މި ހިތުން މަޤާމޭ މި ދެނީ 14
ހިތުގެ ހިނގުމަށް ބަދަލު އަންނަމުން ދިޔަކަން ޒިއާމްއަށް އެނގެއެވެ. ހިތާ ދެކޮޅު ހަދަމުން ދިޔަ ޒިއާމްގެ އަތުން އެ ހިތުގެ މައްޗަށް އޮތް ބާރު ދޫވާން ފެށީ ޒިއާމްގެ މޭގައި މައިޜާގެ އަތްތިލަ ޖައްސާލުމުންނެވެ. ނޭވާ ހިފަހައްޓާލައިގެން އިން ޒިއާމްގެ ހިތް ސިކުނޑީގެ މައްޗަށް ކުރި ހޯދީ މައިރާގެ ނޭވާ ޒިއާމްގެ މެއަށް އެޅެން ފެށުމުންނެވެ.
ދެ އަތުން މައިރާގެ މޫނުގެ ދެފަރާތުން ހިފާ އުފުލާލަމުން ޒިއާމް މައިރާގެ ތުންފަތުގައި ބޮސްދިނެވެ. ފަސްޖެހުމެއް ނެތި މައިރާ އިޖާބަ ދިނުމުން ހައިރާންވި ނަމަވެސް ވަގުތުން ޚިޔާލު އެއް ފަރާތް ކޮށްލަމުން ޒިއާމް އެއްއަތުން މައިރާގެ ކަނދުރާގައި ހިފާ ބޮޑަށް ކައިރިކޮށްލިއެވެ.
އައިދަންގެ ހަނދާނުން ހިތަށް ވަމުން ދިޔަ ތަދު އެހެން އިހުސާސަކަށް ބަދަލުވާން ފެށުމާއެކު އިތުރު ވިސްނުމެއް ނެތި މައިރާ އެ އިހުސާސަށް މަރުޙަބާ ކިއެވެ. އައިދަން ނޫން މީހަކަށް ދުވަހަކުވެސް ދެވިފައި ނުވާ ހުއްދައެއް، ދުލުން ބުނުމަކާ ނުލާ ޒިއާމްއަށް ދެމުންނެވެ.
ނޭވާ ހުސްވެދާނެހެން ހީވިމުން ޒިއާމް ދުރަށް ޖެހިލާ މައިރާގެ ނިތްކުރީގައި ޒިއާމްގެ ނިތްކުރި ޖައްސާލިއެވެ. ލޯ ހުޅުވާ ޒިއާމްގެ މޫނަށް ބަލާލި މައިރާ އިސްނަގާ ޒިއާމްގެ މޫނުގައި ހިފާލިއެވެ. ދެންވެސް ޒިއާމް ދުރަށް ޖެހިލީ އެހާ އިރު ފަހުންނެވެ. އެއްޗެއް ނުބުނެ މައިރާ ގައިގައި ބައްދާލައިގެން ޒިއާމް އިނެވެ.
“މައިރާ…” އިސްޖަހައިގެން އިން މައިރާގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން ޒިއާމް ގޮވާލީ މައިރާ އެއްޗެއް ނުބުނުމުންނެވެ. އެއާއެކު މައިރާގެ ލޮލުގައި ވި ކަރުނަ ފެނުމުން ޒިއާމްގެ ހިތް ގެނބިގެން ދިޔައެވެ. ނިދިފައި އޮއްވާ ފެންއެއްޗެއް އަޅާލުމުން ހޭލެވޭ ހެން ޒިއާމްއަށް ފުން ނިންޖަކުން ހޭލެވުނު ފަދައެވެ. މައިރާއާ ދުރަށް ޖެހިލާ މޫނުން ފެށިގެން އިސްތަށިގަނޑު ތެރޭ އަތްތިލަ ހިންގާލަމުން ޒިއާމް ދުރު ބަލާލިއެވެ.
“ވީ ކާންޓް، ޒިއާމް، އައި ކާންޓް… އައިމް ސޮރީ…” މައިރާ ބުންޏެވެ.
ދެ މީހުންގެ މެދުގައި އެ ވީ ކަންތަކުން މައިރާގެ ހިތުގައި ވީ ކީކޭ ކަން އެ ލޮލުގައިވި ކަރުނައިން ދޭހަ ނުވި ނަމަ މައިރާގެ އެ ބަސްތަކުން ޒިއާމްއަށް ޔަގީންވީހެވެ.
އައިދަން ނޫން މީހަކަށް އެ ހިތުން ދޭނެ ޖާގައެއް އަދިވެސް ނެތީއެވެ. އެ ނޫން އަތެއްގެ ބީހުމަށް މައިރާ ބޭނުން ނުވަނީއެވެ. އެ ނޫން މީހަކު މައިޜާގެ ޙަޔާތުގައި ވުމަށް ނޭދެވެނީއެވެ. އައިދަންއަށް ފަހު އެ ފަދަ އުފަލެއް އެހެން މީހަކާ އެކު މައިރާ ބޭނުން ނުވަނީއެވެ.
“އެނގޭ” ހިތް ޝަކުވާއިން ފުރުނު ނަމަވެސް އަމަ އެކަނި އެހެން ބުނެފައި ޒިއާމް ތެދުވިއެވެ.
މޫނު ފޮހެލަފައި މައިރާ ތެދުވިއެވެ. ދޮރާ ހަމައަށް ގޮސްފައި މައިރާ ހުއްޓިފައި ޒިއާމްއަށް ބަލާލި އިރު ހީވީ އެއްޗެއް ބުނަން ބޭނުންވެފައި ހުރި ހެންނެވެ. އެހެން ނަމަވެސް ޒިއާމް ބަލާލުމާއެކު މައިރާ އެއްޗެއް ނުބުނެ ނިކުތީއެވެ.
އެނދުގައި އިށީނދެ ޒިއާމް ވޮލެޓް ހުޅުވާ މައިރާގެ ފަށް ނެގިއެވެ. އެއަށް ބަލަން އިނދެފައި އަލަމާރި ކައިރިއަށް ގޮސް ދޮރުފަތް ހުޅުވައިގެން އިރުކޮޅަކު ހުރެފައި ވަތްގަނޑުން ނެގީ ޒިއާމްއާ އައިދަން އެކުގައި ނަގާފައި ހުރި ފޮޓޯއެކެވެ.
“ސޮރީ ބްރަދަރ! އިރުކޮޅަކަށް އަހަރެން ހަނދާން ނެތުނީ އެއީ އައިދަންގެ ވައިފް ކަން… އެއީ އައިދަންގެ އަމާނާތެއް ކަން… އައިދަން ނޫން މީހަކަށް މައިރާ ބޭނުން ނުވާނެ ކަން ހަނދާން ނެތުނީ… އެއީ ދުވަހަކުވެސް އަހަންނަށް ލިބުން ނެތް ލޯތްބެއް ކަން ހަނދާން ނެތުނީ…” އެ ފޮޓޯއަށް ބަލަން ހުރެ ޒިއާމް މަޑުމަޑުން ވާހަކަ ދެއްކިއެވެ.
ފޮޓޯ އަލުން ވަތްގަނޑަށް ލާފައި ޒިއާމް އަތުގައި އޮތް ފަށަށް ބަލާލިއެވެ. އެއާއެކު ލޯ މަރާލަމުން ޒިއާމް ދެ ފަހަރަކު މޭގައި ބާރަށް ޖަހާލިއެވެ. ހިތުން އެ ލޯބި ފޮހެލާނެ ގޮތެއް ނުވިސްނުމުން ރުޅި އާދެވުނީ އަމިއްލަ ނަފްސު ދެކެއެވެ. ފަށާއެކު އަތްތިލާ މުށްކަވާލަމުން ޒިއާމް ފާރުގައި ބާރަށް ޖަހާލިއެވެ. އަތަށް ތަދު ވީ ނަމަވެސް ދެވަނަ ފަހަރަށްވެސް ޖެހިއެވެ. ހުޅުތައް މަތިން މަށައިގެން ގޮސް ލޭ އަންނަން ފެނުމުން އަތަށް ބަލަން އިރުކޮޅަކު ހުރެފައި ޒިއާމް ފާހާނާއަށް ވަދެ އަތް ދޮވެގެން ނިކުމެ ޓިޝޫއިން އަތް ހިއްކާލިއެވެ. ލޭ މަނާ ވަންދެން ޓިޝޫއިން އަތް ފޮހުނު އިރު އަތަށް ވަމުން ދިޔަ ތަދަށް ޒިއާމް މަރުޙަބާ ކީ، އެ ތަދުގެ ސަބަބުން ހިތަށް ލުއިވެދާނެ ކަމަށެވެ.
އަތުގައި އޮތް ފަށަށް ބަލަން ހުރެފައި ޒިއާމް އެ ފަށް ކަރުގައި އަޅާފައި ގަމީހުގެ އެތެރެއަށް ލާ ފޮރުވާލިއެވެ. ލޯ މަރާލަމުން ފަށުފުލުގައި އަތް ޖައްސާ ބާރުކޮށްލީ ހަންގަނޑަށް އެ ފޫ ވަދެ ކަނޑައިގެން ދާވަރަށެވެ.
މައިރާ އައިމަލް ކައިރީ އިށީނުމުން މައިރާގެ މޫނަށް އައިމަލް ބަލާލިއެވެ.
“މައި… ޔޫ އޯކޭ؟” އައިމަލް އަހާލިއެވެ.
އައިމަލްއާ ދިމާއަށް ބަލާ ނުލާ އިނދެ މައިރާ ހަމައެކަނި ބޯ ޖަހާލިއެވެ.
މައިރާގެ ކަރުނަ ނުހިކި ހުރި ލޯ ފެނުމުން އައިމަލް ދެރަވިއެވެ. އެ އެކުވެރިޔާގެ ހިތާމަތަކަށް ލުޔެއް ދެއްވާތޯ ހިތާހިތާ ދުޢާ ކޮށްލެވުނެވެ. އިސްޖަހައިގެން އިން މައިރާގެ ދަތްދޮޅީގައި ހިފާލަމުން އައިމަލް މައިރާއަށް ގޮވާލިއެވެ. މައިރާ އަވަސް އަވަހަށް ދުރު ބަލާލިއެވެ. މޫނަށް އެރި ރަތް ކުލައާއެކު މައިރާގެ ރަތްވެފައި ހުރި ތުންފަތް ފެނުމުން އައިމަލްއަށް ހައިރާންކަމެއް ލިބުނެވެ. ކޮޓަރީގައި ޒިއާމްއާ މައިރާއާ ދެމެދު ވީ ކީއްބާއޭ އައިމަލް ހިތަށް އެރިއެވެ.
“ޑިޑް ޔޫ ޓޫ—؟” ހިތަށް އެރި ސުވާލު ކޮށްލަން އައިމަލް އުޅުނެވެ.
“ނޯ!” އައިމަލްއަށް ސުވާލު ފުރިހަމަ ނުކުރެވެނީސް މައިރާ ދެކޮޅު ހެދިއެވެ.
ޒިއާމް ކޮޓަރިން ނިކުތީ އެ ވަގުތުއެވެ.
ނުބަލަން އިނދެފައިވެސް މައިރާ ޒިއާމްއާ ދިމާއަށް ބަލާލިއެވެ. މައިރާއާ ދިމާއަށް ބަލަން ހުރި ޒިއާމްއާ ހަތަރުކަޅި ހަމަވުމާއެކު އިސްޖަހާލި މައިރާއަށް ތުންފަތުގައި އަތްޖައްސާލެވުނީ ގަސްތަކާ ނުލައެވެ. އެ ހަރަކާތް އައިމަލްއަށް ފާހަގަ ކުރެވުނެވެ. ޒިއާމްއާ ދިމާއަށް އައިމަލް ބަލާލިއެވެ. މައިރާއާ ދިމާއަށް ބަލަން ހުރި އިރު ޒިއާމްގެ ހިތުގައި މައިރާއަށް ޓަކާ ވަނީ ހަމައެކަނި ރައްޓެއްސަކާ މެދު ވާ ފަދަ އިހުސާސެއް ނޫނޭ އައިމަލްގެ ހިތަށް އެރީ ކީއްވެ ކަމެއް ނޭނގެއެވެ. އަދި އަމްދުން އެއީ ކޮއްކޮގެ އަނބިމީހާއާ ދިމާއަށް މީހަކު ބަލާނެ ނަޒަރެއް ނޫން ކަން އައިމަލްއަށް ޔަގީންވިއެވެ. އެ ދެ މީހުންނަށް ބަލަން އިން އައިމަލްއަށް އެ ދެމެދުގައި ކަމެއް ހިނގައިފި ކަން ޔަގީންވިއެވެ.
މައިރާއާ މެދު ޒިއާމް އެ ގޮތަށް ދެކެން ފެށީ ކޮން އިރަކު ހެއްޔެވެ؟ މައިރާގެ ހިތުގައި ޒިއާމްއާ މެދު ވަނީ ކީކޭ ހެއްޔެވެ؟ އައިދަން ދެކެ މައިރާ ލޯބި ވާކަން އައިމަލްއަށް ޔަގީންވެއެވެ. އެއީ އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބި ވީ ދެމަފިރިންނެވެ. މައިރާ ދެކެ އައިދަން ލޯބ ވާކަން އެނގުމުން ޒިއާމް އައިދަންއަށް މައިރާ ދޫކޮށްލީ ހެއްޔެވެ؟ އެ ހުރިހާ ދުވަހު ޒިއާމް ލޯބި ވީ އަންހެން ކުއްޖަކީ މައިރާ ހެއްޔެވެ؟ އަހަރުތަކެއް ކުރިން މައިރާ ދެއްކި ވާހަކަ އައިމަލް ހަނދާންވިއެވެ. ޒިއާމް ކިޔަވަން ބޭރަށް ދިޔައީ އައިދަންއާ މައިރާ ގުޅުނު ތަނާއެވެ. އޭރު ޒިއާމްއާ މެދު މައިރާ ކަންބޮޑުވެގެން އުޅުނެވެ. ކުއްލިއަކަށް ޒިއާމް ދިޔައީ އަންހެން ކުއްޖެއްގެ ސަބަބުން ކަމުގައި މައިރާއަށް ހީވާ ކަމުގައި ބުނެ ވާހަކަ ދެއްކިއެވެ. ވެެ. ނަމަވެސް ެ ސަބަބުން ކަމުގައި މައިރާއަށް ހީވާ ކަމުގައި ބުނެ ވާހަކަ ދެއްކިއެވެ. ވާހަކަ އައިމަލް ހަނދާންވިއެ
އެކި ގޮތްގޮތަށް ވިސްނަމުން ދިޔަ އައިމަލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ހިތާހިތުން ކަންތައްތަކެއް ރާވަމުން އައިމަލް ޒިއާމްއާ މައިރާއަށް ވަކިވަކިން ބަލާލިއެވެ.
“ދާން ވީ ދޯ؟” ނާއިފް ބުނެލިއެވެ. ނާއިފްއާ އެއްބަސްވަމުން ހަމްނާ ތެދުވިއެވެ. އެ މީހުންނާއެކު ދާނަމޭ ބުނެ އައިމަލްވެސް ތެދުވިއެވެ.
“އަހަރެންވެސް ދާނީ ދެން” އައިމަލްއާ އެކު ތެދުވެފައި މައިރާ ބުންޏެވެ. އަދި އެހެން މީހުންނަށް ވުރެ ކުރިން ގޮސް ދޮރު ހުޅުވާލިއެވެ.
އެ ރޭގެ ފަހުން މައިރާއާ ޒިއާމް ހީވީ އެކަކު އަނެކަކަށް ފިލައިގެން އުޅޭ ދެ މީހުންހެނެވެ. ޒިއާމް ގޭގައި އުޅޭ ވަގުތެއްގައި މައިރާ ކޮޓަރިއަކުން ނުނިކުމެއެވެ. ހެނދުނު ސައި ގަޑީގައި އެހެން މީހުންނަށް ވުރެ ކުރިން، އޮފީހަށް ދާން ތައްޔާރުވުމުގެ ކުރިން މައިރާ ސައި ބޮއެގެން ކޮޓަރިއަށް ވަދެއެވެ. ޒިއާމް ސައިބޯން އަންނަން ވާ އިރަށް މައިރާ ގެއިން ނިކުމެއެވެ. މެންދުރު ޒިއާމް ކާން އަންނަނީ މައިރާ އައިސް ކައިގެން އޮފީހަށް ދާ ފަހުންނެވެ. ރޭގަނޑުވެސް ހާފިޒްއާ ޒިއާމް ކާން އަރާ ގަޑީގައި މައިރާ ކޮޓަރިއަކުން ނުނިކުމެއެވެ.
އެކަން ރަޒާނާއާ ރައިހާނާއަށް ފާހަގަ ކުރެވުނެވެ. ރަޒާނާ އެ ވާހަކަ ދެއްކުމުން ރައިހާނާ ހުރީ ނޭނގޭ ކަމަށް ހަދައިގެންނެވެ. އެހެން ނަމަވެސް ޒިއާމް ބަލިވެ އޮތް އިރު އެނގުނު ކަންތައް ރައިހާނާ ހަނދާނެއް ނުނެތެއެވެ. އިތުރު މީހަކު ގާތު އެ ވާހަކަ ނުބުނި ނަމަވެސް ފަހަކަށް އައިސް ރައިހާނާ އެކަމާ ވިސްނައެވެ. ޒިއާމްގެ އުޅުމަށް އަންނަމުން ދިޔަ ބަދަލާމެދު ރައިހާނާ އެއްޗެއް ނުބުނަނީ އެހެންވެއެވެ. އެ ހިތުގެ ޙާލު ރައިހާނާއަށް އެނގޭތީއެވެ. އެހެން ވިޔަސް ޒިއާމް އެއްވެސް ފިޔަވަޅެއް ނާޅަނީސް ރައިހާނާ ހުރީ އިސްވެ އެއްޗެއް ނުބުނާށެވެ.
ހުކުރު ދުވަހު މެންދުރަކީ އަބަދުވެސް އެންމެން އެކީ ކާން އަރާ ވަގުތަކަށް ވާތީ ހާފިޒްއާ ހަމްދޫންއާ ނާހިލް ކާން އަރާފައިވެސް މަޑުކޮށްލައިގެން ތިބީ ޒިއާމް ނާންނާތީއެވެ.
“ރަޒާނާ، ޒިއާމް ނާންނަނީތަ އަދިވެސް؟ ކޮބާތޯ ބަލާލަބަލަ” އެއްގަޑި ބައިވީ އިރުވެސް ޒިއާމް ނާންނާތީ ހާފިޒް ބުންޏެވެ.
ރަޒާނާ ޒިއާމްއަށް ގުޅިއެވެ.
“ކޮންތާކު ތިހިރީ؟ ޒިއާމް ނައިސްގެން ބޭބެމެން ކާން ނުފަށާ އެބަތިބި” ޒިއާމް ފޯން ނެގުމުން ރަޒާނާ ބުންޏެވެ.
“މި ދަނީ” ޒިއާމް ބުންޏެވެ.
“ކޮބާ؟” ރަޒާނާ ފޯން ކަނޑާލުމުން ހާފިޒް އެހިއެވެ.
“އެބަ އާދޭ” ރަޒާނާ ޖަވާބުދިނެވެ.
“ކިހިނެއްތަ މިހާރު ޒިއާމް އެ އުޅެނީ؟ އަބަދު ބޭރުގަތަ އުޅެނީ؟ ކާގަޑީގަވެސް ގިނަ ފަހަރު ނުފެނޭ. ބަލިވެތަ އުޅެނީ؟” ފަހަކަށް އައިސް ޒިއާމްއަށް އައިސްގެން އުޅޭ ބަދަލު ހާފިޒްއަށްވެސް ފާހަގަ ކުރެވުނެވެ.
“ބައްޔެއް ނޫން. އެކަމަކު މި ދުވަސްކޮޅު ވަރަށް ފާޑަކަށް ޒިއާމް އުޅެނީ. ހީވަނީ ކޮންމެވެސް ކަމަކާ އަބަދު ރުޅިގަދަވެފަ ހުންނަހެން. އަހަރެން އެހީމަވެސް އެކަމަކާ އެއްޗެއް ނުބުނޭ” ރަޒާނާވެސް ހުރީ ޒިއާމްއާ މެދު ކަންބޮޑުވެފައެވެ.
ތަށިތަކަށް ޖޫސް އަޅަން ހުރި މައިރާގެ ހަރަކާތްތަކަށް ބަލަން ރައިހާނާ އިނެވެ. ޒިއާމްއަށް ވެގެން އުޅޭ ގޮތާ މައިރާއާ ގުޅުމެއް ވާހެން ރައިހާނާއަށް ހީވެއެވެ. ދެ މީހުން ފަހަކަށް އައިސް ހީވަނީ އެކަކު އަނެކަކަށް ފިލައިގެން އުޅޭހެންނެވެ.
“މައިރާ ކައިރީ ޒިއާމް އެއްޗެއް ބުނިތަ؟” ރައިހާނާ އަހާލިއެވެ.
“ނޫން” އަވަސް އަވަހަށް މައިރާ ޖަވާބު ދީފައި ޖޫސްތަށިތައް މޭޒުމަތީ ބެހެއްޓިއެވެ.
ދޮރު ހުޅުވާލާފައި ވަން ޒިއާމް ފެނުމުން މައިރާ އެބަ އަންނަމޭ ބުނެ ކޮޓަރިއަށް ވަނެވެ. އެތަން ފެނި ރައިހާނާ ކައިރިއަށް ހިނިއައެވެ.
ފިރިހެނުން ކައި ނިމުމުން އަޒްހާ މައިރާއަށް ގޮވިއެވެ. ނިކުންނަން ބޭނުން ނުވި ނަމަވެސް ދައްކާނެ ބަހަނާއެއް މައިރާގެ ވިސްނުމަކަށް ނައެވެ. އެހެން ގޮތެއް ނެތް ފަދައިން އަޒްޙާގެ ފަހަތުން މައިރާ ނިކުތެވެ.
ކައި ނިމުމާއެކު ޒިއާމް ދާން ބޭނުން ވި ނަމަވެސް ހާފިޒް އެ ފުރުސަތެއް ނުދިނެވެ. ޒިއާމްއަށް އައިސްގެން އުޅޭ ބަދަލާމެދު ހާފިޒް ސުވާލު ކުރިއެވެ.
“ޒިއާމް މިހާރު މާ ގިނައިން ބޭރުގަ އުޅެނީތަ؟” ދުފަން އިން ހާފިޒް އެހިއެވެ.
ޒިއާމް ދެ ފަރާތަށް ބޯ ހަލުވާލިއެވެ.
“މީހަކާ ނިނދެ ހުންނާތީއޭ ތިހެން ވަނީ. ދެން ދިރިއުޅުމެއް ފަށަން އުޅޭ” ހާފިޒް ބުންޏެވެ.
ހާފިޒް ބުނި އެއްޗަކަށް ޖަވާބެއް ނުދީ ޒިއާމް އިނީއެވެ.
“މަންމައަށް ހީވަނީ ޒިއާމް މި ބަޔަށް އަލުން އަންނަން ވީހެން. މައްޗަށް ބަދަލުވި ފަހުން ޒިއާމް މަންމަމެންނާ ވަރަށް ދުރުވެއްޖެ” ހުރި ހަމަ އެކަނި ދަރިފުޅުގެ އަތުގައި ފިރުމާލަމުން ރަޒާނާ ބުންޏެވެ.
“ޒިއާމްއަށްވެސް މިނިވަން ކަން ބޭނުން ވާނެ މިހާރު. އަބަދަކު މަންމަމެންގެ ފަހަތުންނެއް ނޫޅެވޭނެއެއްނު” ރަޒާނާގެ ވާހަކައަށްވެސް ޒިއާމް ވަކި ޖަވާބެއް ނުދިނުމުން ޒިއާމްގެ އަނެއް ފަރާތުގައި އިށީނދެ ރައިހާނާވެސް ޒއާމް ގައިގައި ފިރުމާލިއެވެ.
“މީހަކާ އިނީމަ ދެން އަހަރުމެންގެ ފަހަތުން އުޅޭކަށް ނުޖެހޭނެ. ބޭބެ އެ ބުނާ ހެން ޒިއާމް މީހަކާ އިންނަން ވީ” ހާފިޒް ދެއްކި ވާހަކައާ ރަޒާނާގެ ވާހަކަ ގުޅުވާލިއެވެ.
“މަންމާ…!” އަކުރުތަކަށް ދަމާލަމުން ޒިއާމް ގޮވާލިއެވެ.
“ތިކަމުގެ ވަގުތު ޖެހުނީމަ ޒިއާމް ތި ކަންވެސް ކުރާނެ. ރަޒާނާ ހާސް ނުވެބަލަ. އޭނަ އަންނަ އިރަށް ތި ކަހަލަ ވާހަކަ ދައްކާތީއޭ ނާންނަނީވެސް” ރަޒާނާގެ ވާހަކައާ މެދު ޒިއާމް ހިތްހަމަ ނުޖެހުނު ކަން ރައިހާނާއަށް ފާހަގަ ކުރެވުނެވެ.
“ކޮންމެ މީހަކަށްވެސް ކަންތައް ދިމާ ވާނެ. އޭގެ މާނައަކީ ދިރިއުޅުމުގަ ބާކީ އޮތް ދުވަސްތައް ހުހަށް ދުއްވާލާށެކޭ ނޫނެއްނު؟ މަންމަމެން މިތިބީ މުސްކުޅިވެފަ. އެކަމަކު ތީ އަދި ޒުވާން ކުދިން. މަންމަގެ ޒިއާމްވެސް މާ ކުރީގެ ކަމަކާ ހެދި މުޅި ދިރިއުޅުން ތިހެން ތި ހޭދަ ކުރަނީ. މައިރާވެސް އެ ހުންނަނީ އެހެން. އުމުރަކީ ވަރަށް ކުރު އެއްޗެއް. އެ ނިމޭނެ ދުވަހެއް ނޭނގޭނެ. ވަގުތު އޮއްވާ ކުރި ކަމެއް ކުރެވޭނީ. އުފަލަކީވެސް ހޯދަން މަސައްކަތް ކުރީމަ ލިބޭ އެއްޗެއް. ލޯތްބަކީ ހަނދާން ނައްތާލަން ފަސޭހަ އެއްޗެއް ނޫން. އެކަމަކު މާޒީއާ ހެދި ކުރިއަށް ފިޔަވަޅެއް ނޭޅިފަ ހުރުމަކީ މޮޔަ ކަމެއް. ޒިއާމް ތިހެން ހުންނާނީ ކިހާ ދުވަހަކު؟ ދަރިފުޅު ކައިވެނިކޮށް ކުދިން ގޮވައިގެން އުޅޭ ތަން މަންމަ ވަރަށް ދެކިލާ ހިތްވޭ. އާލިޔާއާ އަޒްހާގެ ކުދިން ހެން ޒިއާމްގެ ކުދިން އުރައިގެން އުޅޭ ހިތްވޭ. މަންމަގެ މި ހުވަފެން ތެދުކޮށްދޭން ޒިއާމް ނޫން ކުއްޖަކު މަންމަގެ ނެތް.
ދެން ހުރީ މައިރާ. ތީވެސް މިހާރު ހަމަ މިގޭ ކުއްޖެއް. ތިއްތައާ މަންމައާ ދެ މީހުންގެވެސް ދަރިއެއް ތީ. ތި ދަރިފުޅުވެސް އުފަލުގަ އުޅޭ ތަން ދެކޭ ހިތްވޭ. ދަރިފުޅުވެސް މިހާރަށް ވުރެ ގިނައިން މީހުންގެ ތެރެއަށް ނިކުމެލާ އުޅެބަލަ. ތިހެން ކިހާ ދުވަހަކު ހުންނާނީ؟”
ރަޒާނާ ދެއްކި ވާހަކަ އަޑު އަހަން އެންމެން ތިބި އިރު މައިރާއާ ޒިއާމްވެސް ތިބީ އިސް ޖަހައިގެންނެވެ. އެކަކުވެސް އެއްޗެއް ނުބުނެއެވެ.
“އަޅެ އަހަރެން ބުނި އެއްޗަކުން އެންމެންގެ އަނގައިން ބަސް ހުސްވީތަ؟” އިރުކޮޅެއް ވީ އިރުވެސް އެކަކުވެސް އަނގައިން ނުބުނުމުން ރަޒާނާ އެންމެންގެ މޫނަށް ބަލާލިއެވެ.
“ތިއްތަ އެ ބުނީ ރަނގަޅު ވާހަކައެއް މައިރާ. އެކަމާ ވިސްނައްޗޭ. މައިރާއަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބުމަށް މަންމަ އަބަދުވެސް ދުއާ ކުރަން” ރައިހާނާއާ ޖެހިގެން ހުރި ސޯފާގައި އިން މައިރާގެ ބޮލުގައި ފިރުމާލަމުން ރައިހާނާ ބުންޏެވެ.
މައިރާ ބޯ ޖަހާލިއެވެ.
“ޒިއާމް، ތީ މިހާރު ދޮންތައާ ބޭބެގެވެސް ހުރި ފިރިހެން ދަރިއަކީ. ދޮންތަމެން މަރުވުމުގެ ކުރިން ކޮންމެ ކުއްޖަކުވެސް މީހަކާ އިނދެ ރަނގަޅު ދިރިއުޅުމެއް އުޅޭ ތަން ދުށުމަކީ ދޮންތަމެންވެސް އެދޭ އެދުމެއް. ދަރިފުޅު މި އެދުން ފުރިހަމަ ކޮށްދޭނަން ދޯ؟” ރައިހާނާ ޒިއާމްގެ ފަރާތުން އެދުނެވެ.
ރައިހާނާގެ އެދުމަށް ނޫނެކޭ ބުނަން ނުކެރިފައި ޒިއާމް އިނީ އާނއެކޭ ބުނަންވެސް ބޭނުން ނުވެފައެވެ. އެކަން ވިސްނި ރައިހާނާ ވާހަކަ ބަދަލުކޮށްލިއެވެ.
ނިދަން ތައްޔާރުވެގެން އެނދުގައި އޮވެ މައިޜާއަށް އެ ދުވަހު ދެކެވުނު ވާހަކައާ މެދު ވިސްނެނީއެވެ. ޒިއާމްއާ މައިރާގެ މެދުގައި ވީ ދުރުކަމުން މައިރާއަށް އުނދަގޫ ވަނީއެވެ. ޒިއާމްއާ ދިމާ ވި ފަހުން އެ ދެމެދުގައި އެއްވެސް މައްސަލައެއް ނުޖެހެއެވެ. އެކަކު އަނެކަކާ ކުރިމަތިލާން ފަސް ޖެހޭ ފަދަ ކަމެއް ދިމައެއް ނުވެއެވެ. އެކަކު އަނެކަާ ވާހަކަ ނުދައްކާ އެހާ ދުވަހަކު ނުތިބެއެވެ. ދެ މީހުންގެ މެދަށް ވެރިވެފައިވާ ބީރައްޓެހިކަން ނުފިލަނީސް މައިރާއަށް ހަމައެއް ނުޖެހެވޭނެއެވެ.
އެންމެ ފަހުން މައިރާ ޒިއާމްއަށް ގުޅިއެވެ. ރިންގް ވަމުން ދިޔަ ފޯނުގެ ސްކްރީނަށް ބަލަން އިނދެފައި ޒިއާމް ފޯން ނެގިއެވެ.
“ޒިއާމް…؟” ކަންފަތުގައި ފޯން ޖައްސައިގެން އެއްޗެއް ނުބުނެ ޒިއާމް އިނުމުން މައިރާ ގޮވާލިއެވެ.
“ކީކޭ؟” ޒިއާމް އެހިއެވެ.
“ވާހަކަ ދައްކާލަން ބޭނުން” މައިރާގެ އަޑުގައި ވީ ޖެހިލުންވުމެވެ.
“އަޑު އަހަން މިހިރީ” މައިރާ ބުނަން އުޅޭ އެއްޗަކާމެދު ޒިއާމްގެ ހިތުގައި ސުވާލު އުފެދުނެވެ.
“އަހަރެން ދަންތަ؟” ފަސްޖެހިފައިވެސް މައިރާ އަހާލިއެވެ.
“އާދޭ” ޒިއާމް ބުންޏެވެ.
ކޮޓަރީގައި އޮތް ޒިއާމް ޓީޝާޓެއް ލައިގެން ނިކުމެ ނިއްވާލާފައި އޮތް ސިޓިންގް ރޫމް ދިއްލާ، އޭސީ ޖައްސާލިއެވެ. ބަދިގެއަށް ވަދެ ފެން ކައްކަން ޖައްސާލި އިރަށް ބެލް ޖަހާލި އަޑު އިވުނެވެ.
ޒިއާމް ދޮރު ހުޅުވާލުމުން މައިރާ ވަނެވެ. މައިރާ އިށީނުމަށް ބުނެފައި ޒިއާމް ދެ މަގުގައި ކޮފީ ގިރައިގެން ގެނެސް އެއް މަގު މައިރާއަށް ދިނެވެ.
ކާމޭޒު ކައިރިން ގޮނޑިއެއް ދަމާލާފައި ޒިއާމް އިށީނީ މައިރާއާ ކުރިމަތިވާނެހެންނެވެ.
“ޒިއާމް ގެއަށް ނާންނަންޏާ މަންމަމެން ދެރަ ވާނެ” ކޮފީ މަގުގައި ދެ އަތުން ހިފަހައްޓާލައިގެން އިނދެ މައިރާ ބުނީ ހިމޭން ކަމުގައި އިރުކޮޅެއް ދިޔަ ފަހުންނެވެ.
“އެނގޭ” ޒިއާމް ދިނީ ކުރު ޖަވާބެކެވެ.
“އެ ކަންތައް ހަނދާން ނައްތައެއް ނުލެވޭނެތަ؟” އެހެން ނުވާނެ ކަން އެނގި ހުރެވެސް މައިރާ އަހާލިއެވެ.
“ކަންތައްތައް ހަނދާން ނައްތާލަން އެހާ ފަސޭހެ ނަމަ މައިރާވެސް އަހަރެންވެސް މިހެންނެއް ނޫޅޭނެ” ޒިއާމް އަތުގައި ހުރި މަގު މޭޒުމަތީ ބެހެއްޓިއެވެ.
“ފަސޭހަ ވާނެތީއެއް ނޫން އެހެން ބުނީ. މި ހުރިހާ ދުވަހު އަހަންނަށް އެންމެ އެހީވި މީހަކީ ތީ. ވީ ކަންތަކަށް ކެތް ކުރަން އެންމެ ބޮޑަށް ދަސްވީ ޒިއާމްގެ ފަރާތުން. އެ ހުރިހާ ކަމަކަށް ފަހު ޒިއާމްގެ އެކުވެރިކަން ގެއްލޭކަށް ބޭނުމެއް ނޫން” މައިރާ އެދޭ ގޮތް ހާމަކުރިއެވެ. އެ ދެމެދުގައި އެރޭ ވީ ކަންތައް ހަނދާން ނެތޭނެތީއެއް ނޫނެވެ. އަދި މައިރާ ދެކެ ޒިއާމް ލޯބި ވާކަން ނޭނގޭތީއެއްވެސް ނޫނެވެ. ދެ މީހުންގެ މެދުގައި އުފެދުނު ބީރައްޓެހިކަމަށް ކެތްނުވާނެތީއެވެ. އެ ހުރިހާ ދުވަހުވެސް ޒިއާމްއާ އޮތް ގުޅުން އެ ގޮތުގައި ބޭއްވީ އެ އެކުވެރިކަން ބޭނުން ވާތީއެވެ.
ޒިއާމް ލޯ މަރާލަމުން ފުން ނޭވައެއް ލިއެވެ. ޒިއާމްވެސް ބޭނުން ވާ ގޮތަކީ އެއީ ނޫން ހެއްޔެވެ؟ އެ ހުރިހާ ދުވަހު ކެތް ކޮށްގެން ހުރީ ރައްޓެއްސެއްގެ ގޮތުގައި ވިޔަސް ޒިއާމްގެ ޙަޔާތުގައި މައިރާ ހުރުން އެދޭތީ ނޫން ހެއްޔެވެ؟ ވީ އިރު އެކަކުގެވެސް އިޚްތިޔާރެއް ނެތި އެ މެދުގައި ވީ ކަމެއްގެ ސަބަބުން ދެ މީހުން ބީރައްޓެހިން ހެން އުޅެންވީ ކީއްވެ ހެއްޔެވެ؟
އަދި އެއްވެސް ސަބަބަކާ ހުރެ ޒިއާމް ހިތުގެ ފުން މިނުން މައިރާ ދެކެ ލޯބި ވާކަން މައިރާއަށް އެނގެން ބޭނުން ނުވާތީއެވެ. އަދި އަމްދުން އެރޭ އެދެމެދުގައި އެވީ ކަންތަކަކީ ޒިއާމް މައިރާ ދެކެ ލޯބި ވާތީ ވީކަމެއް ކަން މައިރާއަށް އެނގޭކަށް ޒިއާމް ނޭދެއެވެ. އެއި އެ ވަގުތުގެ ގޮތުން އެމެދެދުގައި ހިނގި ކަމެއް ކަމުގައި މައިރާ ގަބޫލު ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ.
“އޯކޭ. އައިމް ސޮރީ!” މައިރާއަށް ބަލާލަމުން ޒިއާމް މާފަށް އެދުނީ އެރޭ ވީ ކަންތަކަށެވެ.
“މާފަށް އެދެން ޖެހެނީ ޒިއާމް އެކަންޏެއް ނޫން” މައިރާ ބުންޏެވެ.
“ގަސްތުގަ ވީ ކަމެއް ނޫން އެއީ، އެހެން ވީމަ އެކަކުގެވެސް ކުށެއް ނޫން އެއީ. އެކަކުވެސް މާފަށް ނޭދުން ކިހިނެއް ވާނެ؟” ޒިއާމް އަހާލިއެވެ.
މައިރާ ބޯޖަހާލިއެވެ.
ޒިއާމް ކޮފީ މަގު ނަގާ އެއްފަހަރުން ހުސްކޮށްލިއެވެ.
“އެއްޗެއް ކާން ހަދަންތަ؟” ޒިއާމް އެހިއެވެ.
“ކޯޗެއް؟” އެރޭ ރަނގަޅަށް ނުކެވޭތީ މައިރާ ބަނޑުހައި ވާ ކަން އިހުސާސް ކުރެވުނީ ޒިއާމް އެހެން އެހުމުންނެވެ.
“ބަލާލާނަން” ޒިއާމް ތެދުވިއެވެ.
ގިނަ އިރެއް ނުވެ ދެމީހުން ތިބީ ސޭންޑްވިޗް ހަދައިގެން ކާށެވެ. މައިރާގެ އެދުމަށް ޒިއާމް ފިލްމެއް އެޅުވިއެވެ. ނަމަވެސް ފިލްމް ނުނިމެނީސް މައިރާ ފޫހި ވެގެން އެކިއެކި ވާހަކަ ދައްކަން ފެށިއެވެ.
“ދެން ކީއްކުރަން މައިރާ ވިސްނަނީ؟” ވާހަކައިގެ ތެރެއިން ޒިއާމް އަހާލިއެވެ.
“ތި ބުނީ؟” ޒިއާމް ބުނި އެއްޗެއް މައިރާއަކަށް ނުވިސްނުނެވެ.
“ތިހެން ހުންނަނީހޭ؟” މައިރާ އަލުން އެފަދަ ކަމަކާ ވިސްނާނަންތޯ އަހަން ބޭނުންވި ނަމަވެސް ސުވާލު ކުރީ ދުރުދުރުންނެވެ.
“އަދި ނުވިސްނަން އެކަހަލަ ކަމަކާ… ފަހުން ވާނެ ގޮތެއް ބުނާކަށް ނޭނގޭ” ހަގީގަތުގައިވެސް ދެން ކަންތައް ކުރަންވީ ގޮތެއް މައިރާއަކަށް ނޭނގެއެވެ.
“މަންމަ ބުނިހެން އަސްލު ލައިފްއާ މެދު ވިސްނަންވީ. މުޅި އުމުރު ތިހެން ނޫޅެވޭނެއެއްނު؟” ޒިއާމް ބުންޏެވެ.
“އެއް ފަހަރު ވީ ހެން ދެވަނަ ފަހަރަށް ވެދާނެތަ؟ އައިދަން ކަހަލަ މީހަކު އަހަރެންގެ ލައިފްއަށް އަނެއްކާވެސް އައިސްދާނެތަ؟” ވިސްނާލަމުން މައިރާ ބުނެލި އިރު އެހެން ވެދާނެ ކަމަކަށް މައިރާއަކަށް ގަބޫލެއް ނުކުރެވެއެވެ.
“މޭބީ… ޓްރައި ކުރީމައެއްނު އެނގޭނީ” މައިރާގެ އެ ބަސްތަކާއެކު، މައިރާ ދެކެ އެ ވަރަށް ލޯބިވާ މީހަކު ކައިރީގައި ހުރި ކަން ވިސްނޭނެ ނަމައޭ ޒިއާމް ހިތަށް އެރިއެވެ.
“މޭބީ… އެކަމަކު އަހަންނަށް ދެވަނަ ފަހަރަށް އެ ގޮތަށް ލޯބި ނުވެވިއްޖެއްޔާ…؟” ޒިއާމްގެ ހިތް އޮތްގޮތް އެނގި ހުރެ މައިރާ އަހާލިއެވެ.
ޒިއާމް އެއަށް ޖަވާބެއް ނުދީ އިނީއެވެ.
“ޒިއާމް، ކީއްވެ އޭރު ޔަލްދާއާ މެރީ ނުކުރީ؟” އެއީ އަބަދުވެސް މައިރާ ޖަވާބު ހޯދަން ބޭނުން ވި ސުވާލެކެވެ.
“އަހަރެން ހުރީ މެރީ ކުރަން. އެކަމަކު… އިޓްސް ކޮމްޕްލިކޭޓެޑް” އެއީ މައިރާއާ ހިއްސާ ކުރަން ޒިއާމް ބޭނުން ނުވާ ވާހަކައެކެވެ.
“އަހަންނާ ސުވާލު ކުރާ އިރު އަހަރެން ކުރާ ސުވާލަކަށް ޒިއާމް ޖަވާބު ދީގެން ނުވޭ” މައިރާ ބުނެލިއެވެ.
“ބައެއް ވާހަކަތައް ދައްކާކަށް އެހާ ފަސޭހައެއް ނުވާނެ” ޒިއާމް ބުންޏެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.








Hi, miadhu ge bai kamudhaane kamah hykuran
Next on Monday ❤️