Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ވަކިވީ ހިތާއި ވިންދޭ

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
December 23, 2020 3 Mins Read
0 Comments

”ފަހަރުގައި ވެދާނެ މިއީ ޔަނާ ހިތްހަމަ ނުޖެހޭ ވާހަކައަކަށްވެސް. އެކަމަކު ޔަނާ މިކަމުގަ ހިތްހަމަނުޖެހެންޏާ މިއީ ހަމަ ނުދައްކާވާހަކައެއް ކަމަށް ބަލާ. މި ވާހަކައިގެ ސަބަބުން އަހަރެން ބޭނުމެއް ނޫން އަހަރެމެން ދެމީހުންގެ ދެމެދުގަ މިއޮތް އެކުވެރިކަން ގެއްލޭކަށް. އަހަރެން ބޭނުން ޔަނާ. އަހަރެން ވަރަށް ލޯބިވޭ ޔަނާ ދެކެ. ވިލް ޔޫ ބީ މައިން؟.” ތުރުތުރު އަޅަމުން ދިޔަ އަޑަކުން މާއިޒްގެ ބަސްތައް އަހަރެންގެ ކަންފަތާ ހަމައަށް ފޯރީ މިޔުޒިކެއް ފަދައިންނެވެ. އަހަރެންނަށް ހިނިތުންވެލެވުނެވެ. އަހަރެން އެދެމުން އައި ލޯބި ލިބުނީ ކަމުގައި ޔަގީންކުރެވުނެވެ.

”މާއިޒް ކޮންމެ ވާހަކައެއް ބުންޏަސް އަހަރެމެން ދެމީހުންގެ ދެމެދުގަ މިއޮތް އެކުވެރިކަން އަބަދުވެސް އޮންނާނެ. މިއެކުވެރިކަން ގެއްލިގެންނެއް ނުދާނެ.” އަހަރެން އެހެން ބުނުމާއިއެކު މާއިޒްގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. ”މާނައީ ނޯ އޭތަ؟.”

”މާނައީ ޔެސްއޭ. އަހަރެންވެސް މާއިޒްދެކެ ވަރަށް ލޯބިވޭ. ވަރަށް ބޮޑަށްވެސް.” އަހަރެން އެހެން ބުނުމާއިއެކު މާއިޒް ހިނިތުންވެފައި ހުރެ އައިސް އަހަރެންގެ ގައިގަ ބައްދާލިއެވެ. އަދި އަހަރެން ދުރުކޮށްލާ އަހަރެންގެ އަތުގައި ހިފައިލިއެވެ. ”ދުވަހަކުވެސް މިދެއަތް ދޫވެގެން ނުދާނެ.” އަހަރެންނަށް ހިނިތުންވެވިފައި މާއިޒްއަށް ބަލައިލެވުނީ ކަރުނަވީ ދެލޮލުންނެވެ. އިންތިހާއަށް އުފާވެފައި ހުރެވެސްމެއެވެ.

ދުވަސްތައް ހަލުވިކަމާއިއެކު ފާއިތުވަމުން ދިޔައީ އަހަރެމެން ދެމީހުންގެ ގުޅުން އިތުރަށް ބަދަހިކުރުވައި މި ލޯބި ކުރިލައި ވަރުގަދަވަމުންނެވެ. އެތައް އަހުދަކާއި ވައުދެއް ވަމުންނެވެ. އެހައިވެސް ލޯބިންނެވެ. މީގެ އެއްމަސްފަހުން އޮންނަ އަހަރެމެންގެ ކައިވެންޏަށް ތައްޔާރުވަމުންނެވެ. ހުރިހާކަމެއްވެސް ވަމުން ދިޔައީ ވަރަށް އޮމާންކަމާއި އަމާންކޮށެވެ. އެހެންނަމަވެސް ކައިވެންޏަށް ދެ ހަފްތާއަށް ވެފައި ވަނިކޮށް މާއިޒްގެ އުޅުމަށާއި މިޒާޖަށް ބަދަލު އަންނަން ފެށިއެވެ. އަހަރެންނަށް ގުޅާ ވަގުތު މަދުވެގެން ދިޔުމާއިއެކު ވާހަކަ ދައްކާލެއް މަދުވެގެން ދިޔައެވެ. އަބަދުވެސް ހުންނަނީ ވިސްނުމެއްގައެވެ. ތަނަކަށް ގެއްލިފައެވެ. އަހަރެން ސުވާލުކުރުމުންވެސް ޖަވާބުދެނީ މަދު ފަހަރަކުއެވެ. ގުޅިޔަސް ފޯނު ނަގަނީ މަދުފަހަރަކުއެވެ. މީހާ ހިކި އަނަރޫފަވަމުން ދިޔައެވެ. ލޯ ތަންތަން ވަޅުވަދެ ކަޅުވަމުން ދިޔައެވެ. ކައިވެންޏަށް އެހައި ކައިރިވެފައި އޮއްވާ މާއިޒްގެ އަމަލުތައް ބަހައްޓަން ފެށި ގޮތުން އަހަރެންނަށް ކެތްކުރަން ދަތިވެގެން ދިޔައެވެ. ދިރިއުޅުން މަތިން ފޫހިވާން ފެށިއެވެ. އަލަތު ލޯބި ގެއްލިއްޖެ ކަމުގެ އިހުސާސް ކުރެވެނީއެވެ. މާއިޒް ނުގުޅާތާވެސް މިއަދަށް ހަފްތާއެއް ވަނީއެވެ. ލޯބިވާ މީހާ ދުރުވާކަމުގެ އިހުސާސަކީ ކެތްކުރަން ދަތި އިހުސާސެއްކަން މިއަދު ވިސްނުނެވެ.

”އަހަރެމެން ދެ މީހުން ފުރަތަމަ ދިމާވިތަނަށް މިރޭ އަށެއްގަ އާދެވިދާނެތަ؟.” މޯޅިވެފައިވާ އަޑަކުން މާއިޒް އެހެން ބުނެލާފައި ފޯނު ބޭއްވުމާއިއެކު އަހަރެންގެ ހިތް ހީވި ފިސްފިސް ވެގެން ދިޔަހެންނެވެ. ވަގުތުން ދެލޯ ކަރުނުން ތެތްމާލިއެވެ. ހިތުގައި އެތައް ވޭނެއް އަޅަމުން ދިޔައެވެ. ނަމަވެސް ސުނާމީ ބިނާއަށް ދިޔުމަށް އަހަރެން ތައްޔާރު ވާން ފެށީމެވެ. އެއީ އަހަރެމެން ދެމީހުން ފުރަތަމަ ބައްދަލުވިތަނެވެ. އަހަރެމެންގެ އެކުވެރިކަން ލޯތްބަށް ބަދަލުވިތަނެވެ.

”ޔަނާ. ކޮންމެ މީހަކީވެސް މިދުނިޔެ ދޫކޮށް ދާން ޖެހޭނެ މީހެއް. އެންމެ ލޯބިވާ މީހުންނާ އެންމެ ކައިރީ އުޅޭމީހުން ދޫކޮށްލާފަ ދާން ޖެހޭނެ މީހެއް.” އަހަރެންގެ ދެއަތުގައި ހިފައިލައިގެން މާއިޒް އެހެން ބުނެލިއިރު އެދެލޮލުން ކަރުނަތައް ބަބުޅަމުން ދިޔައެވެ. ނަމަވެސް މާއިޒް އެކަހަލަ ވާހަކައެއް ދައްކަންޖެހޭ އެއްވެސް ސަބަބެއް އަހަރެންނަކަށް ނުވިސްނުނެވެ. ”އަހަރެމެން ދެމީހުން ދުރުކުރުވާނެ ހަމައެކަނި އެއްޗަކީ މަރު. އަހަރެން، އަހަރެންގެ އެންމެ ފަހުގެ ނޭވާއާ ހަމައަށް ޔަނާ ދެކެ ލޯބިވާނަން. އެކަމަކު ޔަނާ ޕްރޮމިސް ކުރޭ. އަހަރެން ނެތް ދުވަހަކުން ޔަނާ ނުރޮއްޗެ. ތި ދެލޮލުން އެންމެ ކަރުނައެއްވެސް ވައްޓާނުލާތި. އަހަރެން ނެތަސް އުފަލުގަ ހުންނާތި. ދިރިއުޅުމައިގެން ކުރިއަށް ދާތި.” މާއިޒްގެ ކޮންމެ ބަހަކުން އަހަރެންގެ ދެލޮލުން ކަރުނަ އަންނަން ފެށިއެވެ. ހިތަށް ތަދުވަމުން ދިޔައެވެ. ވާހަކަދައްކަން ދަތިވިއެވެ. އެހެންކަމުން އަހަރެން މާއިޒް އަށް ޖަވާބު ދިނީ ބޮލުންނެވެ. އެދުވަހު މާއިޒް އަހަރެންގެ ގެޔަށް ލާން އައެވެ. އަދި އަހަރެންގެ ނިތްކުރިއަށް ބޮސް ދިނުމަށްފަހު ދިޔައީ ހިނިތުންވެލުމަށްފަހު އަބަދުވެސް އުފަލުގައި ހުންނާށޭ ބުނެފައެވެ.

އެދުވަހަށްފަހު އަހަރެންނަށް މާއިޒްގެ ހަބަރެއް ނުވެއެވެ. ގުޅުމުން ފޯނެއް ނުނަގައެވެ. އެގޭ މީހަކަށް ގުޅުމުންވެސް މެއެވެ. ނަމަވެސް ނިދާފައި އޮއްވާ ހޭލެވުނީ ފޯނު ރިންގުވަމުން ދިޔަ އަޑަށެވެ. ނިދިބަރުވެފައިވާ ދެލޯ ހުޅުވާލުމަށްފަހު އަހަރެން ފޯނަށް ބަލައިލީމެވެ. ވަގުތުން ނިދިވެސް ފިލައިގެން ދިޔައެވެ. ގުޅަނީ މާއިޒްގެ މަންމައެވެ. އެހައި ހެނދުނާ ގުޅުމުން ހައިރާންވި ނަމަވެސް އަވަސްއަވަހަށް ފޯނުނެގުމަށްފަހު ކަންފަތުގައި ޖަހައިލީމެވެ. އެކޮޅުން މާއިޒްގެ މަންމަ އެދުނީ ވަރަށް އަވަހަށް އައިޖީއެމްއެޗަށް އައުމަށެވެ. ފަނަރަ މިނެޓް ތެރޭ ތައްޔާރުވެލައިގެން އަހަރެން މިސްރާބު ޖެހީ ހޮސްޕިޓަލަށެވެ. ހިތް ވަނީ އަވަސްވެފައިއެވެ. އެމާޖެންސީ ރޫމާ ހަމައަށް ދެވުނުއިރު އެހިސާބުން އިވެމުން ދިޔައީ ރުއިމުގެ އަޑެވެ. އަހަރެން ފެނުމާއިއެކު މާއިޒްގެ މަންމަ އައިސް އަހަރެން ގައިގަ ބައްދާލިއެވެ. އަދި ނުހަނު ބާރަށް ރޯންފެށިއެވެ. ވެގެން އުޅޭ ގޮތް އެއްވެސް ވަރަކަށް އަހަރެންނަށް ސާފެއް ނުވިއެވެ. އިރުކޮޅަކުން ޑޮކްޓަރު ނުކުމެފައި ބުނެލި ޖުމުލައިން އަހަރެންގެ ފައި ދަށުން ހީވީ ބިންގަނޑު ދެމިގަތް ހެންނެވެ. ”އައިމް ސޮރީ. ވީ ކުޑުންޓް ސޭވް ހިމް.”

އަހަރެންގެ ދުނިޔެ ހުއްޓުމަކަށް އައި ކަހަލައެވެ. މިވީ ކިހިނެއް ހެއްޔެވެ؟ މާއިޒްއަށް ވީ ކިހިނެއް ހެއްޔެވެ؟ ޑޮކްޓަރު އެބުނީ މާއިޒްގެ ވާހަކަ ހެއްޔެވެ؟ އަހަރެންނަށް ގަނޑުވެފައި ހުރެވުނީއެވެ. ހަދާނެ ގޮތެއް ނޭނގިފައެވެ. ކުރާނެ ކަމެއް ނުވިސްނިފައެވެ. ކަރުނަތަކަށްވެސް ހުއްޓުމެއް އައިއްސިއެވެ.

”ޔަނާލް. އެނގޭ މިއަދު ޔަނާލްގެ ހިތުގައި ވަރަށް ގިނަ ސުވާލު އުފެދޭނެކަން. މިއަދު އަހަރެން އެހުރިހާ ސުވާލަކަށް ޖަވާބުދޭނަން. ހިތްވަރުކުރާތި. ޔަނާލް، ޑޮކްޓަރު އެބުނީ މާއިޒްގެ ވާހަކަ. މާއިޒްއެއް ނެތް. މާއިޒް އަހަރެމެން އެންމެން ދޫކޮށްލާފަ ހިނގައްޖެ. ޔަނާލްމެންގެ ކައިވެންޏަށް ދެ ހަފްތާއަށް ވެފައި ވަނިކޮށް އެނގުނީ މާއިޒްގެ ލެޔަށް ވީ ކެންސަރު ޖެހިފަކަން. އަދި ހުރީ އެންމެ ފަހު ސްޓޭޖްގަ ކަން. މަޢާފު ކުރޭ. މާއިޒްގެ އެދުމަށް ބޭބެމެން މިކަން ސިއްރު ކުރީ. ޔަނާލްއަށް ކުޑަވެސް ހިތާމައެއް ދޭކަށް މާއިޒް ބޭނުމެއް ނުވޭ. އެހެންވެ މާއިޒް އެދުނީ ނުބުނަން. މާއިޒް އެދެނީ އަބަދުވެސް ޔަނާލް އުފަލުގައި ހުންނަން.” މާއިޒްގެ ބޭބެގެ ބަސްތަކުން އަހަރެންގެ ހިތުގެ ނާރުތައް ހީވީ ބުރިބުރި ވެގެން ދިޔަހެންނެވެ. ކޯތާފަތްމަތީ ހީވީ މީހަކު ބާރު އެތިފަހަރެއް ޖަހައިލިހެންނެވެ. ދެލޮލުން ހޯސްލާފައި ލޭކަރުނަތައް ފައިބަން ފެށިއެވެ. މޫނުމައްޗަށް ހީވީ ބިޔަ ރާޅެއް ބިންދާލިހެންނެވެ. އެންމެ ލޯބިވާ މީހާ ވަކިވެ އެދިޔައީ އަހަރެންނަށް އަންގާވެސް ނުލައިއެވެ. ބުނެވެސް ނުލައިއެވެ. އަހަރެންގެ މި ވޭނަން ކެތް ކުރެވޭނެ ހެއްޔެވެ؟ ކައިވެނި އެހައި ކައިރިވެފައި އޮއްވާ މާއިޒް އަހަރެންނާ ވަކިވެގެން އެދިޔައީ އަހަރެންގެ މުޅި ހިތް ފުނޑުފުނޑު ކޮށްލާފައެވެ. ދިލަ ރިހުމެއް މޭގައި އުފައްދާފައެވެ. ޝަކުވާވެސް އުފައްދާފައެވެ. އަހަރެންނާ އެކީ އެންމެ ވަގުތުކޮޅެއްވެސް ލޯބިން އެކުގައި ހޭދަ ނުކޮށްލުމުންނެވެ. ނަމަވެސް މާއިޒްއަށް އަހަރެން ވި ވައުދު ފުއްދާނަމެވެ. އަހަރެން އަބަދުވެސް މާއިޒްދެކެ ލޯބިވާނަމެވެ. އަބަދުވެސް މާއިޒްގެ މީހެއްގެ ގޮތުގައި ހުންނާނަމެވެ. ދުވަހަކުވެސް މާއިޒްގެ ހަނދާންތައް މިހިތުން ފިލައިގެން ނުދާނެއެވެ.

~ ނިމުނީ ~

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

އެކުއްޖާ 2 – 9

Next

ދޫކޮށްނުލާނަމޭ ކަލާ – 14

Next
December 24, 2020

ދޫކޮށްނުލާނަމޭ ކަލާ – 14

Previews
December 23, 2020

އެކުއްޖާ 2 – 9



All Right Reserved!