އިމްތިޙާން 38
ބޭރުގައި އިނުމަށްފަހު ސަމީރު އިރުކޮޅަކު ޚަދީޖާ ކައިރިއަށް ވަނެވެ. އޭރުވެސް ޚަދީޖާގެ މޫނުމަތިން ފެންނަމުންދަނީ ކޮންމެސް ފިކުރެއްގާ ވާފަދަ އިޝާރާތެކެވެ. އެނދު ކައިރިޔަށް ޖެހިލަމުން ސަމީރު އޭނާގެ މަންމައަށް މަޑުމަޑުން ގޮވާލިއެވެ.
“މަންމާ. އަހަރެން މިތާ އިނަސް އެންމެ ރަނގަޅުތަ؟”
ސަމީރު ޚަދީޖާގެ ކިބައިިން ހުއްދައަށް އެދުނެވެ. އެޔާއެކު ޚަދީޖާ މަޑުމަޑުން ބޯ ޖަހާލިއެވެ. އިތުރު ވާހަކައެއް ދައްކަން ބޭނުން ނުވުމުން ޚަދީޖާ އަނެއްކާވެސް މާޒީގެ ތެރެއަށް ފީނަން ފެށިއެވެ.
މަސްދުވަސް ވަންދެން ކަނޑުމަތީ އުޅުމަށްފަހު ސަމީރު އަނބުރާ ރަށަށް އައެވެ. އެހާ ގިނަދުވަސް ވުމުން ސަމީރުގެ ދެލޯ ވަނީ އެމަންމަ ދުށުމަށް ކެތްމަދުވެފައެވެ. ލޯބިން މަންމައަށް ކޮންމެސް ޖެއްސުމެއް ކޮށްލާ ހީސަމާސަކޮށް ހަދާލަން ނުހަނު ބޭނުންވެފައެވެ.
ބިންމަތީގައިވާ ވެލިފުށް ތަކުގައި އިލޮށިފަތިން ކޮއްޓަމުން ފިރުމަމުން ޚަދީޖާ ގެންދިޔައެވެ. ކުއްލިޔަކަށް ޚަދީޖާ ސިއްސައިން ދިޔައީ ފަހަތުން އައިސް ސަމީރު އޭނާގެ އިލޮށިފަތި އަތުލުމުންނެވެ.
“އެއްކަލަ ސަމީރު… ސިއްސައިންނޭ އެ ދިޔައީ.. ޕިސް ޕިސް.. ދެން މި އެނގުނީ ރަށަށް އަރައިފިކަން.. އަދި އިލޮށިފަތި އަތުލައިފިއެއްނު. ތިޔަ ގެނޭ..” ޚަދީޖާއަށް އެކަންވީ ހިތް އެދޭފަދަ މަޖާ ޚަރަކާތަކަށެވެ.
“އުހޫމްމް.. އުހޫމް. ނުލިބޭނެ.. އެކަމު މިއައީ ހަދިޔާއެއް ހިފައިން.. މަންމަ ބޭނުމީ ކިހާވަރެއް؟ އަހަންނަށް އަލަށް އަދި މިހާ ރަނގަޅަށް މަސްވެރިކަމުން ފައިސާ މިލިބުނީ. ކޮބާތަ ހާމިދުބެ؟” އިލޮށިފައްޗާ އެކު ސަމީރުގެ ދެއަތް ފުރަގަހަށް ލަމުން ޚަދީޖާއާ ސުވާލު ކުރިއެވެ.
“ހާމިދުބެ ރޭގަ އެއައީ.. މިތާ ކައިރި ދިއްފުއްޓަށް ކޮންމެސް ކަމަކު ގޮސްލާފަ.. ސަމީރޫ.! ރުފިޔާ ވީމަ ދިން މިންވަރެއް ހެޔޮ. މަންމަ މީ އެހާ ދަހި މީހެއް ނޫނޭ. ހެހެ” ސަމީރާއެކު ޚަދީޖާ ހީނގަތެވެ.
“އަން.. މިއޮތީ ތިރީސް ހާސް ރުފިޔާ. މަންމަ ބޭނުންވާ ކަންކަމަށް ޚަރަދު ކުރޭ.. އަދި އެބަ އަންނަން އެހެން ހަދިޔާއެއް ހިފައިން.” އެންމެ އާދައިގެ ފަޓްލޫނުގެ ޖީބުންނެގި ފައިސާތައް ޚަދީޖާގެ އަތައް ދިނުމަށްފަހު ވަރަށް އުފަލުން ސަމީރު ނުކުތެވެ.
ކުނިކާހާ ނިންމާލުމަށްފަހު ޚަދީޖާ ގޮސްވަނީ ކޮޓަރިއަށެވެ.
އަލަމާރިން ހަވީރު ލާނެ ހެދުމަކާ ހަރުވާޅެއް ނަގައި މޭޒުމަތީ ބާއްވާލީ އިސްތިރި ކުރުމުގެ ނިޔަތުގައެވެ. ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް ޚަދީޖާއަށް ބަލައިލެވުނެވެ.
“ހަމީދުބެ ނިދާފަދޯ؟ މަންމަ އާދެބަލަ މިތާ ބޭރު ފެންޑާއަށް.” ސަމީރުގެ އަޑަށް ޚަދީޖާ ކުރިޔަށް ހިނގައިގަތެވެ.
“މަންމާ! ބަލާބަލަ.. މީ އަހަރެން ގެނައި ހަދިޔާ.. އަހަރެން ކައިވެނި ކުރަން އުޅޭ ކުއްޖާ.. މާލެ ކުއްޖެއް.”
ސަމީރު އޭނާގެ މުސްތަޤްބަލުގެ ރާނީ އެއްފަދަ ކަމަނާ ޚަދީޖާއަށް ދައްކާލަމުން ބުނެލިއެވެ. އެވަގުތު ސަމީރަށް އިޚްސާސް ކުރެވުނީ ސަމީރަކީ މިދުނިޔެ މަތީގައިވާ އެންމެ އުފާވެރި މީހާގެ ގޮތުގައެވެ.
ސަމީރު ބުނި ޖުމްލަތައް ޚަދީޖާގެ ކަންފަތް ފޫ އަޅުވާލީ ހޮނު ގުގުރިއެއް ފަދައިން. ސަމީރާ އެ އަންހެން ކުއްޖާގެ ކުރިމަތީގައި ޚަދީޖާގެ ލޯ ހެކި ދެމުން ދިޔައީ ސަމީރު ހީވެސް ނުކުރާފަދަ ނުރުހުން ވުމެކެވެ. އިރުކޮޅެއް ކުރިން ތާޒާކަން ފެނިފައިވާ ޚަދީޖާގެ މޫނު ވަގުތުން ބަދަލު ވުމުން ސަމީރު ހިސާބަކަށް ހިތް ނުތަނަވަސް ވިއެވެ.
“މަންމާ! އަހަންނަކީ ފަރީދާ.. މަންމަގެ ހާލު ކިހިނެއް؟”
ސަލާމް ކުރުމުގެ ނިޔަތުގައި ޚަދީޖާއަށް އަތް ދިއްކޮށްލަމުން ފަރީދާ ގަދަކަމުން ހީނލިއެވެ. ޖެހިލުން ވާތީއެވެ. ނަމަވެސް ޚަދީޖާ ފަރީދާއާ ސަލާމް ކުރަން ބޭނުން ނުވީއެވެ.
“އަހަރެންގެ ހާލުބަލަން ސަމީރު ގެންނާނީ ރަށުން ބޭރު މީހެއްކަމެއް މީގެ ކުރިން އަހަންނަކަށް ނޭނގޭ… ސަމީރަށް އަބަދުވެސް އަހަރެން ނަސޭހަތް ދިނިން ރަށު މީހަކާ ކައިވެނި ކުރަން.. ސަމީރަށް ހަމަ ރަނގަޅަށް އިނގޭނެ ސަމީރު ދޮން ބައްޕަގެ ކޮއްކޮއާ ކައިވެނި ކުރާށޭ ކިޔާފަ އަހަރެން ނަސޭޙަތް ދިންވަރު. މާލޭން މީހަކާ އިނދެގެން އުޅޭނެ ފެންވަރު ހުރި މީހެއް ނޫން ސަމީރުތީ..” ހީވެސް ނުކޮށް ހުއްޓާ ޚަދީޖާގެ ނިޔަތާ އެއްގޮތަށް ކަންތައްތައް ނުދިޔުމުން ޚަދީޖާ ޝަކުވާ ކުރިއެވެ.
“މާލެ މީހެއްވީމަ ސަމީރުގެ ބޯ ކާލާފަ އެބަހުރި ކަލޭ އެހެންވީމަ.. ކޮންމެހެން ވިޔަސް އަހަރެން ބުނި މީހަކާ ދެކޮޅަށް ސަމީރު ކައިވެނި ކޮށްފިއްޔާ… އެހިސާބުން އަހަރެންގެ ގުޅުން ކެނޑުނީ ކަމަށް ބަލާ.. މާލޭ މީހަކާ ކައިވެނި ކުރެވުނީމަ ހީ ނުކުރައްޗެ އަހަރެން ދުވަހަކުވެސް ތި އަންހެނާއާ އޭނަގޭ އާއިލާގެ އެހީއެއް ބޭނުންވާނެ ކަމަށް. ހަނދާން ކުރާތި އަހަރެންގެ ދެ ލޮލަށް ނުފެނުންފަދަ… ބަލިހާލު ބޮޑު ދުވަހެއް އަޔަސް އަހަރެން ތި ސަމީރުގެ އެހީއެއް ބޭނުމެއްވެސް ނޫން. ހާމިދުގެ ކުޑަކުޑަ ދެ އަންހެންކުދިން ބޮޑެތިވީމަ މާދަމާ އަހަރެން ބަލައިން އުޅޭނެ..” ޚަދީޖާ އޭނާގެ ރުޅިގަނޑުގައި ހުރެގެން ދުލަށް އައިހާ އެއްޗެއް ގޮވާލީ ވިސްނާނުލައެވެ.
މަރުކަޒުގެ ގޮޑީގައި ހަމަޖެހިލައިން އިން ސަމީރު ސިއްސައިން ދިޔައީ ޚަދީޖާގެ ގިސްލުމުގެ އަޑަށެވެ. ވާނުވާއެއް ނޭނގި ޚައިރާން ކަމާއެކު އިން ސަމީރު ދިޔައީ އޭނާގެ މަންމައަށް ބަލަމުންނެވެ. އެއްވެސް ވާހަކައެއް ދައްކަން ސަމީރު އަދި ބޭނުމެއް ނޫނެވެ. ޚަދީޖާ ބޭނުންވީ ފަދައިން އެ ވަގުތުތައް ހަމަހިމޭން ކަމާއެކު ބާއްވަދޭން ސަމީރު ބޭނުމެވެ. ސަމީރު ޤަބޫލު ކުރާގޮތުގައި ޚަދީޖާގެ ދޫ ކޮންމެސް އިރަކުން ޚަރަކާތް ކުރަން ފަށާނެއެވެ. އެހެންވެ ސަމީރު ދިޔައީ އަނެއްކާވެސް ވަރަށް ފުންކޮށް ބަލަމުންމެވެ.
މަރުކަޒަށް ދިޔަފަހުން ސަމީރު ކާން އާދޭތޯ އިންތިޒާރު ކުރުމަށްފަހު އަފީފާ ބޭރަށް ނުކުމެ ހިނގައިގަތެވެ. އަފީފާގެ މިސްރާބު ގުޅިފައިވަނީ ކޮން މަންޒިލަކަށް ބާއޭ ހިތަށް އަރައެވެ.
“އައްސަލާމް ޢަލައިކުމް.. ފަހުދު ހޯދަން..” ގޭތެރެއިން ސަލާމް ބަލައިގަތް މާލިކްއާ މުޚާތަބުކޮށް އަފީފާ ބުނެލިއެވެ.
އެޔާއެކު އިރުކޮޅަކު މަޑުކޮށްލާށޭ ބުނެ ރުޅިވެރި މޫނެއް ދައްކަމުން މާލިކް އެތެރެއަށް ދެމިގަތެވެ. އަފީފާއަށް ޖެހުނީ ހިނދުކޮޅަކަށް ކެތްކޮށްލާށެވެ. އެހެންނަމަވެސް އެއް މިޔަކަނުން ހެވިފައިހުރެ އިރުކޮޅެއްގެ ތެރޭގައި ފަހުދު އައިސް އަފީފާ ގާތަށް ހުއްޓުނެވެ. އޭރު ފަހުދުގެ ފަހަތުން މާލިކްވެސް އައިސް ތަންކޮޅެއް ދުރުގާ ބަލަން ހުއްޓެވެ.
“މިވަގުތު ސަމީރުވީ އޭނަ މަންމަ ކައިރި ސިއްހީ މަރުކަޒުގަ.. އަހަރެން ބޭނުން ފަހުދާ ވާހަކަ ދައްކާލަން. އެކަމަކު އަހަންނަށް ހިޔެއްނުވެ މިތަން މީ އެވަރުގެ ވާހަކައެއް ދައްކަން އެހާ އެކަށީގެންވާ ތަނެއްހެން. މިތަނުން ދުރަށްގޮސް ވާހަކަ ދެއްކިއްޔާ ކަލެއަށް އަދިވެސް މިރަށުގަ ސަލާމަތުން ހުރެވޭނީ. އެކަމަކު ކަލޭ ބޭނުމީ މިވާހަކަ ރަށުތެރެއަށް ފަތުރަން ކަމަށް ވަންޏާ މިތަންމީ އެންމެ އެކަށީގެންވާ ތަން.. ކޮން ގޮތެއް ބޭނުމީ؟” މާލިކްއާ ދިމާލަށް ލޮލުގެ އެއްކޮޅުން ބަލައިލަމުން އަފީފާ ވާހަކަ ދެއްކިއެވެ.
އަފީފާގެ އެ ރަޙުމް ކުޑަ ބަސްތަކުން މާލިކްއަށް އިޙްސާސް ކުރެވުނީ އެއީ މާލިކްގެ ހިތަށް ހަރާލި ހަންޖަރެއް ފަދައިންނެވެ. ނޫނީ މާލިކްއަށް ޤަބޫލު ކުރެވޭ ގޮތުގައި މިއަދު މާލިކްގެ ހިތުގައި މިވަރަށް ޖެހުނީ އަފީފާއަކީ ދުވަހަކުވެސް އެބީދާއިން މާލިކްއާ ވައްބަހުންވެސް މުޚާތަބު ކުރި މީހަކަށް ނުވާތީ ކަންނޭނގެއެވެ. އަފީފާގެ އެ ބަސްތަކުގެ ސަބަބުން ހަމަ ޔަޤީނުންވެސް މާލިކްގެ ކަންފަތަށް އުނދަގޫވިއެވެ. ކޮންމެސް ވަރަކަށް ނަމަވެސް އެ ޒުވާން ހިތް ޒަޚަމްވިއެވެ.
“ހިނގާދާން އެހެރަ ގަސްތަކުގެ ހިޔަލަށް.” ކުރިމަތީގައިވާ ހިޔާގަނޑު ދައްކާލަމުން ފަހުދު އަފީފާއާ އެކު ހިނގައިގަތެވެ.
( ނުނިމެ )
—————–*****————-
މިއަދުން ފެށިގެން ކޮންމެ ހަފްތާއަކު ދެ ދުވަހު މިވާހަކަ ކިޔާލަން ލިބޭނެ إن شآ الله
އެގޮތުން ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ހުކުރު ދުވަހަށް އިންތިޒާރު ކޮށްލައްވާ!! ?
ކިޔުންތެރިން ތިދެއްވާ އެއްބާރުލުމާއި ބަހައްޓަވާ ގާތްކަމަށްޓަކާ ވަރަށް ބޮޑަށް ޝުކުރިއްޔާ. ?
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






