އިންތިހާ – 16
އެ ބޮޑު ގޭގެ ގޯތިތެރޭގައި އެކި ވައްތަރުގެ މާމެލާމެލި އަޅާ ގަސްތައް ހެއްދިފައި ހުރިއިރު، އުނދޯލިތަށް ބަހައްޓާލެވިފައި ހުރުމުން އެ މާހައުލު ނުހަނު ހިތްގައިމެވެ. ބަގީޗާގެ ވާތްފަރާތަށް ބަލައިލި އިވާން އެސްފިޔަ ޖަހާލަން ވެސް ހަނދާންނެތުނީ ފެނުނު މަންޒަރަކުންނެވެ.
ވެހެމުން ދިޔަ ބޯ ވާރޭގެ ތިކިތަކަށް ދެއަތް ހުޅުވާލައިގެން އޭނާގެ ތުނި ހަށިގަނޑުގައި ބީހުމުގެ ފުރުސަތު ދީގެން ބަގީޗާތެރޭގައި ނޫރް ހުރިއިރު، އެ ޖާދުވީ ދެލޯ ވަނީ މެރިފައެވެ. ލައިގެން ހުރި ހުދުކުލައިގެ ހެދުން އެ ލޫޅާފަތި ހަށިގަނޑުގައި ތަތްލަވާފައި ހުރި އިރު، ރީތި ބައްޓަން ވަނީ ހާމައަށެވެ. ދޮން މޫނާއި ރަތްކުލަ އަރާފައިވީ ތުނި ތުންފަތުގައި ބީހިލުމުގެ ޝަރަފު ވާރޭގެ ތިކިތައް ހޯދަމުން ދިއައިރު، މަންޒަރު ބަލައި ފޫހި ނުވާނެ ހައި ހިތްގައިމެވެ.
*********
ނޫރްގެ ފަރި ހަރަކާތްތަކަށް ގެއްލިފައި ހުރި އިވާންގެ ހިޔާލު ވޭތުވެފައިވާ މާޒީއަށް ދަތުރުކުރިއެވެ.
*
އެއީ ވެސް ހަމަ މިފަދައިން ބޯ ވާރޭގެ ތިކިތަކުން ބިން ތެތްމާލި ދުވަހެކެވެ. ފަތިހުންސުރެ ވެހެމުން ދިޔަ ވާރޭ ހުއްޓާލީ ހަވީރު ހަތަރެއް ވެސް ޖެހިފަހުންނެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ގެއަށް ދިޔަ ދިހަ އަހަރުގެ އިވާންއަށް އެގޭ ގޯތިތެރެއަށް ވަނުމާއެކު ފުރަތަމަ ވެސް ފެނުނީ، ގޯތި ތެރޭގައި ހުރި ބޮޑު އަނބު ގަހުގައި އެލުވާފައި ހުރި ޖޯލިތަކުން ޖޯއްޔެއްގައި އިށީނދެ އިން މަލްހާއެވެ.
ތުންކޮޅު ދަމާލައިގެން އިނދެ އަތުގައި އޮތް ހިމަ ދަނޑިކޮޅުން ބިމުގެ ފަސްގަނޑު ހާވަމުން ދިޔަ ގޮތުންވެސް އޭނާ ކަމަކާ ހިތްހަމަނުޖެހި، ނުރުހިފައި އިންކަން ހާމަވެއެވެ. ދުރުގައި ހުރި މާގަސްތަކަށް ފެންދޭން މަލްހާގެ މަންމަ މިލްދާ ހުރިތަން ފެނުމުން މިލްދާގެ ގާތުގައި ގޮސް އިވާން ހުއްޓިލިއެވެ.
“މިލޫ ދައްތާ، ކޮން ތޫފާނެއް އަރާފަ މިއަދު؟” ޖޯލީގައި އިން މަލްހާއަށް އިޝާރާތް ކުރަމުން މިލްދާ ގާތު އިވާން އަހާލީ މަލްހާއަށް އަޑު ނީވޭނެހައި މަޑުންނެވެ.
“އެއީ މިއަދު ވާރެޔާ ތެމުނަ ނުދިނީމަ އެކަމާ ބޮޑާހާކާފަ އޭނީ…ވާރެޔާ ތެމިލާ އިރަށް ބަލިވާ ކުއްޖެއް ދެން އެހާ ބޯ ވާރެޔާ ތެމެން ހުއްދައެއް ނުދެވޭނެ އެންނު ދޯ…އިވާން ނިކަން އޭނަ ހައްދާލެވޭތޯ ބަލާބަލަ” އިވާންގެ ބޮލުގައި ފިރުމާލަމުން ވީގޮތް ކިޔައިދިނުމަށްފަހު މިލްދާ ގޭތެރެއާއި ދިމާލަށް ހިނގައިގަތެވެ.
ފުން ނޭވާއެއް ދޫކޮށްލަމުން، މަޑު ފިޔަވަޅުތަކެއްގައި ގޮސް އިވާން ފަހަތުން މަލްހާގެ ލޯމަތީގައި އަތް އަޅާލިއެވެ. ސިހިފައި ތެދުވެ އިވާންގެ ދެއަތުގައި ހިފާލިއިރު، މަލްހާގެ މޫނުމަތީގައި ވަނީ ލުއި ހިނިތުންވުމެކެވެ.
“އިވްވް….” މަލްހާގެ ދުލުން އޭނާގެ ނަން އިވުމާއި އެކު އިވާން އަތް ނައްޓާލިއިރު، އިވާންއާއި ކުރިމަތިލަމުން މަލްހާވެސް އެނބުރިލިއެވެ. “ހޫމްމްމް…އެންމެންވެސް މިއަދު މަލް ބިރުގަންނަވާ ދެރަކުރަން އުޅޭނީ….” ވަގުތުން ތުން ދަމާލަމުން މަލްހާ ޝަކުވާކޮއްލިއިރު، އިވާންގެ މޫނުމަތީގައި ދުވެލީ ހިނިތުންވުމެކެވެ.
“ނޫނޭ މަލް ދެރަކުރާކަށް ނޫޅެމޭ….ދެން އަޅެފަހެ ވާރޭ ކޮޅެއްގަ ތެމި ނުލެވިގެން އެންގްރީ ބާރޑްއެއް ހެން ފޭސް ހަދައިގެން އިންނާކަށް ނުވާނެނު….އޭރުން އެ ބާރޑް އަށް ވާގޮތަށް އެކްސްޕްލޯޑް ވާނީ…ހައްހާ” ހެމުން ހެމުން އިވާން މަލްހާއަށް މަލާމަތް ކޮށްލުމާއިއެކީ އަތުގައި އޮތް ދަނޑިކޮޅު ހިފައިގެން އިވާން ފަހައި މަލްހާ ދުއްވައިގަތެވެ. ހުށިޔާރުވެ ހުރި އިވާންވެސް މަލްހާއަށް އަތުނުވުމަށް ދުއްވައިގަތް އިރު، ބަގީޗާ ތެރޭގައި ގުގުމާލާފައި ވަނީ އެދެކުދިންގެ ހުނުމުގެ އަޑެވެ.
ދުވަމުން ދިޔަ އިވާންއަށް ފަސްގަނޑުމަތީގައި ދޫކޮށްލާފައި އޮތް ފެންހޮޅި ފެނުމުން ވަގުތުން އެނަގައި އޭނާ ފަހައި ދުވަމުން އައި މަލްހާއަށް އަމާޒުކޮށްލިއެވެ. ފެންތައް ގައިގައި ޖެހުމާއިއެކު ތެމި ފޯވި އިރު މަލްހާގެ މޫނުމަތީގައި ކުޅެލީ ރީތި ހިނިތުންވުމެކެވެ.
“މިހާރު ތިއޮތީ ތެމެވިފަ…ދެން އެންގްރީ ބާރޑް މޯޑް އޮފް ކޮށްލަން ވީނު…” ހުރި ގޮތަށް ފެންހޮޅި ހިފަހައްޓައިގެން ހުރެ އިވާން ބުނެލިއިރު، ދުވެފައި އައިސް އިވާންގެ އަތުން ފެން ހޮޅި ޖަހައިގަންނަމުން، މަލްހާ އިވާންވެސް ތެންމާލިއެވެ. ސަކަރާތާއި އުފާވެރިކަމާއިއެކު ފެނާ ތެމެމުން ދިޔައިރު، ދެކުދިންގެ އުފާވެރިކަން ފެނުނު ކޮންމެ މީހެއްގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވާނެ ކަން ޔަޤީނެވެ.
*
ހިޔާލުތަކާއި ހަނދާންތައް އާވުމާއިއެކީ އިވާންއަށް ހިނިތުންވެެލެވުނީ އޭރުގެ އެ އުފާވެރިކަން ހަނދާނެއްގެ ސިފައިގައި ވިޔަސް އިހުސާސް ކުރެވުނީތީއެވެ. ބަގީޗާގައި ނޫރް އަދިވެސް އެހުރި ގޮތަށް ހުރިތަން ފެނުމުން އިވާން އެތެރެއަށް ވަންނަން ހިނގައިގަތީ، ސިކުނޑިއަށް ވެރިވަމުން ދިޔަ ހިޔާލުތަކުގެ ސަބަބުންނެވެ.
ނޫރްގެ ކޮންމެ ހަރަކާތަކާއި ކޮންމެ ބަހެއް އޭނާއަށް މާޒީގެ ހަނދާން އާ ކޮށްދެނީ ކީއްވެގެން ހެއްޔެވެ. ނޫރްގެ ކޮންމެ ސިފައެއް މަލްހާއާއި އެއްފަދަވެ އެއްގޮތް ވާންވީ ކީތްވެ ހެއްޔެވެ. މިއަދު ނޫރް ޖެޓު ތެރޭގައި އޭނާއަށް އިވް ގެ ނަމުން ގޮވުން އެއީ އޭނާއަށް ކުރެވުނު ކުށްހީއެއް ހެއްޔެވެ. ނޫނީ އެއީ ވެސް އިއްތިފާޤެއް ހެއްޔެވެ. ނޫނީ މިހުރިހާކަމެއް، ހުރިހައި ސުވާލެއް ވަނީ ގުޅިފައި ހެއްޔެވެ. މަލްހާއާއި ނޫރް އާ ގުޅުމެއް އޮންނަނީ ބާއެވެ.
ނޫނެކެވެ. މިއީ ހަމައެކަނި އޭނާއަށް ހީވާ ހީވުމެކެވެ. އޭނާގެ ހިތް މީގެ ފަނަރަ އަހަރު ކުރިން ސުރެ ހިސޯރުކޮށް މިލްކު ކޮއްލި އަންހެން ކުއްޖާގެ ހަނދާންތަކެވެ. ނޫރްއާއި މަލްހާއާއި އެއްވެސް ގުޅުމެއްނެތެވެ. ގުޅުމެއް ވާނީވެސް ކިހިނަކުން ހެއްޔެވެ. ދިމާވި އެ ހިތާމަވެރި ހާދިސާގައި މަލްހާގެ މުޅި އާއިލާ ވަނީ މި ފަނާވެނިވި ދުނެޔެއާއި އަލްވިދާއު ކިޔާފައެވެ. އޭނާގެ މަލް މިއަދު ވަނީ އޭނާއާއި އެތައް ހާސް މޭލެއް ދުރުގައެވެ. އަނބުރާ އައުމެއް ނުވާ އާލަމެއްގައެވެ.
ގޭތެރެއަށް ވަދެ ސިޑިން މައްޗަށް އަރައިގެން ގޮސް ކޮޓަރިއަށް ވަދެ އެނދު މައްޗަށް އިވާން ވެއްޓިގަތެވެ. ސިކުނޑީގައި އުފެދިފައިވީ ހައިޖާނުގެ ސަބަބުން ބޮލުގައި ރިހުމެއް އުފެދިފައި ވީއިރު، ބޭކާރު ހިޔާލުތަކުން އެއްކިބާ ވެވޭނެ ގޮތެއް ވެސް ނެތެވެ. ވާރޭ ވެހޭ ކަމުގައިވަނީ ނަމަ މިތަނަށް ކުރަންއައި މަސައްކަތެއް ވެސް އަވަހަކަށް ނުފެށޭނެއެވެ. ލައިގެން ހުރި ސޯޓުގެ ޖީބުގައި އިވާންއަށް އަތްޖަހައި ލެވުނީ އޭނާގެ ފޯނުގެ މަތިން ހަނދާންވުމުންނެވެ. އެއާއެކު ކޮއްޅަށް ތެދުވެވުނު އިރު، އަވަހަށް އޭނާ މިސްރާބުޖެހީ ކޮޓަރިން ބޭރަށް ދިއުމަށެވެ.
**************
ތެމި ފޯވެގެން ހުރެ ގެއަށް ވަދެގެން އައި އައިމަން ފެނުމުން އާދިލާއަށް އިން ތަނުން ކޮއްޅަށް ތެދުވެވުނެވެ. އައިމަން ލައިގެން ހުރި އަންނައުނުން ފެންތިކި ޖަހަމުން ދިޔައިރު، އެ މޫނުމަތީގައި ވަނީ ބުނެދޭން ނޭނގޭފަދަ އަަސަރެކެވެ. ވޭނާއި ރިހުމާއި ޝަކުވާއިން ފުރިފައިވީ ދެލޮލުގައި ވަނީ ރަތްކަމެވެ.
“އައިމަން…ދަރިފުޅާ އައިމަން” އާދިލާ ގޮވައި ގޮވައި އޮއްވައި އައިމަން ގޮސް ވަނީ ތިރީބައިގައި ހުންނަ އުޒްވާގެ ކޮޓަރިއަށެވެ.
ސޯފާގައި ފޮތެއްގެ ތެރެއަށް ގެއްލި އިން އުޒްވާއަށް ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ދޮރާއި ދިމާލަށް ބަލައިލެވުނެވެ. ދޮރު ކުރިމަތީގައި ތެމި ފޯވެ ހުއްޓި ހުރި އޭނާގެ ދެލޮލުގެ ކޮއެފަދަ ދަރިފުޅު ފެނުމުން އަތުގައި އޮތް ފޮތް ބާއްވައި އައިމަން އާއި ދިމާލަށް އުޒްވާ ހިނގައިގަތެވެ.
“ދަރިފުޅު ކީތްވެ ތެމިގެން ތިއައީ…ކާރު ކޮބާ؟” ގޮސް އައިމަންގެ ކުރިމަތީގައި ހުއްޓެމުން އުޒްވާ އަހާލިއިރު އޭނާގެ އަޑުގައި ވަނީ ކަންބޮޑުވުމެވެ.
ކުރިމަތީގައި ހުރި އޭނާގެ މަންމަގެ ހަރަކާތްތަކަށް ބަލަން ހުރި އައިމަންގެ ހިތުގައިވަނީ ހުސް ސުވާލެވެ. އުޒްވާގެ އަސްލަކީ ކޮބައިކަމާއި، އޭނާގެ އަސްލަކީ ކޮބައިކަން މިއަދު އެނގެން އޭނާ ބޭނުމެވެ. އޭނާގެ ބައްޕަ ކޮބައިތޯ މަންމައާއި ސުވާލުކުރަން ބޭނުމެވެ. ބައްޕަ ހޯދައި، ބައްޕަ އޭނާ ދޫކޮށްދިއައީ ކީތްވެތޯ އަހަން ބޭނުމެވެ.
“އަހަރެންގެ ބައްޕައަކީ ކާކު؟” އެއްވެސް އަސަރެއް ނެތްފަދަ ގޮތަކަށް އައިމަން ކޮއްލި ސުވާލާއި އެކު އުޒްވާގެ ހަރަކާތްތަކަށް މަޑުޖެހުމެއް އައި އިރު، ޤަބޫލުނުކުރެވިފައި ހުރިފަދަ ގޮތަކަށް އޭނާގެ ދަރިފުޅާއި ދިމާލަށް އުޒްވާ ބަލައިލިއެވެ. މުޅި ދުނިޔެ އޭނާއާއި އެ ސުވާލު ކުރިޔަސް، އޭނާގެ ދަރިފުޅު އެ ސުވާލު ކޮށްފާނެކަމަށް އޭނާއަށް ހީކުރެވިފައި ވެސް ނެތެވެ. އެ ދަރިފުޅުގެ ނަޒަރުގައި އޭނާގެ ދަރަޖަ އެހައި ދަށް ވެދާނެ ކަމަކަށް އުޒްވާ ހީއެއްނުކުރެއެވެ. އޭނާއަށް އިތުބާރު ނުކޮށް، އަމިއްލަ މަންމަގެ ބޮލުގައި އެފަދަ ހުތުރު އިލްޒާމެއް އައިމަންއަށް އަޅުވަން ކެރިދާނެ ކަމަކަށް އުޒްވާއަށް ޔަޤީންވެސް ނުކުރެވުނެވެ.
“އަހަރެންގެ ބައްޕައަކީ ކާކުހޭ؟….މަންމަ ޖަވާބު ނުދީ ތިހުންނަނީ ކީއްވެތަ؟ ބުނެބަލަ ނިކަން….މަންމަގެ ތި ހިމޭންކަމުގެ ސަބަބުން މިއަދު މުޅި ދުނިޔެ އަހަރެންގެ ނަސަބަށް އިނގިލި ދިއްކުރަމުން ދާއިރު އެއްފަހަރު، ހަމަ އެންމެ ފަހަރަކު ތި ދުލުން ހަޤީގަތް ބަޔާން ނުކުރެވިގެން ތިއުޅެނީ ކީއްވެތަ؟” ޝަކުވާއިން ފުރިގެންވީ އައިމަންގެ އަޑު ކަންފަތުގައި ޖެހުމާއިއެކީ އުޒްވާއަށް ފަހަތަށް އެނބުރިލެވުނީ، އެނާގެ ދެލޮލުން ކަރުނަ ފައިބައިގަތުމާއި އެކީގައެވެ.
“ހެހެހެ….އޭރުވެސް އަހަންނަށް އިނގޭ މަންމަ އެކައްޗެކޭ ވެސް ނުބުނާނެކަން….އަހަރެންގެ ބައްޕައަކީ ކާކު ކަން ބުނެދެވެން ނެތިއްޔާ މިއޮތް ހުރިހައި ދުވަހު އެމީހަކީ އަހަރެންގެ އުފަން ބައްޕަކަމަށް ޤަބޫލުކޮށްގެން އުޅުނު މީހާ ވީ ކޮންތާކު ތޯ ބުނެދެވިދާނެ ތަ؟” އައިމަން ދެން ކޮއްލި ސުވާލާއިއެކު އުޒްވާގެ ދެލޯ ބޮޑުވެގެން ދިއައެވެ.
14 އަހަރު ވެގެން ދިއައިރު އެންމެ ފަހަރަކު ވެސް މަމްދޫހު ކޮބައިތޯ އައިމަން ބަަލަން އުޅެފައެއް ނުވައެވެ. މަމްދޫހުގެ ނަންވެސް އައިމަންގެ ދުލުން އޭނާއަކަށް އިވިފައެއް ނުވެއެވެ. “އައިމަން ދަރިފުޅާ ކިހިނެއްވީތަ؟ މީހަކު އެއްޗެކޭ ކީތަ؟” ހިތްވަރު ކޮށްލަމުން އައިމަންއާއި ދިމާލަށް އެނބުރިލަމުން އުޒްވާ އަހައިލިއެވެ.
“ނޫނޭ އެކަކު އެކައްޗެކޭ ވެސް ނުކިޔާ…އެނޫނަސް މީހަކު އަހަރެންނާ މަންމައޭ ކިޔައިގެން އެއްޗެކޭ ކިޔަންވީ ކީތްކުރަން ދޯ! އެއްޗެކޭ ނުކިޔޭހާ ރީއްޗަށް ވިއްޔަ މަންމަ އުޅެފަ އޮތީ…” އައިމަންއަށް އޭނާ ދައްކަމުން ދިޔަ ވާހަކަ ކުރިއަށް ނުގެންދެވުނީ އޭނާގެ ކޯތާފަތް މައްޗަށް އެރި އުޒްވާގެ އަތުގެ ހޫނު ހަމަލާގެ ސަބަބުންނެވެ.
ކޮލުމަތީގައި އަތް އަޅައިގެން ހުރެ އުޒްވާއާއި ދިމާލަށް އައިމަން ބަލައިލީ ޤަބޫލުކުރަން ދަތިވެފައިހުރެ އެވެ. ދުވަހަކުވެސް އޭނާގެ މައްޗަށް އަތްއިސް ނުކުރާ މަންމަ މިއަދު އަތް އިސްކުރިއިރު ވެސް އޭނާގެ އެއްވެސް ސުވާލަކަށް އެމަންމަގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އޭނާއަށް އިނގެންޖެހޭ އެއްވެސް އެއްޗެއް މަންމަ ބުނެއެއް ނުދިނެވެ.
“އައިމަންއަށް އިނގޭތަ އަހަރެން އައިމަން ބަލައި ބޮޑުކުރީ ކިހައި ލޯބިން ކިހައި އުންމީދަކާ އެކުގަ ކަން! އަހަރެން ދުވަހަކުވެސް ހީނުކުރަން އަހަރެންގެ އަމިއްލަ ދަރިފުޅު އަހަރެންގެ އުޅުމަށް އިނގިލި ދިއްކުރާނެކަމެއް….މީހުން ކޮންމެ އެއްޗެކޭ ކިޔަސް، ކޮންމެ ވާހަކައެއް އަޑުއިވުނަސް އައިމަން މަންމައާ ތިގޮތަށް އިހުތިރާމެއްނެތި ސުވާލު ކޮށްފާނެއެކޭ ހީނުކުރަން…” އުޒްވާގެ ލޮލުން ކަރުނަ ފައިބައި ގަތް އިރު ވާހަކަ ނުދައްކައި އޭނާ ހުއްޓާއިލީ އިތުރަށް އެއްޗެކޭ ބުނާނެ ހިތްވަރު ނެތުމުންނެވެ.
“ހީނުކުރާ އެތައްކަމެއް ވެގެން ދިއައިރުވެސް އަހަރެން ކުރި އެންމެ ސުވާލަކަށް ވެސް މަންމަ ޖަވާބު ނުދެމެންނު…އޯކޭ މަންމައަށް އަހަރެންނަށް ކިޔައި ނުދެވެންޏާ ކިޔައިދެވޭނެ ވަރުގެ މީހެއް އަހަރެން ހޯދާ ފާނަން….އަހަރެންގެ އަސްލާ ނަސްލާ ބެހޭ ކޮންމެ ވާހަކައެއް އިނގުމުގެ ހައްޤު އަހަރެންނަށްވެސް ލިބިގެންވޭ!” އުޒްވާގެ ގޮތްދޫނުކުރުމުގެ ސިފަ އޭނާ ދޫނުކުރާނެކަން އިނގޭތީ އެކޮޓަރިން ނިކުމެގެން އައިމަން ދިއައީ ވަރުގަދަ އަޒުމަކާއި އެކުއެވެ.
އައިމަން ދިއުމާއިއެކީ މުށިތައް މައްޗަށް އުޒްވާއަށް ތިރިވެވުނު އިރު ހޯސްލާފައި އޭނާގެ ދެލޮލުން ކަރުނަތަށް ފައިބައިގަތެވެ.
އުޒްވާގެ ކޮޓަރިންނިކުމެ، އެންމެ ހިނދުކޮޅަކުވެސް މަޑުނުކޮށް ސިޑިން މައްޗަށް އަރައިގެން ދިޔަ އައިމަން ފެނުމުން ގޭތެރެއަށް ވަދެގެން އައި އުޒާމްއަށް ކަމެއް ގޯސް ވެއްޖެ ކަމުގެ ރަތް ސިގުނަލް ލިބުނެވެ. ކަންބޮޑުވެފައި ހުރި އާދިލާވެސް އުޒްވާގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތްއިރު، މަންމަގެ ފަހަތުން އުޒާމް ވެސް ދިއައެވެ.
ކޮޓަރިއަށް ވަދެވުމާއިއެކު ދޮރު ތަޅުލަމުން އައިމަންއަށް ދޮރު ބުޑުގައި އިށީނދެވުނެވެ. ކަރުނަތަށް އެއްވެސް އުސޫލެއްނެތި އޭނާގެ ދެލޮލުން އޮހެމުންދިޔައިރު، ރަތްވެ ދުޅަވެފައިވާ ދެލޮލުގައި ވަނީ ރިހުމާއިވޭނެވެ. އެކަނިވެރިކަމުގެ އިހުސާސް އޭނާއަށް ކުރެވެމުން ދިޔައީ އިންތިހާއަށެވެ. އިވާން ވެސް ނެތުމުން އޭނާއަށް ހިތްވަރުލައިދޭނެ މީހެއް ނެތެވެ. ލައިބާއަށް ހުރިހައި ވާހަކައެއް ކިޔައިދޭނެހައިި ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ.
އިރުކޮޅަކު އެހެން އިނުމަށްފަހު ތެދުވެ، އެ ކޮޓަރިން ވަދެވޭ ގޮތަށް ހުރި ބޮޑު ކްލޯސެޓުގެ ތެރެއަށް އައިމަންވެނެވެ. އެތަނުން ނިކުތްއިރު އޭނާގެ އަތުގައި އޮތީ ބޯ އަލްބަމެކެވެ. އެނދު ކައިރީ ތިރީގައި އިށީނދެލަމުން އައިމަން އެ އަލްބަމު ހުޅުވާލިއެވެ. ފުރަތަމަ ފެނުނު ފޮޓޯގައި އަތް ހިންގާލަމުން އޭނާ ދެލޯމަރާލިއެވެ.
**************
އޭޒެޑް ބިލްޑިންގްސް އިމާރާތުގެ ތެރެއަށް ވައިން ތުގާގެ މޫނުމަތީގައި ވަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. އޮފީހުގައި އެއްވެސް މުއައްޒަފެއް ނޫޅޭނެ ވަގުތެއް ބަލާފައި އޭނާ އޮފީހަށް އެއައީ، އޭނާގެ ހިތުގައި އިތުރިއަރަމުން އަންނަ ސުވާލުތަކުގެ ޖަވާބު ހޯދުމަށެވެ. ވިސްނައި ވިސްނައި އެކައްޗެއް ވެސް ނަގައި ނުގަނެވުނު އިރު، ހެނދުނުއްސުރެ ފަށައިގެން އިވާންގެ ފޯނަށް ގުޅުނު އަދަދެއް ނޭނގެއެވެ. ފޯނު އޮންނަނީ ނިއްވާލައިފައެވެ.
ލިފްޓަށް އަރައި ހަމަޖެހިލުމަށްފަހު ތުގާ 14 ވަނަ ފަންގިފިލާއަށް ދިއުމަށް ފިތަށް އޮއްބާލިއެވެ. އެ ފަންގިފިލާއަށް އެރުން ހުރިހައި މުއައްޒަފުންނަށް އިވާން މަނާ ކޮށްފައި ވާއިރު، ސަބަބު އިނގެން މިއަދު އޭނާ ބޭނުމެވެ. އިވާންގެ މިޒާޖަށާއި އުޅުމަށް ކުއްލިއަކަށް މިއައި ބަދަލުގެ އަސްލު އިނގެން އޭނާ އެބަޖެހެއެވެ.
14 ވަނަ ފަންގިފިލާއަށް އާދެވުމާއިއެކު ފުން ނޭވާއެއް ދޫކޮށްލަމުން ތުގާ ލިފްޓުން ފޭބިއެވެ. އިވާންގެ ކުރީގެ ކެބިންއަށް ވަނުމަށް ތަޅުގައި ހިފާލި ތުގާއަށް އިތުރު ހައިރާންކަމެއް ލިބުނީ އެތަން ތަޅުލާފައި ހުރުމުންނެވެ. އިވާން މިހާރު ބޭނުން ކުރާ ކެބިން ވެސް ތަޅުލާފައި ހުރިއިރު، ތުގާ ފޯނުން އެ އިމާރާތުގެ ގާރޑަށް ގުޅައި ތަޅުދަނޑިތައް ގެނައުމަށް އެދުނެވެ.
ދެތިން މިނެޓު ތެރޭގައި ބޮޑު ތަޅުދަނޑި ފައްޗެއް ހިފައިގެން ޔުނީފޯރމުގައި ހުރި މުސްކުޅި ފިރިހެނަކު އައިސް އެތާގައި ހުއްޓުނެވެ.
“ބޭބޭ، އެހެރެ ކެބިންގެ ދޮރު ހުޅުވާލަ ދީބަލަ ނިކަން އަވަހަށް” އިވާން ކުރިން ބޭނުންކުރި ކެބިންއަށް އިޝާރާތްކުރަމުން ތުގާ އެދުނެވެމ
“ކޮއްކޯ، އެ ކޮޓަރީގެ ތަޅުދަނޑިއެއް މިއަކު ނެެތޭ! އެ ކޮޓަރިއަށް އަންނަން ފެށި މެޑަމް އަތުގަ އެ ތަޅުދަނޑި ވީ….އިވާން ސާރގެ ކޮޓަރިކޮޅުގެ ދެވަނަ ތަޅުދަނޑިވެސް ވީ އެ މެޑަމް އަތުގަ” ގާރޑު މީހާ ބުނެލުމާއިއެކީ ތުގާގެ ދެލޯ ބޮޑުވެގެން ދިއައެވެ. ހައިރާންް ކަމާއިއެކު އިވާންގެ ކުރީގެ ކެބިންއާއި ދިމާލަށް އޭނާއަށް ބަލައިލެވުނެވެ. ދޮރުވާނު މީހާ އެބުނީ ކޮން މެޑަމްއެއްގެ ވާހަކައެއް ހެއްޔެވެ. ހަމަގައިމުވެސް އިތުރު މެނޭޖަރެއް ނުވަތަ މުއައްޒަފެއް ކުންފުންޏަކާއި ގުޅިފައެއް ނުވެއެވެ.
“ކޮން މެޑަމް އެއް ތަ ބޭބޭ؟ ކިހިނެއް ހުންނަ އަންހެން ކުއްޖެއް؟ ނަން އިނގޭތަ ބޭބެއަށް؟” އެއްފަހަރާ ހުރިހައި ސުވާލެއް ތުގާ ކޮށްލިއެވެ.
“ބޭބެއަކަށް ވެސް ނަމެއް ނޭނގެ…ކޮންމެ ދުވަހަކު އޮފިސް ފެށުމުގެ ކުރިން ކަޅުކުލައިގެ ކާރެއްގަ އަންނާނީ…ހުންނަނީ ވަރަށް ދިގު މުށިކުލައިގެ އިސްތަށިގަނޑެއް ދެން ހަމަ ކޮއްކޮވެސް ތިޔަ ހުންނަ ގޮތަށް ހިމަކޮން…އާން އަދި އެ މަންޖެގެ ކަޅި އިންނަނީ ވަރަށް މަޑު މުށިކުލަ އެއްގަ” ވިސްނާލުމަށްފަހު އޭނާގެ ހަނދާނުގައި ހުރި އެއްްޗެއް ދޮރުވާނު މީހާ ކިޔައިދިންއިރު، ތުގާގެ ސުވާލުތަކުގެ ތެރެއަށް ބޮޅެއް އިތުރު ވެގެން ދިއައެވެ.
**********
އިޝާ ނަމާދު ކޮށްލައިގެން މިސްކިތުން އައި އިވާންއާއި ގޭތެރެއިން ބައްދަލުކުރީ ކަނު އަނދިރިކަމެވެ. ވާރޭ ހުއްޓާލާފައި ވީނަމަވެސް ގަސްތަކުގެ ފަތްތަކުގައި ފެންތިކިތައް ހަރުލާފައި ހުއްޓެވެ. ގޯތިތެރޭގައި ވެސް ކުދި ފެން ކޮޅު ކޮޅު ހެދިފައި ހުރިއިރު، ފަޒާގައި ވަނީ ތެތް ފިނިކަމެކެވެ. ހޯރަ އަޅަމުން ދިޔަ ފިނި ވައިރޯޅިތައް ހަށިގަނޑުގައި ބީހިލުމާއިއެކީ ރޫރުއަޅައިގެން ދެއެވެ. ގޯތިތެރެއިން ލާފައި ގޮސް ގޭގެ ދޮރު ކައިރީ ހުރި ސްވިޗް ބޯޑުގެ ސްވިޗަށް ފިއްތާލައި އިވާން މުޅި ގޯތިތެރެެ އަލިކޮށްލިއެވެ. އަޅައިގެން ހުރި ކަޅުކުލައިގެ ކުޑަ މަޅާލުމަށް ފަހު ބޭރުގައި ބަހައްޓާލަމުން ސިޓިން ރޫމުގެ ތެރެއަށް ވައިން އިވާންގެ ކަންފަތުގައި ފުރަތަަމަ ވެސް ޖެހުނީ ކިނބިހީގެ އަޑެވެ.
ސޯފާގައި ނޫރް އިށީނދެއިން އިރު ކުރިމަތީގައި ހުރި ކުޑަ ބިއްލޫރި މޭޒުގެ މަތީގައި ޓިޝޫފޮއްޓެއް ހުއްޓެވެ. ހުއްޓުމެއް ނެތި ކިނބިހި އަޅަމުން ދިޔައިރު، ދެފައި ގަޔާ ކައިރި ކޮށްލައިގެން އިންގޮތުން އޭނާ އެއިނީ ކިހައި ފިނިވެފައި ކަން ހާމަވެއެވެ.
ތިރީގައި ހުރި ކޮޓަރިތަކުން ކޮޓަރިއަކަށް ވަދެ ރަޖާގަނޑެއް ހިފައިގެން އައިސް ސޯފާގެ ފަހަތާއި ކައިރިވެލައި ނޫރްގެ ގައިމަތީގައި އިވާން އަޅައިދިނެވެ. އެއާއިއެކު ސިހިފައި ފަހަތް ބަލައިލި ނޫރްއަށް އަނެއްކާ ވެސް ކިނބިއްސެއް އެޅުނެވެ.
“ބަލިވާކަން އިނގިހުރެ ކީތްކުރަން ވާރެޔާ ތެމުނީ؟” ސިޓިން ރޫމުން ލާފައި ވަދެވެން ހުރި ބޮޑު ބަދިގެއާއި ދިމާލަށް ހިނގައިގަންނަމުން އިވާން ނޫރްގެ ގާތުގައި އަހައިލިއެވެ. އޭރުވެސް އިރުއިރު ކޮޅާ ކިނބިއްސެއް އަޅާލުމަށްފަހު ނޫރް ނޭފަތް ފޮޅާލައެވެ.
އެއްޗެކޭ ނުބުނެ ނޫރް އިނީ، ވާހަކަ ދައްކައިފި ނަމަ އިތުރަށް އޭނާގެ ހާލަތު ގޯސް ވެދާނެ ތީއެވެ. އެނޫނަސް އޭނާ ބަލިވިޔަސް އިވާންއަށް ކީތް ހެއްޔެވެ. އޭނާގެ ޒިންމާ އިވާންއަކާއި ނަގާކަށް ނުޖެހޭނެ ވިއްޔާއެވެ. ކޮނޑުމަތީގައި އޮތް ރަޖަލުން ބޮޑަށް ނިވާވެލަމުން ދެލޯ މަރާލި ނޫރްއަށް އިރުކޮޅެއްފަހުން ދެލޯ ހުޅުވާލެވުނީ، ދުވި ސޫޕުގެ މީރު ވަހުގެ ސަބަބުންނެވެ.
އޭރު އޭނާ ތައްޔާރު ކުރި ސޫޕު ބޯތައްޓަކަށް އަޅައިގެން އައިސް ނޫރްއާއި ޖެހިގެން އިވާން އިށީންނަނީއެވެ. “ސޫޕް؟ އިޒް ދެޓް ފޯ މީ؟” ޤަބޫލުނުކުރެވޭ ފަދަ ގޮތަކަށް ނޫރް އަހައިލިއިރު، އެ ދެލޮލުން ވިދައިލީ ހައިރާންކަމެވެ. ނޫރްގެ އެ ހައިރާންކަމަށް އިވާން އަޅައިލިހެނެއް ހީއެއް ނުވެއެވެ. ސަމްސަލުން އެތިކޮޅެއް ނަގައި އެޔަށް ފުމެލަމުން ހިހޫ ކޮށްލުމަށްފަހު ނޫރްގެ އަނގަޔާއި ސަމްސާ ދިމާކޮށްލަމުން އެ ބުއިމަށް އިވާން އިޝާރާތް ކުރިއެވެ.
ނުބޯން ހުރެފައިވެސް އިވާން ދެވަނަފަހަރަށް ބުނުމުން ބަސްއަހާ ކުޑަކުއްޖެއް ފަދައިން ސަމްސަލުގައި ތުންޖަހައި ސޫޕްކޮޅު ނޫރް ބޯލީ އިވާންގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރެއެވެ. އެ މޫނުމަތިން އަބަދުމެ ފެންނަ ހަރުކަމުގެ ބަދަލުގައި މިހާރު ފެންނަން ހުރީ އޯގާތެރިކަމެވެ. އަޅާލުމާއި ކަންބޮޑުވުމުގެ އަސަރުތަކެވެ.
“އާން އަދި…ކޮބާ އަހަރެންގެ ފޯނު؟” ނޫރް ސޫޕް ތަށި ހުސްކޮށްލުމާއިއެކު ތަށި ހިފައިގެން ތެދުވަމުން އިވާން އަހާލީ ކަމެއް ހަނދާންވި ފަދައިންނެވެ. ހެނދުނު ވެސް އޭނާ ތިރިޔަށް އައިސް ހޯދައި ހޯދައި ފޯނެއް ނުފެނުނެވެ. ޓެލެފޯނުން ގުޅުމުން ރިންގުވާ އަޑެއްވެސް ނީވެއެވެ.
އިވާންގެ ސުވާލާއި އެކު ދެކޮނޑު އަރުވާލަމުން ނޫރް ހަމަޖެހިލިއެވެ. އިވާންގެ ފޯނު ވީތަން އޭނާއަށް އިނގުނު ނަމަވެސް، އެ ފޯނު އިވާންއަށް ލިބޭކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާގެ މަޤުސަދަށް ވާސިލުވާން ފަސޭހަވާނީ އިވާންގެ އަތުގައި ފޯނު ނެތުމުން ކަމަށް ވާތީއެވެ.
ބަދިގެއާއި ދިމާލަށް އިވާން ހިނގައިގަތުމާއި އެކީ، އިންތަނުން ތެދުވެ ނޫރް އޭނާގެ ކޮޓަރިއަށް ދިއައެވެ. ކޮޓަރީގެ ދޮރު ލައްޕާލަމުން ގޮސް އެނދުމަތީގައި ނޫރް އިށީނދެލިއެވެ. ގެސްޓް ހައުސް ސްޓައިލަށް ފަރުމާ ކުރެވިފައިވާ އެ ކޮޓަރީގެ ފަރުނީޗަރުތަކުގައި މަޑު މުށިކުލައެއް ވީއިރު، ފަރުދާތަކާއި ބާލީސް އަދި ބެޑުޝީޓުތަކުގައި ވަނީ ކަފަ ހުދު ކުލައެވެ. ބެޑްރޫމް ސެޓެއް ފިޔަވައި އިތުރު އެހެން އެއްޗެއް ކޮޓަރީގައި ނެތުމުން ފުދޭވަރަކަށް ހުސް ޖާގަ އޮތެވެ. ކަހާލެވޭ ބޮޑު ކުޑަދޮރެއް ހުރި އިރު، އެ ކުޑަދޮރު ފަރުދާކުރެވިފައި ވަނީ ހުދު ކުލައިގެ ލޭސް ފަރުދާއަކުންނެވެ.
އެނދުގެ ކަނައަތް ފަޅީގައި އޮތް ބާލީސް ހިއްލާލަމުން ނޫރް ނެގީ ކަޅުކުލައިގެ ފޯނެކެވެ. އާއެކެވެ. އެއީ އިވާންގެ ފޯނެވެ. ފެނުގެ އަސަރުކުރުމުގެ ސަބަބުން ފޯނު ވަނީ ހަލާކުވެފައެވެ. ފޯނަށް ބަލަހައްޓައިގެން ހުރި އިރު، ނޫރްގެ ޖާދުވީ ދެލޮލާއި މޫނުމަތީގައި ވަނީ ކާމިޔާބީގެ ހިނިތުންވުމެވެ.
***********
“މަންމަ ނިކަން އުޒްވާއަށް ގޮވާބަލަ….އައިމަންއާ ދެމީހުން އެހެން ކޮޓަރިން ނުނިކުމެ ގުއްބަކައިފަ ތިއްބެކޭ ކިޔާފަ ޖެހިގެން އުޅޭ އެއްވެސް މައްސަލަ އެއް ހައްލެއް ނުވާނެ!” ކާމޭޒުގެ ބޮޑު ގޮނޑީގައި އިށީނދެ އިން އުޒާމް ވާހަކަ ދެއްކީ އޭނާގެ ކުރިމައްޗަށް ވާގޮތަށް އިން އާދިލާއާއެވެ. ނަމަވެސް އާދިލާގެ މާ ބޮޑު ސަމާލުކަމެއް އުޒާމް ދައްކަމުން ދިޔަ އެއްވެސް ވާހަކައަކަށް ހުރި ހެނެއް ހީއެއް ނުވެއެވެ. އޭނާގެ ފުރިހަމަ ސަމާލުކަން ހުއްޓިފައި ވަނީ އޭނާ ކަމުން ދިޔަ ކުކުޅު ފަޔަށެވެ.
“މަންމާ….މަންމާ” ތަންކޮޅެއް ބާރަށް އުޒާމް ގޮވާލުމާއިއެކީ އެއްބުމަ ހިއްލާލަމުން އާދިލާ އުޒާމްއާއި ދިމާލަށް ބަލާލިއެވެ. “ޖަސްޓް ފޮގެޓް އިޓް….އަހަރެން ހަނދާންނެތުނީ މަންމަޔާ ކަމެއް ހިއްސާ ކުރުމަކީ ބޭކާރު ކަމެއްކަން” އާދިލާގެ އެ ފަރުވާކުޑަކަމުގެ ސަބަބުން ހިތްހަމަނުޖެހި ހުރެ އުޒާމް ގޮނޑިން ތެދުވެ، ދުރަށް ދިއުމަށް ހިނގައިގަތެވެ.
“އަހަރެން މި ވިސްނަނީ، އަހަރެންގެ ފަރުވާކުޑަ ކަމުގެ ވާހަކަ ދައްކާއިރު އުޒާމް އެހެން މީހުނާ ދޭތެރޭ ވިސްނާ….އެހެންމީހުންގެ އިހުސާސްތަކަށް ޤަދަރުކުރަން ފެށީ ކޮންއިރަކު ބާއޭ! ހަމަގައިމުވެސް އަމިއްލަ އެދުމެއް ނެތި ދަރިފުޅު ތީ އެހެންމީހެއްގެ ހާލުވެސް އަހާލާ މީހެއް ނޫން” އެއިން ގޮތަށް އިނދެ، އަތުގައި އޮތް ކުކުޅުފައިން މަސް ނޮޅަމުން އާދިލާ ބުނެލިއިރު، އޭނާގެ އަޑުގައި އެއްވެސް އަސަރެއް ނެތެވެ.
މަންމަގެ ވިހަ ބަސްތަކާއިއެކު އުޒާމްގެ ދެބުމަ ގޮށްޖެހިގެން ދިއައިރު، އެންމެ ސިކުންތަކު ވެސް އެތާގައި މަޑުކުރުމެއް ނެތި އޭނާ ހިނގައިގަތީ ގެއުން ބޭރަށް ނިކުތުމަށެވެ.
“އުޒާމް އަމިއްލަ ކުށް ޤަބޫލުކޮށް، މަޢާފަށް އެދި ތަޢުބާވެ، އެހެންމީހުންނަށް ޤަދަރުކުރަން އަލުން ފެށި ދުވަހަކުން އުޒާމްގެ މި މަންމަގެ މި ފަރުވާކުޑަކަން ވެސް ހުއްޓޭނެ….މާއްދީ ކަންކަމުގަ ދަރިފުޅު ޖެހި ހުސްވިވީނުން އަމިއްލަ ފައިދާއަށް ޓަކާ ކިތައް މީހުންގެ އުފާވެރިކަން ނިގުޅައިގަތީ! މަންމަ ހީއެއް ނުކުރަން ބޮޑުވެގެން އުޒާމް ހިނގާނީ އުޒާމްގެ ބައްޕަގެ ފިޔަވަޅު މަތިން ކަމެއް….އެކަމު މިހާރު ހުރިހާ ކަމެއް ރަނގަޅުކުރަން މާ ލަސްވެއްޖެ….ދަރިފުޅުގެ އަމިއްލަ ދަރިން ބޮޑެތި ވެއްޖެ….އިވާން ތި މަގުން ހިނގިޔަކަ އަހަރެން ނުދޭނަން” އުޒާމް ދިޔަ ދިމާލަށް ބަލަހައްޓައިގެން އިނދެ އަމިއްލަ ނަފުސަށް އެކަނި އަޑުއިވޭވަރަށް އާދިލާ ބުނި އިރު، އޭނާގެ ދެލޮލުން ކަރުނަ ނީރާލައިފިއެވެ.
***********
ރޭގަނޑުގެ ހަމަހިމޭންކަމާއި އަނދިރިކަން ދުނިޔެ މައްޗަށް އަތްގަދަ ކޮށްފައިވަނީ އިންތިހާއަށެވެ. ވާރޭ ވެހުމުގެ ސަބަބުން މުޅި ފަޒާގައިވެސް ވަނީ ފިނި ސާލެއް އޮޅާލެފިފައެވެ. މިފަދަ އަރާމު ވަގުތެއްގައި ކޮންމެ މީހަކު ވެސް ބޭނުންވާނީ ރަޖާއަޅައިގެން ނިދާލާށެވެ. ނަމަވެސް ނިދީގެ ކަންފުޅެއްވެސް ލައިބާގެ ދެލޮލަކު ނުވެއެވެ.
ތިންދޮރުފަތްލީ ހުދު ކުލައިގެ ކެހޭ އަލަމާރީގެ ދޮރު ހުޅުވާލައިގެން މުށިތައް މަތީގައި އިށީނދެއިން އިރު، ފަހަރަކު ހެދުމެއް ނަގައި ގައިގައި ޖައްސާލުމަށްފަހު ކަމުދާ ހެދުމަކާ ދިމާވެއްޖެ ނަމަ ކައިރީގައި ހުރި ކުޑަ ހަަތަރެސްކަން ފޮއްޓު ތެރެއަށް ލަމުންދިޔައެވެ. ކޮނޑުގައި އަޅުވާފައި ހުރި ހެދުންތައް ހާވަމުން އަލަމާރިއާއި ގާތްވެލި ލައިބާގެ ލޮލުގައި އަޅައިގަތީ، އަލަމާރިތެރޭގައި ފަތްޖަހާފައި ހުރި އެއްޗިއްސުން ނިވާކޮށް ބަހައްޓާފައި ހުރި ރަންކުލައިގެ ފޮއްޓެވެ.
ޓިޝޫ ފޮއްޓެއް ވަރުގެ އެ ފޮށި އަތަށް ނަގަމުން އެއާއި ދިމާލަށް ލައިބާ ބަަލައިލީ ޝައުގުވެރިކަމާއި އެކީގައެވެ. އެހެންޏާ ގޭތެރެއިން ފެނިފައި ނުވާ ފޮއްޓެއް ކަމުން އޭގެ އެތޭރައިގައި އޮތް އެއްޗެއް ބަލާލަން އޭނާ ބޭނުންވިޔެވެ.
އެނދުގައި ނިދިފައި އޮތް ހިބާއާއި ދިމާލަށް ބަލާލަމުން މަޑު ފިޔަވަޅުތަކެއްގައި ގޮސް ލައިބާ ހުއްޓުނީ ސްޓަޑީ ޓޭބަލްގެ ކުރިމަތީގައެވެ. އޭނާގެ މޫނުމަތިން ޝައުގުވެރިކަން ފެނިލިއިރު ފޮށީގެ ތަންޑު ނައްޓާލަމުން އަވަހަށް އެ ފޮށި ހުޅުވައިލިގޮތުން ވެސް އޭނާ ކެތްމަދުވެފައި ހުރި މިންވަރު ހާމަވެއެވެ. އޭނާއަށް އަލަށް ފެނުނު މި ފޮއްޓަކީ މަންމައާއި ބައްޕަގެ އެއްޗެއް ބާއެވެ. ހެދުންތަކުގެ އަޑީގައި ފޮށިފޮރުވާފައި މަންމަމެން ބާއްވަންވީ ކީތްވެބާއެވެ.
އުނދަގުލާއި އެކު ފޮށީގެ ތަންޑު ހުޅުވާލަމުން އެ ކުޑަ ފޮށީގެ ތެރެއަށް ލައިބާ އަވަސް ނަޒަރެއް ދިނެވެ. އޭނާ ހީކުރި ގޮތާއި ހިލާފަށް އޭގައި ވަނީ ރީތިކޮށް ފަތްޖަހާލެވިފައިވާ ކަރުދާސްތަކެކެވެ. ހީވާ ގޮތުން އެއީ ބައްޕަގެ އޮފީހުގެ ލިޔެކިޔުންތަކެކެވެ. ހިތުގައި އުފެދުނު ޝައުގުވެރިކަން ފިލައި ދިއުމުން އެ ގަނޑުތައް ބެލުމެއްނެތި އެ ފޮށި ހުރި ތާގައި ބެހެއްޓުމަށް ލައިބާ އަވަސްވެގަތެވެ. މަންމަމެން ފިހާރަކޮށްގެން އަންނަންވާއިރަށް ފޮއްޓަށް އެއްޗެހި އަޅައި ހެނދުނު ފުރަންވެސް ތައްޔާރުވާން އެބަޖެހެއެވެ.
އެ ކުޑަފޮށި ހިފައިގެން އަލަމާރިއާއި ދިމާލަށް ހިނގައިގަތް ލައިބާގެ އަތުން ފޮށި ދޫވެގެން ގޮސް ވެއްޓުނީ، އޭނާގެ ފައި މުށިތައް މަތީގައި އޮތް ސޫޓްކޭސްގައި އަޅައިގަތުމުންނެވެ. ފޮށި ވެއްޓުނީ އަންނައުނު ފުނީގެ މައްޗަށް ކަމުން އަޑުނުކީ ކަމީ ނަސީބެކޭ ހިތައި ލައިބާ ތިރިވެ އެ ފޮށިން ވެރުނު ގަނޑުތައް ހޮވަން އަވަސްވެގަތެވެ. ޓައިލްތައް މަތީގައި ޖެހި އަޑު ގޮވި ނަަމަ ނިދިފައި އޮތް ހިބާ އަށް ހޭލެވޭނެކަން ގައިމެވެ.
ހުރިހައި ގަނޑެއް އަތަށް ނަގައިލި ލައިބާއަށް އޭނާގެ އަތުގައި ހުރި ގަނޑުތަކަށް ސަމާލުކަން ދެވުނީ، އޭގެން ފެންނަން ހުރިި މީހެއްގެ ފޮޓޯއެއް ލޮލުގައި އަޅައިގަތުމުންނެވެ. ކަޅު ދެލިން އެ ހުދުގަނޑުގައި ވެފިފައިވަނީ މީހެއްގެ އައިޑީކާރޑު ކޮޕީއެކެވެ. ފުދޭވަރަކަށް ޒަމާންވެފައިވީ ކަރުދާސްތަކެއްކަން ހާމަވަނީ، ގަނޑުގެ ކަންކަނުން އިރައިގެން ގޮސް ފައި ހުރުމުންނެވެ.
“ހުސެން ޖަމީލު” ފުރަތަމަ ގަނޑުގައި އިން ނަން ކިޔާލަމުން، ފޮޓޯއަށް ލައިބާ ސަމާލުކަން ދިނެވެ. ފުދޭވަރަކަށް ދުވަސްވެ މުސްކުޅިވެފައި ހުރި ފިރެހެނެކެވެ. އުމުރާއި އެޑްރެސް ނޭނގެނީ އެ ކަރުދާހުގެ ހާލަތު ހުރި ގޮތުން ސާފުނުވުމުންނެވެ. “އައިޝަތު މިލްދާ ޖަމީލު” ދެވަނަ ގަނޑުގައި އިން ނަން ކިޔާލަމުން އޭގައި އިން ފޮޓޯއަށް ލައިބާ ނަޒަރު ހުއްޓާލިިއެވެ. ނަަމަވެސް ފޮޓޯއާއި ދިމާލުން އިރައިގެން ގޮސްފައިވުމުން އެ އަންހެން މީހާގެ މޫނެއް ނުފެނުނެވެ. އެޑްރެހަކަށް އިނީ “މެލޯ ވާދީ، ހުޅުމާލެ” އެވެ. ދެން އޮތް ގަނޑަށް ނަޒަރު ހިންގާލި ލައިބާއަށް ދެލޯ ބޮޑުކޮށްލެވުނީ ކިޔުނު ނަމަކުންނެވެ.
“އިބްރާހިމް ޒާހިރު” އާއެކެވެ. އެއީ އޭނާގެ ބައްޕަގެ ނަމެވެ. ހަސްނާ އޭނާއަށް ބުނެދީފައިވަނީ އޭނާގެ ބައްޕަގެ ނަން އެކަންޏެވެ. އަދި އޭނާގެ މަންމަ ވަނީ އޭނާ ވިހެއުމުގެ ތެރޭގައި މިދުނިޔެ ދޫކޮށްފައިކަމަށް ހަސްނާ ބުންޏެވެ. ނަމަވެސް އޭނާގެ ބައްޕަގެ އައިޑީކާޑުގެ ކޮޕީއެއް މިގޭގައި ކީތްކުރަނީ ހެއްޔެވެ.
އިތުރު އެއްޗެއް ސާފުނުވުމުން އެންމެ ފަހު ގަނޑު ލައިބާ ހުޅުވާލިއެވެ. “މަލްހާ ޒާހިރު” އޭގައި ވަނީ އުމުރުން ދިހަ އަހަރުގެ އަންހެން ކުއްޖެއްގެ ފޮޓޯއެކެވެ. އެހައި ސާފު ނޫންވުމުން މޫނު ނޭނގުނަސް އެކުއްޖާގެ އެޑްރެހަކީވެސް މެލޯ ވާދީކަން ލައިބާއަށް އިނގުނެވެ.
މަލްހާ ޒާރިހަކީ ކާކު ހެއްޔެވެ. އޭނާގެ ބައްޕަގެ ނަން އެކުއްޖާގެ ނަމުގެ ފަހަަތަށް އަންނަންވީ ކީތްވެ ހެއްޔެވެ. އޭނާގެ ބައްޕައާއި މަލްހާ، މިލްދާ އަދި ޖަމީލާއި އޮތީ ކޮން ގުޅުމެއް ހެއްޔެވެ. އަނެއްކާ މަލްހާއަކީ އޭނާގެ ދައްތަ ހެއްޔެވެ. ހިތުގައި އުފެދެމުން އައި ސުވާލުތަކާއިއެކު ލައިބާއަށް ކޮއްޅަށް ތެދުވެވުނެވެ.
“ލައި ޕެކު ކޮށް ނިމުނީތަ؟” ސިޓިން ރޫމުގެ ދޮރު ހުޅުވުނު އަޑާއިއެކު އިވިގެންދިޔަ ހަސްނާގެ އަޑުން، އަވަހަށް އަތުގައި ހުރި ގަނޑުތައް ފަތްޖަހާލަމުން ނަގައި އެ ރިހި ފޮށީގެ ތެރެއަށް ލުމަށްފަހު އަަލަމާރިއަށް ލައި، ލައިބާ ހަމަޖެހިލިއެވެ. ލޮލުން ނީރާލާފައި ހުރި ކަރުނަތިކި އަތުގެ ނުފުށުން ފޮހެލަމުން ކޮޓަރިން ބޭރަށް އޭނާ ނިކުތީ ޕްލާސްޓިކު ހިނިތުންވުމަކާއި އެކީގައެވެ.
***********
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. އަޅި ވިލާތަށް އުޑު މައްޗަށް ވެރިވެގަނެ، ރޭގަނޑުގެ ރާނީ ހަނދުވެސް ފޮރުވާލާފައި ވުމުން އެއްވެސް އަލިކަމެއް ނެތެވެ. ވާރޭ ނުވެހުނަސް ވިދާ ގުގުރަމުން ދިޔައީ ބޯ ގަދަ ވަޔާއި އެކީގައެވެ. ވައިގެ ސަބަބުން ގަސްތަކާއި ރުއްތައް ވެސް ހީވަނީ ބިންގަނޑުން ލުހިގެން އައިސް ދާނެ ހެނެވެ.
ނިދީގައި އޮތް ނޫރް ދެއަތް ދެއަތަށް ފުރޮޅެމުން ދިޔަ އިރު އެ ދޮން މޫނުމަތީގައި ދާތިކިތައް ވިދަވިދައި ހުއްޓެވެ. ނިދީގެ ތެރެއިން ވާހަކަ ދައްކަމުން ދިޔައިރު، ހީވަނީ ބޮޑު އުނދަގުލަކާއި ކުރިމަތިލަމުން ދިޔަ ހެނެވެ. ހިމޭނުން ނޯވެ ތެޅިފޮޅެމުން ދިޔަ ގޮތުން އޭނާ އެދަނީ ދަތި ވޭނަކާއި ކުރިމަތި ލަމުން ކަން ހާމަވެއެވެ. ނީދީގެ ތެރެއިން ހުވަފެނީ އާލަމުންވެސް ނޫރްއަށް ހަމަޖެހުމެއް ނުލިބެނީ ކަންނޭނގެއެވެ.
“މަންމާ……” ބާރު ބާރަށް ނޫރްގެ ކޮޓަރިން އިވުނު އަޑާއިއެކު، އޭނާގެ ކޮޓަރީގައި ލެޕްޓޮޕަށް ނަޒަރު ހުއްޓާލައިގެން އިން އިވާން އިންތަނުން ތެދުވެ އެކޮޓަރިއާއި ދިމާލަށް ދުއްވައިގަތެވެ .”ނޫރް….ވަޓް ހެޕަންޑް؟؟؟” ފުން ނޭވާތަކެއް ލަމުން އެނދުމަތީގައި އިށީނދެ އިން ނޫރް ފެނުމާއިއެކު ގޮސް ނޫރްގެ މަގަތުގައި އިށީންނަމުން އިވާން އަވަހަށް އަހައިލީ، ކަންބޮޑުވެ ހުރެއެވެ.
ބިރުން ގޮސް ތުރުތުރު ލަމުން ދިޔަ ނޫރްއަށް އިވާންގެ ހަށިގަނޑުގައި އޮޅުލައި ގަނެވުނީ ބޭއިހްތިޔާރުގައެވެ. މިވަގުތު އޭނާއަށް މީހެއްގެ އެހީތެރިކަމާއި ރައްކާތެރިކަން އިންތިހާއަށް ބޭނުމެވެ. ވޭތުވެދިޔަ ފަނަރަ އަހަރު، އެކަނިވެރިކަމާއި އެކު ގުނަމުން ދިޔަ ހަޔާތުގެ ވޭނީ ދުވަސްތަކުގެ ނިމުން ގެންނަށް އޭނާ ބޭނުމެވެ.
ނޫރްގެ ހަށިގަނޑު އައިސް އޭނާގެ މޭމަތީގައި ޖެހުމާއިއެކީ، އިވާންއަށް ސިހުން ލިބުނީ، ނޫރްގެ ހަށިގަނޑު ހޫނުކަމުންނެވެ. އަވަހަށް ނޫރް ދުރުކޮށްލަން އުޅުނު އިވާންއަށް އެކަން ކާމިޔާބު ނުވީ، އޭނާގެ ހަށިގަނޑުގައި ނޫރް އޮޅުލައިގެން ހުރިލެއް ބާރުކަމުންނެވެ. އަވަސްވެފައިވީ ނޫރްގެ ހިތުގެ ވިންދާއި، ލަމުން ދިޔަ ފުން ނޭވާ ތަކުގެ ސަބަބުން ނޫރްގެ ހާލަތު ރަނގަޅު ނޫންކަން އިވާންއަށް ނަގައިގަނެވުނެވެ.
އަބަދުމެ މޫނުމަތިން އެއްވެސް އަސަރެއް ނުދައްކައި އުޅޭ ނޫރްގެ މި ހާލަތާއި ސިފަ ފެނުމުން އިވާންގެ ހިތުގައި ސުވާލުތައް ފުނިޖެހުނެވެ.
**********
އާދުވަހަކަށް އިރުއެރީ ރޭގައި ވެހުނު ބޯ ވާރޭގެ އަސަރު އުޑުމަތިން ނައްތާލައި، އަޅި ވިލާތަކުގެ ކުލަ ނުލަށް ބަދަލުކޮށްލުމުގައި ކާމިޔާބު ހޯދަމުންނެވެ. ފިނިކަމެއް ފަޒާގައި އެކުލެވިފައިވީ ނަމަވެސް އަވިދެމުން ދިޔުމުގެ ސަބަބުން ފިނީގެ މާކަ ބޮޑު އަސަރެއް ނުކުރެއެވެ.
ލާމިއު އާއި އެކު އެއާރޕޯރަށް އާދެވުމުން ޗެކިންގެ ކަންތައް ނިންމާލުމަށް ފަހު، ފުރާމީހުން ވަންނަ ދޮރުން އެތެރެއަށް ލައިބާ ހިނގައިގަތީ، ދުރުގައި ހުރި އޭނާގެ ބައްޕައަށް ހަނާ އަޅާލަމުންނެވެ. ކޮލެޖުގެ ފަރާތުން ވިޔަސް، މައިންބަފައިންނާއި ދުރަށް އޭނާ ދާ މީ ފުރަތަމަ ފަހަރުކަމުން، ކުރެވެމުން ދިޔައީ ތަފާތު އިހުސާސެކެވެ. އަދި ރޭގައި އިނގުނު ކަންތަކަށްފަހު ސުވާލުމާރކެއްގެ ތެރޭގައި ހުރެ ފުރަން ޖެހުމުން އޭނާ ހުރީ ނުތަނަވަސް ވެފައެވެ. އެ އައިޑީކާޑު ކޮޕީތަކުގައި ވާމީހުނާއި އޭނާއާއި ގުޅުމެއް ވޭބާއެވެ. މިކަމުގައި ފޮރުވިފައިވަނީ ކޮން ސިއްރެއް ބާއެވެ.
ނަމަވެސް، އޭނާގެ ޤާބިލުކަމާއި ހުނަރަށް އިތުބާރުކޮށް ކޮލެޖުން ދިން މި ފުރުސަތުގ ބޭނުން އެންމެ ފުރިހަމައަށް ހިފައި، އައު އެއްޗެހި ދަސްކޮށް އުނގެނެން އޭނާ ބޭނުމެވެ. ފްލައިޓަށް އެރުމުގެ ކުރިން އައިމަންއަށް މެސެޖެއް ފޮނުވާލައި، އޭނާ ފުރާކަން ލައިބާ އައިމަންއަށް އަންގާލިއެވެ. އިއްޔެ ހަތަރުދަމު އޭނާ ގުޅައި ގުޅައި އައިމަން ފޯނު ނުނެގުމާއިއެކީ، ފުރަން އުޅޭ ވާހަކަ އޭނާއަށް އައިމަންއަކާއި ހިއްސާއެއް ނުކުރެވުނެވެ.
ފްލައިޓު ރަންވޭއިން ނައްޓާލުމާއިއެކީ ފުސްވަމުންދިޔަ މާލޭގެ މަންޒަރަށް ލައިބާ ބަލައިލީ، ބަދަލުވާން މިއުޅޭ އޭނާގެ ހަޔާތުގެ ހިލަމެއްވެސް ނުވާ ހާލުގައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.



Kaleyney! Mi laiba aky noor kamana ge behena dhw subbuuu hama eh leyeh zaahiruge dharin jameeluge kaafa dharin haehaehae! Yageeney mi laamiu bro miulheny laiba vagah nagaigen kalo
Uzva eh kamaku aiman sorah evarah aniya nudhy thedhah bunan v nu! Esoru ge kankashi mathi viyya???? magolr vx dhera vejje esorah ehera vaagothun! Adhi mamdhoobe dead kan ingijjiya esoruge hiyy hama falhaigen dhaane
Noor kamana roaaga laigathy dhw ma kihaa rangalhu soup kakkaafa mi boan dhiny nulaahiku loabin???? ma golr kahala loabivaa yaareh kamana akah nulibeyne ingey!
Uzaam ah bolheh hahahahahah amo vx soru kiyaa ekahchakah alha eh nulayo! Amo ah kamudhany kukulhu fayo????????
Laiba dhariya suvaalu markehga hure viyas dhidhany behena kairi ah , insha allah jaldhy mulaakaath hoajaa egaaa????
Hooon adhi mi thugarudhiya eba dhe ehnu jaasooos kuran ! Kamana ah nulibeyne hama fukeh vx adhi ulheythi vaguvagahhh vagu bulhaa?????
Sisooo hama habeys ingey! Sifa kurun thah hama obi! Ma golr ah hyvy vaahaka therey ulhefa nikumevunu hen! Koba manje thakaa nidhy tha? Noony ???
ކަލޯ ކަލޭމެންނަށް ކޮމެންޓް ކުރެވޭތެ މަމިހާރު ބޯގޮވާފި ލޮގިންް ވެގެން ވެސް ކުރާ ކޮމެންޓް އެއް ޕަބްލިޝް އެއް ނުކުރޭ
Thankyou ivv❤️ Log in waan jeheythy i guess ivaan ge frnd manjr men ye habareh nuwegen e ulheny ingey
ކަލޯ މަ ބޮޑު ގަރާރެއް އިނގެރޭސިން ލިޔުނީމަ ވެސް ޕަބް ނުކޮށްދިނެއްނު މި އާއްޓޭ?
Ohoaa kohdhyfi dho
mi ulheniynun! ev bro ehves social media eh beynun kurantha?
Eyyy ma vess ebaulen login vaan jehunu fahun ekakuakah vess naadevey dhw
Aarif ah ves
Mithaa ebauley the Viber beynun kuraa kuhje
Heiiiii sisoo❤️❤️❤️
Mi part vess vrh sali❤️❤️❤️
Masha Allah keep it up sis ❤️❤️❤️
And dhen oi bayah curious koh Waiting ingeyyy❤️❤️❤️
Love uuu soo much❤️❤️❤️
Stay safe and take care ❤️❤️❤️
Mihaaru cmnt publish kohdey dhw post kuraathaa irukoleh fahun
Kobaa thr Ril ge cmnt publish nukohdeny thr
??
Varah reethi mi part Maasha Allah ??
Majavaany noor ge baalis dhashuga oi ivaan ge phone fenijjeyaa??
Mi noor akaa laibaa aa gulhumeh ovey kanneyge dhw ehen v ma??
Yaa dhen ivaan ves ragalhu dhw???
Hehehe lets see dhw! Thankyou maash♥️
hey sisoo!
Miy lai ingey!Btw new update sucks!But the story doesn’t! Aslu noor ge aslu nan/kudairu ge nan lai ge aslu namaa gulhey v.bodah!Just a fili thafaathiy! Noor and lai is related dhw! Ivaanu bro kalw maama aslu kind hearted dhw! Uzamtey ves v.baddie!Ehves miyheh thaakah nudhuve madu kurebala! Mi uxvaa kamanage mahsala eh nethuniy hey miadhu beynun hunnna vahtharu hunnanings tha? overall v.reethi! aharumenge hero haadha kind ey! dheewaana vey moosun! vaarey vehi lumun! Eyrun in naaniy malvaan dhw! noony evoor! yo! mi garudhiya gandu mi haaru hunnane sikundiyga hoops gunan! HAHAHAHA! sisoo v.reethi ingey!