ދޮރުމަތީގައި ހުއްޓުނު ޒޯޔާގެ ބޮލުން ފެށިގެން ފަޔާ ހިސާބަށް އައިވިން އަށް ނަޒަރު ހިންގާލެވުނެވެ. ކޮނޑާ ހަމަޔަށް އެއްވަރަކަށް ކޮށާލެވިފައިވާ އިސްތަށިގަނޑުގެ ނިތްމަތި ވެސް ވަނީ ބޮމަޔާ ހިސާބަށް އެއްވަރަކަށް ކޮށާލެވިފައެވެ. ތަނބިކައްޓާ ހަމަޔަށް އަރާ ގަދަ އަޅި ކުލައިގެ މެކްސީ ހެދުން ޒޯޔާއާ ނުހަނު ގުޅެއެވެ. މޫނުގައި ކޮށްފާވާ މަޑު މޭކަޕާއެކު ކުރިން ނުފެންނަފަދަ ރީތި ކަމެއް ޒޯޔާގެ ފަރާތުން ފެންނަމުން ދިޔައެވެ.
އައިވިން ކަޅިވެސް ޖަހާނުލާ ބަލަން ފެށުމުން ޒޯޔާ ލަދުން އިސްޖަހާލިއެވެ. އެތަން ފެނުނު އައިވިންގެ ތުންފަތައް ވެރިވީ ލާނެއް ހިނިތުންވުމެކެވެ.
“ޔޫ ލުކް ގޯޖަސް..” އައިވިން ޒޯޔާގެ އަތުގައި ހިފާލަމުން މަޑު މަޑުން ބުނެލިއެވެ. ޒޯޔާ ރަކި ގޮތަކަށް ހިނިތުންވެލި އިރު ފުފިފައިވާ ދެކޮލަށް މަޑު މަޑު ޖަންބު ކުލައެއް ވެރިވެގެން ދިޔައެވެ. ޒޯޔާގެ ކޮންމެ ހަރަކާތަކާއެކު އައިވިންގެ ހިތްސުތަކަށް އެނގުން ވެގެން ދިޔައެވެ. ޒޯޔާއާ އެންމެ ކައިވަތެއްވެސް ދުރުގައި ހުރުމަށް އައިވިން އަށް ދަތި ކަމަކަށް ވެގެން ދިޔައެވެ.
“ލެޓްސް ގޯ..” އަމިއްލަ ނަފްސު ހިފަހައްޓަން މަސައްކަތް ކުރަމުން އައިވިން ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ޒޯޔާގެ އަތުގައި ހިފާލަމުން ޕެންޓް ހައުސް އިން ނިކުމެ ލިފްޓަށް އެރިއެވެ.
*********
ބެލް އަޅާލުމާއެކު ލަސްތަކެއްނުވެ އިސް ޚާދިމާ އެޕާޓްމެންޓްގެ ދޮރު ހުޅުވާލިއެވެ. ފުޅާ ހިނިތުންވުމަކާއެކު އަދަބު އަދާކުރަމުން އެއްފަރާތަކަށް ޖެހިލީ އައިވިން އާއި ޒޯޔާއަށް ވަންނަން ތަންދައްކަމުންނެވެ. އައިވިން ޒޯޔާގެ އަތުގައި ހިފާލައިގެން އެޕާޓްމެންޓަށް ވަނުމާއެކު ޒޯޔާއަށް ވަށައިގެން ނަޒަރު ހިންގާލެވުނެވެ. މުޅި އެޕާޓްމެންޓް ޒީނަތްތެރި ކުރެވިފައިވަނީ އޮފު އަރަމުން ދިޔަ ކުކުޅު ބިސް ކުލައިންނެވެ. ގޭތެރޭގެ ކޮންމެ ބިތަކުންވެސް ޝާޙީކަން ފާޅުވަމުން ދިޔައެވެ.
“މެޑަމް އެބަ އިންނެވި ސުފުރާ ދޮށުގަ އިންތިޒާރުގަ..” އިސް ޚާދިމާ އައިވިން ކައިރި ބުނެލުމާއެކު އޭނާ ޒޯޔާ ގޮވައިގެން މިސްރާބު ޖެހީ ކާގެއާ ދިމާއަށެވެ.
ކާގެއަށް ވަދެވުމާއެކު ވަށްމޭޒުގެ ކޮޅުގައި އިން ފަޒްލާ އިސްއުފުލާލަމުން އައިވިން އަށް ހިނިތުންވުމެއް ރައްދުކުރިއެވެ. އޭނާ ޒޯޔާއަށް ނުބަލާލި ތާނގައި ހުރި މީހެއް ކަމަށްވެސް ނެހެދިއެވެ. ހާސްވެފައި ހުރި ޒޯޔާއަށް އެކަން ފާހަގަ ވީނަމަވެސް ނޭނގޭކަމަށް ހެދިއެވެ.
ކާގޭގައި އިތުރަށް ހަރަކާތްތެރި ވަމުން ދިޔަ ދެޚާދިމަކު އައިވިން އަށާއި ޒޯޔާ އިށީނުމަށް ގޮނޑި ދުރު ކޮށްލަ ދިނެވެ.
“މިރޭ މިހިރީ އައިވިން އަށް އެންމެ ކަމުދާނެ ކެއުންތައް ތައްޔާރު ކޮށްފަ.. އަވަހަށް ކާންފަށާ..” ފަޒްލާ ކާން ފަށަމުން އައިވިން އަށް ބަލާލުމަށްފަހު ބުނެލިއެވެ.
އައިވިން ބޯ ޖަހާލުމަށްފަހު ކެއުމަށްޓަކައި އުލާ ސަމުސަލުގައި ހިފަހައްޓާލަމުން ޒޯޔާއަށް ބަލައިލިއެވެ. މަންމަ ޒޯޔާ ބާކީ ކޮށްލާހެން ހީވުމުން އައިވިން ދެރަވިއެވެ. އޭނާ ޒޯޔާ ގޮވައިގެން އެވަރުން މަންމަ ކައިރިއަށް ގެނައީ އެފަދަ އިޙްސާސެއް ޒޯޔާއަށް ކޮށްދޭކަށް ނޫނެވެ.
“ޒޯ ކާންފަށާބަ.. ނުކެރިފަ ނީންނައްޗޭ.. ރަނގަޅަށް ކާތި..ޒޯ ކިތަންމެ ގިނައިން ކެޔަސް ހުހެއް ނުވާނެ މިއެއްޗިއްސެއް.. ” އައިވިން މަޑު މަޑުން ޒޯޔާ ކައިރި ބުނެލިއެވެ. ޒޯޔާގެ ނުތަނަވަސްކަން ފިލުވާލުމަށްޓަކައި އައިވިން ފަހު ޖުމްލަ ބުނެލީ ސަމާސާ ރާގެއް ގައެވެ.
އައިވިން ދެއްކި ސިއްރުވާހަކައަށް ޒޯޔާ ހިނިތުންވެލިތަން ފެނި ފަޒްލާގެ ތުން ފިއްތާލެވުނެވެ. އޭނާ ޒޯޔާ މިރޭ ކެއުމުގައި ބައިވެރި ކުރަން އެއްބަސްވީ ސަބަބަކަށްޓަކައެވެ. އެމީހުންނާ އަޅާބަލާއިރު ޒޯޔާއަކީ ކިހާ ދަށު ފެންވަރެއްގެ މީހެއް ކަން އޭނާ އަށް އިޙްސާސް ކޮށްލަ ދޭށެވެ. ނަމަވެސް އައިވިންގެ ސަބަބުން އޭނާގެ މަޤުސަދު ހާސިލު ވުމުގެ ކުލަމަތި އޮއްސިގެން ހިނގައިދާނެހެން ފަޒްލާއަށް ހީވާންފެށިއެވެ.
“މަކަރުވެރި އަންހެނެއް.. މިހާރުވެސް އަހަރެންގެ ދަރިފުޅުގެ ލާރިތަށް ދަވާލައިގެން ނަލަ ހެދިގެން އިންވަރު ދެކިބަލަ.. ހިތުން ވަރަށް މަޢުސޫމު..” ޒޯޔާ ކުރިއާ ޚިލާފުކަން ފާހަގަ ކުރެވި ފަޒްލާ ގާތަށް އިތުރަށް ރުޅިއައެވެ. އޭނާގެ ރުޅިގަނޑު ބާލަމުން ދިޔައީ އަތުގައި އޮތް އުލާއި ސަމްސަލަށެވެ.
މާގިނަ ވާހަކަތަކެއް ނުދެކެވި ކެޔުން ކުރިޔަށް ދިޔައެވެ. ޒޯޔާވެސް ނުކެރިފާ އިނދެ މަޑު މަޑުން ކަމުން ދިޔައެވެ. އެހެން އިން އިރު ދޭތެރެއަކުން ޒޯޔާއަށް ފަޒްލާއާ ދިމާ ބަލާލެވެއެވެ.
ފަޒްލާގެ އިސްތަށިގަނޑު މަޑު މުށި ކުލައަކުން ހައިލައިޓް ކޮށްލެވިފައި ވާއިރު ޖަހާފައިވާ ހުޅިއާއެކު ނިތްމަތީގެ ކުރުއިސްތަށިތައް ނިތްކުރީގެ އެއްފަރާތަކަށް ވެރިފައިވިއެވެ. މޫނުމަތީގައި ރީތި މޭކަޕެއް ކުރެވިފައި ވާއިރު އަތުގެ އިނގިލިތައް އަލިމަސްޖެހި އަނގޮއްޓި ތަކުން ޒީނަތްތެރި ކުރެވިފައި ވެއެވެ. ބަލާބެލުމަށް ފަޒްލާއަކީ އައިވިންގެ އުމުރުގެ ޒުވާން ފިރިހެނެއްގެ މަންމައެކޭ ނުބުނާނެއެވެ. ފަޒްލާފެންނަމުން ދިޔައީ އެހާވެސް ޒުވާންކޮށް ޅަކޮށެވެ.
ތައްޓަށް އެޅި މަދު އެތިކޮޅު ހުސްވުމާއެކު އައިވިން ޒޯޔާއަށް ބަލާލުމަށްފަހު އިތުރަށް ތައްޓަށް އެއްޗެހި އެޅުމަށްފަހު ހުސްކުރަންވާނެ ކަމަށް ބުނެލިއެވެ. މިހުރިހާ މަންޒަރެއް ބަލަން އިން ފަޒްލާއަށް ޒޯޔާއާ ދިމާއަށް ލޯ އަޅާލެވުނެވެ. އޭނާގެ ދަރިފުޅު އަތުން ބީވެގެން ހިނގައްޖެ ކަމުގެ އަސަރު ފަޒްލާއަށް ކުރެވެން ފެށުނެވެ. މޭޒު މަތީގައި ހުރި ކާއެއްޗެހިތައް ޒޯޔާގެ މޫނަށް ޖަހާ އެއަންހެން ކުއްޖާ ލަދު ގަންނަވާލަން އެހިނދުވެސް ހިތް އެދެން ފެށިއެވެ. ޒޯޔާ އޭނާގެ ދަރިފުޅުގެ ޙަޔާތުން ބޭރުކޮށްލާނެ އެޖެންޑާއަކާ މެދު ވަޤުތުން ވަޤުތަށް ވިސްނެން ފެށިއެވެ.
********
ކެއުން ނިންމާލުމަށްފަހު އައިވިން ޒޯޔާ ގޮވައިގެން ގެއިން ނުކުންނަން ހިނގައިގަތެވެ. ތަނަށް ވެރިވެފައިވާ ނުތަނަވަސްކަަން އައިވިން އަށް ނަގައިގަންނާކަށް އުނދަގުލެއް ނުވިއެވެ. ލޮލަށް ވަންހަނާ ވެފައިވާ މީހެއްހެން ޒޯޔާ އެތަނުގައި ބަހައްޓާކަށް އައިވިން ބޭނުމެއް ނުވިއެވެ. ފަޒްލާ ކައިރީ ފަހުން އަންނާނަން ކަމަށް ބުނެ އައިވިން ޒޯޔާއާއެކު ނިކުންނަށް ހިނގައިގަތެވެ.
“ކާއެއްޗެހި ވަރަށް މީރު.. ޝުކުރިއްޔާ..” އައިވިން އާއެކު ދާން ހިނގައިގަތުމުގެ ކުރިން ހުއްޓި ހުރެ ޒޯޔާ ހިތްވަރު ކޮށްފައި ހިނިތުންވަމުން ބުނެލިއެވެ. ކާން ދަޢުވަތު ދިނުމުން އައިސް އަނގައިން ވެސް ނުބުނެ ދިޔުމަކީ ހުތުރު ގޮތެއް ކަމުގައި ޒޯޔާދުއްޓެވެ. ޒޯޔާގެ ޢަމަލުން ފަޒްލާއަށް ފޫހިކަން ލިބުނު އިރު ގަދަކަމުން ހިނިތުންވެލިއެވެ. އެއާ ޚިލާފަށް އައިވިން ޒޯޔާއަށް ބަލައިލީ ނުހަނު ލޯބިވެތި ނަޒަރަކުންނެވެ. އޭނާގެ މަންމަ ކަންތައް ކުރި ގޮތަށްފަހު ވެސް ޒޯޔާގެ ފަރާތުން ފެނުނު ޢަމަލުން އެހިތް ލޯބިން ފުރިގެންދިޔައެވެ. ޒޯޔާ އަކީ އޭނާއަށް އެންމެ އެކަށޭނެ އަންހެން ކުއްޖާ ކަމުގައި އެވަޤުތު ކޮޅުވެސް އިޙްސާސްވެގެން ދިޔައެވެ.
*********
ގެއަށް އާދެވުމާއެކު އައިވިން ޒޯޔާގެ އަތުގައި ހިފާލަމުން އޭނާ ނިންމަންޖެހޭ ކަމެއް އެބަހުރި ކަމަށް ބުނެ ސިޑި އާ ދިމާއަށް ހިނގައިގަތީ ސްޓަޑީ ރޫމަށް ދިޔުމަށެވެ. ސިޑީގެ ދެތިން ހަރުފަތް ގިރާކޮށްލުމަށްފަހު އެނބުރި ޒޯޔާއަށް ބަލައިލަމުން ސްޓަޑީ ރޫމް ބަލައިލަން ބޭނުންތޯ އައިވިން އެއްސެވެ.
އެކަމަށް ޝައުޤުވެރިވެފައި ހުރި ޒޯޔާ ވަޤުތުން އެއްބަސްވިއެވެ. ލުއި ހިނިތުންވުމަކާއެކު އައިވިން ސިޑިން ފައިބަމުން ޒޯޔާގެ އަތުގައި ހިފާލިއެވެ. އަދި ސިޑިން މައްޗަށް އަރައިގެން ގޮސް ސްޓަޑީ ރޫމްގެ ތަޅު ހުޅުވާލުމަށްފަހު ބޮކިތައް ދިއްލާލިއެވެ.
ފޮތް ހަރުގަނޑުތައް ކޮޓަރީގެ އެއްފަރާތުގައި ވާއިރު މުށި ކުލައިގެ މަހުމާ ސޯފާއަކާ ފޮތްކިޔާ މޭޒެއް ކޮޓަރީގައި ބެހެއްޓިފައި ވެއެވެ. މުށި ކުލައިގެ ފަރުދާތައް އެއްފަރާތަކަށް ދަމާލުމާއެކު ބިއްލޫރި ފާރު ތަކުގެ ބޭރުން ހާމަފެންޑާ އާއެކު މާލޭގެ އުސް އިމާރާތްތައް ފެންނަން ފެށިއެވެ. ތަނުގެ ފަރުމާއިން އާސާރީ ގޮތް ދައްކުވައިދޭ ފަދައިން ސްޓަޑީ ރޫމް ތައްޔާރު ކުރެވިފައިވުމުން ބަލާލަން ނުހަނު ހިތްގައިމު ގޮތެއް ހުއްޓެވެ. ކޮޓަރީގެ އެކި ދިމާއަށް ނަޒަރު ހިންގަމުން ދިޔަ ޒޯޔާގެ އަތުގައި ޖެހިފައި މޭޒުގައި އިން ފޮޓޯ ފްރޭމް ވެއްޓެން އުޅުނެވެ. ހުށިޔާރުވެ ފްރޭމް ހިފަހައްޓާލަމުން ޒޯޔާ އޭގެން ފެންނަން އިން ތަސްވީރަށް ބަލައިލިއެވެ.
ކުޑަ ފިރިހެން ކުއްޖެއް ކައިރީ ދެފަރާތުގައި ތިބީ އަންހެކަނަކާ ފިރިހެނެކެވެ. ކަނާއަތް ފަރާތުގައި ހިނިތުންވެގެން އެހުރީ ފަޒްލާ ކަން ޒޯޔާއަށް އެނގުނެވެ. އެކުޑަ ފިރިހެން ކުއްޖަކީ އައިވިން ކަމުގައި ނިންމުނު އިރު ވާތް ފަރާތުގައި ހުރީ ކޮން ފިރިހެނެއްކަމެއް ނޭނގުނެވެ. ނަމަވެސް އޭނާގެ މޫނުމަތިން މިހާރު އައިވިންގެ މޫނާ ނުހަނު ވައްތަރުކަން ޒޯޔާއަށް ފާހަގަ ކުރެވުނެވެ.
“ތިއީ އަހަރެންގެ މަންމައާ ބައްޕަ.. ކުޑަކޮށް ތިއީ އަހަރެން..” ޒޯޔާގެ ފުރަގަހުގައި ހުއްޓި ފޮޓޯ ފްރޭމަށް ބަލާލަމުން އައިވިން ކިޔައި ދިނެވެ.
“ލެޓް މީ ޝޯ ޔޫ ސަމްތިންގް..” އައިވިން ޖޯޝާއެކު ބުނެލަމުން ފޮތް ހަރުގަނޑެއް ކައިރީ ހުއްޓި އެއްޗެއް ހޯދަން ފެށިއެވެ. އިރު ކޮޅަކު ފޮތްތައް ހޭވުމަށްފަހު ބޯ އަލްބަމެއް ނަގައިގެން އައިސް ޒޯޔާގެ އަތުގައި ހިފަމުން އެތާ ހުރި ސޯފާގައި ބޭންދިއެވެ.
އައިވިން ޒޯޔާއަށް ދައްކަން ފެށީ އޭނާގެ ކުޑަ އިރުގެ ފޮޓޯ ތަކެވެ. ނޫކަށިފުރައިގެ އިރުގެ ފޮޓޯ ތަކާއި ބޭރުގައި ކިޔަވަން ހުރި އިރުގެ ފޮޓޯ ތަކެވެ. އެއިން ކޮންމެ ފޮޓޯއެއް ދެއްކުމަށްފަހު އައިވިން އެ ފޮޓޯއާ ބެހޭގޮތުން ޒޯޔާއަށް އިތުރަށް ކިޔައިދެއެވެ. ޝައުޤުވެރިކަމާއެކު އެވާހަކަތައް އަޑު އަހަން އިން ޒޯޔާއަށް މީގެ ކުރިން އައިވިންގެ ޙަޔާތާ ގުޅޭގޮތުން ނޭނގޭ އެތައް ކަމެއް އެނގިގެން ދިޔައެވެ.
އިރުކޮޅަކު އެގޮތުގައި ތިބިއިރު ޒޯޔާ ނިދި އައިސް އާފުރެން ފެށިއެވެ. އައިވިންވެސް އަނބުރާ އޭނާގެ މަސައްކަތައް ދިޔުމަށް ނިންމަމުން އަލްބަމް ލައްޕާލިއެވެ. އޭނާ ޒޯޔާ ގޮވައިގެން ތިރިޔަށް އައިސް ޒޯޔާގެ ނިދާ ކޮޓަރިއާ ހަމަޔަށް އައެވެ. ޒޯޔާ އެކަނި އެންމެ ފިޔަވަޅެއްވެސް އަޅަން އައިވިންގެ ހިތް ނޭދޭ ފަދައެވެ.
********
ޖެހިގެން އައި ދުވަހު އައިވިން ވަޒީފާއަށް ދިޔުމުގެ ކުރިން މެންދުރު ޒޯޔާގެ އެޕޮއިންޓްމެންޓް ހައްދާފައި އޮންނާނެ ވާހަކަ ބުންޏެވެ. އޭނާ ބަލާ އަންނަ އިރު ތައްޔާރުވެގެން ހުރުމަށް ބުނަމުން އައިވިން ނިކުމެގެން ދިޔައީއެވެ.
މެންދުރު ގަޑިއަަށް އައިވިން ބަލާ އައުމާއެކު ޒޯޔާ ތިރިއަށް ފޭބިއެވެ. އައިވިންގެ ކާރުގައި ދިޔައިރު އެހެން ދުވަސް ދުވަހާ ޚިލާފަށް މިއަދު ކާރު ދުއްވަން އިނީ އައިވިން އެވެ. ޑްރައިވަރު ބަލި ވެ އުޅޭތީ މަސައްކަތައް ނާންނަކަމުގައި އައިވިން ބުނީ އެވަޤުތުއެވެ.
އައިވިން ޒޯޔާ ގެންދިޔައީ ކްލިނިކަށެވެ. އެތަނުގައި ބަލި މީހުން ބަލަމުން އަންނަ ތަޖުރިބާކާރު އަންހެނުންގެ ޙާއްސަ ޑޮކްޓަރަކަށް ދައްކާށެވެ. ޑޮކްޓަރުގެ އިރުޝާދު ތަކުގެ އިތުރުން ފައިގެ ދުޅަ ތިރި ކުރުމަށް ކުރެވިދާނެ މަސާޖު ތައް ޒޯޔާއަށް ޑޮކްޓަރ ކިޔައިދިނެވެ.
ޑޮކްޓަރަށް ދެއްކުމަށްފަހު ކްލިނިކުން ނިކުމެ އައިވިން ޒޯޔާގެ ކައިރީ މަޑު ކުރުމަށް ބުނުމަށްފަހު މިސްރާބު ޖެހީ ކާރު ނެގުމަށެވެ. ކްލިނިކު ކައިރީ ޖާގަ ނެތުމުން އޭނާއަށް ކާރު ޕާކު ކުރަން ޖެހުނީ ތަންކޮޅެއް ދުރުގައެވެ. ކްލިނިކުގެ ދޮރުމަތީ މަަގުގެ އެއްފަރާތުގައި ހުއްޓިލި ޒޯޔާގެ ކައިރީ ކުއްލި އަކަށް މަޑުކޮށްލީ ރަތް ކުލައިގެ އޮފު އަރަމުންދިޔަ އަގުބޮޑު ކާރެކެވެ. ކުރީ ސީޓުގެ ދޮރުފަތް ހުޅުވާލުމަށްފަހު ނިކުން މީހެއް އަވަސް ފިޔަވަޅުތަކާއެކު ހުއްޓި ކާރުގެ ފަހަތު ސީޓު ހުޅުވާލިއެވެ. އެހިނދު ކާރުން ނިކުމެގެން އައި މީހާ ފެނުމާއެކު ޒޯޔާއަށް ބިރެއް ފެނުނުހެން ދެލޯ ބޮޑުކޮށްލެވުނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.







Rasheedha Ali
Wow Maadhan Allah v reethi mi part vx sisoo
Alhey e Aivin mom mifaharu Zoya ah kameh kuraane..Alhey Kaakutha e carun e feybee
Curiously waiting for nxt part sisoo
Stay safe n Tc
Lyyyyyysssssmmm
Myyyyysssssmmm
Thank u so much M@L@@N@. V ufaavejje mi part dear ah kamudhiyaeema. Hingaa dhe eii kaakuthoa balamaa. In sha Allah next part weekend therey up kohla dheynan. Lymmm dear. U too stay safe?❤️
wow this story varah reethi. cant wait to read the another part of this story. great work ?????
Thank u so much Iodan quin. V ufaavejje mi vaahaka kamudhiyaeema. In sha Allah next part mi weekend thereyga kiyaalan libeyne. Thanks for the encouragement ?❤️