މެންދަމުން އަލިވެ ދެއެއް ޖަހަނީއެވެ. ފަނަރަވިލޭރޭގެ ބުރުހަމަ ރީތި ހަނދުން މުޅި ރަށްވަނީ އަލިކޮއްލާފައެވެ. ގޮނޑުދޮށަށް ބީއްސަމުން ދިޔަ ރާޅުތަކުން މާހައުލުގެ ހަމަހިމޭންކަން ނަގާަލައިފައިވެއެވެ. ތުނޑީގެ މޫދު ފެންނަ ހިސާބުގައި އެލުވާލާފައި އިން ދެމީހުންނަށް އިށީނދެވޭވަރުގެ ކުޑަ އުނދޯންޏެއްގައި އިން ތިބްޔާންގެ ގައިގައި ތާޒާ ފިނި ފިނި ވައިރޯޅިތައް އައިސް ބީހެމުން ދިޔައެވެ. އެހިތްގައިމު މޫނުމަތީގައިވި ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައީ އަތުކުރީގައި އޮތް ގަޑިން ދަންވަރު ދެއެއް ޖެހިކަން އެނގުމުންނެވެ.
މަޑުމަޑުން އުނދޯލި ހެއްލަމުން ދިޔައިރު ހިތުގައިވަނީ މަލާކްގެ ސޫރައެވެ. ރަށުގައި ހުރި ހަމައެކަނި ރީތި އަންހެންކުއްޖާއެވެ. އެއެސްފިޔަތައް ދިގު މުށި ދެލޮލާއި ފިޔާތޮށިކުލައިގެ ވަށް ތުންފަތާ ކުޑަ ނޭފަތާއި ދެކޮލަށް އެޅޭ އަޑިކޮޅަކީ ތިބްޔާންއަށް އެންމެ ކަމުދިޔަ ސިފަތަކެވެ. މަލާކްގެ މޫނުގެ ސޫރަޔާ އެއްވަރަށް އޭނަގެ ހަށިގަނޑުވެސް ލޫޅާފަތިވެފައި ވަނާތައް ހުންނަނީ މޮޑެލެއް ފަދައިންނެވެ. މަލާކްގެ އެކަޅުކަންގަދަ އިސްތަށިގަނޑު އުނަގަނޑާ ހިސާބަށް އަރާއިރު އެއީ ރީތިކަން އަރާ ހުސްކޮއްފައިވާ ދެވަނައެއް ނެތް މިސާލެކެވެ.
—
ތިބްޔާންއަށް މަލާކްދެކެ ލޯބިވެވުނީ މީގެ ދެހަފްތާއެއް ކުރިން ރާއްޖޭން ބޭރުގައި ބިޒްނަސް ކޯހެއް ހަދަން ހުރެފައި ކުއްލި ގޮތަކަށް މަލާކް މާމަ ނިޔާވެގެން މަލާކް ރަށަށް އައި ދުވަހުން ފެށިގެންނެވެ. އެންމެ ކުޑައިރުއްސުރެ މަލާކް ދިރިއުޅެނީ އޭނަގެ ބޮޑުދައިތަ ރުޤިއްޔާ ގާތުގައި މާލޭގައެވެ. އެހެންވުމުގެ ސަބަބުން ދުވަހަކުވެސް ތިބްޔާންއަށް މަލާކް ކުރިން ފެނިފައެއް ނުވެއެވެ.
މަލާކްގެ އެންމެ ފުރަތަމަ ފެނިލުމާއެކުވެސް ތިބްޔާންއަށް މަލާކް ކަމުދިޔައެވެ. އަދި މަލާކް ހާސިލްކުރުމަށް އަޒުމް ކަނޑައެޅިއެވެ. މަލާކްއަކީ ތިބްޔާންގެ އަވައްޓެރިއެއްކަން އެނގުނު ފަހުން މަލާކް ހާސިލްކުރަން ތިބްޔާންއަށް ފަސޭހަވިއެވެ. ހީވެސް ނުކުރާ ފަދަ ގޮތަކަށް ހަފްތާއެއްވެސް ނުވަނީސް އެގުޅުން ލޯބިވެރިންނަށް ބަދަލުވެގެން ދިޔައެވެ. އެހެންނަސް އެއީ އާއިލާއަށް ސިއްރުންނެވެ. ސަބަބަކީ މަލާކްގެ މަންމަ ތިބްޔާންގެ މަންމަދެކެ އިންތިހާއަށް ކުރާ ނަފްރަތެވެ. ތިބްޔާންގެ ބައްޕަވީ މަލާކްގެ މަންމަ ކުރިން އިންނަން އުޅުނު މީހާއެވެ. އެދެމެދަށް ތިބްޔާންގެ މަންމަ ވަނުމުން އެގުޅުން އުވާލަން ޖެހުނީއެވެ. ތިބްޔާންއާ މަލާކް ވިހެއީ އެއް ހަފްތާއެއްގައެވެ. އަންހެންކުއްޖަކާ ފިރިހެންކުއްޖެއްކަމުގައި ވުމުން ތިބްޔާންއާއި މަލާކް އެކަކު އަނެކަކުދެކެ ލޯބިވެދާނެކަމުގެ ބިރައްޓަކައި މަލާކްގެ މަންމަ މަލާކްގެ ބޮޑުދައިތަ ގާތަށް މާލެ ގެންދިޔައީ އުމުރުން އެންމެ ހަމަހުގައެވެ. އެހިސާބުން ދުވަހަކަވެސް މަލާކް ރަށަކަށް ނުގެނެއެވެ. މަލާކްގެ މައިންބަފައިން މަލާކްއާ ބައްދަލުކުރަން ބޭނުންނަމަ މާލެ ދަނީއެވެ.
ތިބްޔާންއާއި މަލާކްގެ ސިއްރު ގުޅުންތައް އަވަށުގެ މީހުން ނޫޅޭ ގެއެއްގެ ޖޯލީގައި ބާއްވަމުން ދާތާ އިއްޔެއަށް ހަފްތާއެއްވެފައި ވަނިކޮށް މަލާކްގެ ބޮޑުބޭބެއަކަށް އެގުޅުން ފެނި މަލާކްގެ މަންމަ ގާތު ބުނުމުން މަލާކްގެ ގާތުގައި ތިބްޔާންއާ ދުރުވާން އަމުރުކުރިއެވެ. ތިބްޔާންއަކީ މަލާކް މަންމަ ނަފްރަތުކުރާ އައި މަސައްކަތެއްވެސް ނުކުރާ އަބަދު މަގުމަތީގައި އުޅޭ ޒުވާނެއްކަމުގައި ބުނެ ވިސްނައިދިނެވެ. އެހެނަސް މަލާކް މަންމަ ގާތުގައި އެގުޅުން އުވާލިކަމަށް ބުނި ކަމުގައި ވިޔަސް އެއީ އޭނަގެ މަންމަގެ ލޯމައްޗަށް ދެއްކި ދަޅައެކެވެ. އެހެންވުމުގެ ސަބަބުން މިރޭ އެސިއްރު ގުޅުން ތިބްޔާން ބާއްވަން ބޭނުންވީ ތުނޑީގައެވެ. ދަންވަރު އެތަނަށް އަންނާނީ ކާކު ހެއްޔެވެ؟
ހިޔާލުތަކަކަށް ގެއްލިފައި އިން ތިބްޔާންއަށް ސިހުމެއް ލިބުނީ ކުއްލިއަކަށް ފަރުހަކިވަސް ދުވަން ފެށުމުންނެވެ. ހިތް ބިރުގަނެފައި ހުރެ ތުނޑީގެ ފަރާތް ފަރާތް ހޯދަން ފެށިއެވެ. ކުއްލިއަކަށް ލޮލުގައި އަޅައިގަތީ ދުރުން މޫދުން އެއްގަމަށް އެރި ބިޔަ އެއްޗެކެވެ. ރަތް ލޯ ވަނީ ދިއްލިފައެވެ. މުޅިގައިގައި އުރަފަތްތަކެއް ހުރި އިރު މުޅި ހިސާބުގައި ދުވަމުން ދިޔަ ފަރުހަކިވަސް ގަދަވެލައިފިއެވެ. ތިބްޔާންގެ ގަޔަށް ކައްޓެއް ހެރިހެން ދުމެއް ކަނޑާފައި އުނދޯލި އެލުވާފައި ހުރި ބިޔަ ގަހަށް އަރައިފިއެވެ. އެރުނު ގޮތުން ގައިގެ ތަންތަން މެށިގެން ދިޔަ ކަމުގައި ވިޔަސް ބިރުން ހުރި ވަރުން ތަދުވާކަމުގެ އިހުސާސްގެ ކުޑަވެސް މިންވަރެއް ނުކުރެއެވެ. އެއެއްޗެއް ހަތަރު މޮއްގަނޑު ޖަހައިގެން އައިސް މަޑުކުރީ އުނދޯލި ކައިރީގައެވެ. އަދި ތިބްޔާންގެ ސޫރަ ޖެހި ކުއްލިއަކަށް ކޮޅަށް ތެދުވެ ހަށި ދަމާލިއެވެ. ކަށިތައް ފޭވާ ކަހަލަ އަޑު ފަށްގަނޑަކާއެކު އެއެތި އުނޑޯލީގައި އިށީނދެ ދުރުބަލާލިއެވެ. ދުވާ ފަރުހަކިވަހުން ނޯށްދަމާލަން ނުކެރި ހުރި ތިބްޔާންއަށް ހިތާ ހިތުން މާތް ﷲއަށް ދުޢާކުރެވުނީ މަލާކް މިރޭ މިތަނަށް ނާންނާނެ ގޮތެއް މެދުވެރިވޭތޯއެވެ.
ފަނަރަވަރަކަށް މިނެޓު ފަހުން އިވުނީ މަލާކްގެ އަޑާއެކު މަލާކްގެ ގާތް ދެބެންދެދަރި އަންހެންކުއްޖެއް އަދި މަލާކްގެ އެންމެ ގާތްއެކުވެރިޔާ ކަމުގައިވާ އަންޖަލްގެ އަޑަށެވެ. ވަގުތުން ތިބްޔާންގެ ދެލޯ ބޮޑުވެ ބަލާލެވުނީ އޭނަގެ ސިފަ ޖެހިގެން އިން ވިގަންޏަށެވެ. އެވިގަނީގެ ނަޒަރު އަމާޒުވެފައި ހުރީ ދުރުން އިވެމުން ދިޔަ އަޑަށެވެ.
އަންޖަލް ވަކި ހިސާބެއްގައި ތަންކޮޅެއް ދުރުގައި މަލާކްމެން ފެންނާނެހެން މަޑުކުރުމުން މަލާކް ހިނގައިގަތީ އުނދޯލި ކައިރިއަށެވެ. ފަރުހަކިވަސް ދުވަމުން ދިޔަ ކަމުގައި ވިޔަސް އުނދޯލީގައި އިން ތިބްޔާން ފެނިގައި މަލާކްގެ ތުންފަތްމައްޗަށް ރަކި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އެސްފިޔަވެސް ޖަހާނުލައި ތިބްޔާންގެ ސިފަ ޖެހިގެން އިން ވިގަނި މަލާކްއާ ދިމާއަށް ބަލަމުން ދިއުމުން މަލާކް ލަދުގަތެވެ. އަދި އުނދޯންޔާ ދިމާއަށް ހިނގައިގަތެވެ. ގަހުގައި އޮތް ތިބްޔާން ވިގަނި ކައިރިއަށް ނުދާށޭ ކިޔައި ހަޅޭލަވައިގަންނަން ބޭނުންވި ނަމަވެސް އޭނަގެ ދުލުގައި ހީވަނީ ތަޅެއް ލެވިފައި ވާހެންނެވެ.
” އަހަރެންދޯ މިރޭ ލަސްވީ؟ ” މަލާކް އައިސް އުނދޯލީގައި އިށީނދެ ތިބްޔާންގެ ކޮނޑާ ހަމަޔަށްއަރާ ފަންފަން އިސްތަށިގަނޑުގައި ފިރުމާލިއެވެ. ތިބްޔާންގެ ސިފަ ޖެހިގެން އިން ވިގަނި އަނގަޔަކުން ނުބުންޏެވެ.
” މަންމައަށް އެނގުނީމައި ވަރަށް ބިރުގަތް ރޭގަ. އެކަމަކު އަހަރެން ތިބްޔާންގެ ގާތަށް މަންމަ ކޮންމެ އެއްޗެކޭ ކިޔަސް އަންނާނަން. ” މަލާކް ތިބްޔާންގެ ކޮނޑުގައި ބޯއަޅާލިއެވެ. ދުވަމުން ދިޔަ ފަރުހަކިވަމުން މަލާކްއަށް ހޮޑުލަވާ ގޮތްވިއެވެ. އެހެނަސް އެއީ ތުނޑި ކައިރިވުމުން ދުވާ ވަހެއްކަމަށްބަލާ އެއްޗެކޭ ނުބުންޏެވެ.
” ކީއްވެތަ މިރޭ މަޑުން ތިއިނީ؟ ވާހަކަ ދައްކަބަލަ! ” މަލާކް ބޯހިއްލާލަމުން ވިގަންޏާ ހަތަރުކަޅި ހަމަކޮއްލިއެވެ. ކުއްލިއަކަށް އެވިގަނި މަލާކްގެ ނޭފަތުގައި އަނގަޖެހީއެވެ. އަންޖަލް ވާނުވާ ނޭނގިފައި ހުރެ އަނގަމަތީގައި އަތް އަޅާލެވުނެވެ. ތިބްޔާންގެ ދެލޮލުން ކަރުނަތައް ފައިބައިގަތެވެ. މިރޭ ދެން މަލާކް ސަލާމަތްނުވާނެކަމުގައި ހިތް ބުނަމުން ދިޔައެވެ.
އެވިގަނި އޭތީގެ އަސްލު ސޫރަޔަށް ބަދަލުވުމަށްފަހު މަލާކް ކެއުމައިގެން އަވަސްވެގަތެވެ. އަންޖަލް ބިރުން ހަޅޭލަވައިގަނެފައި ރަށުތެރެއަށް ދުއްވައިގަތެވެ. ތިބްޔާންއަށް އޮވެވުނީ އެވިގަނީ މަލާކް ކާންދެން ބަލަހައްޓައިގެންނެވެ.
މާލަސްތަކެއް ނުވެ އަންޖަލް ރަށުތެރެއިން މީހުން ގޮވައިގެން އައި އިރު ވިގަނި ފެންނާކަށް ނެތެވެ. އޭރުވެސް މުޅި ހިސާބުގައި ފަރުހަކިވަސް ހިފާލާފައި ހުއްޓެވެ. ރަށުތެރެއިން މީހަކު މަލާކް އިން އުނދޯންޏާ ދިމާއަށް ފޯނުން އަލިކޮއްލީ އެއްޗެއް ފެންނަން އޮތުމުންނެވެ. މަލާކްގެ ކަށި އިނގިލީގައި ތިބްޔާން އަޅައިދިން އަނގޮޓިއާއެކު އެއިނގިލި ނުކައި އޮތެވެ. އަންޖަލް ވަގުތުން އަނބުރައިގަތެވެ. އެހިސާބުން ހަރާކާތް ހުއްޓިފައި އޮތް ތިބްޔާންވެސް ބިންމައްޗަށް ވެއްޓިއްޖެއެވެ. މާބޮޑު ގަހެއް ނޫންކަމުން ތިބްޔާންއަށް މާބޮޑު ގެއްލުމެއް ނުލިބުނު ކަމުގައި ވިޔަސް އޭނާވަނީ ބިރުން ގޮސް ހުމާ ފިހިފިހިއެވެ.
ތިބްޔާން މަރުވީ އެހުމުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހުއެވެ.
-ނިމުނީ-
މިއީ ހދ.ނޮޅިވަރަމްފަރުގައި ހިނގާ ދިޔަ ހަޤީޤީ ހާދިސާއެކެވެ. މިއީ އިހު ޒަމާނުގެ ވާހަކައެއް ނަމަވެސް އަޅުގަނޑު މިވާހަކަ މިލިޔުނީ މިޒަމާނަށް ބަދަލުކޮއްލައިގެންނެވެ. އަދި މީގެ އިތުރުން އަޅުގަނޑު މިވާހަކައަށް ވާހަކައިގެ އަސްލު ނުގެއްލޭނެހެން ބައިތައް އިތުރުކުރި ވާހަކަ ދަންނަވަމެވެ. އުއްމީދުކުރަނި ހުރިހާ ކިޔުންތެރިންނަށްވެސް މިވާހަކަ ކަމުދާނެކަމަށެވެ.
– – އާރޝް

