” އަހަރެން އެއްގޮތަކަށްވެސް ހިތްހަމައެއްނުޖެހޭ ޒަހޫ އެރަށައް ފޮނުވާކަށް… އެކަނިމައިއެކަނި އަންހެން ކުއްޖެއް ކިހިނެއް އުޅޭނީ ނުވެސް ދަންނަ ބައެއް އުޅޭ ރަށެއްގަ… އަހަރެން ހިތަށް އަރާ ޒަބީހުއަށް އޭނައަށް ހުއްދަ ދޭން ކެރުނު ބާއޭ…” ޒަބީހުގެ ކުރިމަތީގައި ހުރި ބަތްތައްޓަށް ރިހަ އަޅައިދެމުން އޭނާގެ އަނބިމީހާ ދީމާ ވާހަކަދެއްކިއެވެ. ހިތްހަމަނުޖެހިފައި ހުރި ދީމާ ވަނީ ހުރި ހަމައެކަނި ދަރިފުޅު ޒަހުވާ އާއި މެދު ކަންބޮޑުވެފައެވެ.
” އަހަރުމެންގެ ދަރިފުޅަކީ ތިހީކުރާކަހަލަ ނުކެރޭ ކުއްޖެއްނޫން.. އެއީ ކޮންމެތަނެއްގައިވެސް އުޅެން އެނގޭ ކުއްޖެއް.. މީހުންނާއި ގުޅިގެން އުޅެން އެނގޭ ހިތްހެޔޮ ކުއްޖެއް… ނަރުހަކަށް ވުމަކީ އޭނަ އެންމެ ކުޑައިރުން ފެށިގެން ދެކެމުން އައި ހުވަފެނެއް.. އެދާއިރާއިން ކިޔެވެން ހުރި އެންމެ މައްޗަކަށް ކިޔަވައިގެން އެހުރީ.. ދެން އެހާ ރަނގަޅަށް ކިޔަވައިގެން ގޭގަ އިންނަން ބޭނުންވާނީ ކާކު…” ސަމްސަލުން ބަތްތަށި މޮޑެމުން ޒަބީހު ވާހަކަ ދެއްކިއެވެ.
” މާލެއިން ވަޒީފާއެއް ލިބެންދެން މަޑުކޮށްލެވޭނެ ދޯ ހަމަ.. ޒަހޫއަކީ ކުރިން ދުވަހަކުވެސް ރާއްޖެތެރޭ ރަށަކަށް ދިޔަ ކުއްޖެއް ނޫން… އެހެންނޫނަސް އަދި ވަޒީފާއަށް ދާން އެހާ އަވަސް ކުރަނީ ކީއްކުރަން.. މިއުޅެނީ ލާރިއަށް ދަތިވެގެނެއްނޫން ދޯ.. ﷲ ގެ ރަޙުމަތްފުޅުން އޭނާގެ ބައްޕައަކީ ފުލުހުންގެ މަތީ މަގާމެއްގައި ހުރި މީހެއް.. މަންމައަކީ ޓީޗަރެއް… އިންނަން އެއުޅެނީވެސް ބޮޑު ވިޔަފާރި ކުންފުންޏެއްގެ ވެރިއަކާ… ދެން ޒަހޫ ވަޒީފާ އަދާކުރުމުގެ ބޭނުމެއް އަހަންނަށް ނުވިސްނޭ..” ޖެހިގެން ހުރި ގޮނޑީގައި އިށީނދެ ދަތްދޮޅީގައި އަތްވިދެލައިގެން އިނދެ ދިމާ ފަތިވަރު އަމުނާލިއެވެ. ޒަބީހު ކެއުން މަޑުޖައްސާލުމަށްފަހު ދީމާއަށް ދިމާއަށް އެނބުރިލިއެވެ.
” ފުލުހަކަށް ވުމަކީ އަހަރެންގެ ހުވަފެނަކަށް ވީފަދައިން ، ޓީޗަރަކަށް ވުމަކީ ދީމާގެ ހުވަފެނަކަށް ވީފަދައިން ނަރުހަކަށް ވުމަކީ ޒަހުވާ ދެކެމުން އަންނަ ހުވަފެން.. އަހަރުމެންގެ ހުވަފެން ހަޤީޤަތަކަށް ވުމަށް އެދުނު ފަދައިން ޒަހޫ ވެސް އޭނާގެ ހުވަފެން ހަޤީޤަތަކަށް ވާން ބޭނުންވާނެ… ” ޒަބީހުގެ ވަހަކައަށް ފަހު ދީމާއަށް އިތުރުއެއްޗެއް ނުބުނެވުނެވެ. ފުންނޭވައެއް ދޫކޮށްލުމަށްފަހު ދީމާ އިސްޖަހާލީ ހިތްނުތަނަވަސް ވެފައިވާ ހާލުގައެވެ. ޒަބީހު ގޮނޑިދަމާލަމުން ދީމާ އިން ގޮނޑިއާއި ކައިވެރިވެލިއެވެ. އެއަށްފަހު ދީމާގެ އަތުގާ ހިފަހައްޓާލިއެވެ.
” ދިމީ.. ދިމީގެ ތިފިކުރު އަހަންނަށް ވިސްނެޔޭ… އެކަމަކު މިހާރު އެއީ އަހަރުމެންގެ ކުޑަކުޑަ ޒަހޫއެއް ނޫނޭ.. ޒަހޫ މިހާރު ބޮޑުވެއްޖެ.. ޒަހޫއަކީ މިހާރު ފަންސަވީސް އަހަރުގެ ބޮޑު އަންހެނެއް.. އޭނައަށްވެސް އަމިއްލަ މިނިވަންކަން އޮންނަން ޖެހޭނެ.. ނޫންތަ..” ދީމާއަށް ވިސްނައިދޭން މަސައްކަތް ކުރަމުން ޒަބީހު ބުންޏެވެ.
” އެކަމަކު ޒަބީހު.. އަހަރެންގެ ހިތްނުތަނަވަސްވަނީ.. ހަނދާންވޭތަ ސުކޫލުގަ އަހަރުމެންގެ ދަރިފުޅަށް ކުރިމަތިވި ގަނާ ކުރުންތައް.. އެކަމުގެ ސަބަބުން ޒަހޫއަށް ނަފްސާނީގޮތުންވެސް ކިހާ އަސަރެއްކުރި.. އެރަށުގަ ނުހުންނާނެ އަހަރުމެންގެ ޒަހޫއަށް އަޅާލާނެ އެކަކުވެސް… އަހަރެންގެ ހިތް ހަމަ ބިރުގަންނަނީ” ދީމާގެ ދެލޮލުން ކަރުނަ ނީރާލިއެވެ.
” ހެހެހެ… ތިކަންތައްތަކަކީ މާކުރީގެ ކަންތައްތަކެއްނު.. އޭރު ޒަހޫ ހުންނަ ގޮތަކަށް ނޫނެއްނު މިހާރު އެހުރީއެއް.. ޒަހޫއަށް އޭރު އެހެން ދިމާވީ އޭނައަށް ޖެހުނު ބައްޔެއްގެ ސަބަބުން.. ﷲގެ އިރާދަފުޅުން ޒަހޫ އެބަލިން މުޅިން ރަނގަޅުވެފަ މިހާރު އެހުރީ… ކުރިން ހިކހިކޮށް ދެކޯ ވަޅުވަދެފަ ހުންނަ ޒަހޫއެއް ނޫނޭ މިހާރު އެއީ… މާޝާﷲ އަހަރުމެންގެ ޒަހޫއަކީ މިހާރު ރިތި އަންހެން ކުއްޖެއް.. ރާއްޖޭގެ އެންމެ މަޝްހޫރު އެއް ވިޔަފާރިވެރިޔާ އެއީ އަހަރުމެންގެ ޒަހޫގެ ވާން އުޅޭ ފިރިމީހާ.. ދާއިމް އެހުންނަނީ ޒަހޫއަށްޓަކާ ކޮންމެފަދަ ޤުރުބާނީއެއްވެސް ވާން ތައްޔާރަށް.. ދެން އެކަމާ މާބޮޑަށް ނުވިސްނާ އިންޝާﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.. އަހަރެން އަންނާނީ ޒަހޫ އެރަށުގައި ހުރީ އެންމެ ރައްކާތެރި މާހައުލެއްގަތޯ ޔަގީންކޮށްފަ… އެންމެ ރަނގަޅެއްނު.. ” ޒަބީހު ވިސްނައިދިނެވެ. ދީމާވެސް ކޮންމެވެސް ވަރަކަށް ހިތްހަމަޖެހި ހިނިތުންވެލިއެވެ.
ޑްރެސިންގް ޓޭބަލްގެ ކުރިމަތީގައި ހުއްޓިހުރި ޒަހުވާގެ ތުންފަތްމަތީގައި ވަނީ ލުއި ހިނިތުންވުމެކެވެ. ޒަމާނުއްސުރެ ދެކެމުން އައި ހުވަފެންނުގައ ހަޤީޤީ ކުލަޖެހެން މިވަނީ ނުހަނު ގާތްވެފައެވެ. ބުޅި ދިގުއިސްތަށިގަނޑުގައި ހުޅިއެއް ހަޖާލުމަށްފަހު ރަތްކުލައިގެ ބޮޑު ޝޯލް ރީތިގޮތަކަށް އަޅާލިއެވެ. އެއަށްފަހު ލޮލަށް މަޑުމުށިކުލައިގެ ކޮންޓެކްޓް ލެންސް ލައްވާލިއެވެ. މަޑުފިޔާތޮށި ކުލައިގެ ތުންފަތުގައި ވެސްލިން ކޮޅެއް ހާކާލުމަށްފަހު އަތްދަބަސް ހިފައިގެން ކޮޓަރިން ނިކުންނަން އުޅުނު ވަގުތު ދޮރަށް އެރި ޒަބީހާއި ދީމާ ފެނި ޒަހުވާ މަޑުޖެހުނެވެ.
” ދަރިފުޅާ ކޮބާ ފޮށި ތައްޔާރުތަ؟.. ދޭއް ޖަހާއިރު ޗެކިން ފެށޭނެ.. ” ޒަބީހު އަހާލިއެވެ.
” އާން.. ދާއީ ނާދޭތަ އަދިވެސް.. ” ޒަހުވާ ސުވާލުކޮށްލިއެވެ.
” ދާއީ ބުންޏެއްނު އަންނާނަމޭ.. އެހެންވީއިރު ޔަގީނުންވެސް އަންނާނެ.. ” ދީމާ ކުރިއަށް ޖެހިލަމުން ބުންޏެވެ. ޒަހުވާގެ ކުރިމަތީގައި ހުއްޓެމުން ދީމާ ޒަހުވާގެ މައުސޫމު މޫނަށް ބަލާލިއެވެ. އަދިވެސް އެމޫނުމަތިން ފެންނަނީ ކުޑައިރުގެ މައުސޫމުކަމާއި ނާޒުކު ކަމެވެ. ދީމާގެ ލޮލުން ކަރުނަ ނީރާލީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ޒަހުވާގެ މޫނުގެ ދެފަރާތުގައި ދީމާގެ ދެއަތުން ހިފަހައްޓާލަމުން ޒަހުވާ ނިތްކުރީގައި ބޮސްދިނެވެ.
” ދަރިފުޅު އެރަށައް ގޮސް ރަނގަޅަށް އުޅޭތި.. ވަރަށް ބަލައިގެން އުޅޭތި.. ރަނގަޅަށް ކައިގެން ސިއްހަތަށް ބަލައިގެން އުޅޭތި….އެކުވެރިންގެ ގޮތުގައި ހިޔާރުކުރަންވާނީ ރަނގަޅު ކުދިން.. ދީނާ ފުށޫއަރާ ކަމެއް ނުކުރާތި.. ބަރާބަރަށް ނަމާދުކޮށް ޤުރުއާން ކިޔަވާ، ޒިކުރުތައްވެސް ކިޔާތި… މަންމަ ވަރަށް ހަނދާންވާނެ ދަރިފުޅުމަތިން…” ފަހު ޖުމްލަ ބުނެލިއިރު ދީމާއަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ.
” މަންމަ ނުރޮއެބަލަ ޕްލީޒް.. މަންމަ ތިހެން ރޮންޏާ ޒަހޫ ވަރަށް ދެރަވާނެކަން އެނގެއެއްނު.. މަންމަ ޒަހޫއަށް އިތުބާރުކޮށްބަލަ.. އިންޝާﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.. ޒަހޫ ނެތަސް މަންމަ ގަޑިންގަޑިއަށް ބޭސްކާތި.. އިންޝާﷲ ޒަހޫ ކޮންމެދުވަހަކުވެސް މަންމައަށް ގުޅާނަން..” ދީމާގެ ގައިގާ ބައްދާލަމުން ޒަހުވާ ބުންޏެވެ. އެދެމައިންނަށް ބަލހައްޓައިގެން ހުރި ޒަބީހުގެ ލޮލުން ކަރުނަ ނީރާލިއެވެ. ޒަހުވާ އެހާ ދުރު ރަށަކަށް ދާތީ ހުދު ޒަބީހުވެސް ވަނީ ކަންބޮޑުވެފައެވެ. ނަމަވެސް ދަރިފުޅުގެ ކާމިޔާބީއަށް އެޅޭ ހުރަހަކަށް ވާކަށް ޒަބީހު ބޭނުމެއްނުވެއެވެ.
” އަހަރެން ނައިސްގެން ލަސްވެފަ ދޯ ތިތިބެނީ… ” އެމީހުންގެ ފަހަތުން އިވުނު ދާއިމް ގެ އަޑަށް އެނބުރި ފަހަތަށް ބަލާލިއެވެ.
” ސޮރީ ސޮރީ… ކުއްލިއަކަށް މީޓިންއަކަށް ދާން ޖެހުނީ… އަވަހަށް ހިނގާ.. ކޮބާ ފޮށި….” ފޮށި ހޯދާލަމުން ދާއިމް އަހާލިއެވެ.
“ދާއީ އަބަދުވެސް ތިވަރެއްވާނީ… ދެން އަދި އިނީމަ ކިހާވަރެއްވާނެ.. ” ޒަހުވާ ބުނެލިއެވެ. އޭރު ދާއިމް ޒަހުވާގެ ފޮށިދަމަމުން ނިކުންނަނީއެވެ. ފަހަތުން ދެން ތިބި އެންމެވެސް ނިކުތެވެ.
” ތިއެއްވެސް އެނގޭނީ އިނީމައެއްނު… އޭރަށް ޒަހޫއަށް އެނގޭނެ ލޯބިވާ ޒިންމާދާރު ފިރިންނަކީ ކޮބައިކަން… ” ދާއިމްވެސް ދެރަނުވާންވެގެން ބުންޏެވެ.
” އޯވްހް ޕްލީޒް.. މަންމައާއި ބައްޕަ ތިބީމަ ކޮންމެހެން ފޮނިކަނޑާނެ ކަނޑާނެ ކަމެއް ނެތް..” ޒަހުވާ ބުންޏެވެ. ދެކުދިންގެ ވާހަކަ އަށް ހެމުން ޒަބީހު އޭނާގެ ފޮށި ދާއިމްއަތަށް ދިއްކޮށްލިއެވެ.
” ދަތުރުގެ ދުޢާ ކިޔާތި.. ބަލައިގެން އުޅޭތި… ” އެންމެ ފަހު ފަހަރަށް ޒަހުވާ އާއި ސަލާމް ކޮށްލަމުން ދީމާ ބުންޏެވެ. ޒަހުވާވެސް ދީމާގައިގާ ބައްދާލުމަށްފަހު ގޮސް ދާއިމްގެ ކާރުގެ ކުރީ ސީޓަށް އަރާ އިށީނެވެ. ޒަބީހުވެސް ދީމާ ގައިގާ ލުއި ގޮތަކަށް ބައްދާލުމަށްފަހު ގޮސް ކާރަށް އެރުމާއި އެކު ދާއިމް ކާރު ދުއްވާލިއެވެ.
ކުޑައިރުކޮޅެއްގެ ތެރޭގައި އެއަރޕޯޓަށް ދެވުނެވެ. ޒަހުވާގެ ފޮށި ހިފައިގެން ޒަބީހު ޗެކިންވާން ދިޔައެވެ. ޒަހުވާއާއި އެކު އެކަނިވުމާއި އެކު ދާއިމް ޒަހުވާގެ އަތުގައި ހިފާލިއެވެ. ހަމަ އެހިނދު ޒަހުވާ ކުއްލިއަކަށް ދާއިމްގެ އަތުން އަތް ދަމައިގަތެވެ.
” ދާއީ.. އަހަރެން ކިތައް ދުވަހުތަ ބުނަންވީ ދާއިމްއަށް ޒަހޫގެ ހަށިގަނޑުގައި އިނިގިލި ކުރިވެސް ޖައްސާލެވޭނީ ކައިވެންޏަށް ފަހުގައޭ… ” ކުޑަކޮށް ހިތްހަމަނުޖެހިފައި ހުރެ ޒަހުވާ ބުންޏެވެ.
” ސޮރީ… ހަމަ އަތުގައި ހިފާލާހިތުން ނުހުރެވުނީ.. ޒަހޫވެސް ނޫޅުނު ވިއްޔަ އިންނާކަށް… ޒަހޫ އަހަރެންގެ މިލްކަކަށް ހަދާހިތުން އަހަރެން މިހުންނަނީ ކެތްމަދުވެފަ.. އެއިންތިޒާރުގައި އަހަރެން ހުންނަތާ ހަތަރު އަހަރުމިވަނީ.. ބައެއް ފަހަރު ހިތަށް އަރާ ޒަހޫ ލޯބިވާ އެހެންމީހަކު ހުންނަނީއޭވެސް..” ދާއިމް ދެރަވެފައި ބުންޏެވެ.
” ޑޯންޓް ޓޯކް ރަބިޝް ދާއީ !! ލޯބިވާ އެހެންމީހަކު ހުންނަނަމަ ދާއީއާއި އެކު ނޫޅެނޭއެއްނު.. ދާއީ!! އެނގެއެއްނު ޒަހޫ ކުޑައިރުއްސުރެން ފެށިގެންވެސް އުޅެ ބޮޑުވީ މާލޭގައި ކަން.. ޒަހޫ އަދި ދުވަހަކުވެސް ރާއްޖެތެރޭ އެއްވެސް ރަށަކަށް ނުދަން.. ކައިވެނީގެ ފަހުން ދާއީވެސް ތިވިސްނަނީ ތައިލޭންޑަށް ދިރިއުޅުން ބަދަލުކުރަން. ޒަހޫ ވަރަށް ބޮޑަށް އެދޭކަމެއް ހިތްގައިމު ރަށެއްގައުޅެލަން… ރަށްފުށު ދިރިއުޅުން ތަޖުރިބާކޮށްލަން… އެނގޭ ދާއީ ކައިރިން މިއެދެވެނީ ވަރަށް ބޮޑިކަމަކުކަން… މިހާރު ދާއީ ތީ އެހެން މީހެއްނަމަ ޒަހޫ ދޫކޮށްލާފަ ދިޔަތާ ކިތަންމެ ދުވަހެއް.. ” ޒަހުވާ ބުންޏެވެ.
” ތިހެން ނުބުނޭ ޒަހޫ… އަހަރެން ޒަހޫ ދެކެ ލޯބިވާ ވަރު ޒަހޫއަށް އިހުސާސްވެސް ނުކޮށްލެވޭނެ.. ޒަހޫއަށްޓަކާ އަހަރެން ކޮންމެފަދަ ކަމެއްވެސް ކޮށްފާނަން… އިތުރު ދެއަހަރު ކީއްކުރަން، ޒަހޫގެ އިންތިޒާރުގައި އަހަރެންގެ މުޅި އުމުރުވެސް ހުސްކޮށްލަފާނަން… އަހަރެންގެ ހުރިހާވެސް އެއްޗަކީ ޒަހޫ.. އައި ލަވް ޔޫ ވެރީ މަޗް” ޖަޒުބާތުން ފުރިފައިވާ ގޮތަކަށް ދާއިމް ބުންޏެވެ.
” ހުމް ދެން ތިހާ ފިލްމީ ނުވިޔަސް އޯކޭވާނޭ… ” ރަކި ގޮތަކަށް ހީލަމުން ޒަހުވާ ބުންޏެވެ.
” ޒަހޫ… ސޭ ޔޫލަވް މީ ޓޫ” ދާއިމް ބުންޏެވެ.
” ނުބުންޏަސް އެނގެއެއްނު.. ” ޒަހުވާ ބުނެލިއެވެ. ދާއިމް އެއްމިޔަކަނުން ހިނިތުންވެލިއެވެ.
” ޒަހޫ ލައްވާ އެ ތްރީ މެޖިކަލް ވަރޑްސް ބުނުއްވުމަކީ ހާދަ އުނދަގޫކަމެކޭ.. ހިޔެއްނުވޭ ދެމީހުން ގުޅުނު ފަހުން ޒަހޫ ދުވަހަކުވެސް އެހެންބުނިހެނެއް.. ” ދާއިމް ބުންޏެވެ.
” ކޮންމެހެން ބުނަން ޖެހޭތަ… ނުބުންޏަސް އެނގެންޏާ އެވީނު… ދަނީ ދާއީ.. ބައްޕަ އެއޮށް ގޮވަނީ ” ދާއިމްއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ޒަހުވާ ބުންޏެވެ.
” ޓޭކް ކެއަރ ޒަހޫ.. އައިލް މިސް ޔޫ.. ލަވް ޔޫ ސޯ މަޗް” ވަރަށް ފުންކޮށް ޒަހުވާގެ މޫނަށް ބަލާލަމުން ދާއިމް ބުންޏެވެ. ޒަހުވާވެސް ހިނިތުންވެލުމަށްފަހު އެނބުރި ޒަބީހާއި ދިމާއަށް ހިނގައިގަތެވެ. ބޯޑިންގްވުމަށް އެތެރެއަށް ވަނުމުގެ ކުރިން ޒަހުވާ އެނބުރި ފަހަތް ބަލާލިއިރުވެސް ދާއިމް އެހުރިތާނގައި އެމީހުންނާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. ޒަހުވާ އަތުން ހަނާއާޅާލުމާއި އެކު ދާއިމްވެސް އަތުން ހަނާއަޅާލިއެވެ. ހިނތުންވެލުމަށްފަހު ޒަހުވާ އެތެރެއަށްވަނެވެ. ޒަހުވާ ލޯމަތިން ގެއްލުމާއި އެކު ފުންނޭވައެއް ދޫކޮށްލުމަށްފަހު ދާއިމް އެނބުރި ދާންހިނގައިގަތެވެ.
ހދ.ކުޅުދުއްފުށީ ވައިގެ ބަނދަރަށް މޯލްޑިވިއަންގެ ފްލައިޓް ޖެއްސިއިރު ގަޑިން ހަތަރުގަޑި ބައިވެއްޖެއެވެ. ޒަބީހާއި ޒަހުވާ އެއަރޕޯޓް ޓަރމިނަލްއިން ނިކުތްއިރު އާޒިމްއޭނާގެ ކާރުގައި ލެގިލައިގެން އެމީހުންގެ އިންތިޒާރުގައި ހުއްޓެވެ.
” އައްސަލާމް އަލައިކުމް އާޒިމް.. ކޮބާ ކިހިނެއް؟..” އާޒިމާއި ސަލާމްކޮށްލަމުން ޒަބީހު ބުންޏެވެ.
” މީ އަހަރެންގެ ޒަރިފުޅު ޒަހުވާ… ޒަހޫ ދަރިފުޅާ މީ އާޒިމް… ދަރިފުޅު ހުންނަން ހަމަޖެހިފައިވަނީ އާޒިމްގެ ގޭގައި.. އާޒިމަކީ ވަރަށް ކުރިން މަޖީދިއްޔާ ސުކޫލުގައި ބައްޕައާއި އެކު ކިޔެވި މީހެއް… ” ޒަބީހު އެކަކު އަނެކަކަށް ތަޢާރަފްކޮށްދިނެވެ.
” ޒަބީހާ ހާދަ ވައްތަރޭ މިމަންޖެ.. ހެހެހެ.. ކޮބާ ހިނގާ އަވަހަށް ދާން.. އިރާދާ އެބަހުރި ވަރަށް މިރުކޮށް ސައިހަދާފަ” ފޮށިތައް ކާރުގެ ޑިކީއަށް ލަމުން އާޒިމްބުންޏެވެ. ޒަބީހު އާޒިމާއި އެކު ކުރީ ޝީޓަށް އަރާ އިށީނުމުން ޒަހުވާ ފަހަތު ޝީޓަށް އަރާ ހަމަޖެހިލިއެވެ.
” އާޒިމްވަރަށް ކާމިޔާބު އިނގޭ.. އޭރު ހަމަ އިންނަން ބޭނުންވި ކުއްޖާއާއި ދޯތިއިނީ…” ސަމާސާކަން އެކުލެވިގެންވާ ރާގެއްގައި ޒަބީހު ބުނި ބުނުމަށް އާޒިމްއާއި ޒަބީހަށް ހެވުނީ އެކުއެކީގައެވެ. އެމީހުންގެ ވާހަކަ އަޑު އަހަން އިން ޒަހުވާއަށް ވެސް އިނީ ހެވިފައެވެ.
” އިރާދާ އެއީ އަހަންނަށް ލެއްވި ނަސީބެއް… އެއީ ހަމަ ލާމަސީލު ނަމޫނާއެއް… އެކަހަލަ އަންބެއް ދުނިޔޭގަ މަދުވާނެ… ” އާޒިމް އޭނާގެ އަނބިމީހާއާއި މެދު ފަޙުރުވެރިވާ ހާލުގައި ބުންޏެވެ.
ދިހަ ވަރަކަށް މިނެޓްގެ ކުރު ދަތުރަކަށްފަހު ކާރު ގޮސް މަޑުކޮށްލީ ގޯޅިއެއްގެ ކަންމައްޗަށް ހުރި ގެއެއްގެ ކުރިމައްޗަށެވެ. އާޒިމާއި ޒަބީހު ކާރުން ފޭބުމުން ޒަހުވާވެސް މަޑުމަޑުން ކާރުން ފޭބިއެވެ. ވިލުނޫ ކުލައިގެ ދޮރޯއްޓެއް ލާފައި ހުރި އެގޭގެ ދޮރުން ޒަހުވާ ވަނީ އާޒިމާއި ޒަބީހުގެ ފަހަތުންނެވެ. ވަންނައިރު ކަނާތްފަރާތުން ހުރީ ބޮޑު ބިޔަ ބަނބުކެޔޮ ގަހެކެވެ. ގަހުގައި ދެ އުނދޯލި އެލުވާފައިވާއިރު އެއް އުނދޯލީގައި އަންހެން ކުއްޖަކު ފޮތެއް ކިޔަން އޮތެވެ. ވާތް ފަރާތުގައި އިންދާފައިވަނީ އެކި ކަހަލަގެ މާގަސްތަކެވެ. ދުވާ މީރުވަހުން ހިތްފުރިގެން އަންނަ ކަހަލައެވެ. ޒަހުވާއަށް ހިނިތުންވެލެވުނީ ބޭއިޙްތިޔާރުގައެވެ.
އާޒިމް ފެނުމާއި އެކު ޖޯލީގައި އޮތް އަންހެން ކުއްޖާ ތެދުވެ އެމީހުންނަށް ހިނިތުންވެލިއެވެ. ޒަހުވާވެސް އެއަންހެންކުއްޖާއަށް ބަލާލަމުން ހިނިތުންވެލިއެވެ. ދޮން ހިމަތޮޅި އަންހެން ކުއްޖެކެވެ. މޫނުމަތިން ވަރަށް ހިތްހެޔޮ ވައްތަރު ޖަހައެވެ.
” މީ އަހަރެންގެ ހަގު ދަރިފުޅު ރަމްޝާ… ” އާޒިމް އޭނާގެ ހަގު ދަރިފުޅު ތަޢާރަފްކޮށްދިނެވެ.
” ދުރުވޭ ސައިބޯން… މަންމަ އެބަހުރި ވަރަށް މީރުކޮށް ސައިހަދާފަ” ހިތްހެޔޮކަމާއި އެކު ރަމްޝާ ބުންޏެވެ.
” އާން ދަރިފުޅާ އަވަހަށް ދޭ މިމީހުން ގޮވައިގެން ސައިބޯން.. ބައްޕަ ދާނަން ފޮށިތައް ކޮޓަރިއަށް ލާފަ…” އާޒިމް ބުންޏެވެ. ރަމްޝާ ބޯޖަހާލުމަށްފަހު އޭނައާއި އެކު އައުމަށް ޒަބީހާއި ޒަހުވާއަށް ދަޢުވަތު ދިނެވެ. އަދި އެމީހުންގޮވައިގެން ސިޓިންގްރޫމަށް ވަދެގެން ދިޔައެވެ. އާދައިގެ ވަރެއްގެ ސިޓިންގްރޫމްގައި ހަގޮނޑީގެ ސޯފާސެޓަކާއި ކޮފީ މޭޒެއް ހުއްޓެވެ. ސޯފާސެޓާއި ދިމާއަލުން ފާރުގައި ސާޅިސް ދެއިންޗީގެ ފަތި ޓީވީއެއް ހަރުކޮށްފައި ހުއްޓެވެ. ޓީވީ އާއި ތަންކޮޅޭއް ދުރުން ބަރިބަރިއަކަށް ހަތަރު ކޮޓަރި ހުރިއިރު ކޮޓަރިތަކާއި ދިމާލުން އެހާ ދުރުންނޫން ހިސާބެއްގައި ކާގެއާއި ބަދިގެ ފެންނަން ހުއްޓެވެ. އެދެމެދުން ތަންކޮޅެއް ދުރުގައިވަނީ ގޭގެ ބިއްދޮށައް ނިކުމެވޭ ގޮތަށް ހުރި ދޮރެކެވެ. ރަމްޝާ އެމީހުން ގޮވައިގެން ގޮސް ކާގެއަށް ވަންވަގުތު ބަދިގެއިން ކާގެއަށް ވަދެވޭގޮތަށް ހަދާފައި ހުންނަ ދޮރުން ތައްޓަކަށް ތެލުލި ބަނބުކެޔޮއަޅައިގެން އިރާދާ ނިކުންނަނީއެވެ.
” ތިއައީ ދޯ.. އަވަހަށް އިށީނދޭ… ” ފުޅާ ހިނިތުންވުމެއް ދެމުން އިރާދާ ބުންޏެވެ. ހަގޮނޑީގެ މޭޒުކައިރިން ދެގޮނޑި ދަމާލުމަށްފަހު ޒަހުވާ އާއި ޒަބީހު އިށީނެވެ. އިރާދާ ތަށިތަކުގެ މަތި ނަގަމުން ދިޔައިރު ޒަހުވާއިނީ ހައިރާންވެ އަންތަރީސް ވާވަރުވެފައެވެ. އެކިވައްތަރުގެ ހެދިކާ ހުރިއިރު ދުވާ މީރުވަހުން ބަނޑުފުރިގެން އަންނަކަހަލައެވެ. އިރުކޮޅަކުން އައިސް އާޒިމްވެސް މޭޒުގެ އަނެއްފަރާތުން ގޮނޑިއެއް ދަމާލުމަށްފަހު އިށީނެވެ.
” މީ ދޯ ޒަހުވާ އަކީ.. ނަމާއި އެއްވަރަށް ސިފަވެސް ރީތި.. މާޝާﷲ.. ” އިރާދާ ބުންޏެވެ. ޒަހުވާ ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އަވަހަށް ކާން ފަށާ.. ދައްތަ ތައްޓަށް ލައިދެންތަ…” އިރާދާ ބުންޏެވެ. ޒަހުވާ އެކަން މަނާ ކުރަން ބޭނުންވި ނަމަވެސް އޭގެ ކުރިން އިރާދާއައިސް ހެދިކާތަކުން ޒަހުވާގެ ތަށި ފުރާލަދިންއިރު އެކެވޭނެ ކަމާއިމެދު ޒަހުވާއިނީ ޝައްކު އުފެދިފައެވެ.
” މަންމާ… އެއޮށް ހިކިހިކި ކުއްޖާއަށް ތިހުރިހާ އެއްޗެއް ނުކެވޭނެ…” ޒަހުވާގެ ހާލަތު އިހުސާސް ކުރެވި ތަށިތަކަށް ސައި އަޅާން ހުރި ރަމްޝާ ބުންޏެވެ.
” އެހެނެއްނުވާނެ… އެމީރުކަމުން ޔަގީން އެމަންޖެ އެތަށި ހުސްކުރާނެކަން… ” އިރާދާ ބުންޏެވެ.
” ރަމް! ދަރިފުޅު ވާނެ ޒަހުވާއާއި ރަހުމަތްތެރިވާން… އެމަންޖެވެސް މަސައްކަތް ކުރާނީ ދަރިފުޅާއި އެއް ހޮސްޕިޓަލެއްގަ.. ” ސައިތަށިން ކޯވަރެއް ބޯލަމުން އާޒިމް ބުންޏެވެ.
” އާޒިމްގެ އެކައުންޓް ނަމްބަރު ކިޔާލަ ދޭންވީނު ކުލީގެ ކަންތައް ހަމަޖައްސާލަން..” ޒަބީހު އޭނާގެ ފޯނު ނަގަމުން ބުންޏެވެ.
” ޒަބީހު ތިއުޅެނީ އަހަރެން ލަދުގަންނަވަންތަ… އޭރު ސުކޫލުގައި ޒަބީހު އަހަންނަށް ވެދިން އެހީތައް އަހަރެން ހަނދާނެއް ނުނެތެއޭ.. އަހަރެން މިވަގުތު ޒަބީހު އަތުން އެއްވެސް އެއްޗެއް ބޭނުމެއްނޫން.. ބޭނުމެއް ޖެހިއްޖިއްޔާ ހުދު އަހަރެން ޒަބީހު ކައިރީގައި ބުނާނަން… ” ނުރުހުން ފާޅުކުރަމުން އާޒިމް ބުންޏެވެ.
” އެންމެ ރަނގަޅު.. އާޒިމް އަހަރެން މާދަން ފުރަން… އެކޮޅުގަ މަސައްކަތްތައް ބުރަކަމުން މިކޮޅު ހުރެވޭކަށް ނެތް.. އަނެއްކޮޅުން ޒަހުވާގެ މަންމަވެސް ގޭގަ އެކަނި ހުންނާނީ… އަހަރެންގެ ޒަހުވާއަށް ރަނގަޅަށް ބަލައިދޭތި.. އަދި ދުވަހަކުވެސް އަހަރެމެންނާއި ޒަހުވާ ވަތްކެއް ނުކުރަން… ޒަހުވާއަށް ނޭނގި ކުށެއް ކުރެވުނަސް އޭނައަށް ވިސްނައިދީ އޭނައަށް މާފުކޮށްދޭތި.. ތިދެމަފރިންނަށް އަހަރެން ވަރަށް އިތުބާރުކުރަން…” ޒަބީހު ބުންޏެވެ. ފުރަތަމަ ފަހަރަށް މަންމައާއި ބައްޕައާއި ވަކިން އުޅެން ޖެހުމުގެ އިހސާސް ކުރެވި ޒަހުވާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ.
” ޒަބީހު ތިކަމާއި ފިކުރު ނުކުރޭ.. އިންޝާﷲ ޒަހުވާ ގެންގުޅޭނީ އަހަރުމެންގެ އަމިއްލަ ދަރިއެއް ކަމުގައި ދެކިގެން… ” އާޒިމް ޔަގީންކަން ދިނެވެ.
………………………………………….
ހަސީ ކެއަރ ހޮސްޕިޓަލަށް ވަދެގެން ދިޔަ އަންހެންކުއްޖާ އެއް އަތުން ފޯނާއި ކުޅެމުން ދިޔައިރު އަނެއް އަތުގައި ކޮތަޅެއް އޮތެވެ. ލިފްޓަށް އަރަން ދިޔަވަގުތު ހުއްޓެވުނީ ކުރިމަތީގައި މީހެއް ހުރިކަމުގެ އިހުސާސް ކުރެވިގެންނެވެ.
” ސާބަސް ކަނބުލޮއަށް.. ހާދަ ވަރަކަށޭ ފޯނަށް ގެއްލިފައި ތިހުރީ… ” ލައިގެން ހުރި ފެހި ކުލައިގެ ނަރުހުންގެ ޔުނިފޯމްގެ ކުރިމަތީގައިވާ ދެޖީބަށް އަތްޖަހައިގެން ހުރި ރަމްޝާ ބުނެލިއެވެ.
” ރަމް ދޯ.. ސިއްސައިގެންނޭ އެދިޔައީ… މިހާރުވެސް މާލަސްވެއްޖެ… އަދި ކާފަގެ ރޫމަށް މިކޮތަޅުލާފަ ޑިއުޓީއަށް ޖޮއިން ކުރެވޭނީ…” ރަމްޝާ އާއި އެކު ލިފްޓަށް އަރަމުން އިޝާނީ ވާހަކަދެއްކިއެވެ.
” އެބައޮތް ވަރަށް ބޮޑު ވާހަކައެއް ބުނަން.. ބްރޭކްގަޑީގައި ކެފެޓޭރިއާ އިން ދިމާކޮށްލާނަން…” ރަމްޝާ ބުންޏެވެ.
” ސަނާހުގެ ވާހަކައެއްދޯ.. ޔަގީނޭ އަނެއްކާ ފައިޓެއް ދުއްވާލީކަން…” އެއްމިޔަކަނުން ހީލަމުން އިޝާނީ ބުންޏެވެ.
” ނޫނޭ.. ނޫނޭ.. އެހެން ވާހަކައެއް… މުޅިން އާ ވާހަކައެއް.. ހެހެހެ.. ބްރޭކް ގަޑީގަ ގުޅާނަން ” ކުޑަކުދިންގެ ޑިޕާޓްމެންޓަށް ލިފްޓު ހުޅުވުމާއި އެކު ނިކުންނަމުން ރަމްޝާ ބުންޏެވެ.
” ވަރަށް ކިއުރިއަސް… ސީ ޔޫ..” ލިފްޓް ކްލޯޒްވުމުގެ ކުރިން ގޮސްގޮސް ހުރި ރަމްޝާ އަށް އިވޭ ވަރަށް އިޝާނީ ބުނެލިއެވެ.
އެންމެ މަތީ ހަވަނަ ފްލޯރއަށް ލިފްޓު ހުއްޓުމާއި އެކު އިޝާނީ ނިކުތެވެ. ވީ އައި ޕީ ރޫމް ތަކާއި ދިމާއަށް ދަމުން އިޝާނީ ނަމްބަރަކަށް ގުޅާލިއެވެ. ގުޅި މީހާ ފޯނު ނުނެގުމުން ތުން އަނބުރާލުމަށްފަހު ދެވަނައަށް ހުރި ވީއައި ޕީ ރޫމްގެ ދޮރު ހުޅުވާލާފައި އިޝާނީ އެތެރެއަށް ވަނެވެ. ފެހިކުލައިގެ ނިދާ ބޮތްކެއް ދިއްލާފައިވާ އެތަން އިޝާނީ ދިއްލާލިއެވެ. ފާއިގު އަރާމުކޮށް ނިދާލާފައި އޮތްތަން ފެނި އިޝާނީގެ ތުންފަތްމައްޗަށް ވެރިވީ ހިނިތުނވުމެކެވެ. އެނދުކައިރީގައި ހުރި ކުޑަ އެނދުގައި ފާއިޤު ބެލެހެއްޓުމާއި ހަވާލުކޮށްފައި ހުންނަ ތައިލެންޑްގެ ރައްޔިތެއް ކަމަށްވާ ޔޫސުފް ނިދާފައި އޮތެވެ. އިޝާނީ މަޑު ފިޔަވަޅުތަކެއް އަޅަމުން ގޮސް އެނދުގެ އަނެއް ފަރާތުގައި ހުރި ކަބަޑުސެޓުގެ މަތީގައި ގެނައި ކޮތަޅު ބެހެއްޓިއެވެ. އެއަށްފަހު އެނބުރި ދާން އުޅުނު ވަގުތު ހުއްޓުނީ ފާއިޤު ގޮވާލި އަޑަށެވެ.
” ދަރިފުޅާ… އައިސްބަލަ މިކޮޅަށް..” ބަލި އަޑަކުން ފާއިޤު ގޮވާލިއެވެ.
” ކާފަ ނުނިދަންތަ..” ފާއިޤުގެ ބޮލުގައި ފިރުމާލަމުން އިޝާނީ އަހާލީ މަޑުމަޑުންނެވެ.
” ދަރިފުޅުގެ މޫނު ނުފެންނަނިސް ކިހިނެއް ނިދާނީ…” ލަސްލަހުން ފާއިޤު ބުނެލިއެވެ.
” ސޮރީ ކާފާ.. މިރޭ ދަންވަރު ޑިއުޓީ އިނީމަ ކުޑަކޮށް ނިދާލީ އިއްޔަގަވެސް ރަނގަޅަށް ނުނިދޭތީ… ” އިޝާނީ ބުންޏެވެ.
” މަނަން އަތުވެއްޖެތަ..” ލަސްލަހުން ފާއިޤު އަހާލިއެވެ.
” ނޫން.. ދެދުވަހެއް ވަރު ވާނެއޭ ބުނީ.. ކައިރި ރަށްތަކުންވެސް ޑޮކްޓަރަށް ދައްކަން އަންނާތީ ދެދުވަސް އިތުރުކޮށްލީ. ކާފައަށް އެނގެއެއްނު މާންގެ ގޮތް.. ” ހިނިތުންވެލަމުން އިޝާނީ ބުންޏެވެ. ފާއިޤުވެސް ހިނިތުންވާން މަސައްކަތްކުރަމުން ބޯޖަހާލިއެވެ.
” މަނަން އައިމަ ބުނާތި ކާފަ ބައްދަލުކޮށްލަން ބޭނުންވާ ވާހަކަ.. ދެން ދޭ އަވަހށް ޑިއުޓީއަށް.. ކާފަ އަބަދުވެސް ބުނަމެއްނު ގަޑިއަށް ފަރުވާތެރި ވާންވާނެއޭ.. މިރޭވެސް ތިއައީ ގަޑިޖެހިގެން… ޑިޕާޓްމެންޓްގެ ހެޑްނަރސް ޖެހޭނެއެއްނު ދަށުން ތިބޭ ނަރުހުންނަށް ޖެހޭނޭ ރަނގަޚު ނަމޫނާއެއް ދައްކަން.. ” ފާއިޤު އޭނަ އަބަދުވެސް ދޭ ނަސޭހަތް ތަކުރާރުކޮށްލިއެވެ.
” ދެން ކާފަ އަވަހަށް ނިދާލާ.. އިންޝާﷲ އަހަރެން އަންނާނަން ހެނދުނު…” ފާއިޤުގެ ބޮލުގައި ފިރުމާލައި ނިތްކުރީގައި ބޮސްދިނުމަށްފަހު އިޝާނީ އެތަނުން ނިކުތެވެ.
ފާއިޤަކީ ހަސީ ކެއަރ ހޮސްޕިޓަލުގެ ވެރިޔާއެވެ. ހުރި ހަމައެކަނި ދަރިފުޅު އާސިޔާ އާއި ދަނބިދަރި ސިނާންގެ ކުއްލި ވަކިވެދިއޔުމަށްފަހު އެދެމީހުންގެ ދަރިފުޅު އިޝާނީ އާއިހަވާލުވީ ކާފަ ފާއިޤާއި މާމަ ހަސީނާއެވެ. އޭރު އިޝާނީގެ އުމުރުން އެންމެ ހައަހަރެވެ. އިޝާނީގެ އުމުރުން ބާރަ އަހަރުގައި ޖެހުނު ހުމެއްގެ ސަބަބުން ހަސީނާވެސް ވަކިވެދިޔައީއެވެ. ހަސީ ކެއަރ ހޮސްޕިޓަލަކީ އަނބިމީހާ ހަސީނާގެ ހަނދާނުގައި ފާއިޤު އެޅި ހޮސްޕިޓަލެކެވެ. ފާއިޤުގެ މިންނެތް މަސައްކަތުން މިއަދު އެހޮސްޕިޓަލަކީ މުޅި ޕްރޮވިންސްގައިވެސް އެންމެ ހިދުމަތް ރަނގަޅު ހޮސްޕިޓަލަކެވެ. އެހޮސްޕިޓަލުގައި މަސައްކަތް ކުރާނީ އެންމެ ފެންވަރު ރަނގަޅު ދިވެހި ޑޮކްޓަރުންނާއި ނަރުހުންނެވެ.
މީގެ ދިހަވަރަކަށް އަހަރު ކުރިން ޖެހުނު ސްޓްރޯކެއްގެ ސަބަބުން ފާއިޤުގެ ސިއްޙީ ހާލަތު ދަށްވާން ފެށިއެވެ. ހަސީ ކެއަރ ހޮސްޕިޓަލުގައި ފާއިޤު އެނދުމަތި ކުރެވިފައި އޮންނަތާ ދެއަހަރުވަރުވެދާނެއެވެ.
…………………………………………..
” މާދަން މިހޮސްޕިޓަލަށް ޖޮއިން ކުރެއެއްނު އިތުރުން ދެ ނަރސް.. އެތަނުން އެކުއްޖަކު އައީ މާލެއިން.. ހުންނަނީ އަހަރުމެންގެ ގޭގައި.. އައިމް ސޯ އެކްސައިޓެޑް..” ރަމްޝާ ކޮފީތަށިން ކޯވާރެއް ބޯލަމުން ބުންޏެވެ.
” ސީރިއަސްލީ ރަމް. ތީތަ ތިބުނަން އުޅުނު މުޅިން އާ ވާހަކައަކީ.. އެހެންނޫނަސް ތިކަމުގަ އެކްސައިޓެޑް ވާންޖެހޭ ކަމަކީ ކޮބާ” އުޅަބޮށީގައި އަތްވިދެލައިގެން އިނދެ އިޝާނީ އަހާލިއެވެ.
” ޝީ އިޒް ސޯ ޕްރިޓީ.. ދޮންދޮންކޮށް ލޯބިލޯބިކޮށް ހުންނަނީ… ހީވަނީ ޑޯލްއެއްހެން.. ” ރަމްޝާގެ ވާހަކަ އިވި އިޝާނީއަށް އަނގަޔށް ގޮތެއް ހަދާލެވުނެވެ.
” ހިއެއް ނުވޭތަ ވަރަށް ވިއަރޑް ވާހަކައެއްހެން ތިދެކެވެނީ.. އައި މީން އަންހެނެއް އަންހެނެއްގެ ތައުރީފްކުރުން. ޔޫ ނޯ ވަޓް އައި މީން…” އިޝާނީ ބުންޏެވެ. ރަމްޝާ އިޝާނީގެ އަތުގައި ބޮނޑިއެއް އަޅާލިއެވެ.
” ސާބަސް އިޝް… އަހަންނަށްވެސް ރަނގަޅުދޯ އަހަރެންގެ ފަހަރި އެހާ ޕްރިޓީވިއްޔާ.. ” ރަމްޝާގެ ވާހަކައިވި އިޝާނީ ކޮށިއެރިއެވެ. އަނގައިގާ ހުރި ކޮފީތައް ދިޔައީ ބުރައިގެންނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.