Skip to content
އެސްފިޔަ

ހަވާތިފް

(މިއީ، އަޅުގަނޑު ކުރިން އެސްފިޔައިގާ ޝާއިޢު ކުރި ދިގު ވާހަކަ، “ކަޅުފިނިފެންމާ” ގެ ދެވަނަ ސީޒަން އެވެ.)

ކުއްލިއަކަށް ވިދާލިއެވެ. މުޅި އުޑުމަތި އެކީ އެކައްޗަކަށް އަލިވެގެން ދިޔައެވެ. ހީވީ ވިލާތަކުގެ ތެރެއިން ރެދަން ކަނޑާލިހެންނެވެ. ހަމަ އެ ސިކުންތުގައި ޖަހާލި ބާރު ގުގުރީގެ ސަބަބުން ރޭގަނޑުގެ ހަމަހިމޭންކަން ކަނޑުވާލިއެވެ. ތުފާނީ ރެއެއްގެ ބިރުވެރިކަން، ރަށުގެ އެންމެންވެސް ދިޔައީ ތަހައްމަލު ކުރަމުންނެވެ. ކަޅު ހިލަގަނޑުތަކެއްފަދަ ވިލާތަކުން މުޅި އުޑުމަތިވަނީ ބައްދާލާފައެވެ.

ސަމީރު ބާރު ހިނގުމެއްގައި މިސްރާބު ޖަހާފައިވަނީ ގެއާ ދިމާއަށެވެ. ދެއަތުގައި މެދުވަރުގެ ދެ ރާގޮނޑި އޮތެވެ. ވިއްސާރަ އޮއްސާލުމުގެ ކުރިން ގެއަށް ވަދެވޭތޯ ބަލަން އެބަ ޖެހެއެވެ. ރަށުގެ ބޮޑުމަގުން ހިނގަމުންދިޔައިރު މަގުގެ ދެފަޅީގައި ޖަހާފައިވާ ހޮޅިބުރިތަކުގެ އަލި ނޫން އެހެން އައްޔެއް ފެންނާކަށްނެތެވެ.

ކުއްލިއަކަށް ސަމީރުގެ އަތުން އެއްމަސް ދޫވެގެން ވެއްޓިއްޖެއެވެ. ހިނގުން މަޑުޖައްސަލުމަށްފަހު ޗޮކެއް ކަނޑާލަމުން އޭނަ ތިރިވީ މަސް ނަގާށެވެ. ރޭގަނޑުގެ އަނދިރިކަމުގެ ސަބަބުން އޭނާގެ އަތުގައި މަސް ޖެހުނީ ދެތިން ހަތަރު ތާކު އަތް ކޭއްތިފަހުންނެވެ. މަސް އަތަށް ހެޔޮވަރުކޮށްލުމަށްފަހު އޭނާ ހިންދެމިލިއެވެ. އެވަގުތު އޭނާގެ ކުރިމަތިން ކަޅުކުލައިގެ ބުޅަލެއް ހުރަސްކޮއްލިއެވެ. ނުހަނު ބާރު ދުވެލީގައެވެ. ކަޅު އަނދިރިކަމުގެ ތެރެއަށް ފޭދިފައިވާ ފަނޑު ހޮޅިބުރީގެ އަލިންވެސް އެ ބުޅާ ސަމީރަށް ފެނުނީ ކަޅު ހިޔަންޏެއްގެ ސިފައިގައެވެ. ހަގީގަތުގައި އެއީ ބުޅަލެއް ކަމެއްވެސް ސަމީރަކަށް ޔަގީނެއް ނޫނެވެ. އެއީ އޭނާގެ ހީކުރުމެކެވެ. ދިވެހި ރާއްޖޭގެ ރަށެއްގެ މަގުމަތިން ހަމަގައިމުވެސް ހަތަރެސްފައިޖަހާފައިވާ މިނިކާވަގެއް ނުފެންނާނެއެވެ. ބުޅަލެއްކަމަށް އޭނާ ނިންމީ އޭތީގެ ބޮޑުމިނާއި ދިޔަލެއް ބާރުމިނަށް ބަލާފައެވެ. ސަމީރު އަނެއްކާވެސް ގެއާ ދިމައަށް މިސަރާބު ޖެހިއެވެ. އެވަގުތު އޭނާގެ ފުރަގަހުން ދިއްލުނު ރަތް ދެލޯ ސަމީރަކަށް ނުފެނުނެވެ.

***

ސަމީރަށް ގޭގެ ވަށާފާރުން އެތެރެއަށް ވަދެވުނީ ހަމަ ކިރިޔާއެވެ. ބޯކޮށް ވާރޭ އޮއްސާލައިފިއެވެ. ޖައްވުގައި ވި ތެތް ފިނިކަން ދެގުނައަށް އިތުރުވެގެން ދިޔައެވެ. ވާރޭ ވެހޭލެއް ބޯކަމުން އިސާހިތަކު މުޅި މަގުމަތީ ފެން ބޮޑު ވެއްޖެއެވެ.

މަސްތައް ބާލިދީއަކަށް ލުމަށްފަހު ސަމީރު ގޮސް ހުއްޓިލީ ފަނުން ހަދާފައިވާ ގޭގެ ދޮރުކައިރީގައެވެ. ލާފައިހުރި މުންޑު އަރުވާޖަހާލުމަށްފަހު ދޮރުގައި ހިފާލިއެވެ. ހުރީ ތަންޑު އަޅާފައެވެ.

“ވަފިއްޔާ!! ވަފިއްޔާ ނިދީތަ؟ ދޮރުހުޅުވާލަ ބަލަ!!” ސަމީރު ދެތިން ފަހަރަކު ގޮވާލިއެވެ. އޭނާގެ އަންހެނުން، ވަފިއްޔާގެ ޚަބަރެއް ނުވިއެވެ. މި ވީ މާ ނުބައި ގޮތެކެވެ. އެއްކޮޅުން ސަމީރު ހުރީ ތެމި ފޯވެފައެވެ. އަނެއްކޮޅުން އޭނާ ހުރީ އިންތިހާއަށް ނިދާލަންވެސް ބޭނުންވެފައެވެ. ނަމަވެސް އެތާ އިރުކޮޅަކުން ހުރުމަށްފަހު އޭނާ ހިނގައިގަތީ ގެއާ ތަންކޮޅެއް ދުރުގައި ހަދާފައިހުރި ކުޑަ ބަދިގެ ގަނޑާ ދިމާއަށެވެ.

ބަދިގެއިން މަސްގޮނޑިއަކާއި ވަޅިއެއް ހިފައިގެން ނުކުމެ ސަމީރު ގެނައި ދެ މަސް ކަނޑަން އޭނާ އުޅުނެވެ. އެއިރުވެސް ބޯކޮށް ވެހެމުންދިޔަ ވާރޭއަށް ކުޑަވެސް ބަދަލެއް ނާދެއެވެ.

ބާލިދީއިން ފުރަތަމަ މަސް ނެގުމަށްފަހު މަސްގޮނޑީގައި ބާއްވާލިއެވެ. އަދި ވަޅި އޭގެ ކަރާ ދިމާއަށް ކޮއްޕާލުމަށްފަހު ތިރިއަށްގެނެސް މަހުގެ ބޯ، ބަނޑައިދުލާއެކު ވަކިކޮށްލައިފިއެވެ.

“މިޔާއު!!” ކުއްލިއަކަށް ސަމީރަށް ސިހިފައި ބަލައިލެވުނީ ވަރަށް ކައިރިން ބުޅަލެއް ގޮވާލި އަޑު އިވިގެންނެވެ. ގޭގެ ގޯތިތެރޭ ބޯކޮށް ހެދިފައިވާ ހުއި ގަސްތަކުގެ ތެރެއިން ދިއްލިފައި އިން ރަތް ދެލޯ ސަމީރުގެ ލޮލުގައި އަޅައިގަތީ ދެތިން ހަތަރު ދިމާ ބެލިފަހުންނެވެ. ސަމީރު ނިކަން ފަރުވާތެރިކަމާއެކު އެ ދެ އަލިކޮޅަށް ބަލައިލިއެވެ. އެވަގުތު އެ އަލިކޮޅަށް ބަދަލު އަތުވެއްޖެއެވެ. މަޑުމަޑުން އެ ދެ އަލިކޮޅު ސަމީރާ ދިމާއަށް އަންނަން ފެށިއެވެ.

ގޭގެ އަސްކަނި ދޮށުގައި އަޅުވާފައި ހުރި ފުޅި ބައްތީގެ ރަން އަލި އެ އެތީގެ ގަޔަށް އެޅުމާއެކު އޭގެ ސޫރަ ސަމީރަށް ފެނުނެވެ. އެއީ ކަޅު ކުލައިގެ ދިގު ކެހެރިތަކެއް ފަޅާފައިވާ ބުޅަލެކެވެ. ނަމަވެސް އާދައިގެ ދިވެހި ބުޅަލަށް ވުރެ އޭތި ބޮޑުހެން ހީވެއެވެ. ދެލޯ ވެސް ހުރީ ރަތް ކުލައަކުން ދިއްލިފައެވެ.

ބޮޑާ ހިނގުމެއްގައި ކަޅު ބުޅާ އައިސް މަޑުކޮށްލީ ސަމީރާއި 3 ވަރަކަށް ފޫޓު ދުރުގައެވެ. އެއިރުވެސް އޭތީގެ ނަޒަރު ހުއްޓިފައި ވަނީ ސަމީރުގެ މޫނަށެވެ. ސަމީރު އިނީ ގުޑާލަން ވެސް ނުކެރިފައެވެ. ވެހެމުން ދިޔަ ވިއްސާރައިގެ ސަބަބުން އޭނާގެ ހަށިގަނޑު ތުރުތުރު ލަމުންދިޔައެވެ. ނަމަވެސް އެ ބުޅަލުގެ ކެހެރީގައި އެންމެ ފެން ތިއްކެއްވެސް ޖެހިފައި ވާހެންނެއް ހިޔެއް ނުވެއެވެ.

ސަމީރުގެ މޫނަށް އިރުކޮޅަކުން ބަލަން އޮތުމަށްފަހު ބުޅާ މަޑުމަޑުން އަނގަ ހުޅުވާލިއެވެ. އޭގެ ތޫނު ދަތްތައް ފެނުމާއެކު ސަމީރުގެ މުޅި ގައިން ހީބިހި ހިލުވާލިއެވެ. ނަމަވެސް ސަމީރު އިތުރަށް ހަރަކާތް ކުރާކަށް އެންމެ ސިކުންތެއްވެސް އެ ބުޅާ ނުދިނެވެ. ހުށިޔާރު ވެލުމަށްފަހު ހޭރިގަންނަމުން ސަމީރުގެ ގަޔާ ދިމާއަށް އޭތި ފުންމައިގަތެވެ. ހަމަ އެއާއެކު ޖައްވުގެ ތެރޭގައި ގުގުމައިގެން ދިޔައީ ސަމީރުގެ ވޭނީ ހަޅޭކުގެ އަޑެވެ….

***

ވެހެމުންދިޔަ ވަރޭ މަޑުމަޑުން ތުނިކުރަން ފެށިއެވެ. އުޑުމަތި ބައްދާލާފައިވާ ކަޅު ބޯ ވިލާތައް މަޑުމަޑުން ކެހެމުންދިޔައެވެ. ޖަވާހިރުތަކެއްފަދަ ތަރިތަކުގެ ވިދުން ދުނިޔެއާ ހަމައަށް ފޯރުކޮށްދެމުންނެވެ. މަގުތަކުގައި ހެދިފައިވާ ފެންކޯރުތަކުން، ތަރިތަކުގެ ‘ރިފްލެކްޝަން’ ފެންނަމުންދިޔައީ އަޖައިބު ވާހާ ރީތިކޮންނެވެ. ދޭތެރެ ދޭތެރެއިން ކޯރަށް ވެއްޓޭ ދެތިން ފެންތިކީގެ ސަބަބުން ކުދި ކުދި ރާޅު ބާނިތައް އުފެދެމުންދިޔައެވެ.

ހަމަ ހިމޭންކަން ވެރިވެފައިވާ މަގުގެ އެއްކޮޅުން މަޑު ހިނގުމެއްގައި ހިނގާލާފާ އައި ބުޅާ އައިސް ވަނީ ދޮން އަހުމަދުގެ ގެއަށެވެ. ސިމެންތި ނުޖަހާ ހުރި ތެޅިގަލުގެ ފާރާ ހަމައަށް ދެވުނުއިރު އެ ބުޅާ ދިޔައީ މަޑުމަޑުން ދުން ކޮޅަކަށް ބަދަލުވަމުންނެވެ. އިސާހިތަކު ނުހަނު ފަސޭހަ ކަމާއެކު އެ ބުޅާ، އެ ފާރުގެ ތެރެއަށް ފުރޭނިގެން އެތެރެއަށް ވަދެއްޖެއެވެ.

***

މޭޒުމަތީ ހުރި ދުފާ ތަބަކުން ފޯއް ކިބައެއް ނެގުމަށްފަހު ދޮންއަހުމަދު ފޯއްވަޅިއަކުން އެ ފޯއްކިބަ ކޮށަން ފެށިއެވެ. އެއިރުވެސް އޭނާގެ އަނގަ ވަނީ ދުފުން ގަނޑަކުން ފުރިފައެވެ. އަނގައިގެ ދެ މިޔަކަނުން ރަތް ކުޅުގެ އަސަރު ފެންނަން ހުއްޓެވެ. ކުޑަ ދެލޮލުން ފެންނަމުން ދިޔައީ ޝައިޠާނީ ވިދުވަރެކެވެ.

ކުއްލިއަކަށް ފާރުގައި ހުރި ކުޑަ ލޯވަޅަކުން އޮލަ ދުންކޮޅަށް ވަންނަން ފެށިއެވެ. ދުންކޮޅު މަޑުމަޑުން އިންސާނެއްގެ ބައްޓަމަށް ސިފަ ޖެހެމުން ދިޔައެވެ. ދެތިން ސިކުންތުފަހުން ދޮންއަހުމަދުގެ ކުރިމަތީ ހުއްޓިލައިގެން ހުރީ 6 ފޫޓުގެ ދިގު އިސްކޮޅެއް ލިބިފައިވާ ފިރިހެނެކެވެ. ހަމުގެ ކުލަ އެންދެރިހާ ކަޅެވެ. ދެލޮލުގެ ކަޅި ފިޔަވާ ދެން އޮތް ބައި ހުރީ ގަދަ ރަތް ކުލައިގައެވެ.

ދޮން އަހުމަދު އެމީހާގެ މޫނަށް ބަލައިލި ބޮޑާ ކަމާއެކުގައެވެ. އެއްމިޔަކަނުން ހީލަމުން ދޮން އަހުމަދު ގޮނޑީގައި ރަނގަޅަށް ހަމަޖެހިލިއެވެ.

“ކޮބާ؟ އެކަން ނިންމާލީތަ؟”

ޖަވާބު ދިނުމުގެ ބަދަލުގައި އެ މިހާ އެނބުރުނީ އަނެއް ފަރާތަށެވެ. ދެ ލޮލުން ފެނިގެން ދިޔައީ ހިތާމަޔާއި ގޮތް ހުސްވުމުގެ އަސަރު ތަކެވެ.

“އަހަރެން މިނިވަން ކޮށްދީ!!” އަޑުގައި ވަނީ މަޑުމޮޅި ކަމެވެ.

“ހަހަ….” ދޮންއަހުމަދު ބާރު ހިނިގަނޑެއް ޖަހާލިއެވެ. “އަބްރާސް ކަލޭތަ ހަމަ ތިހެން ތި ބުނީ؟؟”

“އަހަރެން ދެން ބޭނުމެއް ނޫން ކަލޭގެ އަޅުވެތިކަމުގެ ދަށުގަ އުޅޭކަށް!” އަބްރާސް ދޮން އަހުމަދާ ދިމާއަށް އެނބުރިލިއެވެ. އެއިރު އޭނާގެ ދެލޮލުން ރުޅިވެރިކަމުގެ އަސަރު ފެންނަމުން ދިޔައެވެ. “އަހަރެން މިނިވަން ކޮށްދީ!! އެހެން ނޫނީ….”

“އެހެން ނޫނީ؟ އޭނ!! އެހެން ނޫނީ ކީއްކުރެވޭނީ…؟” ދޮން އަހުމަދު ބޮޑާ ކަމާއެކު އޭނާގެ އަތުގައި އޮތް ތަވީދެއް ފަދަ އެއްޗެއް ދައްކާލިއެވެ. “ދެކޮޅުހަދަން އުޅެންޏާ މާ ރީއްޗެއް ނުވާނެ! މަގޭ އަންހެނުންވެސް އެހެރީ ކަލޭ ހަދާނެ އެއްޗެއް ހަދަން ދީފަ!!”

ދޮން އަހުމަދު މަޑުމަޑުން އެ ތަވީދު މުށުތެރެއަށް ލާ ބާރުކޮށްލިއެވެ. އެއާއެކު އަބްރާސްގެ ދެލޯ ތަންމިނަށް ހުޅުވިގެން ދިޔައެވެ. މުޅި ހަށިގަނޑުން ދިލަ ނަގައިގަތެވެ. ހަށިގަނޑުން މަޑުމަޑުން ދުން އަރަންފެށިއެވެ. ނަގަމުން ދިޔަ ދިލައަށް ކެތް ނުކުރެވުމުގެ ސަބަބުން އަބްރާސްއަށް ދެ ކަކޫ މައްޗަށް ތިރިވެވުނެވެ.

ދޮން އަހުމަދު މަޑުމަޑުން މުށް ދޫ ކޮށްލިއެވެ. އަބްރާސް އަށް ހަމަ ނޭވައި ލެވުނީ ދެނެވެ. ހަމަ އެއާއެކު ލުއި ދުން ކޮޅަކަށް ބަދަލުވެގެން ފާރުގައި ހުރި ލޯވަޅުން ނުކުމެގެން ގޮސް ގެއްލުނެވެ.

***

މުޅި ހިސާބުގަނޑަށް ފެތުރިފައިވަނީ، ވެލިގަނޑުމައްޗަށް ބީއްސަމުންދިޔަ ރާޅުގެ ހަމަ ހިމޭން އަޑެވެ. މި ފަދަ އަނދިރި ރެއެއްގެ ދަންވަރުގެ ވަގުތުގައި ރަށުގެ ތުނޑިމަތީ ހަމަގައިމުވެސް އިންސާނަކު ނުހުންނަނެއެވެ. ނަމަވެސް ކޮންމެވެސް ‘މީހަކު’ ތުނޑީގައި ހަރަކާތްތެރިވަމުން ދިޔަ މަންޒަރު ފެންނަމުންދިޔައެވެ. އެމީހަކު މަޑުމަޑުން ރާޅު ބީއްސަމުން ދިޔަ ސަރަހައްދާ ދިމާއަށް ހިނގައިގަތެވެ. ލަސް މަޑުމޮޅި ހިނގުމެއްގައެވެ.

***

އަބްރާސް މަޑުމަޑުން ވެލިގަނޑުމަތީ އިށީނެވެ. އަނދިރިކަމުން އޭނާގެ މޫނު ނުފެނުނުކަމުގައި ވިއަސް އެ މޫނުމަތީ ވަނީ ހިތާމައިގެ އަސަރެވެ.

އޭނާ އަކީ ކޮންފަދަ މަޖުބޫރީ މީހެއް ހެއްޔެވެ؟ ދޮން އަހުމަދު ވަނީ އޭނާއަށް އޮޅުވާލާފައެވެ. ދޮން އަހުމަދުގެ އެދުންތައް ފުއްދައިދިނުމަށް އެގްރިމެންޓް ހެދީ އޭނާއަށްވެސް މިނިވަންކަން އޮންނާނެ ގޮތުގެ މަތިންނެވެ. ނަމަވެސް ދޮން އަހުމަދުގެ ބާރުގެ ދަށަށް ހަމަ ދިއުމާއެކު އޭނާ އަބްރާސް ގެ ހުރިހާ ބާރެއް ވަނީ އަތުލައިގަނެފައެވެ. ދޮން އަހުމަދުގެ އަތުގައިވާ ތަވީދަކީ އަބްރާސް ގެ ހުރިހާ ބާރެއް ރައްކާކޮށްފައިވާ އެއްޗެވެ. އެއަށް ގޮތެއް ވެއްޖެނަމަ އަބްރާސްގެ ދުވަސް ދިޔައީއެވެ.

ލޮލުން އައި ކަރުނަތިކި ފުހެލަމުން އަބްރާސް ކޮޅަށް ތެދުވިއެވެ. މަޑުމަޑުން އުޑުމަތީ ވިދަމުންދިޔަ ތަރިތަކަށް ނަޒަރު ހިންގާލިއެވެ. އެވަގުތު އޭނާގެ ސިކުނޑިއަށް ވެރިވަމުންދިޔައީ އޭނާގެ ލޯބިވާ ދަރިފުޅެވެ. ދޮން އަހުމަދު ވަނީ އޭނާގެ ދަރިފުޅު، މާބަނޑު އަންހެނެއްގެ ބަނޑު ތެރެއަށް ވައްދާ، މަރާލާފައެވެ. އެއީ ކޮންފަދަ ހިތާމަވެރި ދުވަހެއް ހެއްޔެވެ؟ ދޮންއަހުމަދު އޭނާގެ އެއްވެސް އާދޭހަކަށް އިޖާބައެއް ނުދިނެވެ. ދޮންއަހުމަދު ވިސްނީ އޭނާގެ ފައިދާއަށެވެ. އަބްރާސްގެ ދަރިފުޅު ޤުރުބާން ކޮށްގެންވެސް ލާރިކޮޅެއް ހޯދޭތޯ އޭނާ ބެލިއެވެ. ބޯވާއެއްގެ ސިފައިގާ ޝައިމާގެ ބަނޑަށް އަބްރާސް ގެ ދަރިފުޅު ވެއްދީ އޭނާގެ ވެސް ނުރުހުމުގައެވެ.

ހަޤީޤަތުގައި އޭނާ މިހާރު އެއްވެސް މީހަކަށް ގެއްލުމެއް ދޭކަށް ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވަނީ މިނިވަންކަމާއެކު އަމާން ދިރިއުޅުމެކެވެ. ނަމަވެސް އެއީ ދުވަހަކުވެސް ވާނެ ކަމެއް ހެންނެއް ހިޔެއް ނުވެއެވެ. އޭނާ ދެން މިނިވަންވާނީ ދޮން އަހުމަދު މަރުވި ދުވަހަކުންނެވެ. މިރޭވެސް، ސަމީރު އޭނާގެ ޝިކާރައަކަށް ވެގެން އެދިޔައީ އޭނާއަށް ކުރިމަތި ވެފައިވާ މަޖުބޫރީގެ ސަބަބުންނެވެ. ސަމީރުގެ މަރުގެ ސަބަބުން މާދަމާ ބަޔަކު ހިތާމަކުރާނެއެވެ. ނަމަވެސް އެ މަރުގެ ސަބަބުން އުފާކުރާނެ ބަޔަކުވެސް ތިބޭނެކަމީ ޝައްކެއް އޮތް ކަމެއް ނުނެވެ.

***

އިރު އަރައި ދުނިޔެ މައްޗަށް އަލިވެގެން ދިއުމާއެކު ސަމީރުގެ މަރުގެ ޚަބަރު މުޅި ރަށަށް ފެތުރިގެން ދިޔައެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ގޯތި ތެރޭ ހެދިފައިހުރި ހުއި ގަސްތަކުގެ ތެރެއިންނެވެ. ހަށިގަނޑަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. މޫނުމަތީގައިވެސް ފުން ކޮށް ވަކި ދަމާލާފައިވާ ނިޝާން ފެންނަން ހުއްޓެވެ.

ސަމީރުގެ މަރުވެފައިވާ މަސްގަނޑު ވަޅުލުމަށްޓަކައި ގިނަ ބަޔަކު ސަހަރާއަށް އެއްވިއެވެ. އެންމެ ގެ މޫނުމަތިންވެސް ފެންނަނީ ސުވާލު މާކެކެވެ. މި ފަދަ ރަޙުމް ކުޑަ އަމަލެއް ހިންގީ ކާކު ބާއެވެ؟ އެއީ އިންސާނަކު ހިންގާފައިވާ އަމަލަށް ނުވާނަމަ………

“ކޮބާތަ ސަމީރުގެ އަންހެނުން ވަފިއްޔާ؟؟” ސަހަރާއަށް އެއްވެފައި ތިބި މީހުންނާ ތަންކޮޅެއްް ދުރުގައި ހުރި އަންހެނަކު ސުވާލު ކުރިއެވެ. “ނެތް އެތަނަކުން ފެންނާކަށް!!”

“އޭނާ އެބައޮތޯ ގޭގަ. ވަރަށް ހާލު ބޮޑު ކަމަށްވަނީ. އެހެންވެ ކަންނޭނގެ ނައީ.” އެތާ ހުރި އެހެން އަންހެނަކު ޖަވާބު ދިނެވެ. “އަހަރެންވެސް މިރަށުގައި މި ހިނގާ ހަދިސާތަކުން މިހުންނަނީ ނުލާހިކު ބިރުގަނެފަ. ކުރިން ދުވަހު އެ ޔައީޝްގެ އަންހެނުން ޖަޒްލާ ވެސް މަރުވީ، ބުނާ އަޑުއެހިން ޖަޒްލާވެސް މަރުވީ ހަމަ އެހާ ބިރުވެރި ގޮތަކަށޭ! އެ ގޮއްޔެގެ މޫނު ބަލާލާކަށްވެސް ދާކަށް ނުކެރުނު!”

***

“ދެން ހައްސާން!” ވަފިއްޔާ ހިނިގަނޑެއް ޖަހާލިއެވެ. އެއިރު ހައްސާނު އޮތީ ވަފިއްޔާގެ އުނގުގައި ބޯއަޅާލައިގެންނެވެ. “ތިހެން ނުހަދަ ބަލަ، ހީލި ކަރުވައޭ!!!”

“އަނެއްކާ 3 މަސް ވަންދެން މަޑުކުރަންވީ؟” ކެތްރެރިކަން ކުޑަވެފައިވާ ރާގެއްގައި ހައްސާނު ބުނެލިއެވެ. “އަހަރެން ދޮން އަހުމަދަށް ހާދަ ބޮޑު އަގެއް އަދާ ކުރަން ޖެހުނޭ!”

“އަހަރެންވެސް ބޭނުމޭ ހަމަ މިއަދުން މިއަދަށް ހައްސާނާ ކައިވެނި ކުރަން! އެކަމަކު އިއްދަ ހަމަ ކުރަން ޖެހޭނެ އެއްނު! އަނެއް ކޮޅުން މިރަށު މީހުން ދެކޭ ގޮތުގައި އަހަރެން އޮންނާނީ ވަރަށް ދެރަވެފަ! ހުހް! ސަމީރު މަރުވެގެން އަހަރެން ކުރާނީ އުފަލެއްނު!” އަނެއްކާވެސް ވަފިއްޔާ ހިނިގަނޑެއް ޖަހާލިއެވެ.

މިއީ އަދުގެ ހާލަތަވެ. ފަނޑިތަ ސިހުރު ހާހޫރަ ހަދައިގެން އަމިއްލަ ފިރިމީހާ މަރާލައިގެންވެސް މުއްސަނދިކަން ހޯދަން އުޅޭ އަންހެނުން މަދެއް ނޫނެވެ. ވަފިއްޔާ އަކީ އެކަމުގެ މިސާލެކެވެ. އޭނާގެ ފިރިމީހާއަކީ މަސްވެރިއެކެވެ. ލިބޭ އާމްދަނީއިން ދެކޮޅު ޖެހެނީ ގަދަކަމުން ދަމާ ގެނެސް ޖެއްސީމައެވެ. ވަފިއްޔާއަކީ ކުޑައިރުއްސުރެ މުއްސަނދި ދިރިއުޅުމެއް އުޅެން ބޭނުންވި ކުއްޖެކެވެ. ނަމަވެސް މައިންބަފައިންގެ އެދުމަށް، ސަމީރާއި ކައިވެނި ކުރަން ޖެހުނު ހިސާބުން ފެށިގެން އޭނާ ސަމީރަށް ނަފްރަތު ކުރިއެވެ.

ހައްސާނަކީ ރަށުގައި ހުރި ބޮޑު ވިޔަފާރި ވެރިއެކެވެ. އޭނާގެ ދަހިވެތި ލޯ ގޮސް ހުއްޓުނީ ވަފިއްޔާގެ ލޫޅާފަތި ހަށިގަނޑަށެވެ. ވަފިއްޔާގެ ރުހުން ހައްސާނު ކާމިޔާބުކުރީ، ސަމީރު މަހައްދާ ދުވަސް ދުވަހު ވަފިއްޔާގެ ހިތްހަމަ ޖައްސައިދީގެންނެވެ. ފައިސާއަކީ ހައްސާނަށް ފެން ފަދަ އެއްޗެކެވެ. ވަފިއްޔާ ދަހިވެތިވީ ހައްސާނުގެ ފައިސާ އަށެވެ. ހައްސާނު ދަހިވެތިވީ ވަފިއްޔާގެ ހަށިގަނޑަށެވެ. ދެމީހުންގެ ގުޅުން ފެށިގެން ދިޔައީ އެހިސާބުންނެވެ.

***

ބާރު ދުވެލީގައި އައިސް ރަށުގެ ފަޅަށް ވަން ލޯންޗު ޖެޓީއާއި ގާތް ކޮށްލުމާއެކު، ޝާލިނީ އަވަސް އަވަހަށް ލޯންޗުން ފޭބިއެވެ. ފުރޮޅުލީ ފޮށީގެ އަތްގަނޑުގައި ހިފައިގެން ހުރެ އޭނާ ހިނގައިގަތީ ގެއާދިމާއަށެވެ. ވެފައިހުރި ވަރުބައްޔެއްގެ ސަބަބުން އޭނާ ބޭނުންވަނީ އަވަަހަށް ނިދާލާށެވެ. ނަމަވެސް ގެއަށް ވަނުމާއެކު ދެން ވާނެ ގޮތް ހިތަށް އައުމުން އޭނާގެ ގާތަށް ހިނިއަތުވެއްޖެއެވެ. އޭނާ ރަށަށް މިއައީ 4 އަހަރު ފަހުންނެވެ. ލޯބިވާ މަންމައާއި ކޮއްކޮ ނުދެކޭތާ ދުވަސްތަކެއް ފަހުން ރަށަށް އެ އައީ، އެމީހުން ކައިރީ ނުވެސް ބުނެއެވެ. އޭނާ ބޭނުންވީ އެމީހުންނަށް ރަނގަޅު ސަޕްރައިޒެއް ދޭށެވެ.

ޝާލިނީ އައިސް ގޭގެ ދޮރުގައި ހިފާލިއެވެ. ހުރީ ތަޅުލާފައެވެ. އޭނާ ދެތިން ފަހަރު ދޮރުގައި ޓަކިޖަހާލިއެވެ. އެއަށްފަހު ލާފައިހުރި ބާރު ޓީޝާޓަށް ދަމާލާ ރެޑީ ވެލިއެވެ. މަންމަމެންގެ މޫނަށް ވެރިވެގެން ދާ ކުލަވަރު ނުހަނު ގާތުން ބަލަން އޭނާ ބެނުމެވެ.

އިރުކޮޅެއް ފަހުން ދޮރުހުޅުވިގެން ދިޔައެވެ. އެއިރު ޝާލިނީގެ ކުރިމަތީ ހުރީ އޭނަގެ މަންމަ ޒުލްފާ އެވެ. ޝާލިނީ ފެނުމާއެކު ޒުލްފާގެ މޫނުގެ ކުލަވަރު ވަގުތުން ބަދަލުވެގެން ދިޔައެވެ. މޫނުމަތި އުޖާލާ ވިއެވެ.

“ދަރިފުޅާ!!” ޒުލްފާ އައިސް ޝާލިނީގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. “ނުވެސް ބުނެ އެއްނު ތި އައީ!! އަވަހަށް ވަދޭ އެތެރެއަށް!” ޒުލްފާ ޝާލިނީގެ ފޮށި ހިފައިގެން އެތެރެއަށް ވަނެވެ. ޝާލިނީވެސް ޒުލްފާގެ ފަހަތުން ކަހަލަ ގޮތަކަށް އެތެރެއަށް ވަނެވެ.

ޝާލިނީއަށް މުޅި ގޭތެރެއަށް ނަޒަރު ހިންގާލެވުނެވެ. މާބޮޑު ތަފާތު ތަކެއް ނައިކަމުގައި ވިއަސް ގޭތެރެއަށް ކޮންމެވެސް ކަހަލަ ފަޅު ކަމެއް ވެރިވެފައި ވާހެން ހީވެއެވެ. ގޭގެ ބޮޑު ދޮރު ލައްޕާފައި ހުރުމުގެ އިތުރުން، ކުޑަދޮރުތަކުގެ ފޮތިތައްވެސް ހުރީ ކަހާލާފައެވެ. މުޅި ގޭތެރެއަށް ވެރިވެފައިވަނީ ފަނޑު އަނދިރިކަމެކެވެ.

“ކޮބާ ކޮއްކޮ؟؟” ޝާލިނީ ގޮސް ސޯފާއަށް ޖެހިގަތެވެ.

ފޮށިހިފައިގެން ކޮޓަރިއަށް ވަދެވަދެ ހުރި ޒުލްފާގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ. ފެންކަޅިވެފައިވާ ދެލޮލުން ވެއްޓުނު ކަރުނަތިކި ޝާލިނީއަށް ނުފެނުނީ އޭނާ ފުރަގަސް ދީގެން ހުރުމުގެ ސަބަބުންނެވެ.

“ކޮބާތަ ކޮއްކޮ؟” ޝާލިނީ ސުވާލު ތަކުރާރު ކޮއްލިއެވެ.

ޒުލްފާ، އަތުން ޖެހިގެން ހުރި ކޮޓަރިއަށް އިޝާރާތް ކޮށްލިއެވެ. އެއަށްފަހު އޭނާ އަވަސް އަވަހަށް ފޮށިހިފައިގެން ޝާލިނީގެ ކޮޓަރިއަށް ވަދެއްޖެއެވެ.

ޝާލިނީ މަޑުމަޑުން ގޮސް އެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެއާއެކު އޭނާގެ ދެލޯ ތަންމިނަށް ހުޅުވިގެން ދިޔައީ ފެނުނު މަންޒަރުގެ ސަބަބުންނެވެ……

ނުނިމޭ

ނޯޓް: “ހަވާތިފް” އަކީ ސިހުރުގެ ބާވަތަކަށް ކިޔާ ނަމެކެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (55)

  1. Hoody

    Hahh… finally season 2 up kurevijje 🙂 ummedhu kuran kamudhaane kamah…
    and season 1 up kurihen komme dhuvahaku up nukurevidhaane ingey… sorry for that….

  2. Crazi

    Vrh shalhi ehgey….wil wait for next part…

  3. aliii

    Salhi hoody.
    Nxt part ves avahah up kohdhehchet

  4. Sham

    Vv ryti keeping up hoady

  5. Sham

    Vv ryti keeping up hoody

  6. faai

    V v salhi,, awahah up kohdhehchey

  7. juma

    Wow hoody.. ur awesome.. love this story.. nice surprise.. 😉

  8. Someone

    I’ve been waiting for this..thnkx hoody.. Ur the best 🙂

  9. Nabhaan

    thnkx buddy…vrh salhi ingey…nxt part ah inthizaaru kuarn 🙂

  10. sul

    hoodh u r the best

  11. nihaa

    Habeys hama…. Waitinggggg:)

  12. Shaamin

    Salhi hoody…. Knirakun nxt…..

  13. Anil

    Keehve knme dhuhuku up nukurevenyy…. Anyways vr salhi…. 🙂

  14. lim

    yaeesh kobaa tha ? season 2 ga yaeesh noolhenyytha ? btw … mi part vess v v v v v v v v v salhi .. best of luck hoody … love it …. ♡ ❤

  15. Hoody

    Thnkx all… 🙂
    To Anil, season 1 kmme dhuvahaku up kohdhinee e dhuvas kolhu ekkoh free vee ma… mihaaru school feshijje ehnu… ehnve varah busy vaane…. But I’ll try avahah Up kohdheveythoa….
    To Lim, Adhi yaeesh annaane… e hisaabah adhi nuhdvenee… 🙂 mi story ga yaeesh noolhenyaa mulhin sakaraai vaane ehnu dhw… 😉

  16. naj

    Love it ….maasha Allah hoody

  17. Zaahee

    Nice hoody…. avahah up kohdhehchey….. its good…. mi rogun hoody ah kuri ah dheviidhaane.. Zaahee akee ves dhagatha publishurs ge faraathun teenage stories liyaa kujjeh

  18. Zaahee

    ummm… hoody…. are you a teacher or a student???? school feshuneema ey buneema….

  19. Hoody

    Thnkx naj and zaahee…. 🙂
    ehntha zaahee 🙂 You know wht, Alhugandu zaahee ge varah gina stories kiyan… varah creative ideas thakeh hunnanee stories thakuga….. 🙂

  20. Hoody

    Im a student zaahee….. 🙂

  21. Crazi

    Asluves student ehtha veh shalhi…

  22. Hoody

    yeah crazi…

  23. Tigrious

    Hoody Please Avahah Up Koh Dhehchay … Hoody Varuge Liyun Theriyey Neh … Mi Lart Varah Rythi … Kiyaa Hithun Moya Vany … Assu Kihineh Vaahaka Liyan Idea Hoadhany ???

  24. Hoody

    hehe thnkx Tigrious…. E dhn vaahaka liyanfesheema mind ah annaane autometic koh eki hiyaaluthah…. dhn hama liyaanee…. Its pretty easy… anyone can be a writer…. beynunvanee shauguverikan….. 😉

  25. neem

    Its awesome..
    V v v reeethiii
    Hoody vareh nethen !!!

  26. lam

    ..Hoody keep it up …
    …. yaeesh netheema v falhu story…ekamvxxx hama v. habeyxxx

  27. Aleena

    Oh v v v v v salhi mi part ingey….hoody ur the best….ma sha ALLAH….hope kuran season 1 ahvurevs 2 salhi vaane kamah….gud luck

  28. naxhaa

    Vaahaka varaReethi.waitingnext part..gud luck hoody

  29. swyty girl..

    Wow wow wow… Vvvv. Ree thi…… Waiting 4 next part.. Vvvvv ufaavwje

  30. Demon

    wow the best story that i have read on esfiya.com shocking story, keep it up hoody…….

  31. Shally

    Hoody ur the best keep it up

  32. niyasa

    Varah reethi mi baives anvahah up konladhenchey

  33. sif

    finally miadhu up o. … love it . kyp it up. hoodhy

  34. inaayaa

    hoody haadha rangalhey varah salhi mivaahaka,

  35. Shif

    . Vara reeth.

  36. yash

    Wow varah salhi mibaives thanks vahaka up kodhinima

  37. nishy

    Vvvvv reeethi… ur My favourite writer …hama surprise eh libuneee

  38. naj

    which grade r u hoody?

  39. Mixna

    I think hoody is in grade 12 …. Right hoody… Anyways story is awsme…. 🙂

  40. Hoody

    Thnkx all….
    Im in grade 12… you are right mixna.. 🙂

  41. Zaahee

    thankx hoody…. ekamaku “alhugandu” mi bas beynun nukurey Zaa aai vaahaka dhakaa iru…. hoodh ah enme reathi kaakuge vaahakathakeh? adhi enme ginain kiyanee kaakuge vaahaka thakeh.

  42. Zaahee

    hoody i thought your a teacher

  43. Hoody

    Wlcome Zaa… 🙂
    Hoody ge favrt writer akee Bimmaa Ibrahim waheedh… emme ginain kiyenee vex bimmaa ge stories…. Zaa ge stories vex kiyan varah ginain… but zaa hamaekani publish kuranee book gothah dhw… ehnve ehaa ginain nukiyenee…. Internet ah Upload koffa hunna nama ginain kiyeyne…. 🙂

  44. shiaa

    finally season 2 kiyaalan libuny dhw . vvvvv salhi ingey mi part hoody . vvv salhi 🙂 🙂 🙂

  45. butterfly

    Hoody nice ingey story finally season 2 kiyan libuny thanks n zaa he story eh adhi nukiyey zaage story thakuge name buneladhy bala plx

  46. butterfly

    Hoody nice ingey story finally season 2 kiyan libuny thanks n zaa ge story eh adhi nukiyey zaage story thakuge name buneladhy bala plx

  47. Mixna

    Jaadhooge baaruthah and kandun eri vigani is stories of zaahee right….

  48. Zaahee

    furusarheh noave… really i am too buxy… ehen noon nama kureveyne

  49. NOON

    WOW VVVV SALHI MI STORY HOODYYYY!!!OMG I LOVE IT!!

  50. Aarsh

    So beautiful story
    Keep it up hoody !!!!!
    – ALL THE BEST-

  51. UMMU

    KOBAA SEASON ONE… KIYAN BAYNUN

  52. Ithalhey

    vvvvvvv loabi…… keep it up

  53. aisha

    knirakuntha dhn oyy bai upload kuraany..mi vaahaka kiyaalaahithun keyy madhuvefa.hoody ge vaahakathah v v v reethi.biruveri story eh v ma vakin reethi.plx varah avahah upload kolla dhehchey :] and gd luck with your studies :]

  54. xil

    meeee varah molhu vaahaka eh kuri ah gendhey rangalhu

  55. ANONYMOUS

    KOBA THA KALHU FINIFENMAA GE NEXT EPISODE.. E NUNIMMA EHNU NEXT SEASON THI FESHY???

Comments are closed.