“ހިލްމީ ރެޑީތަ..” ބޭރަށް ނިކުންނަމުން ފައިސަލް ގޮވާލިއެވެ. ހިލްމީ ކޯޓް ޗިޓާއި އެކު ބޭރަށް ނިކުތެވެ. އަދި ބޮލުން އާއެކޭ ބުނެލިއެވެ. ދަންވަރުން އަލިވެ ތިނެއް ޖަހަނީއެވެ. މުޅި ރަށު ތެރެ ނިދާފައިވާ ކަހަލައެވެ. ސްޓޭޝަންއިން ބޭރަށް ނިކުމެ އޭރު ސްޕެޝިއަލް ފޯސްގެ ޓީމްއެއް ރެޑީގައި ތިއްބެވެ. ކަޅު ޖެކެޓްލައި އަތުން ކަރަންޓް މުގުރި ހިފައިގެންނެވެ. ފައިސަލް އެމީހުންނާއި ދިމާލަށް ބަލާލިއެވެ. “އަހަރުމެންގެ މަސައްކަތަކީ ނާޝިދު ހައްޔަރު ކުރުން.. އެކަމަކު ހައްޔަރު ކުރާއިރު އެއްވެސް ކަހަލަ ގެއްލުމެއް އޭނައަށް ވެގެން ނުވާނެ.. “ފައިސަލް ބޮޑަކަށްވެ ހުރެ އެހެން މީހުން އޭނަގެ ފަހަތުން ހިގައިގަތެވެ. ފައިސަލް މެން ޓީމް އެހާ ހިސާބަށް ދިޔަތަނުން އެތަނުގައި ފާރައަށް ހުރި ޕޮލިސް ކުއްޖާ އެމީހުންނާއި ދިމާލަށް އައެވެ. “އަޅުގަނޑު ވަރަށް މަސައްކަތް ކުރިން.. އެކަމަކު.. އަޅުގަނޑަށް އެމީހަކު ގެއްލުނީ.. އަދިރި ގަނޑަކަށް ވަދެ..” މާޔޫސްކަމާއި އެކު ޕޮލިސް މީހާ ކިޔައިދިނެވެ. ފައިސަލް އެމީހާގެ ކޮނޑުގައި ހިފަހައްޓާލަމުން ހިނިތުންވެލިއެވެ. އަތުން ޓީމްގެ މެންބަރުންނަށް އިޝާރަތެއް ދިނުމުން ދެގޫރުޕަކަށް ބެހިލާ އެގެ ވަށައިގެން ޓީމް އެތުރެލއެވެ. ފައިސަލް ހިލްމީއާއި އެކު ގޭ ދޮރު ކައިރިއަށް ހުއްޓެލިއެވެ.
“ޕޮލިސް.. ވަރަށް އަވަހަށް ދޮރު ހުޅުވާ” ފުދޭ ވަރަކަށް ބާރަށް ދޮރުގައި ތަޅައިގަންނަމުން ފައިސަލް ގޮވާލިއެވެ. “ނާޝިދު.. އަޅުގަނޑުމެންނަކީ ޕޮލިހުން… އަވަހަށް ދޮރު ހުޅުވާ..” އަނެއްކާވެސް އަޑަށް ބާރު ލަމުން ފައިސަލް ގޮވާލިއެވެ. ހިމޭންވެފައިވާ ފަތިހުގެ އެގަޑީގައި ފައިސަލްގެ އަޑު ފުދޭވަރަކަށް ބާރަށް އިވެމުން ދިޔައެވެ. އެވަގުތު ކުޑަކޮށް ގޭތެރެއިން އެއްޗެއް ތެޅެލި އަޑު އިވިގެން ދިޔައެވެ. “ދޮރު ހުޅުވާ.. ދޮރު ނުހުޅުވައިފނަމަ ދޮރު ވައްޓާލާފައިވެސް އަޅުގަނޑުމެންނަށް ވަދެ ވިދާނެ..” ފައިސަލް އިންޒާރު ދިނެވެ. އެވަގުތު އެހެން ދޮރެއް ހުޅުވި އަޑު އިވިގެން ދިޔައެވެ. “ސަރ.. އަޅުގަނޑުމެންނަށް އަތުލައި ގަނެވިއްޖެ ނާޝިދު..” ޕޮލިސް ކުއްޖަކު ގޮވާލި އަޑު ހަމަ އެވަގުތުގައި އިވިގެން ދިޔައެވެ. ފައސަލް ހިލްމީއާއި ދިމާލަށް ހިނިތުންވުމެއް ރައްދުކޮށްލަމުން އެދިމާލަށް ދުއްވައިގަތެވެ.
އޭރު މީހަކު ނާޝިދުގެ އަތުގައި ބިޑިއަޅުވަނީއެވެ. “ތިއީ ކޮން ގޮތެއް.. މީސް މީހުންގެ ގެއަށް.. މިކަހަލަ ދަންވަރު.. ދުރައްދޭ.. ބަލަ ދޫކުރަށޭ ދޯ މި ބުނަނީ…” ގަދަ ހަދަމުން ނާޝިދު ވާހަކަ ދެއްކިއެވެ. “މިއޮތީ ކޯޓް އަމުރު.. މީސް މީހުންގެ ގެއަކަށް ނުވަންނަން.. އަހަރުމެންނަށް ހުއްދަ ލިބިފައި ހުރި ގެތަކަށް ވަންނަން ވެގެން އުޅުނީ.. އެކަމަކު ނާޝިދު އަޅުގަނޑުމެންނަށް ފަސޭހަ ކޮށްދިނީ ތި.. އަމިއްލައަށް ގޭ ފުރަގަހުން ނިކުމެގެން ފިއްލަވަން ތިއުޅުއްވީ.. އެކަމަކު ވަރަށް ދެރަ ދެއްތޯ.. އަޅުގަނޑުމެންގެ އަތުގައި ޖެހުނީ.. އެހެންވީމަ ދުރުވޭ.. ޕޮލިސް ސްޓޭޝަންއަށް” ގަދަ ހަދަމުން ދިޔަ ނާޝިދުއާއި ކައިރިވެލަމުން ފައިސަލް ބުނެލިއެވެ. އަދި އަތުގައި ހިފާ ދަމައިގަންނަމުން ހިގައިގަތެވެ.
**************
ދެލޯ ހުޅުވާލެވުނީ އަނެއްކާވެސް ސިހިގެން ދިއުމުންނެވެ. ނިދިނުނީ ކަމެއް ނޫނީ ވާނުވާ ނޭނގި ހޭނެތުނީ ކަމެއް ނޭނގުނެވެ. ނަމަވެސް އެނގޭ އެއްޗަކީ ހަށިގަނޑުގައި އަޅަމުންދިޔަ ވޭން ވަރަށް ބޮޑަށް ކުޑަވެފައި ވާކަމެވެ. ބަނޑުހައި ހޫނުކަން އަހަރެންނަށް އިހްސާސް ކުރެވެން ފެށިއެވެ. މީހާގެ ކަރު ހިއްކައިގެން ގޮސްފައިވާކަން އެނގުނީ ހިންދިރުވާލަންވެސް އުދަގޫވާން ފެށީމައެވެ. އަނެއްކާވެސް މަޑުމަޑުން ތެދުވެލީމެވެ. ތަންތަނުގައި އަތްކާތާލާ އެތަނުން ސަލާމަތް ވެވޭނެ އެއްވެސް ކަހަލަ ތަންކޮޅެއް ފެނޭތޯ ބަލަން ފެށީމެވެ. މަޑުމަޑުން އަތުން ތަން ތަންކޮޅުގައި ތަޅަން ފެށީމެވެ. ނަމަވެސް އެއްވެސް ކާމިޔާބީއެއް ނުލިބުނެވެ. އަނެއްކާވެސް ވަރުބަލި ވެގެން ހުރި ތަނުގައި އޮށޯވެއްޖެއީމެވެ. ހިލަ ތަންމަތީގައި އެގޮތަށް ހަށިގަނޑު ދަމާލުމުން ފިނިކަން އިހްސާސް ވެގެން ދެއެވެ. އަހަރެން ލައިގެން ހުރި ގަމީސް ކޮބާ ބާއޭ އެވަގުތު ހިތަށް އެރިއެވެ. އެމީހުން އަހަރެން މިތަނުގައި ބަހައްޓާފައި އެއްވެސް ކަމެއް ނުކޮށް އެތިބެނީ ކީއްވެ ބާއޭވެސް ހިތަން އަރަން ފެށިއެވެ. އަނެއްކާ އެމީހުން ކުޅެން އުޅޭ ގޭމްއަކީ ކޮބާކަމެއް އަހަރެންނަކަށް ނުވިސްނެއެވެ. އަހަރެން މަރުވެދާނެކަމަށް އެމީހުން ހީކުރާނެ ހެއްޔެވެ. މަރުވިޔަސް ދެރަވާނެ މީހަކު ނުހުންނާނެއެވެ. އެކަމަކު އަދި މަރުވެގެން މިކަމުން ސަލާމަތެއް ނެތެވެ. އަހަރެން ޖެހޭނީ މިތަނުން ސަލާމަތް ވާށެވެ. އެކަމަކު ކިހިނެއް ހެއްޔެވެ.
***********
ހެނދުނު ހަތެއް ޖަހަނީއެވެ. ފައިސަލް އާއި ހިލްމީ އަދި ނިހާންއާއި ރޭޝަމް މަޑުކޮށްލައިގެން ތިބީ ޕޮލިސް ސްޓޭޝަންގައެވެ. ނާޝިދު އިންވެސްޓިގޭޝަން ރޫމްގައި އިން އިރު ފާތުމަ ދައިތަ އަނެއް ރޫމްގައި ބައިންދާފައި އިނެވެ. އެކި ގޮތް ގޮތަށް މަސައްކަތް ކޮށްގެންވެސް ނާޝިދުގެ އަނގައިން އެއްޗެއް ބޭރެއް ނުވިއެވެ. ވާހަކަ ދައްކަ ދައްކާ ވަރުބަލި ވި އިރުވެސް ތަށަށް ކިޔަނީ މަރިޔަބު ހޭވެސް އަހާނުލިއެވެ. އެހެންކަމުން އެންމެންހެން ތިބީ ރުޅި ގަދަވާން ފަށާފައެވެ. “އަހަރެން މި ބުނަނީނުން.. އޭނައަށް ކޮންމވެސް އެއްޗެއް އެނގެއޭ.. ” ހިލްމީ ރުޅިވެރި ކަމާއި އެކު ވާހަކަ ދެއްކިއެވެ. އެންމެން ހިލްމީއާއި ދިމާލަށް ބަލާލިއެވެ. އެއީ އެތަނުގައި ތިބި އެންމެންނަށް ވެސް އެނގޭ އެއްޗެކެވެ. ނަމަވެސް އޭނައަށް އެނގެނީ ކޮންއެއްޗެއްކަން އެނގޭ އެކަކުވެސް ނެތެވެ. “ކިހިނެއް ހަނދާނީ.. އޭނަ ވާހަކަ އެއް ނުދައްކާނެ” ފޫހިކަމާއި އެކު ނިހާން އެތަނުގެ ގޮޑިއެއްގައި އިށީދެލަމުން ވާހަކަ ދެއްކިއެވެ. “އޭނަ ވާހަކަ ނުދައްކައިފިނަމަ އަހަރުމެންނަށް ޖަނާން ހޯދާކަށް ފަސޭހައެއް ނުވާނެ” ހާސްކަމާއި އެކު ރޭޝަމް ބުނެލިއެވެ. “ކިހިިނެއް ހެދޭނީ..” ހާސްކަމާއި އެކު ހިލްމީ ބަލާލީ ފައިސަލް އާއި ދިމާލަށެވެ.
ފައސަލް އެންމެންނާއި ދިމާލަށް ބަލާލިއެވެ. އެތަނުގައި ތިބި އެންމެންހެން ފައިސަލްވެސް ބޭނުންވަނީ ޖަނާން ވީތަނެއް ހޯދާށެވެ. އެކަމަކު އެކަން އެނގޭ މީހާ ވާހަކަ ދައްކާނެ އިރެއް ނޭނގެއެވެ. ފައިސަލް ބޭނުން ނަމަ ބޭނުން ކުރެވިދާނެ އެތައް ގޮތެއް އެބަ ހުއްޓެވެ. އެކަމަކު އެގޮތްތަށް ބޭނުން ކުރަން ފައިސަލް ބޭނުން ނުވަނީއެވެ. “ނިހާން.. ކޮބާތަ ޖަނާންގެ ކޮޓަރިން އަހަރުމެންނަށް ފެނުނު އެއްޗެހި… ލެޕްޓޮޕް.. ކޮބާތަ މެސެޖްތަށް… ފޮތްތަށް..” ފައިސަލް ނިހާން އާއި ދިމާލަށް ބަލާލަމުން އަހާލިއެވެ. “އެނަސަލައިޒް އެބަ ކުރޭ.. ފޮތްތަށް ހުންނާނެ.. މެސެޖްތަކުން މާ ބޮޑު އެއްޗެއް އެނގޭ ގޮތެއް ނުވޭ.. ލެޕް ވާނެ އައި.ޓީ ސެކްޝަންއާއި ހަވާލު ކޮށްފަ..” ނިހާން ވާހަކަ ދެއްކިއެވެ. “އަހަރުމެން އޭގެން އެއްޗެއް އެނގޭތޯ އުޅެން ޖެހޭނެ.. އަދި އަމުދުން ނާޝިދުއާއި ދެކޮޅަށް ބޭނުންކުރެވޭނެ އެއްޗެއް ހޯދަން ޖެހޭނެ” ފައިސަލް ބުނެލިއެވެ. “އޭނަ ދެކޮޅަށް ކޮންމެ އެއްޗެއް ހޯދިޔަސް އޭނަ ހިޔެއް ނުވޭ ވާހަކަ ދައްކާނެ ހެނެއް” ހިލްމީ ބުނެލިއެވެ. “އަޅުގަނޑު މަސައްކަތް ކޮށްލަންތަ” ރޭޝަމް ވިސްނަން އިދެފައ ބުނެލިއެވެ. “ނޫން.. އެކަހަލަ މީހުންނެއް އަންހެނުންނަކާއި ވާހަކަ އެއް އަދި އަމުދުން ނުދައްކާނެ.. އަހަރެން އަދި މަސައްކަތް ކޮށްލާނަން.. ހިލްމީ އާއި ރޭޝަމް ދޭ އަލުން އެ ކޮޓަރިން ފެނުނު އެއްޗެހި ހާވާލަން.. އަހަރެންނާއި ނިހާން އަދި ކުޑަކޮށް ރުޅިއާދޭތޯ މަސައްކަތް ކޮށްލާނީ” ފައިސަލް ނިހާންއާއި ދިމާލަށް ބަލާލަމުން ހިނިތުންވެލުމެއް ރައްދު ކޮށްލަމުން ވާހަކަ ދެއްކިއެވެ. ހިލްމީ ރޭޝަމްއާއި ދިމާލަށް ބަލާލަމުން އެތަނުގައި ހުރި ‘އެވިޑެންސް’ ޖަހާފައިވާ ކޮޓަރިއާއި ދިމާލަށް ހިގައިގަތެވެ.
*******
ސެލްގެ ދޮރު ހުޅުވާލުމަށްފަހު ފައިސަލްއާއި ހިލްމީ އެތެރެއަށް ވަނެވެ. އެމީހުން ޖަނާންއާއި ބައްދަލު ކުރަން އެއައީ ޖަނާން އެގްރިމެންޓްގައި ސޮއި ކުރިތާ ތިންދުވަސް ފަހުންނެވެ. ފައިސަލްމެން ފެނުމުން ޖަނާން ފުއްމައިގެން ތެދުވިއެވެ. “އަޅުގަނޑު ހީކުރީ ހަނދާން ނެތުނީކަމަށް” ޖަނާންގެ އަޑުގައި ހިތްހަމަނުޖެހުން އެކުލެވިފައިވާކަން ފައިސަލްއަށްވެސް އަދި ހިލްމީއަށް ވެސް އެގިގެން ދިޔައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. މިއަދު ހެނދުނުގެ ވަގުތެއްގައި ޖަނާންއަށް ވަނީ 12 އަހަރުގެ ޙުކުމެއް އިއްވާފައެވެ. “ހަނދާން ނެތެއްވީ ކީއްވެ.. ތިއީ މިހާރު އަހަރުމެންގެ ގްރޫޕް މީހެއްނުން..” ފައިސަލް ހިނިތުންވުމެއް ރައްދު ކޮށްލަމުން ބުނެލިއެވެ. “ގްރޫޕް މީހެއް.. މިހާރު އެކަމަކު ސަރ އަށް ކުރެވޭނީ ކީއްތޯ.. މިއަދު އެމީހުން އަޅުގަނޑު ހިންމަފުއްޓަށް ބަދަލު ކުރާނެ.. ޙުކުމް ކޮށްފި..” މާޔޫސް ކަމާއި އެކު ޖަނާން ބުނެލިއެވެ. ޖަނާން ބޭނުންވީ ޙުކުމް ކުރުމުގެ ކުރިން އެ ސެލްއިން ނިކުންނާށެވެ. އެމީހުންނާއި ‘ޑީލް’ އެއް ހެދި ސަބަބުން ތަކުގެ ތެރެއިން އެއްސަބަބަކީ އެއީއެވެ. “ޖަނާން ހާސްވަނީ ޙުކުމް ކުރީމަތަ.. ބަލަ އެއީ ޕްލޭންގެ އެއްބައޭ.. އަހަރުމެން ޖަނާން ބަލާ ނައީ މަސައްކަތްތަކެއް ކުރަން ވެގެން.. އެކަމަކު އަހަރުމެން ދިޔައީ ޖަނާންގެ ހުރހާ ކަމެއް ރަނގަޅަށް ބަލަމުން.. އެކަމަކު މިހާރު މިއައީ ޖަނާން ބަލާ.. ހިނގާދާން.. އަހަރުމެންގެ މިޝަންގެ ވާހަކަ ކިޔައިދޭނަން” ފައިސަލް ބުނެލިއެވެ. “އަޅުގަނޑަކަށް ނުވިސްނުނު..” ޖަނާންގެ މޫނުމަތިން ހައިރާންކަން ފެންނަމުން ދިޔައެވެ. “ކުރިންވެސް ބުނިހެން ޖަނާން.. މިއީ ވަރަށް ސިއްރު މިޝަންއެއް.. އަހަރުމެން ބުނިން ޖަނާންގެ އައިޑެންޓިޓީވެސް ބަދަލު ކުރަން ޖެހޭނެއޭ.. އެހެންވީމަ މިތަނުން ޖަނާން ނިކުމެގެން ދާ ވަގުތުން ފެށިގެން ތިއީ އެހެންމީހެއް.. އަސްލު ޖަނާން އޮންނާނީ ހިންމަފުށީގެ ޖަލުގައ..” ހިލްމީ ބުނެލިއެވެ.
“އަދިވެސް ސާފްއެއް ނުވޭ..” ޖަނާންއަށް އެމީހުން ކިޔާއެއްޗެއް ނުވިސްނުނެވެ. “ބުނަން ޖަނާން.. ޖަނާންއަށް ޙުކުމް އެކުރީ ޕްލޭންގައި ވާ ގޮތަށް.. އެހެންވީމަ މިހާރު މިރާއްޖޭގެ އެންމެންނަށްވެސް އެނގޭނެ ޖަނާންވާނީ ހިންމަފުށީގެ ޖަލުގައި ކަން.. އަހަރުމެންގެ ޓީމްގެ މަދު މެންބަރުން ފިޔަވާ.. އެހެންވީމަ ޖަނާން އެހެންމީހަކަށް ވެގެން އަހަރުމެން ބޭނުންވާ ހުރިހާ މައުލޫމާތެއް ހޯދިދާނެ.. އެއްވެސް އުދަގުލެއް ނެތި.. އަދި ޖަނާން ބޭރުގައި އުޅުނަސް ޖަލުގައި ތިބޭ މީހުންނަށް ލިބޭ ގޮތަށް ފޯން ކޯލް ލިބޭނެ.. އާއިލާ މީހަކާއި ވާހަކަ ދައްކަން ބޭނުންނަމަ.. ނަމަވެސް އެކަން ދާނީ އަހަރެންގެ ބެލުމުގެ ދަށުން.. އެކަމަކު ޖަނާންއަކަށް ފެމެލީ ވިޒިޓްއެއް ނުލިބޭނެ.. ކީއްވެކަން އެނގޭނެ..” ހިލްމީ ކުޑަކޮށް ތަފްސީލް ކިޔައިދިނެވެ. “އިތުރަށް އޮޅުން އަރާނަމަ ފަހުން ސުވާލު ކުރެވިދާނެ.. މިވަގުތު މިތަނުން ނިކުންނަން ހިނގާ.. ވަރަށް ގިނަ ލޯތަނެއް އަހަރުމެންނަށް އެބަ ބަލާ..” އެހެން ބުނެލަމުން އަތުގައި އޮތް ބިޑި ޖަނާންއަށް ދައްކާލިއެވެ. “ތީތި މުހިއްމުތަ..” ޖަނާން ބުމަ އަރުވާލަމުން އަހާލިއެވެ. “މިވަގުތަށް..” ފައިސަލް ހިނިތުންވުމެއް ރައްދުކޮށްލަމުން ބުނެލިއެވެ. ޖަނާން އަތް ފުރަގަހަށް ވާ ގޮތަށް ބިޑި އެޅުވިއެވެ. އަދި ހިލްމީ އޭނަގެ އަތުގައި ހިފައިގެން ބޭރަށް ނިކުތެވެ. ފައިސަލްވެސް ހިލްމީގެ ފަހަތުން ނިކުތެވެ. އަދި އެތަނުގައި ހުރި ޕޮލިސް މީހެއްގެ އަތުގައި އޮތް އެއްޗެއްގައި ސޮއި ކުރުމަށްފަހު ޖަނާން ގޮވައިގެން އެތަނުގައި އޮތް ކަޅު ކާރަކަށް އެރިއެވެ.
“އަހަރުމެން ޖަނާންއަށް އިތުބާރު ނުކުރާތީއެއްނޫން.. އެކަމަކު އަދި އަހަރުމެން މިގޮތަށް ކަންތައް ކުރަން ވަރަށް މުހިއްމު..” ހިލްމީ މޫނުގައި އަޅާ ފާޑެއްގެ ފޮތިގަނޑެއް ނަގަމުން ޖަނާންއާއި ދިމާލަށް ބުނެލިއެވެ. ޖަނާން ބަލާލީ ފައިސަލްއާއި ދިމާލަށެވެ. ފައިސަލްވެސް ބުމަ އަރުވާލިއެވެ. އެއްވެސް ދެކޮޅުވެރިކަމެއް ނުދައްކާ ޖަނާން އިނެވެ. ހިލްމީ ޖަނާންގެ މޫނު އެ ފޮތިގަނޑުން ނިވާ ކޮށްލިއެވެ. އަދި ކާރު ދުއްވާލިއެވެ. ކާރަކީ މުޅިން ވަށައިގެން ކަޅު ބިއްލޫރި ޖަހާފައިވާ ކާރެއްކަމުން އެއްވެސް ގޮތަކަށް ބޭރެއް ނުފެނެއެވެ. ފައިސަލް ދުއްވަމުން ދިޔަ ކާރު މަޑުކޮށްލީ ބޮޑު އުސް އިމާރާތަކަށެވެ. ހަދަން ފަށާފައިވާ އިމާރާތަކީ ބޮޑު އިމާރާތަކެވެ. ކުރިން ސަރުކާރުގެ އޮފީހެއްގެ ގޮތުގައި މަސައްކަތް ކުރި ނަމަވެސް މިހާރު އެތަން ހުސްކޮށް ހުންނަތާ ދެތިން އަހަރު ވެދާނެއެވެ. ފައިސަލް ކާރުން ފައިބާ ދެކޮޅު ހޯދާ ބަލާލިއެވެ. އެއްވެސް މީހަކު އެމީހުންނަށް ފާރަލަމުން އާދޭތޯއެވެ. އަދި އިރުކޮޅަކު ހުރުމަށްފަހު ދޮރުހުޅުވާ ޖަނާންގެ އަތުގައި ހިފާފައި ބޭރަށް ނެރުނެވެ. ހިލްމީވެސް ޖަނާންގެ ފަހަތުން ފައިބައި ޖަނާންގެ އަތުގައި ހިފައިގެން ހަދަންފަށާފައިވާ އިމާރާތުގެ ތެރެއަށް ހިގައިގަތެވެ. ފައިސަލްވެސް ދެކޮޅު ހޯދާ ބަލަމުން އެމީހުންގެ ފަހަތުން ހިގައިގަތެވެ.
އިމާރާތަކީ ބުރި ބުރިއަށް ހަދާފައިވާ ތަނެއްކަމުން ސިޑިން ލާފައި ޖަނާން ގޮވައިގެން އަވަސް ކަމާއި އެކު ހިލްމީ މައްޗަށް އަރަމުން ދިޔައެވެ. ޖަނާންގެ މޫނުމަތިން ފޮތިގަނޑު ނުނަގާތީ ޖަނާންއަށް ސިޑިއެރުންވީ އުދަގޫ ކަމަކަށެވެ. ނަމަވެސް ހިލްމީ ދިޔައީ ޖަނާންއަށް ކިޔައިދެމުންނެވެ. ފައިސަލްވެސް އެމީހުންގެ ފަހަތުން މައްޗަށް އަރަމުން ދިޔައެވެ . ދެތިން ބުރިއަށް އެރުމަށްފަހު ހިލްމީ ހުއްޓުނެވެ. ކުރިމަތިން ފެންނަން ހުރި ދަނގަޑު ދޮރެއް ކަހަލަ އެއޗެކެވެ. ހިލްމީ ފައިސަލް އާއި ދިމާލަށް ބަލާލަމުން ޖަނާންގެ އަތުން ދޫކޮށްލިއެވެ. އަދި އެ ދަނގަޑު ދޮރު އެއްފަރާތަކަށް ކަހާލިއެވެ. އެވަގުތު އިވިގެންދިޔަ ވަރުގަދަ އަޑުގެ ސަބަބުން ޖަނާން ސިހިގެން ދިޔައެވެ. ފައިސަލް ފަހަތުގައި ނެތް ނަމަ ޖަނާން ސިހިގެން ދިޔަ ވަގުތު ސިޑިން ވެއްޓުނީހެވެ. “އެއީ އެއްވެސް ކަމެއްނޫން. ހިނގާ..” ޖަނާންގެ އަތުގައި ހިފައިގެން ފައިސަލް ހިގައިގަތެވެ.
އެތެރެއަށް ވަނުމަށްފަހު ހިލްމީ ދޮރު ލެއްޕިއެވެ. އަދި ތަޅުލިއެވެ. ފައިސަލް ޖަނާންގެ އަތުގައި އަޅުވާފައިވާ ބިޑި ނައްޓާލިއެވެ. އަދި މޫނު މަތީގައިވާ ފޮތިގަނޑު ދަމައިގަތެވެ. ޖަނާން ދެލޯ ހުޅުވާލިއެވެ. ކުރިމަތިން ފެނިގެން ދިޔައީ ބޮޑު ސަރަހައްދެކެވެ. ބޮޑު އިމާރާތެކެވެ. އެތެރެއިން ފެންނަން ހުރި އެއްޗެހީގެ ސަބަބުން އެއީ ރާއްޖޭގެ ތަނެއް ހެނެއްވެސް ހިޔެއް ނުވެއެވެ. ހިލްމީ ޖަނާންގެ ކޮނޑުގައި ޖަހާލަމުން ހިގައިގަތެވެ. ތަންކޮޅއް ދުރުގައި ބޮޑު ދެބޯޑު ބަހައްޓައިގެން ދެމީހަކު މަސައްކަތް ކުރަމުން ދިޔަތަން ޖަނާން އަށް ފެނުނެވެ. “ނިހާން.. ރޭޝަމް..” ފައިސަލް ގޮވާލި އެވެ. އެވަގުތު އެދެމީހުން ބަލާލިއެވެ. “މިއީ އަހަރުމެންގެ ޓީމްގެ އާ މެންބަރު.. ޖަނާން.. ޖަނާން.. އެއީ ނިހާން.. ދެން ރޭޝަމް.. ނިހާންއަކީ މި އޮޕަރޭޝަންއަށް ޖަނާން ފިޒިކަލީ ރެޑީ ކުރަން ހުރި މީހަކީ.. ރޭޝަމްއަކީ ސައިކޮލޮޖިކަލީ ޖަނާން ރެޑީ ކުރާނެ މީހަކީ.. މިއީ ބޮޑު އޮފަރޭޝަނެއް.. ހިލްމީ އިތުރަށް ޖަނާންއަށް ކިޔައިދޭނެ.. އަހަރެން ދާން ޖެހިއްޖެ.. ހިލްމީ އިތުރު މައްސަލައެއް އުޅެންޏާމު އަހަރެންނަށް އަންގާތީ…” ހިލްމީއާއި ދިމާލަށް އެހެން ބުނެލުމަށްފަހު ފައިސަލް އެތަނުން ނިކުންނަން ހިގައިގަތެވެ.
“ކޮބާ ކިހިނެއްވަނީ… ” ނިހާން ސަލާމަށް އަތް ދިއްކޮށްލަމުން ސުވާލު ކޮށްލިއެވެ. “ވަރަށް ނައިސް” ޖަނާން ސަލާމް ކޮށްލަމުން ބުނެލިއެވެ. އަދި ރޭޝަމްއާއި ދިމާލަށް ޖަނާން ބަލާލިއެވެ. ރޭޝަމްގެ މޫނުމަތިން ފެންނަން ހުރީ ފަނޑު ހިނިތުންވުމެކެވެ. ޖަނާން ސަލާމަށް އަތްދިއްކޮށްލިއެވެ. ރޭޝަމް މަޑުމަޑުން ޖަނާންގެ އަތުގައި ހިފާލިއެވެ. އެވަގުތު ޖަނާންއަށް ރޭޝަމްއާއި ދިމާލަށް ބަލާލެވުނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވި ވަގުތު ޖަނާންގެ ހަށިގަނޑަށް ގޮތްތަކެއް ވެގެން ދިޔަކަން ޖަނާންއަށް އެނގުނެވެ. އެހެންކަމުން އަވަހަށް އަތް ދަމައިގަތެވެ. އަދި ހިލްމީއާއި ދިމާލަށް ބަލާލިއެވެ. “މިތަނުގައި މަސައްކަތް ކުރާނީ.. މިއީ އަހަރުމެން ޖަނާން ތައްޔާރު ކުރަން ހަމަޖެހިފައިވާ ތަނަކީ… މިތަނުގައި އަހަރުމެން ދައްކާނީ އޮޕަރޭޝަންއާއި ބެހޭ ވާހަކަ ތައް.. ހިއްސާ ކުރެވިގެންދާނީ މުހިއްމު ވާހަކަތަކެއް.. ޖަނާންއަށް ކިޔައިދެވޭނެ.. ޖަނާންގެ ‘ޓާގެޓަ’ކީ ކޮބައިކަން.. ދެން އެއީ ޖަނާން ފިޒިކަލީ ތައްޔާރު ވާތަން” އެތަނުގެ އެއްކަނުގައި ހުރި ކުޑަވަރެއްގެ ޖިމެއް ދައްކާލަމުން ހިލްމީ ބުނެލިއެވެ. ޖިމެކޭ މިބުނީ އެތަނުގައި މީހުން ކަސްރަތު ކުރުމަށް ބޭނުންކުރާ ހުރިހާ އެއްޗެއް ހުރީމައެވެ. ޖިމެއްގައި ހުންނަން ޖެހޭ ހުރިހާ އެއްޗެއް އެތަނުގައި ހުއްޓެވެ.
“އެއީ ޖަނާން ނިދާތަން” ތަންކޮޅެއް ދުރުގައި ހުދު ކުލައިގެ ސަތަރި ގަނޑެއް ދަމާފައިވާ ކުޑަ ވަރެއްގެ ހަތަރެސްކަން ތަނެއް ދައްކާލަމުން ހިލްމީ ބުނެލިއެވެ. ޖަނާން ބަލާލީ ހައިރާން ކަމާއި އެކުގައެވެ. “ކިހިނެއްވީ.. މަސައްކަތުގައި އުޅޭއިރު ނިދަންވެސް ޖެހޭނެ އެއްނުން” ހިނިތުންވެލުމެއް ރައްދުކޮށްލަމުން ހިލްިމީ ބުނެލިއެވެ. ޖަނާން ދެފަރާތަށް ބޯ ހޫރާލަމުން އެދިމާލަށް ހިގައިގަތެވެ. އެތަނުގެ ދޮރަކަށް ހުރީ ހުދު ފޮތިގަނޑެކެވެ. ޖަނާން މަޑުމަޑުން ފޮތިގަނޑު ހިއްލާލަމުން އެތެރެއަށް ބަލާލިއެވެ. ސިންގަލް އެނދެއް އެތަނުގައި ހުރި އިރު އެނދުގެ ބޯލާ ކޮޅުގައި އެއްފަރާތެއްގައި ކުޑަ މޭޒެއް ބަހައްޓާފައި ހުއްޓެވެ. އަދި އެތަނުގައި މޭޒުމަތީގައި ހުންނަ ކަހަލަ ލައިޓްއެއް ހުއްޓެވެ. އަދި ތަންކޮޅެއް ދުރުގައި ކޮޑުއަޅުވާ ކަހަލަ އެއްޗެއް ދެތިން ޓީޝާޓްއަކާއި ދެތިން ޖިންސް އަޅުވާފައި ހުއްޓެވެ. ޖިނާން އަމިއްލަ ނަފްސަށް ހިނިތުންވެލިއެވެ. އެއްޖަލުން ސަލާމަތްވެ މިއާދެވުނީ އަނެއް ޖަލަށޭ ހިތަށް އެރުމުންނެވެ.
“ދެން އެއިނީ އަހަރުމެން މަސައްކަތް ކުރާ ތަން..” ރޭޝަމްގެ އަޑު އިވިގެން ދިޔައެވެ. ޖަނާން ހައިރާން ވެގެން ދިޔައެވެ. އެހާ އޮމާން އަޑެއް އަދި އޭނަގެ ހަޔާތުގައިވެސް އަހާފައި ނެތެވެ. ނަމަވެސް ޖަނާންއަށް ރޭޝަމްއާއި ދިމާލަށް ބަލާލާކަށް ނުކެރުނެވެ. އެއީ ކުރިންފަހަރު ވި ކަހަލަ ކަމެއް ވެދާނެތީއެވެ. ރޭޝަމް ބުނި ތަނަށް ޖަނާން ބަލާލިއެވެ. އެ ކުޑަ ކޮޓަރި އާއި ތަންކޮޅެއް ދުރުގައި ހަމަ ހުރި އެކަހަލަ ތަނެކެވެ. ޖަނާން ހިގާލަފައި ގޮސް އެތަނުގެ ތެރެ ބަލާލިއެވެ. އެތަނުގައި ދެ ސޯފާ ބަހައްޓާފައި ހުރި އިރު މެދުގައި ކުޑަ މޭޒެއް ހުއްޓެވެ. ޖަނާންއަށް ހިންދިރުވާ ލެވުނެވެ. އޭނައަށް މިތަނުގައި ހުރި ހުރިހާ ކަމެއް ކުރެވިދާނެއެވެ. އެކަމަކު މިހާއަވަހަށް ރޭޝަމްއާއި ކުރިމަތިލުމަށް ފަސްޖެހެވެން ފެށިއެވެ. ޖަނާން ބަލާލީ ހިލްމީއާއި ދިމާލަށެވެ. “ކޮބާ ހިތްހަމަޖެހޭ..” ހިލްމީ އަތުން ހަނާ އަޅާލަމުން ބުނެލިއެވެ. ޖަނާން އެއްވެސް އެއްޗެއް ނުބުނެ ހިނިތުންވެލިއެވެ.
ޖަނާން މަޑު ހިގުމެއްގައި އައިސް މަޑުކޮށްލީ މޭޒު ކައިރިއަށެވެ. އެތަނުގައި އެކި ކަހަލަ މީހުންގެ ފޮޓޯތަކާއި ފޮތްތަކާއި ލިޔުންތަށް ހުއްޓެވެ.
‘ޖަނާން.. މިއީ އެންމެ މުހިއްމު ވާހަކަ.. އަހަރުމެންނަށް ޖަނާން ރެޑީކުރަން ލިބިފަ ވަނީ ހަމަސް ދުވަސް.. އަސްލު ބުނާނަމަ ހަމަސްދުވަސް ވެސް ލަސް.. އެކަމަކު އެންމެ އަވަސް ވެގެން ޖަނާން މައިދާނަން ނެރެންޖެހޭނެ ހަމަސް ފަހުން.. އެހެންވީމަ ޖަނާންގެ ހުރި ހުށިޔާރު ކަމެއް ދައްކާލަދީ.. ޖަނާން ނިކުންނަން ޖެހެނީ މިކަހަލަ މީހުންނާއި ދެކޮޅަށް..” ދީނީ ގޮތުން ހަރުކަށި ކަން ލިޔެފައިވާ ފޮތެއް ޖަނާން ކުރިމަތީގައި ބާއްވަމުން ހިލްމީ ބުނެލިއެވެ. “މިފަހަރު އަހަރުމެން ބަލަން ޖެހެނީ ދީނީ ގޮތުން ޖަނާން ކިހާ ބާރު ގަދަތޯ.. މި މަސައްކަތުގައި ޖަނާންއަށް މައުލޫމާތު ދޭން އަހަރުމެން މީހަކު ގެންނާނަން.. އެކަމަކު އެބައި ފަހުން.. މިހާރު މުހިއްމު ކަމަކީ ޖަނާން މި އެއްޗެހި ކިޔުން..” ތިން ހަތަރު ފޮތް އެތަނުގައި ބާއްވަމުން ހިލްމީ ބުނެލިއެވެ. ކޮންމެ ފޮތަކީވެސް ދީނީ ގޮތުން އެތައް ވާހަކައެއް ލިޔެފައިވާ ފޮތްތަކެވެ. “އަދި އެއްކަންތައް.. ޖަނާންގެ ނަން ބަދަލު ކުރަން ޖެހޭ ވާހަކަ ކުރިންވެސް އޮންނާނީ ބުނެފަ.. އެއްވެސް ނަމެއް އެބައިންތަ..” ހިލްމީ އަހާލއެވެ. “އާ.. ޖައިލަމް.. ޖައިލަމް ކިޔަމާ..” ޖަނާން ބުނެލިއެވެ. “ޖައިލަމް.. އޯކޭ.. މީގެ ފަހުން ތިއީ ޖައިލަމް.. އަހަރެން މިއަދު ގޮސްފަ ހުރިހާ ލިޔެ ކިޔުމެއް ތައްޔާރު ކުރާނަން.. މިހާރު ޖައިލަމް ދޭ އަރާމް ކޮށްލަން..” ހިލްމީ އެހެން ބުނެލުމައްފަހު އެތަނުގައި ތިބި ދެމީހުން ގޮވައިގެން އެތަނުން ނިކުތެވެ. ޖަނާން އެކަނި އެތަނުގައި ދާނެ ދިމާލެއް ނޭނގިފައިވާ ގޮތަށް ހުއްޓިފައި ހުއްޓެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.




Wow,, v ryhthi mi part vx… Awahah up kohdhehchey fantasy,, plxxx.. aneh bai kiyaahithun moya wany
reethi
Aneh part up kohdheyny konirakun fantasy?? M waiting waiting
Cool, good writter
ތެންކްސް ހުރިހާ ކުދިން ނަށް.. 🙂
ބުދަ ދުވަހުން ގެނެސްދޭނަން އިނގޭ ފައި… އޭގެ ކުރިން ގެނެސްދޭން އުދަގޫވާނެ.. 🙂
Vrh reethi mi vaahaka. Next prt adhi vx dhigukh up kohdhehchey. Vrh intresting
Wow great!! Keep it up!!
Jinaan ge hunnanee kotari ehtha killaa eh tha ehaa gina ehchehi haavan