Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ތިޔަ ދިން އުފާ

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
December 18, 2020 4 Mins Read
0 Comments

”ނޫން ތިހެން ނުބުނޭ. އަހަރެންގެ އާލާ އަހަރެން ދޫކޮށްލާފަކާ ނުދާނެ. ތި ހަދަނީ ދޮގު. އަހަރެމެންގެ ދަރިފުޅު ދުނިޔެއަށް ފުރަތަމަ ނޭވާ ލީ ދުވަހު އާލާ ކީއްވެ އޭނާގެ އެންމެ ފަހު ނޭވާ ދޫކޮށްލަންވީ؟ ތީ އޮޅުމެއް. ޑޮކްޓަރ.. އާލާ ރަނގަޅަށް ބަލާދީ. ތިއުޅެނީ އޮޅިގެން.” އަހަރެންނަށް ބާރު ބާރަށް ރޮއި ގަނެވުނެވެ. މޫނުގައި ދެއަތް އަޅައިލެވުނެވެ. ހިތުގައި އަތް އަޅައިލެވުނެވެ. ފާޜުގައި ލެގިލައިގެން ހުރެ ތިރިވެވުނެވެ.

އަހަރެންގެ ހިތް ހީވަނީ ފަޅައިގެން ހިނގައިދާނެ ހެންނެވެ. ދިލަ ތޫނު ތަދެއް ހިތުން ނަގަމުން ދިޔައިރު ލޮލުން ވެސް ދިޔައީ ދިލަ ނަގަމުންނެވެ.

ޑޮކްޓަރު އައިސް ބުނި ބަސް އަހަރެންނަކަށް ގަބޫލެއް ނުކުރެވެއެވެ. އެހެންވާންވީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ލޯބިވާ އަނބިމީހާ އަހަރެން ދޫކޮށްލާފައި ދާންވީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ދަރިފުޅު ދުނިޔެއަށް އައި ފުރަތަމަ ދުވަހު އާލާ އަހަރެން ދޫކޮށްލާފައި ދާންވީ ކީއްވެ ހެއްޔެވެ؟ އަހަރެމެން ތިން މީހުން އެކުގައި ވަގުތު ހޭދަ ނުކޮށްލެވެނީހެން އާލާ ދާންވީ ކީއްވެ ހެއްޔެވެ؟

ކެތްކުރަން މަސައްކަތް ކުރީމެވެ. އިންތިހާއަށް މަސައްކަތް ކުރީމެވެ. ނަމަވެސް އަހަރެންގެ ދެލޮލުން ކަރުނަތައް ފައިބަމުން ދިޔައީ އަހަރެންގެ ނަފުސު އިތުރަށް ބަލި ކަށި ކުރުވަމުންނެވެ.  މި ނިކަމެތި ހަށިގަނޑަށް ކެތް ނުކުރެވޭ ވަރު ކުރުވަމުންނެވެ.

”ދަރިފުޅާ ނަވާޒް. ކޮންމެ މީހަކީ ވެސް މި ދުނިޔެ ދޫކޮށް ދާން ޖެހޭނެ މީހުން. އެންމެ ލޯބިވާ މީހުން ދޫކޮށްލާފަ ބަލައި އައީމަ އެކަކަށް ވެސް މަޑެއް ނުކުރެވޭނެ. ރޮއި ހިތާމަ ކޮށްގެން ދަރިފުޅުގެ ނަފުސު ހަލާކުވެގެން ދާނީ. މިއަދު ދަރިފުޅު ބަލަން ޖެހޭ ކުއްޖެއް ލިބިއްޖެ. ވީއިރު ނުރޮއި. ހިތާމަ ނުކުރޭ. އެދަރިފުޅަށް ލޯބިދީ. މިއަދު އެދަރިފުޅަށް މަންމައެއްގެ ލޯބިވެސް ބައްޕައެއްގެ ލޯބިވެސް ދޭން ހުރި މީހަކީ ތިއީ.” މަންމަގެ ގައިގައި އަހަރެންނަށް ބައްދައިލެވުނެވެ. ބާރުބާރަށް ރޯން ފެށުނެވެ. ފިރިހެނަކަސް އަހަރެންނަކަށް އަހަރެންގެ އިހުސާސްތަކެއް ނުހިފެހެއްޓުނެވެ. ހިތަށް ތަދުވަމުން ދިޔައީ އިންތިހާއަށެވެ. މަންމަވެސް އަހަރެންގެ ބުރަކަށީގައި ފިރުމަން ފެށުމުން އިތުރަށް އަހަރެންގެ ހިތްވަރު އެލިގެން ދިޔައެވެ. ހިތް ބަލިކަށިވެގެން ދިޔައެވެ. އެތައް އިރަކު ރޯލަން ބޭނުންވިއެވެ.

އާލާ އަހަރެން ދޫކޮށްލާފައި ދިޔަ ކަމަކަށް އަދި ވެސް ގަބޫލެއް ނުކުރެވެއެވެ. ހީވަނީ އާލާ އަހަރެން ކައިރީ އުޅޭ ހެންނެވެ. ވަކިވެދިޔަ އިހުސާސެއް އަހަރެންނަކަށް ނުކުރެވެއެވެ.

އަހަރެމެންގެ އަލަތު ދަރިފުޅު އަހަރެންގެ އަތަށް ލިބުނު ވަގުތަކީ ކުޑަހިނދުކޮޅަކަށް ނަމަވެސް އަހަރެން ކުރަމުން އައި ހިތާމަ ލުއިވި ވަގުތެކެވެ. ހިތަށް ފިނިކަމެއް ލިބިގެން ދިޔަ ވަގުތެކެވެ. ލޮލުން އުފާވެރިކަމުގެ ކަރުނަ ނީރައިލި ވަގުތެކެވެ. ނަމަވެސް ހިތުގެ އެއްކަނެއްގައި ވީ ހިތާމައެވެ. ވޭނެވެ. ދިލަ ރިހުމެވެ.

މިއުފާވެރި ވަގުތުވެސް އަހަރެން ހޭދަކޮށްލަން ބޭނުންވަނީ އާލާއާ އެކުއެވެ. ފަޅި ސިކުންތުކޮޅަކަށް ނަމަވެސް ހެވެ. އެހެންނަމަވެސް އަހަރެންގެ އާލާ އަހަރެން ދޫކޮށްލާފައި ދިޔައީއެވެ. ވަކިވެގެން ދިޔައީއެވެ. މިކުޑަ ކުޑަ ދަރިފުޅަށް ޓަކައިވެސް އަހަރެން ކެތްކުރާނަމެވެ. އާލާ އަހަރެން އަތަށް ދޫކޮށްލާފައި ދިޔަ އަމާނާތް އަހަރެން އެންމެ ފުރިހަމަ ގޮތުގައި ބަލައި ބޮޑު ކުރާނަމެވެ.

”އަހަރެން ނެތް ދުވަހަކުން އަހަރެންގެ ދަރިފުޅު ރަނގަޅަށް ބަލާތި. ދަރިފުޅަށް ދެރަގޮތެއް ވިޔަ ނުދޭތި. އަބަދުވެސް ނަވާ ހުންނަން ވާނީ ދަރިފުޅާއެކީ އުފަލުގަ. އަހަރެން ވަކިވެ ދިޔަޔަސް ދިރިއުޅުމައިގެން ކުރިއަށް ދާތި.” މީގެ ދެދުވަސް ކުރިން އާލާ ބުނެލި ޖުމުލަތައް އަހަރެންގެ ކަންފަތުގައި ގުގުމައިގަތެވެ. އަނެއްކާވެސް އަހަރެންގެ ލޮލުން ކަރުނަތައް އޮއްސާގަތެވެ.

އާލާގެ ކަށުކަމާއިކެމީގެ ހުރިހާ ކަމެއް ނިމުމާއިއެކު އަހަރެން އަނެއްކާވެސް ދިޔައީ ހޮސްޕިޓަލަށެވެ. އާލާއާއި ވަދާއީ ސަލާމް ކުރުމަށްފަހުއެވެ. އަދި ހެޔޮދުޢާ ކުރުމަށްފަހުއެވެ. އެހެންނަމަވެސް އެ ސޫރަ އަބަދުވެސް އަހަރެންގެ މިހިތުގައި ކުރެހިފައި ވާނެއެވެ. އަހަރެންނާ ވަކިވެ ދިޔަޔަސް މުޅި އުމުރަށް އާލާގެ އެ މައުސޫމް ސޫރަވާނީ އަހަރެންގެ މި ހިތު ތެރޭގައިއެވެ.

އެދުވަހަށް ފަހު ފަސް އަހަރު ފާއިތުވެގެން ދިޔައީއެވެ. ނަމަވެސް އަހަރެން އަދި އިތުރު މީހަކާ ކައިވެންޏެއް ނުކުރަމެވެ. ކައިވެންޏެއް ކުރާކަށް ބޭނުމެއްވެސް ނޫނެވެ. އަހަރެން ބޭނުމީ އަހަރެންގެ ލޯބި ލޯބި ދަރިފުޅާއެކު މުޅި އުމުރު ދެން ހޭދަ ކުރާށެވެ. އެދަރިފުޅު ރަނގަޅު ގޮތުގައި ބަލައި ބޮޑު ކުރާށެވެ. އެދަރިފުޅު ރަނގަޅު އަހުލާގެއްގެ ވެރި ކުއްޖަކަށް ހަދާށެވެ. ނަމަވެސް އޮފީހަށް ދަމުން ދަރިފުޅުގެ ގިނަ ކަންތައްތައް ކުރަން އަހަރެންނަށް ވަރަށް އުނދަގޫވެގެން ދިޔައެވެ. އަހަރެންގެ މަންމަމެންގެ ބަލިހާލަތު ހުރި ގޮތުންވެސް ދަރިފުޅު ބަލާކަށް ނާދެވެއެވެ. އެހެންކަމުން އަހަރެންގެ ދަރިފުޅު ބަލަން އަހަރެން ގެޔަށް ކުއްޖެއް ގެނައީމެވެ.

ރީތި ދޮން ހަންގަނޑެއް ލިބިފައިވާ ކުއްޖެކެވެ. ފިޔާތޮށި ކުލައިގެ ތުންފަތަކާއި ބޮޑު ދެލޮލެވެ. ކަޅުކަން ގަދަ އެސްފިޔަތަކާއި ދެ ބުމައެވެ. ބޮޑު ބުރުގަލަކުން ބޯ ނިވާކޮށްލާފައި ވާއިރު ލަނީ ހުސް ދިގު ކަޅު ހެދުމެވެ. އެހައިވެސް އެކުއްޖާ ރީއްޗެވެ. ގޭތެރޭގެ ކަންތަކާއި ދަރިފުޅުގެ ކަންތައްތައް އަދި އަހަރެންގެ ކަންތައްތައް ވެސް ވަރަށް ފުރިހަމައަށް ކުރެއެވެ. އެހެންނަމަވެސް އާލާއާއި އެކުއްޖާ އަޅާ ކިޔޭކަށް ނެތެވެ. އާލާއީ ހުރިހާ ގޮތަކުން ވެސް އަހަރެންނަށް އެންމެ ރީތި އަދި އެންމެ ފުރިހަމަ އެއް ކުއްޖެވެ. ހަމައެކަނި އަހަރެންގެ ހިތާ ހަމައަށް ވާސިލްވި ކުއްޖެވެ.

”ޒައިނާ. އަހަރެންގެ ގަމީހެއް ވަރަށް އަވަހަށް އިސްތިރި ކޮށްލަ ދީބަ..    އަށެއް ޖަހާއިރަށް އޮފީހަށް ދާން ޖެހޭ.” އަހަރެންގެ ދަރިފުޅަށް ފޮތްކިޔައިދޭން އިން ޒައިނާއަށް އިޝާރާތްކޮށް ބުނެލުމާއިއެކު ވަގުތުން ޒައިނާ ކޮޅަށް ތެދުވެ އަހަރެން ބުނި ކަންތައް ކުރަން އަވަސްވެގަތެވެ. ޒައިނާއަކީ ހުރިހާ ކަމެއްވެސް ވަގުތުން ވަގުތަށް ކޮށް ނިންމާލާ ކުއްޖެވެ.

އެގޮތުގައި ހަމަސް ފާއިތުވެގެން ދިޔައީއެވެ. ކުރިން ނުވާ ގޮތްތަކެއް އަހަރެންނަށް ވަމުންނެވެ. ޒައިނާ ފެނުމުން ކުރިން ނުވާ ގޮތްތަކެއް ވަނީއެވެ. އަތްފައި ފިނިވެ ވާހަކަ ދައްކަންވެސް އުނދަގޫ ވަނީއެވެ. ޒައިނާ އަހަރެންނަށް ބަލައިލިޔަސް ހިތް ތެޅެން ފަށައެވެ. މިއީ ކުރިން އާލާ ފެނިގެން ނޫނީ އަހަރެންނަށް ވީ ގޮތްތަކެއް ނޫނެވެ. އަހަރެންނަށް އެނގޭ ކަމަކީ ޒައިނާއަށް ޓަކައި އަހަރެންގެ ހިތުން މަގާމެއް ދެވުނުކަމެވެ. ޒައިނާދެކެ ލޯބިވެވެން ފެށުނު ކަމެވެ. ނަމަވެސް އެހެން ވާކަށް ބޭނުމެއް ނޫނެވެ.

އަހަރެން ބޭނުމީ މުޅި އުމުރަށް އާލާގެ ހަނދާންތަކުގައި ދެމިހުންނާށެވެ. މުޅި އުމުރަށް އާލާގެ

ހައްގެއްގެ ގޮތުގައި ހުންނާށެވެ. ދެވަނަ އަންހެނެއް އަހަރެންގެ ހަޔާތަށް ގެންނަން ބޭނުމެއް ނޫނެވެ.

”ބައްޕީ. އާރާ މަންމި ކޮބާ؟. އެހެން ކުދިން އެކުދިންގެ މަންމަ އާއިއެކު އުޅޭތަން ފެނޭ. އެކަމަކު އާރާ އަށް އާރާގެ މަންމިވެސް ނުފެނޭ. ބައްދަލެއް ވެސް ނުވޭ. ކޮބާ އާރާގެ މަންމި؟.” ކުއްލިއަކަށް ދަރިފުޅު ކުރި ސުވާލަކުން އަހަރެންނަށް ސިހުން ލިބިގެން ދިޔައެވެ. ދޭނެ ޖަވާބެއް ނުވިސްނުނެވެ. ބުނާނެ ބަހެއްވެސް ކުޑަމިނުން ދުލަކާ ހަމައަކަށް ނައެވެ. އަހަރެންގެ ދެލޯ ފެންކަޅި ވެގެން ދިޔައެވެ. މޭގައި ދިލަ ރިހުމެއް އުފެދިގެން ދިޔައެވެ.

”އާރާ.. އާދޭ ނިދަން. އެއޮށް ނިދާ ގަޑި ޖެހުނީ.” ޒައިނާގެ އަޑު އިވުމާއިއެކު ފުންމާގެން ތެދުވެ އަހަރެންގެ ކޮލަށް ދޮނެއް ދިނުމަށްފަހު ދަރިފުޅު ދިޔައެވެ.

އިސާހިތަކު އަހަރެންގެ ދެލޮލުން ކަރުނަ އޮއްސާލިއެވެ. މޭގައި އުފެދިފައިވާ ދިލަ ގަދަވެގެން ދިޔައެވެ. ”އާލާ. އަހަރެން ދަރިފުޅަށް ދޭނީ ކޮން ޖަވާބެއް. އާލާއެއް ނެތޭ ބުނާކަށް އަހަރެންނަކަށް ކެތެއްނުވާނެ. ކުރިއަށް އޮތް ދުވަސްތަކުގަ މިކަހަލަ ހާދަ ގިނަ ސުވާލެއް ދަރިފުޅު ކުރާނޭ. އެކަމަކު އަހަރެންގެ ނެތް ޖަވާބެއް. އަހަރެންނަކަށް ނޭނގޭ ދޭނެ ޖަވާބެއް. އަހަރެން ކިހިނެއް ހަދާނީ.” އާލާގެ ފޮޓޯ ގަނޑަށް ބަލަން އިނދެ އަހަރެންނަށް ހިތުގެ އުދާސްތައް ބަންޑުންކޮށްލެވުނެވެ. ހިތަށް ކުރަމުން ދިޔަ ވޭނެއްގެ ސަބަބުންނެވެ.

ކަކޫ ގަޔާކައިރިކޮށްލުމަށްފަހު ބޯ އަޅާލީމެވެ. ލޮލުން ވެއްޓެމުން ދިޔަ ކަރުނަތަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ސިއްސައިގެން ދިޔައީ އަހަރެންގެ ކޮނޑުގައި މީހަކު އަތްބާއްވާލި ކަމުގެ އިހުސާސް ވުމުންނެވެ. ބޮ ހިއްލާލާ ބަލައިލީމެވެ. ކުރިމަތީގައި އިނީ ޒައިނާއެވެ. އަހަރެންނަށް ޒައިނާގައިގައި ބައްދާލެވުނީ އިހުތިޔާރަކާ ނުލައިއެވެ. ”ޒައިނާ. އަހަރެން ކިހިނެއް ހަދާނީ؟..”

”ނަވާޒް. އެދަރިފުޅަށް މަންމައެއްގެ ލޯބި ވަރަށް މުހިންމުވާނެ. އަހަރެން ގާތުވެސް ވަރަށް ގިނައިން އަހައިފި މަންމި ކޮބާއިހޭ. މަންމަ ކޮންތާކަށް ހޭ ދިޔައީ. އަހަރެންވެސް ދޭނީ ކޮން ޖަވާބެއް. ތިހެން ނުހުރެ ދިރިއުޅުމެއް ފަށުން އެންމެ ރަނގަޅުވާނީ. އޭރުން ނަވާޒްއަށް ވެސް އުފަލެއް ލިބޭނީ.” ޒައިނާގެ ފަރާތުން ލިބުނު ބަސްތައް އިވިފައި އަހަރެންގެ ލޮލުން ވެރެމުން ދިޔަ ކަރުނަތަކަށް ހުއްޓުމެއް އައިއެވެ. ހިތަށް ލުއިކަމެއް ލިބިގެން ދިޔައެވެ.

”ޒައިނާ. އަހަރެންގެ ދަރިފުޅުގެ މަންމައަށް ވެދީފާނަންތަ؟ އަހަރެންނާ މެރީ ކުރާނަންތަ؟ ޒައިނާ ހިތްހަމަ ނުޖެހެންޏާ މިއީ ނުދައްކާ ވާހަކައެއް ކަމަށް ބަލާ.. އެކަމު އަހަރެން ޒައިނާ ވަރަށް ބޭނުން. ޒައިނާއަށް އަހަރެންގެ ހިތާމަތަކަށް ލުޔެއް ހޯދައިދެވޭނީ. އަހަރެންގެ ހިތުން ޒައިނާއަށް ހާއްސަ މަގާމެއް ދެވިއްޖެ. ވިލް ޔޫ ބީ މައިން ފޯރއެވާ؟.” އަހަރެން ބޭނުންވާ ގޮތް ޒައިނާއަށް އިއްވައިލީމެވެ. ޒައިނާގެ ގައިގައި ބައްދާލައިގެން އިނެއެވެ. ނަމަވެސް ހިތަށް ބިރުވެރިކަމެއް ލިބިގެން ދިޔައީ ޒައިނާ އަހަރެން ދުރުކޮށްލުމުންނެވެ. އަދި އިސްޖަހައިލުމުންނެވެ.

”އާން ނަވާޒް. އާން. އަހަރެންވެސް ނަވާޒް ބޭނުން. އަހަރެންވެސް ނަވާޒްދެކެ ވަރަށް ލޯބިވޭ.” ޒައިނާ އަހަރެންގެ އަތުގައި ހިފާލަމުން އެހެން ބުނެލުމާއިއެކު އަހަރެންނަށް ހިނިތުންވެލެވުނެވެ. ހުރިހާ ހިތާމަތަކަށް ލުޔެއް ލިބިގެން ދިޔައެވެ.

ހަފްތާއެއް ފަހުން އަހަރެމެން ދެމީހުންގެ ކައިވެނި ކުރެވިގެން ދިޔައެވެ. ކުޑަކުޑަ ޕާޓީއަކުންނެވެ. އެހެނަސް މިއަދު އަހަރެންނަށް ހުރިހާ އުފަލެއް ލިބިފައިވާ ކަހަލައެވެ. ހިތްދަތި ދިރިއުޅުން އަހަރެންނަށް އަލްވަދާއު ކިޔާފައިވާ ކަހަލައެވެ. ޒައިނާގެ ފަރާތުން އަހަރެންނަށް ވަރަށް ލޯބި ލިބެއެވެ. އެހައި އަޅާލައެވެ. ކަމަކާ ހިތާމަކުރާކަށް ފުރުސަތެއް ނުދެއެވެ. އެހެނަސް ދުވަހަކުވެސް އަލާގެ ހަނދާން މިހިތުން ފިލައިގެން ނުދާނެއެވެ. އަދި ޒައިނާގެ ފަރާތުން ލިބެމުން ދިޔަ އުފާ އަބަދުވެސް ހަނދާނުގައި ހުންނާނެއެވެ. އަހަރެންގެ ދިރިއުޅުން އަނދިރިވެފައި ވަނިކޮށް އަލިކަމެއް ގެނެސްދިނީ ޒައިނާއެވެ. އަހަރެންގެ ހަޔާތަށް އުފާވެރިކަމެއް ގެނެސްދިނީ ޒައިނާއެވެ. 

~ ނިމުނީ ~

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

އިމްތިޙާން 41

Next

އޭލިޔަން ސިލްސިލާ – ދިއްލޭ ބޯޅަ 6

Next
December 18, 2020

އޭލިޔަން ސިލްސިލާ – ދިއްލޭ ބޯޅަ 6

Previews
December 18, 2020

އިމްތިޙާން 41



All Right Reserved!