ނުބުނޭ.. ބުނީ އޭނަ ރާއްޖެއިން ބޭރަށް ދިޔަ ކަމުގެ އެއްވެސް ނިޝާނެއް ވޭތޯ ބަލާލަ ދޭށޭ.. އަޅުގަނޑު ވަރަށް މަސައްކަތް ކުރިން.. އެކަމަކު… އޭނަ މަތިން ރާއްޖެއިން ބަރަށް ދިޔަ ކަމުގެ ނިޝާނެއް ނުފެނުނު.. އަދި އިތުރު ގޮތަކަށްވެސް ނުފެނުނު… އެވާހަކަ އަޅުގަނޑު ޖަނާން ކައިރީގައި ބުނުމުން ބުނީ އަޅާނުލާށޭ.. އެވާހަކަ ނުދައްކާށޭ” ރޭޝަމް ކިޔައިދިނެވެ. ފައިސަލް ވިސްނާލިއެވެ. ޖަނާން އަކީ ވަރަށް ފަސޭހައިން އަންހެން ކުދިން އަތުއަޅުވާލާ މީހެއްކަން ކުރިންވެސް ފައިސަލްއަށް އެނގެއެވެ. “އެދެމީހުންގެ އެއްވެސް ކަހަލަ ގުޅުމެއް..” “ނޫން ހިޔެއްނުވޭ.. ޖަނާން އެކަހަލަ ކަމެއް ކޮށްފާނެ ހެން.. އެކަމަކު އޭނައާ ދެތިން ފަހަރެއްގަ މީޓް ކުރި ވާހަކަ ބުނި.. އަޅުގަނޑު އޭނައަށް ހުރިހާ އެއްޗެއް ކިޔައިދިނިން.. ބުނިން ތި ގުޅުން ކުރިއަށް ގެންދިއުން ރަނގަޅެއް ނުވާނެއޭ.. ނާޝިދުއަށް އެގިއްޖެނަމަ..” “މަޑުކޮށްބަލަ.. ނާޝިދުއަކަށް ނޭނގޭތަ އެމީހުން ވާހަކަ ދައްކާކަމެއް.. ” ފައިސަލް ހިލްމީގެ ބަސް މެދު ކަނޑާލަމުން އަހާލިއެވެ. ހިލްމީ ބޯޖަހާލިއެވެ. ފައިސަލް ހިނިތުންވެލީ ނުލަފާ ގޮތަކަށެވެ. އަދި ނިހާންއާއި ދިމާލަށް ބަލާލަމުން ބޮލުން އައުމަށް އެދެމުން މިސްރާބު ޖެހީ ނާޝިދު ބައިންދާފައިން ކޮޓަރިއާއި ދިމާލަށެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.




salhi
V reethi mibaives eneh baakonirakun genes dheveny
Fantasy u r the best. Vrh reethi mi part vx. Kon irakun next part?
ތެންކްސް ހުރިހާ ކުދިންނަށް.. 🙂
އަނެއްބައި އާދިއްތަ ދުވަހު ގެނެސްދޭނަން އިނގޭ me 🙂
Faai ah v lahun dhw mi kiyuny… 🙁 pkg nunegigen nukiyuny… Mi part vx v v rythi… N waiting for nxt part… Sunday ga dhw…
haadha lahun ney mi vaahaka upload vany ehenve v foohi
v different story en mi ehen dhivehi story thakaa alhaa balaairu ehenve v v interesting bt maalahy up vaalen 🙁
ifaa n rifoo… sory igey lahun up kureveyhen thi kudin nah feel vanyya… haftha aku dhefaharu vaahaka genes dhevey tho try kurany fantasy,,, eyge kurin genes dheyveytho v try kuraanan igey 🙂 ekam dhekudin ves vaahaka kiyaalee thee v bodah shukuriyya 🙂
fai lahun vaahaka kiyas faige lobi comment fenunyma fantasy v happy vejje.. thnks v bodah 🙂
V reeeethi Mi baives….
Thnkx to u too my fvrt writer… 🙂 Waiting waiting fr nxt part… 🙂
V v v v reethi mi baives. my fvrt fantasy . ekamaku lahey up vaaleh
vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv reethi…I love your story……