ދޮރުފޮތިން ފުރޭނިގެން އަންނަމުން ދިޔަ އިރުގެ ދޯ ދި އެޅިފައި ވަނީ ޔަލާގެ މޫނަށެވެ. ޔަލާ ލޮލަށް އުނދަގޫ ވާވަރުން ބެޑްޝީޓު ނަގައި މޫނުގަ އަޅާލިއެވެ. އޭނާ އަދި ބޭނުންވަނީ ކުޑަ އިރުކޮޅަކު ނިދާލާށެވެ. ނަމަވެސް ގޭގަ ކުރަން ހުރި ކަންތައްތައް ގިނަ ކަމުން ހިތައި ދެކޮޅަށް ފާޚަނައަށް ފެންވަރާލަން ދިޔައެވެ. އޭނާ ފެންވަރާލައިގެން ނިކުމެ ގަޔަށް ދޫ މަތިކޮޅަކާ ހަރުވާޅެއްލުމަށްފަހު އުނަގަނޑާ ހަމައަށް އަންނަ އިސްތަށިކޮޅުގަ ހުޅިއެއް ޖަހާލިއެވެ. އަދި އަވަސް އަވަހަށް ވަށް ބުރުގަލެއް އަޅާލަމުން ސިޓިންގްރޫމަށް ދިޔައެވެ.
ސިޓިންގްރޫމް ފޮޅަން އަވަދި ނެތި ޔަލާގެ މަންމަ ލުބާ އުޅުނެވެ. އެވަގުތު ޔަލާ ވީ ބަދިގޭގައެވެ. ޔަލާ އުޅުނީ ސައި ބޯ އެއްޗެއް ހަދަންށެވެ. އޭނާ ހަދަން ވިސްނާފައިވަނީ މަސްހުންޏާ ރޮށްޓެވެ. އެއީ އެ ގޭ މީހުންނަށް ވަރަށް ކަމުދާ އެއްޗެކެވެ. 10 ވަރަކަށް މިނެޓުން އޭނަ މަސްހުނި މޮޑެލިއެވެ. ދެން އޭނަ އަވަސްވެގަތީ ރޮށި ފިހަން ފުށްގަނޑު މޮޑޭށެވެ. ” އަނހަ… ހާދަ އަވަހޭ ދޯ މަންމަގެ ދޫނި … މަންމަ ރޮށި ފިހާނަން … ދަރިފުޅު ދޭ .. ” ޔަލާ ހީލުމަށްފަހު ދިޔައީ ބޭރު ކުނިކަހާށެވެ. ޔަލާ އަކީ ވަރަށް މުރާލި , ގެވެހި ކުއްޖެކެވެ.
ކުނިކަހާ ނިމުންއިރު ޔަލާ ހުރީ ދާހިއްލާ ފޯވެފައެވެ. ބޭރަށް ނިކުންތް ލުބާ އަށް ޖޯލިފަތީގަ އޮތް ޔަލާ ފެނުމުން ދެފަރާތަށް ބޯހޫރާލެވުނެވެ. ” ދަރިފުޅާ ދެން ހިނގާ އަވަހަށް ސައި ބޯން ދާން… ” ލުބާ ، ޔަލާގެ ބޮލުގާ ފިރުމާލަމުން ބުންޏެވެ. ” އާނ… މި ދަނީ ފެންވަރައިގެން… މަންމަ އެހާ އިރަށް ދޭ ދޮންބޭ އާ ބައްޕަ ގާތު ބުނަން… ” ޔަލާ ޖޯލި ފަތިން ތެ ދުވެ ގޭތެރެއަށް ވަދެގެން ދިޔައެވެ.
އެނދުގައި އޮށޯވެ ފޯނާ ކުޅެން އޮތް މަޔާލް ދިޔައީ ސިއްސައިގެން ނެވެ. އާނ އެހެންޏާ ދޮރުގައި ޓަކި ޖެހީ ނުލާހިކު ބާރަށް ވިއްޔާ އެވެ. އޭނާ ފޯނު ބާއްވާފައި ގޮސް ދޮރު ހުޅުވާ ލިއެވެ.
” އަވަހަށް ސައި ބޯން އާދޭ…” ލުބާ އޭނާގެ އިސްތަށިގަނޑުގައި ހިފާލަމުން ބުނެލި އެވެ. މަޔާލް ‘ އާނ މިދަނީ ‘ އޭ ބުނެ ކޮޓަރިން ނިކުމެ ދޮރު ލައްޕާލިއެވެ. ލުބާ ވެސް ހީލުމަށްފަހު ދިޔައެވެ. މަޔާލް ދިޔައީ ޔަލާ އަށް އުނދަގު ކޮށްލާ ހިތުން ޔަލާގެ ކޮޓަރިއަށެވެ. އެއީ އަބަދުވެސް މަޔާލްގެ އާދައެވެ. ކޮންމެ ދުވަހަކު ވެސް އޭނާ ސައި ބޯން ދާނީ ޔަލާ އާ އެއްކޮށެވެ.
ހަވީރު ވަގުތެވެ. ޔަލާ އިނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ތާރާ އަށް ގުޅައިގެންނެވެ. ” އެއި … ތާރާ … ހިނގާލަން ދާން ވީނު މިއަދު … ވަރަށް ފޫހިވާތީ މިއުޅެނީ … ” ޔަލާ ބުނެލިއެވެ. ” އާން … ހަމަ ދާންވީ … މަ ދާންވީތަ ތި ގެއަށް ” ތާރާ މިހެން ބުނުމުން ޔަލާ އެއްބަސް ވިއެވެ. އަދި ވަރަށް އަވަހަށް އައުމަށް ބުންޏެވެ.
ތާރާ އަންނަންވާ އިރަށް ޔަލާ ތައްޔާރުވާން ފެށިއެވެ. ގަޔަށް ދޫ ނެވީ ބުލޫ ކުލަ ދިގު ހެދުމެއް ލުމަށްފަހު އޭނާ އައިސް ބުލޫ ކުލަ ޝޯލް އެއް އަޅަން ފެށިއެވެ. ރީތި ގޮތަކަށް ޝޯލް އަޅާ ނިމުމުން އޭނާ ތުންފަތުގަ މަޑު ރަތް ކުލަ އެއް ޖައްސާލިއެވެ. ޔަލާ ފެންނަލެއް ނުލާހިކު ފުރިހަމަ އެވެ. ހަމަ ހީވަނީ ޕަރީއެއް ހެންނެވެ. އެއްވެސް އިރެއްގަ ޔަލާ އަކީ ގައިގަ ޖެހޭ ހެދުން ލާ ހިތްވާ ކުއްޖެއް ނޫނެވެ. އޭނަ އަބަދުވެސް ލޯބި ކުރަނީ ގަޔަށް ދޫ ހެދުމަށެވެ. ދޮރުގަ ޓަކި ޖެހި އަޑު އިވުމުން އޭނާ ގޮސް ދޮރު ހުޅުވާލިއެވެ. ދޮރުމަތީ ހުރި ތާރާ ފެނުމުން ޔަލާ އޭނާ ވަނުމަށް ތަން ދައްކާލިއެވެ. ” އަވަސް ކޮށްލާ ” ޔަލާ ހެވިފަ ތާރާ އާ ދިމާލަށް ބަލަން ހުރުމުން އޭނާ ބުނެލިއެވެ. ޔަލާ އެނދުގަ އިށީނެ އިސްޓާކިންޏަށް އެރިއެވެ. ” މި ނިމުނީ … ދެން ހިނގާ ދާން ” ޔަލާ ހީލަމުން ބުނެލިއެެވެ. ދެ ކުދިން އެކީ ކޮޓަރިން ނިކުތެވެ. ” ދެ ކުދިން މާ ރީތި ވެގެން ކޮންތާކަށް?” އެކި އެކި ވާހަކަތައް ދައްކަމުން ދިޔަ ކުދިންގެ ވާހަކަތަކަށް ހުއްޓުމެއް އައީ ލުބާ ސަމާސާ ކޮށްލުމުންނެވެ. ” ހިނގާލަން ” ޔަލާ ހީލިއެވެ. ” އެހާ ދުރަށް ނުދައްޗޭ… 18 އަހަރު ވިއެއް ކަމަކު މަންމަ އަކަށް ދަރިފުޅެއް ދުވަހަކު ވެސް ބޮޑެއް ނުވާނެ … ” ލުބާ ޔަލާގެ ކޮލުގަ ހިފާލިއެވެ. ޔަލާ އޭނާގެ ލޯބިވާ މަަންމަގެ ކޮލަށް ދޮނެއް ދިނެވެ. ” މާޝާﷲ ” ތާރާ ހީލިއެވެ.
ނުނިމޭ~
