Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މި ހިތުން މަޤާމޭ މި ދެނީ 13

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
December 7, 2020 8 Mins Read
1 Comment

ހަ މަސް ފަހުން މައިރާ ވަޒީފާއަށް ނިކުންނަން ފެށިއެވެ. ވަކިވެ ދިޔަ ފިރިމީހާއާ ދަރިފުޅުގެ ހަނދާން އެ ހިތުން ދުވަހަކުވެސް ނުފިލާނެއެވެ. އެހެން ނަމަވެސް އެ ހަނދާންތަކާ އެކު ދިރިއުޅެން މައިރާ ދަސްކޮށްފިއެވެ. އޭގެ ފަހުން އަހަރެއް ވީ އިރު މައިރާގެ މޫނުމަތިން ހިނިތުންވުން ފެންނަން ފެށިއެވެ. އެ ލޮލުން ހިތާމައިގެ އަސަރު ފިލަން ފެށީ އެހާ ދުވަސް ފަހުންނެވެ. އޭރުވެސް މައިރާ ހުރީ ރައިހާނާމެން ގޭގައެވެ. ދެ ތިން ފަހަރު ގެއަށް ބަދަލުވުމަށް މުނާ ބުނުމުން މަންމައާ ބައްޕަގެ ފަރާތުން މައިރާ އެދުނީ އައިދަންގެ އާއިލާއާ އެކު ދިރިއުޅުމަށް ހުއްދަ ދިނުމަށެވެ. އެއީ މަންމައާ ބައްޕަ ދެކެ މައިރާ ލޯބި ނުވާތީއެއް ނޫނެވެ. އައިދަން ވަކިވި ނަމަވެސް އެ ދިރިއުޅުމާ ވަކިވާން މައިރާ އަދި ނޭދޭތީއެވެ. މައިރާ އެދުމުން މުނާއާ ޝަފީއު ދެކޮޅު ނުހަދާ ދަރިފުޅު ބޭނުން ގޮތަކަށް ކަންތައް ކުރަން ދޫކޮށްލިއެވެ. އެހާ ޅަ އުމުރުގައި އުފުލަން ޖެހުނު ހިތާމަތަކަށް ފަހު އެ ދަރިފުޅު އުފާވާ، ހިތްހަމަ ޖެހޭ ކޮންމެ ކަމެއް ކޮށްދިނުމަށް އެ މީހުން ތިބީ ތައްޔާރަށެވެ.

ދެ އަހަރު ދިޔައީ އެ ގޮތުގައެވެ. އެ މީހެއްގެ ދިރިއުޅުމާއިގެން އެ މީހަކު ކުރިއަށް ދިޔައެވެ. ދިރިއުޅުމެއް ފެށުމާ މެދު ޒިއާމް އިތުރަކަށް ނުވިސްނައެވެ. ދުވަހަކުވެސް ކައިވެންޏެއް ނުކުރަން ޒިއާމް ހުރީ ނިންމައިގެންނެވެ. ރަޒާނާއާ ހާފިޒް އެކި ފަހަރު މަތިން ޒިއާމްއާ އެ ވާހަކަ ދައްކައެވެ. ކޮންމެވެސް އެއްޗެއް ބުނެ ޒިއާމް އެ މީހުންގެ ސުވާލުތަކަށް ޖަވާބުދެއެވެ. ޔަލްދާއާ ވަކި ވި ފަހުން ޒިއާމްގެ ކައިވެނީގެ ވާހަކަ ރައިހާނާ ނުދައްކާ ކަން ޒިއާމްއަށް ފާހަގަ ކުރެވުނެވެ. ޒިއާމްގެ ހިތުގައި ވާ އެއްޗެއް ރައިހާނާއަށް އެނގިފައި އޮވެދާނެ ކަމަށް ކުޑަކޮށްވެސް ޒިއާމްގެ ހިތަކަށް ނާރައެވެ. މަންމައާ ބޮޑުބޭބެއާ ޚިލާފަށް ދޮންތަ ސުވާލު ނުކުރާތީ ޒިއާމް ހުރީ އުފަލުންނެވެ.

އައިދަން ނިޔާ ވި ފަހުން އައިދަންއާ މައިރާ އުޅުނު އެޕާޓްމެންޓަށް މައިރާ ދިޔައީ އެންމެ ދުވަހަކުއެވެ. އެ ދުވަހު އެކީގައި ކަހަލަ ގޮތަކަށް އެތަނުގައި ހޭދަ ކޮށްފައި އައިސް ރައިހާނާއާ ހާފިޒް ގާތުން މައިރާ އެދުނީ އެ ތަނުގައި ހުރި އެއްޗެހި ހުސްކޮށްފައި ކުއްޔަށް ދިނުމަށެވެ. އެކަން ކުރުމަށް ހާފިޒް ހަވާލު ކުރީ ޒިއާމްއާއެވެ. އެ މަސައްކަތުގައި އުޅުނު ޒިއާމް އެ އެޕާޓްމެންޓަށް ބަދަލު ވާން ބޭނުން ވެގެން ބުނުމުން އެކަމާ ރަޒާނާ ސުވާލު ކުރިއެވެ. ޒިއާމްއަށް ޖަވާބެއް ނުދެވެނީސް އެ ހުއްދަ ޒިއާމްއަށް ދިނީ ރައިހާނާއެވެ. މައިރާވެސް އެ ގޭގައި ހުންނާތީ އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ރަޒާނާއަށް ވިސްނައި ދިނީ ރައިހާނާއެވެ.

އެ ތަނުގައި ޒިއާމް ހުއްޓަސް ހުރިހާ އިރެއްގައި ކަނީ ރަޒާނާމެންނާ އެކުއެވެ. އެ ތަނަށް ޒިއާމް ދަނީ ނިދަން ފިޔަވައި އެކަހެރިވެލަން ބޭނުންވާ ވަގުތުގައި އެކަންޏެވެ. އެ އެޕާޓްމެންޓްގެ ތަޅުދަނޑިއެއް ރަޒާނާ އަތުގައި އޮވެއެވެ.

މައިރާގެ އެންމެ ގާތް އެކުވެރިންގެ ތެރެއިން އާރާގެ ކައިވެނި ކުރެވެން އުޅޭތީ ކައިވެނީގެ ކަންކަމުގައި އާރާއަށް އެހީވުމަށް މައިރާ ކޮންމެ ދުވަހަކު އެ ގެއަށް ދެއެވެ. އޭގެ އަހަރެއް ކުރިން ކައިވެނި ކުރުމަށް ފަހު ފިރިމީހާއާ އެކު ހަމްނާ ދިރިއުޅުން ބަދަލު ކުރީ ރާއްޖެއިން ބޭރަށެވެ. އެހެން ނަމަވެސް އާރާގެ ކައިވެންޏަށް ހަމްނާއާ ނާއިފް މާލެއަށް އައެވެ. ހަމަ އެ ދުވަސްކޮޅު އެ ގްރޫޕްގައި ދެން ހުރި އައިމަލްގެ ކައިވެނި ރޫޅުނެވެ. އެކަމާ އެންމެން ސުވާލު ކުރުމުން ޖަވާބުގައި އައިމަލް ބުނީ ދެ މީހުން އެކުގައި އުޅެން ބޭނުން ނުވާތީ ސުލްހައިހައި ވަކިވީ ކަމުގައެވެ.

މައިރާއާ ރަޒާނާއާ ރައިހާނާއާ ހާފިޒްއާ އެކު ޒިއާމްވެސް އެ ކައިވެނި ޕާޓީއަށް ދިޔައެވެ.

އާރާއާ އިޔާދުއާ ސަލާން ކޮށްލާފައި އެތެރެއަށް ވަދެގެން އައި ޒިއާމް، ތިން ވަރަކަށް އަހަރުގެ ކުޑަ އަންހެން ކުއްޖަކު އުރައިގެން ހުރި ޒުވާނާ ފެނުމުން މަޑުކޮށްލިއެވެ.

“ފެމިލީ ކުއްޖެއްގެ ވެޑިންގްއެއް ދޯ؟” ދެ އަހަރު ކުރިން ހޮސްޕިޓަލުން ދިމާވި ޑޮކްޓަރ އާ އެ ތަނުން ދިމާވެދާނެ ކަމަށް ޒިއާމް ހީވެސް ނުކުރެއެވެ.

“އާނ، ބްރައިޑް އަކީ އަހަރެންގެ ކޮއްކޮ” އާރާއަށް އިޝާރާތް ކޮށްލަމުން އަޒްމަން ޖަވާބު ދިނީ ހިނިތުންވުމަކާ އެކުއެވެ.

“އެހެންތަ؟ އެއީ މައިރާގެ ބެސްޓް ފްރެންޑް. ދެން މީ ކޮން ޕްރިންސެސްއެއް؟” އަޒްމަން އުރައިގެން ހުރި ކުއްޖާގެ ކޮލުގައި އަތް ޖައްސާލަމުން ޒިއާމް އަހާލިއެވެ.

“މީ ޑެޑީގެ އަނާ، ދޯ ދޫނީ؟ ބޭބެއާ ސަލާން ކޮށްލަބަލަ” ދަރިފުޅުގެ މޫނުގައި ބޮސްދެމުން އަޒްމަން ބުންޏެވެ.

ލަދުން އިނދެ ޒިއާމްއާ ދިމާއަށް އަނާ އަތް ދިއްކޮށްލިއެވެ. ޒިއާމް އެ ކުޑަކުޑަ އަތް ތިލައިގައި ހިފާ ސަލާން ކޮށްލިއެވެ.

“އެހާ އަވަހަށް އަނާ ފްރެންޑެއް ހޯދާލީތަ؟” އަޒްމަން ކައިރިއަށް އައި އަންހެން ކުއްޖާ އަހާލިއެވެ.

“މަންމީ!” ކުޑަކުޑަ އަނާ ބާރަށް ގޮވާލަމުން މަންމައާ ދިމާއަށް އަތް ދިއްކޮށްލީ އުރާށޭ ބުނާ ފަދައިންނެވެ.

“ނޯ ބޭބީ. ޑެޑި ކައިރީ އިހަށް ހުރެބަލަ. މަންމި ވަރުބަލި ވާނެ. މީ އަހަރެންގެ ވައިފް، ޒައިނާ” ޒިއާމްއަށް ޒައިނާ ތަޢާރަފް ކޮށްދެމުން އަޒްމަން ބުންޏެވެ.

ޒައިނާގެ އަތުގައި ހިފާ ސަލާން ކޮށްލި އިރު ޒައިނާގެ ބޮޑުވާން ފަށާފައިވާ ބަނޑު ޒިއާމްއަށް ފާހަގަ ކުރެވުނެވެ.

“ކޮންގްރެޗުލޭޝަންސް!” އަޒްމަންއަށް ބަލާލަމުން ޒިއާމް މަރުޙަބާ ކިއެވެ.

“ޝުކުރިއްޔާ! ޒިއާމް ދޯ ކިޔަނީ؟ ކިހިނެއް ކަންތައް؟ ހައު އިޒް ޝީ؟” ޒިއާމްއަށް ޝުކުރު އަދާ ކުރަމުން އަޒްމަން އަހާލީ މައިރާއަށް އިޝާރާތް ކުރަމުންނެވެ.

“މިހާރު އޯކޭ” މައިރާއަށް ބަލާލަމުން ޒިއާމް ޖަވާބު ދިނެވެ.

“އޭރު ނޭނގޭ އެއީ އާރާގެ އެހާ ކްލޯޒް ފްރެންޑެއް ކަމެއް. ވެޑިންގ ކަންތަކުގަ ފެނުނީމަ އެނގުނީ. އަހަރެން އަދިވެސް ހަނދާން އެބަހުރި އެ ދުވަސް. އޭރުވެސް ޝީ ރިމައިންޑެޑް މީ އޮފް ޔޫ” ޒައިނާގެ ކޮނޑުގައި އަތް އަޅުވާ ކައިރި ކޮށްލަމުން އަޒްމަން ބުނެލިއެވެ. އެއާއެކު ޒައިނާއާ އަޒްމަންގެ ލޮލުންވެސް ހިތާމައިގެ އަސަރު ފާޅުވެލިއެވެ.

“އަޒްމަން ކަހަލަ މީހަކު މައިރާގެ ލައިފްއަށްވެސް އަންނާނެ ނަމަ… މީ މައިރާގެ…؟” އެ ހަނދާންތަކުން ނިކުމެފައި ޒައިނާ އަހާލީ މައިރާއާ ޒިއާމްގެ ގުޅުން ނޭނގޭތީއެވެ.

“މައިރާގެ ބްރަދަރ އިން ލޯ ދޯ؟” އަޒްމަން ބުންޏެވެ.

މައިރާއާ ޒިއާމްގެ މެދުގައި ވާ ގުޅުމަށް އެ ގޮތަށް ނަން ދޭން ނުރުހިފައި ހުރި ފަދަ ގޮތަކަށް ޒިއާމް ބޯ ޖަހާލިއެވެ.

“ސޯ މިހެން އުޅެލާފަ ދިމާވެލަން ވާނެ އިނގޭ” އަޒްމަންގެ ނަމުން ގޮވާލި އަޑު އިވުމުން އެ ދިމާއަށް ބަލާލާފައި އަނެއްކާވެސް ޒިއާމްއާ ސަލާން ކޮށްލަމުން އަޒްމަން ބުނެލީ އެކުވެރިކަމަށް ދަޢުވަތު ދެމުންނެވެ.

“ޒިއާމްގެ ރައްޓެއްސެއްތަ؟” ޒިއާމް އައިސް އިށީނުމުން ރައިހާނާ އަހާލިއެވެ.

“އެއީ އާރާގެ ދޮންބެ” ރައިހާނާ ކުރި ސުވާލަށް ޖަވާބު ދިނީ މައިރާއެވެ.

“ޒިއާމް ކިހިނެއް އޭނަ ދަންނަނީ؟” ރައިހާނާ އެހިއެވެ.

“ހޮސްޕިޓަލުން ދިމާވީ… އެއީ އޭރު ޔޫންގެ ކަންތަކާ ހަވާލުވެ ހުރި ޑޮކްޓަރު. އޭގެ ފަހުން މިރޭ މި ދިމާވީ. މައިއަށް އެނގޭ ދޯ؟” ރައިހާނާއަށް ޖަވާބު ދީފައި ޒިއާމް މައިރާ އާ ސުވާލު ކޮށްލިއެވެ.

މައިރާ ބޯ ޖަހާލިއެވެ.

“ކޮބާ އައިމަލްމެން؟” ކުއްލިއަކަށް ހިމޭންވި މައިރާގެ ހިތުގައި ވަނީ ކީކޭ ކަން ވިސްނުނު ޒިއާމް ވާހަކަ ބަދަލު ކޮށްލިއެވެ. އެކަން ވިސްނި ރަޒާނާއާ ރައިހާނާވެސް އެހެން ވާހަކައެއް ފެށިއެވެ.

“މައި…” އެހެން މީހުންގެ ވާހަކައިގައި ބައިވެރި ނުވެ އިން މައިރާއަށް ޒިއާމް ގޮވާލިއެވެ.

“އައިމް އޯކޭ” ޒިއާމްގެ ހިތުގައި ވީ ސުވާލު ވިސްނި މައިރާ ހީލަމުން ބުންޏެވެ.

ހަމްނާ އައުމުން އެ ދުވަސްކޮޅު މައިރާގެ ގިނަ ވަގުތު ހޭދަވީ ހަމްނާއާ އައިމަލްއާ އެކުއެވެ. ހަފްތާއަކަށް މާލެއަށް އައިސް ހުރި ހަމްނާ ކޮންމެ ރެއަކުހެން މައިރާމެން ގެއަށް އާދެއެވެ. ހަމްނާއާ އެކު ބައެއް ފަހަރު ނާއިފްވެސް އާދެއެވެ. ހަމްނާ އަންނަ ރެއަކު ވިއްޔާ އައިމަލްއަށްވެސް ގުޅައިގެން ގެނެއެވެ.

ހަމްނާއާ ނާއިފް ފުރުމުގެ ކުރިން ޒިއާމްގެ ދަޢުވަތަކަށް ހަމްނާއާ ނާއިފްއާ އައިމަލް އަދި މައިރާ ރޭގަނޑުގެ ކެއުމަށް ޒިއާމްގެ އެޕާޓްމެންޓަށް އައެވެ. ރަޒާނާމެންނަށް އުނދަގޫ ނުކޮށް ޒިއާމް ކާ އެއްޗެހި ގެނައީ އޯޑަރ ކޮށްގެންނެވެ. ޒިއާމްއަށް އެހީ ވުމަށް އެހެން މީހުންނަށް ވުރެ ކުރިން މައިރާ އައި އިރު ޒިއާމް ހުރީ ކާ މޭޒުމަތި ތައްޔާރު ކޮށްފައެވެ.

“މި ކަހަލަ ކަންތައްތަކަށް ޒިއާމް ވަރަށް މޮޅު ދޯ؟” ހުރިހާ ކަމެއް ނިންމާލާފައި ހުއްޓާ ފެނުމުން މައިރާ ޒިއާމްއަށް ތަޢުރީފް ކޮށްލިއެވެ.

“މީ އެހާ ވަރުގެ ކަމެއްތަ؟ ބޭރުން އެއްޗެހި ގެނެސްގެން ތަށިތަކަށް އަޅާލަން އެނގޭނެ ކޮންމެ މީހަކަށްވެސް” ޒިއާމްއަށް އެއީ މާ ބޮޑު ކަމެއް ނޫނެވެ.

މައިރާ އެ އެޕާޓްމެންޓްގެ އެކި ދިމާއަށް ބަލާލިއެވެ. އައިދަންއާ މައިރާ އެތާ އުޅުނު އިރު ގެންގުޅުނު އެއްވެސް އެއްޗެއް އެތާކު ނެތެވެ. ޒިއާމް ހުރީ މުޅި ތަން އެކީ ބަދަލު ކޮށްލާފައެވެ. ހުރިހާ ފަރުނީޗަރާ، ބަދިގޭ ސާމާނުވެސް ހުރީ އާ ކޮށްފައެވެ. ކާ ތަށިތައް ނޫނީ މައިރާ ގެންގުޅުނު އެއްޗެއް ނެތެވެ.

ނިދާ ކޮޓަރިއާ ދިމާއަށް މައިރާ ބަލާލިއެވެ. އެ ކޮޓަރިވެސް ހުރީ ބަދަލު ކޮށްފައި ބާއޭ މައިރާ ހިތަށް އެރިއެވެ. ބަލާލަން ބޭނުން ވި ނަމަވެސް ނުކެރުނީ އެއީ ޒިއާމްގެ ކޮޓަރިއަށް ވާތީއެވެ.

ކޮޓަރިއާ ދިމާއަށް ބަލަން ހުރުމުން މައިރާ އެ ވިސްނަނީ ކޮން ކަމަކާ ކަން ދެނެގަންނާކަށް ޒިއާމްއަކަށް އުނދަގުލެއް ނުވިއެވެ. އެއީ މައިރާއަށް އައިދަންގެ ހަނދާން އެންމެ ބޮޑަށް އާ ކޮށްދޭނެ ތަން ކަން ޒިއާމްއަށް އެނގެއެވެ. އެ ކޮޓަރިއަށް ޒިއާމް ފުރަތަމަ ވަން ދުވަހު ޒިއާމްގެ ހިތަށްވެސް އުނދަގޫ ކުރުވީ އެ ޚިޔާލެވެ. މުޅި އެޕާޓްމެންޓް އެކީ ބަދަލު ކޮށްލަން ޒިއާމް ބޭނުންވީވެސް އެހެންވެއެވެ. އެތާ ހުރި ކޮންމެ އެއްޗަކީ މައިރާއާ އައިދަންގެ ލޯބީގެ ހަނދާންތަކަށް ވާ އިރު އެ އެއްޗެއްސާއެކު ޒިއާމް އެތަނުގައި އުޅޭނީ ކިހިނެއް ހެއްޔެވެ؟

“ކުރީގަ ހުރި އެއްވެސް އެއްޗެއް ނުހުންނާނެ” މައިރާގެ ހިތުގައި ވީ އެއްޗެއް އެނގޭތީ ޒިއާމް ބުންޏެވެ.

މައިރާ ޒިއާމްއަށް ބަލާލިއެވެ. އެއްޗެއް ބުނަން އުޅުނު ނަމަވެސް އެކަމަށް ހުރަސް އެޅީ ބެލްގެ އަޑެވެ.

ދުވަސްތަކެއް ފަހުން އެކުވެރިންނާ ދިމާ ވުމުން ސަކަރާތް ޖެހުމާ މަޖަލުގައި ވަގުތު ހޭދަވީ ގޮތްވެސް މައިރާއަށް ނޭނގުނެވެ. ކައިވެންޏަށް ފަހު ރާއްޖޭން ބޭރުގައި ހަމްނާއާ ނާއިފްގެ ދިރިއުޅުން ދިޔަ ގޮތާމެދު މައިރާ ސުވާލު ކުރިއެވެ. ކައިވެނި ރޫޅެން ދިމާވި ސަބަބު އައިމަލް ތަފްސީލްކޮށް އެކުވެރިންނަށް ކިޔާދިނެވެ.

“މިހާރު ހުހަށް ހުރީ ޒިއާމް، ތިހެން މާ ފްރީ ވެގެން އުޅެވޭނީ ކިހާ ދުވަހެއް ވަންދެން؟ މިނިވަންކަން ގެއްލިދާނެތީތަ މީހަކާ ނީންނަން ތި ހުންނަނީ؟” އައިމަލް އަހާލިއެވެ.

“މީހަކާ އިނުމަކީ މިނިވަން ކަން ގެއްލޭ ކަމެއްތަ؟” ހިނިއައިސްފައި އިނދެ ޒިއާމް އަހާލިއެވެ.

“ދެން ކީއްވެ ތިހެން ތި ހުންނަނީ؟ ރަނގަޅު ކުއްޖަކާ ދިމާ ނުވަނީތަ އަދިވެސް؟ ތިހެން ހުއްޓާ މުސްކުޅި ވެދާނެ” އައިމަލް ވާހަކަ ދައްކަމުން ދިޔައީ ޒިއާމްއާ ދިމާކުރުމުގެ ގޮތުންނެވެ.

“އައިމަލް!” މައިރާ ގޮވާލިއެވެ.

“ކީކޭ؟” އައިމަލް އެއްވެސް ކަމެއް ނޭނގޭ ކަމަށް ހެދެމުން އަހާލިއެވެ.

“އެހެން މީހުންގެ ފަހަތުން ނުދުވެ އައިމަލް އިންނާނެ މީހަކު ހޯދައިގެން އަނެއްކާވެސް އިނދެބަލަ ތިހެން ނުހުރެ” މައިރާ ބުނެލިއެވެ.

“ކައިރީގަ ޕަރފެކްޓް މީހަކު ހުއްޓާ ކީއްކުރަން ހޯދަނީ؟ މިހިރީނު ޒިއާމް؟” ޒިއާމްގެ ކޮނޑުގައި އަތް އަޅުވާލަމުން އައިމަލް ބުންޏެވެ.

ހައިރާންވެގެން އައިމަލްއާ ދިމާއަށް ޒިއާމް ބަލާލިއެވެ. ހަމްނާއާ ނާއިފް ހޭންފެށިއެވެ. މައިރާ އައިމަލްއާ ދިމާއަށް ބަލަން އިނީ އެ ބުނި އެއްޗެއް ގަބޫލު ނުކުރެވިފައި އިން ހެނެވެ.

“ސީރިއަސްލީ؟” މައިރާ އަހާލިއެވެ.

“ކީއްވީ؟ ޒިއާމް އެހެރީ ހުހަށް. މިހާރު އަހަރެން ހުސް. ޓްރައި ކޮށްލުމަކުން ގޯހެއް ނެތެއްނު؟” ދެ ކޮނޑު ހިއްލާލަމުން އައިމަލް ބުނެލިއެވެ.

ޒިއާމް ހޭން ފެށީ ދެނެވެ. ނުހޭން އިން ނަމަވެސް މައިރާއަށްވެސް ހެވުނެވެ.

“ކޮބާ ޒިއާމްގެ ގިޓާ؟” ކައި ނިމިގެން ސިޓިންގްރޫމްގައި އެންމެން އިށީނުމުން ހަމްނާ އަހާލިއެވެ.

“ހަމްނާ ބޭނުން ވީތަ؟” ޒިއާމް އެހިއެވެ.

“ނޫނޭ. އަހަންނަކަށް ނޭނގޭނެ އޭގަ ރަނގަޅަށް ހިފަންވެސް. ލަވައަކަށް ރިކުއެސްޓް ކޮށްލަން ވެގެން އެހީ” ހަމްނާ ބުންޏެވެ.

އެއާއެކު ނާއިފްއާ އައިމަލްވެސް ލަވައެއް ކިޔާދިނުމަށް އެދެން ފެށިއެވެ.

“ގިޓާ ގެނެސްދެންތަ؟” ޒިއާމް ބޯ ޖަހާލުމުން މައިރާ ތެދުވިއެވެ.

ގިޓާ ގެނައުމުގެ ބަހަނާގައި މައިރާ ކޮޓަރިއަށް ވަނީ އެ ތަން ބަލާލުމުގެ ބޭނުމުގައެވެ. އެތެރެއަށް ވަދެ ދޮރު ލައްޕާފައި މައިރާ ހުއްޓުނެވެ. ލަސް ލަހުން ވަށައިގެން ބަލާލިއެވެ. ކުރިން ހުރި ގޮތަށް އެ ކޮޓަރީގެ އެއްވެސް އެއްޗެއް ނެތެވެ. އެނދާ އަލަމާރި ބަހައްޓާފައި ހުރީވެސް އެހެން ގޮތަކަށެވެ. ކުރިން ހުރި ހުދު ފަރުނީޗަރުގެ ބަދަލުގައި ޒިއާމްގެ އެނދާ އަލަމާރިއާ ޑްރެސިންގް ޓޭބަލްއާ ފޮތް ރެކް ހުރީ އަޅި ކުލައިގައެވެ. ފާރުތަކުގައި ކުރިން ހުރި މަޑު ނޫ ކުލައާ ޚިލާފަށް ހުރީ ހުދު ކުލައެވެ. އެނދާ ކުރިމަތި ވާނެހެން ފާރުގައި ގިޓާ އަޅުވާފައި ހުއްޓެވެ. މައިރާ ގިޓާ ނަގައިގެން ނިކުތެވެ.

“ފުރަތަމަ ތުމް ހިހޯ” ޒިއާމް ގިޓާ ހިފައިގެން ހަމަޖެހިލުމާ އެކު ހަމްނާ އެދުނެވެ.

ބޯ ޖަހާލަމުން ޒިއާމް ގިޓާގެ ނަރުތަކާ ކުޅެލިއެވެ. ސޯފާގައި އިން ހަމްނާ ނާއިފްގެ މޫނަށް ބަލާލަމުން އެކަކު އަނެކަކަށް ހިނިތުންވެލާފައި ހަމްނާ ނާއިފްގެ މޭގައި ލައްވެލިއެވެ.

“ހަމް ތެރެ ބިން އަބް ރެހެ ނެހި ސަކްތޭ

ތޭރެ ބިނާ ކިޔާ ވަޖޫދް މެރާ

ތުޖްސެ ޖުދާ ގަރް ހޯޖާއެނގެ

ތޮ ޚުދްސެ ހި ހޯޖާއޭނގެ ޖުދާ…”

ޒިއާމް ލަވަ ކިޔަމުން ދިޔައެވެ. ޒިއާމްގެ އަޑަކީ އޭގެ ޖާދޫގައި އެހެން މީހުން ޖައްސުވާ ފަދަ އަޑެކެވެ. ޒިއާމް ލަވަ ކިޔަމުން ދާ އިރު އެ ލަވައިގެ ތެރެއަށް ގެއްލިގެން ދާކަށް ވަގުތެއް ނުނަގައެވެ. އަބަދުވެސް ޒިއާމްގެ އަޑާ. ޒިއާމްގެ ލަވަ ކިޔުން މައިރާއަށް ވަރަށް ރީއްޗެވެ. ކުރިންވެސް މައިރާ އެދުމުން ޒިއާމް މައިރާއަށް ލަވަ ކިޔާދެއެވެ. ނަމަވެސް މި ވީ ދެ އަހަރެއްހާ ދުވަހު ޒިއާމް ލަވައެއް ކީ އަޑެއް މައިރާ ނާހައެވެ. ހަމަ އެހެން އެ ގިޓާއިން ރާގެއް ކުޅެލި އަޑެއްވެސް ނާހައެވެ. އެ ގިޓާއިން މަޑުމަޑުން ރާގު ކުޅެމުން ޒިއާމްގެ އަޑުން ލަވައެއް ކިޔާ އަޑު އަހާލުމަށް މައިރާއަށް އެ ވަގުތު އެދެވުނީ ހިތުގެ އަޑިންނެވެ.

ހަމްނާއާ އައިމަލްގެ އެދުމަށް އެކި ލަވަ ޒިއާމް ކިޔާދިނެވެ.

“ދެން ޒިއާމްއަށް ރީތި ލަވައެއް ކިޔާލަބަލަ” އައިމަލް އެއްޗެއް ބުނުމުގެ ކުރިން މައިރާ ބުންޏެވެ.

ޒިއާމް މައިރާއަށް ބަލަން އިރުކޮޅަކު އިނދެފައި ފެށިއެވެ.

“ހޯޓޯންސޭ ޗޫލޯ ތުމް

މެރަ ގީތް އަމަރް ކަރްދޯ

ބަންޖާއޯ މީތް މެރޭ

މެރި ޕްރީތް އަމަރް ކަރްދޯ

ހޯޓޯންސޭ ޗޫލޯ ތުމް

މެރަ ގީތް އަމަރް ކަރްދޯ

އާކާޝްކަ ސޫނާޕަން

މޭރޭ ތަންހާ މަން މޭ

ޕާޔަލް ޗަންކާތީ ތުމް

އާޖާއޯ ޖީވަންމޭ

ސާސޭ ދޭކަރް އަޕްނީ

ސަންގީތް އަމަރް ކަރްދޯ

ބަންޖާއޯ މީތް މެރޭ

މެރި ޕްރީތް އަމަރް ކަރްދޯ

ހޯޓޯންސޭ ޗޫލޯ ތުމް

މެރަ ގީތް އަމަރް ކަރްދޯ”

ލޯ މަރާލައިގެން އިން ޒިއާމް ހިތުގައި ވާ އެއްޗެއް ލަވައިގެ ގޮތުގައި ހާމަ ކުރަމުން ދިޔައެވެ.

ޒިއާމްއާ މެދު އެތައް ދުވަހެއް ފަހުން މައިރާއަށް ވިސްނެން ފެށިއެވެ. އެހާ ދުވަސް ވީ އިރުވެސް އެ ހިތް ބަދަލު ނުވާ ކަން މައިރާއަށް އެނގެނީ ޒިއާމް އަދިވެސް ކައިވެނި ނުކޮށް ހުންނާތީއެވެ. ޔަލްދާއަށް ފަހު އެހެން އަންހެން ކުއްޖަކު އެ ޙަޔާތަށް ނާންނާތީއެވެ. ދިރިއުޅުމާ މެދު ދެން ޒިއާމް ނުވިސްނާނީ ހެއްޔެވެ؟ އެހެން ހިތަށް އެރުމާއެކު މައިރާއަށް އަމިއްލަ ންފަސާ މެދު ވިސްނާލެވުނެވެ. ޒިއާމްއާ މައިރާވެސް އެ ތިބީ އެއް ޙަލަތެއްގައި ނޫން ހެއްޔެވެ؟ މައިރާއަށްވެސް ދެން އެފަދަ ކަމަކާ މެދު އަލުން ޚިޔާލު ކުރެވިދާނެ ހެއްޔެވެ؟ އައިދަންއަށް ފަހު އެހެން މީހަކާ އެދު ދިރިއުޅުމެއް ފެށުމަށް ވިސްނިދާނެ ހެއްޔެވެ؟ އެ ޚިޔާލުންވެސް މައިރާގެ ހިތަށް އުނދަގޫވިއެވެ.

މައިރާ ލޯ މަރާލީ އައިދަންގެ ހަނދާން ކުރަމުންނެވެ.

“ޒިއާމް، ނަޖާނޭ ކަބްސޭ…” އެހެން އިނދެ މައިރާ ބުނެލިއެވެ.

މައިރާގެ އަޑު އިވުމުން ޒިއާމް އިރުކޮޅަކު މައިރާއަށް ބަލަން އިނެވެ.

“ނަޖާނޭ ކަބްސޭ

އުންމީދޭ ކުޗް ބާކީހޭ

މުޖޭ ޕިރްބީ ތެރީ ޔާދް ކްޔޫން އާތީހޭ

ނަޖާނޭ ކަބްސޭ…

ޗާހަތް އޭސީ ހޭ ޔޭ ތެރީ ބަޅްތި ޖާއޭ

އާހަޓް އޭސީ ހޭ ޔޭ ތެރީ މުޖްކޯ ސަތާއޭ

ޔާދޭ ގެހެރީ ހޭ އިތްނީ ދިލް ޑޫބްޖާއޭ

އޯރް އާކޯނމޭ ޔޭ ޣަމް ނަމް ބަންޖާއޭ…

އަބްތޯ އާދަތްސީ….” ޒިއާމް ކުއްލިއަކަށް ހުއްޓާލީ މައިރާގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ފެނުމުންނެވެ.

“މައިރާ…” ޒިއާމް ގޮވާލިއެވެ. އެއާއެކު ލޯ ފޮހެމުން މައިރާ ބާރަށް ގޮސް ކޮޓަރިއަށް ވަނެވެ. ގިޓާ ބަހައްޓާފައި ޒިއާމް ތެދުވިއެވެ.

އައިމަލްއާ ހަމްނާ އެކަކު އަނެކަކަށް ބަލާލީ މައިރާއާ މެދު ކަންބޮޑުވެގެންނެވެ. އައިމަލް ތެދުވީ މައިޜާގެ ފަހަތުން ދާށެވެ.

ހަދާނެ ގޮތެއް ނުވިސްނިފައި ކޮޓަރީގެ ދޮރާ ދިމާއަށް ބަލަން ހުރި ޒިއާމް އައިމަލްއަށް ވުރެ ކުރިން ގޮސް މައިރާގެ ފަހަތުން ވަނެވެ.

މޫނުގައި ދެ އަތް އަޅައިގެން އެނދުގެ މަގަތުގައި މައިރާ އިނެވެ. ޒިއާމް މައިރާގެ ކައިރީ އިށީނެވެ. އެއްވެސް އެއްޗެއް ނުބުނެ ޒިއާމް އެހެން އިނީއެވެ.

“އިޓްސް ސޯ ހާޑް…” ރުއިން ހުއްޓާލެވުމުން މޫނު ފޮހެލާފައި ޒިއާމްއާ ދިމާއަށް ނުބަލާ އިނދެ މައިރާ ބުނެލިއެވެ.

“އައި ނޯ…” މައިރާ ބުނިހާ މަޑުން ޒިއާމްވެސް ބުންޏެވެ.

“އޭރުގަ ވީ ހެން ނުވިޔަސް މިހާރުވެސް ހަނދާން ވީމަ… މީހުން ބުނޭ ދުވަސް ވާ ވަރަކަށް ހަނދާން ނެތޭނެޔޭ، ހުރިހާ ކަމެއް ފަސޭހަ ވާނެޔޭ… މިހާ ވަރަކަށް ނޫން ފަސޭހަ ވާން ވީކީ… ކުރިން ވީހެން މިހާރަކު މެއަށް ތަދެއް ނުވޭ… މަރުވާނެ ނަމައޭ ހިތަކަށް ނާރާ… އެކަމަކުވެސް… ބައެއް ފަހަރު ބޭނުން ވަނީ ކައިރީގަ އައިދަން ހުންނަން…” މައިރާ ވާހަކަ ދެއްކީ ޒިއާމްގެ ފަރާތުން ޖަވާބެއް ބޭނުން ވެގެންނެއް ނޫނެވެ. ހިތުގައި ވި އިހުސާސްތައް ކޮންމެވެސް މީހަކާ ހިއްސާ ކުރަން ބޭނުންވެފައި ހުރުމުން ބުނެވުނީ އަޑު އަހާނެކަން ޔަގީން ވާ މީހެއް ގާތުއެވެ.

“ޒިއާމް… އައި މިސް ހިމް…” އެހެން ބުނަމުން މައިރާ ޒިއާމްއާ ދިމާއަށް ބަލާލިއެވެ.

ލޮލުގައި ނުހިކި ހުރި ކަރުނައާ އެކު ޒިއާމްއަށް މައިރާ ބަލާލި ގޮތުން ޒިއާމްގެ މެއަށް ބާރުވެގެން ދިޔައެވެ. ދެ އަތުން މައިރާގެ މޫނު ފޮހެލުމާއެކު މައިރާ ގެނެސް ޒިއާމްގެ މޭގައި ޖައްސާލެވުނެވެ.

ދުރަށް ނުގޮސް ޒިއާމްގެ މޭގައި މޫނު ޖައްސާލައިގެން އިން އިރު އައިދަންގެ އެކިއެކި ހަނދާންތައް މައިރާގެ ހިތުގައި ވިއެވެ. އެ ހަނދާންތަކުން ހިތަށް ވާ ތަދު ފިލާތޯ މޭގައި އެއް އަތް ޖައްސާލަމުން ލޯ މަރާލާ ޒިއާމްގެ މޭގައި އަނެއް ޖައްސާލަމުން މައިރާ ކުރިއަށްވުރެ ބޮޑަށް ޒިއާމްގެ މޭގައި ބޮނޑިވެލި އިރު އެކަން މައިރާއަށް އިހުސާސެއް ނުވެއެވެ.

ހިތުގެ ހިނގުމަށް ބަދަލު އަންނަމުން ދިޔަކަން ޒިއާމްއަށް އެނގެއެވެ. ހިތާ ދެކޮޅު ހަދަމުން ދިޔަ ޒިއާމްގެ އަތުން އެ ހިތުގެ މައްޗަށް އޮތް ބާރު ދޫވާން ފެށީ ޒިއާމްގެ މޭގައި މައިރާގެ އަތްތިލަ ޖައްސާލުމުންނެވެ. ނޭވާ ހިފަހައްޓާލައިގެން އިން ޒިއާމްގެ ހިތް ސިކުނޑީގެ މައްޗަށް ކުރި ހޯދީ މައިރާގެ ނޭވާ ޒިއާމްގެ މެއަށް އެޅެން ފެށުމުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ކިރުތަށި

Next

ފިޔާތޮށި

Next
December 7, 2020

ފިޔާތޮށި

Previews
December 7, 2020

ކިރުތަށި

One Comment

  1. Mar Sha Marsha says:
    December 7, 2020 at 12:06 pm

    Hi, hykuran kamudhaane kamah, 14 on Thursday ❤️

Comments are closed.

Next Episodeމި ހިތުން މަޤާމޭ މި ދެނީ 14←


All Right Reserved!