ރަތްކާރު 2
ގޭތެރެއަށް ވަން އަޑަށް އަހަރެންގެ ދޮންތަ ކޮޓަރިން ނުކުތެވެ. އަދި އަހަރެންގެ ކުޑަ މަންޖެ ނުނިދާން ވެގެން ބޮޑާ ހޭކިވާހަކަ ބުންޏެވެ. އަހަރެން އެހެންހޭ ކިޔާލާފައި ކޮޓަރި އާއި ދިމާލަށް ހިގައިތީއެވެ. އަހަރެން ރޭގަޑު ބޭރަށް ގޮސްސައި އައުމުން އެކަހަލަ އެއްޗެއް އަހަންނާއި ދިމާލަށް ބުނެލުމަކީ ދޮންތަގެ އާދައެކެވެ.
ކޮޓަރިއަށް ވަދެ ބެލިއިރު ތިންބޭން ވެސް ތިބީ ނިދާފައެވެ. އަހަރެން ނިދަން ތައްޔާރު ވާން ފާހާނާ އަށް ވަނީމެވެ. ލޯގަޑު ކުރިމައްޗަށް ހުއްޓުމާއި އެކު ކާރު ޑުރައިވަރު ބުނި އެއްޗެއް ހަނދާން ވިއެވެ. އަހަރެން އަދިވެސް ރީތި ހެއްޔެވެ؟ ލޯގަޑުން ފެންނަން ހުރި އަހަރެންގެ މޫނާ އަހަރެން ސުވާލު ކޮއްލީމެވެ. ތިން ދަރިން ލިބި އުމުރުން ތިރީހުގެ އަހަރުތައް ގުނަމުން ދާ އިރުވެސް މީހުން ގެ ސަމާލު ކަން ދަމައިގަންނަ ގޮތެއް އަހަރެންގެ ކިބައިގައި ވަނީ ބާވައޭ ހިތަށް އެރިއެވެ.
އަހަރެން ނިދަން އޮށޯންނަމުން ފަންކާ މަޑު ކޮށްލީމެވެ. ވިއްސާރަ ވުމުގެ ސަބަބުން މުޅި އެނދުގައިވެސް ވަނީ ފިނިހިފާފައެވެ. މިފަދަ ކޮންމެ ރެއެއް އަހަރެންގެ ފިރިމީހާގެ ޑިއުޓީ ރެއާއި ދިމާވަނީ އަޅެ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ޙިޔާލާއި ފިކުރުތަކުގެ ތެރޭގައި ނުނިދި ފުރޮޅި ފުރޮޅި އެތަށް އިރަކު އޮވެވުނެވެ.
ހެދުނު ހޭލެވުނީ ހައެއްޖަހާ ބޮޑުވިފަހުންނެވެ. ފުންމައިގެން ތެދުވެވުނެވެ. ދުވަހަކީ ސްކޫލު ބަންދު ދުވަހެއްކަން ހަނދާންވުމުން ހިތަށް ހަމަ ޖެހުމެއް ލިބުނެވެ. އެހެންނޫންނަމަ ކިތަންމެ އަވަސް ކުރިނަމަވެސް އެކުދިން ގަޑިއަށް ސްކޫލަށް ނުފޮނުވުނިސް ކަން ޔަގީނެވެ.
އަހަރެންގެ ބައިސްކަލު ވީ ހޮސްޕިޓަލު ކައިރީގައި ކަން ހަނދާންވީ އަދި މާ ފަހުންނެވެ. އެއީ އަހަރެން އޮފީސް ހުޅުވާ ހަފްތާ ވީމާ ވަރަށް ކުރިން ދާން ޖެހޭނެއެވެ. މަގުމައްޗަށް ނުކުމެ ދުއްވައިގަތަސް ދެން ގަޑިއަށް ނުދެވޭނެ ކަން އަހަންނަށް އެގުނެވެ. އަހަރެން ކަން ބޮޑުވިއެވެ. އަހަރެން ގެއިން ނުކުމެ ހިގުނު އެންމެ ބާރަކަށް ހިގައިގަތީމެވެ.
މަޖީދީ މަގަށް ނުކުމެވުނު ތަނާ ދުރުން ރަތްކާރެއް އަންނާތީ ފެނުނު ވަގުތު އަޅެ އެއީ އެކާރަށް ވާނެ ނަމައޭ ހިތަށް އެރިއެވެ. އެކާރު ވަކި ހިސާބަކަށް ކައިރިވުމުން އަހަންނަށް ހިނިތުން ވެލެވުނެވެ. އެއީ ހަމަ އެ ނަމްބަރު ޕުލޭޓްއެވެ. އެއަށްވުރެ ކައިރި ވުމުން ދުއްވަން އިނީ ވެސް ހަމަ އޭނާ ކަން އެގުނެވެ. އޭނާ އައިސް އަހަންނާ އަރާހަމަވެފަ ބިއްލޫރި ގަނޑު ތިރިކޮއްލިއެވެ. އަހަރެން އަނެއްކާވެސް ހިނިތުންވެލީމެވެ.
‘ތިއޮއް ގަޑި ޖެހެނީ އެއްނު ، އަވަހަށް އަރާ!’ އޭނާ ބުނެލިއެވެ.
އަހަރެން ކާރުގެ އަނެއްފަރާތަށް ގޮސް ކުރީ ސީޓު ގެ ދޮރުހުޅުވާލީމެވެ. މިއީ ދުވާލުގެ ވަގުތޭ އަހަރެންގެ ހިތަށް އެރިއެވެ. އެހެންނޫނަސް ހިލޭ އެދަތުރު ކޮއްލުމަކީ އަހަރެންގެ މަގްސަދެވެ. އަހަރެން ހަމަޖެހިލުމުން އޭނާ ކާރު ދުއްވާލިއެވެ. ހުރަވީ ބިލްޑިންގ އާއި ދިމާލަށެވެ. އެޔާއިއެކު އަހަރެންގެ އަތުގައި އޮތް ކިއްލި ނޮޅާލާފައި އަގަޔަށް އަޅަންފެށީމެވެ.
‘ދީބަލަ އަހަންނަށް ވެސް’ އޭނާ މަގަށް ބަލަން އިދެ ވާހަކަ ދެއްކިއެވެ. އަހަރެން އެކިއްލި އޭނާ އަށް ދިއްކޮށްލީމެވެ.
‘އުހޫ އަތަށް އަޅާފަ ގެނޭ’ އޭނާ އެދުނެވެ. އެޔާއިއެކު އަހަރެންގެ އަތަށް އެތިކޮޅެއް އަޅާފައި ދިއްކޮށްލީމެވެ. އަހަރެން ހީކުރީ އޭނާ އެކިއްލި ކޮޅު އަޅަން އަތް ދިއްކުރާނެކަމަށެވެ.
‘އާތިފާ! ތަންކޮޅެއް މައްޗަށް ތިއަތް ނަގާބަލަ’ އޭނަ ބުނެލިއެވެ. އެވަގުތު އަހަރެން އަތްމައްޗަށް ނެގީމެވެ.
‘މިގަޑީގައި ހުންގާނުން އަތެއްދުލެއް ނުކޮށްލެވޭނެ! އޭނާ ބުނެލިއެވެ.ދެންފެނުނީ އޭނާ އަހަރެންގެ އަތުގައި އޭނަ އަނގަ ޖައްސާފައި އެކިއްލިކޮޅު ކާލިތަނެވެ. އަހަރެން ސިހުނެވެ. އެކަމަކު އަތް ދަމައިގަންނާކަށް ވެސް ނުކެރުނެވެ.
‘މައްސަލައެއް ނެތްދޯ؟’ ރަނގަޅަށް ދުފާލަފަ އޭނާ ބުނެލިއެވެ. އޭރުވެސް އަހަރެން އިނީ ލިބުނު ސިހުމުގައެވެ. ދުރުބަލަހައްޓައިގެންނެވެ. ސިއްރުސިއްރުން އަހަރެން ބަލައިލިއިރު އޭނާ އިނީ ހެވިލާފައި އަހަންނަށް ބަލާށެވެ. އެ އަވިއައިނުގެ ފުރަގަހުން އޭނާގެ ލޯ އަހަރެންގެ މުޅި ހަށިގަޑަށް ހިންގާލިހެން އަހަންނަށް ހީވިއެވެ.
‘އާނ ދެން…… އޯކޭ!’ އަހަންނަކަށް ބުނާނެ އިތުރު އެއްޗެއް ނޭގުނެވެ. އޭނާ ވެސް އިތުރު އެއްޗެއް ނުބުނެ ކާރުގެ ސެޓުން ދައްކަމުން ދިޔަ ވާހަކަ އަށް ޖަވާބު ދޭން ފެށިއެވެ.
‘އެކަންމައްޗަށް މަޑުކޮއްލާ!’ ކާރު ގޮސް އިސްލާމީ މަރުކަޒާއި އަރާހަމަވުމުން އަހަރެން ބުނެލީމެވެ.
ކާރު މަޑުކޮއްލާފައި އޭނާގެ ކާރޑު އަހަރެންގެ އަތަށް ދިނެވެ. އަދި ބޭނުންވެއްޖިއްޔާ ސެންޓަރަށް ގުޅާފައި އެކާރުގެ ނަމްބަރު ބުނާށޭ އޭނާ ބުންޏެވެ. ‘ނޫނީ ހެޔޮ ބަދީއު ފޮނުވާށޭ ބުންޏަސް!’ އަހަރެން ދޮރު ހުޅުވާލުމުން އޭނާ ބުނެލިއެވެ.
‘ޝުކުރިއްޔާ، ‘ އަހަރެން ހިނިތުންވެލީމެވެ.
‘އާތިފާ ބުނެފިއްޔާ ދަތުރުތައް ކެންސަލު ކޮއްފައި ވެސް އަންނާނަން!’ އޭނާ ކާރު ދުއްވާލުމުގެ ކުރިން ބުނެލިއެވެ.
އެގާރަ ޖަހާލަންދެން އަވަދިނެތި އޮފިހުގައި މަސައްކަތުގައި އުޅުމަށް ފަހު އަހަރެން ނިންމީ ބައިސްކަލު ބަލާ ހޮސްޕިޓަލަށް ދާށެވެ. އޭރުވެސް އޮތީ ވިއްސާރަ ނަގާފައެވެ. ވާރޭ ވެހިގަތުމުގެ ކުރިން ހޮސްޕިޓަލާއި ހަމައަށް ފޯރާނެ ކަމަށް ހީކޮށް ހިގައިގަތީމެވެ. އެހެންނަމަވެސް އަހަންނަށް ސޯސަންމަގާއި ހަމަޔަށް ދެވުނުތަނާ ވަރަށް ބޯކޮށް ވާރޭ ވެހިގަތެވެ. އަހަރެން ރަތްކާރު މަތިން ހަނދާންވީ އެހިސާބުންނެވެ. ހެދުނުވެސް އެކާރު އަހަރެން ގަޑި ނުޖެހި ސަލާމަތް ކޮއްދިނެވެ. މިގަޑީގައި އަހަރެން ނުތެމި ސަލާމަތް ކޮށްދޭން އަންނާނެ ބާވައޭ ހިތަށް އެރިއެވެ. އެހެންނަމަވެސް އަހަރެން ހިޔާވާން ވައިން އަސްކަނިން ފޭބި ފެންތިކިތަކުން އަހަރެންގެ ހަރުވާޅުގެ ފައިކުރި ތެމި ވެލިބުރި އިރުވެސް ރަތްކާރުގެ ހިލަމެއް ނުވިއެވެ. އަހަރެން އެހެންހުރެ އެކާރުގެ ޑުރައިވަރާ މެދު ޙިޔާލު ކޮއްލިމެވެ. ހެދުނު ހިގާދިޔަ ކުޑަކުޑަ ހާދިސާ ހިތަށް ވަނެވެ. އޭނާ އަހަންނާއި ގަޔާވަނީ ބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. އަހަންނާއި ދިމާލަށް އަހަރެން ރީއްޗޭ ވެސް އޭނާ ބުނެފިއެވެ. އެފަދަ ބަސްތަކަކުން މީހަކު އަހަންނާއި މުހާތަބު ކުރި ދުވަހެއް މިހާރު ހަނދާނެއްވެސް ނެތެވެ.
މެންދުރު އޮފީސް ނިންމާފައި ގެޔަށް ދިޔައިރު ޒާހިދު ގޭގައި އުޅެއެވެ. އޭނާ އިނީ ދޮށީ ދަރިފުޅާއި އެކު ގޭމް ކުޅޭށެވެ. އެއީ ޒާހިދުގެ އާދައެވެ. ގޭގައި އުޅެންޏާ އެކުދިންނާއި އެކު ކުޅެ ހަދާއިރު ހީވާނީ ހަމަ އެއްފުރައިގެ ކުއްޖެއް އުޅޭހެންނެވެ.
‘ކޮބާ ކައިފިންތަ؟’ ހެދުންބަދަލު ކޮއްހަދައިގެން ނުކުމެ އަހަރެން އަހާލީމެވެ.
‘އަހަރުމެން ކައިފިން .ދޯ ބައްޕާ!’ ޖަވާބު ދިނީ ދެވަނަ ދަރިފުޅެވެ. ޒާހިދު އަށް އެއަޑު އިވުނު ހެނެއްވެސް ހިއެއްނުވެއެވެ. އެވަގުތު އަހަރެންގެ ހިތަށް ވަރަށް ގިނަ އެއްޗެތި އެރިއެވެ. އަހަރެންގެ ފިރިމީހާ އަކަށް އަހަރެން އެހާ މުހިއްމެއް ނޫނެވެ. އެއްދުވަހު ހަތަރުދަމު ނުފެނި ގޮއްސައި ފެނުމުން އެންމެ ކުޑަވެގެން ކިހިނެތްތޯ އަހާލަންވެސް ހިތަކަށް ނޭރިއެވެ. އަހަރެން މާޔޫސްވިއެވެ. މިހާރު އަހަރުމެން އިދެގެން އުޅޭތާ އެގާރަ އަހަރު ވެގެން ހިގައްޖެއެވެ. އޭނާ އަހަންނާއި ނީދެވިގެން އަހަރެންގެ ފަހަތުން އާދޭސް ކުރަމުން ހިގި ހަނދާނެއްވެސް މިހާރަކު ހުރި ހުރިހެނެއް ހިޔެއްނުވެއެވެ.
އެރޭ އަހަރެން ހޮސްޕިޓަލަށް ދިޔައީ ޒާހިދު އާއި އެކު އޭނާގެ ސައިކަލު ފަހަތުގައެވެ. އެނބުރި ގެޔަށް އައި އިރު ވާރޭކަނި ޖަހަންފެށުމުގެ ސަބަބުން ދެމީހުންވެސް ތިބީ ކޮންމެވެސް ވަރަކަށް ތެމިފައެވެ.
‘ދަތުރު ކުރުން ހުއްޓާލާފައި ކާރެއް ހޯދައިގެން ޓެކްސީ ކުރަން ފަށަންވީނު؟’ ގެއަށް ވަދެފައި އަހަރެން ޙިޔާލު ދިނީމެވެ. ‘އެއީވެސް ވަރަށް ލާރި ލިބޭ ކަމެއްނު ދޯ؟”
‘ތިޔަ ޙިޔާލު އެބަކުރަން އަހަރެންވެސް’ ޒާހިދު ޖަވާބު ދިނެވެ. ‘އެކަމަކު އިހަށް މިގެ ކުޑަކޮށް ހަދާލަން ލާރި އެއްވޭތޯ މިބަލަނީ’ އޭނާ ބުނެދިނެވެ.
އެއީވެސް ރަގަޅު ވާހަކައެކެވެ. ކުދިންކޮޅު ބޮޑެތިވާ އިރަށް އިތުރު ކޮޓަރިއެއް ހަދަން މިހާރުވެސް މާލަސްވެއްޖެޔޭ އަހަރެންގެ ހިތަށް ވަނެވެ.
‘ޓެކްސީ ކުރާކަށް މާ އަގުބޮޑު އާ ކާރެއްވެސް ބޭނުމެއްނުވާނެ…އެންމެ ކުރިން ގަންނާނީ ސެކަންޑު ހޭންޑު އެއްޗެއް” ޒާހިދު ޙިޔާލު ފާޅު ކުރިއެވެ.
އޭނާ އެގޮތަށް ވާހަކަ ދެއްކުމުން އަހަރެން ވަރަށް އުފާވިއެވެ. އަހަންނަށް ޒާހިދުގެ އެ ވަޒީފާ އެއްކަމަކު ނުދެއެވެ. އޭނާ އުޅޭ ބޯޓަކީ އިންޑިޔާ އާއި މާލެއާއި ދެމެދު މުދާ އުފުލާ ބޯޓެކެވެ. އޭނާ އަނެއްކާވެސް ދެދުވަހެއް ފަހުން ފުރައިގެން ދިޔުމުން އަހަރެން އެކަނިވެރިވާނެއެވެ. ދަތުރު ކޮއްގެން އެލިބޭ ލާރި އަށް ވުރެ އަހަރެންގެ އެކަނި ވެރިކަން ފިލުވައިދޭން އަހަރެންކައިރީ ހުރުން އަހަންނަށް މާ ރަގަޅެވެ.
