ޙަޔާތް – 2
“އައްދެ، މިހާރު މަންމި ކުއްޖަކަށް ވީ ދޯ!” ލަތީފާ އަދި މުހައްމަދު އެއްފަހަރާ ބުންޏެވެ. ލައްޔިން އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ. ލައްޔިން ގެ މި ޖަވާބުން އޭނާގެ މަންމަ ދެކެ ލޯބިވާ ވަރު ފަހުމް ވެގެން ދިޔައެވެ. މަޣްރިބު ނަމާދުގެ ބަންގީގެ އަޑަށް އެންމެންވެސް ގޭތެރެއަށް ވަދުނެވެ. މުހައްމަދު ގޭ ތެރެއަށް ވަދެވުމާއި އެކު އަވަހަށް ވުޟޫ ކޮށްލައިގެން ނަމާދަށް ދިޔުމަށް އަވަސް ވެގަތެވެ. ލަމްހާ ވެސް ލައްޔިން ގޮވައިގެން ކޮޓަރިއަށް ވަނުމުން ލަތީފާ ވެސް އޭނާގެ ކޮޓަރިއަށް ވަދެ ވުޟޫ ކޮށްގެން ނަމާދަށް އެރިއެވެ. ލަމްހާ، ލައްޔިން އޭނާގެ ކުޅޭ ޓެންޓު އެތެރެއަށްލުމަށްފަހު ވުޟޫކޮށްގެން ނަމާދަށް އެރިއެވެ.
ލަމްހާ ނަމާދު ކޮށް ނިމިގެން ލައްޔިން ލަތީފާ އާއި ހަވާލު ކުރުމަށްފަހު ލައްޔިން އަށް ކާންދޭނެ އެއްޗެއް ތައްޔާރުކުރުމަށްޓަކައި ބަދިގެ އަށް ވަނެވެ. ލަމްހާ ކާން ހިފައިގެން އައުމުން ލައްޔިން އެތަކެއް ބަހަނާ ތަކެއް ދެއްކި ނަމަވެސް ލަމްހާ އޭނާ އަށް ހެދި ކާއެތިކޮޅު ހުސްކުރިއެވެ.
ލަމްހާގެ ބައްޕަ ނަމާދުން އައިސް މުޅިންހެން އުޅުނީ ލައްޔިން ގޮވައިގެން ނެވެ. ދޭތެރެ ދޭތެރެއިން ހެވެލާ އަޑު އިވޭނެ އެވެ. ލަތީފާ ރޭގަނޑުގެ ކެއުން ހެދުމުގައި މަސްޢޫލު ވެގެން އުޅުނު އިރު ލަމްހާ ދޭތެރެ ދޭތެރެ އިން އަތް ގާތްކޮށް ދެމުން އޮފީސް މަސައްކަތެއް ކުރަމުން ދިޔައެވެ. އޭނާ އަކީ އެހާވެސް ބިޒީ ކުއްޖެކެވެ. އޮފެއް ނަގައިފިއްޔާމު ވާނީ އެވަރެވެ. ނަމަވެސް ލައްޔިން އާއިއެކު ހޭދަވާ ވަގުތަކީ އޭނާގެ ޙަޔާތުގައި ހޭދަވާ އެންމެ އުފާވެރި އެއް ވަގުތެވެ. އެހެންކަމުން އޭނާއަށް މަސައްކަތް ބުރަވެގެން އެކަމާ ޝަކުވާކޮށެއް ނަހަދައެވެ.
“ދަރިފުޅާ އަދިވެސް ނުވޭތަ މީހަކާ އިންނާ ކަށެއް؟ ލައްޔިން ވެސް ތަންދޮރު އިނގޭ ވަރު ވީމަ އަހާނެ ބައްޕަ ކޮބާ ހެއްޔޭ؟ ދެން އޭރުން ދަރިފުޅު ކީކޭ ބުނާނީ؟” ލަތީފާ ތަށި ތަކެއްދޮންނަމުން ލެޕްޓޮޕަށް ގެއްލި ހުސްވެފައި އިން ލަމްހާ ކައިރި އަހާލިއެވެ. “މަންމަ ކައިރި މިހާރު އަހަރެންނަށް ކިތަށްފަހަރު ބުނެވިއްޖެ އަހަރެން މިހަކާ އިންނަން ބޭނުންނުވާ ވާހަކަ! އެހެންނޫނަސް އަހަރެންގެ ހިތުން ޔުޢާން އަށް ދެވުނު ޖާގައެއް އެހެން މީހަކަށެއް ނުދެވޭނެ.” ލަމްހާ ހިތްހަމަ ނުޖެހިފައިވާ ރާގެއްގައި ބުނިއިރު އެ އަޑުގައި މާޔޫސްކަންވެސް ވެއެވެ.
ޔުޢާން އަކީ ލައްޔިންގެ ބައްޕަ އެވެ. ލަމްހާ ގެ ހިތުގެ ތަޅުދަނޑި އެންމެ ފުރަތަމަ ޙާޞިލްކުރި ފަރާތެވެ. އެދެމީހުން ކައިވެނީގެ ގޮށް ޖަހާލީ މީގެ ފަސް ވަރަކަށް އަހަރު ކުރިންނެވެ. ކައިވެނީގެ ގުޅުމަށް ތިން އަހަރު ވީ ފަހުން ލަމްހާ ބަލިވެ އިނެވެ. ލަމްހާގެ ބަނޑަށް ހަތަރު މަސް ނުވަނީސް ޔުޢާން ޒުވާބު ކޮށް ހަދާ، ލަމްހާ އަށް ދޭންޖެހޭ އަޅާލުން ނުދީ، ލަމްހާ އޭނާގެ ޙާލަށް ދޫކޮށްލައެވެ. ނަތީޖާ އެއްގެ ގޮތުން ދެމީހުން ވަރިވާން ނިންމާ، އަދި މި ދުނިޔެއަށް އުފަންނުވާ އެ މަޢުސޫމް ފުރާނަ ބައްޕަ އެއްގެ ލޯބިން މަޙުރޫމް ވެގެން ދިޔައެވެ. ލަމްހާގެ ހިތް އަބަދުމެ އއަބަދަށް ބުނަމުން ދަނީ ޔުޢާން އޭނާއަށް އެ ސަޒާ ދިނުމުގެ ފަހަތުގައި ކޮންމެވެސް ސިއްރެއް ވާކަމަށެވެ. ކައިވެންޏަށް ދެއަހަރު ތިންއަހަރު ވާއިރު ދެމީހުންވެސް ތިބޭނީ އެކަކު އަނެކަކަށް ދަނެ، ފަރިތަވެފައެވެ. ކަމަކާއި ނުލައި ޔުޢާން އޭނާ އަށް އެފަދަ ސަޒާއެއް ދޭނެކަމަށް ޚުދު އޭނާގެ ޟަމީރު ވެސް ޤަބޫލެއް ނުކުރެއެވެ. އެ ދެމީހުންވެސް އެންމެ ފަހުން ބައްދަލުވެފައިވަނީ ކޯޓުންނެވެ. އޭގެ ފަހުން އެކަކަށް އަނެކަކު ފެނނިފައެއް ނުވެއެވެ. މިވީ ފަސް އަހަރު ދުވަހު ތެރޭގައިވެސް ލަމްހާގެ ހިތުގައި ޔުޢާން އަށްޓަކައި ވާ ލޯތްބަށް އެއްވެސް އުނިކަމެއް އައިސްފައެއް ނުވެއެވެ.
ޢިޝާ ނަމާދަށް ފަހު އެ ކުޑަ ކުޑަ ޢާއިލާ ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަމުން ދިޔައެވެ. ކެއުމަށް ހުރީ ގަރުދިޔަ އާއި ބަތާއި، ލޮނުމިރުސްގަނޑަކާއި، ލުނބޮލާއި، ފިޔަލެވެ. މުހައްމަދު އަނގަޔަށް ބަތް ގުޅަ އެއް ލަމުން އަތުގެ އިޝާރާތުން ކެއުން ވަރަށް ފުރިހަމަ ކަމަށް އަންގާލިއެވެ. ލަތީފާ ވެސް ބަތް ތަށި މޮޑެމުން “ހޫމް” އަޅުވާލި އެވެ. އެންމެން ކާމޭޒުދޮށުގައި ތިބި އިރު ލައްޔިން ސިޓިންގް ރޫމްގައި ކާރޓޫން އެއް ބަލަން އިނީ ވަރަށް ގަޔާވެގެންނެވެ. ކާމޭޒުދޮށުގައި ތިބޭ އިރު ސިޓިންގް ރޫމް ވަރަށް ރީތިކޮށް ފެނެއެވެ. އެހެންކަމުން ލަމްހާ ވެސް ދޭތެރެ ދޭތެރެ އަކުން ލައްޔިން ހަދާ ނަހަދާ ގޮތް ބަލަމުން ދިޔައެވެ. ކެއުމުގެ ތެރޭގައި ދެކެވެމުން ދިޔައީ ހުސްވެސް ލައްޔިންގެ ވާހަކައެވެ. ވާނީވެސް އެހެންތާއެވެ. މުހައްމަދު އަދި ލަތީފާ ވެސް ލައްޔިން އަށް އެހާ ފޯރި ހުރެ އެވެ. އެހާ ލޯބިވެއެވެ. އެއީ އެމީހުންގެވެސް ފުރާނައެވެ.
ލަމްހާ ވަޒީފާ އަށް ދިޔުމުން އަބަދުވެސް ލައްޔިން ބަލާ އުޅެނީ އެދެމީހުންނެވެ. ލަމްހާ ކައި ނިންމައިގެން ގޮސް ލައްޔިން ފެންވަރުވާފައި ނިންދެވި އެވެ. ނަސީބަކުން ލައްޔިންވެސް އެހާ ގަދަ އެއް ނުދައްކަ އެވެ. ލަމްހާ ޚަބަރު ބަލއިލުމަށް ފަހު ކޮޓަރިއަށް ވަދުނީ އަވަހަށް ނިދުމުގެ ނިޔަތުގައެވެ. ނަމަވވެސް އޭނާ އަށް އޮއެވުނީ މަޒީގެ ކަނޑުގެ ތެރެއަށް ޣަރަގުވެއެވެ. މާޒީގެ ޚިޔާލުތަކުގައި އޮއްވާ ލަމްހާގެ ދެލޯ ބަރުވެ، ފުން ނިންޖެއްގެ ތެރެއަށް ފީނައިގަތެވެ.
ވަރަށްވެސް ހަމަހިމޭން މާހައުލެކެވެ. އެ ހަމަހިމޭންކަން ނަގައިލީ ފަތިސް ނަމާދުގެ ބަންގީގެ މާތް ކަލިމަތަކުގެ އަޑުންނެވެ. ފިނި ފިނި މި މާހައުލުގައި ކޮންމެ މީހަކަށް ވެސް ލިބޭނީ އަރާމާއި ހިތްހަމަ ޖެހުމެވެ. ނަމަވެސް އެނދުގައި އުއްޑުން އޮށޯވެގެން އޮތް ލަމްހާގެ މޫނެކޭ މިލާ މޯޅިވެފައިވާ މަލެކޭ ތަފާތެއް ނެތެވެ. އޭނާގެ ހިތް ދަނީ ނުބައި ގޮތަކަށް ތެޅެމުންނެވެ. ހިތަށްވަންނަމުން ދިޔައީ ނުބައި އިޙްސސާސްތަކެވެ. އޭނާގެ ހިތް ބުނަމުން ދިޔައީ ވަރަށް ބޮޑު މުސީބާތަކާއި ކުރިމަތިލާން އުޅޭކަމަށެވެ. ލަމްހާގެ ބޯ ހީވަނީ ވިސްނާ ވިސްނާ ގޮވާފާނެހެނެވެ.
ކޮޓަރިތެރެއަށް ވެރިވެފައިވާ ހަމަހިމޭންކަން ނަގައިލީ ލައްޔިންގެ ރުއިމުގެ އަޑުންނެވެ. ލަމްހާ، ލައްޔިން އޭނާގެ ތަންމަތިން ނަގައި، އޭނަ މަސަލަސް ކުރުމުގައި އަވަދިނެތި އުޅެމުން ދިޔައެވެ. އިރުތަކަކަށްފަހު ލައްޔިން ރުއިން ހުއްޓާލީ، މުހައްމަދު އައިސް އޭނާ އުރުމުންނެވެ. އޭރު ލަތީފާ ވެސް ނަމާދު ކޮށް ނިންމާލުމަށްފަހު، ކޮޓަރިން ނިކުމެގެން އައީ ލައްޔިން ކޮބައިތޯ ބަލައިލުމަށްޓަކައެވެ. ލަތީފާ އައުމުން، ލަތީފާ އަށް ލައްޔިން ހަވާލު ކުރުމަށްފަހު މުހައްމަދު ދިޔައީ މަހަށް ދިޔުމަށް ތައްޔާރުވާށެވެ. މުހައްމަދަކީ ރަށުގައި މަސްވެރިކަމަށް އަރާފައިހުރި ބޮޑު ފަހުލަވާނެކެވެ. އޭނާ މަހަށްދާ ކޮންމެ ދޯންޏަކަށް މަދު ނުވާވަރަށް ފައިސާ ވައްދާދެއެވެ. ޓަނުން ޓަނުން މަސްބާނައެވެ. އެހެންކަމުން ރަށުގެ ގިނަ ފިރިހެނުން މަހަށްދާ ކޮންމެ ފަހަރަކު، އޭނާ ގެންދިޔުމަށް އަރާފައި ހުންނަނީ އަމަށަކު ފޯރިއެއް ނޫނެވެ.
ލަމްހާވެސް އޭނާގެ ދަރިފުޅު މަންމަގެ ގާތު އިނުމުން ލިބުނު ފުރުސަތުގެ ބޭނުން ހިފައި ކޮޓަރިއަށް ވަދެ އަވަހަށް ނަމާދުކޮށް ނިންމާލިއެވެ. ލަމްހާ ނަމާދުކޮށް ނިމުމާއިއެކު، ކަނޑާލި ރުކެއްހެން އެނދު މައްޗަށް ވެއްޓިގަތެވެ. ހަޤީޤަތުގައިވެސް އޭނާގެ ހިތަށް ވެރިވަމުން ދިޔައީ ނުބައި އިޙްސާސް ތަކެކެވެ. އޭނާ މިއަދު އޮފީހަށް ނިކުންނަ ހިތެއްވެސް ނެތެވެ. ނަމަވެސް ދެވަނަ ފަހަރަށް ނުނިމި ހުރި ފައިލްތަށް މަތިން ހިތަށް އެރުމުން ޚިޔާލު ބަދަލުވިއެވެ. އެހެންކަމުން ފާރުގައި ހަރުކޮށްފައިހުރި ގަޑިއަށް ބަލައިލުމަށްފަހު އަވަހަށް ސައި ކައްކަން ދާން ތެދުވީ، އޮފީހަށް ދާ ގަޑިވެސް ގާތްވާން ފެށުމުންނެވެ. ލަމްހާވެސް އޭނާއަށް ވާވަރުން ގޭގެ މަސައްކަތްތަކުގައި އަބަދުވެސް މަންމަ އަށް އެހީވެވޭތޯ ބަލައެވެ. ލަމްހާ ސައި ކައްކާ ނިމުމުން ލައްޔިން ފެންވަރުވާ، ރީތި ކުރުމަށްފަހު ލަތީފާ އާއި ހަވާލުކުރިއެވެ. އޮފީހަށް ދާ ގަޑި ގާތްވަމުންދިޔަ ވަރަކަށް ލަމްހާގެ ހިތުގެ ތެޅުންވެސް އަވަސްވެގެން ދިޔައެވެ. އެ ހިތް ތެޅެމުން ދިޔައީ ނުބައި ގޮތަކަށެވެ. ނަމަވެސް ހިތްވަރުކޮށްލައިގެން އޮފީހަށް ދާން ނިންމިއެވެ.
ހުދުކުލައިގެ ގަމީހަކާއި، މުށި ކުލައިގެ ޖިންސަކާއި، ކްރީމް ކުލައިގެ ކުޑަ ޖެކެޓް ކޮޅެއްލައިގެން، ބޮލުގައި ގަދަ މުށި ކުލައެއްގެ ޝިފޯން ޝޯލެއް އަޅައިގެން ހުރިއިރު ލަމްހާ ފެންނަލެއް ވަރަށް ފުރިހަމަ އެވެ. ހެދުންއެޅުމުގެ ވައްޓަފާޅިން ލަމްހާ އަކީ ފެޝަނަށް ލޯބިކުރާ ކުއްޖެއްކަން ހާމަވެގެންދެއެވެ. މަގުމަތިންދާ ކޮންމެ މީހެއްގެ ނަޒަރުވެސް ލަމްހާ އަށް ހުއްޓޭނެ ކަން ކަށަވަރެވެ.
ގަޑިން 8 ޖެހީ އެވެ. ލަމްހާ އޮފީހަށް ދާން ނިކުތުމުގެ ކުރިން، ލަތީފާގެ އުރުގައި އިން ލައްޔިންގެ ކޮލަށް ވަރަށް ލޯބިން ބޮހެއް ދިނުމަށްފަހު ހިނގައިގަތެވެ. ނެގި ފުރަތަމަ ފިޔަވަޅާ އެކު ލަމްހާގެ ކަންފަތުގައި ޖެހިގެން ދިޔައީ ލައްޔިންގެ ރުއިމުގެ އަޑެވެ. މިއީ ކޮންމެ ދުވަހެއްގެވެސް އާދައެކެވެ. އެހެންކަމުން އެއީ ލަމްހާއަށް އެހާ އާ ކަމެއް ނޫނެވެ.
ދުވަހަކީ އުޑުމަތި ބަނަ، ވައިޖެހޭ ދުވަހެކެވެ. އުޑުމަތީގައި އުފެދެމުންދިޔަ ކަޅު ބޯ ވިލާތަށް ހީވަނީ ދެންމެ ދެންމެ އޭގެ ރުޅިވެރި ކަން އޮއްސާލަން އުޅޭހެނެވެ. ލަމްހާ އޭނާގެ ކެބިނަށް ވަނުމުން، މޭޒުމަތީގައި ހުރި ފުނިޖެހިފައިވާ ފައިލްތަށް ފެނުމުން ބޮލުގައި ރިއްސައި ގަތެވެ. ލަމްހާ އޭނާގެ ފައިލްތަށް ނިންމަމުން ދިޔައިރު، ދޭތެރެ ދޭތެރެ އަކުން ކޮފީކޮޅެއް ބޯލައެވެ. އޮފީހުގެ މި މާހައުލުން ފެނިގެންދަނީ ކޮންމެ މީހެއްވެސް އެމީހެއްގެ މަސައްކަތް ނިންމުމުގައި މަސްޢޫލުވެގެން އުޅޭ މަންޒަރެވެ. މަދު ފަހަރަކު ނޫނީ އެކަކު އަނެކަކާ ވާހަކަ ދައްކާލާތަން ނުފެނެއެވެ.
މަސައްކަތްތަށް ނިންމާލެވުމުން ލަމްހާގެ ބޮލަށް ލުއި ވެގެން ދިޔައެވެ. ގޮނޑީގައި ރަނގަޅަށް ހަމަނުޖެހި އުޅެވެނިކޮށް އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާ ރައިނާ އައިސް 10 ޖަހާ އިރަށް މީޓިންގް އެއް އޮންނަ ވާހަކަ ބުނުމުން، ލަމްހާ ފޫހިވި ވަރުން އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު، އަތުގައި އަޅާފައި އޮތް ގަޑި އަށް ބަލައިލި އިރު، މީޓިންގް ފެށެން ދިހަ މިނެޓަށްވެފައި އޮތްތތަން ފެނުމުން ދުވެފައި ކަހަލަ ގޮތަކަށް ދިޔައީ މީޓިންގެ ރޫމަށެވެ. ރޫމަށް ވަނުމުގެ ކުރިން ލަމްހާ އޭނާގެ ފޯނު މިޔުޓަށް ލިޔެވެ.
2 ގަޑި އިރުގެ ދިގު މީޓިންގް އަކަށްފަހު ނުނިމި ހުރި ކުދިކުދި މަސައްކކަތްތަށް ނިންމާލުމަށްފަހު ލަމްހާ ގެއަށް ދާން ތައްޔާރުވީ އަންނަން އުޅޭ ތޫފާނުގެ އެއްވެސް ރޭކައެއް ނުލައެވެ. އޭނާ އޮފީހުން ނިކުތްއިރު ދޭއްޖަހާ ބޮޑުވެދާނެއެވެ. ރައިނާ އާއި ދެމީހުން މަގުމަތީގައި ހިނގަމުން ދިޔައިރު މަސައްކަތްތަކުގެ އެކިއެކި ވާހަކަތަކާއި، ރައިނާގެ ދިރިއުޅުމުގެ ބައެއް ވާހަކަތައް ދެކެވެމުން ދިޔައެވެ. ރައިނާގެ ގެ އޮފީހާއި ތަންކޮޅެއް ކައިރި ވުމުން އެ ގެއާއި ހަމައަށް ވަރަށް އަވަހަށް ދެވުނެވެ. ރައިނާ ގޮސް ގެއަށް ވަނުމުން ލަމްހާވެސް އޭނާގެ ގެއަށް ދިޔުމަށް، ބޮޑު މަގަށް އެޅި އެވެ.
އިރުތަކެއްނުވަނީސް ލަމްހާ އަށް އެގޭ ހުންނަ މަގަށް ދެވުނެވެ. ގެޔާއި އއަރާ ހަމަވިއިރު މުޅި ގޭ ވަށައިގެން މީހުން އެއްވެފައި އޮތްތަން ފެނި، ލަމްހާގެ ހިތް ތެޅި ފޮޅެ ގަތެވެ. އޭނާގެ ހަތަރެސް ފައި ފިނިވެގެން ދިޔައެވެ. ދެފައި ތުރުތުރު އަޅާ ޙާލުގައި، މީހުން އެއްވެ ތިބި ހިސާބަށް ދެވުނު އިރު، އެތާ ހުރި މީހެއް ބުނި ޖުމުލަ ލަމްހާގެ ކަންފަތަށް ވާޞިލްވީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. އެޔެއް، މިޔެއް ނުބަލާ އޭނާ ދެފަޔަށް ލެވުނުހާބާރެއް ލުމަށްފަހު ދުއްވައިގަތީ ރަށު ހޮސްޕިޓަލާއި ދިމާލަށެވެ.
=ނުނިމޭ=
