ޔަލީނާ ހިނިތުންވެލުމަށްފަހު ނޫޑްލީސްކޮޅެއް އުލަށް އޮޅައިލަން އުޅެނިކޮށް އޭނާގެ އަތުން ސައިތަށީގައި ޖެހިފައި މުޅި ސައިތަށި ބިންމައްޗަށް ވެއްޓުނެވެ. ސައިތަށި ވެއްޓުނު ތަނާ ހޫނު ސައިއެތި އޭނާ ގެ ފަޔަށް އެޅި އެ ތަށި ތަޅައިގެން ދިޔައެވެ. ތަދުވިވަރުން އޭނާއަށް ވަގުތުން ކޮޅަށް ތެދުވެވުނެވެ. ހަމަ އެވަގުތު އޭނާގެ ފައި ބިއްލޫރިކޮޅަކަށް ހެރުނެވެ. އެއާއިއެކު ޔަލީނާއަށް ވަރަށް ބާރަށް ހަޅޭލަވައިގަނެވުނެވެ. އަޒްލާން ސިހިފައި ޔަލީނާ ވެއްޓެން ދަނިކޮށް ޔަލީނާގެ އުނަގަނޑުގައި ފަސޭހަކަމާއިއެކު ހިފެހެއްޓިއެވެ. ޔަލީނާ ބިރުން އޭނާގެ ދެއަތުން އަޒްލާންގެ ޓީޝާރޓުގައި ވަރަށް ބާރަށް ހިފެހެއްޓީ ދެލޯ މަރައިގެން ހުރެއެވެ. އެވަގުތަކީ އީހަން އަޒްލާން ހޯދުމަށް އެތެރެއަށް ވަތް ވަގުތުކަމުން އީހަންއަށް ހުރިހާ މަންޒަރެއް ފެނުނެވެ.
“ލީނާ؟!؟” އީހަންއަށް ބުނެވުނެވެ. “އީން!!!” އަޒްލާން ހައިރާންވިއެވެ.
ނަމަވެސް އަޒްލާން ވާހަކަ ދައްކަން ނަހަދައި އެންމެ ފުރަތަމަ ޔަލީނާ ސޯފާގައި ބައިންދާފައި ކޮޓަރިއަށް ދިޔައީ ފޮތިކޮޅެއް ހޯދުމުގެ ބޭނުމުގައެވެ. އީހަން އެންބިއުލައިންސްއަށް ގުޅިއެވެ. އެއް މިނެޓެއްނުވެ އަޒްލާން ނިކުތީ ފޮތިކޮޅެއް ހިފައިގެންނެވެ. އެއިރު އީހަން ޔަލީނާގެ ކައިރީގައި އުޑުފައިން އިށީނދެ އިނެވެ. އަޒްލާން ގޮސް ޔަލީނާ އޮށޯވެ އޮތް ސޯފާގެ ފައިލާކޮޅުގައި އިށީނދެ އެފޮތިކޮޅުން ލޭމަނާ ކުރެވޭތޯ އުޅުނެވެ. ޔަލީނާއަށް އަދިވެސް ގިސްލެވެނީއެވެ. ފަސް މިނެޓު ފަހުން އެންބިއުލައިސް އަތުވެއްޖެއެވެ. އަޒްލާން އޭނާގެ އަތްދަނޑި މައްޗައް ފަސޭހަކަމާއިއެކު ޔަލީނާ އުފުއްލައިލުމަށްފަހު އެންބިއުލައިންސްއަށް އަރަން ދުއްވައިގަތެެވެ. އީހަންވެސް ފަހަތުން ދިޔައެވެ. ދިހަގަޑި ބައިވެއްޖެއެވެ. މަގު މަތީގައި އުޅޭ މީހުންނާއި ދުއްވާ އެއްޗެހި ކޮންމެވެސް ވަރަކަށް މަދުވަން ފަށައިފިއެވެ. ޔަލީނާމެންގެ އެޕާރޓްމެންޓްގެ ކައިރިއަށް ކަޅުކުލައިގެ ޕްރައިވެޓް ކާރެއް މަޑުކޮށްލިއެެެވެ. އެކާރުން ފޭބީ އަޒްލާންއެވެ. އޭނާގެ އަތްދަނޑި މަތީގައި ޔަލީނާއަށް އޮތީ ނިދިފައެވެ. އަޒްލާން ޔަލީނާއަށް ބަލައިލައިފައި އެތެރެއަށް ވަންނަން ދިއުމުން އެކާރު ދިޔައެވެ. ޔަލީނާގެ ބަޔަށް ވަތްއިރު ދަހްލާ ދެކޮޅަށް ހިނގައިލާ ހިނގައިލާ ހުއްޓެވެ. ދަހްލާއަށް ދެމީހުން ފެނުމުން ދެލޯ ބޮޑު ބޮޑުވީ އޭނާގެ އަތްދަނޑި މަތީގައި އޮތް ޔަލީނާ ފެނުމުންނެވެ.
“ލީނާއަށް ކިހިނެތްވީ؟” ދަހްލާ އެއްސެވެ.
އަޒްލާން ބޮލުގެ އިޝާރާތުން އަޑުމަޑުކުރަން ބުނެފައި އޭނާގެ ކޮޓަރި ކޮބައިތޯ އެއްސެވެ. ދަހްލާ ޔަލީނާގެ ކޮޓަރި ދައްކައިދިނުމާއިއެކު އަޒްލާން ކޮޓަރިއަށްވަދެ ދޮރު ލެއްޕިއެވެ. އަދި ޔަލީނާ އެނދުގައި ބޭއްވުމަށްފަހު ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ކޮޓަރިން ނިކުމެގެން ސިޓިންރޫމަށް ނިކުތްއިރު ދަހްލާ ބަދިގޭގައި ސަމްސާ ތަޅުވާ އަޑު އިވުނެެވެ. އަޒްލާން ވަރުބަލިކަން ފިލުވައިލަން ސޯފާގައި އިށީނެވެ. އިރުކޮޅެއްނުވެ ދަހްލާ ކޮފީ ޖޯޑެއް ގެނެސް އަޒްލާންއަށް ދިގުކޮށްލިއެވެ. އަދި އަޒްލާންއަށް ކުރިމަތިވާގޮތަށް އިން ސޯފާގައި އިށީނެވެ.
“ލީނާއަށް ކިހިނެތްވީ؟ އަނެއްކާވެސް ދަހްލާ އަޒްލާންއަށް ސުވާލުކޮށްލިއެވެ.
“ލީނާގެ ފަޔަށް ބިއްލޫރިކޮޅެއް ހެރުނީ.” އަޒްލާންގެ ޖަވާބުކުރެވެ.
“ކިހިނެތް؟” ދަހްލާ އަނެއްކާވެސް އެއްސެވެ.
“މަގޭ ބަޔަށް ވަދެގެން ކާން އިންދާ.” އަޒްލާން ޖަވާބުދިނީ ކޮފީފޮދެއް ބޮއިލަމުންނެވެ.
“އެހެންވިއްޔާ ކީތްވެ އެހާ ލަހުން ތިއައީ؟” ދަހްލާ ހީވަނީ މޮޅު ރިޕޯޓަރެއްހެންނެވެ. އަޒްލާންއަށް އުނދަގޫވެގެން އެންމެ ފަހުން ކޮފީ ތަށި ބެހެއްޓުމަށްފަހު އެބައިގެ ބެލްކަނީއަށް ދިޔައެވެ. ދަހްލާވެސް އަޒްލާންގެ ފަހަތުން ދިޔައެވެ.
“މަ ބުނީ ލީނާ ކައިރީގައި މަގޭ ބައިން ކާން އަންނާށޭ. ލީނާ ކާން ފަށަން އުޅެނިކޮށް އޭނާގެ އަތުން ޖެހިފައި ސައި ތަށި ވެރުނީ އޭނާގެ ފަޔަށް. ދެން ލީނާއަށް ތަދުވެގެން ތެދުވިތަނާ އޭނާގެ ފަޔަށް ބިއްލޫރިކޮޅެއް ހެރުނީ. އެގަޑީގަ އީން……މިބުނީ އީހަން އައީ. އެހެންވެ އޭނާ އެންބިއުލައިންސްއަށް ގުޅީ. ދެން ލީނާ ހޮސްޕިޓަލށް ގެންދިޔައީ. ޑޮކްޓަރ ބުނީ އެހާ ގިނައިން މަސައްކަތް ނުކުރުވާށޯ ލީނާ ލައްވަ. ދެން ކާރުގަ އިންދަ ލީނާއަށް ނިދުނީމަ މަ މިގެނައީ.” އަޒްލާން ކިޔައިދިނެެވެ.
“ސުވާލެއް އަހައިލަންތަ؟” ދަހްލާ އަޒްލާންގެ މޫނަށް ފަރުވާތެރިކަމާއިއެކު ބަލައިލަމުން އެއްސެވެ. އަޒްލާން އާއެކޭ ބުނީ ބޭރު ބަލަން އިނދެގެންނެވެ.
“އަޒްލާން އެންޑް ލީނާއަކީ ފްރެންޑްސްތަ ނޫނީ ތިއީ ލީނާގެ ކުރީގެ ބޯއީފްރެންޑްތަ؟ މިހެން މިބުނީ ކުރިން ތިދެމީހުން ބައްދަލުވިހެން ހީވާތީ.” ދަހްލާ ކުރި ސުވާލުން އަޒްލާން ސިއްސައޮގެންގޮސް ދެލޯ ބޮޑުކޮށްލަމުން ދަހްލާއާއި ދިމާއަށް ބަލައިލިއެވެ.
“އަ…އާނ….. މިބުނީ ކުރީގަ ދިމާވި ކޮލެޖުން.” އަޒްލާން ހިތްހަމަޖެހޭކަމަށް ދައްކަމުން ބުންޏެވެ.
“ކަލްޘޫމް…….” ދަހްލާއަށް އެއްޗެކޭ ނުބުނެވި އުޅެނިކޮށް އިވުނީ ޔަލީނާގެ ބާރު ހަޅޭކުގެ އަޑެވެ.
އަޒްލާންއާއި ދަހްލާ ދެލޯ ބޮޑުކޮށްލުމަށްފަހު ދެމީހުން ދެމީހުންނަށް ބަލައިލިއެވެ. އަޒްލާން އެންމެ ސިކުންތެއްވެސް ލަސްކުރުމެއްނެތި ކޮޓަރިއަށް ވަންނަން ދުއްވައިގަތެވެ. އޭނާގެ ފަހަތުުން ދަހްލާވެސް ދިޔައެވެ. އަޒްލާން ދޮރު ހުޅުވައިލިއިރު ޔަލީނާ ދިޔައީ ރޮއެ ހޭރެމުންނެވެ. އެނދުގައި ތެޅޭވަރުން ހީވަނީ މުޅި އެނދު ފުނޑުފުނޑުކޮށްލަފާނެ ހެންނެވެ. އަޒްލާން ދަހްލާ ކައިރީގައި ފެން ތައްޓެއް ގެންނާށޭ ބުނެ އެނދުގެ ކައިރީގައި އުޑު ފައިން އިށީނދެ ޔަލީނާއަށް ގޮވަން ފެށިއެވެ. ނަމަވެސް ގޮވަން ފެށިތާ އިރުކޮޅެއްނުވެ ޔަލީނާގެ ދެލޯ ވަރަށް ބޮޑަށް ހުޅުވުނެވެ. އަޒްލާން ސިއްސައިގެން ދިޔަވަރުން އިދިފުށަށް ނުވެއްޓުނީ ކިރިޔާއެވެ.
“އަހަރެން ސަލާމަތްކުރޭ!” ޔަލީނާގެ ދެލޮލުން ދިޔައީ ހުއްޓުމެއްނެތި ކަރުނަ އަންނަމުންނެވެ. އަދިވެސް ޔަލީނާއަކަށް ނުހޭލެވެއެވެ.
“ޔަލީނާ!!!!” އަޒްލާން ވަރަށް ބާރަށް ގޮވައިލި އަޑަށް ޔަލީނާގެ ދެލޯ މަރައިލުމަށްފަހު ހުޅުވައިލިއެވެ. އަދި ރޮއެގަނެފައި އަޒްލާންގެ ގައިގައި އޮޅުލައިގަތެވެ.
“ލީނާ ، ބުނެބަލަ.. ކިހިނެތްތަ ވީ؟” އަޒްލާން ލޯތްބާއި އޯގާތެރިކަމާއިއެކު ޔަލީނާގެ ބޮލުގައި ފިރުމަމުން ބުންޏެވެ. ޔަލީނާ އިސްއުފުއްލައިލިއެވެ. އެ ހޭޒެލް ދެލޮލުން އަދިވެސް ކަރުނަ ހުސްނުވެއެވެ. އަޒްލާން އޯގާތެރިކަމާއިއެކު ޔަލީނާގެ ކަރުނަތައް ފޮހެދިނެވެ.
“ލީނާ ބުނެބަލަ ، ކިހިނެތްތަ ވީ؟” އަޒްލާން އަނެއްކާވެސް އެ ސުވާލު ތަކުރާރުކޮށްލިއެވެ. އެވަގުތު ދަހްލާ ފެން ތައްޓެއް ހިފައިގެން ވަނެވެ.
“ސޮރީ އިނގޭ.. އަސްލު ކައިލާން ގުޅީ.. އެހެންވެ އެހާ ލަހުން އާދެވުނީ..” ދަހްލާ އެހެން ބުނަމުން އަޒްލާންގެ އަތަށް ފެން ތަށި ދިގުކޮށްލިއެވެ.
އަޒްލާން ޔަލީނާގެ ތުންފަތުގައި ފެންތަށި ޖެއްސުމުން ޔަލީނާ ދެކޮޅުހެދުމެއްނެތި ފެން ތަށި އެއްކޮށްބޮއި ހުސްކޮށްލިއެވެ. ހަމައެވަގުތު ދަހްލާގެ ފޯނަށް މެސެޖެއްއައެވެ. އެމެސެޖު ކިޔައިނިމުނުއިރު އޭނާހުރީ ދެލޯ ބޮޑުވެފައެވެ.
“ކިހިނެތްވީ ދަހޫ؟” އަޒްލާން އެއްސެވެ.
“ބައްޕަ ހޮސްޕިޓަލުގައި ބާއްވައިފި.. މަަންމަ ބުނީ ދާށޯ..” ދަހްލާ ބުންޏެވެ.
“ދެން އެހެންވިއްޔާ ދޭ އަވަހަށް.. އައި ވިލް ހޭންޑަލް ދިސް..” އަޒްލާން އެހެން ބުނުމުން ދަހްލާ ޝުކުރު އަދާކޮށްފައި ދިޔައެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

