ތިން ލަފްޒުން…
ފަތިހުގެ ހަމަހިމޭން ވަގުތެވެ. ހުޅުމާލޭ މަގުތަކުގައި ވަނީ ހަމަހިމޭން ކަމެވެ. ފަތިސް ނަމާދަށް މިސްކިތަށް ދާ މީހުނާ ޖޮގިނަށް ނުކުމެ އުޅޭ މަދު ބަޔަކު ނޫނީ ނޫޅެއެވެ. ހުޅުމާލޭގެ ތާރު އެޅި ފުޅާ މަގެއްގެ އެއްފަރާތުން މަޑު ދުވުމެއްގައި އަންނަ ޒުވާން އަންހެން ކުއްޖާއަށް އެމަގު ގައިތިބި މީހުންގެ ލޯތަށް ހުއްޓެމުން ދިޔައެވެ. އެހެން ނުވާންވީ ވަކި ސަބަބެއް ނެތެވެ. ކަޅާއި ހުދު ކުލައިގެ ޓުރެކް ސުއިޓެއްގައި ހުރި މިއަންހެން ކުއްޖާ ހީވަނީ ހޮލީވުޑު ފިލްމެއްގެ ރީތި މަންޒަރެއް ހެނެވެ. އޭނާގެ އޮމާން ކުލަ އަލި މޫނު މަތީގައި ދާތިކިތަށް މުތީތަކެއް ފަދައިން ވިދަމުން ދިޔައެވެ. ފިނިފެންމަލެއްގެ ފިޔައެއްފަދަ ތުނި ތުންފަތުގައި ވަނީ ލުއި ހިނިތުންވުމެކެވެ. އޭނާގެ ފަން އިސްތަށިގަނޑުވަނީ އައްސާލެވިފައެވެ.
ކަންފަތަށް ޖަހާފައިވާ ހެޑުސެޓުން އިވެމުން ދިޔަ އިނގިރޭސި ޕޮޕް ލަވަޔާ އެއްވަރަށް ތުންތަޅުވަމުން ލަމްހާ ކުރިއަށް ދިޔައެވެ. މަގުގައި ތިބި މީހުންގެ ބެލުންތަކަކަށް އޭނާގެ އެއްވެސް ފަރުވާލެއް ނެތެވެ. ކުޑައިރުން ސުރެވެސް އޭނާއަކީ މީހުންގެ ބެލުންތަކުގެ އަމާޒު ފަތް ގަނޑަކަށް ވާތީ މިހާރު އެއީ އާދަވެފައިވާ ކަންކަމެވެ. ފަތިސްނަމާދު ކޮއްގެން ދުވަން ދިއުމަކީ ލަމްހާގެ އާދައެކެވެ. އުމުރުން 19 އަހަރުގައި ރީތި ބައްޓަމަކާ ރޫފައެވެސް ލިބިފައިވަނި މިހެންވެ ކަންނޭންގެއެވެ. ލުއި ފިޔަވަޅުތަކުގައި ދުވަމުން ދިޔަ ލަމްހާއަށް ވަރުބަލިކަން އިހްސާސްވީ ގަޑީރަކަށް ވުރެވެސް ގިނައިރު ދުވި ފަހުންނެވެ.
ދުވުން މަޑުކޮއްލާފައި ލަމްހާ މިސްރާބު ޖެހީ އަތިރި މައްޗާ ދިމާއަށެވެ. މޫދާވީ ފަރާތަށް ފައި ބާލުވާފައި ލަމްހާ އިށީނީ ތިރި ފާރު ބުރިއެއް މަތީގައެވެ. އިރުއަރާކަށް މިހާރު އެހާ ގިނަވަގުތެއް ވެސް ނެތެވެ. އިރު އަރާމަންޒަރު ބަލާލަން އަތިރިމަތީ ހުރެލާފައި ގެއަށް ދާން ހިނގައިގަތް އިރު 8 ޖަހަން އުޅެއެވެ.
ދެބުރިއަށް ނަގާފައިވާ ތަނަވަސް ބޮޑުގޭގެ ދޮރާށިން ވަދެގެން ގޮސް ލަމްހާ ގޭގެ ދޮރުކައިރީގައި މަޑުކުރިއެވެ. އަރައިގެން ހުރި ބޫޓާ އިސްތާކީނި ބޫޓުހަރަށް ލާފައި ގޭތެރެއަށް ވަދެގެން ދިޔައެވެ. އޭރު ގޭގައި ކައްކަން ގެންގުޅޭ މީހާ ހެނދުނުގެ ނާސްތާ ތައްޔާރު ކުރަމުން ދިޔައެވެ. އެމީހާއަށް ލުއި ހިނިތުންވުމެއް ހަދިޔާކޮއްލަމުން ލަމްހާ އެރީ މަތީގައި ހުންނަ އޭނާގެ ކޮޓަރިއަށެވެ.
ފިނިފެނުން ފެންވަރާލުމާއެކު ވަގުތުން ވަރުބަލިކަން ފިލައިގެން ދިޔައެވެ. ޓައިޓަކާ އަތްދިގު ޓީސާޓެއް ލައިފައި ބޮލުގެ އިސްތަށިގަނޑު ހިއްކަން ފެށިއެވެ. ސިރީޒްއެއް އަޅުވާލާފައި ލެޕް ހިފައިގެން ލަމްހާ ބެލްކަނީގައި ހުންނަ ހެއްލޭ ގޮނޑީގައި ޖައްސާލިއެވެ. އިރުކޮޅަކު އެހެން އިންދާ ކޮޓަރީގެ ދޮރުގައި މީހަކު ޖަހާލި އަޑުއިވުނެވެ. ދޮރުހުޅުވާލި އިރު އެއީ ނޯކަރު މީހާއެވެ. ސައި ތައްޔާރުވެއްޖެ ކަމަށް ބުނުމުން ލަމްހާ ކޮޓަރިން ނުކުތެވެ. ތިރިއަށް ފޭބީރު މޭޒުކައިރީގައި ހަމްޒާއާއި ލުވޭޒާ ތިއްބެވެ.
ލަމްހާވެސް ގޮނޑިއެއްގައި އިށީންނަމުން މަންމައަށާއި ބައްޕައަށް ހެދުނުގެ ސަލާން ގޮވާލިއެވެ.
“ދަރިފުޅު ދޭބަލަ ދޮންބެއަށާ ދޮންބެ ދައްތައަށް ގޮވާލަން..” ލުވޭޒާ ހަމްޒާގެ ތައްޓަށް މަސްހުނި އަޅައިދެމުން ބުނެލިއެވެ.
ލަމްހާ ގޮނޑިން ތެދުވި ވަގުތު ސިޑިން ފައިބަމުން އަންނަ ލަޔާން ފެނުމުން އަނެއްކާވެސް އިށީނެވެ. ލަޔާން އޭނާގެ ތިން އަހަރުގެ ދަރިފުޅު ނައުފަލް އުރާލައިގެން އައިސް ގޮނޑީގައި ބޭންދިއެވެ. ލަޔާންގެ އަންހެނުން ނައުރާވެސް އައިސް ގޮނޑީގައި އިށީނެވެ.
ކުޑަ ކުޑަ އާއިލާ ހެނދުނުގެ ނާސްތާއަށް މަސްއޫލުވުމާއެކު ތަނަށް ވެރިވީ ހަމަހިމޭން ކަމެވެ. ދޭތެރެއަކުން ކުޑަ ކުޑަ ނައުފަލް ބުނެލާ ބަހެއް ފިޔަވާ އެހެން އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ކާގަޑީގައި ބޭކާރު ވާހަކަ ދެއްކުމަކީ ހަމްޒާ ނުރުހޭ ކަމަކަށް ވާތީއެވެ.
ސައިބޮއެ ނިމިގެން ހަމްޒާ ތެދުވެގެން ގޮސް ސިޓިން ރޫމުގައި ހުރި ސޯފާއެއްގައި ޖައްސާލިއެވެ. ލަޔާންވެސް ނިމިގެންގޮސް ބައްޕަ ގާތު އިށީނެވެ. އެދެބަފައިން ދައްކަމުން ދިޔައީ ވިޔަފާރީގެ ވާހަކައެވެ. ހަމްޒާއަކީ މާލޭގައި ނަން މަޝްހޫރު ވިޔަފާރި ވެރިއެކެވެ. އެންމެންވެސް ގަދަރުކުރާ މުއްސަންޖެކެވެ. ލަޔާން ކިޔަވައިގެން އައުމުން އެ ކޮންޕެނީގެ ޑައިރެކްޓަރަކަށް ލަޔާން ހަމަޖެއްސިއެވެ. އޭގެ ފަހުން އެދެމީހުންގެ ދެމެދުގައި އެންމެ ފޯރިކޮށް ދެކެވެނީ ވިޔަފާރީގެ ވާހަކައެވެ.
ދެކެވެމުންދިޔަ ވާހަކައިގެ މައުޟޫ ބަދަލުވީ ލަމްހާވެސް އެމީހުނާ ބައިވެރި ވުމުގެ ގޮތުން އައިސް ސޯފާއެއްގައި އިށީނުމުންނެވެ.
“ކޮބާ މިހާރު ވިޝާމް އާއި ދަރިފުޅުގެ ކައިވެނި ކުރެވޭނީ ކޮންދުވަހަކުން؟ ބައްޕަ ބޭނުން އެކަން ވަރަށް އަވަސް ކޮއްލަން” ހަމްޒާ ބުނި ޖުމްލައިން ލަމްހާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ.
ވިޝާމްއަކީ ހަމްޒާގެެ ދުވަސްވީ ރަހުމަތްތެރިއެއްގެ ދޮށީ ދަރިފުޅެވެ. ވިޝާމްގެ ބައްޕަ އަހްމަދަކީވެސް ވިޔަފާރިވެރިއެކެވެ. ލަމްހާ ލިބުނު ފުރަތަ ދުވަހުން ފެށިގެންވެސް އެދެމީހުންގެ ކައިވެނި ވަނީ ދެއާއިލާއިން އެއްބަސްވެ ނިމިފައެވެ. ވިޝާމްއަކީ އިނގިރޭސި ވިލާތުން ކިޔަވައިގެން ހުރި ޒުވާނެކެވެ. އެދެމީހުން ބައްދަލުވީ އަހަރުތަކަކަށްފަހު ވިޝާމް ރާއްޖެއ އައި ފުރަތަމަ ދުވަހުއެވެ. ވެވުނު ފުރަތަމަ ބައްދަލުވުމުގައިވެސް ވިޝާމްއަށް ލަމްހާ ކަމުދިޔައެވެ. އުމުރުގައިވެސް މާބޮޑު ތަފާތެއް ނެތުމުންނާ ލަމްހާގެ ރީތިކަމުން ވިޝާމް ލަމްހާއާ ގަޔާވެވުނެވެ. ލަމްހާއަށް ވިޝާމް ކަމުނުދިޔަޔަސް އެދެމީހުންގެ ގުޅުން ދެބައިވެރިންގެ ގޮތަށް ބަދަލުވެގެން ދިޔައީ މިސަބަބާހުރެއެވެ.
“އަދި ނޭނގެ.. ވިޝާމް ނުދައްކާ އެކަހަލަ ވާހަކައެއް” ލަމްހާ ތިރީ ތުންފަތް ހަފަމުން ދެއަތުގެ އިގިލިތަކާ ކުޅެންވެން ފެށުނެވެ.
“ތި ދެކުދީންނަށް އެކަން ހަވާލުކުރީމަ ނުވިއެއްނުން މިކަމެއް.. ދެން އެކަން ނިންމާނީ ބައްޕަމެން. އަންނަ ހަފްތާ ރަންކިޔާގޮތަށް މިވިސްނަނީ” ހަމްޒާ ބުނެލިއެވެ.
“އަދި އެދެކުދީން ތިކަމާ ވިސްނާލަން ވަގުތު ކޮޅެއްދޭން ވީނުން. ” ލުވޭޒާ ލަމްހާގެ މޫނަށް އައި ބަދަލު ފެނުމުން ބުނެލެވުނެވެ. ލަމްހާގެ ބޯޖާހަލަމުން ހަމްޒާއާ ދިމާއަށް ބަލާލިއެވެ.
“އިތުރަށް ވިސްނުމުގެ ބޭނުމެއް ނެތް.. ފަހުންވިއަސް އަދި މިހާރުވިއަސް އެދެކުދީން ޖެހޭނީ އިންނަން. އެއީދެން ބަދަލު ނުވާނެ ގޮތަށް ނިމިފައި އޮތްކަމެއް. އިތުރަށް ލަސްކުރުމުގެ ބޭނުމެއް ނެތެއްނުން” ހަމްޒާ މިހެން ބުނެފައި ތެދުވެގެން ހިނގައްޖެވެ.
ލަމްހާ ވަގުތުން މާޔޫސްވިއެވެ. އަވަހަށް ގޮނޑިން ތެދުވެގެން ސިޑިއާ ދިމާއަށް ދިޔައީ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަ ތިކިތަށް އެހެން މީހުނަށް ނުދައްކަންވެގެންނެވެ. ކޮޓަރިއަށް ވަދެވުމާއެކު ލަމްހާ އެނދުމައްޗަށް ވެއްޓިގަތެވެ. ބާލީހުގައި ބައްދައިގެން އޮތްއިރު އެދެލޮލުން އައި ކަރުނަތިކިތަކުން ބާލީސް ތެމެމުން ދިޔައެވެ.
ކައިވެންޏަކީ އަންހެން ކުއްޖަކު އެންމެ ފޮނި އުންމީދުތަކެއް ކުރާނެ އެއްކަމެވެ. ލޯބިވާ މީހަކާ އެކު ޒަވާޖީ ހަޔާތެއް ފެށުމަކީ ކޮންމެ އަންހެން ކުއްޖެއްގެވެސް ފޮނި ހުވަފެނެކެވެ. ނަމަވެސް އެ އުފާވެރިކަމުން ލަމްހާ ވަނީ މަހުރޫމް ވެފައެވެ.
އެންމެ ކުޑައިރުން ސުރެވެސް ލަމްހާއާއި ލަޔާންގެ ހުރިހާ ކަމެއް ހިނގަމުން ދާނީ ހަމްޒާ ބޭނުންވާ ގޮތަށެވެ. އެކުދީން އެގޮތެއް ބޭނުން ނުވި ނަމަވެސް ދެކޮޅު ހެދުމުގެ ހިތްވަރެއް ނުލިބެއެވެ. އެއީ އިންސާފެއް ނޫނެވެ. ނަމަވެސް އެނޫން ގޮތެއް އެ ދެކުދީންނަކަށް ނެތެވެ.
ލަމްހާ އަދި ޒަވާޖީ ހަޔާތެއް ފަށާކަށް ބޭނުމެއް ނޫނެވެ. އޭލެވެލް ނިމުނެއްކަމަކު ލަމްހާ އަދި ކިޔަވަން ބޭނުމެވެ. އެއުމުރުގެ އެހެން ކުދީން އުޅޭހެން މީހުނާ ރައްޓެހިވެ މަޖާ ކުރަން ބޭނުމެވެ.
އިރުކޮޅަކު ރުއިމުންވެސް ހިތަށް ލުޔެއް ނުލިބުމުން ލަމްހާ ލެޕްޓޮޕު ނަގާ އޮންލައިން ވިއެވެ. އޭރު ލަމްހާގެ އެންމެ ގާތް އެކުވެރިޔާ ޔުސްރާވެސް އޮންލައިންގައި އިނެވެ. ކުޑައިރުންސުރެވެސް ލަމްހާއަށް ދިމާވާ ހުރިހާ ވާހަކައެއް ހިއްސާ ކުރަނީ ޔުސްރާއަށެވެ. ޔުސްރާ ކިޔަވަން ކެނަޑާއަށް ބަދަލުވި ނަމަވެސް އެދެމީހުންގެ އެކުވެރިކަމަކަށް ބަދަލެއް ނާދެއެވެ. ވީޑިއޯ ކޯލު މެދުވެރިކޮށް މިއަދު ވީ ހުރީހާ ކަމެއް ލަމްހާ ޔުސްރާއަށް ކިޔައިދިނެވެ.
ދެއެކުވެރީން ވާހަކަ ދައްކަން ތިބިއިރު ގަޑި ހިނގާ ދިޔަ ގޮތްވެސް ނޭންގުނެވެ. ލަމްހާ ސިއްސައިގެން ދިޔައީ ފޯނު އެލާމުވި އަޑަށެވެ. އޭރު ހަވީރު 3 ގަޑި ބައިވަނީއެވެ. އަވަހަށް ލެޕްޓޮޕު ބާއްވާފައި ލަމްހާ އަވަސްވެގަތީ ކޮލެޖަށް ދާން ފެންވަރާށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.




stry ge feshun vrh interestinnnn masha allah?!!..whn next dheem????.. waitinnn ngeyyy❤❤.. purple u more dheem????
Thanks ❤️
Insha Allah varah avahaha upload kureveyne ???
Wooooooooooooow ??v reethi
Thankss???
Wooooooooooooow ??v reethi