ނަމަވެސް މިއަދު މިވަނީ އެ ރުޅި ލޯތްބަށް ބަދަލުވެފައެވެ. އާނއެކެވެ! ޔުމްނުއަށް އިރުމް ދެކެ ލޯބި ވެވިއްޖެއެވެ.
ޔުމްނު ހިތަށްއެރިއެވެ.
“ނަފްރަތަކީ ނުވަތަ ރުޅިއަކީ ލޯބީގެ ފެށުމޭ” މީހުންބުނެއުޅެނީ ހަމަތެދެއްވީމަތާއެވެ!
ޔުމްނު ގްރޭޑް ދިހައެއް ނިންމާލުމަށްފަހު ރަށަށް އައިސް އެންމެ ފުރަތަމަވެސް ބެލީ އިރުމްއަށް މެސެޖް ކުރެވޭތޯއެވެ.
ޔުމްނު އަށް އިރުމްގެ ނަމްބަރ ދިނީ ޔުމްނުގެ ދޮންބެއެވެ.
ޔުމްނުއާއި އިރުމްގެ ގުޅުން މަޑުމަޑުން ލޯބީގެ ގުޅުމަށް ބަދަލުވަމުން ދިޔައެވެ.
2016 ވަނަ އަހަރު ޔުމްނު އުޅުނީ ރަށު ސްކޫލްގައި ރިލީފް ޓީޗަރަކަށެވެ.
އެ އަހަރުގެ ބޮޑު ޗުއްޓީގައި ޔުމްނުމެން ރަށުގައި ކުޅުނު ނެޓްބޯޅަ މުބާރާތެއް ކުޅެ ނިންމާލުމަށްފަހު ޓީމް އެންމެން ރޭވީ ރަށުގެ ފުއްޓަރު ފަރާތަށް ޕިކުނިކު ދިއުމަށެވެ.
ޔުމްނުގެ މަންމަމެން ޔުމްނު ޕިކުނިކު ފޮނުވާކަށް އެހާ އެއްބަހެއް ނޫނެވެ. ސަބަބަކީ ޔުމްނު އަކީ އިރުއިރުކޮޅުން އަކުނިވަޔަށް ދަމައިގަންނަ ކުއްޖަކަށް ވާތީއާއި ރޯގާޖެހިފައި ހުރީމަޔާވެސް އެކުއެވެ.
ނަމަވެސް ޔުމްނު އާދޭސްކުރަން ފެށުމުން ޔުމްނުގެ މަންމައާއި ބައްޕަ މޫދުނޭރޭން ޝަރުތު ކުރުމަށްފަހު ޔުމްނު ޕިކުނިކު ފޮނުވިއެވެ. ޔުމްނު އުފަލުން އިރުމްއަށް ޕިކުނިކު ދާވާހަކަ މެސެޖް ކުރިއެވެ.
ޔުމްނު ޕިކުނިކު ދިޔުމަށްފަހުވެސް އަބަދު އިންނަނީ އިރުމްއަށް މެސެޖް ކުރާށެވެ. އިރުމްއަށް މެސެޖްކުރަން ބޮޑުކަމަކަށް ވުމުން ޔުމްނުއާއި ގުޅިއެވެ. އަދި ކޮށިމަގާވީ ދިމާލަށް ފޮޓޮއެއް ނަގާލަން އައިސްބަލާށޭ ބުނެ ފޯން ކަނޑާލިއެވެ.
ޔުމްނު އެ މަގާ ގާތް ވަމުންދާވަރަކަށް ޔުމްނުގެ ހިތް ދަނީ ބާރުބާރަށް ތެޅެމުންނެވެ. ޔުމްނު ގޮސް އެމަގާ އަރާ ހަމަވިއިރު އިރުމް ސައިކަލުން ފައިބަނީއެވެ. ޔުމްނުގެ ދެއަތާއި ދެފައި ހީވަނީ ގަނޑުފެންކޮޅެއްހެންނެވެ.
ޔުމްނުއާއި އިރުމް އުމުރުގަވެސް އަދި އެކަހެރިކޮށް ބައްދަލުއެވަނީ އަލަށް ކަމަށް ވުމުން ޔުމްނުހުރީ ފާޑަކަށް ބިރުވެސް ގަނެފައެވެ. ސަބަބަކީ ރަށުގެ އެއްވެސް މީހަކަށް ފެނިދާނެތީއެވެ. ފެނިއްޖެނަމަ ދެން ވާނެ ގޮތާއި މެދު ވިސްނާފައި ޔުމްނު ބިރުގަންނަނީއެވެ.
އިރުމް ޔުމްނު ކައިރިއަށް އައިސް ފޯން ނެގުމަށްފަހު ފޮޓޯނަގަން އުޅުނެވެ. ޔުމްނު ލަދުން އިރުމްއަށް ފުރަގަސް ދިނެވެ. އަދި އެތާހުރި ކަށި ގަހަކުން ފަތްކޮޅުކޮޅު ބިނުމަށްފަހު އިރުމްގެ ގަޔަށް އުކިއެވެ. އިރުމްވެސް ޔުމްނުގެ ގަޔަށް ފަތް އުކިއެވެ. އިރުކޮޅަކު މި ސަކަރާތުގައި ތިބުމަށްފަހު އިރުމް ޔުމްނު އަތުގައި ހިފައިން އެމަގު ކައިރީ އޮތް ވިނަގަސްތަކެއް ކައިރިއަށް ދިޔައެވެ. އެތަނަށް ގޮސް ހުއްޓުންއިރު ޔުމްނު ހުރީ އިރުމްގެ ގައިގައި ޖެހޭ ނުޖެހޭހާ ހިސާބުގައެވެ. ޔުމްނު ހުރީ ލަދުންގޮސް ވިރެން ގާތްވެފައެވެ.
ޔުމްނު އިރުއިރުކޮޅާ ނޭފަތް ދަމާތީ އިރުމްއަށް ޔުމްނު ވަރަށް ބޮޑަށް ރޯގާ ޖެހިފައިކަން އިނގުނެވެ. އަދި ޕިކުނިކު ކެންސަލް ކޮއްލާފައި ގެޔަށް ދިޔުމަށްވެސް ބުންޏެވެ. ޔުމްނު ނޫނެކޭ ކިޔާ ކުޑަކުޑަ ބޭބީއެއްހެން ބޯ ހޫރާލިއެވެ. އިރުމް ޔުމްނު އަތަށް ދަމާލާ އިރުމްއާއި އަދިވެސް ބޮޑަށް ގާތްވެލިއެވެ. އަދި ނޭފަތުން ފައިބާ ބަޓަރުކޮޅު ބޯލަދެންހޭ ބުންޏެވެ. ޔުމްނު ލަދުންގޮސް އިރުމްގެ މޭގައި ޔުމްނުގެ މޫނު ފޮރުވާލިއެވެ.
އިރުމް ޔުމްނުގެ ގައިގައި ވަރަށް ލޯބިން ބައްދާލުމަށްފަހު ޔުމްނުގެ ދަތްދޮޅީގައި ހިފާ އިސްއުފުއްލާލިއެވެ. އަދި ޔުމްނުގެ އެރީތި ފިޔާތޮށި ތުންފަތަށް ކިސްއެއް ދިނެވެ.
ޔުމްނުއަށް ހުރެވުނީ ނޭވާ ހިފަހައްޓާލައިންނެވެ. މިކަހަލަ ކަމެއް އިރުމްކުރާނެކަމަށް ނުވިސްނާހުރި ޔުމްނު ހުރީ ގަބު ކައިފައެވެ.
އިރުމް ޔުމްނުގެ މޫނުން އަތް ދޫކޮއްލުމަށްފަހު ދެން އަވަހަށް އެމީހުން ކައިރިއަށް ދާށޭ ބުންޏެވެ. ޔުމްނު އަވަސްއަވަހަށް އިރުމްއަށް ފުރަގަސްދީ ދާން ހިނގައިގަތެވެ. އަދި އެވަގުތު ޔުމްނުގެ ތުންފަތުގައި ކުޅެލީ ލަދުރަކި ހިނިތުންވުމެކެވެ.
އިރުމްއައީ އަސްލު ޔުމްނުއަށް ވަރަށް ރޮމޭންޓިކް ގޮތަކަށް ޕްރޮޕޯޒް ކުރަން ހިތުލައިގެންނެވެ. ނަމަވެސް ޔުމްނު ފެނުމުން އިރުމްއަށް އޭނާގެ އަމިއްލަ ނަފްސް ކޮންޓްރޯލް ކުރަން އުނދަގޫވިއެވެ.
އިރުމް ޔުމްނުއަށް ކިސް ކުރީކީ ގަސްތަކު ނޫނެވެ. އެއީ އިރުމްގެ ކޮންޓްރޯލް އިން ނެއްޓިގެން ދިޔަކަމެކެވެ.
ޔުމްނު އިރުމްއާއި ދޭތެރޭ ހީކުރާނީ ކީކޭބާއޭ އިރުމްގެ ހިތަށް އެރިއެވެ. ނަމަވެސް އިރުމްއަށް ނޭންގޭ ކަމަކީ ޔުމްނު ވެސް ހުރީ އިރުމްއަށް އެކުރެވުނު ކަމަކުން ނުހަނު އުފާވެފައި ކަމެވެ.
ޔުމްނުއާއި އިރުމްގެ ގުޅުމަށް މިހާރު ނަންދެވޭނީ ބީ.އެފް ޖީ.އެފް ގެ ނަމުންނެވެ. ޔުމްނު އިރުމްއާއި ގުޅިގެން އުޅޭކަން އެނގުމުން ޔުމްނުގެ ބައްޕަ ވަރަށް ހިތްހަމަ ނުޖެހުނެވެ. ސަބަބަކީ ހަމަ ކުރިން ޔުމްނުވެސް އިރުމްދެކެ ފޫހިވީ ސަބަބެވެ. ނަމަވެސް ޔުމްނުގެ މަންމައާއި ޔުމްނުގެ ދޮންބެ ޔުމްނު އިރުމްއާއި ގުޅިގެން އުޅެން ވަރަށްވެސް އެއްބަހެވެ. ސަބަބަކީ އިރުމްއަކީ ގޯސް ކުއްޖަކަށް ނުވާތީއެވެ. ސިނގިރޭޓް ބުޔަސް ފަސް ވަގުތު ބަރާބަރަށް ނަމާދުކުރާތީއެވެ.
ޔުމްނުގެ ބައްޕަ ޔުމްނުއަށް އިތުބާރުކުރުމަށްފަހު ޔުމްނުއާއި އިރުމް ގުޅިގެން އުޅެން އެއްބަސްވިއެވެ. އަދި ޔުމްނުއާއި ބައްދަލުކުރަން ބޭނުމިއްޔާ ޔުމްނުމެން ގޭގަ ސިޓިންރޫމްގަ ދެމީހުން ބައްދަލުކުރަން ބުންޏެވެ.
ޔުމްނުއާއި އިރުމް ގުޅިގެން އުޅުންއިރުވެސް އިރުއިރުކޮޅާ ޔުމްނު އަކުނިވަޔަށް ދަމައިގަނެގެން ހޮސްޕިޓަލަށް ގެންދެއެވެ. ޔުމްނުގެ މި ބަލި ކިތޭ ޑޮކްޓަރަކަށް ދެއްކިއްޖެއެވެ. އެންމެނެްވެސް ބުނަނީ އެއްވެސް ކަމެއް ނެތްކަމަށެެވެ. ބައެއްމީހުން ބުނަނީ ލޮނާއި، ކެލްޝިއަމް ހަށިގަނޑުގައި މަދުވުމުގެ ސަބަބުން ކަމަށެވެ.
އޭގެ ފަހުން ޔުމްނު ކޮންމެ ދުވަހަކުވެސް ކެލްޝިއަމް ކިރާއި ލޮނު ޕެކެޓް ބޮއެވެ. ނަމަވެސް މިކަމަކުން އެއްވެސް ކުރިއެރުމެއް ނުލިބުނެވެ.
2017 އަދި 2018 ވަނަ އަހަރު ޔުމްނު ވަޒީފާ އަދާކުރީ ރަށުގައި ހުރި ފެނަކަ އޮފީހުގައެވެ. 2019 ވަނަ އަހަރު އަލުން ޓީޗަރަކަށް ޔުމްނު ކުރިމަތިލިއެވެ. އަދި ހޮވެންވެސް ހޮވުނެވެ. ޔުމްނު ޓީޗަރަކަށް ވާހިތްވަނީ ކުޑައިރުންސުރެވެސް ކުޑަކުދިންނަށް ކިޔަވައި ދިނުމަކީ ޔުމްނު ވަރަށް ކުރާހިތްވާ ކަމަކަށް ވާތިއެވެ. ޔުމްނު ދާއިމީ ޓީޗަރަަކަށް ވާން ބޭނުންވާތީ ހޮޅުދޫގައި އޮތް މައި.ކޮލެޖް ގެ ޓީޗިން ކޯހުގައި ޔުމްނު ބައިވެރިވިއެވެ.
ޔުމްނުއާއި އިރުމް ރައްޓެހިވެގެން އުޅޭތާ 2 އަހަރު ފާއިތުވެއްޖެއެވެ.
ޔުމްނުއާއި އިރުމްއަކީ މިހާރު ރަށުގައި ތިބި އެންމެ ލޯބި ދެ ޖީ.އެފް ބީ.އެފް އެވެ. ޔުމްނުއާއި އިރުމް އެެކަު އަނެކަކުދެކެ އިންތިހާޔަށް ލޯބިވެއެވެ.
އެއްދުވަހެއްގެ މެންދުރު ގަޑީގައި ސްކޫލްގައި އޮތް އެކްޓިވިޓީއަކަށް ޔުމްނު އަންނަން ތައްޔާރުވެގެން ގޭ ސިޓިންރޫމްގައި އިރުމް އެއްކޮށް އިންދައި ކުއްލިޔަކަށް ފަޔަށް ވާންވެފައި އަކުނިވަޔަށް ދަމައިގަތެވެ. އިރުމްއާއި ޔުމްނުގެ ބައްޕައާއި ދެމީހުންވެގެން ޔުމްނު ކޮޓަރިއަށް ގެންދިޔައެވެ. ދެން ޔުމްނުގެ މަންމަ އެ ދެމީހުން ކައިރީ ބޭރުގައި މަޑުކުރަން ބުނުމަށްފަހު އައިސް ޔުމްނުގެ ފައިގައި ތެޔޮ ދަމަން ފެށިއެވެ.
ނަމަވެސް ޔުމްނުގެ ފަޔަކަށް އެއްވެސް ލުޔެއް ނުލިބެއެވެ. ޔުމްނު އަޑުންއަޑު ނަގާފައި ރޯންފެށިއެވެ. ޔުމްނުގެ މަންމަ އަށް ޔުމްނު ހިފަހައްޓާލެވޭ ވަރު ނުވުމުން ދުވެފައި ގޮސް ޔުމްނުގެ ބައްޕައަށާއި އިރުމްއަށް އަވަހަށް އައިސްބަލާށޭ ކިޔާ ގޮވިއެވެ.
ޔުމްނުގެ ބައްޕައާއި އިރުމް ދުވެފައި ޔުމްނު ކައިރިއަށް އައިސް ޔުމްނު ހިފެހެއްޓޭތޯ ބެލިއެވެ. އެވަގުތު އިރުމް ޔުމްނުގެ ބައްޕަ ކައިރީ އިރުމްގެ ތިމާގެ ދައްތައަކަށް ރުޤްޔާ ކުރަންއައިސް އުޅޭ ބޭބެއަށް ޔުމްނު ދައްކާލަން އެދުނެވެ.
ޔުމްނުގެ ބައްޕަ އެހާ ޤަބޫލެއް ނޫނެވެ. ނަމަވެސް ޔުމްނުގެ މަންމަ ވެސް ޔުމްނު ރުޤްޔާ ކުރާ މީހަކަށް ދައްކަން ބޭނުންވެޔޭ މި ވާގޮތް މިހާރު ބަލަން ވެއްޖެއްނޫންހޭ ބުނުމުން އިރުމް އިތުރަށް ޔުމްނުގެ ބައްޕަ ބުނާ އެއްޗަކަށް ބެލުމެއްނެތި ގޮސް ރުޤްޔާ ކުރާ ބޭބެ ގޮވައިގެން އައެވެ.
އެ ބޭބެ ވަގުތުން އައިސް ޔުމްނުކައިރީ ކޮޅަށް ހުރެގެން ވަރަށް ބާރަށް ޤްރްއާންގެ އާޔަތްތަކެއް ކިޔަވަން ފެށިއެވެ. ދެން ޔުމްނުއަށް ވާންފެށީ މީން ދުވަހަކު ނުވާ ގޮތްތަކެކެވެ. އެއްވެސް މީހަކަށް ޔުމްނު ހިފަހައްޓާލެވޭ ގޮތެއް ނުވިއެވެ. ޔުމްނު ބޮލުގަޔާއި ބަނޑުގަޔާއި އަތް އަޅައިން އޮވެގެން ތެޅިފޮޅެނީއެވެ.
ދެން ކުއްލިޔަކަށް ޔުމްނުގެ އަނގައިން ފޮނުތަކެއް ނިކުމެފައި ޔުމްނު އޯކަށް ދެމެން ފެށިއެވެ. ޔުމްނުގެ މަންމަ ދުވެފައި ގޮސް ކުޑަ ތައްޓެއް ހިފައިން އައިސް ޔުމްނުގެ އަނގަޔާއި އެ ދިމާކުރިއެވެ. އިރުކޮޅެއްވަންދެން އެހެން ތެޅިތެޅިފައި ޔުމްނު ކުޑަ ހޮޑުކޮޅެއް ލިޔެވެ. އެ ހޮޑުކޮޅު ލެވުމަށްފަހު ޔުމްނު މައިތިރިވިއެވެ.
ދެން އެ ބޭބެ ޔުމްނުގެ ބޮލާއި ކޮޅަށްގޮސް ކޮންމެސް އެއްޗެއް ކިޔަވާލުމަށްފަހު ޔުމްނުގެ ނިތްކުރީގައި ބޮޑުވައި އިނގިލި ހާކާލާ ބޮލަށް ފުމެލިއެވެ.
ވަގުތުން ޔުމްނުގެ ދެލޯ ހުޅުވި މީހާ އެއްކޮށް ނޯމަލް ވިއެވެ.
ޔުމްނުގެ ބައްޕަ އެ ބޭބެ ކައިރީ ހުރިހާ ކަމެއް ރަނގަޅު ދޯއޭ އެހިއެވެ. އިރުމް އެވަގުތު ހިތަށް އެރިއެވެ. ހުރިހާ ކަމެއް ރަނގަޅުނަމަ ޔުމްނުއަށް އެވަރު ވީސް ހެއްޔެވެ؟
އެ ބޭބެ ޔުމްނުގެ ބައްޕައަށް ޖަވާބްދާރީ ވިއެވެ. “ކަމެއް ނެތްނަމައެއް ޔުމްނުއަށް އެހެނެއް ނުވީސް، ޔުމްނުއަށް ހުރީ މީހަކު ފޮނި އެއްޗެއް ކާންދީފައި”
ޔުމްނުގެ ބައްޕައަށް އަދިވެސް ގަބޫލް ނުކުރެވިގެން އެޔެއް ކިހިނެއްހޭ އިނގެނީ އެހިއެވެ. އިރުމްހުރީ ޔުމްނުގެ ބައްޕަ ޔުމްނުގައިގައި ސިހުރުގެ ކަމެއް ހުރިކަން ޤަބޫލް ނުކުރާތީ ވަރަށް ހިތްހަމަ ނުޖެހިފައެވެ.
ބޭބެ ބުންޏެވެ. “ކިޔަވަން ފެށުމުން އެ ކުއްޖާގެ އަނގައިން ފޭބި ފޮނުތަކާއި ހޮޑަށް ލީ ދަވަތަކާއި އެއީ އެކަމުގެ ހެކި”
ޔުމްނުގެ ބައްޕަ އިތުރަށް އެއްޗެކޭ ނުބުނުމުން އިރުމް ދެން ކަންތަށް ކުރަންވީ ކިހިނެއްތޯ އެހިއެވެ.
ޔުމްނު ކައިރިއަށް އެ ބޭބެ އައިސް ޔުމްނުއަށް އެކަމަށް ކިޔަވައިގެން ފަރުވާދޭނެ ކަމަށް އެ ބޭބެ ބުންޏެވެ.
އެ ބޭބެވެސް ހީކުރީ ޔުމްނުއަށް އަދި އެކަމުން އެހާ ބޮޑުވަރު ނުވާކަމަށެވެ.
ނަމަވެސް އަސްލު ހަޤީގަތަކީ ޔުމްނުއަށް އެ އެއްޗެއް ކާންދީފައި ހުރިތާ މިހާރު 8 އަހަރަށްވުރެ ގިނަދުވަސް ވެފައިވާކަމެވެ.
*އަނެއް ޕާޓަށް އިންތިޒާރް ކޮއްލައްވާ!
3 Comments!
Comments are closed.

Varah reethi mi part ves…. waiting for the next part ?….
Curiously waiting for next part ????????❤❤❤❤❤❤❤????????????????
Reethi… Waiting for the nxt part dear