މި ހިތުން މަޤާމޭ މި ދެނީ 22 (ފަހުބައި)
“ޒިއާމް… ދެން ކިހިނެއް ވާނީ؟” މައިރާއަށް އަހާލެވުނެވެ.
“މިހާރު އޭގެ ފަހުން ހަ އަހަރު ވީ. އެއްވެސް ހަބަރެއް ނުވެ، އަހަރުމެން އެންމެންވެސް ހީކުރީ އައިދަން… ހިތަށްވެސް ނާރާ ގޮތަކަށް މިވީ” ޒިއާމްވެސް އެކަމާ ވިސްނާލިއެވެ.
“މައި… ކޮން އިރަކު އެނގުނީ؟ ކީއްވެ ނުބުނީ؟” މައިރާގެ ކޮނޑުގައި ހިފާ ކައިރިކޮށްލަމުން ޒިއާމް އެހިއެވެ.
“ޒިއާމް ފުރި ދުވަހުގެ ކުރީ ދުވަހު ޔަގީން ވީ. އެ ދުވަހު ޒިއާމް ގެއަށް އައީމަ ބުނަން ހުރީ. އެކަމަކު… ގެއަށް އައި ގޮތަށް ޒިއާމް ހުރީ ވަރަށް ކަންބޮޑުވެ ހާސްވެފަ، އަހަންނާ ވަރަށް ދުރުދުރުން އުޅުނީ. އެހެންވެ ނުބުނެވުނީ. އަނެއް ދުވަހު ޒިއާމް ފުރީ. ހިތަށް އެރީ ޒިއާމް އައީމައޭ ދެން ބުނާނީ. ހިތަށްވެސް ނާރާ ޒިއާމް ދިޔައީ މިހެން ވެގެން ކަމަކަށް” އެހެން ބުނި އިރު އެ ދުވަހުގެ ހަނދާންތައް މައިރާގެ ހިތުގައި ވިއެވެ.
“އޮފީހުގަ އިންދާ އައިދަން ގުޅީ. އަޑު އިވުނީމަ ވަގުތުން އެނގިއްޖެ އައިދަން ކަން. އެކަކު ކައިރީވެސް ނުބުނެވުނީ… އައިމް ސޯ ސޮރީ… ގެއަށް އައިސް އެންމެންނާ ވާހަކަ ދައްކަން ޖެހޭ ކަން ގަބޫލު ކުރަން، ބަޓް އައި ވޯޒް ޝޮކްޑް، ހަދަން ވީ ގޮތެއް ނުވިސްނުނީ. އޭރު ހިތަށް އެރީ އެކަކު ކައިރީވެސް ނުބުނެ އައިދަން ގޮވައިގެން އަންނަން” ލޯ މަރާލަމުން ޒިއާމް އެހެން ބުނި އިރު، ކަންތައް ކުރެވުނީ ރަނގަޅަށް ނޫން ކަމުގައި ހިތާ ސިކުނޑިވެސް އެއްބަސްވިއެވެ.
“މަންމަމެން…؟ އެ މީހުން ކޮބާ؟ އެންމެން އޯކޭތަ؟ އަޒްމެންނަށް އެނގިއްޖެތަ؟” މައިރާގެ ހިތުގައި އެ މީހުންނާމެދު ކަންބޮޑުވުން ވިއެވެ.
“އެންމެންނަށް އެނގޭ. އެ މީހުން އޯކޭ. އަޒްމަން އެބަ ހުރި އެތާ. ތިރިއަށް ދާން ވީނު؟” ޒިއާމްވެސް ތެދުވިއެވެ.
އެރޭ ވަރަށް ދަން ވަންދެން އެންމެން ހޭލާ ތިއްބެވެ. ހުރިހާ ވާހަކައެއް އައިދަން އާއިލާއަށް ކިޔާދިނެވެ. ޖީހާންގެ ވާހަކަ ބުނެ، ވީހާވެސް އަވަހަކަށް ޖީހާން ބަލާ ދާން ބޭނުން ކަމަށް ބުނުމުން ހާފިޒްއާ ރައިހާނާ އެދުނީ އެ ދެމީހުންވެސް އައިދަންއާ އެކު ދިޔުމަށެވެ. މައިރާ ބަލިވެ އިންކަންވެސް އެރޭ ޒިއާމްއާ މައިރާ އެންމެންނާ ހިއްސާ ކުރިއެވެ. އެއާއެކު އެންމެން އެ ދެމަފިރިންނަށް ތަހުނިޔާ ކިޔެވެ.
އަނެއް ދުވަހު އައިދަން ޒިއާމްގެ ފަރާތުން އެދުނީ މައިރާއާ ވާހަކަ ދައްކާލުމަށެވެ. ޒިއާމް ދެކޮޅެއް ނުހަދައެވެ. ހެނދުނު ސަޔަށް ފަހު ނުވައެއް ޖަހަން އުޅެނިކޮށް އައިދަން އައިސް ބެލް ޖަހާލުމުން އެތެރެއަށް ވަންނަން ބުނެފައި މައިރާ ކައިރީ ރަޒާނާމެން ކައިރީ މަޑުކޮށްލާނެ ކަމަށް ބުނެފައި ޒިއާމް ދިޔައެވެ.
ސޯފާގައި އައިދަން އިށީނުމުން މައިރާ އިށީނީ ކާމޭޒު ދޮށުން ގޮނޑިއެއްގައެވެ. ފައިގައި އުޅަނބޮށި ޖައްސައިގެން ދެ އަތްތިލަ ގުޅުވާލައިގެން އެ އަތަށް ބަލަން އައިދަން އިން އިރު މައިރާ އިނީ އުނގަށް ދެއަތް ލައިގެންނެވެ.
“ކޮފީއެއް ހަދަންތަ؟” އައިދަން ވާހަކަ ނުދައްކާ އިނުމުން އުނދަގޫ ވެގެން މައިރާ އަހާލިއެވެ.
“ސައި ބުއިތާ އަދި ނުވޭ ގިނަ އިރެއް، އެކަމަކުވެސް މައި އަތުން ކޮފީއެއް ބޯލަފާނަން” އައިދަން ބުންޏެވެ.
މައިރާ ތެދުވެގެން ގޮސް ކޮފީއެއް ގިރައިގެން ފެންތައްޓަކާ އެކު ތަބަކަކަށް ލައިގެން އައިސް ސޯފާ ކުރިމަތީ ހުރި ކުޑަ މޭޒުމަތީ ބެހެއްޓިއެވެ.
“މައި، އައި އެމް ސޮރީ!” މައިރާ އިށީނުމުން އައިދަން ބުނެލިއެވެ.
އައިދަންގެ އަޑު އިވުނު ނަމަވެސް މައިރާ އިން ގޮތަށް އިނީއެވެ.
“މައި… އަހަރެން ގަސްތުގަ އެއްވެސް ކަމެއް ނުކުރަން. މައި ދެރަވާ ކަހަލަ ކަމެއް ކުރުން އެއީ ދުވަހަކުވެސް ހިތަށްވެސް އެރި ގޮތެއް ނޫން. އެކަމަކު އަހަރެންގެ ސަބަބުން މައިއަށް ވަރަށް ހިތްދަތިކަން ދެވުނު. ޖީހާންއާ އިނީ އެއްވެސް ކަމެއް ނޭނގި ހުރެ. ހުރިހާ ކަމެއް ހަނދާން ވީމަ އަހަރެން… ހިތަށް އެރީ މައި ބޭނުން ގޮތެއް ހަދަން. އެކަމަކު…” އެ ވަރަށް ބުނެފައި އައިދަން ހިމޭންވިއެވެ.
“ޔޫން… ޔޫން… އަހަރެން…” ޔޫންގެ ވާހަކަ ދައްކަން ފަށާފައިވެސް އައިދަންއަކަށް ކުރިއަކަށް ނުދެވުނެވެ.
“އެއްވެސް ކަމެއްގަ އައިދަންގެ ކުށެއް ނެތް. އެކަކުވެސް ހިއެއް ނުކުރާނެ އެ ކަހަލަ ގޮތަކަށް ކަންތައް ވެދާނެ ކަމަކަށް. ހުރިހާ ކަމެއްވެސް ވީ އެކަމެއް ވާން އިރާދަ ކުރައްވާފައި އޮތް ގޮތަށް. މީހަކު ކިތަންމެ ބޭނުން ވިޔަސް އެހެން ގޮތަކަށް ކަންތަކެއް ނުވާނެ” މައިރާ ބުންޏެވެ.
“ޒެޑް… އެ ހުރިހާ ދުވަހު އޭނަ ލޯބި ވީ މައި ދެކެ. އަހަންނަށް އެނގުނު ނަމަ… ހިތަށްވެސް ނާރާ ޒެޑްގެ ހިތަށް އެ އަނިޔާ ދެވުނީ އަހަންނަށޭ. އެއްފަހަރުވެސް އެއީ މައިއަށް ވެދާނެއެކޭ ހިތަކަށް ނާރާ” އައިދަންއަށް އަދިވެސް އެކަން ގަބޫލު ކުރަން އުނދަގޫ ވަނީއެވެ.
“އޭނަ ވަރަށް މަސައްކަތް ކުރި ސިއްރު ކުރަން” އެހެން ބުނި އިރު ޒިއާމް ހިތުގައި އޮތް އެއްޗެއް ހާމަ ކުރި ދުވަހުގެ ހަނދާން މައިރާގެ ހިތރުގައި ވިއެވެ.
“ވަރަށް އުފާ ވެއްޖެ ޒެޑްއަށް އޭނަގެ ލޯބި ކާމިޔާބު ވީމަ. އަބަދުވެސް ދުއާ ކުރިން އެހެން ވޭތޯ. އެއްފަހަރުވެސް ހިތަކަށް ނާރާ މި އެދެވެނީ އެހެން މީހަކަށް އަހަރެންގެ ވައިފް ލިބޭތޯ ކަމެއް. އެކަމަކު އެ ދުއާ އިޖާބަ ކުރައްވައިފި. މިއަދު ވަރަށް އުފާވޭ ޒެޑް އުފަލުން ހުރީތީ. އެންޑް އައި ނޯ… ޔޫ ލަވް ހިމް ޓޫ” އައިދަން އެހެން ބުނެލި އިރު ހީވީ އެކަން ޔަގީން ކުރަން ބޭނުންވެފައި ސުވާލުކޮށްލި ހެންނެވެ.
“އޭރު ހިއެއް ނުކުރަން މިހެން ވެދާނެ ކަމަކަށް. އެހެން މީހަކާ ގުޅުމުގެ ހިޔާލެއްވެސް ނުކުރެވޭ. އެކަމަކު… އައިދަން، ޒިއާމް އަހަރެން ދެކެ ލޯބި ވާކަން އަހަންނަށް ވަރަށް ކުރިން އެނގިއްޖެ. އަހަންނާ އައިދަން އިން ރޭ. އެކަމަކު އަހަރެން އެނެމްނެނަށް ސިއްރު ކުރީ. ޒިއާމް ކައިރީވެސް ބުނީ އަހަރުމެން މެރީ ކުރަން ނިންމި ރޭ. އޭގެ ފަހުން ގިނަ ދުވަހަކު ނުތިބެން. ކުރިން ޒިއާމް ވަރަށް މަސައްކަތް ކުރި އަހަންނާ ދުރުގަ ހުންނަން. އޭނަ އަބަދުވެސް ދެކުނީ އަހަންނަކީ އައިދަންގެ ހައްގެއްގެ ގޮތުގަ. އަހަންނަށް ޒިއާމް ދެކެ ލޯބި ވެވުނީ އޭނަގެ ހިތް އެނގި ހުރެ، އޭނަ އެއްބަސް ކުރުވަން ވަރަށް މަސައްކަތް ކުރިން. އައި ލަވް ހިމް އައިދަން. ދެން ބޭނުމެއް ނޫން ޒިއާމްއާ ވަކި ވާކަށް” ވީ ގޮތް ވީހާވެސް ކުރުކޮށް ކިޔާދީފައި މައިރާ އެދޭ ގޮތް އައިދަން ކުރިމަތީ މައިރާ ހާމަކުރިއެވެ.
“އަހަރެން ނުބުނަން ޒެޑްއާ މައި ވަކި ވާކަށް. އަހަރެންގެ ސަބަބުން ޒެޑްއަށް ދެރައެއް ލިބުން ދުވަހަކުވެސް ނޭދެން. ހާލަތު މިވަނީ ބަދަލު ވެފަ. މައިއަށް ޒެޑް ދެކެ ލޯބި ވެވުނުހެން އަހަންނަށްވެސް ޖީ ދެކެ ލޯބި ވެވުނީ. އޭނައާ ވަކި ވާކަށް ނޭދެން. ހަ އަހަރު ވީ އިރު އަހަރެންގެ ހިތުން މައިއަށް ދެވުނު މަގާމު މިއަދު ދެވިފަ އޮތީ ޖީއަށް. ޖީއާ ގުޅުނީ އެއްވެސް ކަމެއް ނޭނގި ހުރެ. އެހެން ވިޔަސް ހުރިހާ ކަމެއް ހަނދާން ވީމަ އޭނައަށް ކިޔާދިނިން. މައި ބޭނުންވާ ގޮތަކަށް ކަންތައް ކޮށްދޭން ޖީވެސް އެދުނީ. އެކަމަކު ހުރިހާ ކަމެއް މިއޮތީ ކުރިން ހަމަޖެހިފަ. އެކަމަކުވެސް އަހަރެން ބޭނުން އެއްވެސް އޮޅުމެއް ނާރާ ވަރަށް ސާފު ކުރަން” އައިދަން އެދުނީ މައިރާ އެދޭ ގޮތް ސާފުކޮށް ބުނުމެވެ.
“އަހަރެން ލޯބި ވަނީ ޒިއާމް ދެކެ. އެއީ އަހަރެންގެ ފިރިމީހާ. އަހަރެންގެ ބަނޑުގަ މި އޮތީ ޒިއާމްގެ ބޭބީއެއް. އޭނައާ ވަކިވާކަށް ދެން އެއްގޮތަކަށްވެސް ބޭނުމެއް ނޫން” މައިރާ ބުންޏެވެ.
އައިދަން ބޯ ޖަހާލިއެވެ. ދެންވެސް ދެ މީހުންގެ މެދުގައި ދިޔައީ ހިމޭން ވަގުތުކޮޅެކެވެ.
“މިހެން އޯކްވާރޑް ވެފަތަ ދެން އަހަރުމެން ތިބޭނީ؟ ވެދިޔަ ކަންތައް ޕާސްޓްއަށް ދޫކޮށްލާފަ ކާންޓް ވީ ބީ ފްރެންޑްސް؟” ބޯ ކަހާލަމުން އައިދަން އަހާލިއެވެ.
“ދެޓް ވުޑް ބީ ގްރޭޓް!” ހީލަމުން މައިރާ ބުނެލިއެވެ.
އައިދަން ކޮފީތަށި ނަގާ އެއްނޭވާއިން ހުސްކޮށްލިއެވެ.
“ކޮން އިރަކުން ޖީހާން ބަލާ ދަނީ؟” މައިރާ އަހާލިއެވެ.
“ވީހާވެސް އަވަހަކަށް. އައި ކާންޓް ވެއިޓް” ޖީހާންގެ ހަނދާން ވުމުން އައިދަންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
“ޝީ އިޒް ލަކީ. އައިދަން ވަރަށް ލޯބިވޭ ދޯ؟” މައިރާ އަހާލިއެވެ.
“އާނ، އެ ހުރިހާ ކަމަކަށް ފަހު އަހަންނަށް އަލުން ދިރިއުޅެން ދަސްކޮށްދިނީ ޖީހާން. އޭނަ ނެތް ނަމަ އެ ކަންތައްތަކަށް ކެތް ކުރާނެ ހިތްވަރެއް ނުލިބުނީސް ކަންނޭނގެ” އައިދަންގެ ޙާލު އެންމެ ދެރަ ދުވަސްތަކުގައި ޖީހާންގެ ފަރާތުން ލިބުނު އަޅާލުމާ އެހީތެރިކަން އައިދަން ހަނދާންވިއެވެ. ހިތް އެދުނީ އެ ވަގުތުވެސް ދެއަތުގެ ތެރެއަށް ޖީހާން ގެނެސް މޭގައި ޖައްސާލުމަށެވެ.
“އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް ޖިހާން ކައިރިއަށް ދެވޭނެ. ޖީހާންއާ ބައްދަލުވެ ވާހަކަ ދައްކާލާ ހިތް ވަރަށް ވޭ” ހިނިތުންވުމަކާ އެކު މައިރާ ބުނެލިއެވެ.
“ދެން ޒެޑްއަށް ގުޅަން ވީނު؟ މިހާރު ނޭނގޭ ކީކޭ ހިތަށް އަރާފަ ކަމެއްވެސް ހުންނާނީ” އައިދަން ބުނެލީ ސަމާސާ ގޮތަކަށެވެ.
“އެކަހަލަ މީހެއް ނޫން އެއީ” ފޯން ނަގާ ޒިއާމްގެ ނަމްބަރަށް ގުޅާލި އިރު މައިރާގެ ތުންފަތުގައިވެސް ހިނިތުންވުމެއް ވިއެވެ.
ހުރިހާ ކަމެއް ހަމަޖެހި އައިދަންއަށް ޖީހާން ބަލާ ދެވޭ ވަރުވީ އިރު ދެމަސް ވެއްޖެއެވެ. ކޮންމެ ދުވަހަކު ފޯނުން ވާހަކަ ދެއްކި ނަމަވެސް އޭރު އައިދަން ހުރީ ޖީހާން ދެކޭ ހިތުން ކެތްމަދުވެފައެވެ. ގެޔަށް އާދެވުނު އިރު ޖީހާން ހުރީ ދޮރުމަތީއެވެ. އައިދަން ފެނުމާއެކު ދުވެފައި އައިސް އައިދަން ގައިގައި ބައްދާލި އިރު ޖީހާންއަށް ހުރީ ރޮވިފައެވެ. ހަމަ އެއާއެކު ޖީހާންގެ ބޮޑުވާން ފަށާފައިވާ ބަނޑު ފެނިފައި އައިދަންއަށް ލިބުނީ އުފާވެރި ސަޕްރައިޒްއެކެވެ.
ހަ މަސް ފަސް….
ވިއްސާ ކޮޓަރީގެ ކުރިމަތީ ހުރި ގޮނޑިތަކުގައި ހާފިޒްއާ ރައިހާނާއާ ރަޒާނާ އަދި ޒިއާމްއާ މައިރާ ތިއްބެވެ. އެންމެން ތިބީ އެތެރެއަށް ވަދެވެން ހުރި ބޮޑު ދޮރާ ދިމާއަށް ބަލާށެވެ. އޭރު އެމީހުން އެތާ ތިބޭތާ ހަތަރު ގަޑިއިރު ވެއްޖެއެވެ.
ދޮރު ހުޅުވާލި އަޑާއެކު އެންމެ ކުރިން ތެދުވީ ރައިހާނާއެވެ.
ނަރުސް ކުއްޖަކު ނިކުމެ ޖީހާން ވިހޭ ވާހަކަ ބުނުމާއެކު އެންމެން އެއްފަހަރާ ތެދުވިއެވެ.
“ޖީހާން ކިހިނެއް؟” ރައިހާނާ އަހާލިއެވެ.
“ދެމައިންވެސް ރަނގަޅު. އިރުކޮޅަކުން ބޭބީ ފެންނާނެ” ހިނިތުންވެލަމުން ނަރުސް ކުއްޖާ އަނެއްކާވެސް އެތެރެއަށް ވަނެވެ.
ދިހަ ވަރަކަށް މިނަޓް ފަހުން އަނެއްކާވެސް ދޮރު ހުޅުވާލިއެވެ. އާރާއާ އެކު ނިކުތް އައިދަންގެ އަތުގައި، ނޫ ކުލައިގެ ރަޖަލަކަށް ލާ ފޮރުވާލާފައި އޮތީ އައިދަންއާ ޖީހާންގެ ފުރަތަމަ ދަރިފުޅެވެ.
އެންމެ ފުރަތަމަ ބޭބީ އުރާލީ ރައިހާނާއެވެ. އެއަށް ފަހު ރަޒާނާއެވެ.
“މަންމާ، އަޅުގަނޑު އުރާލަން ދީބަލަ” މައިރާ ބުންޏެވެ.
“އާނ، މައިރާވެސް އުރާލާ” ރަޒާނާ ހިނި އައިސްފައި މައިރާގެ އަތަށް އައިދަންގެ ދަރިފުޅު ލައިދިނެވެ.
ރަޖާ އެއްފަރާތް ކޮށްލާފައި މައިރާއާ ޒިއާމް އެ ތުއްތު މޫނަށް ބަލާލިއެވެ. ޖީހާންގެ ހުންނަ ފަދަ ހުދުހުދު ދޮންކަމެއް ލިބިފައިވި އެ ތުއްތު ފިރިހެން ކުއްޖާގެ މޫނު ފެނުމުން މައިރާއަށް ރޮވުނީއެވެ. އެ ތުއްތު މޫނަށް ބަލަން ހުރެފައި މައިރާ ޒިއާމްއަށް ބަލާލިއެވެ.
“ޒިއާމް…” މައިރާ ގޮވާލިއެވެ.
“އައި ނޯ…” އައިދަންގެ ދަރިފުޅުގެ މޫނުގައި އިނގިލި ޖައްސާލަމުން ޒިއާމް ބޯ ޖަހާލީ މައިރާގެ ހިތުގައި ވީ އެއްޗެއް އެނގިގެންނެވެ.
“ކިހިނެއް ވީ؟” އައިދަން އަހާލީ މައިރާ ރޯތީ ކަންބޮޑުވެގެންނެވެ.
“ޔޫން…” މައިރާއަށް ބުނެވުނީ އެ ވަރަށެވެ.
“އައިދަން… މީ ހަމަ ޔޫންގެ ކޮޕީއެއް. އެއްވެސް ތަފާތެއް ނެތް” ޒިއާމް ބުންޏެވެ. އެ ދުވަހު އެންމެ ފަހު ފަހަރަށް ތުއްތު ޔޫން އުރާލައިގެން ހުރި އިރު ޒިއާމް އެ ސިފަތައް ހިތުގައި ކުރަހާލާފައިވާ ކަހަލައެވެ. އެ ދުވަހުގެ ހަނދާން ވުމުން ޒިއާމްގެ ލޯވެސް ފުރިގެން އައެވެ.
“އަހަންނަށް އެ ދަރިފުޅުގެ މޫނުވެސް ނުފެނުނު…” ދަރިފުޅުގެ މޫނަށް ބަލަން ހުރި އައިދަންގެ ލޯ ފެންކަޅިވިއެވެ.
“އައިދަން، މީ ހަމަ އެ މޫނު، އެ ސޫރަ، ޖީގެ ދޮންކަން ފިޔަވާ އެއްވެސް ތަފާތެއް ނެތް. ޔޫންގެ ސިފަ އައިދަންއަށް ފެންނަން ހުރިތީ ކަންނޭނގެ މި ބޭބީ ޔޫންއާ އެހާ ވައްތަރުވީ” އައިދަންގެ ކޮނޑުގައި ހިފާލަމުން ޒިއާމް ބުންޏެވެ.
“އައިދަން، މިއަދު މީ ރޯންވީ ދުވަހެއް ނޫނެއްނު؟ މި ދަރިފުޅަށް ޓަކާ އުފާ ކުރަން ވީ ދުވަސް މީ. ޔޫންގެ ހަނދާން ދުވަހަކުވެސް އަހަރުމެންގެ ހިތަކުން ނުފިލާނެ. އެކަމަކު އެ ކުއްޖާއަށް ޓަކާ ނިންމަވާފައި އޮތީ އެ ގޮތް ކަމަށް ވާތީ އޭރު އެހެން އެވީ. ދެރަ ނުވޭ ދަރިފުޅާ” ރައިހާނާ އައިސް އައިދަންގެ ގައިގައި ފިރުމާލަމުން ހިތްވަރުދިނެވެ.
“ސޯ، ކޮންގްރެޓްސް ބްރަދަރ!” ޒިއާމް ހަމަ ޖެހިލަމުން އައިދަންގެ ކޮނޑުގައި ޖަހާލިއެވެ.
“ގިނަ ދުވަހެއް ނުވެ ޒިއާމްގެ ޓަރން އަންނާނެއެއްނު” ހީލަމުން އައިދަން މައިރާގެ އަތުން ދަރިފުޅު ނަގާ އެ ތުއްތު މޫނުގައި ބޮސްދިނެވެ.
“އިންޝާﷲ، ސޫން” މައިރާގެ އުނަގަނޑުގައި ހިފާ ޒިއާމް ގަޔާ ކައިރިކޮށްލިއެވެ.
ހަފްތާއެއް ފަހެވެ. ޖީހާންއާ އައިދަންގެ ދަރިފުޅަށް ނަން ކިޔުމުގެ ކަންތަކުގައި އެންމެންވެސް ވަރަށް ބުރަކޮށް އުޅެފައި ހަމަ ޖެހިލެވުނީ މަޣްރިބް ނަމާދުގެ ފަހުންނެވެ. އައިދަންއާ ޒިއާމް އަދި ހާފިޒް މިސްކިތުން އައި އިރު ހުރިހާ އަންހެނުން ސިޓިންގް ރޫމްގައި ތިއްބެވެ. ޙަސަން އަހްޔަން އައިދަންގެ ނަމުން ނަން ކިޔުނު ދަރިފުޅު އުނގަށް ލައިގެން ރައިހާނާ އިނެވެ. ރައިހާނާގެ ދެ ފަރާތުގައި މައިރާއާ ޖީހާން ތިއްބެވެ. ހާފިޒް ދިޔަ ގޮތަށް ގޮސް ރައިހާނާގެ އަތުގައި އޮތް އަހްޔަން އުރާލިއެވެ.
ގެޔަށް ވަނުމާއެކު އައިދަން ކޮންމެވެސް އެއްޗެއް ބުނެ ޒިއާމްއާ ދިމާކޮށްލިއެވެ. އެއާއެކު އެކަކު އަނެކަކުގެ ގައިގައި ދެ މީހުންވެސް ޖަހާލިއެވެ.
“އެކަކު ބައްޕައަކަށްވެ، އަނެކަކުގެ އަންހެނުން ވިހަން ކައިރިވެފައި އިން އިރުވެސް މި މީހުންގެ މި ސަކަރާތެއް އަދިވެސް ހުއްޓޭކަށް ނޫޅޭ ދޯ ދޮންތާ؟” އައިދަންއާ ޒިއާމް އުޅުނު ގޮތުން ހިނިއައިސްފައި ރަޒާނާ ބުނެލިއެވެ.
“އަޅުގަނޑެއް ނޫން، މި އައިދަން އަބަދު އެހެން އުޅެނީ” ޒިއާމް ބުނެލިއެވެ.
“އާނ، ޒެޑްއަކަށް ނުވެސް އެނގޭނެ” އައިދަން ބުނެލިއެވެ.
އެ ވަގުތު އެ ބަޔަށް އައިސް ވަން އަޒްހާއާ އާލިޔާގެ އަތުގައި ޒިއާމްއާ އައިދަން ހިފާ ގޭތެރޭގައި ނަށަން ފެށިއެވެ. އުލްވާއާ ޝުއާއާ ޝައިމްވެސް ސަކަރާތް ޖަހާ އަޑު ގަދަ ކުރަން ފެށިއެވެ. ހަމްދޫންއާ ނާހިލްގެ އަތުގައި ތިބި ޝިޔާއާ އިޒާން އައިސް ރައިހާނާއާ ރަޒާނާގެ އުނގަށް އެރިއެވެ. އެ މީހުންގެ ސަކަރާތް ބަލަން ހިނި އައިސްފައި އެންމެން ތިއްބެވެ.
ފެން ވަރައިގެން ނިކުތް މައިރާ އެނދުގައި އިށީނދެ އުނަގަނޑު މަތީ ފިރުމާލީ އެ ހިސާބުގައި ދެ ތިން ދުވަސް ވަންދެން ހުރި ރިހުން އެ ދުވަހު ގަދަވެފައި ހުރީތީއެވެ. ަހާލިއެވެ. ުގައި ރިހުމެއް ހުރީތީއެވެ. ާ ގޭތެރޭގައި ނަށަން ފެށިއެވެ. ންބޮޑުވުމާއެކު ބިރެއް
“ރިއްސަނީތަ؟” ބޯ ހިއްކަން ހުރި ޒިއާމް އަހާލިއެވެ.
“އާނ، މިއަދު މާ ތަދުވާ ހެން ހީވަނީ” މައިރާ ބުންޏެވެ.
ޒިއާމް އައިސް ކައިރީ އިށީނދެ މަޑުމަޑުން މައިރާގެ އުނަގަނޑު މޮޑެދޭން ފެށިއެވެ. ލައިގެން އިން ދިގު ޓީޝާޓު ހިއްލާލާފައި މައިރާ އެނދުގައި އަރިއަކަށް އޮށޯތެވެ. ދެންވެސް ޒިއާމް މައިރާގެ އުނަގަނޑު މޮޑެމުން ދިޔައެވެ.
“ދެން އޯކޭ” އިރުކޮޅަކުން މައިރާ ބުނެލިއެވެ. އަދި އެނބުރި ޒިއާމްގެ ގައިގައި ބައްދާލިއެވެ. ބަހެއް ބުނުމެއް ނެތި ދެ މީހުންގެވެސް ހަރަކާތް އަވަސް ވެގެން ދިޔައެވެ. ކުއްލިއަކަށް ދަރިފުޅު މާ ބާރަށް ތޮޅިލުމާއެކު މައިރާއަށް ބަނޑުގައި އަތް ޖައްސާލެވުނެވެ.
“އޯކޭތަ؟” ދުރަށް ޖެހިލަމުން ޒިއާމް އަހާލިއެވެ.
ބޯ ޖަހާލަމުން މައިރާ ދެ އަތުން ޒިއާމްގެ މޫނުގައި ހިފާ ކައިރިކޮށްލަމުން އެ ތުންފަތުގައި ބޮސްދިނެވެ. މައިރާއާ މެދު ކަންބޮޑުވެފައި ވާތީ ޒިއާމްގެ ހަރަކާތް ހުރީ ލަސްކޮށެވެ. ނަމަވެސް އެ ގޮތެއް މައިރާއަކަށް ކަމަކު ނުދިޔައެވެ.
މައިރާއަށް ހޭލެވުނީ އުނދަގޫ ވެގެންނެވެ. އޮވެވުނު ގޮތް ބަދަލު ކޮށްލަން ބޭނުން ވެ ޒިއާމްގެ އަތް ދުރަށް ޖައްސާލާ މައިރާ އެނބުރުނެވެ. އާދަޔާ ޚިލާފަށް ހޫނުވެ މައިރާ އޮތީ ދާވެސް ހިއްލާފައެވެ. ރިމޯޓް ނަގާ އޭސީގެ ޓެމްޕަރޭޗަރ ދަށް ކޮށްލިއެވެ. ދެންވެސް ފިންޏެއް ނުވިއެވެ. އުނަގަނޑުގައި ހުރި ތަދާ އެކު ދަށް ބަނޑަށް ވާން ވެފައި ހުރި ކަހަލަ އިހުސާސެއް ކުރެވުމުން އޮށޯވެގެން އޮންނަން އުނދަގޫ ވެގެން މައިރާ އެނދުން ފޭބިއެވެ.
“މައި…؟” އެ ވަގުތު ހޭލެވުނު ޒިއާމްވެސް އެނދުން ތެދުވެ ގޮވާލިއެވެ.
“ހޫނު ވަނީ. އަންނާނަން ފެން ވަރާލައިގެން” މައިރާ ބުންޏެވެ.
ޒިއާމް ކަންބޮޑުވިއެވެ. މައިރާގެ ފަހަތުން ޒިއާމްވެސް ފާހާނާއަށް ވަނެވެ. ޒިއާމްވެސް ފެންވަރައިގެން ނިކުތެވެ. އާދަޔާ ޚިލާފަށް ވަރުބަލި ވާހެން މައިރާއަށް ހީވިއެވެ. އެނދުގައި އިށީނދެގެން މައިރާ އިން ގޮތުން ޒިއާމް ހާސްވާން ފެށިއެވެ.
“ބަނޑުގަ ރިއްސަނީތަ؟” މައިރާގެ މޫނުގައި ދެ އަތުން ހިފާލަމުން ޒިއާމް ލޯތްބާއެކު އަހާލިއެވެ.
“ނޫން، އެކަމަކު މިރޭ މާ ބޮޑަށް އުނދަގޫ ވަނީ. ޒިއާމް، ހޮސްޕިޓަލަށް ދާންވީ ކަންނޭނގެ. މަންމައަށް ގޮވަން ވީނު؟” ކުރީ ފަހަރު ކަންތައް ވީ ގޮތުން ބިރުގަނެފައި އިނދެ މައިރާ ބުންޏެވެ.
“މި ގުޅަނީ” ޒިއާމް ވަގުތުން ފޯން ނަގާ ރަޒާނާއަށް ގުޅިއެވެ.
“މަންމަ އެބަ އާދޭ. އާރާއަށް ގުޅަންތަ؟ ނޫނީ ޒައިނާއަށް؟” ޒިއާމް އަވަސް ކޮށްލާފައި އެއްޗެހި ލުމަށް މައިރާއަށް އެހީވިއެވެ.
“ޒައިއަށް…” ލަސްލަހުން މައިރާ ބުންޏެވެ.
މައިރާގެ އެދުމަށް ލަސް ނުކޮށް ޒިއާމް ޒައިނާއަށްވެސް ގުޅިއެވެ.
ރަޒާނާއާ ޒިއާމް އަދި ރައިހާނާ، މައިރާ ގޮވައިގެން ހޮސްޕިޓަލަށް ދިޔަ އިރު އަޒްމަންއާ ޒައިނާ އެތަނުގައި ތިއްބެވެ. ގިނަ އިރެއް ނުވެ މުނާއާ ޝަފީއުއާ މިޝްޔާވެސް އައެވެ. ހާސްވެ ކަންބޮޑުވެފައި ހުރި ޒިއާމްއަށް އައިދަން އިރުއިރުކޮޅާ ގުޅައެވެ. ކަންބޮޑު ވާން ޖެހޭ ކަމެއް ނެތް ކަމަށް ބުނެ ޒިއާމްގެ ހިތްހަމަ ޖައްސައިދޭން އަޒްމަން މަސައްކަތް ކުރެއެވެ. ރައިހާނާއާ ރަޒާނާއާ މުނާ އަދި ޝަފީއުވެސް ހުރިހާ ކަމެއް ރަނގަޅުވާނެ ކަމުގައި ބުނެ ޒިއާމްއަށް ހިތްވަރު ދިނެވެ. އެހެން ނަމަވެސް ކުރިން ވެފައިވާ ކަންތަކާ މެދު މައިރާ ހާސްވެ ބިރުގަނެފައި ވާ ކަން އެނގޭތީ ޒިއާމްގެ ކަންބޮޑުވުމުގެ އަސްލަކީވެސް އެއެވެ.
މައިރާގެ ބަނޑުގައި ރިއްސަން ފެށީ އެރޭ ޢިޝާ ނަމާދުގެ ފަހުންނެވެ. ރިހުން ނަގާ ކޮންމެ ފަހަރަކު މައިރާއަށް ވާ ގޮތް ފެނި ކައިރީގައި ހުރި ޒިއާމްއަށް ރޮވެއެވެ. ހިތްވަރު ކުރުމަށް ބުނެ މައިރާގެ ގައިގައި ފިރުމަމުން ދާ އިރު ރޮވޭ ކަން ޒިއާމްއަށް އިހުސާސް ނުވާ ކަހަލައެވެ. އެ ފަދަ ކޮންމެ ވަގުތެއްގައި ޒިއާމްގެ ލޯ ފޮހެދެނީ މައިރާއެވެ. ފަސް ގަޑި އިރު އެ ވޭނުގައި އުޅުމަށް ފަހު އެރޭގެ އެއްގަޑި ފަންސާސް އަށެއްގައި މައިރާ ވިހެއީ ފިރިހެން ކުއްޖެކެވެ. އެ ހުރިހާ އިރުވެސް ނުރޮއެ އޮތް މައިރާ ރޯން ފެށީ ދަރިފުޅުގެ ރުއިމުގެ އަޑު އިވުމުންނެވެ. އެއްވެސް ކަމެއް ގޯސް ނުވާކަން މައިރާއަށް ޔަގީން ވީ އެ ތުއްތު ދަރިފުޅު ރޯލި އަޑު އިވުމުންނެވެ.
ހުދު ކުލައިގެ ރަޖަލަކަށް ލާފައި އޮތް ތުއްތު ދަރިފުޅު އުރާލައިގެން ޒިއާމް ބޭރަށް ނިކުތް އިރު މުނާއާ ޝަފީއުއާ މިޝްޔާއާ ރަޒާނާގެ އިތުރުން އާލިޔާއާ ހަމްދޫންއާ ހާފިޒްއާ އެކު އައިދަންވެސް ހުއްޓެވެ.
ޒިއާމްގެ އަތުން ދަރިފުޅު ނަގާ އުރާލީ ރަޒާނާއެވެ. އެއާއެކު ޒިއާމްއަށް ބަލާލެވުނީ އައިދަންއަށެވެ. މުޅި ދުވަހު ޒިއާމްގެ ހިތަށް ނުތަނަވަސްކަމާ ބިރުވެރިކަން ގެނުވި ޚިޔާލުތައް އައިދަންގެ ހިތުގައިވެސް ވިއެވެ. ޒިއާމް ބަލާލުމާއެކު އައިދަން އައިސް ޒިއާމްގެ ކޮނޑުގައި ހިފާ ކައިރި ކޮށްލަމުން ބައްދާލިއެވެ.
“ބޭބީ އިޒް އޯކޭ، އައިދަން، ބޭބީ އިޒް އޯކޭ” ޒިއާމްއަށް ބުނެވުނެވެ.
“އަލްޙަމްދުލިﷲ!” އައިދަންއަށް ބުނެވުނެވެ.
ދަރިފުޅާ މައިރާގެވެސް ޙާލު ރަނގަޅެވެ. އިތުރު އެއްވެސް މައްސަލައެއް ދިމާ ނުވާތީ އަނެއް ދުވަހު އިރު އޮއްސެން ވީ އިރަށް މައިރާއާ ދަރިފުޅުވެސް ދޫކޮށްލިއެވެ.
ހަފްތާއެއް ފަހުން އަނެއްކާވެސް އެގޭގައި އޮތީ ނަން ކިޔުމުގެ ހަފްލާއެކެވެ. މައިރާއާ ޒިއާމްގެ ދަރިފުޅަށް ކީ އަޙުމަދު ޔައިލް ޒިއާމްއެވެ. އެންމެންވެސް ބުނަނީ އެ ދަރިފުޅު ވައްތަރީ ޒިއާމްއާ ކަމުގައެވެ. އެތައް ދުވަހެއް ވަންދެން ދެކެމުން އައި ހުވަފެން ސީދާ ވުމުން ހެއްދެވި ފަރާތަށް ޝުކުރު ކުރާ ޙާލު ރަޒާނާ އިރުކޮޅަކަށްވެސް މާމަ ދަރިފުޅާ ދުރަށް ދާން ބޭނުމެއް ނުވެއެވެ. ރައިހާނާއާ ހާފިޒްވެސް ޒިއާމްއަކީ ދަރިއެއް ކަމުގައި ދުށް ގޮތަށް ޔައިލްވެސް ދުށީ ކާފަ ދަރިއެއް ގޮތުގައެވެ. އާލިޔާއާ އަޒްހާގެ ކުދިންނެކޭ، އަހްޔަންއެކޭ ޔައިލްއެކޭ އެއްވެސް ތަފާތެއް ނުކުރެއެވެ. ހަމަ އެހެން ރަޒާނާވެސް ޔައިލްއާ އެހެން ކުއްޖަކާ ތަފާތެއް ނުކުރެއެވެ. އެގޭގައި ތިބީ ރައިހާނާއާ ރަޒާނާއަށް މާމަ ކިޔާ، އަދި ހާފިޒްއަށް ކާފަ ކިޔާ ހަތް ކުދިންނެވެ.
މުނާއާ ޝަފީއު އަދި މިޝްޔާގެ ތުންފަތުންވެސް ހިނިތުންވުން ނުފިލައެވެ. ޝަފީއުއާ މުނާ އަތަށް ޔައިލް ލިބޭ އިރަށް އެމީހުން އަތުން ޔައިލް އަތުލައިގެން އުނގަށް ލައިގެން މިޝްޔާ އެ ތުއްތު މޫނަށް ބަލަން އެތައް އިރަކު އިނދެއެވެ. މައިރާ ވިހޭ ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް ހެނދުނު ހެނދުނާ މައިރާ ކައިރިއަށް އަންނަ ގޮތަށް އެ މީހުން ގެޔަށް ދަނީ އިރުއޮއްސޭ ފަހުންނެވެ. ޔައިލް އުރާލާ ކޮންމެ ފަހަރަކު އެ މުނާއާ ޝަފީއުގެ ހިތުގައި ޔޫންގެ ހަނދާން އާވެއެވެ. އެ ދަރިފުޅަށް ހެޔޮ ދުޢާ ކޮށްލުމާއެކު އެ މީހުންނަށް ޔައިލް ދެއްވި ކަމަށް ޓަކާ ޝުކުރު ކުރެއެވެ.
ދުވާލު އެކީ ރަޒާނާމެންނާ އެކު އުޅެފައި ޔައިލް ގޮވައިގެން ޒިއާމްއާ މައިރާ އެމީހުން އުޅޭ ބަޔަށް އައީ ރޭގަނޑުގެ ކެއުން ނިންމާފައެވެ. އެ މީހުންނާ އެކު އައި ރަޒާނާ، ޔައިލް ފެންވަރުވާ ރީތި ކޮށްފައި މައިރާ އަތަށް ދީފައި ދިޔައީއެވެ. ތުއްތު ދަރިފުޅު މޭމަތީ ބާއްވައިގެން މަޑުމަޑުން ލަވައެއް ކިޔާލަ ކިޔާލާ އޮތް ޒިއާމްއަށް ބަލަން މައިރާއަށް ހުރެވުނެވެ.
“މަޑުމަޑުން ދެން ފިރުކިލާފާ އަންނާށެ އުނގަށް،
ލަދުލަދުން ހިނިތުންވެލާފާ އަންނާށެ އުނގަށް،
މަގޭ ދޫންޏާއޭ އުދުހިލާ،
މަގޭ ރަންކޮކާލާ ފިޔަޖަހާ،
މަގޭ އުޑުގެ ތަރި ތީ އަލި ކުރާ،
މަގޭ ނޫރޭ ބަބުޅާ ވިދާ…”
ޒިއާމް ދަރިފުޅަށް ލަވަ ކިޔައިދެމުން ދިޔަ އަޑު އަހަން ހުރި އިރު މައިރާގެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ. އެ މަންޒަރަކީ ބަލާ ފޫހި ނުވާނެ ފަދަ މަންޒަރެކެވެ.
މައިރާ ފާހާނާއިން ނިކުތް އިރު ދަރިފުޅު މޭމަތީ ބާއްވައިގެން އޮތް ގޮތަށް ޒިއާމްއަށް އޮތީ ނިދިފައެވެ. އެނދު ކައިރިއަށް އައިސް ބަލަން ހުރެފައި މައިރާ ފޯނު ނަގާ މޭމަތީ ދަރިފުޅު ބާއްވައިގެން ޒިއާމްއަށް ނިދިފައި އޮތް މަންޒަރުގެ ފޮޓޯއެއް ނެގިއެވެ.
މަޑުމަޑުން ޔައިލް ނަގާ އެނދަށް ލާފައި ޒިއާމްގެ މޭގައި ބޯ އަޅާލައިގެން މައިރާ އޮށޯތެވެ.
“ހޭ… ނިދުނީ…” ބަރުވެފައިވާ އަޑަކުން ޒިއާމް ބުނެލިއެވެ.
“ނިދާލާ” ޒިއާމްގެ މޭގައި ފިރުމާލަމުން މައިރާ ބުންޏެވެ. ހިތްހަމަ ޖެހުމުގެ އަޑެއް ލައްވާލުމާއެކު އެނބުރިލާ މައިރާ ގެނެސް މޭގައި ޖައްސާލަމުން ޒިއާމް ލޯ މަރާލިއެވެ. ޒިއާމްގެ މޫނަށް ބަލަން މައިރާ އޮތް އިރު އަމިއްލަ ނަސީބާމެދު ހިތާހިތުން ޝުކުރުވެރިވިއެވެ. ކޮންމެ މީހެއްގެ ޙަޔާތުގައިވެސް އަޑިގަނޑުތަކާ ކުރިމަތި ވާނެއެވެ. ހަމަ އެހެން އެއަށް ފަހު އުސްގަނޑުވެސް އަންނާނެއެވެ. މައިރާގެ ޙަޔާތުގައިވެސް ހިތާމައާ ހިތްދަތިކަމާ ކުރިމަތި ލާން ޖެހުނެވެ. މިފަދަ ދުވަހެއް މައިރާއަށް އަލުން ފެނިދާނެއެކޭ އޭރު ހިތަށްވެސް ނާރައެވެ. ނަމަވެސް މިއަދު މައިރާގެ ޙަޔާތުގައި އުފަލާ ހިތްހަމަޖެހުން ވެއެވެ. މައިރާ ދެކެ އިންތިހާއަށް ލޯބިވާ ފިރިއަކާ، ލޯބިލޯބި ދަރިއަކު އެބަ ތިއްބެވެ. އަބަދުވެސް މައިރާގެ އުފަލަށް އެދި ދުޢާ ކުރަމުން އައި މަންމައާ ބައްޕައެވެ. ހަމަ އެހާ ހެޔޮ އިތުރު ދެ މަންމައިންނާއި ބައްޕައެކެވެ. އެހާ ލޯބިވާ އާއިލާއެކެވެ.
އަދިވެސް ބޮޑަށް ޒިއާމްގެ އަތުތެރޭ ބޮނޑިވެލަމުން މައިރާ ލޯމަރާލިއެވެ. ދެއްވި ނިޢުމަތަށް ޓަކާ ހެއްދެވި ފަރާތަށް ޝުކުރު ކުރަމުންނެވެ.
ނިމުނީ
One Comment
Comments are closed.








I read this recently, so happy for ziaam and maira
Somewhat it symbolises my life,not blessed as them but happy enough to be on my own