ބޭއިޙްތިޔާރުގައި 2
” ސާބަސް އިޝް… އަހަންނަށްވެސް ރަނގަޅުދޯ އަހަރެންގެ ފަހަރި އެހާ ޕްރިޓީވިއްޔާ.. ” ރަމްޝާގެ ވާހަކައިވި އިޝާނީ ކޮށިއެރިއެވެ. އަނގައިގާ ހުރި ކޮފީތައް ދިޔައީ ބުރައިގެންނެވެ.
” ވަޓް.. ފަހަރިއޭ… ރަވާންގެ ބިޓުތަ.. ރަމް ނުވެސް ބުނަމެއްނު ރަވާން މެރީކުރަން އުޅޭ ވާހަކަ” ޓިޝޫއަކުން އަނގަކައިރި ފޮހެލަމުން އިޝާނީ އަހާލިއެވެ.
” އިޝޫ… އެވަރުކަމެއްވާއިރު އަހަރެން އިޝްކައިރީ ނުބުނެ ހުންނާނެތަ.. މިބުނީ އެމީހުން ރައްޓެހިވެގެން އުޅޭ ވާހަކައެއް ނޫނޭ.. މިބުނީ އަހަރެން ބޭނުންވާ ގޮތް.. އަހަރެން ބޭނުންވަނީ ޒަހުވާއާއި އަހަރެންގެ ދޮންބެއާއު ގުޅެން.. ” ހުވަފެނީ ގޮތަކަށް ރަމްޝާ ބުންޏެވެ.
” ތިކަމެއް ނުވާނެ… ރަވާން ކަހަލަ އެރޮގެންޓް މީހަކާ އެހާ ޕްރިޓީ ކުއްޖަކާއި ނުވެސް ގުޅޭ.. ” އަނގަޔަށް ގޮތެއް ހަދާލަމުން އިޝާނީ ބުންޏެވެ.
” ކީއްވެ.. ފަހަރެއްގަ އެކުއްޖާގެ ސަބަބުން ދޮންބެގެ އެރޮގެންޓްކަން ފިލާވެސް ފާނެއްނު… ކިހިނެއް އެނގެނީ” ރަވާންގެ ދިފާޢުގައި ރަމްޝާ ބުންޏެވެ.
” އޭނަ އަމިއްލަ ރައްޓެހިންނާއި ދޭތެރޭ ކަންތައްކުރާގޮތް ބަލާބަލަ… މާން އާއި ރަވާންގެ ދޭތެރޭ ހިނގާދިޔައީ ކޮންކަހަލަ އަރާރުންގަނޑެއްކަން އަހަންނަށް ނުވެސް އިނގޭ.. މާން ދެކެ އަންނަ ރުޅު ރަވާ އެބާލަނީ އަހަންނަށްވެސް… އަހަރެން ކިތަންމެ ރީތިކޮށް ބަހެއް ބުންޏަސް ރަކިކޮށްލާނެ އެންމެ ހަޑިކޮށް… ކޮބާ އަހަރެންގެ ކުށަކީ.. އެހެންވެ އަހަރެން މިހާރު ނުވެސްވޭ އޭނައާއި ވާހަކަ ދައްކާހިތް… ” އިޝާނީ އޭނަގެ ހިތުގައިވާ ޝަކުވާތައް ބޭރުކޮށްލިއެވެ.
” ދެން އެވާހަކަ ނުދައްކާ.. މާދަން ހަވީރު ގެއަށް އަންނާތި ޒަހުވާއާއި ބަދަލުކޮށްދޭނަން… އަސްލު ޝީ އިޒް ވެރިސްވީޓް.. ރަށައް މުޅިން އާކުއްޖެއްވީމަ އަހަރުމެން ޖެހޭނެއްނު ރަހުމަތްތެރިވެލަން..” ވާހަކަ އޮޅުވާލަން މަސައްކަތް ކުރަމުން ރަމްޝާ ބުންޏެވެ. އިޝާނީވެސް ހިނިތުންވެލަމުން ބޯޖަހާލިއެވެ.
ރަވާން، މަނަން، އިޝާނީ އަދި ރަމްޝާ އަކީ އެންމެ ކުޑާއިރުއްސުރެންވެސް އެކީގައި ކިޔަވާ، ކުޅެ ބޮޑުވި ރަޙުމަތްތެރިންނެވެ. އެމީހުންގެ ރަހުމަތްތެރިކަމަކީ އެރަށޫ އެހެން މީހުންނަށް ނަމޫނާ ރަޙުމްތަތެރިކަމެކެވެ. ޙާއްސަކޮށް ރަވާން އާއި މަނަން އަކީ އެކަކު އަނެކަކަށްޓަކާއި ޤުރުބާންވާން ތައްޔާރަށް ތިބި ދެރަޙުމަތްތެރިންނެވެ. ދެމީހުންގެ ގުޅުމަށް ނިމުމެއް އައީ މަނަން އޭލެވެލްގެ ދެއަހަރު މާލޭގައި ކިޔެވުމަށްފަހު ރަށައް އައި ހިސާބުންނެވެ. ވީނުވީއެއް، ދެމީހުން ދޭތެރޭގައި ޖެހުނު މައްސަލައެއް އެއްވެސް މީހަކަށް ނޭނގުނެވެ. އިޝާނީ އާއި ރަމްޝާގެ ސުވާލުތަކަށް ރަވާން ބީރު ކަންފަތެއް ދިންއިރު މަނަންގެ ޖަވާބަކަށްވީ ވީގޮތެއް ޙުދުއޭނައަށްވެސް ނޭނގޭކަމެވެ. އޭގެ ފަހުން ރަވާންގެ އުޅުން މުޅިން ބަދަލުވިއެވެ. ކުރިން އެންމެންނާއި ހިތްހެޔޮކަމާއި އޯގާތެރިކަމާއި އެކު ވާހަކަދައްކަމުން އައި ކުއްޖާ ރުޅިގަދަ ރުންކުރު އިންސާނަކަށް ބަދަލުވިއެވެ. ކުރިން މަނަންއާއި އެކު ބޭރަށް ޑޮކްޓަރުކަން ކިޔަވަންދިއުމަށް ރޭވިނަމަވެސް ފަހުން އެހިޔާލުދޫކޮށް ފުލުހުންގެ ވަޒީފާ ހިޔާރުކުރިއެވެ.
ޒަބީހުގެ ފުރައިގެން ދިޔައީ އަނެއްދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ނުރޯން މަސައްކަތްކުރިނަމަވެސް ޒަބީހު ދިޔަވަގުތު ޒަހުވާއަށް ރޮވުނެވެ. ފުރަތަމަ ފަހަރަށް މައިންބަފައިންނާއި ވަކިން ދިރިއުޅެން ޖެހުމުން ޒަހުވާއަށް ކުރެވެމުންދިޔައީ ތަފާތު އިހުސާސެކެވެ. ނަމަވެސް މީ ޒަހުވާ ބޭނުންވިގޮތެވެ. ޒަހުވާގެ ހިތް ޒަހުވާއަށް މަޖުބޫރުކުރި ގޮތެވެ. މިރަށައް ޒަހުވާއައީ ވަކި ޙާއްސަ މަޤްސަދަކައިގެންކަން އިނގެނީ ހަމައެކަނި ޒަހުވާއަށެވެ. އެކަންވަނީ އެހެން އެންމެންނަށް ސިއްރުކުރެވިފައެވެ. ވަޒީފާއަދާ ކުރުމާއި ރާއްޖެތެރޭގެ ދިރިއުޅުން ތަޖުރިބާކުރުމަކީ ހަމައެކަނި ބަހަނާއެކެވެ. މިފަދަ ފިޔަވަޅެއް ނަގަން ޒަހުވާ ނިންމީ އެތައް ދުވަހަކު ވިސްނުމަށްފަހުގައެވެ. މިއީ ހަޔާތުގައި ފުރަތަމަ ފަހަރަށް ޒަހުވާ އޭނާގެ އަމިއްލަ ހިތުގެ ގޮވުމަށް އިޖާބަދިން ފުރަތަމަ ފަހަރެވެ.
އެނދުމަތީގައި އުއްޑުން އޮށޯވެއޮތް ޒަހުވާގެ ނަޒަރުވަނީ ސީލިންގަށް ހުއްޓިފައެވެ. ސިކުނޑީގައި އުފެދިފައިވާ ހައިޖާނުގަނޑަށް ނިމުމެއް ގެންނަމުން ފުންނޭވައެއް ދޫކޮށްލިއެވެ. އެނދުމަތިން ތެދުވެގެންގޮސް ބުރުގާ އަޅާލިއެވެ. އެއަށްފަހު ކޮޓަރިން ނިކުމެގެން ކާގެއާއި ދިމާއަށް ދިޔައީ ފިނިފެންފޮދެއް ބޯލުމުގެ މަޤްސަދުގައެވެ.
ކާގެއަށް ވަންއިރު ފުރިޖުކައިރީގައި ފަހަތަށް އެނބުރިގެން ފެންބޯން ހުރި ފިރިހެނެއް ޒަހުވާގެ ލޮލުގައި އަޅައިގަތެވެ. ފެންފުޅި ފުރިޖަށްލުމަށްފަހު ދާންވެގެން އެނބުރުނު ޒުވާނާއަށް ޒަހުވާ ފެނުމާއި އެކު ޒުވާނާއަށްވެސް ހުއްޓުމެއް އައެވެ. ކަޅުކުލައިގެ އަތްދިގު ސްވެޓަރަކާއި ޖިންސެއްގައި ހުރި އެޒުވާނާ އިސްކޮޅުން ދިގުވެފައި ބައިމަތިފުޅަލެވެ.
” ކޯންޗެއް ތިބަލަނީ…” ދެބުމަ ގޮށްޖަހާލަމުން ރުންކުރު ގޮތަކަށް އެޒުވާނާ އަހާލިއެވެ.
” ތީ.. ތީ… ކާކު..” ޖެހިލުންވެހުރެ ޒަހުވާވެސް އަހާލިއެވެ. ޒުވާނާ ކުރިއަށްވުރެ ބޮޑަށް ދެބުމަ ގޮށްޖަހާލުމާއި އެކު ޒަހުވާގެ ހިތަށް ބިރުވެރިކަން އިހުސާސްކުރެވިގެން ދިޔައެވެ.
” ތީ ކާކުތަ.. އަހަރެން ކައިރީގައި ތިސުވާލުކުރަން ކެރުނީތީ ހަމަ ހައިރާންވަން.. އަހަރެންގެ ގޭގަ ހުރެގެން ވިއްޔަ އަހަރެންމީ ކާކުތޯ ތިއަހަނީ… ރަމްޝާ އަކަށްވެސް ނޭނގޭނެ ތަންކޮޅެއް ބުއްދި ހަމަޖެހޭމީހުން މިގެއަށް ވައްދާކަށް.. މިހާރު އެނގިއްޖެ ތީ ރަމްޝާގެ މޮޔަ ރަޙުމަތްތެރިންގެ ތެރެއިން މޮޔައެއްކަން..” ޒުވާނާގެ ރުންކުރު ޖަވާބުން ޒަހުވާ ރަކިވާގޮތްވެ އިސްޖަހާލިއެވެ.
” ސާބަސް ރަވާ… ގޭގަ އުޅޭ މެހެމާނުންނާއިވެސް ރީތިކޮށް ވާހަކަދައްކަން ނޭނގެނީތަ… މިއީ އަދި އިއްޔަގަ މިގެއަށް އައި ކުއްޖެއް… މިހާރާލައި މިހުރީ އެކުއްޖާ ފިތްކަނޑުވާލާފައި… ރޫޑް ވިޔަސް ތިދެން ތަންކޮޅެއް ބޮޑުވަރު…” ޒަހުވާގެ ފަހަތުގައި އެމީހުންގެ ވާހަކަ އަޑުއަހަން ހުރި އިޝާނީ ޒަހުވާ ކައިރީގައި އައިސް ހުއްޓެމުން ބުންޏެވެ. ޒަހުވާ އިޝާނީއަށްވެސް ބަލާލީ ކާކުކަން ނޭނގިފަ ހުރެއެވެ.
” ފުރަތަމަ ކަމަކަށް އަހަންނަށް ކިޔަނީ ރަވާން.. ރަވާއެއް ނޫން… ރަވާ ކިޔާނީ އަހަރެންގެ ރަޙުމަތްތެރިން އެކަނި.. ތީ އަހަރެންގެ ރަހުމަތްތެރިއެއްނޫން.. … ދެވަނަ ކަމަކަށް އަހަރެން ބޭނުން މީހަކާއި ދިމާއަށް ބޭނުން އެއްޗެއް ކިޔާނީ.. އެއީ ކަލެއާ ބެހޭކަމެއް ނޫން.. އަދި އެކަމާ ކަލެއަށް ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ…” އިންޒާރުދޭ ފަދަ ގޮތަކަށް ރަވާން ބުންޏެވެ. އޭނާގެ ސަބަބުން ނުވެސް ދަންނަ ދެމީހުން ކުރަމުން ދިޔަ ޒުވާބު އަޑުއަހަން ޒަހުވާ ހުރީ ހައިރާންވެ އަންތަރީސް ވާވަރުވެފައެވެ. ފަހަރަކު މީހާކާއި ދިމާއަށް ބަލަމުން ދިޔަ ހާލުގައެވެ.
” އެހެންތަ ތިރަވާނަށް ތިއުޅެނީ އަދި މިއިޝާނީގެ ގޮތް ނޭނގިގެން.. ހުރެބަލަ ނިކަން… އިރާއްތާ… އިރާއްތާ!…” އިޝާނީގެ އަޑުގެ ކޮޅަށް ގޮވަންފެށިއެވެ. ރަވާންގެ މޫނުން ޖެހިލުންވުން ފެނިގެން ދިޔަ ހިނދު އިޝާނީ ކައިރިއަށް އައީ ނުލަފާ ހިންޏެކެވެ. މިދުނިޔޭގައި ހުރި ރަވާން ޖެހިލުންވާ ހަމައެކަނި މީހަކީ އޭނާގެ މަންމަކަން އިޝާނީއަށް މާކުރިންވެސް އެނގެއެވެ.
” އޯތް… އަނެއްކާ ކިހިނެއްވީތަ.. ހާދަ ބާރަކަށޭ ތިގޮވަނީ…” ކޮޓަރިން ނިކުތް އިރާދާ އެދިމާއަށް އަންނަމުން އަހާލިއެވެ.
” އިރާއްތާ! އަހަންނަށް އެނގޭ ގޮތުން ވިއްޔަ މެހެމާނުންނަށް ކަމޭހިތުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ވަރަށް ހެޔޮ އަމަލެއް… އަދި ގެއަށް އަންނަ މެހުމާނުންނާއި މެދު އިރާއްތަ ކަންތައް ކުރާގޮތް އަހަންނަށް ވަރަށް ކައިރިން ފެނިފައިހުރީ… އެކަމަކު މިރަވާންގަނޑު އުޅެނީ އިރާއްތަގެ އަގު ވައްޓާލަންހެން ހީވަނީ… އަހަރެން ވަދެގެން އައިއިރު ހުރީ މިކުއްޖާއާއި ދިމާއަށް ބަވަން…” އިޝާނީ ކިޔައިދިނެވެ.
” ކަލޭ މާ ދީން އެނގޭ ކަމަށް ހެދިގެން އުޅޭނެކަމެއް ނެތް.. ގޮސް ފުރަތަމަ އައުރަ ނިވާކޮށްބަލަ… މާރިތި އިސްތަށިގަނޑެއް އޮތްކަމަށް މީހުންނަށް ދައްކަންނޫޅެ…” ރަވާން ބުންޏެވެ. އިޝާނީގެ ނިތްކުރިއަށް ރޫގިނަވެ އެއްޗެއް ބުނަން އަނގަ ހުޅުވާލިވަގުތު އިރާދާ އަތުގެ އިޝާރާތުން އެކަން މަނާ ކުރިއެވެ.
” އިޝާނީ އާއި ރަމްޝާ ދޭބަލަ ޒަހުވާ ގޮވައިގެން ކޮޓަރިއަށް.. ރަވާން އާދެބަލަ އަހަރެންގެ ކޮޓަރިއަށް…” ހަރުކަށިކަމާއި އެކު ރަވާން އައި ދިމާއަށް ބުނުމަށްފަހު އިރާދާ އެނބުރި އޭނާގެ ކޮޓަރިއާއި ދިމާއަށް މިސްރާބުޖެހިއެވެ.
“ޔޫ ވިލް ހޭވް ޓު ޕޭ ފޮރ ދިސް އައި ސްވެއަރ ޓު ގޯޑް…” އިންޒާރެއް ދޭފަދަ ގޮތަކަށް އިޝާނީއާއި ދިމާއަށް ބުނެލަމުން ރަވާން ހިނގައިގަތެވެ. އެވަގުތު އިޝާނީ އަވަސް ހަރަކާތަކާއި އެކު ރަވާންގެ ކުރި ބެއްދިއެވެ.
” އަހަރެންވެސް ވާހަކައެއް ބުނަންތަ..؟ އަހަރެން ކަލެއަށް ގޮވާނީ އަހަރެން ބޭނުންނަމަކުން.. ރަވާ، ރަވާން، ރަވާން ހަންޑި، ޖިންނިގަނޑު، އިފުރީތު… ގެޓު ވެއްޖެތަ.. އަހަރެންގެ އަނގަ އަހަރެންގެ ދޫ.. ކަލެއަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ..” ރަވާން ބޮޑަށް ރުޅިއަރުވާލުމުގެ މަޤުސަދުގައި އިޝާނީ ބުންޏެވެ. ރަވާން އެއްޗެއް ބުނަން އަނގަ ހުޅުވާލި ވަގުތު ރަވާންއާއި ދިމާއަށް ތުން އަނބުރާލުމަށްފަހު ދާން އެނބުރުނު ވަގުތު ގަތާފައިވާ އިޝާނީގެ ދިގު އިސްތަށިގަނޑު ރަވާންގެ މޭމަތީގައި ކޭތުނެވެ. ކުރެވިގެން ދިޔަ ތަފާތު އިހުސާސަކާއި އެކު ރަވާންގެ އަނގަ ބަންދުވިއެވެ. ނަމަވެސް ދެވަނަ ހިނދުގައި ދެބުމަ ގޮށްޖަހާލުމަށްފަހު ގޮސް އިރާދާގެ ކޮޓަރިއަށް ވަނެވެ.
” ޒަހޫ އެއްޗެއް ހީނުކުރައްޗެ.. އެއީ ދޮންބެގެ ގޮތް.. އަސްލު ޒަހޫ އައިއިރު ދޮންބެ ނެތީމަ ދޮންބެއަށް ނޭގުނީ… ދެހަފްތާގެ ޓްރެއިނިންގްއަކަށް ކައިރި ރަށަކަށް ގޮސްފަ އެއައީ… ދޮންބެގެ ފަރާތުން އަހަރެން ޒަހޫ ކައިރިން މައާފަށް އެދެން…” އެނދުމަތީގައި އިން ރަމްޝާ ރަވާންގެ ފަރާތުން މައާފަށް އެދުނެވެ.
” އެއީ އެވަރު ކަމެއް ނޫން.. އަސްލު ޒަހޫއަށްވެސް ކުރެވުނީ ސިލީ ސުވާލެއް.. ހަމަ އަސްލުވެސް ޒަހޫ މައިންޑެއް ނުކުރަން..” ހިތްހެޔޮ ކަމާއި އެކު ރަމްޝާގެ އަތުގައި ހިފާލަމުން ޒަހުވާ ބުންޏެވެ.
” ތީ ހަމަ ޒަހޫގެ ހިތްހެޔޮކަން.. ބައި ދަ ވޭ އަހަންނަށް ކިޔަނީ އިޝާނީ.. ރަމްޝާގެ ބެސްޓްފެރެންޑް…” ކޮޓަރިއަށް ވަދެގެން އައި އިޝާނީ އެމީހުން ކައިރީގައި ހުއްޓެމުން ބުންޏެވެ.
” ޒަހޫ.. މީ އިޝާނީ… ހަސީ ކެއަރ ހޮސްޕިޓަލްގެ ނަރސް އެއް.. އަދި ވެރިޔާވެސްމެ…” ރަމްޝާ އިތުރުކޮށްލިއެވެ. ޒަހުވާ އިޝާނީއަށް ބަލާލީ ހައިރާންވެ އިނދއެވެ. އިޝާނީ ރަމްޝާއާއި ދިމާއަށް ކަޅިއަޅާލުމުން ރަމްޝާ ކައިރިއަށް އައީ ނުލަފާ ހިންޏެކެވެ.
” އެއީ ދޮގެއް.. ހޮސްޕިޓަލްގެ ވެރިޔާ އަކީ އަހަރެންގެ ކާފަ.. އަހަންނަކީ ހަމަ ތިމީހުން ގޮތަށް އާދައިގެ ނަރސް އެއް… ” އިޝާނީ ބުންޏެވެ.
” ދެން އެވާހަކަ ނުދައްކާ… އަހަރުމެން މިއުޅެނީ ހިނގާލަން ދާން ވެގެން.. ޒަހޫ ދާނަންތަ..” ޒަހުވާއަށް ދަޢުވަތު ދެމުން އިޝާނީ ބުންޏެވެ. ޒަހުވާ އަވަސްއަވަހަށް ބޯޖަހާލީ އެކަމަށް ބޭނުންވެފައި އިން ވަރުންނެވެ. ގޭގައި އިނދެގެން އޭނާގެ އެދުން ފުރިހަމަވާކަށް ނެތެވެ.
އިޝާނީ އާއި ރަމްޝާ، ޒަހުވާ އަށް ރަށްދައްކާލުމުގެ މަޤްސަދުގައި ރަށުގެ އެކި މަގުތަކުގައި ހިނގަމުން ދިޔައެވެ. އެދެމީހުން ހުއްޓާނުލައި ވާހަކަ ދައްކަމުން ގެންދިޔައިރު ޒަހުވާ އެއްޗެކޭ ބުނަނީ މަދު ފަހަރަކުއެވެ. އެމީހުން ދައްކާ ވާހަކައަށްވުރެ ޒަހުވާ ސަމާލުކަން ދެވިފައިވަނީ މަގުގެ އެކި ފަރާތްތަކަށެވެ. އެކި ދިމާދިމާއަށް ޒަހުވާ ބަލަމުން ދިޔައީ ވަކި އެއްޗެއް ހޯދާ ފަދައަކުންނެވެ.
” ޒަހޫ ހާދަ ވަރަކަށޭ ތަންތަން ތިބަލަނީ… އެއްޗެއް ހޯދަނީތަ.. ” ޒަހުވާގެ ހަރަކާތްތަކަށް ބަލަމުން ދިޔަ ރަމްޝާ އަހާލިއެވެ.
” ނޫން.. ދެން ހަމަ ބަލާލަނީ… މަގުތަކާއި ތަންތަން ދަސްކުރަންޖެހޭނެއެއްނު… އޭރުންނެއްނު އެކަނިންވެސް އުޅެން އެނގޭނީ..” ހަޤީޤަތް ފޮރުވާލަމުން ޒަހުވާ ބުންޏެވެ.
” އަހަންނަށް ކިޔައިދީބަލަ ހޮސްޕިޓަލާ ބެހޭގޮތުން… ކުރިން ކަންކަން އެނގިފަ އޮތިއްޔާ ތަންކޮޅެއް ފަސޭހަވާނެއެއްނު.. ” މައުޝޫ ބަދަލުކޮށްލަން މަސައްކަތް ކުރަމުން ޒަހުވާ ބުންޏެވެ. އިޝާނީ އާއި ރަމްޝާ ހޮސްޕިޓަލުގެ އެކި ކަންތައްތައް ޒަހުވާއަށް ކިޔައިދެމުން ދިޔައީ އެއްވެސް ފޫހިކަމެއް ނެތިއެވެ. ހިތްހެޔޮ ރަނގަޅު ދެއެކުވެރިން ލިބުނުނީތީ ޒަހުވާ ހުރީ ހިތްހަމަޖެހިފައެވެ.
އިޝާ ނަމާދަށްފަހު އިޝާނި ހޮސްޕިޓަލާއި ދިމާއަށް މިސްރާބުޖެހީ ނިދުމުގެ ކުރިން ފާއިޤާއި އެކީ ވަގުތުކޮޅެއް ހޭދަކޮށްލުމުގެ މަޤްސަދުގައެވެ. ދިޔަ މަގުމަތީގައި މަނަންއަށް ގުޅާލީ ރެއިއްސުރެން ފެށިގެން މަނަންގެ ހަބަރެއް ނުވާތީއެވެ. ދެތިން ފަހަރަކު ގުޅާލުމުންވެސް ފޯނު ނުނެގުމުން އިޝާނީ މާޔޫސްވިއެވެ. އެހާ ގިނައިރުވަންދެން މަނަންއާއި ވާހަކަނުދައްކައި ހުރުމަކީ އިޝާނީއަށް އުނދަގޫ ކަމެކެވެ. އެދެމީހުން ލޯބީގެ ގޮތުން ގުޅުނުތާ އަށްއަހަރުވީ ނަމަވެސް ރަޙުމަތްތެރިކަމަށް ފަނަރަ އަހަރަށްވުރެ ގިނަވެދާނެއެވެ. ފާއިޤަށްފަހު އިޝާނީގެ ހުރި ހަމައެކަނި މީހަކީ މަނަންއެވެ. އިޝާނީ ދެކޭގޮތުގައި މަނަންއަކީ އިޝާނީގެ މުޅި ދުނިޔެއެވެ. ވޭތުވެދިޔަ އަށްއަހަރު ތެރޭގައި މަނަންއާއި ނުލައި އެންމެ ސިކުންތުކޮޅެއްވެސް ހޭދަކޮށްލުމަކީ އިޝާނީއަށް އުނދަގޫ ކަމަކަށްވެއްޖެއެވެ. މަނަންގެ ފަރާތުން އިޝާނީއަށް ލިބޭ އަޅާލުމާއި އޯގާތެރިކަމުގެ ސަބަބުން މަނަންވެސް އިޝާނީދެކެ އިންތިހާއަށް ލޯބިވާކަން އިޝާނީއަށް އެނގެއެވެ. އިޝާނީގެ އުފަލަށްޓަކައި މަނަން ހުންނަނީ ކޮންމެ ފަދަ ކަމެއްވެސް ކުރަން ތައްޔާރަށެވެ. ހޮސްޕިޓަލަށް ގޮސް ވަދެވުނުއިރުވެސް އިޝާނީއަށް ހުރެވުނި މަނަންގެ ޙިޔާލުގައެވެ.
ފާއިޤު އޮތް ކޮޓަރީގެ ދޮރުހުޅުވާލުމާއި އެކު އިޝާނީއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ފާއިޤުގެ އެނދުކައިރީގައި ހުއްޓި އެހުރީ މަނަން ނޫން އެހެންމީހެއް ނޫނެވެ. މަނަން ހިނިތުންވެލުމާއި އެކު އިޝާނީވެސް ފުޅާ ހިނިތުންވުމެއް ރައްދުކޮށްލިއެވެ.
” ސަރޕްރައިޒް…” ލުއިކޮށް ހިނިތުންވެލަމުން މަނަން ބުނެލިއެވެ. އިޝާނީ ހިނިތުންވެލައިގެން ހުރެ ދެތުންފަތަށް ބާރުކޮށްލަމުން ދެބުމަ ކައިރިކޮށްލިއެވެ.
” ސަރޕްރައިޒް އޯ… ކީއްވެތަ އަހަރެން ގުޅީމަ ފޯނު ނުނަގަނީ… ” ފާއިޤުގެ އެނދުގެ އަނެއްފަރާތުގައި ހުއްޓެމުން އިޝާނީ ސުވާލުކޮށްލިއެވެ.
” އެ ހަމަ ސަރޕްރައިޒެއް ދޭން ވެގެން… ” އެހެން ބުނަމުން މަނަން ދެބުމަ އަރުވާލިއެވެ.
” ތިވެސް ޖަވާބެއް ދޯ.. ހަމަ އަހަރެން ގުޅީމަ ނުނަގަންވެގެން ހުރީ… އޭގެ ބަދަލުގަ މިރޭ ޖެހޭނެ އަހަންނަށް ގިފްޓެއް ދޭން…” އިޝާނީ ބުންޏެވެ. ދެކުދިން ދައްކަމުން ދިޔަ ވާހަކައަށް ފާއިޤު އޮތީ ހީލަހީލައެވެ.
” އަދި ފޯނު ނުނަގާ ކޮންމެ ފަހަރަކު ގިފްޓު ދޭން ޖެހޭތަ.. ނުވާނެ ތިކަމެއް…” އިޝާނީ ރުޅިއަރުވާލުމުގެ މަޤްސަދުގައި މަނަން ބުންޏެވެ.
” ކީއްވެ ނުވާންވީ… ގަދަކަމުންވެސް ގިފްޓު ހޯދާފައި މިރޭ އަހަރެން ހުއްޓާލާނީ…ބަލަން ހުންނާތީ… އެހެން ނޫނީ އަހަރެންގެ ނަމަކަށް އިޝާނީއެއް ނުކިޔާނެ” އިޝާނީވެސް ގަދަވެލާފައި ބުންޏެވެ.
ހޮސްޕިޓަލުގައި އިރުކޮޅެއް ހޭދަކޮށްލުމަށްފަހު މަނަން އިޝާނީ ގޮވައިގެން ގެއާއި ދިމާއަށް މިސްރާބުޖެހިއެވެ. އިޝާނީގެ އެދުމުގެ މަތިން ކާރު ހޮސްޕިޓަލް ކައިރީގައި ބޭއްވުމަށްފަހު ގެއަށް ދިޔައީ ހިނގާލާފާއެވެ. އިޝާނީ ދެއަތް އުރާލައިގެން ހުރެ ހިނގަމުން ދިޔައިރު މަނަން ހިނގަމުން ދިޔައީ ދެޖީބަށް އަތްޖަހާއިގެން ހުރެއެވެ. މޫނުމައްޗަށް ވެއްޓެމުން ދިޔަ އިސްތށިގަނޑު އިރުއިރުކޮޅާއި ފަހަތަށް އެއްލަމުން ދިޔައިރު އިޝާނީ އިންތިޒާރު ކުރަމުން ދިޔައީ މަނަން އެއްޗެކޭ ބުނާނެ އިރަކަށެވެ.
” ކާފަ އެއްޗެކޭ ކީތަ…” ހަމަހިމޭންކަން ފޫއަޅުވާލަމުން އިޝާނީ އަހާލިއެވެ.
” މިހެން މިބުނީ ރޭގަ ކާފަ އަހަރެން ކައިރީގައި ބުނި މާން ކައިރިގައި ބުނައްޗޯ ކާފައާއި ބައްދަލުކޮށްލާށޭ…” އިޝާނީ އިތުރަށް ބުނެދިނެވެ. މަނަން ދެފަހަރަކަށް ބޯޖަހާލީ އާއޭކޭ ބުނުމުގެ ގޮތުންނެވެ.
” އިޝް…. ކާފަ ބޭނުންވަނީ އަހަރުމެން ވީހާވެސް އަވަހަކަށް މެރީ ކުރަން… މިއަންނަ މަހު.. ކާފައާއި މާމަގެ އެނިވަރސަރީގަ… ” މަނަން ބުނެލި ވާހަކައިން އިޝާނީ އުފާވި ނަމަވެސް ދެވަނަ ހިނދުގައި މޫނުގެ ކުލަ އޮއްސިގެން ދިޔައެވެ.
” ނޫން މާން… އަހަރެން ބޭނުންވަނީ ކާފަ ރަނގަޅުވީމަ މެރީ ކުރަން… ކާފަ ހޮސްޕިޓަލުގައި އޮއްވަ ކައިވެނިކޮށްގެން އަހަންނަށް ލިބޭނެ އެއްވެސް އުފަލެއް ނޯންނާނެ… ” މާޔޫސްވެހުރެ އިޝާނީ ބުންޏެވެ.
” އިޝް އަންޑާރސްޓޭންޑް ވެބަލަ… ކާފަ ރަނގަޅުވާނެކަމުގެ އެއްވެސް އުއްމީދެއް ނެތޭ… ދުވަހަކަށް ވުރެ ދުވަހެއް ކާފަގެ ހާލަތު ދަނީ ދަށްވަމުން… ކާފަވެސް ބޭނުންވޭ ކާފަ ދުނިޔޭގަ އޮއްވަ އިޝް ކައިވެނިކޮށް އުފަލުގަ އުޅޭތަން ދެކެން.. ކާފަގެ އުއްމީދާއި ދޭތެރޭވެސް ވިސްނާލަބަލަ…” އިޝާނީ އަށް ވިސްނައިދެމުން މަނަން ބުންޏެވެ. އިސާހިތަކު އިޝާނީއަށް ރޮވިއްޖެއެވެ. ގިސްލަން ފެށުމުން މަނަން އިޝާނީގެ އަތުގައި ހިފާ އޭނައާއި ދިމާއަށް އަނބުރުވާލިއެވެ. އަދި އޯގާތެރިކަމާއި އެކު އިޝާނީގެ ކަރުނަތައް ފޮހެދިނެވެ.
” އިޝް… އަހަންނަށް ފެންނަނީ ކާފަގެ އެދުން ފުރިހަމަކޮށްދޭން… އޭރުން ކާފަ މިދުނިޔެއާއި ވަކިވެގެން ދާނީ އުފަލުގަ… ” އިޝާނީގެ ކޮލުގައި ދެފަރާތުގައި ހިފަހައްޓާލަމުން މަނަން ބުންޏެވެ. ގިސްލެވޭ ހާލު އިޝާނީ ބޯޖަހާލީ އާއޭކޭ ބުނުމުގެ ގޮތުންނެވެ.
” ދެން ހިނގާ އަވަހަށް ގެއަށް.. އޭރުން އަހަރެން އިޝްއަށް ގެނައި ހަދިޔާވެސް ދެވޭނީ.. ” އިޝާނީގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން މަނަން ބުންޏެވެ.
އިޝާނީ ގޮވައިގެން މަނަން ދިޔައީ އޭނާގެ ގެއަށެވެ. ދިޔައިރު މަނަންގެ ދައްތަ ޔުމްނާ ކާން ހަދައިގެން އެމީހުންގެ އިންތިޒާރުގައި އިނެވެ. މަނަން އިޝާނީއަށް ހަދިޔާއަކަށް ދިނީ އިޝާނީއަށް އެންމެ މީރު ދިއްގަރު ރިހާކުރު ފުޅިއެކެވެ.
” މާން ތީ ކޮންކަހަލަ މީހެއްތަ… އެހެން މީހުން އެމީހުންގެ ވާންއުޅޭ އަނބިންނަށް ދެނީ މާބޮނޑިއާއި އަގު ބޮޑު ގަހަނާއާއި ޗޮކްލެޓައި އެއްޗެހި.. މާން އިޝްއަށް ތިގެނެސްދިނީ ރިހާކުރު ފުޅިއެއް..” މަނަންގެ ތައްޓަށް ބަތް އަޅައިދެމުން، ހެމުން ޔުމްނާ ބުނެލިއެވެ.
” އެހެންވެއޭ އަހަރެންގެ މާން ތަފާތީ… ދައްތަ ދެންމެ ތިކީ އަހަރެން އެހާ ބޭނުންވާ އެއްޗެއްސެއް ނޫން… އަހަރެން ބޭނުންވާ އެއްޗެހި މާންއަށް ރަނގަޅަށް އެނގޭނެ… އެހެންނޫނަސް އަހަންނަށް މާންގެ ލޯބި ފުދޭ…” މަނަންއަށް ބަލާލަމުން އިޝާނީ ބުނެލިއެވެ. މަނަން ލުއި ހިނިތުންވުމެއް ހަދިޔާކޮށްލަމުން ކާންފެށިއެވެ. ޔުމްނާވެސް އިޝާނީގެ ބޮލުގައި ފިރުމާލުމަށްފަހު ގޮނޑިއެއްގައި އިށީނދެ ކާން ފެށިއެވެ.
” ހަމްދުބެ މަހަށް ގޮއްސަދޯ ވީ… ކޮބާ ހަނާން.. ނިދީތަ…” ޔުމްނާގެ ފިރމީހާއާއި ހަތްއަހަރުގެ އަންހެން ދަރިފުޅު ހަނާންއާއި ބެހޭގޮތުން މަނަން ސުވާލުކޮށްލިއެވެ.
……………………………………………………………….
އިޝާނީ ގެއަށްލުމަށްފަހު މަނަން އެނބުރި ގެއަށް އައިއިރު ޔުމްނާ ސޯފާގައި ފިލްމެއް ބަލަން އިނެވެ. މަނަން ގޮސް ޔުމްނާ ކައިރީގައި އިށީނީ ޔުމްނާ ކައިރީގައި ވާހަކައެއް ދެއްކުމުގެ މަޤްސަދުގައެވެ.
” ދައްތާ އަހަރެން ބޭނުން ވާހަކައެއް ބުނަން.. ” މަނަން ފުން ނޭވައެއް ދޫކޮށްލަމުން ބުންޏެވެ. ޔުމްނާ ޓީވީގެ އަޑުމަޑުކޮށްލަމުން ކޮންވާހަކައެއްތޯ ސުވާލުކޮށްލިއެވެ.
” މިއަންނަ މަހު އިންނަންވެގެން މިއުޅެނީ… ކާފަގެ އެދުމަކީ އަހަރުމެން ވީހާވެސް އަވަހަކަށް ކައިވެނި ކުރުން… ” މަނަން ބުނެލިއިރު އެމޫނުމަތިން މާޔޫސްކަމެއް ޔުމްނާއަށް ފާހަގަވިއެވެ. ޔުމްނާވެސް ފުންނޭވައެއް ދޫކޮށްލިއިރު މަނަންގެ ހިތުގެ ހާލަތު ޔުމްނާއަކަށް ނޯޅެއެވެ.
” ދެން އެހެންވީއިރު މާންއަށް ޖެހޭނީ އެކުއްޖާ މަތިން ހަނދާން ނައްތާލަން… އެހެންނޫނީ އިޝްއަށް ތިދެވެނީ ވަރަށް ބޮޑު އަނިޔާއެއް… ” ޔުމްނާ އޭނާގެ ޙިޔާލުފާޅުކުރިއެވެ.
” އާނ ތިނޫން ގޮތެއް ނެތް… އޭނަ ހޯދަން ވޭތުވެދިޔަ އަށްއަހަރު ތެރޭގައި އަހަންނަށް ނުކުރެވެނީ ކޮންކަމެއް… އެއްވެސް ސޯޝަލް މީޑިއާ އަކުންވެސް އަދި އެހެން ގޮތަކުންވެސް އަހަންނަށް އޭނައެއް ނުހޯދުނު… ހޯދުނު ނަމަވެސް އަހަންނަށް ކުރެވޭނެކަމެއް ނެތިސް ކަންނޭނގެ… އިޝާނީ އެއީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް.. އިޝާނި އަހަރެންދެކެ ލޯބިވާވަރު އަހަންނަށް އެނގޭ.. އެހެންނޫނަސް އިޝާނީ ކާފަ އަހަރުމެންނަށްޓަކާ.. އަހަރުމެންގެ މަންމައަށްޓަކައި ކޮށްދިން ކަންތައް މަތިން ހަނދާން ނައްތާލާނީ ކިހިނެއް… އެމީހުންގެ ހިތްހަލާކުކޮށްލާކަށް އަހަންނަކަށް ނުކެރޭނެ… ” އެއްދިމާއަކަށް ބަލަހައްޓައިގެން އިނދެ މަނަން ބުންޏެވެ. ޔުމްނާއަށް މަނަންގެ ބުރަކަށީގައި ފިރުމާލެވުނީ މަނަންގެ ހާލާއިމެދު ހަމްދަރުދީވާ ހާލުގައެވެ.
-ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Mee kurin vx liyehfa in story eh thr? Kiyaafa in story akaa vatharu vee ma ahaaly ingey.. anyways this part is nice ♥️?
Hehe noon Hama amilla idea akah liyaa story eh.. ehn story akaa vahtharu bun ei vedhaane kameh ?